ދެކަފި - 86

(9 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ކަށްޓެއް ނުފެނެއެވެ. އެކަމަކު ، ތިއީ ފޮރުވިފައި ކަށިހުންނަ އެއްޗެކެވެ. " މާނަފުން ގޮތަކަށް ކަޝަފް ބުންޏެވެ.

ކަޝަފް އެބުނީ ވަރަށް ހަރުބަހެއްކަން ރާފިޢާ ދެނެގަތެވެ. އެހެންނަމަވެސް އޭނާގެ ދަރިފުޅުގެ ހިތް ވަސްވާސްތަކުން ތަޣައްޔަރު ކުރާކަށް ބޭނުމެއް ނުވިއެވެ. މިއަދު ޑޮކްޓަރަށް ދައްކަން ގޮސްފައި ބޭރުން ކައިގެން އަންނަ ވާހަކަ ޒަރޫން ބުންޏެވެ. މަންމަވެސް އަހަރެމެންނާއެކު ހިނގާށޭ ކަޝަފް ބުންޏެވެ. އެހެން ނަމަވެސް ރާފިޢާއަކަށް ބޭރުން ކާކަށް އެހާ ހިތްގައިމެއް ނޫނެވެ. އޭނާއަށް ކަމުދަނީ ގޭގައި ކައްކާ އެއްޗިއްސެވެ. ރާފިޢާ މާދަމާ ފުރަން އޮތީމަ ބޭރަށް ޖައްސައިލީމަ ރަނގަޅުވާނެ ކަމަށް ބުނެ ކަޝަފް ދޫނުކުރުން ، ރާފިޢާވެސް އެމީހުންނާއެކު ބޭރަށްދާން އެއްބަސް ވިއެވެ.

ނިދުމުގެ ކުރިން މޭވާއެއް ކާލައި ވާހަކަ ދައްކާލަން ކަޝަފާއި ޒަރޫން ކޮޓަރީގައި ޖައްސާލައިގެން ތިއްބެވެ. ނަމަކާމެދު ވިސްނައިފިންތޯ ޒަރޫން އަހައިލައެވެ. ނޫނެކޭ ބުނެ ކަޝަފް ޖަވާބު ދިނެވެ. އެހެންވިއްޔާ އެއްކުއްޖަކަށް ކިޔާނެނަން ނިންމާނީ ކަޝަފްގެ ޢާއިލާއިންނެވެ. އަނެއް ކުއްޖާއަށް ކިޔާނެނަން ޚިޔާރުކުރާނީ ޒަރޫންގެ ޢާއިލާއިންކަމަށް ޒަރޫން ބުންޏެވެ.

އެއީ ވަރަށް ފީކަޅާ ޚިޔާލެއްކަމަށް ކަޝަފް ބުންޏެވެ. ފިރިހެނުންނަށް ކޮންކަމެއް ހެއްޔެވެ. ދަރިން އުފަން ކުރީމާ އެމީހުންނަށް އެނިމުނީއެވެ. ހުރިހާ ބުރައެއް އޮންނާނީ މައިންނަށެވެ. އެކަމާ ޒަރޫން ދެކޮޅެވެ. ކަޝަފް ވިހޭމަ ، އޭނާގެ ދަރިފުޅަށް އަޅައިލާތަން ދައްކާލާނެއެވެ. ޒަރޫން ކުރާނީ ކީއްތޯ ކަޝަފް ސުއާލު ކުރިއެވެ. ކުއްލިޔަކަށް  ބުނާނެ އެއްޗެއް ޒަރޫންގެ ހިތަކަށް ނައެވެ. ކުޑަކޮށް އެކަމާ ވިސްނައިލިއެވެ. އެންމެ ދެރަވެގެން ކުދިންގެ ނެޕީވެސް އޭނާ ބަދަލު ކުރާނެއެވެ.

" އަހަރެން ގޮތަށް އެކުދިން ހުތުރު ކުދިންނަށް ވެއްޖިއްޔާއޯއެވެ ؟ " ކަޝަފް ބުންޏެވެ.

