(20 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަދި ސާރާގެ ޢަމަލުތައް އެހުރިގޮތުން، ސާރާ ދެރަވާނެ ދުވަހެއް އަންނަން ބޭނުން ނުވާތީ ސުއާލު ކުރެވެނީކަމަށް ޒަރޫން ބުންޏެވެ. އަދި އޭނާއާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ޚުދު ޒަރޫން ތިއުޅެނީ ކޮންގޮތަކަށްތޯ ސާރާ ސުއާލުކުރިއެވެ. ކަލޭވެސް ތިއައީ ހަމަ އެއްގަޑިއެއްގައި ނޫންހޭ ސާރާ ބުންޏެވެ. ޒަރޫންއަކީ ފިރިހެނެއްކަމާއި ދަންގަޑީގައި ބޭރުގައި އުޅޭއިރު، އަންހެނުންނާއި ފިރިހެނުންނާމެދު މީހުން ދެކޭގޮތް ތަފާތުވާނެ ކަމުގައި ޒަރޫން ބުންޏެވެ.
"ސާރާއެވެ! އަހަރެން މީ ކަލޭގެ ބޭބެއެވެ. އެހެންވީމާ ސާރާއަށް ވިސްނައިދިނުމަކީ އަހަރެންގެ ވާޖިބެކެވެ." ޒަރޫން ބުންޏެވެ.
ތިކަހަލަ ބޭބެއެއް އަހަރެން ބޭނުމެއް ނޫނޭ ބުނެ، ރުޅިއައިސް ރަތްވެފައިހުރެ ސާރާ އޭނާގެ ކޮޓަރިއަށްދާން މައްޗަށް އަރައެވެ. ޒަރޫންހުރީ ސާރާގެ އަޚުލާޤާއި އުޅުމާމެދު ކަންބޮޑުވެފައެވެ. އެކަމަކު، މަންމަގެ ތާއީދާއެކު، ސާރާ އެއުޅޭ ގޮތުން އަދި ކަންތައްތައް ހުންނަގޮތުން، ސާރާ ކޮންޓްރޯލް ނުކުރެވޭ ވަރަށް އެބަދާކަން ޒަރޫން ފާހަގަ ކުރިއެވެ.
------------------------
ރާފިޢާގެ ސްކޫލްގެ ޕްރިންސިޕަލްގެ ކޮޓަރިއަށް މުރުތަޟާގެ ރައްޓެއްސަކު އައިސް އިނދެއެވެ. ޕްރިންސިޕަލްގެ ޙައިޞިއްޔަތުން ބައްދަލުކުރަނީ ރާފިޢާއެވެ. އޭނާ އައިސް އެއިނީ އޭނާގެ ދަރިފުޅު އެސްކޫލަށް ނުވެއްދިގެން ރާފިޢާގެ އެހީތެރިކަމަށް އެދިގެންނެވެ. ރާފިޢާ އާ ބައްދަލުކުރީމަ އެޑްމިޝަންގެ އެއްވެސް މައްސަލައެއް ނޯންނާނެކަމަށް މުރުތަޟާއޮތީ އޭނާ ގާޓު ބުނެފައެވެ. ރަޖިސްޓަރީ ގާތު ރާފިޢާ ބުނީމަ އެކަން ހަމަޖެހިދާނެއެވެ. އެއީ އެހާ ބޮޑުކަމަކަށް ނުވާނެކަމަށް އޭނާ ބުންޏެވެ. އޭނާއަކީ މުރުތަޟާގެ ރައްޓެއްސަކަށްވާތީ އިޙްތިރާމްކުރާކަމަށް ރާފިޢާ ބުނެއެވެ. އެހެންނަމަވެސް، އެމައްސަލައިގާ ރާފިޢާއަށް އެއްވެސް އެހީތެރިކަމެއް ދެވެން ނެތްކަމަށް ބުނެއެވެ. އެޑްމިޝަން އޮތީ ބަންދު ވެފައެވެ. އެޑްމިޝަން ހުޅުވިފައި އޮތްކަމަށްވިޔަސް، އޭނާގެ ދަރިފުޅުގެ މާރކްސް އެޑްމިޝަން ހުއްދަ ކުރެވޭވަރަށްވުރެ ދަށްކަމަށްވެސް ރާފިޢާ ބުނެއެވެ. އެކުއްޖާއަށްވުރެ މަތިން މާރކްސް ލިބިފައިވާ ކުދިންވެސް އެޑްމިޝަން ނުދީ އެބަތިބިކަމަށްވެސް ރާފިޢާ ބުނެއެވެ. ރާފިޢާ އެކަން ކޮށްފިނަމަ، އެއީ އެކުދިންނަށްވެސް ކުރެވޭ ބޭއިންސާފެއްކަމަށް ރާފިޢާ ބުންޏެވެ.
