އެމްއެންޕީ ޔޫތް ވިންގް ގެ ފަރާތުން ކުޅިވަރު މުބާރާތްތަކެއް ކުރިއަށް ގެންދަނީ – ކޮންމެ މުބާރާތެއްގެ އެއްވަނައަށް 5000 ރުފިޔާ

މޯލްޑިވްސް ނެޝަނަލް (އެމްއެންޕީ) ޔޫތް ވިންގް ގެ ފަރާތުން އިންތިޒާމުކޮށްގެން ކުޅިވަރު މުބާރާތްތަކެއް ފަށައިފިއެވެ.

އެގޮތުން ކުރިއަށް ގެންދަނީ ކެރަމް، ޗެސް އަދި ޕީއެސް 5 ފީފާ މުބާރާތެއް ކަމަށާއި މިއީ މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތްތަކެއް ކަމަށް އެ ޕާޓީން ބުނެއެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތްތަކުގައި ކޮންމެ މުބާރާތެއްގެ އެއްވަނަ ހޯދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތްތަކުގެ ތެރެއިން ޕީއެސް 5 ފީފާ މުބާރާތް ހަވީރީ ހިނގުމުގައި ހުންނަ އެމްއެންޕީ ޔޫތު ލައުންޖްގައި ކުރިއަށްދާއިރު، ކެރަމް މުބާރާތައި ޗެސް މުބާރާތް ކުރިޔަށްދަނީ ސިއްތިމާވާ ހިނގުމުގައި ހުންނަ އެމްއެންޕީގެ ޖަގަހަ (ގ. ޕޫލް ޑްރީމް) ގައެވެ.

އެމްއެންޕީ ޕީއެސް 5 ފީފާ މުބާރާތަކީ އެޕާޓީން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ.

މިމުބާރާތައް ފެށުމަށާއި ޕީއެސް 5 ފީފާ މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެމްއެންޕީ ޔޫތު ލައުންޖްގައެވެ.

31 ބައިވެރިންނާއެކު ނޮކް އައުޓް އުސޫލުން ކުޅޭ މިމުބާރާތް ކުރިޔަށްދާއިރު، މިހާރު ކުޅެވެމުން ދަނީ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗްތަކެވެ. މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ.

އެމްއެންޕީ ޗެސް މުބާރާތް ކުރިއަށްދަނީ ރައުންޑް ރޮބިން އުސޫލުން (ހުރިހާ ކުޅުންތެރިންނާއެކު ރައުންޑް އުސޫލުން) ނެވެ. 23 ކުޅުންތެރިންނާއެކު މި މުބާރާތް ފެށީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި މުބާރާތުގެ ފަހުމެޗުތައް އެމްއެންޕީ ޖަގަހައިގައި ވަރަށްފޯރިއާއެކު މިހާރުދަނީ ކުރިއަށެވެ.

އެމްއެންޕީ ކެރަމް މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުގެ ރޭ ނޮކްއައުޓް އުސޫލުންނެވެ. މިމުބާރާތުގައި 19 ޓީމެއްގެ ޖުމްލަ 38 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

އެމްއެންޕީގެ ޔޫތު ވިންގގެ ލީޑަރ އުމައިރު އަޙްމަދު ވިދާޅުވީ އެވިންގގެ ފަރާތުން މިފަދަ ގިނަ މުބާރާތްތަކެއް ކުރިޔަށް އޮތް ތަނުގައި އިންތިޒާމު ކުރާނެ ކަމަށާއި، އެމްއެންޕީއަކީ ޒުވާނުންނަށް ކުޅިވަރާއި ސިޔާސީ ހަރަކާތުގައި ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދޭނެ ޕާޓީއެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.