ދެކަފި - 88

(11 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެކަމަކުވެސް ، ޒަރޫންގާތު އެވާހަކަ ބުނެލުމަށް ޞިދްރާ އެދުނެވެ. ފަހަރެއްގައި ޒަރޫންއަށް އެކަމުގައި އެހީތެރިދީ ރަނގަޅުގޮތެއްވެސް ހޯދައި ދެވިދާނެއެވެ. އެއީ ސުއާލެއްވެސް އޮތްކަމެއް ނޫނެވެ. މަރުދުވަހަށް ދާނދެން ، ޒަރޫންގާތު އޭނާގެ ޢާއިލާގެ އެކަހަލަ އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކާނެއެވެ. ކަޝަފް ހުރިގޮތް ޞިދްރާއަށް ސާފުކޮށްދިނެވެ. ޒަރޫންގެ މަންމަޔަށް ހީވެފައި އޮންނަނީ ، ޒަރޫންއަށް ލިބޭ މުސާރައިން ނުވެގެން ބައްޕަ އަތުން ނަގާ ފައިސާ ކަޝަފާއި މަންމަޔަށް ޚަރަދު ކުރާ ކަމަށެވެ. އެވަރުގެ ބަޔެއްގެ އަނގަޔަށް ވެއްޓޭކަށް ކަޝަފް ބޭނުމެއް ނުވާނެއެވެ. ޒަރޫންގެ މަންމަޔާ ދޭތެރޭ ކަޝަފް ގޯސްކޮށް ހިތައި ، އެއްވެސް ގޮތަކަށް ގޯސްކަމެއް ކުރަނީއަކީ ނޫނެވެ. އެހެންނަމަވެސް ، ޒަރޫންގެ މަންމަ އެދުވަހު ޒަރޫންގާތު ބުނިބަސް ދުވަހަކުވެސް ކަޝަފްގެ ހިތުން ފިލައިގެންނެއް ނުދާނެއެވެ. އެހެންނަމަވެސް އެކަމާ ގުޅިގެން ޒަރޫންގެ މަންމަގެ މައްޗަށް އޭނާ ހިތްބަރެއް ނުކުރާނެއެވެ. އެއީ މުއްސަނދިންގެ ވިސްނުން ހުންނާނެގޮތްކަމަށް ކަޝަފް ޤަބޫލު ކުރެއެވެ.

------------------------

ޖުނައިދާއި ޣަޒާލާ ސައިތަށްޓެއް ބޯލަން ކާމޭޒުދޮށުގައި ޖައްސާލައިގެން ތިއްބެވެ. ޒަރޫންއަށް ފޯނުކޮށްލިންތޯ ޖުނައިދު ޣަޒާލާ ކުރެން އެހިއެވެ. ޣަޒާލާ ދޭތެރެޔަކުން ޒަރޫންއާވެސް ގުޅައެވެ. އަދި ކަޝަފްވެސް ވަގުތު ހޯދައިގެން ޣަޒާލާއާ ގުޅައި ވާހަކަ ދައްކައެވެ. ޚާއްޞަކޮށް ، ޒަރޫންގާތު ކަޝަފް ރަނގަޅަށް ބަލައި އޭނާ ބެލެހެއްޓުމަށް ޒަރޫންއަށް ނަސޭޙަތް ދެމުން ގެންދެއެވެ.

ކަޝަފަކީ ވަރަށް ހީވާގި ދުރުވިސްނޭ ކުއްޖެކެވެ. ހުރިހާކަމެއްވެސް ކަޝަފް ކުރާނީ އެންމެ ރަނގަޅަށެވެ. ޒަރޫން ގާތު ބުނާނެ ވާހަކައާއި ބުނަން ނުޖެހޭނެ ވާހަކަ ކަޝަފަށް އެނގޭނެއެވެ. ޖުނައިދު ކަންބޮޑުވަނީ ޒަރޫންއާ މެދުގައެވެ. ޒަރޫންގެ ގޮތް އެންމެ ބޮޑަށް އެނގޭނީ ޖުނައިދަށެވެ. ޣަޒާލާއަށް ފެނުނު ގޮތުގައި ، ޒަރޫން މިހާރު ވަރަށްބޮޑަށް ބަދަލު ވެއްޖެއެވެ. ކުރިޔަށްވުރެ ބޮޑަށް ޒިންމާވެސް އެބަ ނަގައެވެ. ކުރިން ހުންނަ ރުންކުރުގޮތް މިހާރު ވަރަށް ކުޑައެވެ.

