ދެކަފި - 71

(25 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫންމެންގެ ގޭގައި ހެނދުނުގެ ނާސްތާކުރަމުން ގެންދިޔައެވެ. ކަޝަފް ކަމުންގެންދަނީ ހަމައެކަނި ރޮށްޓެވެ. އެކަން ޣަޒާލާއަށް ކަމުނުގޮސްގެން ބިސްގަނޑެއްވެސް ކާލަން ކަޝަފްގާތު ބުނެއެވެ. ކަޝަފް އާ ވާހަކަ ދައްކަން އެންމެންވެސް ތިބީ ބޭނުން ވެފައެވެ. އެހެންނަމަވެސް ، ކަޝަފް އެއްވެސް ވާހަކައެއް ނުދައްކާނޭ ހަމައެކަނި އަޑުއަހަން އިންނާނީއޭ ބުނެ ޒަރޫން ސަމާސާ ކޮށްލިއެވެ. އަޞްލުވެސް  ، ކަޝަފް އަދިވެސް އިނީ ، ލިބިފައިވާ ލަދުރަކިކަންމަތީގައެވެ. އޭނާގެ މޫނުމަތިން އެކަން ވަރަށް ރަނގަޅަށް ސާފު ވެއެވެ. އެއީ ވަރަށް ރަނގަޅު ނިންމުމެއްކަމަށާއި ، މީހުންނާ ވާހަކަދެއްކުމަށްވުރެ ނުދެއްކުން މާ ރަނގަޅުވާނެކަމަށް ބުނެ ސާރާވެސް އެ ސަމާސާގައި ބައިވެރި ވެއެވެ. ސާރާ އެ ޢިޝާރާތްކުރީ ޒަރޫންއަށެވެ. އެހެންކަމުން ޒަރޫންއާއި ސާރާގެ ވާހަކަ ދިގުލައިގެން ދިޔައެވެ. އަދި މިދެމީހުންގެ ޒުވާބުގެ އަޑު އެހުމުގައި ކަޝަފްގެ ވަގުތު ބޭކާރު ނުކުރައްޗޭ ބުނެ ، ޖުނައިދުވެސް އެ ސަމާސާގައި ބައިވެރި ވިއެވެ. ކަޝަފްގެ ކައިވެންޏަށް ނެގީ ދެހަފުތާގެ ޗުއްޓީއެކެވެ. އެއީ ޣަޒާލާއަށްވެސް ކަމުދިޔަ މުއްދަތެކެވެ. މަސައްކަތަށް ލޯބިކުރާމީހުންނަށް އެހާދިގު ޗުއްޓީއެއް ނެގުމަކީ އުނދަގޫ ކަމަކަށްވާނެކަމަށް ޣަޒާލާ ބުންޏެވެ.

ދިރިއުޅުމަކީ މިއީ ހެއްޔެވެ ؟ ނޭނގޭ މީހުންނާއި ނޭނގޭ ތަންތަނުގައި ތިމާގެ އަގުހުރި ވަގުތު ހޭދަ ކުރުމެވެ. ކަޝަފާއި ޒަރޫން ކާރުގައި ދަތުރުކުރަމުން އެގެންދަނީ ކަޝަފްގެ ގެޔަށް ދިޔުމަށެވެ. އެކިފާޑު ފާޑުގެ ޚިޔާލުތަކަށް ގެއްލިފައި ކަޝަފް އިނެވެ. އޭނާއިނީ ދިރިއުޅުމުގެ ވަށްޓަފާޅިއާމެދު ޙައިރާން ވެފައެވެ. އެއީ އޭނާއަށް އަލަށް ތަޖުރިބާ ކުރެވެމުންދާ ކަންކަމެވެ. ޒަރޫން ކާރު ދުއްވަމުންދިޔައިރު ، އޭނާވެސް އިނީ ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށެވެ. އެކަމަކު ، އަޖައިބުވާންޖެހޭ ކަމަކީ ކަޝަފާއި ޒަރޫން އަށް ވާހަކަ ނުދެއްކުމެވެ. ކުއްލިޔަކަށް ކަޝަފަށް " ގޮތް ނޭނގޭ " އޭ ބުނެވުނެވެ. ޒަރޫން ހީކުރީ ، ކަޝަފް އެހެން އެބުނީ އޭނާއާ ދިމާއަށް ކަމަށެވެ. އެކަމަކު ކަޝަފް އެހެންބުނީ އެހެން ކަމަކަށް ނިސްބަތް ކޮށްފައެވެ. އެއީ ދިރިއުޅުމަށެވެ. ޒަރޫންގެ ނަޒަރުގައި ދިރިއުޅުމަކީ ގޮތްނޭނގޭ އެއްޗެއް ނޫނެވެ. ދިރިއުޅުމަކީ މާބަގީޗާ އެކެވެ. ކަޝަފަށް އެކަމާމެދު ޝައްކެވެ. އާނއެކެވެ. ޒަރޫން މިހާތަނަށް ދިރިއުޅެމުން އެއައީ މާބަގީޗާ އެއްގައެވެ. ވިސްނުމެއް ފިކުރެއް ، ޚިޔާލެއް ނެތިއެވެ. އެކަމަކު ކަޝަފް މިހާތަނަށް ދިރިއުޅެމުންއައީ ކަށިކުނބުރު ޖަންގައްޔެއްގައެވެ. ކަޝަފްގެ ހިތާ ހިތާ ކިޔައިލިއެވެ.