އޭނާގެ ގޮތް ދޫކުރާކަށް ނޫޅެއެވެ. އެއީ ހަމަ ރާފިޢާގެ ދަރިއެއްކަމަށާއި އެހެން ސްކޫލަކަށްވެސް އެކުއްޖާ ނުވެއްދިގެން އުޅޭވާހަކަ އޭނާ ވަރަށްދެރަވެފައި ބުނެއެވެ.
"ސްކޫލްގައި ކިޔަވާ ހުރިހާ ކުދިންނަކީ އަހަރެންގެ ކުދިންނެވެ. އެކުދިންގެ މެދުގައި ބޭއިންސާފު ކުރެވޭ އެއްވެސް ކަމެއްކުރުމަށް އަހަރެންގެ ޟަމީރު ޤަބޫލެއް ނޫނެވެ." ރާފިޢާ އެންމެފަހުން ބުނެއެވެ. މުރުތަޟާ އޮތީ އޭނާއަށް އެކަމުގެ ޔަޤީންކަން ދީފައި ކަމަށާ އަދި ރާފިޢާ ގާތަށް އޭނާއައީ، އޭނާގެ އަންހެނުންގާތު އެޑްމިޝަން ކަންތައް ހަމަޖެހިފައިވާ ވާހަކަ ބުނެފައިކަމަށް އޭނާ ބުންޏެވެ. އޭގެ ޖަވާބުގައި ރާފިޢާ އޭނާގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ރާފިޢާއަށް އެކަމުގައި އެއްވެސްކަމެއް ކޮށްދެވެން ނެތްކަމަށް ބުންޏެވެ. ގަހަރެއްގައި މުރުތަމާއަށް އެކުއްޖާގެ މާރކްސް ނުފެނި އެހެންބުނީކަމަށް ވެދާނެއެވެ. މުރުތަޟާއަށް އެކުއްޖާގެ މާރކްސް ފެނުނުނަމަ އޭނާއަށް މިތަނަށް އަންނަން ނުޖެހުނީސްކަމަށް ރާފިޢާ ބުނެއެވެ. މުރުތަޟާ މަސައްކަތް ކުރަނީ އޭނާގެ ބޭބެއާއެކުގައި ކަމަށާއި މުރުތަޟާގެ ބޮސް އެއީ ބޭބެ ކަމަށް އޭނާ ބުނެއެވެ. އަދި މުރުތަޟާގެ ވަޒީފާގެ ކުރިއެރުމުގެ ވާހަކަ ބޭބެގާތު ބުނަންވެފައި އޮތްކަން އޭނާ ރާފިޢާއަށް ހަނދާން ކޮށްދިނެވެ. އަދި ވަޒީފާގެ ކުރިއެރުމަށް ބޭބެއެއީ މުހިންމުމީހެއްކަމަށް ބުނެއެވެ.
"މައްސަލައެއް ނެތެވެ. މުރުތަޟާގެ ވަޒީފާގެ ކުރިއެރުމުގައިވެސް މެރިޓަށް ބަލާފަ އެކަން ހަމަޖައްސާށެވެ . ވަޒީފާގެ ކުރިއެރުންވެސް ލިބެނީ ރަނގަޅަށް ވަޒީފާ އަދާކޮށްގެން ކަމަށާއި މުރުތަޟާ ރަނގަޅަށް ވަޒީފާ އަދާކުރާނަމަ އެކަން އޭނާއަށް ހަމަ ޖެހޭނެއެވެ." ރާފިޢާ ބުންޏެވެ. ރާފިޢާ އެހެން ބުނެ އޭނާގެ އަތަށް އޭނާގެ ދަރިފުޅުގެ މާރކްސް ފައިލް ދެއެވެ.
