ދެކަފި - 58

(12 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކައިވެންޏެއް ކުރުމާމެދު ،  ކަޝަފްގެ ޚިޔާލު ތަފާތުވަނީ ނޫންކަން މަންމަޔަށް ވިސްނައިދޭނެގޮތެއް ކަޝަފަކަށް ނުވިސްނެއެވެ. ކައިވެންޏެއް ކުރުމާމެދު ކަޝަފް ދެކޮޅު ހަދަނީކީ ނޫނެވެ. ކަޝަފް  ބިރުގަންނަނީ ކަޝަފްގެ ނަސީބާ މެދުގައެވެ. ކަޝަފްގެ ދިރިއުޅުމުގައި ރަނގަޅު ކަންތައްތަކެއް ހިމެނިގެން ހިނގައިދާނެކަމާމެދު ، ކަޝަފްގެ ހިތުގައި އެއްވެސް ޔަޤީންކަމެއް ނެތެވެ. ހިތްވަރާއެކު ބުރަ މަސައްކަތްކޮށްގެން ކަޝަފަށް ކާމިޔާބީތަކެއް ޙާޞިލް ކުރެވިދާނެއެވެ. އެކަމުގެ ޔަޤީންކަން ކަޝަފްގެ އަމިއްލަ ނަފުސަށް އޮވެއެވެ. ހިތުގައި ޝައްކެއްނޯންނަވަރަށް އޭނާވަނީ އޭނާގެ ތަޢުލީމީ ޙަޔާތުގައިވެސް އެ ޔަޤީންކަން ކަށަވަރު ކޮށްފައެވެ. އެކަމަކު ނަސީބަކީ އޭނާގެ ބާރުގެ ދަށުގައިވާ އެއްޗެއް ނޫނެވެ. ނަސީބާމެދު އޭނާއަކަށް ، ހިތުގައި އެއްވެސް ޔަޤީންކަމެއް ނުބޭއްވޭނެ އެވެ. ބުރަމަސައްކަތްކޮށްގެން ، ދިރިއުޅުމުގެ ނަސީބުގެ ދޮރޯށިކައިރިޔަށް ގޮސް ، ދިރުމެއްނެތް އުއްމީދެއްގައި ހުރުން އެއީ ކަޝަފް ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު ، ކަޝަފް ކައިވެނި ނުކޮށްގެން މަންމަ ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ.

އަނެއްކޮޅުން އުސާމާ އޭނާގެ ކައިވެންޏަށް އެދުން އެއީ ކަޝަފަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އުސާމާއަށް ވެފައި އެހުރީ ކީއްހެއްޔެވެ ؟ އުސާމާގެ ހިތުގައި ކަޝަފާމެދު ޚާއްޞަކަމެއް ދެވިފައި އޮތްކަން އޭނާއަށް ކުރިން ނޭނގުނީ ކީއްވެ ހެއްޔެވެ ؟ އުސާމާގެ ހިތުގައި ކަޝަފްގެ މައްޗަށް ޝަޢުޤުވެރިކަން އުފެދެންވީ ކޮން ސަބަބަކާހުރެ  ހެއްޔެވެ ؟ އުސާމާއަށް ކަޝަފަށްވުރެ މާރީތި އަދި މާމޮޅު ކުދިން ވާނެއެވެ. މާ ރަނގަޅު ޢާއިލާގެ ކުދިން ލިބޭނެއެވެ. ފަހަރެއްގައި އުސާމާގެ ހިތުގައި ކަޝަފްގެ މައްޗަށް ހަމްދަރްދީ އުފެދުނީކަމަށް ވެދާނެއެވެ. އުސާމާއަކީ ، މީހުންގެ މައްޗަށް ހަމްދަރުދީ ވާ މީހެކެވެ. އަދި އެ ހަމްދަރުދީގައި މީހުންނަށް އެހީތެރިވެދޭ މީހެކެވެ. ކަޝަފް މީހަކާ ނީނދެ ހުރީމަ އެކަމާ ހަމްދަރުދީ އުފެދިގެން އޭނާއާމެދު އުސާމާ މާބޮޑަށް ވިސްނީ ކަމަށް ވެދާނެއެވެ. ކަޝަފާ ބެހޭގޮތުން ޒަރޫންއާ ، އުސާމާ އޮންނާނީ ވާހަކަ ދައްކާފައިކަން ޔަޤީނެވެ. ހުރިހާ ވާހަކައެއް އަހާނެއެވެ. ކަޝަފަށް އެކުރެވުނީ ދެރަ ކަމެކެވެ. އުސާމާއާ އެހާ ބޮޑަށް ގާތްކަމެއް ބޭއްވުމަކީ ، ކަޝަފަށް ކުރެވުނު ދެރަކަމެއްކަމަށް ކަޝަފަށް ފެނުނެވެ. އުސާމާ ފިޔަވައި ، ޔުނިވަރސިޓީގެ އެއްވެސް ފިރިހެން ކުއްޖަކާއެކު ، ކަޝަފް ، ރައްޓެހިކަން ބާއްވާފައެއް ނުވެއެވެ.   މިއީ ކަޝަފްގެ ހިތުގައި އުފެދި ފުނިޖެހެމުންދާހާ ސުއާލެވެ.