ކަޝަފްމެން އެއައީ މަންމަގެ ގެޔަށެވެ. ކާރުން ފޭބުމަށްފަހު ޑިކީ ހުޅުވައިލަދިނުމަށް ކަޝަފް އެދުނެވެ. އެއީ އޭނާގެ ފޮށި ނެގުމަށެވެ. މަންމަގެ ގޭގައި ނޯކަރުން ނުތިބޭނެކަން ކަޝަފް ހަނދާން ކޮށްދެއެވެ. މިހާރު ކަޝަފް ގާތުގައި ނޯކަރަކު އެބަހުރި ނޫންހޭ ބުނެ ، ފޮށިނަގައި ޒަރޫން ސަމާސާ ކޮށްލިއެވެ. ގޭތެރެޔަށް ވަނުމަށްފަހު ، ދެމީހުންވެސް މަންމައާ ސަލާމް ކޮށްލިއެވެ. ރާފިޢާ ހުރީ އެމީހުން ނައިސްގެން ލަސްވެފައެވެ. އެހާ ދިގު އިންތިޒާރެއްގައެވެ.

ޒަރޫން ފާޚާނާއަށް ވަދެ އަތާއި މޫނު ދޮވެލަން ބޭނުންވިއެވެ. އަދި ހޭންޑްވޮޝް ނެތްތޯ ކަޝަފާ ސުއާލު ކުރިއެވެ. ހޭންޑްވޮޝް ނެތްވާހަކައާއި އެގޭގައި ހުންނާނީ ސައިބޯނިކަމުގައި ކަޝަފް ބުންޏެވެ. ޒަރޫނަށް އެއީ އާ އެއްޗެކެވެ. އެހެންނަމަވެސް ، ސައިބޯނި ނަގައި އަތާއި މޫނު ދޮންނަން ފެށިއެވެ. ކަޝަފް ހުރީ ކަންބޮޑުވެފައެވެ. ޒަރޫން މޫނުދޮންނަންފެށިތަނާ އިސްކުރުން ފެން ހުސްވެއްޖެ އެވެ. ކަޝަފްހުރީ ކަންބޮޑުވެގެންގޮސް ހަދާނެގޮތެއް ނޭނގިފައެވެ. ކަޝަފް އެތާހުރިތޯ ޒަރޫން ސުއާލުކުރިއެވެ. އަދި އިސްކުރުން ފެން ނާންނަކަމުގައި ޒަރޫން ބުންޏެވެ. ފެން ހުސްވީކަމަށާއި އެބަ އަންނަމޭ ބުނެ ކަޝަފް އެތަނުން ދެއެވެ. ފެންބާލިދީއެއް ހިފައިގެން އައިސް ކަޝަފް ، ޒަރޫންގެ އަތަށް ފެން އަޅައިދެމުން ގެންދިޔައެވެ. އޭރު ޒަރޫންގެ ލޯކަރައިގަތެވެ.

