ދެކަފި - 57

(11 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން އެކޭ އެއްގޮތަށް ކަޝަފްވެސް ސަރުކާރުގެ ވަޒީފާއެއް އަދާކުރުމަށް ވިސްނުން އެއީ ބުއްދިވެރިކަމެއްކަމުގައި އުސާމާ ދެކެއެވެ. އުސާމާގެ ވާހަކަތައް ދިގުލައިގެންދާކަށް ކަޝަފް ނޭދެއެވެ. އޭނާއެއައީވެސް ވަރަށް އުނދަގުލުން ވަގުތުކޮޅެއް ހުސްކޮށްގެންނެވެ. އެހާ މުހިންމު ވާހަކައެއް ދައްކަން ބޭނުންވެފައި ނެތްނަމަ އުސާމާއާ ބައްދަލުކުރުމަށް އެ ފަހަރު އައުމަކީ ކަޝަފަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ، އުސާމާ ދައްކަން ބޭނުންވި މުހިންމު ވާހަކަޔަކީ ކޮބައިތޯ ކަޝަފް ސުއާލު ކުރިއެވެ.

ކަޝާފް އޭނާއާ ބައްދަލުކޮށްލަން އައީތީ އުސާމާ އޭނާއަށް ޝުކުރު އަދާކުރިއެވެ. އުސާމާ ދައްކަން އެއުޅޭ ވާހަކަ ކަޝަފަށް ކިޔައިދޭނެ ގޮތަކާމެދު އުސާމާ އިނީ ކަންބޮޑުވެފައެވެ. އަދި ކެއުން ނިންމައިލާފަ އެވާހަކަ ދައްކާނީއޭ ބުނެ ވަގުތު ހޯދަމުން ގެންދިޔައެވެ. އޯޑަރުކުރި ކާއެއްޗެތި ގެންނަންދެން ، ކްލާހުގައި ކިޔަވަން އުޅުނު ކުދިންގެ ވާހަކައިން ދެމީހުންގެ ވަގުތު ފުރައިލިއެވެ. މާރިއާ އުޅެނީ މީހަކާ އިންނަންވެގެންކަން ދެމީހުންނަށްވެސް އެނގެއެވެ. ނާދިއާ އަދިވެސް އުޅެނީ އެކަހަލަ ގޮތަކަށެވެ. ނާދިއާގެ ޚަބަރު ދަބަރު އެނގެނީ އުސާމާއަށެވެ. މާރިއާ އާ ފޯނުން ކޮންމެވެސް ވަރަކަށް ވާޙަކަ ދެކެވުނަސް ، ނާދިއާ އާ ކަޝަފާ ދެމީހުންގެ އެހައި ގާތްގުޅުމެއް ނޯވެއެވެ.

އުސާމާ ދައްކަން އެއުޅޭ ވާހަކަޔަކަށް ކަޝަފް ޖަވާބުދޭނީ ކޮންގޮތަކަށްކަމެއް އުސާމާއަކަށް ނޭނގެއެވެ. އޭނާ ކަންބޮޑުވަނީ ކަޝަފް އެކަމާ ހިތްހަމަ ނުޖެހިދާނެތީއެވެ. އުސާމާ ދައްކާ ވާހަކަޔަކުން ، ކަޝަފް ހިތްހަމަ ނުޖެހޭގޮތް ވިޔަސް ، ދެމީހުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމަށް އެއްވެސް މިންވަރެއްގެ ނޭދެވޭ އަސަރެއް ކުރާކަށް އުސާމާއެއް ނޭދެއެވެ. އެވާހަކަ ވަރަށް ސާފުކޮށް ކަޝަފަށް އަންގައި ދެއެވެ.

" އަހަރެން ކަޝަފާ ކައިވެނިކުރަން ބޭނުންވާނަމަ ހަދާނީ ކިހިނެއް ހެއްޔެވެ ؟ " އުސާމާ އަޅައަޅައިގެންފައި ބިރުން އިނދެ ކަޝަފާ ސުއާލު ކުރިއެވެ.