------------------------

ޙައްމާދު އިތުރަށް ނުކިޔަވައި ކިޔެވުމާ ދުރަށް ދިއުމަށް ނިންމައެވެ. ޑިގްރީގެ ފެންވަރަށް ކިޔެވުން އެއީ ކިހާ މުހިންމު ކަމެއްކަން ޙައްމާދަކަށް ނުވިސްނެއެވެ. ދެވަނަ ޑިވިޝަންގައި ފާސްވެގެން ޙައްމާދަށް ވަޒީފާއެއްވެސް ނުލިބޭނެއެވެ. ޙައްމާދު އޭނާގެ މަންމަ ނިޤާރު ގާތު ބުނެފައިވަނީ ބައްޕަޔާ ވާހަކަ ދައްކައިގެން އޭނާ ބޭރަށް ފޮނުވައި ދިނުމަށެވެ. ޙައްމާދާއެކު ކިޔަވަން އުޅުނު ހުރިހާކުދިން މިހާރު ބޭރަށް ގޮސް ނިމިއްޖެ އެވެ. ޙައްމާދުވެސް އެކުދިންނެކޭ އެއްގޮތަށް ބޭރަށް ދާން ބޭނުންވީއެވެ. ޙައްމާދު ބޭނުންވަނީ ، ބޭރަށް ގޮސް ކިޔަވާށެވެ. އެހެންކުދިން މަތީ ދަރަޖައިން ފާސްވެގެން ބޭރަށް ދިޔަކަން ހަނދާންކުރާކަށް ޙައްމާދު ބޭނުމެއް ނޫނެވެ. ފާހުގެ މަތިން ހަނދާން ކޮށްފިއްޔާ ޙައްމާދަށް އެވާހަކަ ދެއްކޭކަށް ނެތެވެ. މަންމަ ، ނިޤާރަކީ ވަރަށް ފަސޭހައިން ހައްލައި ލެވިދާނެ މީހެކެވެ. ޙައްމާދަށް ކުޅެ ނުލެވޭނީ ބައްޕަގެ ސިކުނޑިއާއެވެ. ޙައްމާދުގެ އުޅުމާއި އަޚުލާޤާއި ކިޔެވުމުގައި ނިޤާރަކަށް މައްސަލައެއް ނުފެނެއެވެ. ނުވަތަ މައްސަލައެއް އޮތަސް އެކަމެއް އިޙްސާސް ކުރެވޭވަރަށް ނިޤާރުގެ ސިކުނޑި މަސައްކަތެއް ނުކުރެއެވެ. އެހެންނަމަވެސް ، އަމިއްލަ ޤައުމުގައި ނުކިޔެވުނު އެއްޗެއް ބޭރަށްގޮސްގެން ، ޙައްމާދަށް ކިޔެވިދާނެކަމަކަށް މުރުތަޟާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

