ދެކަފި - 74

(28 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާފިޢާ ކުދިންނަށް ޓިއުޝަން ދޭން އިންދާ ބޭރުދޮރުގައި ތެޅިއަޑު އިވުނެވެ. އެތަނުން ކުއްޖަކަށް ގޮވާލައިފާ ދޮރުހުޅުވާލަދޭން އެދުނެވެ. ގެޔަށް އައީ ކަޝަފާއި ޒަރޫންއެވެ. އެމީހުން ބުރެއްޖަހައިލާން ގޮސް އުޅެފައި ތަންކޮޅެއް އަވަހަށް ގެޔަށް އައީއެވެ.

ކަޝަފާއި ޒަރޫން މަންމައާ ސަލާމް ކޮށްލުމަށްފަހު ގޭތެރެޔަށް ވަނެވެ. އަދި ރާފިޢާވެސް ކުދިންގާތު ކިޔަވަން މަޑުން ތިބޭށޭ ބުނެގޭތެރެޔަށް ވަދެގެން ދިޔައެވެ.

ކަޝަފަށް ސައިހަދައިދޭންދާން ރާފިޢާ ތެދުވުމުން ކަޝަފް އެކަން މަނާކުރިއެވެ. އަދި ޒަރޫންގާތު މަންމަ މަޑުކުރާށޭ ތިމަންނަ ސައިހަދާނަމޭ ބުނެއެވެ. އެހެންނަމަވެސް ރާފިޢާ ކަޝަފް ސައިހަދަން ފޮނުވާކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން އެދެމައިގެ ދެމެދަށް ޒަރޫން ވަދެ ، ކަޝަފް ސައިހަދަން ފޮނުވާށޭ ބުނުމުން ރާފިޢާ ގޮތްދޫކޮށް ކަޝަފް ބަދިގެޔަށް ދިޔަ ދެއެވެ. އަދި ހޫނު ހެދިކާ ހަދާފައި ހުންނާނެވާހަކަވެސް ބުންޏެވެ.

ޒަރޫންގެ ވަޒީފާގެ ކަންތައްތަކާމެދު ރާފިޢާ ސުއާލުކުރިއެވެ. ޒަރޫން ހުންނަނީ ކަޝަފް ބަހައްޓާފައި އިސްލާމްއާބާދަށް ދާންޖެހޭތީ ކަންބޮޑުވެފައެވެ. ޒަރޫން ބޭނުންވަނީ ، ކަޝަފްގެ ވަޒީފާވެސް އިސްލާމްއާބާދަށް ބަދަލުކުރެވޭނެގޮތެއް ވުމެވެ. އޭރަށް ދެމީހުންނަށް އެކުގައި ވަގުތު ހޭދަކުރެވޭނެއެވެ. ކައިވެނީގެ ކުރީކޮޅު ދެމީހުން ވަކިން އުޅެން ޖެހުމުން ، މައްސަލަތައް އުފެދުން އަވަސްވާނެއެވެ. އެކަން އެހެންވުމަކީ ރާފިޢާވެސް ވަރަށް ހިތްހަމަޖެހޭނެ ކަމެކެވެ.

ކަޝަފް އިސްލާމްއާބާދަށް ދިޔައިމަ ޒަރޫން ކަންބޮޑުވާ އޮތީ އެންމެ ކަމެކެވެ. ރާފިޢާ އެކަނިވެ ފޫހިވާނެކަމެވެ. އެހެންނަމަވެސް ރާފިޢާއަށް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ހެނދުނު ސްކޫލަށްގޮސް ހަވީރު ގެޔަށް އައިސް ކުދިންނަށް ޓިއުޝަން ދީ ނިމޭއިރު ، ރާފިޢާ ހުންނަނީ ދެވަރުން އެއްވަރުވެފައެވެ. ގިނަ ރޭރެޔަށް ޢިޝާނަމާދު ނިމޭއިރަށް ހުންނަނީ ވަރުބަލިވެގެން ގޮސް ނިދި އައިއްސައެވެ. އެނދުގައި ޖެހޭއިރަށް ނިދެއެވެ. ފޫހިވާކަށް އެއްވެސް ވަގުތެއް ނުއޮވެއެވެ.