ކައިވެންޏަށްފަހު ، ފިރިހެނުން ޒިންމާދާރު ވާނެއެވެ. ޒިންމާދާރު ނުވާނަމަ ، ރަނގަޅު އަނބިންގެ މަސައްކަތުން ފިރިހެނުން ޒިންމާދާރު ކުރުވާނެއެވެ. ޒަރޫންއަށް ބަދަލެއް އައިނަމަ ، އެއީ ވަރަށް ރަނގަޅުކަމެއްކަމަށް ޖުނައިދުވެސް ޤަބޫލު ކުރިއެވެ. ޒަރޫންގެ ހުރިހާ ކަމެއް ކަޝަފް އަމިއްލަޔަށް ބަލަހައްޓައިދޭކަމަށް ޒަރޫން އޮތީ ޣަޒާލާގާތު ބުނެފައެވެ. ޒަރޫންއަށް ވަރަށް އެހީތެރިވެ ދެއެވެ. ކަޝަފަކީ އަޞްލުވެސް ވަރަށް ރަނގަޅު ކުއްޖެކެވެ. އެކަމަށް ޖުނައިދުވެސް އަދި ޣަޒާލާވެސް އެއްބަސްވެއެވެ. އަދި އެކަމަށް އެދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ. އެދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ ދިރިއުޅުން ރަނގަޅުގޮތުގައި އާބާދު ވާތަން ފެނުމުންނެވެ. ކަޝަފްނޫން އެހެން ކުއްޖަކު ޒަރޫންގެ ޙަޔާތަށް އައިނަމަ ވާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ޚާއްޞަކޮށް އަސްމަރާ ކަހަލަ ކުއްޖެއްގެ ފަރާތުން ފެންނާނީ ، ކަޝަފާ ވަރަށް ތަފާތު ކަންކަމެވެ.

ޒަރޫންގެ ނަސީބު ވަރަށް ރަނގަޅުކަމަށް ޖުނައިދު ބުންޏެވެ. ޒަރޫން އާ އެކު ދެކެވޭ ވާހަކަތަކުން ޣަޒާލާއަށް އެއްޗެއް ވިސްނުނެވެ. އެއީ ޖުނައިދާ އަދި ގޭގެކަންކަމުގައި  ނަގަންޖެހޭ މިންވަރަށް ޣަޒާލާއަށް ޒިންމާ ނެގިފައި ނެތުމެވެ. އެކަމަށް ޣަޒާލާވެސް މިހާރު އެއްބަސް ވެއެވެ. އެކަން ޣަޒާލާއަށް ވިސްނުނީ ކިހިނެއްތޯ ޖުނައިދު ސުއާލު ކުރިއެވެ.

" ނޭނގެއެވެ. އެކަމަކު އަހަރެންނާ ކަޝަފާ ދިމާވާ ކޮންމެ ފަހަރަކު އެކަން ހަނދާން ވެއެވެ. ކަޝަފަކީވެސް ވަޒީފާ އަދާކުރާ އަންހެނެކެވެ. ވަޒީފާ އަދާކުރަމުން ޒަރޫންގެ ކަންތައް އަމިއްލަ އަތުން ކޮށްދެމުން ގޭގެކަންތައްތައްވެސް އެހާ ރަނގަޅަށް އެބަ ބަލަހައްޓައެވެ. ގެންގުޅެނީ އެންމެ ނޯކަރެކެވެ. ކަޝަފް ބަލިވެއިނީމަ އެހެން ނޯކަރަކު ، ބައްޕަ ލައްވާ ހޯދައިދޭނެ ވާހަކަ ބުނުމުން ޒަރޫން އެކަމާ ދެކޮޅު ހެދިއެވެ. އެއީ ކަޝަފް ހިތްހަމަ ނުޖެހިދާނެތީއޭ ކިޔާފައެވެ. އެހެންވީމާ ، ކަޝަފް އެއީ ހަމަ ރަނގަޅު ގެވެހި ، އަދި ވަޒީފާ އަދާކުރާ ހީވާގި އަންހެން ކުއްޖެކެވެ. " ޣަޒާލާ ، ކަޝަފާމެދު އޭނާ ދެކޭގޮތް ޖުނައިދަށް ކިޔައި ދިނެވެ.

