(18 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
" އަހަރެންނަކީ މަންމަ ނަމަ ، ޒަރޫން ބޭނުންވާ މީހަކާ އިނުމެއް ނުހުއްޓުވާނަމެވެ. " ސާރާ ބުންޏެވެ.
ޒަރޫންގެ އެމޮޔަ ޚިޔާލަށް ޣަޒާލާ އެއްބަސްނުވަނީ ކީއްވެގެންކަން ސާރާއަށް ވިސްނައިދެވޭތޯ ބެލިއެވެ. ޣަޒާލާގެ މައްސަލަޔަކީ ، ޒަރޫން ބޭނުންވާ މީހަކާ އިނުން ހުއްޓުވުމެއް ނޫނެވެ. އެކުއްޖާގެ ދިރިއުޅުމުގެ ފެންވަރެވެ. އެދެ ޢާއިލާގެ ފެންވަރުގެ ތަފާތެވެ. ޒަރޫންގެ ޢާއިލާއާ އެއް ފެންވަރުން ނުވިސްނައި އާދައިގެ ފަޤީރު ޢާއިލާއެއްގެ ކުއްޖަކާ ޒަރޫން އިންނަން ދިމާކުރުމެވެ. ސާރާގެ ޚިޔާލު އެކަމުގައި މަންމައާ ވަރަށް ތަފާތެވެ. އެކައިވެންޏަށް ސާރާ ނުޤަބޫލު ކަމަށްވިޔަސް ، އޭނާއެއް އެކަމެއް ނުހުއްޓުވާނެއެވެ. އެއީ ޒަރޫންގެ އަމިއްލަ ޙަޔާތާ ގުޅިފައިވާ އޭނާގެ އަމިއްލަ ކަމެކެވެ. ޒަރޫންގެ ދިރިއުޅުމުގައި ގެންގުޅޭނެ ކުއްޖަކު އިޚްތިޔާރު ކުރުމުގެ ފުރިހަމަ ޙައްޤު ޒަރޫންއަށް ލިބެން ޖެހޭނެއެވެ.
ޒަރޫންގެ ދިރިއުޅުމަށް އުފާވެރިކަން އައުމަށް ޣަޒާލާވެސް ނޭދެނީކީ ނޫނެވެ. އެކަމަކު އެމީހުންނާ އެއްދަރަޖައެއްގެ ބައިވެރިޔަކު ޒަރޫން އިޚްތިޔާރު ނުކުރުން އެއީ ޣަޒާލާ އެކައިވެންޏާ ދެކޮޅު ހަދާ އެންމެ ބޮޑު އެއް ސަބަބެވެ. ފަޤީރު ކުއްޖަކާ ޒަރޫން އިނދެގެން މީހުން ކުރާނެ މަލާމާތް އެއީ ޣަޒާލާއަށް މާމުހިންމު ކަމެކެވެ. ސާރާވެސް އެކަމުގައި މަންމަޔަށް ދުލެއް ނުކުރެ އެވެ. ސާރާ ހުރީ މަންމަ ނިންމާގޮތަކަށް އެކަން ދޫކޮށްލާކަށް ނޫނެވެ. ޒަރޫންގެ ދުލުން އެކުއްޖާގެ ނަން ކިޔާއަޑު ޣަޒާލާ އަހާފައެއް ނުވެއެވެ. އެކަމަކު އެކުއްޖާގެ ވާހަކަ ޒަރޫން ދައްކާ އަޑު ، ސާރާއަށް އޮތީ އިވިފައެވެ. އެ ވާހަކަތައް މަންމަގާތު ދެއްކުމުގެ ފައިދާއެއް ނެތެވެ. މަންމަގާތު އެވާހަކައެއް ނުދައްކާނެއެވެ.