ކަޝަފްގެ މަންމަގެ އާދަތަކުން އެގެއިން ، ރަނގަޅު އެއްކަމެއް ޒަރޫން އަށް ފާހަގަ ކުރެވުނެވެ. އެއީ އަމިއްލަ އަތުން އެއްޗެތި ހަދާފައި ގެޔަށް އަންނަ މެހެމާނުންނަށް ކާން ދިނުމެވެ. އެއީ މިޒަމާނުގައި އެއްވެސް ގެޔަކުން ފެންނާނެ ކަމެއްނޫނެވެ. އެއީ ރާފިޢާމެންގެ ދުވަސްވީ އާދަތަކުން އެއް އާދައެވެ. އެކަހަލަ ކަންކަމަކީ ރަނގަޅު ކަންކަމެވެ. އެކަމަކު ޙާލަތާއި ޒަމާން މިއޮތީ ބަދަލުވެފައެވެ. މެހެމާނުންނަށް ދޭން ހޮޓަލުން އަބަދުވެސް ހެދިކާ ލިބޭނެއެވެ. އެކަމަކު އަމިއްލަ އަތުން ހަދާފައި ގެޔަށް އަންނަ  މެހެމާނުންނަށް ކާންދިނުން އެއީ ރާފިޢާއަށް ލިބޭ އުފަލެކެވެ. ކުރިން އެކަން ކުރާކަށް ރާފިޢާއަކަށް ވަގުތެއް ނުލިބެއެވެ. އެކަމަކު މިހާރު ވަގުތު ލިބެއެވެ. ކަޝަފްމެން ބޮޑެތިވީފަހުން ، މަންމަ އެކަންކުރިޔަކަ ނުދެއެވެ. ކެއްކުމުގެ ކަންކަން  ކުރަނީ އެތިންކުދިން އަމިއްލަޔަށެވެ. މަންމަ ބަދިގެޔަށް ވަނަކަ ނުދެއެވެ. މިހާރު ދެކުދިން މީހުންނާވެސް އިނީއެވެ. އެއްކުއްޖަކު ކިޔަވަނީއެވެ. އެހެންވީމަ އެކަން ހުއްޓުވަން މަސައްކަތްކުރާނެ ކުއްޖަކު ގެޔަކު ނުހުރެއެވެ. ވަގުތު ހޯދައިގެން ބަދިގެޔަށް ވަދެ އެކަންކަން ކުރަނީ ރާފިޢާ އަމިއްލަޔަށެވެ.

ޞިދްރާ އެމެރިކާއަށް އެނބުރިދާން ފުރާތީ ޒަރޫން އައީ ޞިދްރާއާ ބައްދަލުކޮށްލާފައި ގެޔަށް ދާ ގޮތަށެވެ. ޒަރޫންވެސް މާދަމާރޭ އިސްލާމްއާބާދަށް ދާން ފުރާތީއެވެ. އެކަމަކު ޞިދްރާ އޭރުވީ ރައްޓެހި ކުއްޖެއްގެ ގެޔަށް ގޮހެވެ. ޞިދްރާ ގެޔަށް އައިމަ ސަލާމްކޮށްލާފައި ނޫނީ ގެޔަށް ދާކަށް ޒަރޫން ބޭނުމެއް ނުވިއެވެ. އެހެންކަމުން ރޭވަންދެން އެގޭގައި މަޑުކުރަން ޖެހުނެވެ. ޞިއްދާއަށްޓަކައި ޒަރޫން ބޭބެ މަޑުކޮށްގެން އިނީތީ ޞިދްރާ އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ވާނީވެސް އެހެންތާއެވެ. ޒަރޫންއާއި ކަޝަފްގެ ކައިވެނި ކުރުމުގައި ޞިދްރާގެ މުހިންމު ރޯލެއް އޮތެވެ.

