ދެކަފި - 84

(7 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާގެ ފިރިމީހާ ވިއްޔާއެވެ. މައްސަލައެއް ނެތެވެ. ކަޝަފަށް ޝައްކުކުރީ ޒަރޫންއެވެ. އެއްޗެހިކިޔައި ޒުވާބު ފެށީ ޒަރޫންއެވެ. ޒަރޫން މިހާރު މަސައްކަތް ކުރަމުން އެގެންދަނީ އެކަމަށް މަޢާފަށް އެދި އިހުއޮތްގޮތަށް ގުޅުން ދެމެހެއްޓޭތޯއެވެ. އެކަމަކު އެކަންވާނީ ކަޝަފްވެސް އޭނާއާ ވާހަކަ ދައްކައިގެން ނޫން ހެއްޔެވެ ؟  ޒަރޫންއަކީ ކަޝަފްގެ ފިރިމީހާ ހެއްޔެވެ ؟ ނޫނީ އޭނާގެ ނޯކަރެއް ހެއްޔެވެ ؟

ކަޝަފް ތައްޔާރުވެގެން އައިސް ބޭރަށް ދަމާހޭ ބުންޏެވެ. އެކަމަކު ޒަރޫން ބޭރަށްދާން ބޭނުމެއް ނުވިއެވެ. އެހެންކަމަށްވަންޏާ ބޭރަށް ކާން ދާވާހަކަ ބުނެ އޭނާ ތައްޔާރު ކުރުވީ ކީއްވެތޯ ކަޝަފް ސުއާލު ކުރިއެވެ. އެއީ ޒަރޫންއަށް ކުރެވުނު ކުށެއްކަމަށް ޒަރޫން ބުންޏެވެ.

" ޒަރޫން އެވެ ! ނިކަން ވިސްނާލަ ބަލާށެވެ. މާދަމާއަކީ ސާރާގެ ކައިވެނި އޮންނަ ދުވަހެވެ. އިރުއިރުކޮޅުން ޒަރޫންގެ މިޒާޖަށް ތިއަންނަ ބަދަލުން އަހަރެމެންނަށް އެ ރަސްމިއްޔާތުގައި ، ސާރާ އުފާވާގޮތަށް ބައިވެރި ވެވޭނގޮތެއް ނިކަން ބުނެ ބަލާށެވެ . " ކަޝަފް ބުންޏެވެ.

ޒަރޫންއަށް ފެންނަ ގޮތުގައި އެއީ ކަޝަފާ ބެހޭ މައްސަލައެއް ނޫނެވެ. އެހެން ވިއްޔާ އެންމެ ރަނގަޅޭ ބުނެ ކޮޓަރިން ނުކުމެގެން ކަޝަފް ހިނގައްޖެއެވެ.

އެރޭ ނިދަން އޮށޯވެފަވެސް ކަޝަފް އިސްވެ ޒަރޫންއަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި ޒަރޫންވެސް ވާހަކައެއް ނުދައްކައެވެ. އަނެއްފަރާތަށް އެނބުރި ކަޝަފް ނިދަން ތައްޔާރުވިއެވެ. ޒަރޫން ކަޝަފަށް ޖެއްސުން ކުރުމަށްޓަކައި ދެފައި ނަގާ އެނދުމަތީ ތަޅަން ފެށިއެވެ. އަދި އޭނާގެ އަމިއްލަ ނަފުސާ ވާހަކަ ދައްކަމުން ގެންދިޔައެވެ. އިސާހިތަކު ކަޝަފް ގާތަށް ނިދި އައެވެ. އޭނާ އޮތީ ދެބަ ދޭތެރޭގައެވެ. ޒަރޫންބުނާ ކޮންމެ އެއްޗަކަށް ކަޝަފްވެސް ދެބަ ދޭތެރޭ އޮވެ ޖަވާބު ދެމުން ގެންދެއެވެ.