ލިބުނު ހަމައެކަނި ފިރިހެންކުއްޖާ ، އަންހެން ކުއްޖެއްހެން ބަލައި ބޮޑުކޮށް ،  އަމިއްލަ ބޭނުންތައް ފުއްދަމުން އެކުއްޖާ ހަލާކު ކުރަމުން ގެންދިޔައީ ނިޤާރެވެ. ޙައްމާދުގެ ނާކާމިޔާބީގެ ހުރިހާ ޒިންމާއެއް އުފުއްލަން ޖެހޭނީ ނިޤާރަށެވެ. މުރުތަޟާ ހައްލައިލައިގެން ، ޙައްމާދު އުޅޭނެ ގޮތަކަށް އުޅެން ހުރިހާކަމެއް ފުރިހަމަކޮށްދީ ، ޙައްމާދު ހަލާކު ކުރީ ނިޤާރެވެ. ބައްޕަ މުސްކުޅިވީ ދުވަހުވެސް ، ގުދާރު ބިނދެންދެން މަސައްކަތްކޮށްގެން ލާރި ހޯދައިގެން ބޮޑުވެފައިހުރި ފިރިހެން ކުއްޖަކަށް ، ޙައްމާދަށް ޚަރަދުކޮށް ކާންދޭން ޖެހެނީ މުރުތަޟާއަށެވެ. އެއީ ފިރިހެންކުއްޖަކު ހޯދަން މުރުތަޟާ ކުރި އުއްމީދެއް ނޫނެވެ. އޭނާ އެވީ ޤުރުބާނީގައި އެއްވެސް އަގެއް ނެތެވެ. ލިބުނު ފިރިހެންކުއްޖާ އެވީ ސޮހޮލަކަށެވެ. އެއީ ތަރުބިއްޔަތުގެ މައްސަލައެކެވެ.

ރާފިޢާއަށް ލިބުނު ތިން އަންހެންކުދިންނަށް ނިކަން ބަލައިލަ ބަލާށެވެ. ފިރިހެން ކުދިންނަކަށް ދުލެއް ނުކުރެ އެވެ. އަމްދުން މުރުތަޟާއަތުން ބޮޑުލާރިއެއްވެސް އެއިން ކުއްޖަކަށް ޚަރަދެއް ނުކުރެ އެވެ. ނިޤާރު ، ފިރިހެން ކުއްޖެއް ވިހައިދިނީތީ ، ލިބޭހާ ލާރިއެއް ޚަރަދުކުރީ ނިޤާރަށާއި ނިޤާރަށް ލިބުނު ކުދިންނަށެވެ. މުރުތަޟާގެ ޙަޔާތުގައި އޭނާކުރި އުއްމީދު އެއޮތީ އެކޮޅުކޮޅުން ޖެހިފައެވެ. ރާފިޢާއަށާއި ރާފިޢާގެ ކުދިންނަށް ހަދައިލެވުނު އިހާނެތި ގޮތާއި ދިން ނިކަމެތިކަމަކީ ، މިއަދު ، މުރުތަޟާ ލަދުގަނެ އެމީހުންގެ ކުރިމަތީގައި އިސްއުފުލައިލަން ކެރޭވަރަށްވުރެ ، ބޮޑު ކަމެކެވެ. އެހުރިހާ ކަމެއްގެ ރޯޅި މުރުތަޟާ މިހާރު ބާލަމުން އެގެންދަނީ ނިޤާރަށެވެ. ނިޤާރާ އިނދެވުނު މޮޔަ ހިތަށް އަރާ ވަރަށެވެ. ފިރިހެން ކުއްޖެއް ވިހައިދިނަސް ، ނިޤާރަކީ ބާއްޖަވެރި ދިރިއުޅުމަކަށް ތަޞައްރުފް ފުދޭ އަންހެނެއް ނޫނެވެ. ނިޤާރާއެކު ހޭދަކުރާ ދިރިއުޅުމުގައި ، ސިކުނޑިޔަށް ލިބެމުންދާ ހާސްކަމުގައި ނިޤާރުގެ ލޭ މައްޗަށް ދާން ފަށައިފިއެވެ. އެއީ ހަލަބޮލި ދިރިއުޅުމެއްގައި ، އެޢުމުރުގައި އެންމެ ފުރަތަމަ ޖެހެންދިމާވާ ބައްޔެވެ. އެބައްޔަށް މުރުތަޟާ ފަރުވާ ހޯދަމުން އެގެންދަނީ ރާފިޢާމެންގެޔަށްގޮސް ، ލަދުގަނެ ބިރުން އިނދެ ނަމަވެސް ، ރާފިޢާ އާ ވާހަކަ ދައްކައިލައިގެންނެވެ. ރާފިޢާގެ ކުދިންގެ ފޮނި ކާމިޔާބީގެ އުފާވެރިކަން ހިތަށް ވައްދައިގެންނެވެ.

