ދެކަފި - 61

(15 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" އަހަރެން އެހެން ބުނުމުގެ މާނަޔަކީ ، ޒަރޫން ތާކުން ހަމަ ފެންނަހާ ކުއްޖަކާ އިންނަން ، ހުއްދަ ދިނުމެއް ނޫނެވެ. ޢާއިލީގޮތުން އެއްވެސް ވަރަކަށް ޤަދަރާއި ޢިއްޒަތެއް ނެތެވެ. ތަނަވަސްކަމުގެ ކަންފުޅެއްވެސް ނެތެވެ. އާދައިގެ ސްކޫލެއްގެ ޓީޗަރެއްގެ ދަރިޔެކެވެ. އެނޫނީ ޒަރޫނަށް އިންނާނެ މީހަކު ނުފެނުނީ ހެއްޔެވެ ؟ " ޣަޒާލާ އިނީ ރުޅިއައިސްފައެވެ.

އާދައިގެ ސްކޫލެއްގެ ޓީޗަރެއްގެ ޙައިޞިއްޔަތު އެއީ ކައިވެނީގެ ރުކުންތަކުގެ ތެރެޔަށް ވަންނަންވީ އެއްޗެއް ނޫންކަމުގައި ޒަރޫން ބުނެއެވެ. އެކަމާ ބެހޭގޮތުން ޖުނައިދު އެއްވެސް އެއްޗެއް ނުބުނާތީ ޣަޒާލާ އިނީ ވަކިން ބޮޑަށް ރުޅިއައިސްފައެވެ.  ކަޝަފްގެ ބައްޕަ ކުރަނީ ކޮން މަސައްކަތެއްކަމެއް ޒަރޫންއަކަށް ނޭނގެއެވެ. އޭނާއަށް ހަމައެކަނި އެނގެނީ މަންމަޔަކީ ސްކޫލް ޓީޗަރެއް ކަމެވެ. ޖުނައިދުގެ ޚިޔާލުގައި ކައިވެނި ކުރުމުގެ ކުރިން އެކުއްޖަކާ އަދި ކުއްޖާއާ ބެހޭ ރަނގަޅު މަޢުލޫމާތު އެނގުމަކީ މުހިންމު ކަމެކެވެ. ޒަރޫންވެސް އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް ޖުނައިދު ދެކެއެވެ. ކައިވެންޏެއްގެ ކުރިން ވިސްނަންޖެހޭ ކަންތައްތަކެއްވެސް ހުންނާނެއެވެ. އެއީ ، ހަމަހިތަށް އަރާއިރަށް ކުރަން އޮންނަ ކަމެއް ނޫނެވެ.

ކަޝަފާ އިންނަން އޭނާ ނިންމި ނިންމުމަކީ ، ޒަރޫންގެ މުޅި ޙަޔާތުގައިވެސް ވިސްނާ ފިކުރުކުރުމަށްފަހު ނިންމި އެންމެ ފުރަތަމަ ނިންމުމެވެ. އެކަން ޣަޒާލާއަކަށް ޤަބޫލެއް ނުކުރެވުނެވެ. ޣަޒާލާގެ ވިސްނުމާއި ފިކުރަށް ރައްދު ދިނުމަށް ޒަރޫން ވާހަކަ ފެށިއެވެ. ކައިވެނި ކުރަނީ ޒަރޫން އެވެ. އިންނަ ކުއްޖަކާ އެކު ދިރިއުޅޭނީ ޒަރޫން އެވެ. އެކުއްޖާގެ ޢާއިލާއާ ގުޅޭނީ ޒަރޫން އެވެ. އޭނާ އިންނަ ކުއްޖެއްގެ ޢާއިލާގެ ފަރާތުން ، އޭނާގެ މައިންބަފައިންނަށް ތަކުލީފެއް ލިބުނަކަ ނުދޭނެއެވެ.