ކައިވެންޏަކީ ދުނިޔޭގައިވާ އެންމެ މުޑުދާރު ގުޅުމެވެ. އާނއެކެވެ. އަހަރެން އެއްބަސް ވަމެވެ. ކަޝަފް ދެބަ ދޭތެރޭގައި އޮވެގެން ޖަވާބު ދެއެވެ. އެހެންވިއްޔާ ކައިވެނި ކުރާނެ ކަމެއް ނެތެވެ. އެކަން ކުރީ ޒަރޫން ނޫން ހެއްޔެވެ. އެއީ ޒަރޫން ބުނި ވާހަކަ އެކެވެ. ޒަރޫން ވެސް އެވާހަކަ ބުންޏެވެ. ދެވަނަ ފަހަރަކަށް އަހަރެންނަށް ފުރުޞަތު ލިބިއްޖިއްޔާ މަރުވިޔަސް ހުންނާނީ މީހަކާ ނީނދެއެވެ. އަހަރެންވެސް މީހަކާ ނީންނާނަމެވެ. މަރުވެއްޖިއްޔާ އަލުން އަހަރެން ދުނިޔެއަށް އަންނާކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެންވެސް ދުނިޔެއަށް އަންނާކަށް ބޭނުމެއް ނުވާނެއެވެ. މިކަމަކާ ހުރެ އަހަރެންގެ ސިކުނޑި ހަލާކުކޮށްފިއެވެ. އެހިސާބުން ކަޝަފަށް ރަނގަޅަށް ނިދިއްޖެއެވެ. ކަޝަފްގެ އަޑެއް ނީވުނެވެ.

ބައްޕައާއި މަންމަޔާއެކު ހެނދުނުގެ ނާސްތާ ކުރަން ތިބިއިރުވެސް ކެއުމަށްވުރެ ކަޝަފާއި ޒަރޫންއަށް އިސްކަން ދެވުނީ އެކަކު އަނެކަކާ ދިމާއަށް ހިތާ ހިތުން އެއްޗެހި ކިޔުމަށެވެ. ކަޝަފްގެ ހިތް އޮންނަނީ އަރާ ސިދްރަތުލް މުންތަހާގައެވެ. ޒަރޫންގެ ހިތަށް އެރި ކޮންމެ އެއްޗަކަށް ކަޝަފްގެ ހިތްވެސް އޭނާގެ ހިތާ މުޚާތަބުކޮށް ވާހަކަ އެއް ބުނެއެވެ. މުޅި ޢުމުރުގައިވެސް ޒަރޫން އުޅޭނީ އެހެންނެވެ. ހަތްފެނުގައި ކެއްކިޔަސް ހަތްގުދު ރެހީގެ ގުދެއް ނުފިލާނެއެވެ. ދެދުވަހުން އެއްދުވަހު މިޒާޖު ބަދަލުކޮށް އެހެން މީހުންނަށް ނުފޮރުއްޕާނަކަށް ވާނެއެވެ. އަނެއްދުވަހު ސްވިޗް ނިއްވާލައި ، އެކުރެވުނު ކަމެއް ރަނގަޅުކުރަން މަސައްކަތް ކުރާނެއެވެ. ޒަރޫންއަކީ ދުވަހަކުވެސް ބަދަލުވާނެ މީހެއް ނޫނެވެ.

ކަޝަފް ނުކެވިގެން ތަށީގައި އޮތް ބިސްގަނޑާ ކުޅެން އިންތަން ޣަޒާލާއަށް ފެނުނެވެ. އަދި ކީއްހޭ ތިކުރަނީ ރަނގަޅަށް ނާސްތާ ކުރާށޭ ބުނެއެވެ. ކަޝަފް އިނީ ކާހިތް ކެނޑިފައެވެ. އެވާހަކަ ޣަޒާލާގާތު ބުންޏެވެ. ޖުނައިދަށް އެވާހަކަ ފާހަގަ ކުރެވި އަޅައިގަތެވެ.