ނިޤާރުގެ ވާހަކަ ވަރަށް މޮޅެވެ. މުރުތަޟާގެ އަންހެންދަރި ޞިދްރާ އުޅެނީ އެމެރިކާގައެވެ. ޞިދްރާ އާ ވާހަކަ ދައްކައިގެން ޙައްމާދު ބޭރަށް ގެންދެވޭނެ ގޮތެއް މުރުތަޟާއަށް ހެދިދާނެއެވެ. އެކަން ނުކުރަން މުރުތަޟާ އެއުޅެނީ ޙައްމާދަށް މޮޅުގޮތެއް ވެދާނެތީއެވެ. ރާފިޢާގެ އަންހެންދަރިންނަށްވުރެ ، ނިޤާރަށް ލިބުނު ފިރިހެންދަރި މޮޅުވެދާނެތީއެވެ. ނިޤާރުގެ މިފަދަ ކޮންމެ ވާހަކަޔަކީ ، މުރުތަޟާއަށް އޭނާގެ މާޒީގެ ހިތިރަހަ ކަރުބުޑުގައި ލާ ފަހަރެކެވެ. ނިޤާރާމެދު ނަފުރަތު ކުރެވި ، ރާފިޢާގެ މައްޗަށް ހަމްދަރުދީ އުފެދޭ ވަގުތެކެވެ. އެފަދަ ޙާލަތެއްގައި ، ރާފިޢާގެ އެއްވެސް ކުއްޖަކަށް އިތުރު ތަކުލީފެއް ލިބޭނެކަމެއް މުރުތަޟާ ، ނުކުރާނެއެވެ. އެކުދިންގެ މުޅި ޢުމުރުގައި ، މުރުތަޟާގެ ފަރާތުން ލިބުނު ތަކުލީފާއި އިހާނެތިކަން ފުދެއެވެ. އެކަމަށްޓަކައި މުރުތަޟާގެ މުޅި ޢުމުރުގައިވެސް ހިތާމަ ކުރަން ޖެހޭނެއެވެ.

ޙައްމާދު ބޭރަށް ފޮނުވަން ، ބޭރުގައިހުރީ މުރުތަޟާގެ ކާކު ހެއްޔެވެ ؟ ނިޤާރުގެ ފަރާތުން މިސުއާލަށްވެސް ވަގުތުން ޖަވާބު ލިބުނެވެ. ޞިދްރާއެވެ. ޞިދްރާ އެހުރީ އެމެރިކާގައެވެ. ޞިދްރާ އޭނާގެ ކޮއްކޮއަށް ކަމެއްކޮށް ނުދޭންވީ ޚިއްވެ ހެއްޔެވެ ؟ އެކަމަކު ، ޙައްމާދު ، ޞިދްރާއަށް ކޮށްދިނީ ކޮންކަމެއް ހެއްޔެވެ ؟ އެކަން މުރުތަޟާގެ ހަނދާނުގައި ހުއްޓަސް ، ނިޤާރު އެކަން ހަނދާނެއް ނެތެވެ. އެންމެ ދެރަވެގެން ޞިދްރާގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައްޕައެއްގެ ވާޖިބު އަދާކޮށްދިނުމަށްޓަކައި މުރުތަޟާ އެތަނަށް ދިޔަނުދިނީވެސް ނިޤާރެވެ.

މުރުތަޟާ ، ރާފިޢާމެންގެޔަށް ދާންފެށިފަހުން އަންނަމުންދާ ބަދަލުތައް ނިޤާރަށްވެސް ފާހަގަ ކުރެވެއެވެ. މައްސަލައެއް ދިމާވެއްޖިއްޔާ މުރުތަޟާއަށް މިސާލު ނަގައި ނިޤާރަށް ދެއްކެނީ ރާފިޢާއެވެ. ކުދިންގެ ކަމެއްގައި ދެބަސްވެއްޖިއްޔާ އަޅުވައި ކިޔައި ދެއްކެނީ ރާފިޢާގެ ކުދިންގެ މޮޅުކަމުގެ ވާހަކައެވެ. މުރުތަޟާއަށް މުޅި ޢުމުރުގައިވެސް ކުރެވުނު އެންމެ ދެރަކަމަކީ ނިޤާރާ އިނދެވުންކަމުގައި މުރުތަޟާއަށް އިޙްސާސްވާން ފެށިއެވެ. ނިޤާރު ޤަބޫލުކުރާ ގޮތުގައި ދެރަކަމެއް ކުރެވުނީ މުރުތަޟާއަކަށް ނޫނެވެ. ދެރަކަމެއް ކުރެވުނީ ނިޤާރުގެ ބައްޕަ އަށެވެ. އެއީ ، ތިންކުދިން ލިބިފައިވާ އާވާރާ ފިރިހެނަކާ އޭނާ ދެވުމެވެ.