ޒަރޫން ގެޔަށް ދާން ތެދުވަން އުޅުނުތަނާ ، އެރޭ އެގޭގައި މަޑުކޮށްލުމަށް ރާފިޢާ އެދުނެވެ. އަދި ޞިދްރާވެސް އެކަމަށް ބާރު އެޅިއެވެ. ޞިދްރާގެ ފްލައިޓްއޮތީ ، ހަވީރު 5 ޖަހާއިރު އެވެ. ޒަރޫން އެގޭގައި މަޑުކޮށްލާ ވާހަކަ ބުނުމުން ޒަރޫން ހުއްޓުނެވެ. އަދި ކަޝަފަށް ސިހުން ލިބުނެވެ. ޒަރޫން ދާށޭ ބުނާކަށް ކަޝަފަކަށް ނުކެރުނެވެ. އެކަމަކުވެސް ޒަރޫން މަޑުކުރާކަށްވެސް ކަޝަފް ބޭނުމެއް ނޫނެވެ. ޒަރޫންއާ ދިމާއަށް ކަޝަފް ބަލަހައްޓައިގެން އިންގޮތުން ، އޭނާ އެގޭގައި އެރޭ މަޑުކުރުމަކީ ކަޝަފް އެހާ ހިތްހަމަ ޖެހޭކަމެއްނޫންކަން ވިސްނުނެވެ. ޒަރޫން އިސްލާމްއާބަދަށް ދާން ފުރަން ހަމަޖެހިފައިއޮތީ މާދަމާ ރެއެވެ. އެހެންވީމާ މަޑުކޮށްގެން ކަމަކު ނުދާނެވާހަކަ ޒަރޫންއަށް ބުނެވުނެވެ. އެހެންނަމަވެސް މާދަމާރޭ ފުރަން އޮތިއްޔާ މިރޭ އެގޭގައި މަޑުކޮށްފައި ، މާދަން ހަވީރު ގެޔަށް ދާނީއޭ ބުނެ ، ޞިދްރާގެ ޚިޔާލުފާޅުކުރިއެވެ. އަދި ރާފިޢާވެސް އެންމެފަހުން ކަޝަފްދެމުންގެންދިޔަ ޢިޝާރާތަށް އަޅައިނުލާ ރާފިޢާވެސް އެކަމަށް ބާރުއެޅިއެވެ.

ކަޝަފްގެ އެނދު ތައްޔާރުކޮށްދިނުމަށް ދިޔައީ ޞިދްރާއެވެ. އޭނާގެ ފަހަތުން ކަޝަފްވެސް ދުވަމުން ދުވަމުން އައެވެ. އަދި ޞިދްރާ އެކުރި ކަމަކާ ކަޝަފް ހިތްހަމަނުޖެހުން ފާޅު ކުރިއެވެ. ކަޝަފްމެންގޭގެ ޙާލަތަށް ހިތްހަމަޖައްސައިލުމުގެ އާދައެއް ޒަރޫންގެ ނުހުންނާނެކަމަށް ކަޝަފް ބުންޏެވެ. އެގޭގައި އޭސީއެއްވެސް ނެތެވެ. އިރު އިރުކޮޅުން ކަރަންޓް ދާނެއެވެ. އިރުކޮޅަކުން ފެން ކެނޑޭނެއެވެ. އެއީ ޒަރޫންއަށް އުޅެވޭނެކަހަލަ މާޙައުލެއް ނޫނެވެ. އެކަމަކު އެންމެ ރެޔަކު އޭސީނެތި ނިދައިފިއްޔާ ވާނީ ކީއްހެއްޔޭ ބުނެ ޞިދްރާ ބަހަނާ ދެއްކިއެވެ. ޒަރޫން މަޑުކުރަން ބޭނުން ނޫންނަމަ ، އެންމެން ބުންޏަސް މަޑެއް ނުކުރާނެއެވެ. ޒަރޫން އެހުރީ މަޑުކުރަން ބޭނުން ވެފައެވެ. ޒަރޫން އަށް އެގޭގެ ޙާލަތު ރަނގަޅަށް އެނގޭނެއެވެ.

