ދެކަފި - 44

(27 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޞިދްރާގެ ކައިވެނީގެ ކާޑު ހިފައިގެން ރާފިޢާ ، މުރުތަޟާގެ ގެޔަށް ދެއެވެ. ކުދިން ބުނިނަމަވެސް އެކަން ނުކޮށް ރާފިޢާއަކަށް ނުކެރުނެވެ. މުޖުތަމަޢުގެ އެކަހަލަ އާދަކާދަ އާއި ދީނީ ވާޖިބުތަކަށް އިހުމާލުވުމަކީ ، ރާފިޢާ ކުރާނެކަމެއް ނޫނެވެ. ރާފިޢާ އެގެޔަށް ދިޔައިރު މުރުތަޟާ ގެޔަކު ނޫޅެއެވެ. ގޭގައި އުޅެނީ ނިޤާރު އެކަންޏެވެ. ނިޤާރު އިނީ ރާފިޢާގެ ކުރިމަތީގައެވެ. ގޭގެ ގޮނޑިސެޓް އާކޮށް އާބާތުރަ ފިލުވައި ކުލަވެސް ވަނީ ލާފައެވެ. ނިޤާރު އިސްނަގައި ވާހަކަ ދައްކަން ފަށައި ، ރާފިޢާއަށް މަރުޙަބާ ކިޔެވެ. އަދި އެހާ އަވަހަށް ރާފިޢާ އައިސް އެކަން އެނގީތީ ނިޤާރު އިނީ ޙައިރާންވެފައިކަމަށް ހަދައިގެންނެވެ. ނިޤާރު ހީކޮށްގެން ހުރީ އެމީހުންނަށް އެކަން އެނގޭނީ ކައިވެނީގެ ފަހުންކަމަށް ބުނެ ރާފިޢާ ލަދު ގަންނުވައިލިއެވެ. ކައިވެނީގެ ރަސްމިއްޔާތަށް މުރުތަޟާ ދާނެކަން ނުވަތަ ނޫންކަން ނިންމާނީ މުރުތަޟާކަމަށް ބުނެއެވެ. އަދި ޔަޤީނުންވެސް އޭނާއާއި އޭނާގެ ކުދިން އެރަސްމިއްޔާތަށް ނުދާނެކަން ނިޤާރު ކަށަވަރު ކޮށްދިނެވެ.

އެ ރަސްމިއްޔާތަށް ނިޤާރަށް ދަޢުވަތު ދިނުމަކީ ، ރާފިޢާގެ ވާޖިބެކެވެ. އައުމާ އަދި ނައުމަކީ ނިޤާރުގެ އިޚްތިޔާރުގައިވާ ކަމެއްކަމުގައި ރާފިޢާ ބުނެ އޭނާގެ ފަރުޟު އަދާކުރިއެވެ. ރާފިޢާއާއި ނިޤާރުގެ ވާހަކަ އެހިސާބަށް ދިޔަތަނާ މުރުތަޟާވެސް ގެޔަށް އާދެއެވެ. މުރުތަޟާ ގެޔަށް ވަނުމާއެކު ރާފިޢާ ސަލާމް ގޮވައިލިއެވެ. މުރުތަޟާ ވަދެގެން އައިސް އިރުކޮޅެއް ކޮށްލާފައި ގޮނޑީގައި އިށީންނަމުން ރާފިޢާގެ ސަލާމް ބަލައިގަތެވެ. ރާފިޢާ ގެނައި ކާޑު ނިޤާރު ނެގިއެވެ. އަދި  މަލާމާތުގެ ރާގެއްގައި މަރުޙަބާއޭ ، މިއޮތީ ކަލޭގެ ދަރިފުޅުގެ ކައިވެނީގެ ކާޑޭ ބުނެ އެކާޑު މުރުތަމާ އަތަށް ދިއްކޮށްލައެވެ.

" ކައިވެންޏަށް އާއނއެކޭ ބުނެ ދެންހުރި ކަންކަންވެސް އަމިއްލަޔަށް ކޮށް ނިންމުމަށްފަހު ، ކާޑެއް ގެނެސް ދިއްކޮށްލުމަކުން އަހަރެން ދިއުމާއި ނުދިއުމުގެ އޮންނާނީ ކޮން ތަފާތެއް ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކަ އަމާޒުކުރީ ، އެއިން އެއްވެސްކަމެއް އޭނާއަށް ނޭނގޭކަން ނިޤާރަށް ޔަޤީންކޮށްދިނުމުގެ މައްޗަށެވެ. އޭރުވެސް ނިޤާރު އިނީ މަލާމާތުގެ ހިނިތުންވުމެއްގައެވެ.