------------------------

ފޯނުވާން ފެށީމާ ކަޝަފް އައިސް ފޯނު ނެގިއިރު އެއީ އުސާމާއެވެ. އުސާމާ ހުރީ ކަޝަފާ އެކުރެވުނު ސުއާލުގެ ސަބަބުން ބިރުގެންފައެވެ. އަމްދުން ، އެސުއާލަށް ކަޝަފްގެ ފަރާތުން ޖަވާބެއް ނުލިބުނީމަ ދެންވާނެ ގޮތަކާމެދު ހާސްވެ ކަންބޮޑުވެފައެވެ. އުސާމާގެ ސުއާލާމެދު ކަޝަފް ، ވަރަށްބޮޑަށް ވިސްނިއެވެ. އެއަށްފަހު ކަޝަފްގެ ޖަވާބަކަށްވީ ، އުސާމާ އެކުރި ސުއާލަކީ ކަޝަފާއި އުސާމާއާ ދެމެދު ވާހަކަ ދެކެވެންޖެހޭ ކަހަލަ ސުއާލެއް ނޫންކަން އުސާމާއަށް ވިސްނައި ދިނުމަށެވެ. އެކަހަލަ ވާހަކަ ދައްކައިގެން އެކަހަލަ ސުއާލުކޮށްގެން އުސާމާއާއި ކަޝަފާ ދެމެދު އޮތް ރައްޓެހިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ފޯރާނެކަމަށް އުސާމާ ގާތު ބުނުމަށެވެ. އަދި ، އުސާމާ އާވެސް ނުވަތަ އެނޫން އެހެންމީހަކާވެސް ކައިވެނި ކުރަން ބޭނުން ނުވާކަން އަންގައި ދިނުމަށެވެ. ކަޝަފަށް ދެއްކެން އޮތް ހުއްޖަތަކީ އެއީއެވެ. އުސާމާ ޤަބޫލުކުރިޔަސް އަދި ނުކުރިޔަސް ކަޝަފް އޭނާގެ ގޮތެއް ދުލެއް ނުކުރާނެއެވެ. ކައިވެންޏަކާމެދު ކަޝަފްގެ ވިސްނުން ބަދަލުވަންދެން ، އުސާމާ މަޑުވެސް ކޮށްފާނެއެވެ. އެހެންނަމަވެސް ، އެއީ އުސާމާގެ މޮޔަ ޚިޔާލެކެވެ. ކިތަންމެ ދުވަހެއްވިޔަސް ، ކަޝަފްގެ ވިސްނުމާއި ގޮތް ބަދަލެއް ނުކުރާނެއެވެ.

ކަޝަފާއި އުސާމާއާ ދެމެދު އޮތީ ވަރަށް ގާތް ރަޙުމަތްތެރިކަމުގެ ގުޅުމެކެވެ. އެގުޅުމަށް އަސަރެއްކުރާނެ އެއްވެސްކަމެއް ނުކުރުމަށް އުސާމާގެ ކިބައިން ކަޝަފް އެދެއެވެ. ކަޝަފާ އެސުއާލު ކުރެވުނުކަމާމެދު ، އުސާމާ ހުރީ ކަންބޮޑުވެފައެވެ. އަދި ، ކަޝަފް ރުޅިއައިސް ހުރެދާނެތީ ، އުސާމާ ވަކިން ކަންބޮޑު ވެއެވެ.  ކަޝަފް އެކަމާ ރުޅިއެއް ނާދެއެވެ. އަދި އެކަމާ އެހާ ހިތްހަމައެއްވެސް ނުޖެހެއެވެ. މީހެއްގެ ކައިރީ އިންނަން އެހުން އެއީ ކުށެއް ނޫނެވެ. ކަޝަފްވެސް އެކަން ޤަބޫކުރެ އެވެ. އަދި ދެން ، އެކަހަލަ ވާހަކައެއް ކަޝަފްގާތު ނުދެއްކުމަށް އުސާމާގެ ކިބައިން ކަޝަފް ، އެދެމުން ފޯނު ބާއްވައެވެ.