ކަޝަފް ގެންދިޔައީ ހުއްޓުމެއްނެތި ޞިދްރާއާ ދިމާއަށް އެއްޗެހި ކިޔަމުންނެވެ. ޞިދްރާ އެއުޅެނީ ކޮން ދުނިޔެއެއްގައިހޭ ބުނެ ސުއާލު އުފައްދަމުންނެވެ. ޞިދްރާވެސް ދިރިއުޅެނީ ހަމަ އެދުނިޔޭގައެވެ. އުފުއްލަންޖެހޭ ތަކުލީފުތައް އެއީ ޒަރޫންއަށް ކަމަކަށް ނުވާނެއެވެ. ކައިވެނީގެ ކުރިން ޒަރޫންއަށް އޮންނާނީ މިގެ ފެނިފައެވެ. ގޭގެ ޙާލަތު ދަށްކަމަށް ފެނިގެން ހިތްހަމަ ނުޖެހުނުނަމަ ދެވަނަފަހަރަކަށް އެގެޔަކަށް ނާންނާނެއެވެ. އެކަންކަމަކީ ޒަރޫންއަށް މައްސަލަޔަކަށް ނުވާނެކަން ކަޝަފަށް ނޭނގުނަސް ، ޞިދްރާއަށް އެނގެއެވެ. އަދި ކަޝަފް އުޅޭ ދުނިޔެއިން ނުކުމެ ، ފެންނަމުންދާ ޙަޤީޤަތް ޤަބޫލުކުރުމަށް ކަޝަފް ގާތު ބުނެއެވެ.

ޒަރޫން އައިގޮތަށް އައިސް އެނދުގައި އޮށޯތްތަނުން ފުރަތަމަވެސް އަޅައިގަތީ ފަންކާގައެވެ. އެނބުރޭލެއް މަޑުކަމުންނެވެ. އަދި ފަންކާ ބާރުކޮށްލަދިނުމަށް ކަޝަފްގެ ކިބައިން އެދެއެވެ. ފަންކާ ހުރީ އެނބުރޭނެ އެންމެ ބާރު ސްޕީޑަށް ޖައްސާފައެވެ. ކަރަންޓްގެ ކަންތައް ހުރިގޮތުން ، ބާރަށް ނުއެނބުރެނީއެވެ. ހެދުން ބަދަލުކޮށްލުމަށްޓަކައި ޒަރޫން އެނދުން ތެދުވިތަނުން އެދިޔައީ ކަރަންޓެވެ. މުޅިތަނަށް އަނދިރިކަން ފެތުރުނެވެ. ކަޝަފް އަވަސްވެގަތީ އިމަޖެންސީ ލައިޓް ހޯދާށެވެ.

އިމްޖެންސީ ލައިޓް ހޯދަން ކަޝަފް ދިޔައިރު ޞިދްރާހުރީ އުއްބައްތި ދިއްލާށެވެ. އިމަޖެންސީ ލައިޓެއް އެގެޔަކު ނެތެވެ. އިމްޖެންސީ ލައިޓް ހިފައިގެން އަންނާނަމޭ ޒަރޫންގާތު ބުނެފަ އާދެވުނީތީ ކަޝަފް ކަންބޮޑުވިއެވެ. ޒަރޫން އެގޭގައި މަޑުކުރާތީ ކަޝަފް ކަންބޮޑުވީ އެހެންވެގެންނެވެ. ފަތިސްވަންދެންވެސް ކަރަންޓް ނައިސް ހުރެދާނެއެވެ. ޒަރޫންމެންގޭގައި 24 ގަޑިއިރު ހުންނަނީ އޭސީ ޖައްސާފައެވެ. ލަދުންގޮސްވެސް ކަޝަފަށް ހަދާނެގޮތް ބޮޑުވިއެވެ. އުށްބައްތި ހިފައިގެން ކަޝަފް ދިޔައިރު ، ޒަރޫން އުޅެނީ މަދިރިކާތީ މަދިރި މަރާށެވެ. ކަރަންޓް އަންނަންދެން ތެދުވެ އެނދުގައި އިށީނދެލާން ޒަރޫން ބޭނުންވިއެވެ. އެކަމަކު ކަޝަފް ބުނިއެއްޗަކުން ޒަރޫން ޙައިރާން ވިއެވެ. ކަރަންޓް އަންނާނީ ކޮންއިރަކުން ކަމެއްވެސް ނޭނގެއެވެ. އަންނަންޏާ އަންނާނެއެވެ. ނާންނަންޏާ ނާންނާނެއެވެ. އެހިސާބުގައި ކަރަންޓްގެ ކަންތައް އެހާ ގޯސްކަމެއް ޒަރޫންއަކަށް ކުރިޔަކުން ނޭނގެއެވެ.