ޒަރޫން ކައިވެނިކުރާ ކުއްޖެއްގެ ޢާއިލާގެ ކަންކަމުގައި އޭނާއަށް މައްސަލައެއް ނެތަސް ، ޣަޒާލާއަށް އެއީ މައްސަލަ އެކެވެ. މީހުންގާތު ، ރައްޓެހިންގާތު އެކުއްޖަކާބެހޭގޮތުން ޣަޒާލާ ޖަވާބުދާރީވާން ބުނާނީ ކީކޭކަމެއް ނޭނގެއެވެ. ޒަރޫން އިންނަނީ ، އާދައިގެ ދިރިއުޅުމެއްގައި އުޅޭ ފަޤީރު ޢާއިލާއެއްގެ ނިކަމެތި ކުއްޖަކާ ކަމުގައި މީހުންގާތު ބުނަން ޣަޒާލާ ލަދު ގަނެއެވެ. ޒަރޫންއަށް އެހިސާބުން ހިމޭނަކުން ނުއިނދެވުނެވެ. މަންމަޔަށް ޖަވާބުދާރީވާން ޖެހިއްޖެކަމުގައި ޒަރޫން އަށް ފެނުނެވެ.

މީހުން ގާތު ބުނާށެވެ ! އެއީ މަތިވެރި އަޚުލާޤެއްގެ ހަރުދަނާ ކުއްޖެކެވެ. ސަރުކާރުގެ އިސް މަޤާމެއްގައެވެ. އޭނާގެ ޢާއިލާއަކީ އަބުރުވެރި ޤަދަރުވެރި ޢާއިލާ އެކެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. އެއީ ޢާއިލާއެއްގެ ޝަރަފާއި ޢިއްޒަތް ވަޒަންކުރުމަށް އޮންނަ ހަތިޔާރެއް ނޫނެވެ. އެންމެންނަކީ މުއްސަނދިންނަކަށް ނުވާނެއެވެ. މުއްސަނދިންނާއި ފަޤީރުންނަކީ ﷲ ހެއްދެވި އިންސާނުންނެވެ. ދިރިއުޅުމުގެ ދަރަޖައިގެ ތަފާތު އެއީ އިންސާނުންގެ ގޮތާއިފޮތް ދެނެގަންނަން އެންމެ ރަނގަޅު ހަމައެއް ނޫނެވެ. ތަނަވަސްކަން އެއީ އިންސާނުންނަށް ﷲ ދެއްވާ ނިޢުމަތެކެވެ. އެއީ ، އެންމެންނަށް އެއްވަރަށް ދެއްވާ އެއްޗެއް ނޫނެވެ.

ޣަޒާލާއަށް އެނގިފައި އޮންނަ ގޮތުގައި ފައިސާއާއި މުއްސަނދިކަމެއް ނެތް ، ޢާއިލާއެއްގެ ރަނގަޅު ތަޞައްވުރެއްނެތް މީހަކާއި އެކަންކަން ފުރިހަމަވެފައި ހުރި މީހަކަށް ބާއްޖަވެރި ދިރިއުޅުމެއް ނުހޯދޭނެއެވެ. އެދެމީހުންގެ ވިސްނުމުގައްޔާއި ދިރިއުޅުމުގައި ވަރަށް ބޮޑު ތަފާތެއް ހުންނާނެއެވެ. އެކީގައި އުޅެން އުނދަގޫ ވާނެއެވެ.