ކަޝަފް އެހެން ބުނުމުން ޒަރޫން އެހާ ހިތްހަމައެއް ނުޖެހުނެވެ. އަދި އެކަހަލަ ވާހަކަ ނުދައްކާށޭ ކަޝަފް ގާތު ބުންޏެވެ. އަދި ކަޝަފަކީ ، ރީތި އަންހެން ކުއްޖެއްކަމުގައި ޒަރޫން ބުންޏެވެ. ކަޝަފްވެސް އެއްޗެއް ހީނުކުރާށޭ އޭނާ މަޖާ ކޮށްލީއޭ ބުންޏެވެ. އަދި އެކަމާ އެހާ ކަންބޮޑުވާނެކަމެއް ނެތްކަމަށް ކަޝަފް ބުންޏެވެ. އެއީ ، ކަޝަފް އެހެން ބުނިވާހަކައެއް ނޫނެވެ. ޒަރޫން އާ ސުއާލެއް ކޮށްލަންތޯ ކަޝަފް އެހިއެވެ.

ޒަރޫން ކަންބޮޑުވެގެން ހާސްވިއެވެ. ކަޝަފް ސުއާލު ކުރުމުގެ ކުރިންވެސް އެކުރާ ސުއާލަކަށް އޭނާ އިނީ ކަންބޮޑުވެ ބިރުގެންފައވެ. ކަޝަފް ކުރަން އެއުޅޭ ސުއާލަކީ ޒަރޫން އެހީކުރާވަރުގެ ބިރުގަންނަ ސުއާލެއް ނޫނެވެ. ޒަރޫން ހަމަޖެހިލާފައި ސުއާލު ކުރާށޭ ބުންޏެވެ. އެހެންނަމަވެސް އެވަގުތު ، އެސުއާލު ކުރާކަށް ކަޝަފް ބޭނުމެއް ނުވިއެވެ. އެ ސުއާލު ކުރާނީ ކޮންމެވެސް އެހެން ފަހަރަކުންނޭ ބުނެ ހީލިއެވެ.

 ------------------------

ރާފިޢާ އިސްލާމްއާބާދަށް ގޮސް އައިކަން އެނގުމުން ، މުރުތަޟާ އެގެޔަށް ޒިޔާރަތްކޮށް ، ކަޝަފްގެ ޙާލު އޮޅުންފިލުވިއެވެ. ރާފިޢާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދެއެވެ. މުރުތަޟާ ވެސް އިނީ ހިތްހަމަ ޖެހިފައެވެ. ކަޝަފްގެ ޙާލު ރަނގަޅެވެ. ޒަރޫން އޭނާއަށް ވަރަށް އަޅައިލައެވެ. ދެކުދިންވެސް ވަރަށް ގުޅިގެން އެބަ އުޅެއެވެ. ނަސީބު ރަނގަޅުކަމުން ރާފިޢާގެ ދެކުދިންވެސް ކައިވެނި ކުރީ ރަނގަޅު ޢާއިލާގެ ކުދިންނާއެވެ. ރަނގަޅު ޢާއިލާގެ ކުދިން ރަނގަޅު ވާނެއެވެ. ރާފިޢާ އޭނާގެ ކުދިން ވަރަށް ފުރިހަމަޔަށް ތަރުބިއްޔަތު ކޮށްފައިވާކަމަށް މުރުތަޟާވެސް އެއްބަސް ވިއެވެ. އެކަމަކު ރާފިޢާއަށް އެއީ ދިގު ދަތުރެކެވެ. އޭނާ އެކުރި ދަތުރުގެ މާލިމީއަކީވެސް ފަޅުވެރިޔަކީވެސް ރާފިޢާއެވެ. މުރުތަޟާއަށް ބުނާނެ އެއްޗެއްވެސް ނޭނގި ހިމޭންވެފައި އިނެވެ.

ޒަރޫން ޕޮޓްތަކެއް ހިފައިގެން އައިސް ، ގަސްއިންދުމުގެ މަސައްކަތުގައި މަސްޣޫލު ވެގެން އުޅެނިކޮށް ، ކަޝަފް ކޮފީހިފައިގެން އާދެއެވެ. ޒަރޫން އަކީ ކުރިން ، ގަސްއިންދަން އެހާ ޝަޢުޤުވެރިކަން ހުންނަ މީހެއް ނޫނެވެ. އެކަމާ ކަޝަފްހުރީ ޢަޖައިބު ވެފައެވެ. ޒަރޫން އެއިންދަނީ ދެގަހެކެވެ. އޭނާއަށް ލިބެން އެއުޅޭ ދެކުދިންނާއެކު އެދެގަސްވެސް ހެދެމުން ބޮޑުވަމުން އަންނާނެއެވެ. އެދެގަހަށް ޒަރޫންވަނީ ދެނަމެއްވެސް ދީފައެވެ. އެދެނަން އެނގެން ކަޝަފްވެސް ބޭނުންވިއެވެ. އެއްގަހަށް އޭނާ ދިނީ ޖުޕިޓަރުގެ ނަމެވެ. އަނެއް ގަހަށް ދިން ނަމަކީ މާރސް އެވެ. ޒަރޫންގެ މޮޔަކަމާމެދު ކަޝަފްގާތަށް ހިނި އައެވެ. ޒަރޫން އެވަނީ ޖުޕިޓަރާއި މާރސް ޕޮޓަކަށް ލައި ބަންދު ކޮށްފައެވެ. ހެމުން ހެމުން  ކަޝަފް ސަމާސާ ކޮށްލިއެވެ.