" އަހަރެންނަށްވެސް އެގޮތަށް ޢަމަލު ކުރެވުނުނަމަ ، ފަހަރެއްގައި ކުދިންނާ އަދި ޖުނައިދާއެކު މިހާރަށްވުރެ ގާތް ގުޅުމެއް އުފެއްދުނީހެވެ. ގޭގެ ކަންތައްވެސް މިހާރަށްވުރެ މާބޮޑަށް ރަނގަޅު ވީހެވެ. އަހަރެންނަށް އިހުމާލު ވެވުނު ކަންކަމަށް އިހުމާލެއްވެސް ނުވެވުނީހެވެ. އެ ފިލާވަޅު އަހަރެންނަށް މިލިބުނީ އަހަރެންގެ ޅީދަރި ކަޝަފްގެ ފަރާތުންނެވެ. " ޣަޒާލާ ބުންޏެވެ.

" އެހެންވިއްޔާ ކަމެއް ކޮށްދީފާނަން ހެއްޔެވެ ؟ ކަޝަފާ ގިނަގިނައިން ވާހަކަ ދައްކާށެވެ ! ކަޝަފް ފޯނުކުރަން ދޫކޮށްނުލައި ޣަޒާލާވެސް އިސްވެ އޭނާއާ ގުޅާށެވެ. އޭރަށް އިތުރު ފިލާވަޅު ލިބޭނެއެވެ. " ޖުނައިދު އޭނާގެ އަންހެނުންނާ ސަމާސާ ކޮށްލިއެވެ.

------------------------

ކަޝަފަށް ލިބިފައިވާ ހާސްކަމުގައި އަމިއްލަޔަށް އެ އިޙްސާސްތައް އަމިއްލަ ނަފްސަށް ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. ޒަރޫންގާތު އެވާހަކަ ދެއްކުމުގެ ވިސްނުމެއް ނެތެވެ. ގޭތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަމުންދިޔައިރު ، ކަޝަފްގެ ހިތަށް ، ޒަރޫންދެއްކި ވާހަކަތައް އަންނަމުން ދިޔައެވެ.

ޒަރޫންއަށް ހޭލެވިގެން ބަލައިލިއިރު އެނދުގައި ކަޝަފެއް ނެތެވެ. ބޮކި ދިއްލައިލާފައި ،  އެތާ ބާއްވާފައި އޮތް އޭނާގެ އަތުކުރީ ގަޑިއަށް ޒަރޫން ބަލައިލިއެވެ. އޭރު ހުރީ މެންދަން ވެފައެވެ. ޒަރޫން ތެދުވެގެން ބޭރަށް ނުކުތެވެ. އަފި ބެލްކަނީގައި އިށީނދެލައިގެން ކަޝަފް އިންތަން ފެނި ޒަރޫން ކަޝަފްގާތަށް އައެވެ. ފަހަތުން އައިސް ކަޝަފްގެ ކޮނޑުމަތީ އަތްބާއްވާލާފައި ގޮވާލުމާއެކު ، ކަޝަފް ދިޔައީ ސިއްސައިގެންނެވެ.

ރޭގަނޑުގެ މެންދަމު ބޭރުގައި އިނީ ކިހިނެއްވީތޯ ޒަރޫން ސުއާލު ކުރިއެވެ. ނިދިނައިސްގެން ބޭރަށް ނުކުމެލީ ކަމުގައި ކަޝަފް ޖަވާބު ދިނެވެ. ކަޝަފްގެ ތަބީޢަތާމެދު ކަންބޮޑުވެގެން ޒަރޫން ސުއާލު ކުރިއެވެ. ކަޝަފަށް ވަކި ކަމެއް ނުވެއެވެ. ހަމައެކަނި ނިދި ނައީއެވެ. އެހެންވިއްޔާ އެތެރެޔަށް ދަމާހޭ ބުނުމުން ، ބަސްއަހައިގެން ތެދުވެ ކަޝަފް ގޭތެރެޔަށް ވަނެވެ. އަދި ޒަރޫންވެސް ކަޝަފްގެ ފަހަތުން ގެޔަށް ވަނެވެ.