ޒަރޫން އެހުންނަނީ އެކަން ނުކުރެވިގެން ކެތް މަދުވެފައެވެ. ކައިވެނީގެ އެހުށަހެޅުމައިގެން ކަޝަފްގެ ގެޔަށް ގޮސްދިނުމަށް ޒަރޫން އޭނާގެ މައިންބަފައިންގެ ކިބައިން އެދެއެވެ. އެހެނަސް ، ޣަޒާލާހުރީ އޭނާގެ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެ ހުށަހެޅުމައިގެން އޭނާދާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެކަން އޭނާ ނުކުރާނެކަމަށް ބުނެ ، ޒަރޫންއާ ދިމާއަށް އެތިވަރު ގޮވަމުން ، ޣަޒާލާ އެތަނުން ތެދުވެގެން ހިނގައްޖެއެވެ. ޖުނައިދުވެސް މިފަހަރު އެއްބައިވީ ޣަޒާލާ އާއެވެ. ޖުނައިދު އެތަނުން ނުކުމެގެންދާން ތެދުވިތަނާ ޒަރޫން ، ބައްޕަޔަށް އާދޭސް ކުރިއެވެ. ޖުނައިދަށްވެސް ފެނުނުގޮތުގައި ޣަޒާލާ އެބުނަނީ ރަނގަޅު ވާހަކަ އެކެވެ. ކަޝަފްގެ ޢާއިލާއަކީ ކޮންކަހަލަ ބަޔެއްކަން އެނގުން މުހިންމެވެ. އެންމެ ފުރަތަމަ ، ޖުނައިދު ބޭނުންވީ އެ މައްސަލައިގާ އަބްރާރް އާ ވާހަކަ ދައްކާށެވެ. އަދި އޭގެފަހުން އޭނާ ޣަޒާލާއާ ވާހަކަ ދައްކާނެއެވެ. އެއްކަމަކަށްފަހު އަނެއްކަމެއް މުޞީބާތެއްގެ ގޮތުގައި އޭނާގެ ގެޔަށް އަންނާކަށް ޖުނައިދުވެސް ބޭނުމެއް ނޫނެވެ.

------------------------

އަބްރާރްގެ އެދުމަކަށް ކަޝަފް އޭނާއާ ބައްދަލުކޮށްލުމަށް ، އަބްރާރްގެ އޮފީހަށް އާދެއެވެ. އެހާ ކުއްލި ގޮތަކަށް ކަޝަފް އައިސްދިނުމަށް އަބްރާރް އެދުމުން ، ލަހެއް ފަހެއްނެތި ކަޝަފް އަންނަން ނިންމިއެވެ. ފަހަރެއްގައި އަބްރާރް ސާރ ބަލިވެގެންކަމަށްވެސް ވެދާނެތީއެވެ. އެކަމާ ކަޝަފްހުރީ ވަރަށް ކަންބޮޑުވެފައެވެ. އެކަމަކު ، އަބްރާރް ސާރއާ ބައްދަލުވުމުން ، އޭނާގެ ޙާލު ރަނގަޅުކަން އެނގުނެވެ.

ކަޝަފް އައިސްދިނުމަށް އަބްރާރް އެދުނީ ، ކަޝަފްއާ ވަރަށް މުހިންމު ވާހަކައެއް ދައްކައިލުމަށްޓަކައެވެ. އެވާހަކަޔަކީ ، އަބްރާރަށްވެސް ކަޝަފާ ދައްކަން އުނދަގޫ ވާހަކަ އެކެވެ. އެކަމަކު އެކަން ޒަރޫންއަށް ކޮށްނުދީވެސް ވާކަށް ނެތެވެ. ޙާލު އަޙުވާލު އޮޅުންފިލުވައި ހެދުމަށްފަހު ، ކަޝަފްގެ ވަޒީފާއިން އަބްރާރް ފަށައެވެ. އަދި އެމެރިކާގައި ދިރިއުޅޭ ، ކަޝަފްގެ ކޮއްކޮ ޞިދްރާ އައިސް އުޅޭ ވާހަކަ ބުނެފަ އޮތީމަ ، އޭނާ ގޮވައިގެން ބައްދަލުކޮށްލުމަށް އައުމަށް އަބްރާރް އެދެއެވެ. ޞިދްރާ އައިސް އުޅެނީ ، އެމީހުންގެ އެންމެ ހަގު ޝެހްނީލާގެ އެންގޭޖްމަންޓްގެ ކަންތަކާކަމަށް ކަޝަފް ބުނެއެވެ. އަދި ކުޑަކޮށް ހަމަޖެހިލައިގެން ހަފުތާ ބަންދުގައި ނަމަވެސް ޞިދްރާ ގޮވައިގެން ، ބައްދަލު ކޮށްލުމަށް އަންނާނެކަމަށް ވަޢުދު ވެއެވެ.