ޒަރޫން އޭނާގެ ދެކުދިންނަށް ޚިދުމަތްތެރި ބައްޕަޔަކަށް ވާނެކަމުގައި ވަޢުދު ވެއެވެ. ކަޝަފްގެ ނަމެއް އޭގެތެރެޔަކަށް ނާދެއެވެ. ޒަރޫން އެބުނި އެއްޗަކާ ގުޅިގެން ކަޝަފްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މިދުވަސްކޮޅު ކަޝަފްގެ މޫނުމަތިން ހަމަނުޖެހުމުގެ ކޮންމެވެސް އަސަރެއް ހުންނަކަން ޒަރޫން ފާހަގަ ކުރިއެވެ. އަދި އެކަމާބެހޭގޮތުން ކަޝަފާ ސުއާލު ކުރިއެވެ. އޭނާ ރަނގަޅުކަމަށާއި އެއްވެސް ކަމެއް ނުވާކަމަށް ކަޝަފް ބުންޏެވެ.

ކަޝަފް ޖޫސް ބޮއެފިންތޯ އާއި ބޭސް ކައިފިންތޯ ޒަރޫން އެހިއެވެ. ކަޝަފް އެހުރިހާ ކަމެއް ކޮށްފިންކަމަށް ބުންޏެވެ. ޒަރޫންވެސް އެކަމާ އުފާވެ ، ކަޝަފްގެ އަމިއްލަ ހަށިގަނޑަށް ބަލައިގެން އުޅުމަށް ނަސޭޙަތްތެރި ވިއެވެ.

ފޯނެއް އައުމާއެކު ޒަރޫން އެފޯނު ނަގައެވެ. އެއީ ޣަޒާލާގެ ފޯނެކެވެ. މަންމަ މަތިން ހަނދާންވާވާހަކަ ޒަރޫން ބުންޏެވެ. އެއާއެކު ، އަނބިމީހާ ޒަރޫންގާތު ހުންނާތީ މައިންބަފައިން މަތިން ހަނދާންވާނެކަމަށް ހީނުކުރާކަމަށް ޣަޒާލާ ބުންޏެވެ. ޒަރޫން އެއަށް ރައްދު ދެމުން މަންމައާއި ބައްޕަގެ މަތިން ހަނދާން ނުނެތޭނެކަމުގައި ބުންޏެވެ.