އުސާމާގެ އެ އުނދަގޫ ސުއާލާގުޅިގެން ކަޝަފްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރުޅިވެރިކަމަކުންނެއް ނޫނެވެ. ޙައިރާންކަމުންނެވެ. ކަޝަފަށްވުރެ ބޮޑަށް އުސާމައިނީ ލަދުގަނެފައެވެ. އަދި ގަތް ލަދަށްވުރެބޮޑަށް ކަންބޮޑު ވެފައެވެ. ކަޝާފްގާތު އެވާހަކަ ބުނަން އުސާމާ އުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެކަމުގެ ބޮޑުކަމުންނާއި ކަޝަފް ދޭނެ ޖަވާބެއް ނޭނގޭތީ ބިރުން އަހަން ނުކެރިފައި ހުރީއެވެ. އުސާމާއާ ބެހޭ ހުރިހާކަމެއް ކަޝަފަށް އެނގޭނެއެވެ. އަދި އިތުރަށް ސާފުކުރަން ބޭނުންނަމަ ސުއާލުވެސް ކުރެވޭނެއެވެ. ޒަރޫންއާ ޚިލާފަށް އުސާމާއަކީ ކަޝަފް ވާހަކަ ދައްކާ މީހެކެވެ. އުސާމާގެ މައިންބަފައިނާވެސް މިހާރު އޮތީ އެވާހަކަ ދައްކާފައެވެ. އެމީހުންގެ އެއްވެސް މައްސަލައެއް ނެތެވެ. އުސާމާ އެ މަޑުކުރަނީ ކަޝަފް ދޭނެ ޖަވާބަކަށެވެ. ކަޝަފް ދޭ ޖަވާބަކުން އުސާމާގެ މައިންބަފައިންނަށް ކަޝަފް ތަޢާރުފް ކޮށްދޭނެ އެވެ. އެހެންނަމަވެސް ކަޝަފް އިނީ އޭނާ ދޭން އޮތް ޖަވާބު ހިތުގައި އޮތްނަމަވެސް ދުލާ ހަމަޔަށް ތިރިކޮށް ބޭރުކޮށްލަން ނޭނގިފައެވެ. އެއީ އުސާމާ އޭނާއާ ކޮށްފާނެކަމަސް ޚިޔާލުވެސް ކޮށްލާފައި ނުވާ ސުއާލެކެވެ. ކަޝަފް ، އުސާމާއާ މެދު ދެކެނީ ގާތް އެކުވެރިޔެއްގެ ގޮތުގައެވެ. އޭނާއަކީ މާގިނަ ފިރިހެނުންނާ ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ. އުސާމާ ނޫނީ އޭނާ ކިރިޔާވެސް ވާހަކަ ދައްކައި އުޅޭ އެހެން ފިރިހެނަކު ނުހުންނާނެއެވެ. އުސާމާ އޭނާގެ ގާތްކަމާމެދު އެދުށީ އެންމެ ރަނގަޅަކަށް ނޫނެވެ. އުސާމާގެ ހިތް އެހާބޮޑަށް ތަޣައްޔަރުވެފައި އޮވެގެން ނުވާނެއެވެ. ކަޝަފްވެސް އުސާމާގެ ހިތް އެކަހަލަ މިޞްރާބަކަށް ގެންގޮއްސާނެ އެއްވެސް ވާހަކައެއް އެއްވެސް މިންވަރަކަށް ނުދައްކައެވެ. އުސާމާވެސް އެގާތްކަން އޮތީ ދަމަހައްޓާފައެވެ. ކުއްލިޔަކަށް އުސާމާއަށް އެވީ ކިހިނެއް ބާވައެވެ. ބައްދަލުވުން ނިންމައިލި އިރުވެސް ކަޝަފް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަޝަފް އޭނާއަށް އެބަ ލަސްވެއޭ ބުނެ ، އުސާމާގެ ސުއާލަށް ޖަވާބެއްނުދީ ތެދުވެގެން ނުކުންނަން ހިނގައިގަތެވެ.