އެ ކުއްޖަކާ ގަޔާވެގެން އުޅޭކަމަށް ވާނަމަ ، އަސްމަރާއާ އެންގޭޖް އެވީ ކީއްވެގެން ހެއްޔެވެ. އެއީ އެވާހަކަ ދެކެވެން ފެށީއްސުރެ ޣަޒާލާގެ ހިތުގައި އޮންނަ ސުއާލެކެވެ. އެ ސުއާލުގެ ޖަވާބު ދިނީ ސާރާއެވެ. އަސްމަރާއާ އެންގޭޖްވާން ޒަރޫންއަށް މަޖުބޫރުކުރުވީ އެމީހުން ކަން މަންމަޔަށް ސާފުކޮށްދިނެވެ. ޒަރޫން ހުރީ އަސްމަރާއާ އެންގޭޖްވާން ބޭނުން ވެފައެއް ނޫނެވެ. އެވާހަކަ އެތައްފަހަރަކު ޒަރޫން ވަނީ ބުނެފައެވެ. އެކަމަކު ދެފަރާތުގެ ޢާއިލާއިން މަޖުބޫރުކޮށްގެން އެކަން ކުރަން ޒަރޫންއަށް ޖެހުނީއެވެ. އެއީ އޭނާ ހިތްއެދިގެން ހިތާ އެއްކޮޅަށް ކުރި ކަމެއް ނޫނެވެ.
މައްސަލައެއް ނެތެވެ. ކޮންމެ ގޮތަކަށް އެކަން ހިނގާފައި އޮތްނަމަވެސް ، ޣަޒާލާހުރީ ޒަރޫން މިހާރު އިންނަން ބޭނުންއެވާ ކުއްޖާއާ ޒަރޫން ދެވަން ރުހިގެންނެއް ނޫނެވެ. ދިރިއުޅުމުގެ ފެންވަރުގެ ތަފާތު ދޫކޮށްލަމާ ހެއްޔެވެ ؟ އެންމެ ދެރަވެގެން ތިޔަ ކުއްޖެއްގެ ފުރިހަމަ މަޢުލޫމާތު އަހަރެމެންނަށް ލިބެން ޖެހޭނެއެވެ. ހަމަ ބުނާއިރަށް ކައިވެނީގެ ހުށަހެޅުން ހިފައިގެން ނާގްއާބާދަށް ދާންވީ ހެއްޔެވެ. ނާއާގްއާބާދަކީ ކަރާޗީގެ ފަޤީރު އަވަށް ގަނޑެކެވެ. އެތާނގައި މުޅިންވެސް ދިރިއުޅޭނީ ފަޤީރު ނިކަމެތިންނެވެ. ނާގްއާބާދުގެ ނަން އިވުމުން ސާރާވެސް ސިއްސައިގެން ދިޔައެވެ. އެއީ ތެދެއްތޯ ބެލުމަށް ޒަރޫންކުރެން އެވާހަކަ ސާރާ އަހައިލަން ޣަޒާލާ ބުނެއެވެ. ނާގްއާބާދަކީ ވަރަށް ފަގީރު މީހުން ދިރިއުޅޭ އަވަށް ގަނޑެކެވެ. ތަހުޒީބު ދިރިއުޅުމުގެ އެއްވެސް އަސަރެއް އެއަވަށަކުން ނުފެންނާނެ އެވެ. އެންމެ ދެރަވެގެން އެއަރކޮންޑިޝަން ގަނޑެއްހާ ހިސާބުވެސް އެ އަވަށަކުން ނުފެންނާނެއެވެ. ދެގަޑިން ދެގަޑިން ކަރަންޓް ކަނޑައިގެން ދާނެއެވެ. ބޯފެނާއި ފާޚާނާގެ ނިޒާމެއް ނުއޮންނާނެއެވެ. ފާޚާނާއިން ގިނައިރު ފެނެއް ނުލިބޭނެއެވެ. ޣަޒާލާގެ ކަންބޮޑުވުމަކީ އެއީއެވެ. އެވަރުތަނެއްގައި އުޅޭ ބަޔަކު ޣަޒާލާމެންގެ މުއްސަނދި ޢާއިލާއާ ގުޅުނީމަ މީޙުން ކިޔާނެ އެއްޗިއްސާއި ކުރާނެ މަލާމާތަކީ ޣަޒާލާއަށް އެހައި ފަސޭހައިން ޙަޖަމް ކޮށްލެވޭނެ ކަމެއް ނޫނެވެ. ޒަރޫންވަނީ ސާރާގެ ސިކުނޑިއާ ކުޅެލައިފައެވެ. ޒަރޫން ބޭނުންވާ ގޮތަކަށް ގޮތް ނިންމުމަށް ސާރާއަށް ވިސްނައި ދީފައެވެ. ސާރާ ، އެހާބޮޑަށް ޒަރޫންގެ ކޮޅަށް އެޖެހެނީ އެހެން ވެގެންނެވެ.