ފޯނު ބޭއްވުމަށްފަހު ، ކަޝަފްވެސް އަދި އުސާމާވެސް އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތަކުގެ ތެރެޔަށް ގެއްލުނެވެ. އުސާމާވެސް ، ކަޝަފާ އެކު އޮންނަ ގުޅުން ކަނޑާލާކަށް ބޭނުމެއް ނޫނެވެ. ކަޝަފްވެސް ބަލަމުން ގެންދިޔައީ ، އުސާމާއާ އޭނާއާ ދެމެދު އޮންނަ ރައްޓެހިކަން ދެމެހެއްޓޭތޯ އެވެ. ކަޝަފްގެ ހަލަބޮލި ދިރިއުޅުމުން ލިބެން އޮންނާނެ އެތައް ތަކުލީފެއް އުސާމާގެ ބޮލަށް ޖެހުމަކީ ކަޝަފް އެދޭކަމެއް ނޫނެވެ. އޭރަށް އެދެމީހުންގެ މެދުގައި އޮންނަ ރައްޓެހިކަމަށްވުރެ ، އެދެމީހުންގެ މެދުގައި އޮންނަ ހަމަނުޖެހުން ބޮޑުވާނެއެވެ. އެއީ އެއްވެސް ޙާލެއްގައި ، ކަޝަފްގެ ރައްޓެއްސެއްކަމަށް ބަލާ މީހަކަށް ، އުފުލަން ޖައްސަން އޭނާ ބޭނުންވާ ތަކުލީފެއް ނޫނެވެ. ކައިވެންޏަކަށް ނޭދިހުރެ މީހަކާ އިނުމުން ، އުފެދި އިތުރުވެގެން ހިނގައިދާނެ މައްސަލަތައް އޭނާގެ ހިތަށް މިހާރުވެސް ގެނެވެއެވެ.

------------------------

ޞިދްރާ އެންމެފަހުން ލައްކަ މަސައްކަތްކޮށްގެން ޕާކިސްތާނަށް އައުމުގެ ފުރުޞަތު ލިބުނެވެ. ޞިދްރާ އައީ އެކަންޏެވެ. ފިރިމީހާ އަކަށް ޞިދްރާއާއެކު އަންނާނެ ވަގުތެއް ނުލިބުނެވެ. ޕާކިސްތާނަށް އެނބުރި އައުމަކީ އޭނާ އެހާ ކުރާހިތްވާ ކަމެއްވެސް ނޫނެވެ. އެކަމަކު ، ޞިދްރާ ކިޔާވަރުން އެކަނި ނަމަވެސް ފޮނުވީއެވެ. ޞިދްރާ އެކަނި ފިނުވާލަން އެހާ ހިތްހަމައެއްވެސް ނުޖެހެއެވެ. ޞިދްރާ އައިފަހުން މިވީ އެންމެ ދުވަހެކެވެ. މިހާރުވެސް އެތައް ފަހަރަކު ގުޅައިފިއެވެ. ރާފިޢާއާއި ކަޝަފް އަދި ޝެހްނީލާވެސް ޞިދްރާ އައުމުގެ އުފަލުގައި އެކުގައި ތިބެގެން ވާހަކަ ދައްކައި ހީ ސަމާސާ ކުރަމުން ގެންދިޔައެވެ. ރާފިޢާގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަ ޖެހުމެވެ. އޭނާގެ ދަރިފުޅަށް އެހާ ރަނގަޅު ފިރިއެއް މިންވަރު ކުރެއްވީތީއެވެ. ފިރިމީހާގެ ޢާއިލާގެ މީހުންވެސް ޞިދްރާއަށް އެހާ ހެވެވެ. ޞިދްރާއާ ދޭތެރޭ އެމީހުން އެވަރަށް އަޅައިނުލާނަމަ ، ފިރިމީހާ އެހާ ބުރަކޮށް އުޅޭއިރު ، އެމެރިކާގައި ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