------------------------

ސާރާ އޮތީ އެނދުމައްޗަށް ވެއްޓި ރޯށެވެ. ދޮރުގައި ޓަކި ޖަހައިލުމަށްފަހު ޣަޒާލާ ވަދެ ، ސާރާއާ ވާހަކަ ދައްކަން ފަށައެވެ. ސާރާއަށް ކުރިމަތިވެފައިވާ ޙާލަތަކީ ، އެކަން އެގޮތަށްވާން އޭނާވެސް ބޭނުންވާފަދަ ޙާލަތެއް ނޫނެވެ. ކައިވެނި ރޫޅޭކަށް އޭނާވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، އޭނާއަށް ކުޑައިރުއްސުރެ ލިބިފައިވާ ތަރުބިއްޔަތުގެ ދަށުން ބޭނުންކުރަމުންގެންދިޔަ މިނިވަންކަން ގެއްލޭގޮތަށް އޮންނަ ދިރިއުޅުމެއްގައި އުޅެން އޭނާގެ އަމިއްލަ ޟަމީރު ޤަބޫލެއް ނުކުރެއެވެ. އެކަމާގުޅިގެން ނަފްސާނީގޮތުންވެސް ސާރާގެ ހިތާއި ސިކުނޑިއަށް ވަނީ އަސަރު ފޯރާފައެވެ. މަންމަގެ ބާރުއެޅުމުގެ މަތިން ންފްސާނީ ޑޮކްޓަރަކަށްވެސް ސާރާ ގެންދަނީ ދައްކަމުންނެވެ. އެއީވެސް އޭނާ ކުރަން އެހައި ބޭނުންކަމެއް ނޫނެވެ.

އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވިގެން ސިކުނޑިޔަށް އަސަރުކުރާ ވަރަށްވުރެ ސާރާ ހަރުދަނާއެވެ. ކުރިމަތިވި ޙާލާތަށް ހޭނިލުމަށް އުނދަގުލީއެވެ. އެހެންމީހަކާ އިނދެގެން ފަރްޙާނަށް ކުއްޖަކު ލިބިފައި އެބަހުއްޓެވެ. ފަރްޙާން އެހައި ފަސޭހައިން އޭނާގެ ނަފްސު ކޮންޓްރޯލްކޮށް އެމައްސަލަ ނިންމިގޮތަކާމެދު ސާރާ ޙާއިރާން ވެއެވެ. އެކަމާ ސާރާ ކަންބޮޑު ވެއެވެ. ފަރްޙާންއަކީ ރަނގަޅު މީހެއް ނޫންކަމަށް ސާރާގާތު ، ޣަޒާލާ ގެންދަނީ ބުނަމުންނެވެ. އެހެންނަމަވެސް ސާރާގެ ނަޒަރުގައި ، ދެމީހުންކުރެ ރަނގަޅީ ކާކުކަން އޭނާއަކަށް ނުވިސްނެއެވެ. ފަހަރެއްގައި ސާރާ ގޯހީކަމަށް ވެދާނެކަމުގެ އިޙްސާސް އޭނާއަށް މިހާރު އެބަ ކުރެވެއެވެ. މަންމަގެ އެހީތެރިކަމެއް ، އެކަނި ދެމެހެއްޓުމުގައި ސާރާއަކަށް ނުލިބެއެވެ. ޣާޒާލާގެ ވިސްނުމުގައި އޭނާ އެއްވެސް ގޮތަކަށް ސާރާއަކަށް މަޖުބޫރެއް ނުކުރެއެވެ. އެވަރިޔަކީ ، ސާރާ އަމިއްލަޔަށް އެދިގެން ، ބޭނުންވެގެން ކުރެވުނު ވަރިޔެކެވެ.

" މަންމަ އަހަރެންނަށް މަޖުބޫރެއް ނުކުރެއެވެ. އެކަމަކު އަހަރެންނަށް މަގު ދައްކައިދީ އަހަރެންނަށް ވިސްނައެއް ނުދެއެވެ. އެއީ މަންމައެއްގެ ޙައިޞިއްޔަތުން މަންމަގެ މައްޗަށް އޮތް ވާޖިބެކެވެ. " ސާރާ ރޮމުން ރޮމުން ބުންޏެވެ.

