ރާއްޖޭގެ މިނިވަންކަން މިއަދު ވަނީ ބޭރުގެ ގައުމަކަށް ހިލޭ އެހީއެއްގެ ގޮތުގައި ވެދުން ކޮށްފަ: ދުންޔާ

ރާއްޖޭގެ މިނިވަންކަން މިއަދު ވަނީ ބޭރުގެ ގައުމަކަށް ހިލޭ އެހީއެއްގެ ގޮތުގައި ވެދުން ކޮށްފައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި  އެމްއެންޕީގެ ނައިބު ރައީސް، އޯވަރސީސް ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްއެންޕީ އިން " ރައްޔިތުންގެ އުދާސް" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ދުންޔާ ވިދާޅުވީ 1965 ގައި ރާއްޖެއަށް ލިބުނު މިނިވަންކަމަކީ އަމިއްލަ ޚާރިޖީ ސިޔާސަތެއް އެކުލަވާލާ، ހިންގުމުގެ މިނިވަންކަން ކަމަށެވެ. އިނގިރޭސި ވިލާތާއެކު ކުރި މުއާހަދާގެ ތިންވަނަ މާއްދާ ވަރަށް ސާފު ކަމަށް ވެސް ވިދާޅުވި އެވެ.

މި މިނިވަން ކަމަކީ އެހެންގައުމެއްގެ ނުފޫޒުން ބޭރުވެ، އެހެންގައުމެއްގެ އިރުޝާދު ވެސް ހޯދަން ނުޖެހި، ދިވެހިންނަށް ފެންނަގޮތެއްގެމަތިން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ހަރަކާތްތެރިވުމަށް ލިބުނު މިނިވަން ކަމެއްގެ ގޮތުގައިކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

އެހެންނަމަވެސް މި މިނިވަންކަން މި ގައުމުގައި މިވަގުތު އޮތް ތޯ ސުވާލުކޮށްލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ އެ މިނިވަންކަން މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ހިލޭ އެހީއެއްގެ ގޮތުގައި ބޭރުގެ ގައުމަކަށް ވެދުން ކޮށްފައި ކަމަށެވެ.

މިއަދުގެ ހާލަތަކީ ބޭރުގެ ގައުމެއްގެ ރުހުން ހޯދައިގެން މެނުވީ ދިވެހި ސަރުކާރަށް ބޭރުގެ އެހެން ގައުމަކަށް "ހަލޯ" ވެސް ބުނެލަން ނުކެރޭކަމަށާއި ހުއްދައެއް ނެތްކަން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގަ ހުންނަ އެމްބަސީތަކުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށާއި ދިވެހިންނަށް ލިބެންޖެހޭ ޚިދުމަތްތައް ލިބުން ވެސް ދަތި ކަމަށް ދުންޔާ ވިދާޅުވި އެވެ. އަދި ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަކީ އެ ގައުމުތަކުގައި ރާއްޖޭގެ މަސްލަހަތު ކުރިއެރުވުމަށް، ރާއްޖެއަށް ފައިދާ އާއި މަންފާ ހޯދުމަށް ހުންނަ ދިވެހި ދައުލަތުގެ ވަރަށް މުގައްދަސް މުވައްސަސާތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކާރުން ވަނީ އެ އެމްބަސީތަކުގެ ޑިޕްލޮމެޓިކް ހުރުމަތް ވެސް ކަނޑާލާފަ. އެއީ ރައީސް އާއި ޚާރިޖީ ވަޒީރަށް ސަނާކިޔާ އެކްޓިވިސްޓުންނަށާއި އެމީހުންގެ އާއިލާތަކަށް ޚަރަދުކުރަން ހުންނަ ތަންތަނަށް ވެފަ." ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ރާއްޖޭގެ އެމްބަސީތަކުގައި ތިބޭނީ ޕްރޮފެޝަނަލް ޑިޕްލޮމޭޓުން ކަމަށެވެ. ރާއްޖޭގެ ދިފާއުގައި ވަކާލާތުކުރަން ކެރޭ، ވަކާލާތުކުރަން އެނގޭ އަދި ކިޔަވާ ތަމްރީނު ލިބިފައިވާ ދިވެހިން ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.