އެވަގުތު އެތަނަށް ޞިދްރާ އާދެއެވެ. އަދި ލޯބީގެ ކޮން ކަންތައްގަނޑެއް ހިންގަނީ ހެއްޔޭ އަހައި ސަމާސާ ކޮށްލިއެވެ. ޒަރޫން މޫނުދޮވެ ނިމިގެން ގޭތެރެޔަށް ވަނެވެ. އެވަގުތު ދޮރުގައި ޓަކިޖަހައިލި އަޑު އިވުމާއެކު ، ދޮރުހުޅުވުމަށްޓަކައި ޞިދްރާ ދިއުމަށް ރާފިޢާ އެދުނެވެ. އެކަމަކު ތިމަންނަ ހިނގައިދާނަމޭ ބުނެ ޒަރޫން ތެދުވެގެން ދިޔައެވެ.

" މާތް ﷲ އަށް ޙަމްދު ހުއްޓެވެ. މައިންބަފައިން ޒަރޫން އެހުރީ ކިހާ ރަނގަޅަށް ތަރުބިއްޔަތު ކޮށްފައި ހެއްޔެވެ ؟ " ރާފިޢާއަށް  އުފަލުން ގޮސް ބުނެވުނެވެ. އެއަޑު ކަޝަފަށް އިވުމާއެކު ، ލާނެތްފާޑަކަށް އޭނާގާތަށް ހިނި އައެވެ.

މުރުތަޟާ އާއި ޙައްމާދު ވަދެގެން އައިގޮތަށް އައިސް އެންމެންނާ ސަލާމް ކުރިއެވެ. އަދި ކަޝަފަށް ގޮވާލައި ދަރިފުޅާއޭ ޙާލު ކިހިނެއްތޯ އަހައި ސުއާލު ކުރިއެވެ. މުރުތަޟާގެ އެސުއާލަށް ، ކަޝަފް ޖަވާބެއް ނުދެއެވެ. މުރުތަޟާއަށާއި ޙައްމާދަށް ސައިތަށްޓެއް ގެނެސްދޭން ރާފިޢާ ، ޝެހްނީލާ ގާތު ބުނުމުން އޭނާ ބަދިގެފަރާތަށް ގޮސް ޙައްމާދަށް ގޮވަން ފެށިއެވެ. ޙައްމާދު އައުމާއެކު ، ޒަރޫން ބޭބެ ގާތު ފާޑުފާޑުގެ ސުއާލުކޮށް މޮޔަވާހަކަ ނުދެއްކުމަށް ބުނެ ޙައްމާދަށް ، ޝެހްނީލާ އިންޒާރު ކުރިއެވެ. އެއްވެސް ކަހަލަ މޮޔާވާހަކައެއް ދެއްކުމުގެ ކުރިން އެއްހާސް ފަހަރު ވިސްނުމަށް ޙައްމާދުގެ ކިބައިން ޝެހްނީލާ އެދެއެވެ. އެހެން ބުނެ ޙައްމާދު އެތަނުން ފޮނުވައިލިއެވެ.

ޝެހްނީލާ އެވަރުން ބުނީމަވެސް ޙައްމާދަކަށް މަޑެއްކޮށް ނީނދެވުނެވެ. ޒަރޫންބޭބެ ކިތައް ޤައުމަށް ޒިޔާރަތްކޮށްފިންތޯ ޙައްމާދު ސުއާލު ކުރިއެވެ. ވިއްސަކަށް ޤައުމަށް ދެވިދާނެހެން ހީވިއޭ ބުނެ ޒަރޫން ޖަވާބު ދެއެވެ. އެހެންވިއްޔާ މުޅިދުނިޔެ ފެނުނީތާއޭ ޙައްމާދު ބުންޏެވެ. އަދި އެހުރިހާ ޤައުމަކަށް ދިޔައިރު ފޮރިން ސާރވިސްއިން ވަޒީފާ ހޯދީ ކީއްވެތޯވެސް ސުއާލު ކުރިއެވެ. އެއީ އެކަން ކުރާހިތްވާތީކަމުގައި ޒަރޫން ބުންޏެވެ. އަދި ޙައްމާދު ކީއްތޯ ކުރަނީ އެހިއެވެ. ޒަރޫންގެ ސުއާލު ނުނިމެނިސް އޭނާ މިހާރު މާސްޓަރސް ޑިގްރީ ހަދަނީއޭ ބުންޏެވެ. ކަޝަފް އިނީ ލަދުން ކުރާނެކަމެއް ނޭނގިފައެވެ. ޙައްމާދު ހުއްޓުވާނެގޮތެއް ހޯދަން ބޭނުންވެފައެވެ.