ޣަޒާލާގެ ނަޒަރުގައި އޭނާ ސާރާއަށް ވިސްނައިދޭނެ ތަނެއް ނެތެވެ. ޒަރޫން ވެސް އެތައްވަރަކަށް ސާރާއަށް ވިސްނައި ދިނެވެ. ޖުނައިދުވެސް އެހާ ދެރަވެފައި ސާރާއާ އެވާހަކަ ދެއްކިއެވެ. އެކަމަކު ، ސާރާގެ ބޮލަށް ވަރިނޫން އެއްޗެއް ވަދެފައެއް ނެތެވެ. އައިސްހުރި ރުޅީގައި ވަރިވުން ނޫން އެހެން ޙައްލެއް ސާރާއަކަށް ނުހޯދުނެވެ. ފަރްޙާންގެ އާދޭސްތައްވެސް ބޮލާލައި ޖެހީއެވެ. އެވަރުގެ މީހަކަށް ދެވޭނީ ކޮން ނަޞޭޙަތެއް ހެއްޔެވެ. ޣަޒާލާ އެތާނގައި އިންނާކަށް ސާރާ ބޭނުމެއް ނުވިއެވެ. ސާރާ ބޭނުންވީ އޭނާ އެކަނި އޮވެލަން ވަގުތުކޮޅެއް ދީފައި ޣަޒާލާ އެތަނުން ދާށެވެ. މަންމަޔަކީ ސާރާއަށް އޮތް ޙައްލެއްކަމަކަށް އޭނާއަކަށް ނުފެނުނެވެ.

------------------------

ޝެހްނީލާގެ ކައިވެންޏަށްވެސް ކުއްޖަކު އެދިއްޖެ އެވެ. އެންމެ ފުރަތަމަވެސް ރާފިޢާ އެވާހަކަ ދެއްކީ ކަޝަފާ އެވެ. އެ ފިރިހެން ކުއްޖާ ދިރިއުޅެނީ ކަރާޗީގައެވެ. އިންޖިނިއަރެކެވެ. ޢާއިލާއަކީވެސް ވަރަށް ރަނގަޅު ޢާއިލާ އެކެވެ. އެ ހުށަހެޅުމަށް ރާފިޢާ ވަރަށް ހިތްހަމަ ޖެހެއެވެ. އެކަމަކު ، ރާފިޢާގެ މައްސަލައެއް އެބަ އޮތެވެ. ރާފިޢާ ބޭނުންވަނީ ، އޭގެ ކުރިން ކަޝަފްގެ ކައިވެނި ވުމަށެވެ. ޝެހްނީލާގެ ކައިވެނި ކުރާނީ އޭގެ ފަހުންނެވެ. ކަޝަފް އެންމެ ފުރަތަމަވެސް ބޭނުންވީ ، އެކަމުގައި ޝެހްނީލާގެ ބަހެއް ހޯދުމަށެވެ. ފިރިހެންކުއްޖާގެ އަންހެންކޮއްކޮއަކީ ، ޝެހްނީލާއާއެކީ ކިޔަވާ ކުއްޖެކެވެ. އެކުއްޖާވެސް ހަދަނީ އިންޖިނިއަރިންގ އެވެ. އެހެންވީމާ ، ޝެހްނީލާއަށް ހުންނާނީ އެ ފިރިހެން ކުއްޖާ ފެނިފައެވެ. ޝެހްނީލާގެ ވިސްނުމެއް އެކަމުގައި ނެތްނަމަ ، ކައިވެންޏަށް އެދޭކަށް އޭނާއަކަށް ނުކެރޭނެއެވެ. އެހެންކަމަށް ވަންޏާ ، ޝެހްނީލާގެ ކައިވެނީގެ ކަންތައް ކުރިޔަށް ގެންދަން ކަޝަފް އޭނާގެ މަންމަޔަށް ލަފާ ދިނެވެ. އަދި ކަޝަފްގެ ކައިވެންޏަށް އިންތިޒާރު ނުކުރުމަށްވެސް އޭނާ އެދެއެވެ.