------------------------
އެދުވަހު ޔުނީއިން ނުކުތް އިރު، ގޯތިތެރޭގައި ބޮޑުކަންތައް ގަނޑެއް ކުރިޔަށް ދެއެވެ. ކަޝަފާއި މާރިއާ ނުކުތީ އެކުއެކުގައެވެ. އެދިމާއަށް ދާން މާރިއާ ހިފާލިއެވެ. އެންމެފަހުން ކަޝަފްވެސް ދުރުދުރުން ލާފައި އެތާ އެއްވެތިބި ކުދިންނާ ގާތަށް ޖެހިލިއެވެ.
އެމީހުން ބާތުޑޭއެއް ފާހަގަ ކުރަނީއެވެ. އެއީ އަސްމަރާގެ އުފަން ދުވަހެވެ. އެންމެން އަތްޖަހާފައި ކޭކު ފަޅަނީއެވެ. ޒަރޫންވެސް އަސްމަރާއާ އެކީގައި ހުއްޓެވެ. މާރިއާއަށް ނުހުރެވިގެން ހެވިދިލިފާ ކާކުގެ އުފަން ދުވަހެއްތޯ ސުއާލުކުރިއެވެ. އެއީ އަސްމަރާގެ އުފަންދުވަސްތޯ ސުއާލުކުރިއެވެ. އަސްމަރާ އާއެނކޭ ބުނެ އެމީހުންނާ ބައިވެރިވުމަށް ގޮވާލިއެވެ. އެއީ، އަސްމަރާގެ އުފަންދުވަސްކަމުގައި ޒަރޫން ބުނެއެވެ. އަދި ކޭޚު ފޮއްޗެއްނަގައި މާރިއާއަށް ދިއްކޮށްލީމަ ހިފައިގެން ކާން ފަށައެވެ. އެވަގުތު ކަޝަފް އެތަނުން ދުރަށް ޖެހިލިއެވެ.
"އަސްމަރާއެވެ! ކަޝަފަށް ގޮވާލާފައި އޭނާއަށްވެސް ކޭކު ކޮޅެއް ދިން ނަމައެވެ!" އުސާމާ ބުންޏެވެ. އެސުއާލަށް ޖަވާބުދިނީ ޒަރޫންއެވެ.
"އުސާމާއެވެ! ކޮންމެ ކަމަކަށް ދަޢުވަތު ދޭން ޖެހޭ ހެއްޔެވެ. ކްލާސް އެއްކޮށް ކުރާކަމެއްގައި ދަޢުވަތު ކާދު ނުފޮނުވިޔަސް ބައިވެރިވެލިއްޔާ ވާނީ ކީއް ހެއްޔެވެ؟" ޒަރޫން ބުންޏެވެ.
"ކަޝަފް އެއިނީ އެކަނި ދުރުގައި އިށީނދެލައިގެންނެވެ." އުސާމާ އަނެއްކާވެސް ބުންޏެވެ. އެވާހަކަނިންމާލީ އަސްމަރާއެވެ.
"އޭނާ ކޭކު ކާން ބޭނުންކަމަށް ވަންޏާ އަންނާނެއެވެ. އެތާ ވަކިން އެއިނީ ކޭކު ނުކާން ވެގެން ނޫން ހެއްޔެވެ؟" އަސްމަރާ ބުންޏެވެ. އެންމެފަހުން، އުސާމާ އެތަނުން ކޭޚުކޮޅެއް ނަގާ ކަޝަފަށް ދޭށޭ ބުނެ މާރިއާ އަތަށް ދިއްކޮށްލައެވެ.