ކަރަންޓް އަންނަންދެން ބޭރުގައި މަޑުކޮށްލައިގެން ތިބެން ޒަރޫން ބޭނުންވިއެވެ. އެކަމަކު ބޭރުގައި މަދިރި މާ ގިނަވާނެކަން ކަޝަފް ހަނދާން ކޮށްދިނެވެ. އެއީ ޒަރޫންއަށް ކޮޓަރީގައި އޮތުމަށްވުރެ ހިތަށް ފަސޭހަވާނެ ގޮތެއްކަމަށް ފެނުނެވެ. އަދި ކަޝަފް އޭނާއާއެކީ އައުމަށް އެދުނެވެ. ހަނދުވެސް ހުންނާނެއެވެ. ވައިވެސް ޖެހޭނެއެވެ. އެކަމަކު ކަޝަފް ކިޔާކިޔާވެސް ދޫނުކުރީމާ ، ޒަރޫން ބޭރަށްދާށޭ ، ތިމަންނަ ނިދަނީއޭ ބުނެ އޮށޯވެ ގައިމަތީ ކަންބަޅިގަނޑު އަޅައިލާ ހަމަޖެހިލިއެވެ.

" މައްސަލައެއް ނެތެވެ. ކަޝަފް ނިދާށެވެ. އަހަރެން ކަރަންޓް އަންނަންދެން ސިނގިރޭޓް ބޯން ބޭރުގައި އިންނާނަމެވެ. " ސިނގިރެޓް ގެ ވާހަކަ އިވިފައި ކަޝަފް ކޮށްޅަށް ޖެހުނެވެ. އަދި ސިނގިރެޓް ބޮއެގެން ނުވާނެކަމުގައި ބުންޏެވެ. އެންމެ ފަހުން ކަޝަފަށް ޖެހުނީ އުށްބައްތި ހިފައިގެން ޒަރޫންއާއެކީ ބޭރުގައި މަޑުކުރަން ނުކުންނާށެވެ. ޒަރޫން ސިނގިރޭޓް ބޮއެފާނެތީ ކަޝަފް ކަންބޮޑުވިއެވެ. ކަޝަފާ އިންތަނުން ޒަރޫން ވަނީ ސިނގިރޭޓް ބުއިން ހުއްޓައިލާފައެވެ.

ކަރަންޓް އައީ ވަރަށް ލަހުންނެވެ. އެހުރިހާ އިރެއްވަންދެންވެސް އެކަކު އަނެކަކަށް ސަމާސާ ވާހަކަ ދައްކަން ، ބޭރުގައިހުރި އުނދޯލީގައި ދެމީހުން ތިއްބެވެ.