ޝެހްނީލާގެ ކައިވެންޏަކީ އެހާ އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެމީހުން ދުވަސްކޮޅަކު މަޑުވެސް ކޮށްފާނެއެވެ. ރާފިޢާ ކަންބޮޑުވަނީ ކަޝަފާ ދޭތެރޭގައެވެ. ކައިވެންޏެއްގެ ކަންތަކުގައި ، ކަޝަފް ބޭނުންވަނީ ކޮންގޮތެއްކަން ޚުދު ކަޝަފަކަށްވެސް ނޭނގެއެވެ. އެކަމަކު ހަމަ ޔަޤީނުންވެސް ކަޝަފް ކައިވެންޏެއްކުރަން އަދި ބޭނުންނުވާކަން އޭނާއަށް އެނގެއެވެ. މަންމަ ދިރިއުޅުނުފަދަ ދިރިއުޅުމެއްގައި ތަކުލީފުތަކުގައި ކަޝަފްގެ ދުވަސް ދުއްވާލާކަށް އޭނާއެއް ނޭދެއެވެ. އެ ހުރިހާ މުޞީބާތަކާ ހާސްކަން އެއީ ކަޝަފަށް ތަޙައްމަލު ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެނާއަށް މިހާރު ދައްކާފައިވާ ދުނިޔޭގައި ކަޝަފް ދިރިއުޅެމުން ގެންދާނެއެވެ. އެވަރު އޭނާއަށް ފުދެއެވެ.

ރާފިޢާ ބޭނުންވަނީ އޭނާގެ ދަރިފުޅު ، ކަޝަފްގެ ގެ އާބާދުވެގެން ދާތަން އޭނާ ލޯމަރައިލަން ޖެހުމުގެ ކުރިން ދެކެލުމަށެވެ. އެއީ ދުނިޔެއިން ރާފިޢާ އެންމެ އެދޭނެ ކަންތަކެވެ. އެއީ ، ހިންމަވައިދެއްވައި ޙަޤީޤަތަކަށް ވުމަށް އެދި ތާއަބަދު ﷲ ގެ ޙަޟުރަތަށް ދުޢާކުރަމުން ގެންދާ ހުވަފެނެވެ. ގެ އާއި ގޭގެ އާބާދީގެ މާނަ ، މަންމަ ކުރާގޮތް ކަޝަފަކަށް ނުވިސްނެއެވެ. އޭނާގެ ވަޒީފާއެއް އެބަ އޮތެވެ. ގެޔެއް އެބަ ހުއްޓެވެ. ކާރެއް އެބަ އޮތެވެ. ނޯކަރުން އެބަ ތިއްބެވެ. ޢިއްޒަތާއި ޤަދަރު ލިބިގެން ވެއެވެ. ދެން ގެ އެއްގެ އާބާދީއަށް މަދުވަނީ ކޮން އެއްޗެއްކަމެއް ކަޝަފަކަށް ނުވިސްނެއެވެ. ދިރިއުޅުމެއްގެ އުފާ ފާގަތިކަމާއި ގެޔެއް އާބަދު ވުމަށް ބޭނުންވަނީ ކޮން އެއްޗެއްކަން ކަޝަފަށް ވިސްނައިދިނީ އޭނާގެ މަންމަ އެވެ. އެއީ ، ފިރިއަކާއި އުފާވެރި ދިރިއުޅުމަކާއި ދަރިންނެވެ. އެކަންކަން ކަޝަފްގެ ދިރިއުޅުމުގައި ހަމަގައިމުވެސް އަދި ނެތެވެ. އެހުރިހާ ކަމަކީ އަންހެނެއް ފުރިހަމަވުމުގައި ކޮންމެހެން ހުންނަންޖެހޭ ކަންކަމެވެ. އެކަންކަމާ ނުލައި އަންހެނަކު ފުރިހަމައެއް ނުވާނެއެވެ.