ޒަރޫން އޭނާގެ އާދައިގެމަތިން ، ދިރިއުޅުމުގައި ދިމާވަމުންދާ ކަންކަން ޑައިރީގައި ނޯޓުކުރުމަށް ލެޕްޓޮޕް ހިފައިގެން އިނެވެ. ދިރިއުޅުމުގައި ކުރިމަތިވާނެ އެންމެ އުނދަގޫ ކަމަކީ އެހެންމީހަކާމެދު ހިތުގައި އުފެދޭ އިޙްސާސްތަކާ ދުރުގައި އުޅުމެވެ. އެ އިޙްސާސްތައް ރައްދުވާ ކުއްޖަކާ ހަމަޔަށް ފޯރުކޮށްދިނުމެވެ. އެ އިޙްސާސްތައް އެންމެ ހިނދުކޮޅަކަށްވެސް ނެތިދާކަށް ހިތެއް ނޭނދޭނެއެވެ. އަންދުން ހިތް އެދޭ ގަޔާވާ އަންހެނެއްގެ އިޙްސާސްތައް ހިތާ ދުރުކުރުމަކީ ފިރިހެނުންނަށް ކުޅަދާނަ ކަމަކަށް ނުވާނެއެވެ. ކަޝަފާ އެވާހަކަ ދެއްކުމުގެ ކުރިންވެސް ، ކަޝަފް ޖަވާބުދާރީ ވާނެގޮތް ޒަރޫންއަށް ވިސްނެއެވެ. އެއީ ކަޝަފަކީ ޒަރޫން ރަނގަޅަށް ދަންނަ ކުއްޖަކަށް ވާތީއެވެ.
ޔުނިވަރސިޓީގައި އުޅުނު އިރު ކަޝަފްގެ ގިނަކަންކަން ހުންނަގޮތް ޒަރޫންވަނީ ތަޖުރިބާ ކޮށްފައެވެ. އެއީކީ ، އެހައި ފަސޭހައިން ފިރިހެނަކަށް ހައްލައި ލެވޭނެ މީހެއް ނޫނެވެ. ޒަރޫންއަށް ކަޝަފާ ވާޙަކަ ދައްކައިލުމަށް ލިބުނު ފުރުޞަތުގައި އޭނާއަށް ކަޝަފާބެހޭ އެހެން ތަޞައްވުރެއް ލިބުނެވެ. ޒަރޫންއާމެދު އެހައި ދެކޮޅުވެރި ޚިޔާލެއް ކަޝަފް އެގެންގުޅެނީ ކީއްވެގެން ހެއްޔެވެ ؟ ޔުނިވަރސިޓީގައި އަހަރެން އުޅުނުގޮތުން ހެއްޔެވެ ؟ އަންހެންކުދިންނާ މައްލަވަކުރަމުން ގެންދިޔަތަން ފެނިފައި އޮތީމާ ހެއްޔެވެ ؟ އެއީ ޒަރޫންއާ މެދު ކަޝަފްގެ ހިތުގައި ނަފުރަތު އުފެދެން ޙައްޤު ކަންތައްތަކެކެވެ. އަމިއްލަ ގޮތްތަކެއްގައި ހަރުދަނާ ޚުލްޤެއްގައި ޒަމާނީ އޮއިވަރުގެ ތެރެޔަށް ނުވަދެހުރި ކުއްޖަކަށް ، ޔުނިވަރސިޓީ ތެރޭގައި ޒަރޫންއަށް އުޅެވުނު ގޮތް އެއީ ބަލައިގަނެވޭނެ ގޮތްގޮތެއް ނޫނެވެ.