" އެއީ މުރުތަޟާގެ އަންހެންދަރިފުޅެވެ. އެދަރިފުޅުގެ ކައިވެނި މުރުތަޟާގެ އަތުން ވެގެންދާކަށް ނޭދެން ހެއްޔެވެ ؟ " ރާފިޢާ ސުއާލު ކުރިއެވެ.

" ބައްޕަގެ ބަހެއްނެތި ކައިވެންޏަށް އާނބަސް ބުނެ ، އެހެންކަންކަންވެސް އަމިއްލަޔަށް ކުރަންވީ ނޫން ހެއްޔެވެ ؟ ބައްޕަޔާ ނުލައި ތިޔަކައިވެނި ނުކުރެވެނީ ހެއްޔެވެ ؟ " ނިޤާރަކަށް އަނގަ ނުބާނައެއް ނީނދެވުނެވެ.

ނިޤާރުގެ އެސުއާލަށް ، އާނއެކޭ ބުނުން ފިޔަވައި މުރުތަޟާ އެއްވެސް އެއްޗެއް ނުބުނެއެވެ. ދޮށީ އަނބި ، ރާފިޢާގެ ކުރިމަތީގައި މުރުތަޟާ އެއިނީ ލަދުވެތި ވެފައެވެ.  އެހެނަސް ހަގު އަނބި ނިޤާރުގެ ކުރިމަތީ އޭނާ އެއިންނަނީ ހަތިޔާރު ބަހައްޓައިގެންނެވެ. ރަން ކިޔާ ގަޑިއާއި ދުވަސް އަދި ކައިވެނީގެ ރަސްމިއްޔާތު ބާއްވާ ތަނާއި ގަޑިއާއި ދުވަސް ، ރާފިޢާ ސާފުކޮށްދިނެވެ. ކައިވެނީގެ ރަސްމިއްޔާތަކީ ، މުރުތަޟާގެ ދަރިފުޅަށް ބައްޕައެއްގެ ވާޖިބު އަދާކުރަން ޖެހޭނެ ވަގުތެވެ. އަދި އެ ދަރިފުޅަށް އޭނާގެ ބައްޕަގެ ބޭނުންވާނެ ވަގުތުވެސް މެއެވެ. ކައިވެންޏަށްފަހު ، ޞިދްރާ ދާނީ އެމެރިކާ އަށެވެ. މުރުތަޟާގެ ދަރިފުޅުގެ މޫނު ދެންފެންނާނެކަމެއްވެސް އަދި ނޫންކަމެއްވެސް ނޭނގެއެވެ. ރާފިޢާގެ ވާހަކަ އެހިސާބުން ނިންމާލައި ، ދިއުމުގެ ހުއްދައަށް އެދެމުން އެގެއިން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ކުރަން އައި ކަންތައް އެހިސާބުން އެނިމުނީއެވެ.

ރާފިޢާ އެގެއިން ނުކުމެގެން ދިއުމުން ތަނަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވައިލީ ނިޤާރެވެ. މުރުތަޟާގެ އަންހެނުންގެ ގޮތްކުޑަކަން ނިކަން ދެކެބަލާށޭ ބުނެ ، ނިޤާރު ، ރާފިޢާއަށް މަލާމާތް ކޮށްލިއެވެ. އެ ކައިވެނީގެ ވާހަކަ ، މުރުތަޟާ އެއްވެސް ވަރަކަށް ނިޤާރު ގާތު ބުނެފައެއް ނެތެވެ. ކައިވެންޏަށްފަހު އެމެރިކާއަށް ދަނީޔޯލައެވެ. ނިޤާރަކަށް އެކަން ޔަޤީނެއް ނޫނެވެ، އެހެން ނޫނަސް ، އެއިން އެއްވެސް ވާހަކައެއް މުރުތަޟާ ، ނިޤާރު ގާތު ބުނެފައެއް ނެތެވެ.