ކިހާ ރަނގަޅު ހެއްޔެވެ ؟ ކުށެއް ކުރެވިއްޖިއްޔާ އިންސާނާ މަޢާފަށް އެދޭނެއެވެ. އެކަމަކު މިއަންހެނާ އޭނާގެ ގޮތެއް ދުލެއް ނުކުރާނެއެވެ. ކޮންމެ ފަހަރަކު ގޮތް ދޫކުރަން ޖެހޭނީ އަހަރެންނެވެ. ޒަރޫން އިނީ ދެބުމަ ގޮށް ޖަހައިގެންނެވެ. މިފަހަރަކު އަހަރެންނެއްވެސް ގޮތެއް ދުލެއް ނުކުރާނަމެވެ. ކަޝަފް އަހަރެންނާ ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ އަހަރެންވެސް ކަޝަފަކާ ވާހަކައެއް ނުދައްކާނަމެވެ. ކަޝަފް ބޭނުން ދުވަހެއް ވަންދެން މިޒާޖު ބަދަލުނުކޮށް ވާހަކަ ނުދައްކާ ހުންނާށެވެ. އަހަރެންވެސް ހުންނާނީ ކަޝަފް އަހަރެންނާ ވާހަކަ ނުދައްކާ ހުރި ދުވަހަކު ވާހަކަ ނުދައްކައެވެ. އެނގިދާނެތާއެވެ ! ޒަރޫން އެއްނޭވައިން ޖޫސްތަށި ދަމައިލުމަށްފަހު ، އަހަރެން ޕެކް ކުރަން އެބަހުއްޓޭ ބުނެ ތެދުވިއެވެ. އަހަރެން ޕެކްކޮށްފީމޭ ޒަރޫން ޕެކް ކުރާކަށް އެއްޗެއް ނުހުންނާނޭ ބުނެ ކަޝަފް ، ވަގުތުން ޖަވާބު ދިނެވެ.

އެވަގުތު ކަޝަފާ ދިމާއަށް ޖުނައިދު ބަލައިލިއެވެ. އަދި ކަޝަފަށް ވެފައި އިންގޮތް ޖުނައިދު ދެނެގަތެވެ. ކަޝަފް މިފަހަރު އެގޭގައި މަޑުކޮށްލުމަށް ޣަޒާލާ އެދުނެވެ. ސާރާގެ ކައިވެނީގެ ކަންތަކުގައި އެހާ ބުރަކޮށް އުޅެން ޖެހުނީމަ ކަޝަފް ހުންނާނީ ވަރުބަލިވެފައިކަމަށް ޣަޒާލާ ބުންޏެވެ. އަދި ކައިވެނީގެ ކަންތަކުގައި ކަޝަފް ވަރަށް ފުރިހަމަޔަށް ޣަޒާލާއަށް އެހީތެރިވެދިން ކަމަށްޓަކައި ކަޝަފަށް ޝުކުރު އަދާ ކުރިއެވެ. ޣަޒާލާއިނީ ވަރަށް ލޯބިން ، ކަޝަފްގެ ކޮނޑުމަތީ އަތް ބާއްވާލައިގެންނެވެ. މަންމަމެން ގެޔަށްގޮސް ދެދުވަހަކު މަޑުކޮށްލާފައި އެގޭގައި ހުންނަން އަންނާނެކަމަށް ކަޝަފް ވަޢުދު ވިއެވެ. ޣަޒާލާއާއި ކަޝަފާ ދެމެދު އެހުރިހާ ވާހަކައެއް ދެކެވުނުއިރު ، ޖުނައިދު އިނީ ފުން ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. ކަޝަފާއި ޒަރޫންގެ ގުޅުމުގައި ރެނދު އަޅަމުންދާތަން އޭނާއަށް ފެންނަ ކަހަލައެވެ. ޣަޒާލާއަކީ އެކަހަލަ ކަންކަން ފާހަގަ ކުރެވޭވަރަށްވުރެ ، ދުނިޔެއަށް ހިތްކިޔާ މީހަކަށްވާތީ ، އެއިން އެއްވެސްކަމެއް ޣަޒާލާއަކަށް އިޙްސާސެއް ނުކުރެވެއެވެ. އެކަމަކު ، ޖުނައިދަށް އެކަންކަން އެބަ ފެނެއެވެ. އިޙްސާސް ވެސް އެބަ ކުރެވެއެވެ.

" އަހަރެންނާ ކައިވެނިކުރެވިގެން ޒަރޫން އެކަމުގެ މޮޔަ ހިތަށް އަރަނީ ހެއްޔެވެ. " ކަޝަފް ސުއާލު ކުރިއެވެ. އެސުއާލަށް އާނއެކޭ ބުނެ ޒަރޫން ޖަވާބު ދިނެވެ.

" އެއީ ގޯސްކޮށް ހިނގިކަމެއްގައި ޒަރޫންގެ ކުރިމަތީ އަހަރެން ގޮތް ދޫނުކޮށް އިސް އުފުލައިލީމާ ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ.