އެއްވެސް އެހެން އަންހެންކުއްޖަކު ބޭޒާރުކޮށް ނުލާވަރަށް ، އެހެން އެއްވެސް ކުއްޖަކަށް ޖެއްސުން ނުކުރާ ވަރަށް ޒަރޫންވަނީ ކަޝަފަށް އުނދަގޫ ކޮށްފައެވެ. އެއީ ކަޝަފް ކަހަލަ ކުއްޖެއްގެ ހިތުން ފިލުވައިލަން ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަން ޒަރޫނަށްވެސް ޤަބޫލު ކުރެވެއެވެ. އެހެނަސް ، އެހެން އެއްވެސް ކުއްޖަކާ ގާތްވުމަށްޓަކައި ޒަރޫން މަސައްކަތް ނުކުރާވަރަށް ، ކަޝަފް އާ ގާތްވުމަށްޓަކައި އޭނާ މަސައްކަތް ކޮށްފިއެވެ. އެހެން އެއްވެސް ކުއްޖަކާމެދު ވިސްނައިގެން ހިތަށް ތަދުނުވާވަރަށް ، ކަޝަފާމެދު ވިސްނައިގެން ޒަރޫންގެ ހިތަށް ތަދުވެއްޖެއެވެ. ވަކިކަމެއް ނުވެގެން ޒަރޫންގެ ކެތްތެރިކަން ނެތިދާނެ ވަރަށް ، ކަޝަފްގެ ކަންތަކުގައި އޭނާގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އެއީ ކީއްވެގެން ހެއްޔެވެ ؟ ޒަރޫން އޭނާގެ އަމިއްލަ ނަފުސާ ސުއާލު ކުރިއެވެ.
އަނެއްކޮޅުން ކަޝަފް އޭނާގެ ޑައިރީގައި ލިޔަމުން ގެންދިޔައެވެ. އަތަށް ލެވުނުހާ ބާރެއް ގަލަމަށް ލަމުންނެވެ. އޭނާގެ ހިތުގެ އުދާސްތައް ބާލަމުން އެގެންދަނީ އޭނާ ލިޔަމުންގެންދާ ގަލަމަށެވެ. ޒަރޫން ، ކަޝަފަށް ސާބިތުކޮށްދޭން އެއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ ކަޝަފަށް ކުރިމަތިވާ ކޮންމެކަމެއް އޭނާއަށް ވިސްނެއެވެ. އެކަމަކު މިކުރިމަތިވި ކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއްކަން ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. އެންމެ ދެރަވެގެން ސާރ އަބްރާރް އަށް ކަޝަފްގެ ވިސްނުމާއި ޚިޔާލު އެނގެން ވާނެއެވެ. ޒަރޫންއަކީ ، އަބަދުވެސް ކަޝަފް ހިތްހަމަ ނުޖެހޭ މީހެއްކަން ސާރ އަށް އެނގެން ވާނެއެވެ. ޔުނިވަރސިޓީގައި ދިމާވި ހުރިހާ ކަމެއް ސާރ އަބްރާރަށް އެނގޭނެއެވެ. އެއްވެސް މީހަކު ރުޅި ނުއަރުވާވަރަށް ، އެއްވެސް މީހަކު ބޭޒާރުކޮށް ނުލާވަރަށް އަދި އެއްވެސް މީހަކު ދެރަކޮށް ލަދުގަންނުވައިނުލާ ވަރަށް ޒަރޫން ހުރީ ކަޝަފާ ދިމާކޮށްފައެވެ. އެކަންކަން އެންމެ ބޮޑަށް އެނގޭނެ އެކަކީ ސާރ އަބްރާރެވެ. އެފަދަ މީހަކާ ކަޝަފް ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ ؟ ކަޝަފަށް ކަމުދާނެ ފިރިޔަކީ ޒަރޫން ކަހަލަ މީހަކަށް ވެދާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެކަމަކު އަހަރެން ބޭނުންވާ އަހަރެންނާ ގުޅޭ ފިރިހެނަކީ ކޮބައި ހެއްޔެވެ ؟ ހަމަ ގައިމުވެސް ޒަރޫނެއް ނޫނެވެ. އަދި އުސާމާއެއްވެސް ނޫނެވެ. ދެން ކޮންކަހަލަ ކާކު ހެއްޔެވެ ؟ ކަޝަފްގެ ޑައިރީގައި އެންމެ ފަހުން އެ ލިޔެލި ސުއާލުން އޭނާގެ އަމިއްލަ ނަފްސުވެސް އޭނާއަށް އޮޅިއްޖެއެވެ. އެސުއާލުގެ ޖަވާބު ހޯދާނީ ކިހިނެއް ހެއްޔެވެ ؟ ހަމަ ގައިމުވެސް މިވަގުތު ، ކައިވެންޏަކާމެދު ކަޝަފްގެ ޖަޒުބާތު ހުރިގޮތުން އެއީ ކާކުކަން ދެނެގަތުމަކީ އޭނާއަށް ކުރެވިދާނެ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ ، އޭނާގެ އަމިއްލަ ނަފްސު ކައިވެންޏަކަށް ތައްޔާރު ނުކޮށް ، ކައިވެނި ކުރާނެ މީހަކާމެދު ވިސްނާނީ ކިހިނެއް ހެއްޔެވެ. އެއީ ކުރެވޭނެ ކަމެއް ނޫނެވެ.
" ނާގްއާބާދުގައި ކަޝަފް ދިރިއުޅުން މައްސަލަޔަކަށްވީ ކޮން ގޮތަކުން ހެއްޔެވެ ؟ " ޒަރޫން އޭނާގެ ކޮއްކޮ ސާރާއާ ސުއާލު ކުރިއެވެ.
އެދެބެން ވާހަކަ ދައްކަމުން އެގެންދަނީ ޒަރީންގެ ކައިވެންޏާ ބެހޭގޮތުންނެވެ. އަދި އެ ކައިވެންޏާމެދު މަންމައާއި ބައްޕަގެ ޚިޔާލު ތަފާތުވެފައިވާ މައްސަލައިގައެވެ. ސާރާއަކަށް އެއީ މައްސަލައެއް ނޫނެވެ. އަންހެންކުއްޖާ ކޮންމެ ތާކު އުޅުނަސް އެމީހުންވާނީ ޒަރޫންގެ އަންހެނުންގެ ޢާއިލާ ކަމުގައެވެ. ސާރާގެ ވިސްނުން ހުރި ގޮތުގައި ، އެކަން މައްސަލަޔަކަށް ވަންޏާ ވާންވީ ޒަރޫން އަށެވެ. އެއީ ޒަރޫންއަށް އެއްވެސް މައްސަލައެއް ނޫނެވެ. ކައިވެނި ކޮށްގެން ޒަރޫން އުޅޭނީ އެގެޔަކު ނޫނެވެ. ކަޝަފާ ކައިވެނިކޮށްގެން ، އެގޭގައި ދިރިއުޅެން ޖެހުނަސް ޒަރޫންއަށް އެއީ މައްސަލައެއް ނޫނެވެ. އެގޭގައިވެސް އުޅޭނީ ހަމަ އިންސާނުންނެވެ.