ކަޝަފް އޭނާގެ ކައިވެންޏާމެދު އެއްވެސް ވަރަކަށް ވިސްނައިފިތޯ އަބްރާރް ސުއާލުކުރިއެވެ. ކަޝަފްގެ ޖަވާބަކަށްވީ އަދި އެކަމާ ނުވިސްނާ ކަމުގައެވެ. އަދި އަބްރާރް ސާރ އެސުއާލު އެކުރީ ކީއްވެތޯ ، ކަޝަފް ސުއާލު ކުރެއެވެ. ހަމައެއާއެކު މީހަކާ އިންނަން އޭނާ އެއްވެސް ވަރަކަށް ނުވިސްނާކަމުގައި ކަޝަފް ބުނެއެވެ. އެކަމަކު ކަޝަފްގެ މައިންބަފައިންވެސް ، އޭނާ މީހަކާ ދެވަން ބޭނުންވާނެ ނޫން ހެއްޔެވެ ؟ އެކަމަކުވެސް ، ކައިވެންޏަކަށް ، ކަޝަފްގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ. ކަޝަފް ބޭނުމީ އޭނާގެ ވަޒީފާއަށް ހުސްވެގެން ހުރުމަށެވެ.

އަބްރާރް އަށް އެވާހަކަ ފަށާނީ ކޮންގޮތަކަށް ކިހާ ހިސާބަކުންކަމެއް ނޭނގުނެވެ. ބުނެވުނުހާވެސް އެއްޗަކީ ، ކަޝަފް އިންނާނެ މީހަކު އޭނާ ހޯދަމުން ގެންދާ ކަމުގައެވެ. އަދި އެމީހަކު ހޯދައިފި ކަމުގައެވެ. އަބްރާރް ގެ އެވާހަކަޔަށް ކަޝަފް ދިޔައީ އެއްލިގެންނެވެ. އޭނާއަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ކުއްލި ޙައިރާންކަމަކާއި ސިހުމެއް ލިބުނެވެ.

" އަބްރާރް ސާރ ތި ދައްކަނީ ކާޚުގެ ވާހަކައެއް ހެއްޔެވެ ؟ " ކަޝަފް އަށް ލިބުނު ޙައިރާންކަމުގައި ކަންބޮޑުވެފައި ލަދުން އިނދެ ސުއާލު ކުރިއެވެ.

" ޒަރޫން ޖުނައިދު އެވެ. " އަބްރާރްގެ އަނގައިން އެބަސް އެއްކޮށް ނުނިމި އޮއްވާ ، ކަޝަފަށް ކުރެވުނީ ސުއާލެކެވެ.

" މަޢާފު ކުރާށެވެ ! ތިބުނީ ކޮންނަމެއް ހެއްޔެވެ ؟ " ކަޝަފް ސުއާލު ކުރިއެވެ.

އެހިސާބުން އަބްރާރްވެސް ލަދު ގަންނަ ގޮތް ވިއެވެ. ޒަރޫންގެ ނަން ބުނުމުން ކަޝަފަށް ވެގެންދިޔަ ގޮތުން ، އެއީ އޭނާ ބުނެގެންވާނެ ވާހަކައެއް ނޫންކަމަށް އަބްރާރް ނިންމިއެވެ. އެހެންނަމަވެސް ކުރާނީ ކީއް ހެއްޔެވެ ؟ ޒަރޫން އައިސް ކިޔައިގަތްގަތީނުން އެކަން ކުރަން އޭނާއަށް މަޖްބޫރުވީއެވެ. ކަޝަފް ބަލައިގަންނަން ބޭނުންވީ އަބްރާރް ސާރ އޭނާއާ ސަމާސާއެއް ކޮށްލީ ކަމުގައެވެ. އެހެންނަމަވެސް އެއީ ސަމާސާއެއް ނޫންކަމަށް އަބްރާރް ސާފުކޮށް ދެއެވެ. އަބްރާރް ، ކަޝަފް ގާތު އެބުނީ ޒަރޫން ޖުނައިދުއާ ކަޝަފްގެ ކައިވެނީގެ ވާހަކަ އެވެ. އެހެންނަމަވެސް ، އަބްރާރް ސާރ އެވާހަކަ ކަޝަފް ގާތު ބުނީތީ އޭނާއިނީ ޙައިރާން ވެފައެވެ. އެއީ ބައްޕައެއްގެ ދަރަޖައިގާ ކަޝަފް ބަލާ މީހެއްގެ ފަރާތުން އޭނާއަށް އިވެން ބޭނުންނުވާނެ ވާހަކަ އެކެވެ.

