ދެކަފި - 79

(2 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެހިސާބުން ، ޒަރޫން އަށް އޭނާގެ ޚިޔާލުތަކުން ނުކުމެވުނެވެ. ކާރު ދުއްވަމުން އެހިސާބަށް ދިޔައިރުވެސް ޒަރޫން އަށް އިނދެވުނީ އެޚިޔާލުތަކުން ނުނުކެމިވަފައެވެ. ހިތުގައިވަނީ ހާސްކަމާއި ކަންބޮޑު ވުމެވެ. ފޯނެއް އައިމަވެސް ނަގާކަށް ނޫޅެވުނެވެ. އެންމެފަހުން ، ފޯނު ނުނަގައެއް ނުއިނދެވުނެވެ. އެއީ ކަޝަފްގެ ފޯނެކެވެ. ފޯނު ނެގުމުން ޒަރޫން ، ކޮންތާކުތޯ ކަޝަފް ސުއާލު ކުރިއެވެ. ގެޔަށްދާ މަގުމަތީގައިކަމަށް ޒަރޫން ބުންޏެވެ.

ޒަރޫންގެ އަޑުގައި އާދަޔާ ޚިލާފުކަމެއް ހުރިކަން ކަޝަފް ފާހަގަ ކުރިއެވެ. އެއީ މަސައްކަތުގައި ތަންކޮޅެއް އަވަދިނެތި އުޅެވުނީމަ ވަރުބަލިވީކަމަށްވެދާނެކަމަށް ކަޝަފް ހީކުރިއެވެ. އަދި ގެޔަށް ދެވުނީމަ އޭނާއަށް ފޯނުކޮށްލަދިނުމަށް ކަޝަފް އެދުނެވެ.

ޒަރޫން ކާރުދުއްވަމުން ދިޔައިރުވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އަސްމަރާގެ ވާހަކަތަކުން ކުރި އަސަރުތައް ހިތުން ނުއޮބި އޮއްވާ ދެން ކުރިމަތިއެވީ ކަޝަފެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. ޒަރޫންގެ އަޑު ދިރާސާކޮށް ކަންކަން ފާހަގަކުރަންވެސް ކަޝަފް ފެށީއެވެ. އެއީވެސް ޒަރޫންއަށް މައްސަލަޔަކަށް ވެއްޖެއެވެ. އަނބިންނަކީވެސް ހާދަ ވައްތަރެއްގެ ބަޔެކެވެ.

------------------------

މިއަދަކީ ޢަޖައިބެއްކަހަލަ ދުވަހެކެވެ. ހުޅަނގުކޮޅުން އިރުއެރީ ކަހަލައެވެ. ދުވަހަކުވެސް ނުވާކަހަލަ ކަންކަން މިއަދު ވަމުން އެބަ ދެއެވެ. ހިތްނުބައި މީސްމީހުން ، ޙީލަތްތެރި ރޭވުން ރާވައި ،  ބުއްދީގެ ބޭނުންކޮށްގެން އެހެން މީހުންގެ ބޯކައިލާނެ ދުވަހަކަށްވެސް އިރުއަރަން ވާނެތާއެވެ. ޙައްމާދާއި ނިޤާރު އާ ދެމައިން އައިސްތިބީ ރާފިޢާގެ ގޭގައެވެ. ގޭގެ ބޭރުގައި ގޯތިތެރޭގައި ތިބެގެން ވާހަކަ ދައްކަމުން ގެންދިޔައެވެ.

" މިގެޔަށް އަންނަން މަސައްކަތްކުރާތާ ލައްކަދުވަސް ވެއްޖެއެވެ. " ފަތަރާސީ ގޮތްގަނޑުގައި ވައްތަރު ޖައްސަމުން ނިޤާރު ބުންޏެވެ.