" ނޫނެކެވެ. ކަޝަފަށް ، ކަޝަފްގެ ކުށެއް އޮތްކަން އެނގިވެސް މަޢާފަށް އެދޭކަށް ނޭނގުނެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫން އެވެ ! އަހަރެން އެއްވެސް ކުށެއް ނުކުރަމެވެ. އަދި ، ގޯސްކަމެއް ނުކުރެވޭއިރު ، އާންމު އެހެން އަންހެނުން ހަދަންޖެހޭހެން  ، ފިރިމީހާގެ ކިބައިން އަބަދު މާފަށް އެދޭކަށް އަހަރެންގެ ހިތެއް ނޭދެއެވެ. " ކަޝަފް ބުންޏެވެ.

" ކަޝަފަށް އެނގޭ ހެއްޔެވެ ؟ ވަޒީފާ އަދާ ކުރާ އަންހެންވެރިންގެ މައްސަލަޔަކީ ތިއީއެވެ. ގޮތް ދޫނުކުރުމަކީ ، ތިމާއަށް ލިބިގެންވާ އެންމެ އަގުބޮޑު ރައުސުލްމާލުކަމަށް އެވެރިން އެދެކެނީ ކީއްވެގެންކަމެއް ނޭނގެއެވެ. " ޒަރޫން ބުންޏެވެ.

" ޒަރޫންގެ ވިސްނުން ރަނގަޅެވެ. އަހަރެމެން ދެމީހުން ކައިވެނި ކުރުމަކީ އަހަރެމެންނަށް ކުރެވުނު ވަރަށް މޮޔަ ކަމެކެވެ. އެންމެ ދެރަވެގެން އަހަރެން މި ކައިވެންޏަށް އިންކާރުކުރި ސަބަބު މިއަދު މިއޮތީ ފެންނާށެވެ. އެކަމަކު މިކަމުގައި ކުށްވެރިޔަކީ ޒަރޫން އެކަންޏެއް ނޫނެވެ. އަހަރެންގާތު ޒަރޫން ކަނޑަމުންގެންދިޔަ ފޮނިބައިސާގެ އަވާގައި ޖެހި، މިހާރު އަހަރެންގެ ހިތުގައި ޒަރޫންގެ މައްޗަށް ލޯބި އުފެދިފައި އޮތްނަމަވެސް ،  ކުރިން ލޯބިވެސް ނުވެ ، ކައިވެންޏަށް އާނބަސް ބުނެވުން އެއީ އަހަރެންނަށް ކުރެވުނު މޮޔަ ކަމެކެވެ.  " ކަޝަފް ބުންޏެވެ.

" އަހަރެންގެ ހިތުގެ އިޙްސާސްތައް ދުވަހަކުވެސް ޒަރޫންއަކަށް ނުއެނގޭނެއެވެ. އަހަރެންނަކީ ކާކުކަން ޒަރޫންއަކަށް ދެނެއެއް ނުގަނެވޭނެއެވެ. އަބަދުވެސް އިސްވާން ޖެހޭނީ ޒަރޫންގެ އިޙްސާސް ތަކެވެ. އަނެކާގެ ޙާލަތަކީ ޒަރޫންއާ ވާބެހޭކަމެއް ނޫނެވެ. " ކަޝަފް އިތުރަށް ބުންޏެވެ.

" ނޫނެކެވެ. ކަޝަފް ނޭނގިގެން މިއުޅެނީ އަހަރެންނަކަށް ނޫނެވެ. ކުށްވެރިޔަކީ ކަޝަފެވެ. " ޒަރޫން އެބުނިއެއްޗަކަށް އެންމެ ރަނގަޅޭ ބުނެ އެހިސާބުން ކަޝަފްގެ ވާހަކަ ހުއްޓާލައެވެ.