ޒަރޫންއާ ބެހޭގޮތުން ކަޝަފްގެ ވިސްނުން އެހާ ރަނގަޅުނުވާނެކަން އަބްރާރަށްވެސް ، ރަނގަޅަށް އެނގެއެވެ. އަދި ޒަރޫންގެ ރަނގަޅު އެއްވެސް ސިފައެއް ކަޝަފަށް ނުވިސްނޭނެކަންވެސް އޭނާ ދެނެގަތެވެ. އެކަންވާނީވެސް އެހެންނެވެ. ކިޔަވަން އުޅުނު ދުވަސްވަރު ، ކަޝަފަށް ، ޒަރޫން ވެފައިވަނީ ބޮޑު މުޞީބާތަކަށެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަބްރާރް އެވެ. ޒަރޫންއަކީ އަބްރާރްގެ ގާތް ، ރަޙުމަތްތެރި ޢާއިލާއެއްގެ މީހެއްކަން ކަޝަފަށް އެނގެއެވެ. އަބްރާރް ، ޒަރޫންއާ މެދު ދެކޭގޮތާއި ކަޝަފް ، ޒަރޫންއާމެދު ދެކޭގޮތް ތަފާތުކަމުގައި ކަޝަފް ބުނެއެވެ. ޒަރޫން އަކީ އަބްރާރްއާ ވަރަށް ގާތް މީހެއްކަންވެސް ކަޝަފަށް އެނގެއެވެ. ޒަރޫންގެ ތަޞައްވުރު ކަޝަފަށް ސާފުކޮށްދެވޭތޯ އަބްރާރް ވަރަށް މަސައްކަތް ކުރިއެވެ. ޒަރޫން އެއީ ކަޝަފް ހީކުރާހާ ގޯސް މީހެއް ނޫނެވެ. އެއީ ވަރަށް ރަނގަޅު އިންސާނެކެވެ. އަބްރާރް ސާރ އެގޮތަށް ބުނާކަމަށް ވަންޏާ ޒަރޫންއަކީ ރަނގަޅު މީހަކަށް ވެދާނެއެވެ. އެހެންނަމަވެސް ، ޒަރޫންގެ މައްޗަށް ، ކަޝަފްގެ ހިތުގައި އެއްވެސް  ވަރަކަށް ޝަޢުޤުވެރިކަމެއް ނެތެވެ. ޒަރޫން އާ އިންނާކަށް ކަޝަފް ބޭނުމެއް ނޫނެވެ. އެއީ ކީޢްވެގެންތޯ އަބްރާރް ސުއާލު ކުރިއެވެ.

" ޒަރޫން އާ އަހަރެންނާ ދެމެދު އެއްގޮތް އެއްވެސްކަމެއް ނެތެވެ. ވިސްނުން ތަފާތެވެ. ދިރިއުޅުމުގެ ފެންވަރު ތަފާތެވެ. މުޖުތަމަޢުގައި އަހަރެމެންގެ ދެމީހުންގެ އަގު ތަފާތެވެ. ދިރިއުޅެން ބޭނުންވާ ގޮތް ތަފާތެވެ. އެހެންކަމަށް ވަންޏާ އެކީގައި ދިރިއުޅެވޭނީ ކިހިނެއް ހެއްޔެވެ ؟ ކައިވެންޏެއްގެ ވާހަކަވެސް ދައްކާނީ ކިހިނެއް ހެއްޔެވެ. އަހަރެން ހީކުރަނީ އަބްރާރް ސާރ އަހަރެންނާ ތިވާހަކަ ތި ދެއްކީ ޒަރޫންއާ ތި ވާހަކަ ނުދައްކާ ކަމަށެވެ. ޒަރޫންގާތު ކުރިން ތިވާހަކަ ދެއްކިނަމަ އެކަމާ ޤަބޫލެއްވެސް ނުވާނެއެވެ. " ކަޝަފް ބުންޏެވެ.