ޒަރޫންގެ ވަޒީފާގައި ބޭރަށް ދިޔައިމަ އޭނާވެސް ޒަރޫންބޭބެކައިރިޔަށްގޮސް ހުންނާނެކަމުގައި ޙައްމާދު ބުނެއެވެ. އެހެންނަމަވެސް ވިސާ ހޯދަން އުނދަގޫވާނެތީ ޒަރޫންބޭބެ ވިސާހޯދައިދޭނަންދޯއޭ އަހައެވެ. ޒަރޫންވެސް އެއީ އެއްވެސް ކަމެއް ނޫނޭ ވިސާ ލިބިދާނޭ ބުނެއެވެ. ޙައްމާދުގެ ވާހަކަތަކުން ޝެހްނީލާއާއި ޞިދްރާވެސް ކަންބޮޑުވާގޮތް ވިއެވެ. އެވަގުތު މެންދުރުނަމާދަށް ގޮވިއެވެ. އަދި ޒަރޫންއަށް ގޮވާލާފައި ނަމާދަށް ދަމާ ހިނގާށޭ މުރުތަޟާ ބުންޏެވެ. އެޖެހުނީ އަނެއް ހަ ކަންތަކެވެ. ވަގުތުން ނަމާދު ނުކުރިޔަސް ޒަރޫން ނަމާދު ކުރެއެވެ. އެކަމަކު މިވަގުތު އޭނާ އެއިނީ ނަމާދަށް ދާ ގޮތަކަށް ނޫނެވެ. ޒަރޫން ބޭނުމިއްޔާ ގޭގައިވެސް ނަމާދު ކޮށްލެވިދާނެކަމަށް ރާފިޢާ ބުނެއެވެ. އެހެންނަމަވެސް ހަދާނެގޮތެއް ނޭނގި އިން ޒަރޫން ، ތިމަންނަވެސް ދާނީ މިސްކިތަށޭ ބުނެ މުރުތަޟާއާއެކީ މިސްކިތަށްދާން ނުކުމެއެވެ. ނުކުތުމުގެ ކުރިން އެއީ ކޮން ނަމާދެއްތޯ ކަޝަފް ކުރެން ޒަރޫން އަހައިލައެވެ. އެއީ މެންދުރު ނަމާދުކަމުގައި ކަޝަފް ބުނެއެވެ.

މިސްކިތަށްގޮސް ވުޟޫކުރާ ތަނުގައި ޒަރޫން މަޑުކޮށްލިއެވެ. ފުރަތަމަ ފެންލާން ފަށާނީ ކޮން ގުނަވަނަކުން ކަމެއް ޒަރޫންއަކަށް ނޭނގުނެވެ. ކަޝަފްގެ ބައްޕަވެސް އެތާ ކައިރީ ހުއްޓެވެ. ކަޝަފްގެ ބައްޕަގެ ކުރިމަތީ ، ޒަރޫންގެ އަބުރާއި ޢިއްޒަތް މިއަދު ، ދާނެކަމުގައި ހިތާހިތާ ކިޔައިލިއެވެ. އެވަގުތު އެތަނަށް ޙައްމާދުވެސް އައެވެ. އަދި ޒަރޫން ބޭބެ ކުރިން ވުޟޫ ކުރުމަށް ޙައްމާދު އެދެއެވެ. އަދި އޭނާ ވުޟޫކުރާނީ ޒަރޫން ނިމުނީމާކަމުގައި ބުނެ ގޮތްދޫނުކޮށް ހިފަހައްޓައިލިއެވެ. މުރުތަޟާވެސް ، ޒަރޫންއަކީ ޙައްމާދަށްވުރެ ބޮޑުކުއްޖެއްކަމަށް ބުނެ ، ކުރިން ޒަރޫން ވުޟޫކުރުމަށް އެދުނެވެ. ޒަރޫންއަކަށް ހަދާނެގޮތެއް ނުވިސްނުނެވެ. މުރުތަޟާ ވުޟޫކުރަން ފަށަންދެން ، އެގޮތްމިގޮތަކުން ، އެކި ބަހަނާ ދައްކައި އޭނާ މަޑުކުރިއެވެ. އަދި މުރުތަޟާ ވުޟޫ ކުރާތަން ބަލައިގެން ވުޟޫކުރަން ފެށިއެވެ. ދެން އޮތީ ނަމާދެވެ. މެންދުރު ނަމާދުގައި އޮންނަނީ ހަތަރު ރަކުޢަތްކަން ޒަރޫންއަށް އެނގުނީވެސް އެތައް އިރަކު ވިސްނައިގެންނެވެ. އެހެން ނޫނަސް އޭނާ ނިންމައިގެން ހުރީ ޖަމާޢަތް ނުލިބިއްޖިއްޔާ މުރުތަޟާގެ ފަހަތުގައި ނަމާދު ކުރުމަށެވެ. އޭރަކަށް ރަކުޢަތް އޮޅޭގޮތެއްވެސް ނުވާނެއެވެ. ނަމާދުކޮށް ނިމިގެން ގެޔަށް އައިސް އިރުކޮޅަކު މަޑުކޮށްލުމަށް ފަހު ، މަންމަގާތު ކަޝަފް ބަހައްޓާފައި ޒަރޫން ، އޭނާގެ ގަޔަށް ދެއެވެ. މުރުތަޟާއާއި ޙައްމާދުވެސް ޒަރޫންއާއެކީ ނުކުމެއެވެ. ރަނގަޅަށްވިއްޔާ އެމީހުން އެނުކުތީ ، ޒަރޫންގެ ކާރުގައި ގެޔަށްދާށެވެ. އޭރަށްވެސް ލާރިކޮޅެއް ސަލާމަތްވާނެތާއެވެ.