ރާފިޢާ ގެޔަށް އެނދުރި ދިއުމާއެކު އެކި ކުދިން އެކި ސުއާލުކޮށްގަތެވެ. ކަޝަފް ބުނިގޮތުގައި އަނެއްކާވެސް ، އެއައީ އޭނާގެ އެހީއަށް އެދިފައެވެ. ކަޝަފްގެ ވާހަކަޔަށް ރާފިޢާ ނޫނެކޭ ބުނެއެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ، އޭނާގެ އެހީއަށް ނޭދޭކަން ޔަޤީން ކޮށްދިނެވެ. މަންމަގެ އެ ހިތްވަރަށް ޞިދްރާ އުފާކުރިއެވެ. ބައްޕަ ނައިއްސިއްޔާ އޯ ބުނެ ޝެހްނީލާ ސުއާލު ކުރިއެވެ.

" ވަރިހަމައެވެ. އަޔަސް އަދި ނަޔަސް ވަރިހަމައެވެ. " ޞިދްރާގެ ވާހަކަ ނުނިމެނިސް ކަޝަފް ބުންޏެވެ.

ބައްޕަ އަންނާނެކަމުގައި ރާފިޢާ ބުނެއެވެ. އެކަން އެހެން ނުވެއްޖިއްޔާ ، ޞިދްރާގެ ފިރިމީހާގެ ޢާއިލާއިން ބުނާނީވެސް ކީކޭ ހެއްޔެވެ ؟ އަދި އެރަސްމިއްޔާތަށް އަންނަ އެހެން މީހުންގެ ފަރާތުން ފާޑު ފާޑުގެ ސުއާލުތައް ކުރިމަތި ކުރާނެއެވެ. މުރުތަޟާ އެރަސްމިއްޔާތަށް ވާނީ އަންނާށެވެ. އެއީ ރާފިޢާގެ ވަރަށް ބޮޑު އެދުމެކެވެ. ޙަލީމާ ދައްތަޔަކީ ރާފިޢާގެ ވަރަށްކުރީގެ ރަޙުމަތްތެރިޔެކެވެ.  އޭނާއަށް އެމީހުންގެ ނިކަމެތި ޙާލަތު ރަނގަޅަށް އެނގޭނެއެވެ. އެހެންކަމުން ، އޭނާއަށް ދަޢުވަތު ދޭންވާނެކަމުގައި ޞިދްރާ ބުންޏެވެ. އެހެންނަމަވެސް ، ރާފިޢާއަކަށް އެއީ ރަނގަޅުކަމެއްކަމަކަށް ނުފެނުނެވެ.

------------------------

ކައިވެނީގެ ރަސްމިއްޔާތަށްޓަކައި ، ޝެހްނީލާ އޭނާގެ ދައްތަ ތައްޔާރުކޮށް ، ރީތިކުރަމުން ގެންދިޔައެވެ. ޞިދްރާގެ މޫނުމަތިން ހާސްކަން ފެނެއެވެ. އެހެންނަމަވެސް ގޭގެ އެހެން އެންމެންތިބީ އުފަލުންގޮސް ފޮޅިފައެވެ. ކަޝަފް އައިސް ދައްކާލަ ބަލާށޭ ބުނެ އޭނާއާ ދިމާއަށް ޞިދްރާ އަނބުރައިލައެވެ. އަދި އިންސާނެއްގެ ރީތިކަން އޭގެ އެންމެ ފުރިހަމަގޮތުގައި ޞިދްރާގެ ކިބައިން ފެންނަކަމުގައި ކަޝަފް ބުނެއެވެ. އަދި ކައިވެނިލައިދިނުމަށްޓަކައި ޤާޒީ ދުރުވެ އެބަ އިންނެވިކަމުގައި ކަޝަފް ބުނެއެވެ. ޞިދްރާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމުގެ ސަބަބު އެނގިއްޖެއެވެ. ބައްޕަ އައިތޯ ޞިދްރާ ސުއާލު ކުރުމުންނެވެ. ބައްޕަ އަޔަސް އަދި ނަޔަސް އެކައިވެނި ، އިރާދަކުރެއްވިއްޔާ ކުރެވޭނެއެވެ. ދައްތަގެ ޕޯޕައްޓާ ރީތިކޮށްލައި މުޅިން ފުރިހަމަ ކުރުމަށްފަހު ޝެހްނީލާ އޭނާގެ ދައްތަ ގޮވައިގެން ކައިވެނީގެ ރަސްމިއްޔާތަށް ނުކުމެއެވެ.