" އަންނަހިތްވީމަ ހަމަ އަންނަން ވީއެވެ. މިއީ ހަމަ ކަލޭމެންގެވެސް ގެޔެއްކަމަށް ބަލާށެވެ ! " ރާފިޢާ ބުންޏެވެ.

" އަހަރެންވެސް މަންމަގާތު މިބުނަނީ އެހެންނެވެ. މިއީވެސް ހަމަ އަހަރެމެންގެ ގެޔެކެވެ. " ސައިބޯން ގެނެސްހުރި ހެދިކާ ތަށިން ކަވާބެއް ނަގަމުން ޙައްމާދު ބުންޏެވެ.

" މަންމާއެވެ ! މިއިން ކަވާބެއް ނުކައި ގޮސްގެން ނުވާނެއެވެ. ވަރަށް މީރުކޮށް ދައްތަ ، ކަވާބު ހަދާނެއެވެ. " ނިޤާރު އިތުރަށް ބުންޏެވެ.

ނިޤާރު އެއައީ ކޮންމެވެސް ބޮޑު ކަމަކައިގެންނެވެ. މުރުތަޟާއާ އިންފަހުން ، ދުވަހަކުވެސް އެގޮތަށް ރާފިޢާގެ ގެޔަށް އައިސް އެގޭގެ މީހުންނާ ނިޤާރު ބައްދަލުކޮށްފައެއް ނުވެއެވެ. ނިޤާރު އިނީ ކޮޅުނެތްކޮޅަށް ނަލަ ހެދިލައިގެންނެވެ. ތުންފަތުގައި ޖައްސާފައިހުރި ރަތްކުލަ ހެޔޮވަރު ވަރަށްވުރެ ގަދަކަމެއް އޭނާއަކަށް ނޭނގެއެވެ. ލޮލުގައި ޖައްސާފައިހުރި ނޫކުލަ ދެލޯމަރައިލެވޭއިރު ، ގުރައެއް ފެންނަހެން ކުލަކުލައިން ދިހުން އަރާކަމެއްވެސް ނޭނގޭނެއެވެ. ނުރަތައް ފޮރުވަން ބޮލުގައި ޖައްސާފައިހުރި ކަޅުކުލަ ބޯނިވައިކޮށްގެން އިން ދޮޕައްޓާގެ ތެރެއިންވެސް ފާހަގަ ކުރެވެއެވެ. ކަރާއި އަތުގައި އަޅާފައި އެހުރި ގަހަނާގެ ތަރުތީބު އޮތީ ގެއްލިފައެވެ. އެ ގަހަނާތަކަކީ ، ކައިވެންޏަށް މުރުތަޟާ ދިން ގަހަނާއެވެ. އެއީ ރާފިޢާގެ ތަކެއްޗެވެ. އެތަކެއްޗަކީ ރާފިޢާ އަތުން އަތުލައިގެން މުރުތަޟާ ގެންދިޔަ ގަހަނާތަކެއްކަންވެސް ނިޤާރަކަށް ނޭނގޭނެއެވެ. އެހެންނމަވެސް އެގަހަނާތައް ފެނުމުން ، އެއީ އޭނާއަތުން އަތުލައިގެން ނިޤާރަށް ދޭން މުރުތަޟާ ގެންދިޔަ ގަހަނާތައްކަން ރާފިޢާ ދެނެގަތެވެ.

ނިޤާރާއި މުރުތަޟާގެ ދެއަންހެންދަރިން ، ޠޫބާއާއި ތަންޒީލާގެ ޙާލު ކިހިނެއްތޯ ރާފިޢާ ސުއާލު ކުރިއެވެ. އެމީހުން ގަދަވެ ހެޔޮ ޙާލުގައި ތިބިކަމަށް ނިޤާރު ބުންޏެވެ. ނިޤާރަށް އެއިނީ އޭނާ އެގެޔަށް އައި މަޤްޞަދު ޙާޞިލްކުރުމަށް ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ.