ޒަރޫންމެން މިހާތަނަށް ދިރިއުޅެމުން އެއަންނަ މާޙައުލާ އެތާނގެ ޙާލަތު އުޑާބިމާހާ ތަފާތުވާނެކަން ޒަރޫންއަށް ވިސްނައި ދިނުމަށް ސާރާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މަންމަ އެދައްކާ ކަހަލަ ފެންވަރުގެ ތަފާތު ޒަރޫންއަށް އަންގައި ދިނުމަށް މަސައްކަތް ނުކުރުމަށް ، ޒަރޫން ، ސާރާ ގާތުން އެދެއެވެ. އަދި އަބުރުވެރި އިންސާނަކާ އިންނައިރު ، އެމީހެއްގެ ޢާއިލާއާއި ދިރިއުޅުމުގެ ފެންވަރު ނުބަލާ އެމީހަކާ ނުއިނުމަށް ސާރާ ނުބުނާނެކަމަށް ޒަރޫން ހީކުރިއެވެ. ޒަރޫން އެކަހަލަ ވާހަކައެއް މީގެކުރިން ދައްކާތަނެއް ސާރާއަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ސާރާ އިނީ ވަރަށް ޝަޢުޤުވެރިކަމާއެކު އެވާހަކަތައް އަޑުއަހާށެވެ. ހުރިހާ ވާހަކައެއް ދައްކައި ނިމުމުން ، މަންމަކައިރީގަ އަހަރެން އިންނާނީ އެކުއްޖާއާ ކަމުގައި ބުނުމަށް ޒަރޫން ސާރާގެ ކިބައިން އެދެއެވެ. އެހިސާބުން މަންމަ ބުނާނީ ކީކޭކަން ސާރާ ސާފުކޮށް ދެއެވެ. ދިރިއުޅުން ބަރުބާދު ކޮށްލަން ބޭނުންނޫންކަމަށް ވަންޏާ ތި ކައިވެނި ނުކުރާށޭ މަންމަ ބުނާނެކަމަށް ސާރާ ބުނެދެއެވެ.
------------------------
" ކަޝަފް ކައިވެންޏަށް ސީދާ އިންކާރު ކުރީމާ އަހަރެން ބުނާނީ ކީކޭ ހެއްޔެވެ ؟ އަހަރެން ކަޝަފަށް ވިސްނައި ދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ކަޝަފް އިންކާރު ކޮށްކޮށް އޮއްވާ އެއްވެސް މީހަކަށް ގަދަކަމުން ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ ؟ " އަބްރާރް ، ޒަރޫންގާތު ބުންޏެވެ.
ޒަރޫންވެސް އެ މަސައްކަތް ކުރަނީ ކަޝަފާ ގަދަކަމުން ކައިވެނިކުރާކަށް ނޫނެވެ. ޒަރޫން ބޭނުންވަނީ ، ކައިވެންޏަށް ކަޝަފް ދެކޮޅު ހަދާ ، މަޤްބޫލު ސަބަބެއް ހޯދާށެވެ. ޒަރޫންއާ ކައިވެނި ނުކުރާނީ ކީއްވެގެންތޯ ކަޝަފް ސާފުކޮށް ދިނުމަށެވެ. ކަޝަފް އެކަމާ ދެކޮޅުހަދާ ސަބަބު ޒަރޫންއަށް ރަނގަޅަށް އެނގޭނެކަމަށް އަބްރާރް ބުނެއެވެ.
ޒަރޫންގެ މާޒީގައި އުޅެވިފައިވަނީ އެހާ ރަނގަޅަށް ނޫންކަމުގައި ޒަރޫންވެސް އެއްބަސް ވެއެވެ. އެއީ އެއްވެސް މީހަކަށް އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. އެކަން ބަދަލެއްވެސް ނުކުރެވޭނެއެވެ. އެހެންނަމަވެސް މިހާރު އޭނާއަށް ދުނިޔެ ދަސް ވެއްޖެއެވެ. ޒަރޫންއަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. ކަޝަފް އެކަން ޤަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ކަޝަފާ ވާހަކަ ދައްކައިލުމަށް އޭނާ އާ ބައްދަލުކޮށްލެވޭނެ ކޮންމެވެސް ގޮތެއް ހަދައިދިނުމަށް އަބްރާރް ގާތު ޒަރޫން އާދޭސް ކުރިއެވެ.
