ދެކަފި - 91

(15 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފްގެ އަޑުގައިވަނީ ވޭނާއި ކެކުޅުމެވެ. އެހެންނަމަވެސް އެއަޑުން އެއްވެސްކަމެއް އޭނާގެ މަންމަޔަށް އިޙްސާސް ވާވަރަށްވުރެ އަޑުވަނީ ވަރުބަލި ވެފައެވެ. ބަލިވެ އިންދައި އެކަނި ދަތުރު ކޮށްފަ އައިމަ ވަކިން ބޮޑަށް ޖިސްމާނީގޮތުންވެސް ކަޝަފް އޮތީ ވަރުބަލި ވެފައެވެ. މުޅި ހަށިގަނޑު ދަމާލައިގެން ، މަންމަގެ އުނގުގައި ބޯއަޅައިގެން ވަރުބަލިކަންމަތީގައި ކަޝަފް އޮތެވެ. މައިދައިތައާއި ބަފައިބެ ކިހިނެއްތޯވެސް ރާފިޢާ އަހައިލައެވެ. އެމީހުންވެސް ރަނގަޅުކަމަށް ކަޝަފް ބުންޏެވެ. އެގެޔަށްވެސް ދާނަން ދޯއޭ ރާފިޢާ އަހައިލައެވެ. އޭރުވެސް ރާފިޢާ އިނީ ކަޝަފްގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އެގެޔަށް ދިއުމުގެ ވިސްނުމެއް ނެތް ކަމުގައި ކަޝަފް ބުންޏެވެ. ކަރާޗީއަށް އައިސް ، އެމީހުންނާ ބައްދަލުކޮށްލައިފިއްޔާ އެމީހުން އުފާވާނެކަމުގައި ރާފިޢާ ބުންޏެވެ.

ކަޝަފް އެއައީ ވަރަށް ދިގު ދަތުރެއް ނިންމާފައެވެ. އެއްވެސް ތާކަށް ދާކަށް ކަޝަފް ބޭނުމެއް ނޫނެވެ. އެހާ ދިގު ޗުއްޓީއެއް ލިބިދާނެ ކަމާމެދު ރާފިޢާގެ ހިތުގައި ޝައްކު އުފެދުނެވެ. ކަޝަފް އެއިނީ ވިހަން ވެފައެވެ. ވިހައިގެން ދިގު ޗުއްޓީއެއް ނަގަން ޖެހޭނެއެވެ. އޭގެ ކުރިން ދިގު ޗުއްޓީއެއް ނަގައިފިއްޔާ މަސައްކަތަށް ހުރަސް އެޅޭނެ އެވެ. ކަޝަފް އެއައީ ޗުއްޓީއެއްވެސް ނުނަގައެވެ. ކޮންމެވެސް ގޮތަކުން ފަހުން އެކަން ހަމަޖެހިދާނެއެވެ.

އެހިސާބުން ، ރާފިޢާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އަނެއްކާ ކަޝަފް އެއައީ ޒަރޫންއާ މައްސަލަ ޖެހިގެން ނޫންބާވައެވެ. ކުރިންވެސް މައްސަލަ ޖެހޭކަމަށް ކަޝަފް ބުންޏެވެ. އަދި އޭނާއަށް މަންމަގާތު ނުހުރެވޭނެހޭ ބުނެ ރާފިޢާ އާ ސުއާލު ކުރިއެވެ. ކަޝަފަށް ، ރާފިޢާގާތު ނުހުރެވޭނީ ކީއްވެ ހެއްޔެވެ ؟ ކަޝަފަކީ އޭނާ އެންމެ ލޯބިވާ ، އޭނާގެ ދޮށީ ދަރިފުޅެވެ. ކަޝަފްގެ އެހީތެރިކަމާއި އިޙްސާންތެރިކަމާ ނުލައި ، ރާފިޢާގެ ދިރިއުޅުމުގައި އެދިމާވި ކަންކަމާއި ކުރި ދިގު ދަތުރު ލުއި ފަސޭހައެއް ނުވީހެވެ. ކަޝަފް ބޭނުން ކޮންމެ އިރަކުވެސް ރާފިޢާ ގާތަށް އާދެވޭނެއެވެ. ރާފިޢާ ކަންބޮޑުވީ ، ޒަރޫންއާ ދެމީހުން މައްސަލަ ޖެހިގެން އައީކަމަށް ހީކުރެވިގެންނެވެ. އަންހެންދަރިން މައިންބަފައިންގެ ގެޔަށް ކުއްލިގޮތަކަށް އައިއްސިއްޔާ ވަރަށްގިނަ ވަހުމު މައިންބަފައިންގެ ހިތުގައި އުފެދޭނެއެވެ.