ކަޝަފް އިނީ ފެންކަޅިވެ ރޮވޭ ގޮތްވެފައެވެ. ފިރިހެނުންނަކަށް ދުވަހަކުވެސް އަންހެނުންގެ އިޙްސާސްތައް ދެނެގަންނާކަށް ނޭނގޭނެއެވެ. ނުވަތަ އެކަމަށް ބޭނުމެއް ނުވާނެއެވެ. ޚާއްޞަކޮށް ފިރިހެނުން އެމީހުންގެ އަނބިންގެ ގޮތުގައި ގެންގުޅޭ އަންހެނުންގެ ހިތުގެ އިޙްސާސްތައް ފިރިހެނުންނަކަށް ނުވިސްނޭނެއެވެ. އަންހެނުންނަކީ ، އެމީހުން އަޅައިލާ ހަމްދަރުދީވާން ބޭނުންވާނެ ބައެއް ނޫނެވެ. އަދި އަންހެނުންނާމެދު ވިސްނައިލާން އެމީހުންނަކަށް ވަގުތެއް ނުލިބޭނެއެވެ. ފިރިހެނުން ވިސްނާނީ ހަމައެކަނި އެމީހުންގެ އަމިއްލަ އެދުމަށާއި ، ލޯބިވެރިންގެ މައްޗަށެވެ. އަނބިމީހާއާ ދޭތެރޭ އެއްގޮތަކަށްވެސް ނުވިސްނާނެއެވެ. ކަޝަފަށް އެކަން ސާފުވެ މިއެނގުނީ މީހެއްގެ އަނތްބަކަށް ވީ ފަހުންނެވެ.

ކަޝަފް އަށް ޤަބޫލުކުރެވޭގޮތުގައި ޒަރޫނަށް މިހާރު އެހުންނަނީ އޭނާއާ އިނދެވުނު މޮޔަހިތަށް އަރާފައެވެ. އެއީ އެކަން އޮތްގޮތްތޯ ސުއާލު ކުރުމުން ޒަރޫން އެއަށް އާނއެކޭ ބުނެ ޖަވާބު ދެއެވެ. ޒަރޫން އެބުނަނީ ރަނގަޅަށެވެ. ކަޝަފާއި ޒަރޫންއަކީ އިނދެގެން އުޅެވޭނެ ދެމީހެއް ނޫނެވެ. ދެމީހުންގެ މިޒާޖާއި ވިސްނުން އެހައި ތަފާތެވެ. ޒަރޫންއަކީ އަންހެނުންގެ އިޙްސާސްތައް ދެނެގަންނަން އެނގޭ މީހެއް ނޫނެވެ. އެންމެ ރަނގަޅޭ ބުނެ އެހިސާބުން އެވާހަކަ ، ކަޝަފް ނިންމައިލައެވެ.

------------------------

ދެމަފިރިންގެ މެދުގައި އުފެދިފައިވާ ހޫނުގަނޑުގައި ޒަރޫންގާތުގައި ހާސްކަންމަތީ ހުރުމަކީ ކަޝަފަށް ކުޅަދާނަކަމަކަށް ނުވިއެވެ. އޭނާ މަންމަގެޔަށް އާދެއެވެ. ޒަރޫންއާ ބެހޭގޮތުން މަންމަ ސުއާލުކުރުމުން ކޮންމެވެސް ޖަވާބެއް ދޭން މަޖުބޫރު ވިއެވެ. ޒަރޫން އޮފީސްކަމެއްގައި އިސްލާމްއާބާދަށް ހިނގައްޖެކަމަށް ބުނެ ކަޝަފް އެކަމުން ސަލާމަތް ވެއެވެ. ހިތަށް ލިބިފައިވާ ހަމަނުޖެހުމާއި ހިތްދަތިކަމުގެ އެއްވެސް އަސަރެއް މަންމައަށް އެނގުނަކަ ނުދެއެވެ. ރާފިޢާގެ ހަމައެކަނި އުއްމީދަކީ ، އޭނާގެ ކުދިންނަށް އުފާފާގަތި ދިރިއުޅުމެއް ﷲ މިންވަރު ކުރެއްވުމެވެ. އެކަމަށް އެދި އޭނާ އަބަދުވެސް ﷲ އަށް ދުޢާ ދަންނަވައެވެ. ކަޝަފް އުޅެނީ ކުޑަކޮށް ބަލިވެއެވެ. އެކަމާ ރާފިޢާ ކަންބޮޑުވުމުން ޑޮކްޓަރަށް ދައްކަން ދާން ކަޝަފް ނިންމައެވެ.