ޠޫބާ މިހާރު ހުރީ ފުރަތަމަ ޑިޤްރީ ނިންމާފައެވެ. އުޅެނީވެސް ކުޑަކޮށް ބަލިވެއެވެ. ކިޔެވުމަށްވެސް އެހާ ރަނގަޅެއް ނޫނެވެ. ޠޫބާގެ ކިޔެވުން އިތުރަށް ގެންދަން ނިޤާރު ބޭނުމެވެ. އެހެންނަމަވެސް ޠޫބާ އެކަން ބޭނުމެއް ނޫނެވެ. ޞިދްރާ އާއި ކަޝަފެކޭ އެއްގޮތަށް ޠޫބާވެސް ބޭނުންވަނީ އަވަހަށް މީހަކާ އިންނާށެވެ. ނިޤާރުގެ ވާހަކަތަކަށް ރާފިޢާވެސް ޖަވާބު ދިނެވެ. ﷲ އިރާދަކުރެއްވިއްޔާ ނިޤާރުގެ ކުދިންގެ ގެވެސް އާބާދު ވާނެއެވެ.

" އެއީ އަހަރެންގެ ކުދިންނޭ ތިބުނީ ކީއްވެ ހެއްޔެވެ ؟ އެއީ ހަމަ ރާފިޢާގެވެސް ކުދިންނެވެ. އަހަރެންނަށް ކަޝަފާއި ޞިދްރާއަކީ ހަމަ އަހަރެންގެ ކުދިންކަމަށް ޤަބޫލުކުރާ ފަދައިންނެވެ. " ރާފިޢާ އަލައަޅައިގަންނަމުން ބުނެލިއެވެ.

" އަހަރެން ޙައްމާދު ގާތުގައިވެސް މިބުނަނީ ، ގޭގެ ބޮޑުމީހަކީ ރާފިޢާ ކަމުގައެވެ. އަދި ކުދިންގެ ހުރިހާކަމެއް ، ކައިވެނިވެސް ކުރެވެންވާނީ ރާފިޢާގެ ހުއްދައިގެ ދަށުންނެވެ. އިންނާނެ ރަނގަޅު ކުދިންވެސް ނިންމާނީ ރާފިޢާއެވެ. " ނިޤާރުގެ ވާހަކަތަކުން ރާފިޢާ އަށް ޙައިރާންކަން ލިބިފައި އިނެވެ.

އެކުދިންނަކީ ނިޤާރުގެ ކުދިންކަމަށް ރާފިޢާ ބުންޏެވެ. އަދި އެކުދިންގެ ދިރިއުޅުމާ ގުޅިފައި ހުންނަ އެކަހަލަ ކަންކަމުގެ ނިންމުންތައް ރަނގަޅުވާނީ ނިޤާރާއި މުރުތަޟާ ނިންމިއްޔާކަމުގައިވެސް ރާފިޢާ ބުންޏެވެ.

" ރާފިޢާއަކީ ކިޔަވައިގެން ހުރި ދުރުވިސްނޭ މީހެކެވެ. އެކަހަލަ ކަންކަމުގައިވެސް ރަނގަޅުގޮތާއި ގޯސްގޮތްގޮތް ދެނެގަންނަން ރާފިޢާ އަށް ފަސޭހަ ވާނެއެވެ.އަހަރެމެން އަބަދުވެސް ، ރާފިޢާގެ ނިންމުންތައް ލޯމަރައިފާ ތިބެގެން ޤަބޫކު ކުރަމެވެ. " ނިޤާރު ބުންޏެވެ.