އެކަހަލަ ކަންކަމާމެދު މަންމަ މާބޮޑަށް ވިސްނާތީ ކަޝަފް ކަންބޮޑުވެގެން ސުއާލު ކުރިއެވެ. ރާފިޢާއަކީ މަންމައެވެ. ކަޝަފްމެންމާމެދު ސުއާލު ކުރަން އެހެންމީހަކު ނުހުންނާނެއެވެ. އަދި ކަމެއް ދިމާވެއްޖިއްޔާ އެންމެ ބޮޑަށް ކަންބޮޑުވާނެމީހަކީވެސް މަންމައެވެ. އެކަމަކުވެސް ، އެކަހަލަ ވާހަކަ ދެން ނުދެއްކުމަށް މަންމަގެ ކިބައިން ކަޝަފް އެދުނެވެ.

ރާފިޢާ ، ކަޝަފަށް ކާޏް ދިނުމަށްޓަކައި ކާތަކެތި ހޫނުކޮށްލަން ދާން ބޭނުންވިއެވެ. އެކަމަކު ، ކާކަށްވެސް އަދި ސައިތަށްޓެއް ބޯލާކަށްވެސް ކަޝަފް ބޭނުމެއް ނުވިއެވެ. ކަޝަފް ބޭނުންވީ ، މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ އަރާމުކޮށް ނިދާލާށެވެ. އޭނާގެ ހިތުގައި ހުރި އުދާސްތައް އެނޫންގޮތަކަށް ބޭރުކޮށެއް ނުލެވޭނެއެވެ.

ކަޝަފް ނިދާލާފައި ތެދުވުމާއެކު ، އަނެއްކާވެސް ކުރިމަތިވީ އެހިނގި ކަންކަމުގެ އުދާސްތަކެވެ. އޭނާހުރީ ގޭގެ ކޮރިޑޯގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލައި އޭނާގެ އަމިއްލަ ހިތާ ވާހަކަ ދައްކާށެވެ. މަންމަ ގާތު އެވާހަކަތައް ކިޔައިދޭންވީ ހެއްޔެވެ. އޭރަށް ، އިންތިހާއަށް ކަންބޮޑުވެ ، މަންމަގެ ހިތް ހަލާކު ވާނެއެވެ. ބައްޕަ ކިތަންމެ ގޯހަސް އަދި އެހެން މީހަކާ ދެއަނތްބަށް އިނަސް މަންމަ ވަރިއެއް ނުކުރެއެވެ. ކަޝަފްވެސް ޒަރޫންގާތުން ވަރިވާކަށް ބޭނުމެއް ނޫނެވެ. ކަޝަފް ބޭނުންވަނީ ޒަރޫން އިޞްލާޙުވެގެން ރީތި ސާދާ ދިރިއުޅުމަކަށް ޒަރޫންގެ ޢަމަލުތައް ބަށްޓަން ވެގެން ދިއުމަށެވެ. ތެދުވެރި އިޚުލާޞްތެރި އަދި ވަފާތެރި ފިރިއއެއްގެ ގޮތުގައި ޒަރޫންގެ އުޅުން ބަދަލުވެގެން ދިއުމަށެވެ.