------------------------

ޒަރޫންއަށް އޮތީ ނިދިފައެވެ. ކަޝަފް ނިދިއަންނަ ގޮތް ނުވީމަ އެހެންޏާވެސް ހަދާގޮތަށް ، އޭނާގެ ޑައިރީ ހިފައިގެން އިނދެ ، ހިތުގައިވާ ޚިޔާލުތައް ލިޔަމުން ގެންދިޔައެވެ. އަހަރެންނަށް ޒަރޫން ފުރައިގެން ދިޔައިމާ އޭނާގެ މަތިން ހަނދާން ވާނެބާވައެވެ. ހަނދާން އެއީ ކުޑަ ލަފުޒެކެވެ. އަހަރެންގެ ޙަޔާތުގެ މުހިންމު ބަހާއެކެވެ. އެބަސް އަހަރެން މިހުންނަނީ ޒަރޫންއަށްޓަކައި ބާއްވައިގެންނެވެ. އަހަރެން މިހާރު އެބަ ވަރަށް ބިރު ގަނެއެވެ. ލޯތްބަކީ ލޯކަނު އެއްޗެކެވެ. އަދި އެއީ ، އިންސާނާ ނިކަމެތިކޮށް ބަލިކޮށްލާ އެއްޗެކެވެ. މަކަރު ހެދުމާއި ، ހެއްލުމާއި ބޭވަފާއަކީ އތިން ލަފުޒަކަށް އަހަރެން އެންމެ ނަފުރަތުކުރާ ތިން ބަހެވެ. އެހެންކަމާއެކުވެސް ، ޒަރޫން އެދަނީ އަހަރެންގެ ހިތުގެ މަންޒިލްކަމަށް ވެގެންނެވެ. ތިމަންނަގެ ރަނގަޅީ ކޮންކަމެއްތޯ ޒަރޫން އަހަރެންނާ ސުއާލު ކުރަމެއް ނޫންހެއްޔެވެ ؟ ޒަރޫންގެ ރަނގަޅު ނޫން ސިފަޔަކީ ކޮބައިކަން އަހަރެން ބުނެދޭނީ ކިހިނެއް ހެއްޔެވެ ؟ އަހަރެންނާއެކު ވަގުތު ހޭދަކޮށް ތަންތަނަށް ގޮސް ދުއްވާލުމާ ، އަހަރެންނާ އަޅައި ލުމާއި ސަމާސާ ކުރުމަކީ އަދި އޭގެ އިތުރަށށް ، އަބަދުވެސް އަހަރެންނާމެދު ޚިޔާލު ބެހެއްޓުމަކީ ، ޒަރޫންގެ ކިބައިން ފެންނަ ސިފަތެކެވެ. އަހަރެންގެ މައިންބަފައިންނަށް އިޙްތިރާމް ކުރުމަކީ ވަކިން ޚާއްޞަ ސިފައެކެވެ.

އެއީ އެކަންކަމަށްޓަކައި އަހަރެންގެ ހިތް އުފަލުން ފޮޅިގެންދާ ކަންކަމެވެ. އެއީ މިހާތަނަށް އަހަރެން ތަޖުރިބާކޮށްފައި ނުވާ އިޙްސާސް ތަކެކެވެ. ޒަރޫންގެ ކުރިމަތީގައި އަހަރެން މިވަނީ އޭނާއަށް ޙައްޤު ޝުކުރު އަދާކުރުމަށްވެސް ނުކުޅެދިފައެވެ. އަހަރެންގެ ހިތުގައިވާ އިޙްސާސްތައް އަދި ، ބުނެދެވޭކަށް ނެތެވެ. ނަފުރަތާއި ރުޅިވެރިކަން ލޯތްބަށް ބަދަލުވެގެންދާ ވާހަކަ އަދި ، ބުނެދެވޭކަށް ނެތެވެ. ކުޑަކުޑަ ގެއެއްގެ އާދައިގެ ކޮޓަރިއެއްގައި ފުރޮޅި ފުރޮޅި އޮވެ ލޮލުފިޔަ ޖެެހޭތޯ ޒަރޫން އުފުއްލި ތަކުލީފެވެ. އެގޭގެ ކަރަންޓް ކެނޑި އަލިކަން ފިލައި ދިއުމުން ހިތުގައި އެއްވެސް  ޝަކުވާއެއް ނެތި އެކަމަށް ހިތްހަމަޖައްސައިލި ރީތި ގޮތެވެ. ބޭނުންކުރަމުން ދަނިކޮށް ފެން ކަނޑައިގެން ދިޔައިމާ ، އެތަކުލީފު އުފުއްލި ރީތި މަޑުމައިތިރި ގޮތެވެ. ފުޅީގައި ބަންދުކުރި ފެން ހޯދަން ނުބުނެ އެކަމަށް އެއްވެސް ކަންބޮޑުވުމެއް ނެތި ، އިސްކުރުފެން ބުއި ކެތްތެރިކަމުގެ މިސާލެވެ. ހޭންޑް ވޮޝް ގެ ބަދަލުގައި ހަރު ސައިބޯނި ގަނޑެއް ބޭނުންކޮށް ، އެތަކުލީފު ހިތުތެރޭ ނުބާއްވައި ހިންދައިލި ގޮތެވެ. މަންމަގެ އަތުން ކައްކާ ތަކެތި ކެއުމަށް އަބަދު ބޭނުންވެފައި ހުންނަ މިންވަރެވެ. އެކަމަކު މިވާހަކަތައް ދުވަހަކުވެސް އަހަރެންނެއް ނުބުނާނަމެވެ.