އެހުރިހާ ވާހަކައެއް ދެކެވުނު އިރުވެސް ، ނިޤާރުގެ މަޤްޞަދަކީ ކޮބައިކަމެއް ރާފިޢާއަކަށް ނޭނގުނެވެ. ނިޤާރު އެގެޔަށް އެއައީ ކީއްކުރަން ކަމެއްވެސް ދޭހައެއް ނުވިއެވެ. ބޭނުންވާ ކަމެއް ސީދާ ބުނާކަށް ނިޤާރަކަށް ނޭނގުނެވެ. މަކަރާއި ޙީލަތުން ދައްކާ ވާހަކައެއްގައި ސީދާ އެވާހަކައެއް ބުނުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. ނިޤާރު އެބުނި އެއްޗެއް ބުނީ ނުސީދާ ކޮށެވެ. އެހެންނަމަވެސް ނިޤާރުގެ ވާހަކައިން އެއްވެސް އެއްޗެއް ސާފެއް ނުވިއެވެ. ފަހަރެއްގައި އެއްބައްދަލުވުމުން ނިޤާރަށް އެކަން ނުކުރެވުނީ ކަމަށް ވެދާނެއެވެ. މުރުތަޟާއަށް ސިއްރުން ޙައްމާދު ގޮވައިގެން އެގެޔަށް އައުމުގައި ފޮރުވިފައިވާ ސިއްރުތަކެއް ނެތިއެއް ނުދާނެއެވެ.

------------------------

ޣާޒާލާ ކޮފީތަށްޓެއް ހިފައިގެން އައިސް ، ޖުނައިދު މަސައްކަތެއްގައި ކޮމްޕިއުޓަރު ކައިރީ އިންދާ ޖައްސައިލައެވެ. އަދި ކަޝަފްގެ ފޯނެއް އައިވާހަކަ ބުންޏެވެ.

ކަޝަފްވަނީ ، އޭނާގެ ވަޒީފާ އިސްލާމްއާބާދަށް ބަދަލުކުރެވުނު ވާހަކަ ޣަޒާލާގާތު ބުނެފައެވެ. ޒަރޫންވެސް ވަނީ ޖުނައިދުގާޓު އެވާހަކަ ބުނެފައެވެ. އެއީ ރަނގަޅު ކަމެކެވެ. ދެމަފިރިން ދެތަނެއްގައި ތިބުމަކީ ، މައްސަލަ އުފެދެން ދިމާވެދާނެ ކަމެކެވެ. ޖުނައިދުގެ ޚިޔާލާ ޣަޒާލާގެ ޚިޔާލު ތަފާތެވެ. ވަޒީފފާއެއްގައި ސާބިތުވެހުރެ ކުރިޔަށް ދިއުމަށްޓަކައި ވާންޖެހޭ ޤުރުބާނީތަކެއް ހުންނާނެއެވެ.

ޖުނައިދުގެ ޚިޔާލުގައި ކަޝަފަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. ޒަރޫންއަށް ވަރަށް އަޅައިލައެވެ. ހިތާ ދެކޮޅަށް ނަމަވެސް ޣަޒާލާވެސް އެކަމަށް އެއްބަސްވިއެވެ. އުޅުންހުރި ރަނގަޅު މިޒާޖެއްގެ ކުއްޖެކެވެ. އަދި ފޯނުކޮށްލައި ޣަޒާލާގެވެސް ޚަބަރު ބަލައިލާ ހަދައެވެ. ރަނގަޅު ކުއްޖެކެވެ. ޒަރޫންގެ ހޮވުމަށް އެދެމަފިރިންނަށްވެސް ތާއީދު ކުރަން މަޖުބޫރުވާފަދަ ރަނގަޅު ކުއްޖެކެވެ.