އެހުރިހާ ކަމަކާ އެކުވެސް ، ވެގެން އުޅޭގޮތް މަންމަޔަށް ސިއްރު ކުރުމަކީ ކަޝަފަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ. އެއީ މަންމަގެ މައިވަންތަކުމަގެ ގުޅުމަށް ކަޝަފް ކުރާ އިޙްތިރާމަށް ހިޔަނި އެޅޭނެ ކަމެކެވެ. އެކަން ސިއްރުކޮށްގެން ކަޝަފަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ ކޮންމެވެސް ދުވަހަކުން މަންމަޔަށް އެނގޭނެއެވެ. އެދުވަހަކުން މަންމަ އަދި ވަކިންބޮޑަށް ދެރަވާނެއެވެ. މަންމަ ، އޭނާގެ ޙަޔާތާ ދުރުކޮށްލި މިންވަރު މަންމަޔަށް ވަޒަން ކުރެވޭނެއެވެ. ނޫނެކެވެ. އެހެން ހަދައިގެން ނުވާނެއެވެ. މަންމަގާތު އެވާހަކަ ޖެހޭނީ ބުނާށެވެ. އެކަމަކު އެވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ ؟ ފަށާނީ ކީކޭ ކިޔާފައި ހެއްޔެވެ ؟ އަހަރެން މިތަނަށް އައުމަކީ ހެދުނު ގޯހެކެވެ. އުޅެން ޖެހުނު ޙާލެއްގައި އުޅެން އިސްލާމްއާބާދުގައި ހުރެވުނު ނަމަ މާ ރަނގަޅުވީހެވެ. އޭރަށް ހަމަ ގައިމުވެސް މަންމަގެ ހިތަށް ތަކުލީފެއް ނުލިބި އެކަން ނިމިދާނެ ގޮތެއް ހެދުނީހެވެ. ކަޝަފް އިށީނދެ އިންއިރު އޭނާގެ ދެފައި ބާރަށް ހަލުވަމުން ދެއެވެ.

ރާފިޢާ ، ސައިތަށްޓެއް ހިފައިގެން އައިސް ކަޝަފަށް ދިއްކޮށްލިއެވެ. އެކަމަކު ސައިތަށި ބޯހިތެއް ނެތެވެ. އެހެން ނޫނަސް ސައިތަށްޓެއް ބޯން ބޭނުމިއްޔާ އޭނާ އަމިއްލަޔަށްވެސް ގޮސް ސައި ހަދައިލެވޭނެއެވެ. ރާފިޢާ އެ އުނދަގޫ އުފުއްލީތީ ކަޝަފް އިނީ  ކަންބޮޑުވެފައެވެ. ރާފިޢާ އޭނާއަށް ސައިތަށްޓެއް ހެދިއިރު ކަޝަފަށްވެސް ސައިތަށްޓެއް ހަދާލަ ދިނީއެވެ. ސައިތަށްޓެއް ބޯލަން ތިބެ ދެމައިން ވާހަކަ ދައްކާލާނެ ފުރުޞަތު ނުލިބޭތާވެސް އެތައް ދުވަހެއް ވެއްޖެއެވެ.

ރާފިޢާ އިނީ ކަޝަފަށް ޝުކުރު އަދާކުރާނެ ފުރުޞަތަކަށްވެސް ބޭނުން ވެފައެވެ. މަންމަ އޭނާއަށް ޝުކުރު އަދާކުރަންވީ ކޮންކަމަކާ ގުޅިގެންކަމެއް ކަޝަފަކަށް ނުވިސްނުނެވެ. އެހެންނަމަވެސް ރާފިޢާ ، ކަޝަފަށް ޝުކުރު އަދާކުރަން ބޭނުމެވެ. އެއީ ރާފިޢާ ދިރިއުޅޭ ގެ އޭނާއަށް ގަނެދިނީތީއެވެ. އެއީ ހުވަފެނަކުންވެސް ރާފިޢާ ދެކެފައިނުވާފަދަ ނިޢުމަތެކެވެ. އޭނާގެ ބޯ ހިޔާކޮށްލަން އަމިއްލަ ގެޔެއް ދުނިޔެއިން ލިބުން އެއީ ދުވަހަކުވެސް ފުރިހަމަ ވެދާނެކަމެއް ކަމެއް ރާފިޢާ އަށް ހީކުރެވިފައެއް ނުވެއެވެ.