މަންމަގެ ވާހަކަތަކުން ކަޝަފްގެ ހާސްކަން ހައްތާ ދިޔައީ އިތުރު ވަމުންނެވެ. އޭނާގެ ގެޔެއް އެބަ ހުއްޓެވެ. ފިރިޔެއްގެ ފަރާތުން ލިބޭނެ ތަކުލީފް ތައް އޭނާއަކަށް ނުއުފުއްލޭނެއެވެ. ދަރިއެއްގެ ޒިންމާއާއި ވާޖިބަށް އޭނާ އަދި ތައްޔާރެއް ނޫނެވެ. މަސައްކަތުގެ މާޙައުލަށް އޭނާއަށް ނުކުމެވުނީ އަދި ކިރިޔާއެވެ. ކުރިޔަށް އަޅަންހުރި ފިޔަވަޅުތައް އަދި ވަރަށް ގިނައެވެ. ކަޝަފް ބޭނުންވަނީ އެކަންކަމާ ނުލައި އޭނާގެ ދިރިއުޅުން ކުރިޔަށް ގެންދިއުމަށެވެ. ރާފިޢާ ޤަބޫލުކުރާ ގޮތުގައި ކަޝަފަކީ ، ރަނގަޅު އަނތްބަކަށް ވާނެއެވެ. އަދި ހަރުދަނާ މަޔަކަށް ވާނެއެވެ. އެކަން ކަޝަފަށް ސާބިތު ކޮށްދެވޭނެއެވެ. އެލޯބި ލޯބި ގުޅުމާ އެކުގައި ނުވުމަށް ކަޝަފްގެ ހިތް ނޭދެނީ ކީއްވެބާވައެވެ. ކަޝަފަށް ޤަބޫލު ކުރެވޭ ގޮތުގައި އޭނާއަކަށް ރަނގަޅު އަނތްބަކަށް އަދި މަޔަކަށްވެސް ނުވެވޭނެއެވެ. އެކަމުގެ ޔަޤީންކަމެއް ކަޝަފްގެ އަމިއްލަ ނަފްސަކަށް ނެތެވެ. އޭނާ އެކަންކަމަށް ބިރުގަންނަ އެތައް މައްސަލަތަކެއް އެބަހުރިކަމަށް ކަޝަފް ދެކެއެވެ. އަދި އެ މައްސަލަތައް ޙައްލުކުރުމަކީ ކަޝަފަށް އުފުއްލޭ ވަރުގެ ބުރައެއް ނޫނެވެ.

------------------------

ފުންވިސްނުމެއްގައި ޣަޒާލާ ގެއްލިފައި އިންދާ ، ޖުނައިދު ކޮޓަރިތެރެޔަށް ވަދެގެން އައިސް ކީއްވެފައިތޯ ސުއާލު ކުރިއެވެ. ޣަޒާލާގެ ޖަވާބަކަށްވީ ، ޖުނައިދުގެ ކުދިން ޣަޒާލާގެ ކިޔަމަނުގެ ދަށުން ބޭރުވީ ކަމުގައެވެ. ޣަޒާލާމެން ސާރާއަށް ފޮރުވަން އުޅުނު ކަންތައްތަކެއް ފަޅާ އަރައިފިއެވެ. ފަރްޙާންގެ ކުއްޖަކު ހުންނަކަން ކޮންމެވެސް މީހަކު ސާރާގާތު ބުނެފިއެވެ. އެނދުމަތީ އޮވެގެން ސާރާ ރޯތާ އެތައް އިރެއް ވެއްޖެއެވެ. އެއްވެސް އެއްޗެއް ނުވެސް ކައެވެ. ދެން ކުރިމަތިވީ ޣަޒާލާގެ ޝަކުވާ ތަކެވެ. ސާރާ ޤަބޫލު ކުރާގޮތުގައި މަންމަ އޭނާއަކަށް މަގު ދައްކައެއް ނުދެއެވެ. ނަޞޭޙަތެއް ނުދެއެވެ. އެކަން ޖުނައިދަށް ޤަބޫލު ކުރެވޭތޯ ޣަޒާލާ ސުއާލު ކުރެއެވެ. ސާރާއަށް ތާއީދު ކޮށްގެން ޣަޒާލާ މިހާރު އެހުރީ ކުށްވެރި ވެފައެވެ. އަންހެނުން ތިންހަތަރު ކުދިން ވިހައިގެން ބަލައި އެ ބޮޑުކުރަނީ ކިހިނެއް ހެއްޔެވެ ؟ ޣަޒާލާ އެހުރީ ދެކުދިން ވިހައި އެކުދިންގެ ކިބައިން ސަލާމަތް ނުވެގެންގޮސް މޮޔަ ވެފައެވެ.