ޣަޒާލާ ޤަބޫލުކުރާ ގޮތުގައި ކައިވެނީގެ ފަހުން ޒަރޫންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަތަން އޭނާއަށްވެސް އެބަ ފެނެއެވެ. ކުރިޔަށްވުރެބޮޑަށް ޒިންމާ ނަގައިގެން އުޅޭކަން އެނގޭވަރު ވެއެވެ. އެއީ ޣަޒާލާގެ ޅީދަރިފުޅުގެ މަސައްކަތުން އަންނަ ބަދަލެއްކަމުގައި ޒަރޫން ބުންޏެވެ. މަންމަޔަށް ކަޝަފް ވަރަށް އިޙްތިރާމް ކުރެއެވެ. އެވާހަކަ ޒަރޫން ނުބުންޏަސް ޣަޒާލާއަށްވެސް އިޙްސާސް ކުރެވެއެވެ. އެކަމަކު ކަޝަފް މަސައްކަތް ކުރަމުން ގޭގެކަންކަންވެސް ފުރިހަމަކުރަމުން ގެންދެއެވެ. ކަޝަފް އެއުޅޭ ޙާލާމެދު ޒަރޫން ވިސްނައި ކަޝަފް ރަނގަޅަށް ބަލައި  އަޅައިލުމަށް ޣަޒާލާ އެދުނެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. ކަޝަފަކީ މަސައްކަތަށް ލޯބިކުރާ މީހެކެވެ. ގެޔަށް އައިސްވެސް އެންމެ އިރުކޮޅަކުވެސް ހިމޭނަކުން ނުހުރެއެވެ. ގޭގައި ނޯކަރަކުވެސް އެބަ އުޅެއެވެ. އެންމެ ނޯކަރަކު ގެންގުޅޭތީ އެކަމާ ޣަޒާލާ ހިތްހަމަ ނުޖެހުނެވެ. އެކަމަކު ދެނޯކަރުން ގެންގުޅޭވަރަކަށް އެމީހުންނަކަށް ލާރިއެއް ނުލިބެއެވެ. ޒަރޫން އެކަހަލަ ވާހަކަ ދައްކާތީ ޣަޒާލާގާތަށް ހިނިއައެވެ. އަދި ، ބައްޕަގާތު ބުނެގެން އިތުރު ނޯކަރެއް ހަމަޖައްސައިދޭނެކަމަށް ޣަޒާލާ ބުންޏެވެ. އެހެންނަމަވެސް ޒަރޫން އެކަމާ ދެކޮޅު ހެދިއެވެ. އެހެން ހަދައިފިނަމަ ކަޝަފް ހިތްހަމަ ނުޖެހިދާނެއެވެ. ކަޝަފަކީ ވަރަށް ހީވާގި އަދި މުރާލި އަނތްބެއްކަމުގައި ޒަރޫން ބުންޏެވެ.

ކޮޓަރި ތެރޭގައި ޒަރޫން އެކަނި އިންދާ ކަޝަފަށް މެސެޖްތަކެއް އާދެއެވެ. ކަޝަފް ފެންނަން ނެތީމަ ދެކޮޅު ބަލައިލާފައި ކަޝަފްގެ ފޯނު ޗެކްކޮށްލިއެވެ.  ކަޝަފް އައިސް ވާހަކަ ދެއްކުމުގެ ތެރޭގައި އޭނާގެ ފޯނު ، ޒަރޫން ޗެކްކުރީތޯ އަހައި ސުއާލު ކުރިއެވެ. މެސެޖްތަކެއް އައިމަ ޒަރޫން ޗެކްކޮށްލީ ކަމުގައި ޒަރޫން ބުންޏެވެ. އެކަމުން ޒަރޫންއަށް ސަލާމަތެއް ނުވެވުނެވެ. ފޯނާބެހޭ ސުއާލު ކަޝަފް ކުރީ ، ކަޝަފްގެ ފޯނު ، ޒަރޫން ނެގިތަން ކަޝަފަށް ފެނިގެންނެވެ.

ކަޝަފްގެ ފޯނު ޒަރޫން ޗެކްކުރުމަކީ ކަޝަފް އެހާ ހިތްހަމަ ޖެހޭކަމެއް ނޫނެވެ. އެވާހަކަ ވަރަށް މަޑުމައިތިރިކަމާއެކު ޒަރޫންގާތުގައި ބުންޏެވެ. އެއީ އެހާ ބޮޑުކަމަކަށް ނުހަދާށޭ ޒަރޫން ބުންޏެވެ. އެމީހުންނަކީ ދެމަފިރިންކަމަށާއި ދެމަފިރިންގެ މެދުގައި އަމިއްލަ އަދި ސިއްރު ކަމެއް އޮވެގެން ނުވާނެކަމަށް ޒަރޫން ބުންޏެވެ. ދެމަފިރިންކަމަށްވިޔަސް ފޯނަކީ ވަރަށް އަމިއްލަ އެއްޗެއް ކަމަށާއި ، ދެމަފިރިންގެ މެދުގައިވެސް އަމިއްލަ ކަންކަން ހުންނާނެކަމަށް ކަޝަފް ޤަބޫލު ކުރެއެވެ. އަދި ޒަރޫން ބުނެގެން ނޫނީ ޒަރޫންގެ ފޯނު އޭނާ ނުނަގާކަމަށް ބުންޏެވެ. އަދި ކަޝަފްގެ އަމިއްލަ ވަންތަކަމަށް ކޮންމެވެސް މިންވަރަކަށް ޚިޔާލު ބެހެއްޓުމަށް ޒަރޫންގެ ކިބައިން އެދުނެވެ.