މަންމަ ޝުކުރު އަދާކުރުމަކީ ކަޝަފް އެހާ ހިތްހަމަ ޖެހޭކަމެއް ނޫނެވެ. ދަރިންނަށް މައިން ޝުކުރު އަދާކުރާކަށް ނުޖެހޭނެއެވެ. ރާފިޢާއަކީ ، ފެށުނީއްސުރެ ﷲ އަށް ޙަމްދުކޮށް ޝުކުރު ކުރަމުން އަންނަ މީހެކެވެ. އެއީ އޭނާއަށް މިންވަރު ކުރައްވާފައިވާ ދަތި ޙާލުގައިވެސް މިންވަރު ކުރައްވާ ނިޢުމަތަށެވެ. މިއަދު އޭނާގެ އަމިއްލަ ގެޔެއް އެބަހުއްޓެވެ. އެކަން ހިންމަވައި ދެއްވީ ކަޝަފް މެދުވެރިކޮށެވެ. އެހެންކަމުން ކަޝަފަށް ޝުކުރު އަދާކުރުމަކީ ، އޭނާގެ ވާޖިބެއްކަމުގައި ރާފިޢާ ދެކެއެވެ. ކަޝަފްގެ ވިސްނުން ހުރިގޮތުން ، މަންމަގެ ދިރިއުޅުމުގައި ދިމާވި ދަތިކަމަށް ޝުކުރު އަދާކުރާކަށް ނުޖެހެއެވެ. ޝުކުރު އަދާކުރުމުގައި މަންމަ ގެންގުޅޭ ފިކުރަކީ ކަޝަފަށް ވިސްނޭ އެއްޗެއް ނޫނެވެ. ދިރިއުޅުމުގައި ފެށުނީއްސުރެ މަންމަ އުޅެމުން އައީ ދަތިޙާލުގައެވެ. އަދި މިހާރުވެސް މައްސަލަތައް އެބަހުއްޓެވެ. ދިރިއުޅުމަކީ މައްސަލަތަކުން ފުރިގެންވާ އެއްޗަކަށް ކިޔޭ ނަމެކެވެ. ފަހަރަކު ކަމެއް ޙައްލުވަމުންގޮސް ، މައްސަލަތަށް ނިމިގެންދާނެކަން ޤަބޫކުރުމަކީ ރާފިޢާ ދެކޭ ގޮތެވެ.

ބައްޕަގެ ދިރިއުޅުމުގައި މިހާރުވެސް އެހެން އަނތްބެއް އެބައިނެވެ. އެހެން ގެޔެއް އެބަހުއްޓެވެ. ރާފިޢާވެސް އެކަން ޤަބޫލު ކުރެއެވެ. އެހެންނަމަވެސް މިހާރު އެއީ ރާފިޢާއަށް އެއްވެސް މައްސަލައެއް ނޫނެވެ. ރާފިޢާ އެކަމާ ހިތާމަކުރި ދުވަސްތަކެއްވެސް ދިޔައެވެ. އެކަމަކު ، އޭނާގެ ތިންކުދިން ބޮޑެތިވެ ، ގެޔެއްލިބި ، އެކަންކަން ފުރިހަމަވީމަ އެމައްސަލަތައްވެސް އެ ނިމުނީއެވެ. މިހާރު މިއީ އުފާވެރިކަމުގެ ދުވަހެވެ. އޭނާގެ ދެކުދިންނަށް ރަނގަޅު ފިރިންލިބި އެކުދިންގެ ދިރިއުޅުން އާބާދު ވަމުންދާތަން އޭނާއަށް އެބަ ފެނެއެވެ.