ވަރީގެ މައްސަލައިގާ އެހާ އަވަސް އަރުވާލާފައި އުޅެން ނުވަނީ އެހެން ވެގެންކަމުގައި ޖުނައިދު ބުނެއެވެ. ކުޑަ ވަގުތުކޮޅެއް ދިންނަމަ ، އެމީހުންނަށް އެމީހުންގެ ކުށް ޤަބޫލު ކުރެވި ރަނގަޅުގޮތް ވިސްނޭނެ އެވެ. އަދި ވަރިނުކޮށް އެ ކައިވެނި ދެމެހެއްޓުމަށް ފުރުޞަތު ލިބިގެން ދިޔައީހެވެ. އެކަމަކު ، ޖުނައިދު ދެއްކި އެއްވެސް ވާހަކައެއް ޣަޒާލާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހިސާބުން ޣަޒާލާގެ ވާހަކަ ފެށިއެވެ. ސާރާއަށް ތާއީދުކޮށްގެން ޖުނައިދުވެސް އޭނާ ކުށްވެރިކުރަނީކަމަށް ބުނަމުންނެވެ. ދަރިފުޅަށް ދިމާވި އެ މުޞީބާތުގައި ދަރިފުޅަށް އެހީތެރިވެދީގެން ޖުނައިދަށްވެސް ގޯސްވީ ޣާޒާލާ އެވެ. އަންހެން ދަރިފުޅަށް ކުރިމަތިވި އެފަދަކަމެއްގައި އެދަރިފުޅަށް އެހީތެރި ނުވާނީ ކޮން މަންމައެއް ހެއްޔެވެ ؟

ޖުނައިދު އެބުނީ ދަރިފުޅަށް އެހީނުވާންވީ ވާހަކައެއް ނޫނެވެ. އެހީވެ ތާއީދު ކުރާއިރު ، ޙާލާތު ރަނގަޅަށް ދެނެގަނެ ، މަސްލަޙަތު އިސްކުރުމަށް ވިސްނުމަކީ މައިންބަފައިންގެ ވާޖިބެކެވެ. ދަރިން ބޭނުންވާ ގޮތް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ބަލައިގެން އެކުދިން ބޭނުންވާހާ ގޮތަކަށް ކަންކަން ކޮށްދިނުމަކީ އެކުދިންނަށް އެހީވުމެއް ނޫނެވެ. އެއީ އެކުދިން ހަލާކު ކުރުމެވެ. އެކަމާ މިހާރު ވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނެތެވެ. ވާނެ އެއްޗެއް އެއޮތީ ވެނިމިފައެވެ. ޖުނައިދު މިހާރު ވިސްނަމުން އެގެންދަނީ ، ސާރާއަށް ހަމަޖެހިލަން ވަގުރުކޮޅެއް ދިނުމަށްފަހު ، ސާރާ އަލުން މީހަކާ ދެވުމަށެވެ. މިހާރުވެސް ޖުނައިދު ވަނީ ބައެއް މީހުންނާ އެވާހަކަ ދައްކާފައެވެ. އެއް ޢާއިލާއަކުން އެކަމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައި އެބަ އޮތެވެ. ޣަޒާލާ އަށް ފެނުނު ގޮތުގައި އިތުރު ކައިވެންޏަކަށް ސާރާ ޤަބޫލެއް ނުވާނެއެވެ. އަދި ޣަޒާލާގެ ވާހަކައެއް ސާރާވެސް އަދި ޒަރޫންވެސް ޤަބޫލެއް ނުކުރާނެއެވެ. ސާރާއާއި ޒަރޫންގެ ކައިވެންޏާ ބެހޭގޮތުން ، ޣަޒާލާ އެއްވެސް ވާހަކައެއް އެއިން މީހަކާ ނުދައްކާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.