ޞިދްރާއާއި ކަޝަފް އެކަނިވެލި ވަގުތު ، އުސާމާ އޭނާގެ ކައިވެންޏަށް އެދުނު ވާހަކަ ޞިދްރާއަށް ކިޔައި ދެއެވެ. މަންމަ ގާތުވެސް އޭނާ އެވާހަކަ އެއް ނުދައްކައެވެ. އެހެންނަމަވެސް ، ކަޝަފާއި ޞިދްރާއާ ދެމެދު އޮންނަ ގުޅުމަކީ އެކަހަލަ ކަންކަން ސިއްރުކޮށްފައި ބޭއްވޭ ވަރަށްވުރެ ގާތް ގުޅުމެކެވެ. އެއީ އެއްބަނޑު އެއްބަފާ ދެބެންގެ އިތުރުން ގާތް ދެ ރަޙުމަތްތެރިންނެވެ. ކަޝަފްގެ ހުރިހާ ސިއްރެއް ޞިދްރާއަށް އެނގޭނެއެވެ. އަދި ޞިދްރާގެ ހުރިހާ ކަމެއްވެސް ކަޝަފަށް އެނގޭނެއެވެ. އުސާމާގެ ހުށަހެޅުމަށް ކަޝަފް ނޫނެކޭ ބުނެގެން ޞިދްރާ އިނީ ހިތްހަމަ ނުޖެހިފައެވެ. އެއީ ކީއްވެގެން ކުރިކަމެއްތޯ ޞިދްރާ ސުއާލު ކުރިއެވެ.

" ޞިދްރާގެ ކައިވެނިވީމަ އެވަރުން އަދި ނުފުދެނީ ހެއްޔެވެ؟ ޞިދްރާއަށް މީހަކާ އިދެވުނީމަ ދެން އެވީ އެހެންމީހުންގެ އަތުގައި ހިފައިގެން ގެންގޮސް ގަދަކަމުން މީހުންނާ ދެވަން ހެއްޔެވެ ؟ ކަޝަފް ބުންޏެވެ.

" އެހެން މީހަކަށް ހަދާނެ ގޮތެއް ނޭނގެއެވެ. އެކަމަކު ކަޝަފް މީހަކާ ދެވަން އަހަރެން ހަދަން ޖެހޭނީ އެހެންނެވެ. " ޞިދްރާ ދެލޯ އަޅައިގެން އިނދެ ބުންޏެވެ.

އެހާ ރަނގަޅު ހުށަހެޅުމެއް އައިމަ އެކަމަށް ކަޝަފް އިންކާރު ކުރި ސަބަބެއް ޞިދްރާއަކަށް ނޭނގެއެވެ.

" ބުނާއިރަށް އަވަހަށް ގޮސް އިންނާކަށް ، އެއީ ، ޕްރިންސް ޗާރލްސެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

" ކަޝަފަކަށް ޕްރިންސް ވިލިއަމްވެސް ނުފުދޭނެ އެވެ. އޭނާގެ ކައިވެނިވެސް މިހާރު އެކަމަކު ކުރެވިއްޖެއެވެ. އަލުން އުސާމާއާ ވާހަކަ ދައްކާށެވެ ! " ފޫހިވެފައި އިނދެ އަމުރުވެރި ރާގަކަށް ޞިދްރާ ބުންޏެވެ.

އުސާމާއާ އިތުރަށް ވާޙަކަ ދައްކާކަށް ކަޝަފް ބޭނުމެއް ނޫނެވެ. އޭނާއަށް މިހާރު އެއޮތީ ނޫނެކޭ ބުނެފައެވެ. ކަޝަފް އޭނާގެ ގޮތް ބަދަލެއް ނުކުރާނެއެވެ. ކައިވެންޏަށް އިންކާރު ކުރުމަށްފަހު އަލުން އޭނާ އެވާހަކައެއް ނުދައްކާނެއެވެ. ކަޝަފް އެވާހަކަ އަލުން ދައްކައިފިނަމަ އުސާމާ އުފަލުންގޮސް މޮޔަވާނެއެވެ. އެހާވެސް ކަޝަފްދެކެ އޭނާ ލޯބި ވެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.