------------------------

ޒަރޫން މަޑުނުކޮށް ދިޔުމުން ޞިދްރާހުރީ ދެރަވެފައެވެ. އެކަމަކު ކަޝަފް ބޭނުމީ ޒަރޫން އެގޭގައި މަޑުނުކުރުމަށެވެ. ޒަރޫންމެން ގޭގައި ހުރިހާކަމެއް ހުންނާނީ ފުރިހަމަވެފައެވެ. ކަޝަފްމެންގޭގައިހެން އިރުއިރު ކޮޅުން ކަރަންޓް ކަނޑައިގެންނެއް ނުދާނެއެވެ. އަދި މޫނުދޮންނަން ހުއްޓާ ފެންވެސް ބަންދެއް ނުވާނެއެވެ.  ޒަރޫން މަޑުކުރަން ނޫޅުނީތީ ކަޝަފް ދެކެވެސް ޞިއްރާ ހުރީ ރުޅި އައިއްސައެވެ. ޒަރޫންއަށް އެންމެ ރަނގަޅުވާނީ މަޑުނުކުރުން ކަމަށާއި އޭނާ އެގޮތް ބޭނުންވެސް ނުވާނެކަމަށް ކަޝަފް ބުނެއެވެ. އެހެންނަމަވެސް ، ގޮތް ނޭނގޭ ކަންކަމުގައި ބަސްނުކިއުމަށް ކަޝަފްގާތު ، ޞިދްރާ އެދެއެވެ. ޒަރޫން މަޑުކުރަން ބޭނުންނުވާނެކަން ކަޝަފަށް ނޭނގޭނެ ކަމަށާއި ، މަޑުކުރަން ބޭނުންވާނެކަން އޭނާއަށް އެނގޭކަމުގައި ޞިދްރާ ބުނެ ސަމާސާ ކޮށްލައެވެ.