ޒަރޫންއާއި އުސާމާ ކޮފީއަކުން ބައްދަލު ވެއެވެ. ކައިވެނީގެ ފަހުން އުސާމާ ޒަރޫންއަށް ގުޅާނުލާތީ ޒަރޫން އިނީ ހިތްހަމަ ނުޖެހިފައެވެ. ފޯނެއް ނުނަގައެވެ. މެސެޖަކަށް ޖަވާބެއް ނުދެއެވެ. އެއަށް ޒަރޫން ކިޔަން ބޭނުންވަނީ އަނބިދަށު ވުމޭ ބުނެ އުސާމާއާ ސަމާސާ ކޮށްލައެވެ. އުސާމާ ބުނިގޮތުގައި އެއީ މިހާރު ޒަރޫން އެޅުންޖެހޭނެ ގޮތެކެވެ. އެހެންނަމަވެސް މިއީ ފިރިހެނުންގެ ދުނިޔެއޭ ތިމަންނަ އެއިން މީހެއްގެ އަތްދަށަކު ނުވާނަމޭ ބުނެ ، އުސާމާގެ އަންހެނުންނާ ބެހޭގޮތުން ސުއާލު ކުރިއެވެ. އުސާމާގެ އަންހެނުންވީ މައިންބަފައިން ދެކެލުމަށްޓަކައި އިނގިރޭސި ވިލާތަށް ގޮހެވެ. ވަރަށް އަވަހަށް އަންނާނެއެވެ.

އުސާމާވެސް ކަޝަފާ ބެހޭގޮތުން ޒަރޫންއާ ސުއާލު ކުރިއެވެ. ކަޝަފްގެ ވަޒީފާ އިސްލާމްއާބާދަށް ބަދަލުކުރި ވާހަކަ ، ޒަރޫން ބުންޏެވެ. އަދި ކަޝަފް ރަނގަޅަށް އެބަ އުޅެޔޭ ބުނުމަށްފަހު ، ވަރަށް ރަނގަޅަށް އެބަ އުޅެޔޭ ބުންޏެވެ. ކަޝަފަކީ ފިރިއެއްގެ ދަށުވާނެ މީހެއްނޫނެވެ. އެކަން އުސާމާއަށްވެސް އަދި ޒަރޫންއަށްވެސް އެނގެއެވެ. ޔުނިވަރސިޓީގެ ދުވަސްވަރު ، އުސާމާ ، ކަޝަފަށް ތާއީދު ކުރުމުން އެކަން އުސާމާއަށް އެކަން އެންމެ ރަނގަޅަށް އެނގޭނެކަމަށް ޒަރޫން ބުންޏެވެ. ޔުނިވަރސިޓީގެ ދުވަސްވަރު އެކަންޏެއް ނޫނެވެ. މިހާރުވެސް އުސާމާ ، ކަޝަފަށް އިޙްތިރާމް ކޮށް ތަޢުރީފް ކުރެއެވެ. އެކަމަކު މިހާރަކު އޭނާއަކާ ކަޝަފް ވާހަކައެއް ނުދައްކައެވެ. އުސާމާއަށް ހީވާގޮތުގައި ޒަރޫން މާބޮޑަށް މައްސަލަ ޖައްސައި އުސާމާއާ ވާހަކަ ދެއްކުން މަނާކުރީއެވެ. ކަޝަފާއި އުސާމާ ވާހަކަ ނުދައްކަން ޖެހޭވަރުގެ އެއްވެސް ކަމެއް ޒަރޫންއެއް ނުކުރެއެވެ. އެވާހަކައާ ގުޅިގެން ޒަރޫންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އުސާމާއަށް ހީވާގޮތުގައި އެކަން މައްސަލަޔަކަށް ވާނެއެވެ. އަދި ކަންހިނގައިދިޔަގޮތް ، ކަޝަފް ، ޒަރޫންއަށް ކިޔައދިފާ އޮންނާނެކަމަށް އުސާމާ ޤަބޫލު ކުރިއެވެ.