ހެނދުނު ތެދުވެ ގޯތިތެރޭގައި ޒަރޫން ޖައްސާލައިގެން އިނީ ކުދިންނަށް ބޭނުންވާ ފަރުނީޗަރ އޮންލައިންކޮށް ބަލައިލާށެވެ. ކަޝަފްވެސް މޭވާ ތަބަކެއް ހިފައިގެން އައިސް ޒަރޫންގާތުގައި ޖައްސާލައެވެ.

" ކުދިންނާ ބެހޭގޮތުން ޒަރޫންގެ ޚިޔާލަކީ ކޮބައި ހެއްޔެވެ ؟ ޒަރޫނަށް ރަނގަޅީ ފިރިހެން ކުއްޖެއް ހެއްޔެވެ ؟ ނޫނީ އަންހެން ކުއްޖެއް ހެއްޔެވެ ؟ " ކަޝަފް އަހައިލިއެވެ.

ފިރިހެން ކުދިންވިޔަސް އަންހެން ކުދިންވިޔަސް ޒަރޫނަށް އެއީ މައްސަލައެއް ނޫނެވެ. ކަޝަފްގެވެސް ވިސްނުމަކީ އެއީއެވެ. ފިރިހެން ކުދިންވިޔަސް ނުވަތަ އަންހެންކުދިންވިޔަށް ކަޝަފަށްވެސް ތަފާތެއް ނެތެވެ. ގައިމުވެސް އެކަމުގައި ދެމީހުންގެ ވިސްނުން އެއްގޮތް ވެއްޖެއެވެ. ދެކުދިންނަކީވެސް އަންހެން ކުދިންނަށް ވެއްޖިއްޔާއޯއޭ ބުނެ ކަޝަފް އިތުރަށް ސުއާލު އުފެއްދިއެވެ. ޒަރޫން ވިސްނައިލަން އިނދެފައި އޭރަށް އެއީ ވަރަށް ބޮޑު މައްސަލަޔަކަށް ވާނެ ބުނެވުނެވެ. ޒަރޫންގެ ވާހަކައިން ކަޝަފްގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އެކަމަކު އެވަގުތު އެކަމާބެހޭގޮތުން އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. ޒަރޫންވެސް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ.

ނިދުމުގެ ކުރިން ސައިތަށްޓެއް ބޯލަން ދެމީހުން ޖައްސައިލިއެވެ. ސައިތަށި ދިއްކޮށްލުމުން ޒަރޫން ، ކަޝަފަށް ޝުކުރު އަދާކުރިއެވެ. އެހެންނަމަވެސް ، އިރުއިރު ކޮޅުން ޝުކުރު އަދާކުރުމުގެ ބޭނުމެއް ނެތްކަމުގެ ޚިޔާލު ކަޝަފް ފާޅު ކުރިއެވެ. ޒަރޫން ދެކޭގޮތުގައި އަނބިމީހާގެ ޚިދުމަތަށް ފިރިމީހާ އަބަދުވެސް ޝުކުރުވެރިވާން ޖެހޭނެއެވެ. އެއީ އަނބީންނަށް ޙައްޤު ކަމެކެވެ. ކަޝަފަށް ޒަރޫންގެ އެބަސް ޤަބޫލެއް ނުކުރެވުނެވެ. އެވާނީ ކޮންމެވެސް މީހަކު ބުނި ވާހަކަ އަކަށެވެ. ޒަރޫންގެ ވިސްނުމުގައި އެކަހަލަ ބަސްތަކެއް ނުހުންނާނެއެވެ.

ރާފިޢާ އިސްލާމްއާބާދަށް ގެނައުމުގެ ޚިޔާލު ކުއްލިއަކަށް ޒަރޫން ފާޅުކުރިއެވެ. މަންމަ އިސްލާމްއާބާދަށް ގެންނާކަށް އަދި ކަޝަފް ބޭނުމެއް ނޫނެވެ. އަދި އަމްދުން މަންމަ ގާތު އަންނާށޭ ބުނެގެން މަންމަ ގެނައުމަކީ ކަޝަފް ބޭނުންވާ ކަމެއް ނޫނެވެ. ކަޝަފް ވިހޭމަ އޭނާ ކައިރިޔަށް ނައިސް މަންމަޔަކަށް ނުހުރެވޭނެއެވެ. މަންމަގެ ވަޒީފާ އާ ގެޔާ ދޫކޮށްލާފަ ކަޝަފްމެންގާތަކަށް މަންމައަކަށް އެހާ ފަސޭހައިންނެއް ނާދެވޭނެއެވެ. މަންމަގެވެސް އަމިއްލަ ނިންމުންތަކެއް ހުންނާނެއެވެ. މަންމަޔަށް ލިބިފައިވާ އެ މިނިވަންކަމަށް ހުރަސްއަޅާކަށް ކަޝަފް ބޭނުމެއް ނުވެއެވެ.