"ކަޝަފް އެވެ! ތިހެން ހަދާކަށް ނުވާނެއެވެ. އެއީ އެހާ ރީތިކަމެއް ނޫނެވެ. އެންމެ ދެރަވެގެން ހެޔޮއެދުމާއެކު ވިޝް ކޮށްލި ނަމައެވެ." މާރިއާ ބުންޏެވެ. އޭނާއަށް ކޭޚު ގެނެސްދިނީ ކީއްކުރަންތޯ ކަޝަފް ސުއާލު ކުރިއެވެ. އަދި އޭނާ ކޭކު ނުކާކަން މާރިއާއަށް އެނގޭނެވާހަކަވެސް ކަޝަފް ބުންޏެވެ. މާރިއާ ގެނައި ކޭކާބެހޭގޮތުން ދެމީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ބަޙުސް ހިނގިއެވެ. މާރިއާ ދެކޭގޮތުގައި ދެއަހަރުވަންދެން އެކީގައި އުޅެން ޖެހޭއިރު އެންމެ ރަނގަޅުވާނީ އެމީހުންނާވެސް ގުޅިގެން އުޅުމެވެ. އެމީހުންނާ އެހާބޮޑަށް ގުޅިގެން އުޅެން ކަޝަފް ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ. ކޭކު އަނބުރާ ނުގެންދާނެ ކަމަށާއި ދޭތިކޮޅުވެސް އޭނާ ކާލާނީ ކަމުގައި މާރިއާ ބުނެއެވެ. މާރިއާއަކީ، މުޅިކްލާހުންވެސް ކަޝަފާ ވާހަކަ ދައްކާލާ ހަމައެކަނި އަންހެން ކުއްޖާއެވެ.
ޒަރޫންއާ އަސްމަރާއާއި އުސާމާ ޔުނިވަރސިޓީ ތެރޭ ހިނގަމުން ދިޔައެވެ. އަސްމަރާހުރީ ކަޝަފްގެ އެ ޢަމަލާމެދު ހިތް ނުރުހިފައެވެ. ކަޝަފް އޭނާއަށް ވިޝް ކޮށްނުލިތާނގައި ކޭކު ކޮޅުވެސް ނުކައެވެ. އެއީ ކޮންކަހަލަ ކުއްޖެއް ހޭ ބުނެ އޭނާއަށް ކަޝަފް އެހާ މުހިންމު ނޫންކަމުގައި އަސްމަރާ ބުނެއެވެ. އަދި އޭނާގެ ރައްޓެހިން އިޚްތިޔާރު ކުރާނީ އޭނާ ބޭނުންވާ ގޮތަކަށް ކަމުގައި އަސްމަރާ ބުންޏެވެ. އެހެން މީހުން އެކަމަށް ގޮތް ކިއުމަކީ އަސްމަރާ އެދޭކަމެއް ނޫނެވެ. އުސާމާއާއި އަސްމަރާ އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރުވެސް، ނުލަފާ ފާޑެއްގެ ހިތްޏެއް އައިސް އަނގައިންވެސް ނުބުނެ، ޒަރޫން ހުއްޓެވެ.
------------------------
މުރުތަޟާއާއި ނިޤާރުގެ ދެމަފިރިން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އެވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ ތިމަންނަގެ އަގު، ވައްޓާލައިފިއޭ މުރުތަޟާ ބުނެއެވެ.
"އަހަރެންނާ ޙަވާލާދީ އެކަން ހަމަޖައްސަން ރައްޓެއްސަކު ފޮނުވީމަ، ރާފިޢާ ކަންތައް ކުރިގޮތަކީ އެހެރީއެވެ." މުރުތަޟާ ރުޅިއައިސްހުރެ ބުންޏެވެ. ކަލޭގެ އަބުރަށާއި ޢިއްޒަތަށް ރާފިޢާ ބެލީ ކޮންދުވަހަކު ތޯ ނިޤާރު ސުއާލުކުރިއެވެ. ފަހަރެއްގައި މުރުތަޟާ އޭނާއަށް ފޯނުކޮށްލާފަ ވާހަކަ ދެއްކިނަމަ ރާފިޢާ އެކަން ހަމަޖައްސައިދިނީހޭ މުރުތަޟާ ބުނެއެވެ. އެހެންނަމަވެސް، ފޯނުކުރިޔަސް ކޮންމެ ކަމެއް ކުރިޔަސް ރާފިޢާ އެކަމެއް ނުކޮށްދޭނެކަމަށް ނިޤާރު ބުންޏެވެ. މުރުތަޟާގެ ޢިއްޒަތަށް އަރައިގަތުމަކީ ރާފިޢާއަށް އާ ކަމެއްނޫނެވެ. ނިޤާރު އަޅަމުންގެންދިޔަ ތެލުން ހުޅުގަނޑު އިތުރަށް ބޮޑުވިއެވެ. އެކަމެއް ވާން ނެތްކަމެއްގައި ބޭކާރު ގޮތުގައި ރާފިޢާގާތަށް އޭނާ ފޮނުވީ ކީއްކުރަން ހެއްޔޭ ނިޤާރު ބުނެއެވެ.