އުސާމާ އެދައްކަނީ ކޮން ވާހަކައެއްކަމެއް ނޭނގި އިނދެ ، ހުރިހާ ވާހަކައެއް ކަޝަފް ކިޔައިދިންކަމަށް ޒަރޫން ބުނެއެވެ. އަދި އެއީ އޭނާއަށް މައްސަލައެއް ނޫންކަމަށްވެސް ޒަރޫން ބުންޏެވެ. އެކަމާ އުސާމާ ވަރަށް އުފާކުރިއެވެ. ޒަރޫންއަކީ ކާކުކަމާއި އެކަހަލަ ކަމެއްގައި ޒަރޫން ޢަމަލުކުރާނެގޮތް އެނގޭތީ ، އެއީ ކަމަކަށް ނުހަދައި ދޫކޮށްލީމައެވެ. އެކަން ޒަރޫންގެ ހިތުގައި ނުބޭއްވީމައެވެ. ޢާންމުކޮށް ޒަރޫންގެ ވިސްނުން ހުންނަގޮތަށް ބަލާއިރު ، ކަޝަފްގެ ކައިވެންޏަށް އުސާމާ އެދުނުކަން އެނގިއްޖެނަމަ ، ގައިމުވެސް ޒަރޫންގާތަށް ރުޅިނައިހެއް ނުހުންނާނެއެވެ. އުސާމާ ، ކަޝަފްގެ ކައިވެންޏަށް އެދުނު ވާހަކަ ، އުސާމާގެ އަނގައިން ބުނުމުން ، ޒަރޫންއަށް ލިބިގެން ދިޔަ ޝޮކް ފޮރުވުމަށް މަސައްކަތް ކުރިއެވެ. އެހެނަސް ، މޫނުމައްޗަށް ވެގެންދިޔަގޮތް އޭނާއަކަށް ނުފޮރުވުނެވެ. ޕެތްރޯލް އަޅާފައިހުރި އެއްޗެއްގައި ހުޅުކޮޅެއް ޖެހުމުން ރޯވާ ގޮތަށް ، ހިތުތެރޭގައި އުފެދިގެންދިޔަ ރުޅިވެރިކަން ، ޒަރޫން މައިތިރި ކުރިއެވެ. އުސާމާ ، ޒަރޫންއަށް ފޯނުކޮށް ވާހަކަ ނުދެއްކީ ، އަދި މެސެޖަށް ޖަވާބު ނުދިނީ އެހެންވެގެންނެވެ. އެކަމާ ޒަރޫން ރުޅިއައިސްފައި ހުރެދާނެތީއެވެ.

ކަޝަފްގެ ކައިވެންޏަށް އުސާމާ އެދުނު ވާހަކަ އަޑުއިވުނު ހިސާބުން ޒަރޫންގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވަމުންގޮސް އެންމެފަހުން ، އެވާހަކަ ދައްކަން ބޭނުން ނުވާތީ ޒަރޫން އެހެންދިމާއަކަށް އެމީހުންގެ ވާހަކައިގެ މަވްޟޫޢު ބަދަލުކޮށްލިއެވެ. ބައްދަލުވުން ނިމިގެންދިޔައިރު ، ޒަރޫންގެ ދެލޯހުރީ ރަތްވެފައެވެ. ދަތްކުނޑި ވިކިފައެވެ. ކަޝަފާމެދު އޭނާގެ ހިތުގައި ނަފްރަތުގެ ރާޅުބާންޏެއް އުފެދި ފައްކާވަމުން ދިޔައެވެ. އެރާޅު ބިންދާލާނީ ކޮން އިރަކުންކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް ، އެރާޅު ބިންދާލާނީ ކަޝަފްގެ ނަފްސަށްކަން އެނގެއެވެ.

------------------------

" ޣުފްރާންގެ ވަރިޔަށް މިހާރު އަހަރެއްވަރު ވެއްޖެއެވެ. އޭނާގެ ދަރިއެއް ނެތެވެ.      " ސާރާ އެހެން ކައިވެންޏަކަށް އޭނާގެ ހިތުގައި އޮތް ޝަޢުގުވެރިކަން ، މަންމަ ، ޣަޒާލާއަށް ކިޔައިދެމުން ގެންދިޔައެވެ.

