އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖަނަވަރީ 14 ގަ ބާއްވަނީ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީ ބާއްވާ ތާރީޚު އެ ޕާޓީން ހާމަކޮށްފި އެވެ.

އެ ޕާޓީން ބުނީ މި ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 14 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި އެމްއެންޕީން ނެރޭނެ ކެންޑިޑޭޓަކީ ކޮބައިތޯ ބެލުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އެޕާޓީން އިއުލާން ކޮށްފައިވަނީ އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް އެވެ.

އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި ސަރުކާރު ޒިންމާދާރު ކުރުވާ އިދިކޮޅު ޕާޓީއަކަށް އެމްއެންޕީ ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ދައުލަތުން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ޕާޓީގެ ގައުމީ ހިންގާ ކައުންސިލުން މިފަދަ ނިންމުމެއް ނިންމި ކަމުގައިވީ ނަމަވެސް، އެޕާޓީގެ ސިޔާސަތަކީ ވިޕެއް ނެރެ، ވަކި ވަކި މެންބަރުން ވޯޓަށް ނުފޫޒު ނުފޯރުވާ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަޖިލީހުގައި ވޯޓު ދިނުމަށް ބާރުއެޅުން ކަމަށް އެ ޕާޓީން ބުނެއެވެ.

އެމްއެންޕީގެ ފުރަތަމަ ގައުމީ ކައުންސިލް ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓާ ބެހޭ ގޮތުންނާއި، ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުންނާއި، މިހާރު ރައްޔިތުންގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮތް އެއް މައްސަލަ ކަމަށްވާ ޗާގޯސް މައްސަލަ ހިމެނެ އެވެ.

ބަޖެޓާ ގުޅޭ ގޮތުން ކުރި މަޝްވަރާގައި، ސަރުކާރުން ހުށަހަޅާފައި ވަނީ ވަރަށް ބަރު ބަޖެޓެއް ކަމަށާއި، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަށް ރިއާޔަތް ކުރެވިފައި ނުވާ ކަމުގައި ބައެއް މެންބަރުން ފާހަގަކުރި ކަމަށް އެމްއެންޕީން ބުނެ އެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ހުންނަ ގޮތުން އިސްރާފު ގިނަވެފައި ވާކަމާއި، ބަޖެޓުގައި ހިމަނަން ޖެހޭ މުހިއްމު ބައެއް ކަންކަން ހިމެނިފައި ނެތްކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.