މުރުތަޟާ ، އޭނާގެ ދަރިފުޅުގެ ކައިވެނީގެ ރަސްމިއްޔާތަކަށް ނުދެއެވެ. ނިޤާރަށް ވެގެން ވިއްޔާ މުރުތަޟާ އެތަނަށް ދިޔަކަ ނުދޭނެއެވެ. ވައްހާބު އައިސް މުރުތަޟާއާ ބައްދަލުކުރެއެވެ. އަދި އަނގަފުރާ ބިސްކޯދު އަޅައިގެން އިނދެ ، ޞިދްރާގެ ކައިވެނީގެ ރަސްމިއްޔާތަށް ދާން ، މުރުތަޟާގާތު ނުބުނޭތޯ ސުއާލުކުރެއެވެ.

" އޭނާ އަޔެވެ. އައީ މެހެމާނުންނަށް ކާޑު ބަހާގޮތަށް ކާޑެއް ދޭށެވެ. ކާޑު ދީފަ އަންނައްޗޭ ބުނެފަ ހިނގައްޖެއެވެ. އަހަރެން ދާންވީ ކީއްކުރަން ހެއްޔެވެ ؟ ކައިވެނީގެ ކަންތަކުގައި އަމިއްލަޔަށް ހުރިހާ ޚަރަދެއްކޮށް އަހަރެން ލަދުގަންނުވައިލީމަ ، އެތަނަށް އަހަރެން ދާންވީ ސަބަބަކީ ކޮބައި ހެއްޔެވެ ؟ " ފަރުވާކުޑަ ގޮތަކަށް މުރުތަޟާ ބޮޑު ދޮގެއް ހެދިއެވެ.

" އަހަރެންގާތު ބުނިނަމަ ދާނަމެވެ. " ވައްހާބު ބުންޏެވެ.

" ބޭބެ ދާނެކަމެއް ނެތެވެ. ބޭބެ ހިނގައްޖިއްޔާ ސަޖާތު ރުޅި އަންނާނެއެވެ. " ނިޤާރަށް އަނގަ ނުބާނައެއް ނީނދެވުނެވެ.

" އަންހެން ދަރިޔަކު މީހަކާ އިންނާތީ ، ކިޔަސް ނުކިޔަސް މުރުތަޟާ އެ ރަސްމިއްޔާތަށް ދިއުމަކީ މުރުތަޟާގެ ފަރުޟެކެވެ. " ވައްހާބު ބުންޏެވެ.

މުރުތަޟާ ، ވައްހާބަށް ވިސްނައިދިން ގޮތުގައި އެމީހުން އޭނާ ލަދުގަންނުވައިލައިފިއެވެ. ކައިވެނީގެ އެއްވެސް ކަމަކާ އޭނާއެއް ނުބައްސައެވެ. އެންމެ ދެރަވެގެން ބައްޕަ ވީމަ އެތަނަށް ދާން ޖެހޭނެކަން ހަނދާން ކޮށްލަ ދިނީކީވެސް ނޫނެވެ. ހަމައެކަނި މެހެމާނެއްގޮތަށް ، ކާޑެއް ހިފައިގެން އައިސް ދަޢުވަތު ދިނީއެވެ. ރާފިޢާ އެގެޔަށް އައިސް ، އަންނަންޏާ އަންނާށެވެ. ނާންނަންޏާ ނާންނާށޭ ބުނި ކަހަލައެވެ. ބައްޕަގެ ޙައިޞިއްޔަތުން ދާންޖެހޭނެކަމަށް މުރުތަޟާ ޤަބޫލު ކުރެއެވެ. އެކަމަކު ، ކަންތައްކުރިގޮތުން އެތަނަށް ދާން އޭނާއަށް ނުފެނުނީއޭ ބުނެ ، ބޮޑު ދޮގުތަކެއް ހަދައިލިއެވެ.

" ދެން ކުރާނީ ކީއް ހެއްޔެވެ ؟ އަހަރެންނަކީ ޢާއިލާގެ އެންމެ ބޮޑު މީހާއެވެ. އަހަރެންގެ މަޝްވަރާއެއް ބޭނުމެއް ނުކުރެއެވެ. މުރުތަޟާއަކީ އެކުއްޖާގެ ބައްޕައެވެ. މުރުތަޟާ ކުރެން އަހައިލީކީ ނޫނެވެ. ކައިވެނި ކޮށް ނިމުނީއެވެ. ބައިތިއްބާށެވެ. މާދަމާވެސް ކަމެއް ދިމާވެއްޖިއްޔާ ، އަމިއްލައަށް ކެހި ކަނޑުލުގެ ހިތި އަމިއްލަޔަށް ފިލުވާށޭ ބުނާށެވެ !  " ވައްހާބުވެސް މުރުތަޟާއާ ބައިވެރި ވިއެވެ.