ރާފިޢާއަށް މުރުތަޟާ މިހާރު ފެންނަނީ އޭނާއަށްވުރެ ނިކަމެތި މީހެއްގެ ގޮތުގައެވެ. ދިރިއުޅުމުގައި ޙައްލު ކުރެވެން ނެތް މައްސަލަތަކެއްގައި ތާށިވެފައިވާ މީހެއްގެ ގޮތުގައެވެ. އެމައްސަލަތައް އެއީ އޭނާ އަމިއްލަޔަށް އުފަންކުރުވި ކަންތައްތަކެކެވެ. އަލަތު އަނބިމީހާ ދޫކޮށްލީއެވެ. ލިބުނު ތިންދަރިން ދޫކޮށްލީއެވެ. އަލަށްފެށި ދިރިއުޅުމާ ވަކިވީއެވެ. ތިން އަންހެންދަރިން ލިބުނީމާ  ﷲ ގެ ނިޢުމަތަށް ޝުކުރު ނުކޮށް ، ފިރިހެން ދަރިއެއްގެ ބޭނުން ބަހަނާއަކަށް ދައްކާފައެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ސަބަބެއް ދައްކާފައެވެ.

ކަޝަފް ދެކޭގޮތުގައި ބައްޕަގެ ދެވަނަ ކައިވެންޏަކީ ޙަޤީޤަތެކެވެ. ބައްޕަގެ ޙަޔާތުގައި މަންމަޔާއެކު އެހެން އަންހެނަކު ހުރުމަކީ ، މަންމަޔަށް މައްސަލަޔަކަށް ނުވާންވީ ސަބަބެއް ކަޝަފަކަށް ނުފެނެއެވެ. ރާފިޢާއަށް ޤަބޫލު ކުރެވޭގޮތުގައި މުރުތަޟާ މިހާރު އެވަނީ އޭނާ ކުރިން ކުރި ހިތާމައާއި ކަންބޮޑުވުންތަކުގައި ތާށިވެފައެވެ. ފިރިހެންދަރިޔަކީ ތާކުންތާކު ނުޖެހޭ ކުއްޖެކެވެ. އޭނާ މީހަކަށް ނުހެދުނެވެ. އަންހެންކުދިން ތިބީ އިންނާނެ މީހެއް ހޯދަން ބޭނުން ވެފައެވެ. ޢުމުރުން ދޮށިވެ ، ވަޒީފާއަދާނުކުރެވޭ ޙާލަށް މީހާ މުސްކުޅިވެއްޖެއެވެ. ރައްކާކުރެވިފައި އެއްވެސް އެއްޗެއް ނެތެވެ. ލިބުނުހާ ލާރިއެއް ޚަރަދުކޮށް ހުސްކުރީއެވެ. ޙައްމާދުގެ ޚަރަދުތައް ބޮޑުވެގެންގޮސް މީހުން އަތުން ދަރަންޏަށް ލާރިނަގައި ، ނުޙައްޤު ފައިސާ ހޯދައިގެން މީހާ އެހުރީ ހުސްވެފައެވެ.