ޒަރޫން ބަދަލު ވެއްޖެ ވާހަކަ އާއި އެއީ ކަޝަފް ހީކުރާކަހަލަމީހެއްނޫންކަން ކަޝަފަށް ސާފުކޮށްދިނުމަށްޓަކައި އަބްރާރަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފިއެވެ. ދެއްކެން އޮތް ހުރިހާ ވާހަކައެއް ދައްކައިފިއެވެ. ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ޒަރޫންއާ ބައްދަލުކުރުމަށް ކަޝަފް އެއްބަހެއް ނުވާނެއެވެ. އެއީ އަބްރާރްގެ ޚިޔާލެވެ. ސާރ އަބްރާރްގެ ބަސް ކަޝަފް އަހާނެއެވެ. އެހެންނަމަވެސް އަބްރާރާއި ކަޝަފާ ދެމެދު އޮތް ދަރިޔަކާއި ބަފައެއްގެ ގުޅުންފަދަ މާތް ގުޅުމަށް ޒަރޫންގެ ވާހަކަ ދައްކަން ހަދައިގެން އޮތީ ހިޔަނި އެޅިފައެވެ. ވާހަކަ ދެއްކުން އެއްކިބައިގާ ބާއްވައި ، ދެން އަބާރާރާ ބައްދަލުކުރަންވެސް ކަޝަފް އަންނާނެކަމެއް ނޭނގެއެވެ.
އަނެއްކާވެސް ޒަރޫން ރޮއެގެންފައި ، އަބްރާރަށް އާދޭސްކޮށް ، ކަޝަފާ ބައްދަލުކޮށްލެވޭނެ ގޮތެއް ހަދައިދިނުމަށް އެދުނެވެ. އަބްރާރަށް ބިރުންގޮސް ހެވެން ފެށުނެވެ. ޒަރޫން މޮޔަވެފައި އިންވަރު ހިތަށް އަރާފައެވެ. އެންމެފަހުން ޒަރޫން ގޮތްދޫނުކުރީމަ ، އެހެންގޮތެއް ނެތިގެން އެކަން ކޮށްދެވޭތޯ ބަލައިދޭނެކަމަށް ވަޢުދު ވެއެވެ. އެކަން ކުރާނީ ކިހިނެއްކަމެއް އަބްރާރަކަށް ނޭނގެއެވެ. އެހެންނަމަވެސް ، ޒަރޫން އެދޭގޮތަށް ކަޝަފާ ބައްދަލު ކޮށްލެވޭނެ މަގެއް ފެނޭތޯ ބަލައިދޭނެއެވެ.
ޒަރޫން އިނީ ކުޑަކުއްޖެއްހެން އަބްރާރާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ކުޑަވެސް އުއްމީދެއް އޮތީ ހަމައެކަނި އަބްރާރް ސާރގެ މަސައްކަތުން ލިބެން އޮތް ކުރިއެރުމަކަށެވެ. އޭނާގެ އަމިއްލަ މަންމައާއި ބައްޕަގެ ފަރާތުން އެކަމުގައި އެއްވެސް އުއްމީދެއް ނެތެވެ. ސާރާއަށްވެސް ކުރެވޭނީ ވަކި ވަރެކެވެ. މަންމައާއި ބައްޕަގެ ފަރާތުން އުފުއްލަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތަށް ސާރާއަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ. ހަމައެކަނި ފެންނަން އޮތް އުއްމީދުގެ އަލިކޮޅު އޮތީ އަބްރާރްގެ އަތްމަތީގައެވެ.
(ނުނިމޭ)
haadha haadha reechey shukuran