ކުރާ ކޮންމެ ވަޢުދަކަށް އަހަރެން ހިނިތުން ވެލާނަމެވެ. ބުނާ ކޮންމެ ބަހަކަށް ޖެއްސުމުގެ ބަހެއް ބުނެ ސަމާސާ ކުރާނަމެވެ. އަހަރެންނަކީ ޖަވާހިރެއްކަމުގައި ޒަރޫން ދެކެމުއެވެ. އެގޮތަށް ދެކިގެން ހުންނާށެވެ. ޒަރޫންގެ ކުރިމަތީގައި އަހަރެންނަކީ ނިދާ ބޭހަކަށް ނުވާނަމެވެ. ތެޅި ކުނޑިކުނޑި ވުމަކީ އަހަރެން ބިރުގަންނަ ކަމެކެވެ.

ހެނދުނު ތެދުވެގެން ތައްޔާރުވުމަށްފަހު ، ގެޔަށް ދިއުމަށްޓަކައި ޒަރޫން ތައްޔާރު ވިއެވެ. އަދި ކަޝަފްގެ އަތަށް ލާރިކޮޅެއް ދެއެވެ. އެއީ ކޮންފައިސާއެއްކަމެއް ކަޝަފަކަށް ނޭނގުނެވެ. އެހެން ނަމަވެސް ، ކަޝަފަކީ ޒަރޫންގެ އަންހެނުން ކަމަށްވާތީ ޒަރޫންގެ ޒިންމާއެއް އޮންނާނެކަމާއި ކަޝަފަށް ތަކުލީފެއް ނުލިބުމަކީ ޒަރޫން ކަށަވަރުކުރަން ޖެހޭނެ ކަމެއްކަމަށް ޒަރޫން ދެކެއެވެ. ކަޝަފްގެ މިމަހުގެ މުސާރަވެސް މިހާރު ހުންނާނީ އޭނާގެ އެކައުންޓަށް ޖަމާ ވެފައެވެ. ޒަރޫން ކުރުނުކޮށްގެން ކަޝަފް އެ ފައިސާގައި ހިފިއެވެ. އަދި ކާރަށް ދަބަސް ލުމަށް ޒަރޫން ހިނގައިގަތެވެ.

ކަޝަފްގެ ލޮލުން ކުއްލިޔަކަށް ކަރުނަ އައެވެ. މިއީ އޭނާ ހިވަފެނުގައިވެސް ޚިޔާލުކޮށްލާފައި ނުވާ ކަމެކެވެ. އޭނާގެ ޒިންމާ އުފުއްލައި އަޅައިލާނެ ފިރިހެނަކު ދުވަހަކު ކޮޅުންވެސް ހުރެދާނެކަމަށް ކަޝަފް ޚިޔާލުކޮށްލާފައިވެސް ނެތެވެ. ދުނިޔޭގައި ﷲ ގެ ޙަޟުރަތުން އެތައް ނިޢުމަތެއް ލައްވާފައި ވެއެވެ. އޭގެ ތެރެއިން އެއް ނިޢުމަތަކީ ، އޭނާގެ އަނބިމީހާގެ މައްޗަށް ޒިންމާދާރީއެއް އޮތްކަމަށް ފިރިމީހާ ބެލުމެވެ. އަދި އެޒިންމާ ނެގުމެވެ. އެ ނިޢުމަތް ކަޝަފަށްވެސް މިންވަރު ކުރައްވާނެކަން އޭނާއަށް އެނގިފައެއް ނެތެވެ. އޭނާގެ ޒިންމާ އުފުއްލާނެ ފިރިޔަކު ލިބިދާނެކަމަށް ހީކޮށްލެވިފައެއް ނެތެވެ. ޒަރޫން އައިއިރު ކަޝަފަށް އިނީ ރޮވިފައެވެ.  އެއީ އޭނާ ދާތީ ވީ ދެރައިން ލޮލުން ފައިބާ ކަރުނަކަމެއް ނުވަތަ އެހެންކަމެއް ވެގެން ފައިބާ ކަރުނަކަމެއް ނޭނގެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.