އެހެންކަމަށްވިޔަސް ، މައްސަލައެއް ނެތެވެ. ބައްޕަގެ ދިރިއުޅުމުގައި ދޮންމަންމައާއެކު އެއުޅެނީ އުފަލުގައެވެ. މުރުތަޟާއަށް މިހާރު ، އެނޫން ގޮތެއް ނެތްކަން ކަޝަފްމެންނަކަށް ނުވިސްނޭނެއެވެ. ނިޤާރާއެކު މުރުތަޟާގެ ދިރިއުޅުން އުފަލަކަށް ހެދިއިރު ، ރާފިޢާވެސް ހުރީ އޭނާގެ ތިންކުދިންނާއެކު އުފަލުގައެވެ. ރާފިޢާ ދޫކޮށްލުމަކުން ، ރާފިޢައަކަށް މުރުތަޟާގެ ފަރާތުން ނަފްސީގޮތުން ތަކުލީފެއް ނުލިބެއެވެ. އެ ތަކުލީފްތައް މައްސަލަޔަކަށް ނުވީ ، އޭނާގެ ތިން ކުދިންނެވެ. ފުރަތަމަކޮޅު އެއީ މައްސަލަޔަކަށް ވީނަމަވެސް ކުދިން ބޮޑެތިވަމުން އައިވަރަކަށް ހިތަށްލިބެމުންދިޔަ އުފާވެރިކަން ދިޔައީ އިތުރު ވަމުންނެވެ.

ރާފިޢާއެކުގައި އޭނާގެ ތިންކުދިންގެ ލޯތްބާއި އެކުދިންގެ ކާމިޔާބީގެ އުފާވެރިކަން އެބަ އޮތެވެ. މުރުތަޟާއާއެކުގައި އޮތް އެއްވެސް އެއްޗެއްގައި އުފަލެއްވެސް އަދި ކާމިޔާބީއެއްވެސް ނެތެވެ. އެކަން މުރުތަޟާއަށްވެސް އެނެގޭނެއެވެ. އަދި ރާފިޢާއަށްވެސް އެނގެއެވެ. ރާފިޢާވަނީ އޭނާގެ ބޮލުގައި އެޅިފައިވާ ހުރިހާ ޒިންމާއެއް އަދާކޮށްފައެވެ. ދަރިންގެ މަންމައާއި ބައްޕައެއްގެ ޒިންމާވެސް އުފުއްލާފައެވެ. މިއަދު މުރުތަޟާއެވަނީ ދުނިޔެއިން ބާކީވެފައެވެ. ދިރިއުޅުމުގެ އުއްމީދުތައް ތަކުލީފާއި ހިތްދަތިކަމުން އެވަނީ ފުރިފައެވެ. މުރުތަޟާއަށްޓަކައި ރާފިޢާގެ ހިތުގައިވަނީ ހަމްދަރުދީއެވެ. އެހެންނަމަވެސް މަންމަގެ ހިތުގައި ބައްޕަގެ މައްޗަށް ހަމްދަރުދީ އޮތުމުގެ ބޭނުމެއް ނެތެވެ.

ކަޝަފްގެ އަތުގައި ހިފައި ރާފިޢާ ، އެއަތުގައި ފިރުމާލިއެވެ. ކަޝަފްގެ ކާމިޔާބީއާ ގުޅިގެން ، މީހުންގެ ހިތުގައި ރާފިޢާގެ މައްޗަށް ޢިއްޒަތާއި ޤަދަރު އުފެދިއްޖެއެވެ. ކަޝަފްގެ މަންމަޔަށް ވީތީ މީހުންގެ ހިތުގައި ރާފިޢާގެ މައްޗަށް ލޯތްބާއި ހަމްދަރުދީވަނީ އުފެދިފައެވެ. ރާފިޢާއާ ދިމާވާ އަވަށްޓެރިންނާއި ދެކެފަރިތަ ރައްޓެހިން ކަޝަފަށްޓަކައި ފަޚުރުވެރިވެ ، ރާފިޢާގެ ހިތްވަރަށް ތަޢުރީފު ކުރެއެވެ. އެއަށްވުރެ ބޮޑު އުފަލެއް އިންސާނަކަށް ނުލިބޭނެއެވެ.