ޒަރޫން ކާރުދުއްވަމުން ދިޔައިރު ، އެހެން ދުވަސްދުވަހަށްވުރެ މަގު ދިގުވެއްޖެކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. ކަޝަފްމެންގޭގައި މަޑުކުރެވުނު ނަމަ މާރަނގަޅުވީސްކަމުގައި ޒަރޫން ހިތަށް އަރައެވެ. ގެޔަށްގޮސްވެސް ޒަރޫންކުރާނެ މާބޮޑު ކަމެއް ނޯންނާނެއެވެ. އެކަމަކު ، މަޑުކުރާނީވެސް މަޑުކުރަން އެތަނުން މީހަކު ބުނިއްޔާތާއެވެ. މިހާރު ކާރު ދުއްވާތާވެސް އެތައް އިރެއް ވެއްޖެއެވެ. ކަޝަފް ގުޅައިވެސް ނުލައެވެ. ކަޝަފް އޭނާއާމެދު ޚިޔާލު ނުކުރަނީކަމަށް ޒަރޫން ނިންމައެވެ. އެހެންނޫންނަމަ މިހާރު ޚަބަރު ބަލއިލައިފީހެވެ. ޒަރޫން އެކްސީޑެންޓެއްވެސް ވެދާނެއެވެ. އެކްސީޑެންޓެއް ނުވާކަން އެނގޭނީވެސް ގުޅައިލާފަ ޚަބަރު ބަލައިލައިގެން ނޫންހެއްޔެވެ. މި ، އަންހެނުންނަކީ ކޮންކަހަލަ ބަޔެއް ހެއްޔެވެ. ޒަރޫން އޭނާގެ އަންހެނުންނަށް ފޯނުކުރާނީ ބާވައެވެ. ނޫނެކެވެ. އިންތިޒާރުކޮށްލާނީއެވެ. ދިރިއުޅުމުގައި ކެތްތެރިވާން ދަސްކުރަން ވާނެއެވެ. އެހެންނޫނީ ކޮށީއިންގުރާ ދޫވެގެން ދާންވެސް ފަހަކަށް ނުދާނެއެވެ. އެހެންނޫނަސް ، ކަޝަފަށް އޭނާގެ މަތިން ހަނދާންވަނީ ކިހާވަރަކަށްތޯ ބަލައިލާންވެސް ވާނެތާއެވެ.

ޒަރޫންގެޔަށް ގޮއްސިތޯ މަންމަ އެހުމުން ކަޝަފް ދިޔައީ ސިއްސައިގެންނެވެ. މިހާރު ގެޔަށް ދެވިދާނޭ ބުނުމުން ރާފިޢާ އިތުރަށް ސުއާލު ކޮށްގަތެވެ. ފޯނުކޮށްފަ އަހައެއް ނުލަންތޯ ބުނެއެވެ. ގެޔަށްގޮސް ޒަރޫން ގުޅާނެނޫންހޭ ކަޝަފް ބުންޏެވެ. ކަޝަފްގެ ޖަވާބަށް ރާފިޢާ އެހާ ހިތްހަމައެއް ނުޖެހުނެވެ. ކަޝަފަކީ ޒަރޫންގެ އަންހެނުންކަން ހަނދާން ކޮށްދިނެވެ. ގެޔަށް ދެވުނުތޯ ބެލުމަކީ ކަޝަފް ކުރަންޖެހޭނެކަމެއްކަމަށް ރާފިޢާ ބުންޏެވެ. އަދި މިހާރު ލަސްނުކޮށް ފޯނުކުރާށޭ ބުނެއެވެ.

ކަޝަފް އެވަގުތު ވެސް ޒަރޫންއަކާ ނުގުޅައެވެ. އަދިވެސް އެހުރީ ނުގުޅައެވެ. މިހާރު ނިދާގަޑިވެސް ޖެހިއްޖެއެވެ. އަލަމާރި ހުޅުވައިގެން ފާޑަކަށް ހެދުންތައް ހާވަން ހުއްޓައި ޞިދްރާއައިސް ، ޒަރޫންމަތިން ހަނދާންވަނީތޯ ސުއާލު ކުރިއެވެ. ޒަރޫންމަތިން ކަޝަފް ހަނދާނެއް ނުކުރެއެވެ. ޒަރޫންއާއެކީ އޭނާ ހޭދަކުރީ އެންމެ ދެދުވަހެވެ. އަނެއްކާ ދެދުވަސްތެރޭ އެނބުރި އެގެޔަށް ދާނެއެވެ. ހަނދާންކުރަންވީ ކޮންކަމަކާ ހުރެ ހެއްޔެވެ ؟ ކަޝަފަކީ ވަރަށް ލޯބިވާން ނޭނގޭ މީހެއްކަމުގައި ޞިދްރާ ބުންޏެވެ. އަޞްލުގައިވެސް ކަންދިމާކުރިގޮތުން ކަޝަފަކީ ލޯބިވާން ނޭނގޭ މީހެކެވެ. ލޯތްބަކީ ކޮން އެއްޗެއްކަމެއް އަދި ، ކަޝަފަކަށް ނޭނގެއެވެ. އޭނާ މީހަކާ އިނަސް އެއިނީކީ ލޯބިވެގެންނެއް ނޫނެވެ. ގަޔާ ވެގެންނެވެ. ލޯބިވެވެންޏާ އެކަންވާން އަދި ދުވަސް ނަގާނެއެވެ.