ޒަރޫން ، އެއްވެސް ކަމެއް ކަޝަފަށް ސިއްރެއް ނުކުރެއެވެ. އަދި ކަޝަފް ބޭނުންކަމަށް ވަންޏާ ، ކޮންމެ އިރަކުވެސް ޒަރޫންގެ ފޯނު ޗެކްކުރަންވީ ކަމުގައި ޒަރޫން ބުންޏެވެ. އެއީ ޒަރޫންގެ ވިސްނުމާއި ނިންމުމެވެ. އެކަމަކު ކަޝަފްގެ ހުރިހާކަމެއް ޒަރޫންއާ ޙިއްޞާ ކުރުމަކީ ކަޝަފަށް އެހާ ފަސޭހަކަމެއް ނޫނެވެ. ކަޝަފް ނެތިސް ، އޭނާގެ ފޯނު ، އޭނާގެ ފިރިމީހާ ޗެކް ކުރުމަކީ ކަޝަފަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

" އަހަރެމެން ދެމީހުންނަކީ ، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން އެކަކު އަނެކެއްގެ އަމިއްލަ ކަންތައްތަކާ ނުބެހި ދިރިއުޅެވޭނެ ބައެއް ނޫން ހެއްޔެވެ ؟ ކައިވެނީގެ ގުޅުމަކީ ، އެހެން ހުރިހާ ގުޅުމަކާ ޙައްޤެއް ނިގުޅައިގަންނަ އެއްޗަކަށް ވެގެން ނުވާނެ ދޯއެވެ. " ކަޝަފް ސުއާލު ކުރިއެވެ.

ކަޝަފް ވާހަކަ ދައްކަމުން ގެންދިޔައިރު ، ޒަރޫން އެއްވެސް އެއްޗެކޭ ނުބުނެ ކަޝަފް ދައްކާ ވާހަކަތައް އަޑުއަހަން އިނެވެ. ބައެއް ފަހަރަށް ހިތްހަމަ ނުޖެހިގެން ދެބުމަ އަރުވައި ލެވެއެވެ. ކަޝަފްގެ ވާހަކަ ނިމުމުން ، ކަޝަފް އޭނާއަށް އިތުބާރު ނުކުރަނީތޯ ޒަރޫން ސުއާލު ކުރިއެވެ.

" އަހަރެންނަށް ހީވަނީ ޒަރޫން އަހަރެންނަށް އިތުބާރު ނުކުރަނީ ހެންނެވެ. އެހެންނޫންނަމަ ، އަހަރެން ނެތިސް އަހަރެންގެ ފޯނު ނަގައިގެން ޗެކެއް ނުކުރާނެއެވެ. " ކަޝަފް ޖަވާބު ދިނެވެ.

" ތިގޮތަށް ޒަރޫން ކަންތައްކޮށްގެން ސާބިތު ކޮށްދޭން ތިއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ އަހަރެންނަކީ ރަނގަޅު އަނތްބަކަށް ވާނެ ކަމަށް ހެއްޔެވެ ؟ އަދި ޒަރޫންއަކީ ބަރުގަދަ ފިރިޔަކަށް ވާނެކަމަށް ހެއްޔެވެ؟ ތިކަހަލަ ކަންތައް ކުރަންޏާ ވެއްޓޭނީ އެކަކު އަނެކެއްގެ އަގެވެ. އަހަރެމެންގެ ގުޅުމަށް އެކަމުގެ އަސަރު ކުރާނީއެވެ. ކުރިންވެސް އަހަރެމެން މިތިބީ ވަރިފަށަށް އަރާފައެވެ. " ކަޝަފް ބުންޏެވެ.

" ކަޝަފް އެވެ ! އަހަރެންނަށް މަޢާފު ކުރާށެވެ. ކަޝަފްގެ ފޯނު އަހަރެން ޗެކް ކޮށްގެން ނުވާނެއެވެ. ކަޝަފް ގެ ހިތަށް އުނދަގޫވާނެކަމެއް ކުރުމަކީ އަހަރެންގެ މަޤަޞަދެއް ނޫނެވެ. " ޒަރޫން ވަރަށް ވިސްނާފައި ޖަވާބު ދިނެވެ.

ކަޝަފް އެންމެ ރަނގަޅޭ ބުނެ ކާންހަދަން ދިޔައެވެ. ކާން އިނދެގެންވެސް ކަޝަފްގެ ހިތުގައި ހުރި ހަމަނުޖެހުންތައް ހާމަކުރަމުން ގެންދިޔައެވެ.