ސާރާ އެދައްކާ ވާހަކަތަކުން ، ޣަޒާލާ ކަންބޮޑުވިއެވެ. ސާރާގެ ވިސްނުމުގައި އެއީ ޙައިރާންވެ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ޣަޒާލާގެ މައްސަލަޔަކީ ، ޣުފްރާންގެ މައިންބަފައިން އެމެރިކާގައި ދިރިއުޅުނު ނަމަވެސް އެއީ ،  ޙައްދު ފަހަނަޅާފައިވާ ބަޔަކަށް ވުމެވެ. މިނިވަންކަމުގެ ޒައްރެއްގެ މިންވަރުވެސް ސާރާއަކަށް އެމީހުންގެ ފަރާތުން ނުލިބޭނެ ކަމެވެ. އެއީ ސާރާއަށް ތަކުލީފަކަށްވާނެ ކަމެވެ. ޒަރާއަށް ފެންނަ ގޮތުގައި ޣުފްރާންގެ މައިންބަފައިންނަކީ އެކަހަލަ ބަޔަކަށް ވެދާނެއެވެ. އެމީހުންގެ ގޮތުގައި އެމީހުން އުޅޭނެއެވެ. އެހެންނަމަވެސް އެއީ ޣުފްރާނާއި ސާރާއާ ދެމެދަށް ވަންނާނެ މައްސަލައެއް ނޫނެވެ. ޣުފްރާނަކީ ، ސާރާ ރަނގަޅަށް ދަންނަ މީހެކެވެ. 15 ވަރަކަށް އަހަރުއްސުރެ ، ޣުފްރާންގެ ކަންތައްތައް ސާރާއަށް ފެނި ، އެނގިފައި ވެއެވެ. ސްކޫލް ނިމި ކޮލެޖްގެ ޙަޔާތުގައިވެސް އުޅެވިފައިވަނީ އެކުގައެވެ. އެއީ ރަނގަޅު މީހެކެވެ. ޣަޒާލާވެސް ޣުފްރާން އެއީ ގޯސް މީހެއްކަމަކަށް ނުބުނެއެވެ. އެކަމަކު އެއީ ، ސާރާއާ އެކަށީގެންވާ މީހެއްނޫންކަމަށް މަންމައަށް ފެންނަކަމުގައި ސާރާ ދެކެއެވެ.

ސާރާއަށް އެހީވީ ރަނގަޅަށެވެ. ޣުފްރާން އެއީ ސާރާއަށް އެކުގައި އުޅެވިދާނެ މީހެއްކަމަކަށް ޣަޒާލާއަކަށް ނުފެނެއެވެ. އެއީ ، ސާރާގެ އުޅުމާއި މިޒާޖް އެންމެ ރަނގަޅަށް އެނގޭނީ ޣަޒާލާއަށް ކަމަށްވާތީއެވެ. ޣުފްރާނާއި ސާރާގެ މިޒާޖުގައި އުޑާބިމާހާ ތަފާތު އެބަހުއްޓެވެ. އެކަން ސާރާވެސް ޤަބޫލު ކުރެއެވެ. އެހެންނަމަވެސް ، ސާރާ މިހާރު އެހުރީ ޣުފްރާން ބޭނުންވާގޮތަށް އޭނާގެ މިޒާޖު ބަދަލުކުރުމަށް ތައްޔާރު ވެގެންނެވެ. އެއީ އުނދަގޫ ކަމެކެވެ. ނުވާނެ ކަމެއް ނޫނެވެ. ކައިވެންޏަކީ ގޮތްދޫކޮށް އެކަކު އަނެކެއްގެ ބޭނުމަށް ވިސްނައިގެން އުޅެންޖެހޭ ގުޅުމެއްކަން ސާރާއަށް ، އޭނާގެ ތަޖުރިބާއިން މިހާރު ވަނީ ޤަބޫލު ކުރެވިފައެވެ.

(ނުނިނޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.