މަންމަ ވަޒީފާ އަދާކުރަން ބޭނުންކަމަށް ވަންޏާ އިސްލާމްއާބާދުންވެސް ވަޒީފާއެއް ލިބިދާނެއެވެ. އޭރަށް މަންމައާއެކު ކަޝަފްވެސް ހުންނާނެއެވެ. އެކަނިވެރިކަންވެސް ފިލާނެއެވެ. ޒަރޫންގެ އެޚިޔާލާ ކަޝަފް މުޅިން ދެކޮޅެވެ. އަދި ކަޝަފަށް ފެންނަ ގޮތުގައި އެމީހުންގާތު ދިރިއުޅުމަށް މަންމައެއް ނާންނާނެއެވެ. އެއީ ރަނގަޅުވެސް ގޮތެއް ނޫނެވެ. ކަޝަފްގެ އެޚިޔާލާމެދު ޒަރޫން ސުއާލެއް އުފެއްދިއެވެ. މަންމަ ނާންނާނީ ހެއްޔެވެ ؟ ނޫނީ މަންމަ އަންނަން ކަޝަފް ބޭނުން ނުވަނީ ހެއްޔެވެ ؟ ޒަރޫންގެ ހިތުގައިވާ ސުއާލު ބޭރުކޮށްލިއެވެ. އެއީ ކަޝަފް ބޭނުންވާ ގޮތަކަށް ވާން އޮތް ކަމެއް ނޫނެވެ. މަންމަ އަމިއްލަޔަށް ނާންނަން ނިންމާނެއެވެ. ޒަރޫން އެވަރަކުން އޭނާގެ ގޮތް ދޫކޮށެއް ނުލިއެވެ. އަދި އެންމެ ދެރަވެގެން މަންމަ ކުރެން އެވާހަކަ އަހައިލަންވީ ނޫންހޭ ބުންޏެވެ.

އެހިސާބުން އެ މައްސަލައިގާވެސް ދެމީހުންގެ ޚިޔާލު ތަފާތުވިއެވެ. ކަޝަފް ދެކޭގޮތުގައި ބޭނުންނެތް ވާހަކަތަކެއް ދައްކައިގެން ޒަރޫން މައްސަލަޔަކަށް ހަދަނީއެވެ. ޒަރޫންގެ ޚިޔާލުގައި އެއީ ބޭނުންނެތް ކަމެއް ނޫނެވެ.

" އަހަރެން އެއްވެސްމީހެއްގެ އިޙްސާންތެރިކަން ބޭނުންކުރާކަށް ބޭނުމެއް ނޫނެވެ. " ކަޝަފް އެންމެފަހުން ބޮޑުތަނުގައި ޖެއްސިއެވެ.

އެއީ ކާކުގެ އިޙްސާންތެރިކަމެއްތޯ ޒަރޫން ސުއާލު ކުރިއެވެ. ކަޝަފް އެސުއާލަށް ޖަވާބުނުދީ ތެދުވެގެންދާން ފެށިމާ ކަޝަފަށް ގޮވާލައި ޒަރޫން ، އޭނާ ހުއްޓުވިއެވެ. އަދި އިހަށް އިށީނދެލުމަށް އެދުނެވެ. ކަޝަފްވެސް ބަސްއަހައިގެން އެނދުގައި އިށީނެވެ.

" އަހަރެމެން ދެމީހުން އެއްވެސްކަމެއްގައި ވާހަކަ ދައްކާއިރު ، އެކަމެއް ނުނިމެނިސް އެކަކު އަނެކަކު ދޫކޮށްލާފައި ނުދާން އަހަރެންގާތު ކަޝަފް ވަޢުދުވީމެއް ނޫން ހެއްޔެވެ ؟ އެއާ ޚިލާފަށް ކަޝަފް ތި ޢަމަލުކުރަނީ ކީއްވެ ހެއްޔެވެ ؟ " ޒަރޫން ސުއާލު ކުރިއެވެ.