" އަހަރެން އެވާހަކަ މިބުނީ ޒަރޫން އެކަމަށް އެދިގެންނެވެ. " އަބްރާރްގެ ޖަވާބުން ކަޝަފަށް ލިބުނީ އިތުރު ހާސްކަމެކެވެ. ދެބުމަ ގޮށް ޖެހުނެވެ. އަދި ކަޝަފްގާތު އެވާހަކަ ދައްކައިދިނުމަށް ޒަރޫން އެދުނީހޭ ބުނެ ސުއާލު ކުރެއެވެ.

" އަހަރެން ޒަރޫންއާ ކައިވެންޏެއް ނުކުރާނަމެވެ. ދުނިޔޭގެ ހުރިހާ ފިރިހެނުން ހުސްވެ ، ޒަރޫން އެކަނި ފިރިހެނަކަށް ހުއްޓަސް އަހަރެން ޒަރޫންއަކާ ނުއިންނާނަމެވެ. އެވަރުގެ މީހަކާ އިނުމަށްވުރެ މީހަކާ ނުއިނދެ ޢުމުރު ހޭދަކުރުންވެސް މާ ރަނގަޅުވާނެކަމަށް އަހަރެން ދެކެމެވެ. " ކަޝަފް ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

އެމައްސަލައިގާ ކަޝަފްގެ ވިސްނުމާއި ފިކުރު ، މުރުތަޟާއަށް އެއީ ގޯސް އެއްޗެއް ނޫނެވެ. ކަޝަފްގެ ނިންމުމަކީ އެކަށީގެންވާ ނިންމުމެކެވެ. އެހެންނަމަވެސް ، އަބްރާރް ޤަބޫލުކުރާ ގޮތުގައި އެވަގުތު ކަޝަފް އެކަމާމެދު އެނިންމާ ނިންމުމެއް އެ ނިންމަނީ އޭނާގެ ހިތަށް އައިގޮތަކަށް ، މާބޮޑު ވިސްނުމަކާ ނުލައެވެ. ޒަރޫންއާ މެދު އޭނާގެ ހިތުގައި މާކުރީއްސުރެ ބިންވަޅު ނެގިފައިވާ ތަޞައްވުރެއްގެ މައްޗަށް ބިނާ ކޮށްފައެވެ. ރަނގަޅަށް ވިސްނާފައެއް ނޫނެވެ. ގެޔަށް ގޮސް ހަމަޖެހިލައިގެން ރަނގަޅަށް ވިސްނާލާށެވެ. އަދި ޢާއިލާގެ މީހުންނާވެސް މަޝްވަރާ ކޮށްލާށެވެ. ނޫނެކޭ ބުނުމުގެ ކުރިން އއެހެން ބުނަން ޖެހޭ ސަބަބު އަބްރާރް އަށް ސާފުކޮށްލަ ދިނުމަށް އޭނާ އެދެއެވެ.