"އެއީ އަހަރެންގެ ބޮސް ގެ ކޮއްކޮއެވެ. އޭނާ ބުނިގޮތުގައި، އޭނާގެ ދަރިފުޅުގެ އެޑްމިޝަން އަށް އެއްވެސް ސްކޫލަކުން ފުރުޞަތެއް ނުދިނެވެ. ރާފިޢާ އެކަން ހަމަޖައްސައިދީފިނަމަ، އޭނާގެ ބޭބެއާ ވާހަކަ ދައްކައިގެން ބަދަލުގައި އަހަރެންނަށް ވަޒީފާގެ ކުރިއެރުން ހޯދައިދޭނެ ކަމަށް އޭނާ ބުންޏެވެ." އާދައިގެ މަތިން މުރުތަޟާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.
"ކަލޭގެ ވަޒީފާ މަތިވިޔަސް، މުސާރަ ބޮޑުވިޔަސް ރާފިޢާއަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ އެއީ އެހާ އިންސާފުން ކަންތައް ކުރާ މީހެއް ވިއްޔާއެވެ. ގޭގެ ކަންތައް ބަލަހައްޓަނީ މަތިން ފައިބާ ފައިސާއިން ކަންނޭނގެއެވެ." ނިޤާރު ބުންޏެވެ. ރާފިޢާއާ އެވާހަކަ ނުދައްކާ ދުލެއް ނުކުރާނެކަމަށް މުރުތަޟާ ބުންޏެވެ. އަދި ނިޤާރުގެ ކުރިމަތީގައި އޭނާގެ ބަސްވިކޭނެކަން ނިޤާރަށް ސާފުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.
------------------------
ޒަރޫން އާއި އަސްމަރާ ތިބީ ރެސްޓޯރެންޓެއްގައެވެ. އެމީހުން ތިބީ، ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ކަހަލައެވެ. އުފަންދުވަސް ފާހަގަ ކުރަން ހަމައެކަނި ދަޢުވަތު ދިނީ ޒަރޫނަށްތޯ ނޫނީ އަދި އެހެން ބަޔަކު އަންނާނެތޯ ޒަރޫން ސުއާލު ކުރެއެވެ. އެސުއާލުގެ ޖަވާބުގައި އިތުރު މީހުންވެސް އަންނާނެކަމުގައި އަސްމަރާ ބުންޏެވެ. އެމީހުންގެ މެދުގައި އެކި ވާހަކަ ދައްކަމުން ގޮސް އޭނާގެ އުފަންދުވަހުގެ ހަދިޔާއަކަށް ޒަރޫން ގެނައީ ކޮން އެއްޗެއްތޯ އަސްމަރާ ސުއާލުކުރިއެވެ. ޒަރޫންގެ ޖީބުގައި އެއްވެސް އެއްޗެއް ނެތްކަމަށާއި ލާރިއެއް ނެތް ޖީބަކުން ގަންނާނީ ކޮން އެއްޗެއްތޯ ޒަރޫން ސުއާލު ކުރިއެވެ. އަހަރެންގެ މި އުފަންދުވަހު، ޒަރޫން އަހަރެންނަށް ހަދިޔާއެއް ނުދީފިނަމަ އޭނާ ދުވަހަކުވެސް ޒަރޫން އަށް ހަދިޔާއެއް ނުދޭނެކަމަށް އަސްމަރާ ބުންޏެވެ. ޒަރޫންއަށް ލިބޭ ލާރި އަންހެންކުދިންނަށް ޚަރަދުނުކޮށް ރައްކާ ކުރާނަމަ އަސްމަރާއަށް ހަދިޔާއެއް ގަންނަން ލާރި ހުންނާނެކަމަށް އަސްމަރާ ބުނެއެވެ. އަންހެނުންނަށް ޚަރަދު ކުރުމުގެ ބަދަލުގައި ޚަރަދުކުރާނެ އެހެން ކަންކަން އަހަރެންގެ އެބަހުއްޓެވެ. އެހިސާބުން މިސާލަކަށް އެއީ ކޮން ޚަރަދެއްތޯ އަސްމަރާ ސުއާލު ކުރިއެވެ. އެސުއާލަށް އެތައް އިރެއް ވީއިރުވެސް ޒަރޫންއަކަށް ޖަވާބެއް ނުދެވުނެވެ. އެންމެފަހުން، އަސްމަރާގެ ރަޙުމަތްތެރިން އަންނަނީ ކޮންއިރަކުންތޯ ބުނެ އެވާހަކަ އޮއްބާލަން މަސައްކަތް ކުރިއެވެ.