ކަޝަފް ޑޮކްޓަރަށް ދެއްކުމުން އޭނާ ބަލިވެއިންކަމުގައި ޑޮކްޓަރ ބުނެއެވެ. އެއީ އަދި ޓްވިންސެވެ. ޑޮކްޓަރަށް ދައްކާ ނިމުމުން އައިސް ކާރަށް އެރުމާއެކު ކަޝަފަށް ރޮވެން ފެށިއެވެ. އޭނާގެ ދިރިއުޅުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު ، ޒަރޫންގެ ޢަމަލުތައް ހުރިގޮތުން ، ބަލިވެ އިނުމަކީ އޭނާއަށް ހަދާނެގޮތް ބޮޑުވި ކަމެކެވެ. ވާންޖެހޭ އުފަލަށްވުރެ ބޮޑަށް ލިބިގެންދިޔަ ހާސްކަން ބޮޑެވެ. މުސްތަޤްބަލް އޭނާއަށް ދައްކާނެ މަންޒަރު ނޭނގޭތީއެވެ. ޑޮކްޓަރުން ނިމިގެން މަންމަގެޔަށް ދިއުމުގެ ބަދަލުގައި ކަޝަފް ދިޔައީ ޒަރޫންގެ ގެޔަށެވެ. ކޮޓަރިޔަށް ވަދެ ކަޝަފަށް އެންމެ ފުރަތަމަވެސް ފެށީ ރޯށެވެ.

ޒަރޫން އޮފީހުގައި އިންދާ އަސްމަރާ ފޯނުކޮށް ވާހަކަ ދައްކައިލުމަށް ބޭނުންކަމުގައި ބުނެ އެދެމީހުން ކޮންމެވެސް ތާކުން ބައްދަލު ކުރުމަށް ނިންމައެވެ. އޮފީސް ނިމިގެން ޒަރޫން ގެޔަށް އައިސް ކޮޓަރިޔަށް ވަތްއިރު ، ގޮނޑީގައި ކުރުގެޅިގެން އޮވެ ކަޝަފް ރޮމުން ގެންދިޔައެވެ. ޒަރޫންއަށް ކަޝަފްގެ ރުއިމުން ކަންބޮޑުވިއެވެ. އަދި ކަޝަފް ގާތަށް އައިސް ގޮނޑީގައި އިށީނދެ ކަޝަފް މަސަލަސްކޮށް ، ރުއިން ހުއްޓައިލުމަށް ޒަރޫން އެދެއެވެ. އަދި ، ހަމަޖެހިލައިގެން ވީކީއްތޯ ބުނުމަށް ޒަރޫން އެދުނެވެ.

" އަހަރެން މިއަދު ޠަބީޢަތް ރަނގަޅުނޫންހެން ހީވެގެން ޑޮކްޓަރަށް ދިޔައިމެވެ. ޑޮކްޓަރ ބުނީ އަހަރެން ، އެއްމާބަނޑު ދެކުދިންނަށް ބަލިވެ އިން ވާހަކައެވެ. " ކަޝަފް ރޮމުން ރޮމުން ބުންޏެވެ.

ޒަރޫންއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ކަޝަފް ރޮމުން ގެންދިޔައެވެ. ޒަރޫންއަށް ހުއްޓުން އެރިއެވެ. އަދި އޭނާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އުފަލުން ފޮޅުނެވެ. އަދި އެއީ ރޯންޖެހޭކަމެއްނޫންކަމަށް ޒަރޫން ބުންޏެވެ. އެއީ އުފާކުރަންޖެހޭ ކަމެއްކަމުގައި ޒަރޫން ބުނެއެވެ.

ޒަރޫންއަށް ލިބުނު އުފާވެރިކަމުގައި ، ކޮންޓްރޯލުން ނެއްޓި އޭނާގާތަށް ހިނިއައެވެ. އަދި ކަޝަފާ ދިމާއަށް ބަލަހައްޓައިގެން އިނދެ ، ކަޝަފް މަސަލަސް ކުރެވޭތޯ ބަލަމުން ގެންދިޔައެވެ. އޭނާ ބައްޕަޔަކަށް ވަނީއެވެ. ޒަރޫންގެ މަންމަމެންނަށް އެ ޚަބަރު ދިނީމަ އުފަލުންގޮސް މޮޔަވާނެއެވެ. ރާފިޢާގެ އުއްމީދުގައި ކުލަޖެހިގެން ދިޔައީއެވެ. ކަޝަފް ބަލިވެއިންކަން އެނގުމުން އެންމެ އުފާވާނީ ރާފިޢާއެވެ. އެއީ ރާފިޢާގެ ދެވަނަ އަދި ތިންވަނަ މާމަ ދަރިއެވެ. ޞިދްރާއަށް މިހާރުވަނީ ކުއްޖަކު ލިބިފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.