ރާއްޖެއަށް މިހާރަށް ވުރެ ރަނގަޅު އިންޝުއަރަންސް ނިޒާމެއް ބޭނުންވޭ؛ ނާޒިމް

ރާއްޖެއަށް މިހާރަށް ވުރެ ރަނގަޅު އިންޝުއަރަންސް ނިޒާމެއްވެސް ބޭނުންވާ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ކާރިސާތައް އަންނަނީ ހަމައެކަނި ރާޅު އަރައިގެން ނޫން ކަމަށާއި، ރާއްޖެއަށް މިހާރަށް ވުރެ ރަނގަޅު އިންޝުއަރަންސް ނިޒާމެއްވެސް ބޭނުންވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި ބިދޭސީން ތިބޭ ގެތަކާއި އެހެން ތަންތަން ރައްކާތެރިކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ހެލްތް އިންޝުއަރަންސް އޮންނަ ފަދައިން ހުރިހާ އިމާރާތްތަކެއް ހިމެނޭހެން ފުރިހަމަ އިންޝުއަރަންސް ނިޒާމެއް ޤާއިމުކުރާނެ ކަމަށެވެ.

ސުނާމީ ހާދިސާގެ ހަނދާންތަކާއެކު ނާޒިމް ވިދާޅުވީ އެ ހާދިސާ އަޅުގަނޑުމެންގެ ހިތްތަކުން ފިލާގޮސްފި ކަމަށާއި އެމްއެންޕީން މިޖަލްސާ ބޭއްވުމުގެ މަޤްސަދަކީ މިހާދިސާ ހަންދާނަށް ގެނައުން ކަމުގަ އެވެ. އަދި އެދުވަހު ފުރަތަމަ މަސައްކަތް ފެށި ގޮތަށް 36 ގަޑިއިރު ހޭލާ ހުރި ކަމަށާއި ވަގުތީ ބޯހިޔާކަން ހުރިހާ ދިވެހިންނަށް ލިބެންދެން ނާޒިމް ހުންނެވީ މަސައްކަތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މިފަދަ ހާދިސާއެއް ހިނގައިފިނަމަ ކަންކުރާނެ ގޮތް ކަނޑައަޅާ މީހުން ހޭލުންތެރި ކުރަންޖެހޭ ކަމަށާއި ވޭތުވެ ދިޔަ ސަރުކާރުތަކުން މިކަމުގައި ފެއިލް ވެއްޖެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި މުޅިރާއްޖެ ހިމެނޭ ގޮތަށް ފުރިހަމަ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހި ކޮންމެ ރައްޔިތަކަށް އެމައުލޫމާތު ފޯރުކޮށްދީ މިފަދަ ކާރިސާތަކުގައި އަމަލުކުރާނެ ގޮތް ފުރިހަމައަށް އޮޅުންފިލުވައިދޭނެ ކަމަށާއި އެމްއެންޕީގެ ސަރުކާރެއްގައި ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ޤާއިމުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.