އެކަމާބެހޭގޮތުން ވާހަކަ ދައްކާކަށް ކަޝަފް ބޭނުމެއް ނޫނެވެ. އެއީ ކަޝަފްގެ އަމިއްލަ މައްސަލައެއްކަމަށް އޭނާ ދެކެއެވެ. އެހެންކަމުން އެކަމާބެހޭގޮތުން އެހިސާބުން އެކަން ނިންމައިލައެވެ. ޒަރޫންވެސް ފޫހި އަރައިގެންފައި އިންގޮތަކަށް އެންމެ ރަނގަޅޭ ބުނެ އެހިސާބުން އެކަން ނިންމައިލައެވެ.

މިހާރު މީދެން ތަންފުކެއް ބޮޑުވަރެކެވެ. ޒަރޫން ކިތަންމެ ވަރަކަށް ގޮތްދޫކުރިޔަސް ، ކިތަންމެ ކެތްތެރިވިޔަސް ، ބަލިވެއިންފަހުން ކަޝަފްގެ ކަންތައް މާބޮޑު ވެއްޖެއެވެ. ބަލިވެ އިނުމުގެ ފައިދާ ، ކަޝަފް ނަގަނީ ހެއްޔެވެ ؟ ކަޝަފްގެ އެ ގޮތްދޫނުކުރުމުގައި އޭނާގެ އަމިއްލަ ތަޞައްވުރާ ގުޅިފައިވާ ކަންތައްތަކެއް އޮންނަނީ ހެއްޔެވެ ؟  އެކަމުގައި ރަނގަޅެއް އޮތީ ހެއްޔެވެ ؟ ޒަރޫން އޭނާގެ ގޮތް ދޫކުރަމުންގޮސް ، އޭނާގެ އަމިއްލަ ނަފްސަށް އޭނާ އޮޅޭގޮތް ވިއެވެ. ހަދާނެގޮތް ބޮޑު ވިއެވެ.

ކަޝަފަކީ ، އަމިއްލަވަންތަ މިނިވަން އަންހެނެކެވެ. އޭނާއަށް މަތީ މަޤާމެއް ލިބުމުން ، ބަލިވެއިނުމުން އޭނާގެ ގޮތެއް ދުލެއް ނުކުރާނެއެވެ. އޭނާގެ ގޮތަކީ ، އޭނާއަށް ކުޑައިރުއްސުރެ ލިބިފައިވާ ހިތި ތަޖުރިބާ އާއި ބައްޕަގެ އަޅައި ނުލުމާއި މަންމަގެ ހެޔޮ ނަސޭޙަތާއި ، ތަރުބިއްޔަތުން އޭނާއަށް ލިބިފައިވާ ހީވާގިކަމަކާއި ހިތްވަރުން އުފެދިފައިވާ ގޮތް ތަކެކެވެ. އާދަވެފައިހުރީ މަންމަ ފަދައިން އެކަނިވެރި އަންހެނެއްގެ ހިތްވަރުން އުފެދިގެންދާ ނިންމުންތަކަށެވެ.

ކަޝަފާއި ޒަރޫންގެ ޙަޔާތުގައި މިހާރު އާދެވިފައި އެވަނީ ، ވަރަށް ނާޒުކު ހަތަރު އަނގޮޅިޔަކަށެވެ. ވަކިވެގެންދާން އުނދަގޫ ހިސާބަކަށެވެ. އެކުގައި އުޅެން ދަތި ޙާލަތަކަށެވެ. އެހެންނަމަވެސް އެއިން ކަމެއްގެ ހިލަމެއް ކަޝަފްގެ މަންމަޔަކަށްވެސް އަދި ޒަރޫންގެ މައިންބަފައިންނަކަށްވެސް ނުވެއެވެ. އެބައިމީހުންގެ ނަޒަރުގައި ކަޝަފާއި ޒަރޫންއަކީ ވަރަށްގުޅޭ ދެމަފިރިންނެވެ. އެދެމީހުންގެ ޙަޔާތުގެ ބަހާރު މޫސުން މިހާރު އޮތީ އައިއްސައެވެ. އެ ޙަޔާތަށް ދިރުން ގެނެސްދޭނެ އިތުރު ދެބައިވެރިޔަކު އެބަ އާދެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.