------------------------

ބޭރުދޮރުގެ ރަނގަބީލު ޖެހުމުން ކަޝަފް ދޮރުހުޅުވައިލިއެވެ. އެމީހަކު އެއައީ ކަޝަފަށް އޮތް ސިޓީއުރައެއް ހިފައިގެންނެވެ. ކަޝަފް އެސިޓީއުރަ ނަގައި ކަނޑައިލިއެވެ. އެ އުރައިގާ އޮތް ލިޔުން ފެނިފައި ކަޝަފްގެ ފައިތިލައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. ނޭވާ ހުއްޓުނެވެ. ބޭރުން އައީ ކާކުތޯ ރާފިޢާ ސުއާލު ކުރިއެވެ. އެސުއާލަށް ޖަވާބެއް ދޭން ނޭނގިފައި ، ކަޝަފްހުރީ ބަސް ހުއްޓިފައެވެ. ދޮރުކައިރީ ކަޝަފް މާގިނައިރުވާން ފެށީމާ ރާފިޢާ ބޯދިއްކޮށްލިއެވެ.

ކަޝަފަށް ރޮއެ ގަނެވުނެވެ.

" މަންމާއެވެ ! ޒަރޫން ، ވަރީގެ ލިޔުން ފޮނުވައިފިއެވެ. " ރޮމުން ރޮމުން ކަޝަފަށް ބުނެވުނެވެ.

ކަޝަފަށް ނިދިފައި އޮވެފައި ކުއްލިޔަކަށް ހޭލެވުނެވެ. އޭނާއަށް އެފެނުނު ހުވަފެނާމެދު ވިސްނައި ލެވުނެވެ. ހުވަފެނުގައި ރޮވުނު ރޮވުމުގެ ކަރުނަ އޭނާގެ ލޮލުން ފާއްދާލާފައި ހުއްޓެވެ. ކަންބޮޑުވެގެންގޮސް އޭނާއަށް ހަދާނެގޮތެއް ނޭނގުނެވެ. ދޮޕައްޓާއިން ދެލޯފުހެލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. އެއީ ހުވަފެނެއްކަން ނަޞީބެވެ. އެއީ ޙަޤީޤަތަކަށް ވީނަމަ ، ކަޝަފްގެ ދުނިޔެ އެކޮޅު ކޮޅުން ޖެހިގެން ދާނެއެވެ. މަންމަ ގާތު ނުބުނެ ހުއްޓާ އެ މުޞީބާތް ކުރިމަތިވުމުގެ ހިތާމަ އިތުރަށް ބޮޑުވާނެއެވެ.

ޒަރޫން އަހަރެންނާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. އުޅެނީ ހިތަށް އެރި ގޮތަކަށެވެ. ކުރަނީ ބޭނުން ކަމެކެވެ. އެކަމަކުވެސް ، މާ ރަނގަޅު މީހަކަށްވެގެން ހީ ސަމާސާކޮށް އެބަ އުޅެއެވެ. އަހަރެންނަށް ސިއްރުން ، އަސްމަރާއާ ވާޙަކަ ދައްކައި މެސެޖްކޮށް ފޯނުކޮށް އެހިންގަމުންދާ ގުޅުން ، އަހަރެންނަށް އެނގުމުން ، އަހަރެންގެ ހިތަށް ކުރާނެ އަސަރު ޒަރޫންއަކަށް އިޙްސާސެއް ނުވިއެވެ. ލިބެން އުޅޭ ދެދަރިންގެ ޙައްޤުގައިވެސް އެފަދަ ކަންކަމުން ޒަރޫން ދުރުހެލިވާން އެބަ ޖެހެއެވެ. އަހަރެންގެ ފަރާތުން ލިބޭ ޚިދުމަތާއި ހިތްހަމަ ޖެހުމުން ނުފުދިގެން ކުރީގެ ލޯބިވެރިޔާގެ ފަރާތުންވެސް ހިތްހަމަ ޖެހުން ނުހޯދާ ޒަރޫންއަކަށް ނުފުދެއެވެ. މިހުރިހާ ކަމަކާއެކުވެސް ، ޒަރޫންއާއެކު އަހަރެންގެ ދިރިއުޅުން ކުރިޔަށް ގެންދަންވީ ހެއްޔެވެ ؟

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.