ކަޝަފް އުފާވޭތޯ ޞިދްރާ ސުއާލު ކުރިއެވެ. އެސުއާލަށް ދޭނެ ޖަވާބެއް ކަޝަފަކަށް ނޭނގެއެވެ. އުފާވެރިކަމަކީ ކަޝަފް ވިސްނާކަމެއް ނޫނެވެ. އެހެނީ އުފާވެރިކަމަކީ ކަޝަފަށް އިތުބާރު އޮންނަ ކަމެއް ނޫނެވެ. އެއީ ގޮނޑުދޮށަށް ޖަހާ ރާޅުހެން އައިސްސާ ބީހިލާފައި މަޑުނުވެ ދާ އެއްޗެކެވެ. މޮޔަވާހަކަ ނުދެއްކުމަށް ކަޝަފްގެ ކިބައިން ޞިދްރާ އެދެއެވެ. ކަޝަފަށް އެލިބުނީ ނުލާހިކު ރަނގަޅު ޢާއިލާއެއްގެ އެހާމެ ރަނގަޅު ފިރިޔެކެވެ. އެކަމުގެ ޔަޤީންކަން ހިތުގައި ބާއްވާން ޞިދްރާ އެދުނެވެ. އެހެންނަމަވެސް ، އެއްވެސް މީހަކަށް އަދި އެއްވެސް ކަމަކަށް ކަޝަފްގެ ހިތުގައި އިތުބާރެއް ނޯވެއެވެ. ދިރިއުޅުމުގައި އަންނަންހުރި ހުރިހާ ރަނގަޅުކަމަކަށް ކަޝަފް ބިރުގަނެއެވެ. އެއީ އެހިސާބުން އެކަން ނިމިދާނެތީއެވެ. އެއުފާވެރިކަމާއި ހަމަޖެހުން ގިނައިރު ލިބިފައި ނޯވެދާނެތީއެވެ.

އެކަމަކު ، ޞިދްރާއަށް އެކަމުގެ ޔަޤީންކަން އޮވެއެވެ. ކުރިން ޞިދްރާއަކަށްވެސް އެކަންކަމަށް އިތުބާރެއް ނުކުރެވެއެވެ. އެހެނަސް ، ދިރިއުޅުން ކުރިޔަށް ދިޔަދިޔަހެން މަޑުމަޑުން އޭނާގެ ހިތުގައި އެކަމުގެ ޔަޤީންކަން އުފެދި އާލާވަމުން ދިޔައެވެ. ދިރިއުޅުމަކީ އަބަދު ގޯސް ވަގުތު އައިސް ، އަބަދުވެސް ގޯސްކަންކަން އަންނަ އެއްޗެއް ނޫނެވެ. ކޮންމެ ގޯސް ވަގުތަކަށް ނިމުން އަންނާނެއެވެ. އަދި ގޯސް ވަގުތު ނިމުމާއެކު ރަނގަޅު ވަގުތުވެސް ލަހެއް ފަހެއްނެތި އަންނާނެއެވެ. އަދި އެވަގުތު ގިނަދުވަހު ދެމިވެސް އޮންނާނެއެވެ. ދިރިއުޅުމަކީ އެއީއެވެ. ޞިދްރާގެ ތަޖުރިބާ އޭނާގެ ދައްތައާ ޙިއްސާ ކުރަމުން ގެންދިޔައެވެ. ޞިދްރާގެ ވާހަކަތަކުން ކަޝަފްގެ މޫނުމައްޗަށް އުފާވެރިކަން އައިސް ހިނިތުންވުމެއް އުފެދުނެވެ. ކަޝަފްގެވެސް އުއްމީދަކީ އޭނާގެ ދިރިއުޅުމަށް އަންނަ އުފާވެރިކަން ދެމިގެން ދިއުމެވެ. ގޯސްވަގުތުވެސް އަންނާނެއެވެ. އެވަގުތުތައް ލަހެއްނުވެ ނެތިގޮސް އުފާވެރިކަމުގެ ގިނަވަގުތުން ކަޝަފާއި ޒަރޫންގެ ދިރިއުޅުމަށް ބާއްޖަވެރިކަން ލިބިގެންދިއުމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.