" ބޭބޭއެވެ ! ނިކަން ބަލައިބަލާށެވެ ! އެންމެ ބޮޑު ކުއްޖާ ރަށުތެރެޔަށް ދޫކޮށްލާފައި ހަގަށް ހުރި ކުއްޖާ މީހަކާ ދެވީއެވެ. އެއުޅެނީ ކުރާނެ ނުކުރާނެކަމެއް ނޭނގިގެންނެވެ. އެއީ މީހުން ކަންތައް ކުރާ ގޮތް ހެއްޔެވެ ؟ " ނިޤާރު އިތުރަށް ހޫނުކޮށްލިއެވެ.

------------------------

ކަޝަފް އިނީ ވަރަށް ބޮޑު ވިސްނުމެއްގެ ތެރެޔަށް ގެއްލިފައެވެ. މިއަދު ، އޭނާ އުފާކުރަންވީކަމެއް ، ނުވަތަ ދެރަވާންވީ ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އެހާ ހާސްވެފައި ހުންނަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ ؟ ޞިއްދާ ، ގެ ދޫކޮށްލާފައި އެ ދިޔައީއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ފޮނި އުއްމީދުތަކައިގެން ހަނގުރާމަ ކުރުމަށެވެ. ކަޝަފްގެ ނަޒަރުގައި އެއީ ، އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ކައިވެންޏަކަށް ވާނެއެވެ. ކައިވެނީގެ ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. ޞިދްރާގެ ނަސީބު ، އިރާދަ ކުރެއްވީތީ ހާދަ ރަނގަޅެވެ. އެހާ ރަނގަޅު ފިރިޔަކު ލިބުނީތީއެވެ. އެހާ ރަނގަޅު ޢާއިލާއެއްގެ ހިޔާވަހިކަން ލިބުނީތީއެވެ. އެއީ މަދުން ނޫނީ ނުލިބޭފަދަ ނަސީބެކެވެ. ޞިދްދާއަކީ އަބަދުވެސް ނަސީބު ރަނގަޅު ކުއްޖެކެވެ. ބައްޕަ މިއަދުވެސް އެ ސާބިތުކޮށްދިނީ އަހަރެމެންގެ މައްޗަށް އެއްވެސް ކުލުނެއް ނެތްކަމެވެ. ކައިވެނީގެ ރަސްމިއްޔާތަށް ދަޢުވަތު ދިނީމަވެސް ، މެހެމާނެއްގެ ޙައިޞިއްޔަތުންވެސް އެތަނަށް ވަދެވެސް ނުލައެވެ. ވަލީވެސް ދޭންޖެހުނީ މައިޛޫނަށެވެ. އެއީ ކިހާ ދެރަކަމެއް ހެއްޔެވެ؟ ޞިދްރާގެ ފިރިމީހާގެ ޢާއިލާގެ މީހުން ހީކުރާނީވެސް ކީކޭ ހެއްޔެވެ ؟

އަހަރެން ހިތަށް އަރައެވެ. އަހަރެމެންނަށް ބައްޕަގެ އެއްވެސް އެހީތެރިކަމެއް ، އެއްވެސްކަމެއްގައި ނެތްއިރު ، ބައްޕަޔަކީ އަހަރެމެންނަށް އެހާ މުހިންމު މީހެއް ނޫނެވެ. ފަޔަށް ހެރިފައި އިން ކަށި ލުހެނުލެވޭހާ ހިނދެއްގައި ފައިން ތަދެއް ނުފިލާނެއެވެ. އެއީ ކަޝަފްގެ ޑައިރީގައި އޭނާ ލިޔެލި އެންމެ ފަހު ޖުމްލައެވެ.