" އަހަރެން ކުރިން ދިރިއުޅުނީ ވަރަށް އުނދަގޫ ، ނިކަމެތި ދިރިއުޅުމެކެވެ. ޚާއްޞަކޮށް ބައްޕައެއްގެ ގޮތުގައި ހުރި ފިރިހެނެއްގެ ފަރާތުން އަހަރެންނަށް އެތައް ތަކުލީފުތަކެއްވަނީ ލިބިފައެވެ. ފިރިހެނުންނަށް އިތުބާރު ކުރުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަހަރެންނަށް މިއުޅެވޭ ގޮތަކީ އެހެންވެ އުޅެވޭ ގޮތެކެވެ. ޒަރޫންއަކީ އަބަދުވެސް ފުދިގެން ދިރިއުޅުނު މީހެކެވެ. ބޭނުންވާ ހުރިހާ އެއްޗެއް ލިބިގެން ދިރިއުޅުނު މީހެކެވެ. އަހަރެމެންނަކީ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކައި ރެޔާ ދުވާލު މަސައްކަތްކުރަން މަޖުބޫރުވެފައި ތިބެ ބޮޑެތިވެފައިތިބި ބަޔެކެވެ. ބައްޕައެއްގެ އެއްވެސް އަޅައިލުމެއް ލިބިފައެއް ނުވެއެވެ. ހިތްވަރެއްދޭންވެސް ހުރީ ހަމައެކަނި އެކަނިވެރި މަޔެކެވެ. ފަހަރެއްގައި ޒަރޫންއަށް އަހަރެން މިދައްކާ ވާހަކަ ނުވިސްނިދާނެއެވެ. އަދި އަހަރެންނަށް ހެދެނީ ގޯސްކަމުގައިވެސް ފެނިދާނެއެވެ. " ކަޝަފްގެ ވާހަކަ ނިންމައިލިއެވެ.

" އަހަރެންގެ ދިރިއުޅުމުގައި އެއްވެސް ތަކުލީފެއް ނުއުފުއްލާކަމަށް ކަޝަފަށް ހީވަނީ ހެއްޔެވެ ؟ " ޒަރޫން ވާހަކަ ދައްކަން ފެށިއެވެ.

" ޒަރޫން އެވެ ! ޒަރޫންގެ ދިރިއުޅުމުގައި ނުލިބިގެން އުޅުނީ ކޮންކަމެއް ހެއްޔެވެ؟ މަދުވަނީ ކޮން އެއްޗެއް ހެއްޔެވެ ؟ " ކަޝަފް ސުއާލު ކުރިއެވެ.

" ކަޝަފްއެވެ ! ދަތި ތަކުލީފާއެކު އެކެއްގެ ދިރިއުޅުން ބަށްޓަން ވުމުގެ މާނަޔަކީ އެހެން މީހުންގެ ދިރިއުޅުން އުފާވެރިކަމުން ފުރިގެންވުމެއް ނޫނެވެ. އިންސާނާގެ ދިރިއުޅުމުގެ މާޒީން ދީފައިވާ ތަކުލީފަކީ މުސްތަޤްބަލް ބަނަކޮށްދޭ ހަތިޔާރަކަށް ވެގެން ނުވާނެއެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫންގެ ދިރިއުޅުމުގައި ނެތުނީ ކޮން އެއްޗެއް ހެއްޔެވެ ؟ " ކަޝަފް ސުއާލު ކުރިއެވެ.

" އަހަރެންގެ ބައްޕަޔާއި މަންމަގެ ދިރިއުޅުމުގެ ވަށްޓަފާޅީގައި އެކަކު އަނެކަކަށް އަޅައިނުލުން އަހަރެންގެ ދިރިއުޅުމުގައި ތަޖުރިބާ ކުރީމެވެ. މަންމަ އަހަރެމެންނާއެކު ދިރިއުޅުނު ނަމަވެސް ، އަހަރެމެންގެ ދިރިއުޅުމުގައި މަޔަކު ނެތްކަން އަހަރެން އިޙްސާސް ކުރީމެވެ. އެއީ އަހަރެންގެ ރައްޓެހިންގެ ގޭގެއިން އަހަރެންނަށް ފެނުނު މަންޒަރެއް ނޫނެވެ. ކަޝަފް އެވެ ! މުއްސަނދިކަމާއި ފޯރުންތެރިކަމަކީ ފަހަރެއްގައިވެސް ގުޅުމެއް ފުރިހަމަކޮށްދޭނެ ތަކެއްޗެއް ނޫނެވެ. " ޒަރޫން ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.