ގަތްލަދެއްގެ ބޮޑުކަމުން ، ކަޝަފް އިނީ އަބްރާރް އާ ދިމާލަށް ބަލައިލަންވެސް ނުކެރިފައެވެ. އެކަމަކު އެވާހަކަ ނުދައްކައެއްވެސް ވާކަށް ނެތެވެ. ކަޝަފް ކޮންމެހެން އެހެން މީހަކާ ، އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް ނުޖެހެއެވެ. ވާހަކަ ދައްކާކަށް ބޭނުމެއްވެސް ނޫނެވެ. ޒަރޫންގެ އުޅުމަކީ ކަޝަފަށް ޤަބޫލު ކުރެވޭ ގޮތުގައި ވަރަށް ގޯސް އާދަތަކަކުން މަސްހުނިވެފައިވާ އަޚުލާޤީގޮތުން ދަށް އުޅުމެކެވެ. އެއީ ވަރަށް ގޮތްކުޑަ އަދަބެއް ސަދަބެއްނެތް ނުލަފާ މީހެކެވެ. އަންހެނުންނަށް އިޙްތިރާމް ކުރާނެ ގޮތެއް އޭނާގެ ހިތަކަށް ނުވަންނާނެ އެވެ. ޒަރޫންގެ ނަޒަރުގައި އަންހެނުންނަކީ ކުޅޭ ކުޅޭ އެއްޗެކެވެ. އަންހެން ކުދިންނަކީ އޭނާ ޖަހާހާ ބެރަކަށް ނަށަން ތިބޭ ބަޔެކެވެ.  އޭނާގެ ހިތުގައި އެއްކުއްޖެއްގެ ބަދަލުގައި އެތައް އަންހެންކުދިންނެއް ލިސްޓް ކުރެވިފައި އޮންނާނެއެވެ. އަން ކިޔައިފިއްޔާ ވަރިހަމަ ވާނެއެވެ.

އަބްރާރްވެސް ކަޝަފާ އެވާހަކަ ދެއްކުނީތީ އިތުރަށް ޒަރޫން ސިފަކޮށްދެވޭތޯ މަސައްކަތް ކުރިއެވެ. ޒަރޫންއަކީ ކަޝަފް އެސިފަކުރިފަދަ މީހެއްނޫނެކޭ ބުނާކަށް އަބްރާރް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ، ދިރިއުޅުމުގައި ކުރިމަތިވަމުންދާ ކަންތައްތަކުގެ ތަޖުރިބާއިން ފިލާވަޅު ލިބިގެން ގިނަކަންތައްތަކެއް ރަނގަޅުކޮށް އިޞްލާޙު ކޮށްފިއެވެ. އެ ބަދަލު ޒަރޫންގެ އުޅުމުން މިހާރު އެބަ ފެނެއެވެ. ކުރިން އުޅުނު ގޮތަކުން ، މީހާ ބަދަލުވެ ރަނގަޅު ނުވާނެކަމުގައި ނިންމުމަކީ އިންސާފެއް ނޫނެވެ. އެންމެ ރަނގަޅެވެ. ޔުނިވަރސިޓީގައި އެތައް އަންހެންކުދިންނަކާ ރައްޓެހިވެފައި އޮވެދާނެއެވެ. އެކަމަކު ، ޒަރޫންއަކީ އަޚުލާޤެއްނެތް މީހެއްކަމަށް ނިންމޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިވާކަމެއް އަބްރާރް އަށް ފާހަގަ ކުރެވިފައެއް ނެތެވެ.

ޒަރޫންގެ އުޅުމާމެދު އަބްރާރް ސާރ އަށް ވަކިކޮޅަކަށް ނުޖެހި ޢާންމު ރަޢުޔެއް ނެރުމަކީ ކުރެވިދާނެ ކަމެއްނޫންކަމަށް ކަޝަފްއަށް ޤަބޫލު ކުރެވެއެވެ. އެއީ ޒަރޫންދެކެ އަބްރާރް ސާރ ލޯބިވާތީއެވެ. ދަރިޔެއްގެ ގޮތުގައި ބަލާތީއެވެ. އެންމެ ގާތް ރަޙުމަތްތެރިޔާގެ ދަރިޔެއް ވީމައެވެ. ކަޝަފާމެދުވެސް އަބްރާރްގެ ހިތުގައިވަނީ ދަރިޔެއްގެ މައްޗަށް އޮތްފަދަ ލޯތްބެކެވެ. ކަޝަފަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް އަބްރާރް ނުކުރާނެއެވެ. އެކަމަކުވެސް ، ޒަރޫންއާއި ކަޝަފްއާ ދެމެދު އެހާބޮޑު ތަފާތެއްހުރިއިރު ، އެދެމީހުން ކައިވެނިކޮށްގެން ދިރިއުޅުމެއް އުޅެވިދާނެކަމުގައި އަބްރާރް އަށް ހީވިސަބަބެއް ކަޝަފަކަށް ނުވިސްނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.