އެގެޔަށް ޒިޔާރަތްކުރި ނިޤާރުގެ ރައްޓެއްސަކުވެސް ، ކައިވެނީގެކަންތައް ރާފިޢާ އެގެންދިޔަގޮތުން ވަރަށް ރަނގަޅުކަމަށް ބުންޏެވެ. ޞިދްރާ މީހަކާ ދެވިކަން އެއީ ރާފިޢާ ރަނގަޅަށް ކުރިކަމެއްކަމުގައި އެއަންހެނާވެސް ބުނެއެވެ. އެކަމާ ، ނިޤާރު ހިތްހަމައެއް ނުޖެހުނެވެ. އަދި ، މީހަކާ ނުއިންނަންވީ ސަބަބެއް ނެތެއްނޫންހޭ ބުނެ ނިޤާރު މަލާމާތް ކޮށްގަތެވެ. އެއެންމެންވެސް ވަޒީފާ އަދާކުރެއެވެ. ފާޑު ފާޑުގެމީހުންނާ ދިމާވެސް ވާނެ ނޫން ހެއްޔެވެ؟ އެހެންނަމަވެސް ، އެ އަންހެނާއަށް ފެނުނުގޮތުގައި ، އަންހެންކުއްޖާގެ ނަސީބު ވަރަށް ގަދައެވެ. ފިރިމީހާގެ ޢާއިލާއަކީ ވަރަށް ރަނގަޅު ޢާއިލާ އެކެވެ. އެހެންކަމަށް ވަންޏާ ، ކައިވެންޏަށް އެމީހުން ދިނީ ކޮން އެއްޗެއް ހެއްޔެވެ ؟ ކައިވެނިވާ ފިރިހެނާގެ ފަރާތުން ގަހަނާވެސް ދޭނެ ނޫން ހެއްޔެވެ ؟ ނިޤާރުގެ މަޤްޞަދަކީ އެއަންހެނާ ކޮނެލުމެވެ. އޭނާ ބުނިގޮތުގައި ، ޞިދްރާ އިނީ ވަރަށް އަގުބޮޑު ރީތި ގަހަނާ އަޅައިގެންނެވެ. ކައިވެންޏަށް ދެ ޢާއިލާއިން ދިން އެއްޗެތީގެ މަޢުލޫމާތު އޭނާއަކަށް ނޭނގެއެވެ.

" އެހެން ހެއްޔެވެ ؟ އަހަރެމެންނާ އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރެއެވެ. އަހަރެމެން ގޮތެއްވެސް ނުކިޔަމެވެ. މުރުތަޟާގާތުގައިވެސް ކައިވެނީގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން މިއީ ދޮންމަންމައެވެ. އަހަރެންގާތު އެއްވެސް ވާހަކައެއް ނުދައްކާނެ ނޫން ހެއްޔެވެ ؟ އަމިއްލަ ބައްޕަވެސް އެއްވެސް ކަމަކާ ނުބައްސައެވެ. " ނިޤާރުވެސް މުރުތަޟާ ކިޔައިދީފައި އޮތްގޮތަށް ދޮގުތަކެއް ހެދިއެވެ. އޭނާއަކަށް އެކަމުގެ ޙަޤީޤަތެއް ނޭނގެއެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި އޮތސް ،  މުރުތަޟާ ކައިވެނީގެ ރަސްމިއްޔާތަށް ދާންޖެހޭނެކަމުގައި އެއަންހެނާ ބުނެއެވެ.

ބައްޕަގެ ޣައިރު ޙާޟިރުގައި އަންހެންކުއްޖެއްގެ ކައިވެނި ވުމަކީ ، ރަނގަޅު ކަމެއްނޫނެވެ. އެވާހަކަ މުޅި އެހިސާބު ގަނޑުގައި އެބަ ދައްކައެވެ. އެއީ ލަދު ހުތުރު ޢަމަލެކެވެ. އެއީ ، ރާފިޢާމެންވެސް އެކަމާ ލަދުގަންނަންޖެހޭ ވަރުގެ ކަމެއްކަމަށް އެއަންހެނާ ބުނެއެވެ. އެހިސާބުގެ މީހުންނާ ކޮން ބެހޭކަމެއް ހެއްޔޭ ބުނެ ، ކައިވެނީގެ އެއްވެސްކަމެއް އަންގައިނުލާ ކުރިއިރު ، އެރަސްމިއްޔާތަށް މުރުތަޟާ ދާންޖެހޭ ސަބަބެއް ނެތްކަމުގައި ނިޤާރު ބުނެއެވެ. އަދި އެއީ މުރުތަޟާގެ އަމިއްލަ ނިންމުމެއްކަމަށާއި މުރުތަޟާ އަށް އޭނާ މަޖުބޫރު ނުކުރާނެކަމުގައި ބުނެ އެވާހަކަ ނިންމައި ލައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.