ރައްޔިތުންނަށް ޚިދުމަތްކޮށްދޭން އަބަދުވެސް ބޭނުންވޭ: ދުންޔާ

ސަރުކާރާ ގުޅުނީ ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެ ދިމާލަކަށް މަސައްކަތްކުރަން ބޭނުންވާތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރެްވި ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ "ސޯސަލް އިންޓަރވިއު" ގެ ނަމުގައި ފޭސްބުކްގައި ކުރިއަށް ގެންދާ ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގަ އެވެ.

އެކަމަނާ ވިދާޅުވީ އޭރު، ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެގްރީ ނުކުރެވޭ ޑެތް ޕެނަލްޓީ އާ ބެހޭ އިޝޫއަކާ ގުޅިގެން ކަމަށެވެ.

ދުންޔާ ވިދާޅުވީ ހަމައެއާއެކު އެކަމަނާގެ އާއިލާ ތެރޭގައި ވެސް، ރައީސް ޔާމީންގެ ބައެއް ކަންތައްތަކާ ހިތްހަމަނުޖެހިގެން ރައީސް ޔާމީން އާއި އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި ދެމެދު ވަރަށްބޮޑެތި ޑިސްއެގްރީމެންޓް ހިނގާފައިވާތީ ކަމަށެވެ.

އެހެންނަމަވެސް އަލުން ޖޮއިންކުރަން ނިންމީ ކޮންމެވެސް ވަރެއްގެ ރިގްރެޓެއް އުޅޭތީ ކަމަށާއި އެކަމަނާއަކީ އަބަދުވެސް ވަޒީފާގަ އަދި މީހުންނާއެކީ މަސައްކަތްކުރާ މާހައުލެއްގައި އުޅޭ ހިތްވާ މީހަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ސާބިތުވެ ހުންނަން ބޭނުންވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަށް އަސްލު ވަޒީފާއަކާ ނުލައި ހުރުން ދަތި. އެކަމާ ގުޅިގެން އަޅުގަނޑު ނިންމީ އަލުންވެސް ރައްޔިތުންނަށް ޚިދުމަތެއް ކޮށްދެވޭނެ ދިމާލަކަށް މަސައްކަތްކުރަން. އޭރު އަޅުގަނޑު ޖޮއިން ކުރީ ހެލްތު މިނިސްޓްރީއަށް." ދުންޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ ފޮރިން މިނިސްޓްރީގައި ވަޒީފާ އަދާކުރެއްވިއިރު، ބޭރުގެ އެކި ގައުމުތަކަށް ދަތުރުކޮށް، ރާއްޖެ ތަމްސީލުކުރުމަށް ވަރަށްގިނަ ފުރުސަތުތައް ލިބުނު ކަމަށާއި ބޭރުގައުމުތަކުގެ އިސްވެރިންނާއި ތަފާތު އެކި ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް ރާއްޖެ ތަމްސީލުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނުކަމަށް ވެސް ވިދާޅުވި އެވެ.

އެހެންނަމަވެސް އެންމެކުރާހިތްވަނީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އެގޮތުން ފޮރިން ސަރވިސްގެ ބިލުގެ މަސައްކަތް ކުރެއްވިކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެ ބިލުގެ މަސައްކަތަކީ އެކަމަނާ މަގާމާ ހަވާލުވުމުގެ ކުރިން ފެށިފައިވާ މަސައްކަތެއް ނަމަވެސް އެމަގާމުގައި ހުންނެވިއިރު، އެކިއެކި މާހިރުންގެ އެހީއާއެކު ބިލު ނިންމުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފޮރިން މިނިސްޓަރކަމުގެ މަގާމުން، ދުންޔާ އިސްތިއުފާދެއްވީ ޖުލައި 2016 ގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.