------------------------
އިންޓަވަލް ގަޑީގައި ނުކުމެ ގޯތިތެރޭގައިހުރި ހިޔާލާ ތަނެއްގައި ކަޝަފް މަޑުކޮށްލައިގެން އިނެވެ. ކަޝަފް އައީ މާރިއާއަށްވެސް އަންގައި ނުލައެވެ. މާރިއާ ކަޝަފަށް ގޮވަމުން އައިސް އެތަނުގައި މަޑުކޮށްލިއެވެ. އަދި ކަޝަފް އެތަނަށް އައިއިރު އޭނާއަށް އަންގައިނުލީތީ ޝަކުވާ ކުރިއެވެ. މާރިއާއަށް ކަޝަފް ނުގޮވީ، އެހެން ކުދިންނާއެކު އަވަދި ނެތި މާރިއާ ހުރިތަން ފެނިފައެވެ. ކޮރިޑޯ ތެރޭގައި ކުދިންނާ ދިމާވިތަނާ މާރިއާ މަޑުކޮށްލީއެވެ. މާރިއާއަކީ ކަޝަފާ ޚިލާފަށް ހުރިހާ ކުދިންނާވެސް ގުޅިގެން އުޅޭ ކުއްޖެކެވެ. ކޮންމެ ކުއްޖެއްގެވެސް ކޮންމެވެސް މައްސަލައެއް ހުންނާނެއެވެ. އެކުދިންނާއެކު މާރިއާ ގުޅުން ދަމަހައްޓަނީ އެކަން ދަނެގެންނެވެ. އެހެންނަމަވެސް، ކަޝަފަކީ ކޮންމެ ކޮންމެ ގޮތެއް ކަމުދާ ކުއްޖެއް ނޫނެވެ. އޭނާ ދިރިއުޅެން ޖެހިފައި އޮތްގޮތުން އަދި އޭނާއަށް ލިބިފައިވާ ތަރުބިއްޔަތުގެ ސަބަބުން އޭނާ ޤަބޫލު ނުކުރާ ކަމަކަށް ހިތްހަމަ ޖައްސައެއް ނުލެވޭނެއެވެ.
މީގެފަހުން ތަނަކަށްދާއިރު، ތިމަންނަޔަށް އެނގިލާފަ ދައްޗޭ ބުނެ އެދެކުދިންނަކީ ރަޙުމަތްތެރިން ކަމުގައި މާރިއާ ބުނެއެވެ. އަދި އެދެމީހުންނަށް އެކީގައި އުޅެވިދާނެ ނޫންހޭ ބުނެއެވެ. އެހިސާބުން އަދި މާރިއާގެ ސުއާލުތަކެއް ނުހުއްޓެއެވެ. ކަޝަފުގެ އަމިއްލަ ގޮތްތަކެއް ހުންނާތީ އެކަން ކަޝަފަށް ފާހަގައެއް ނުކުރެވޭތޯ މާރިއާ ސުއާލުކުރިއެވެ.
"މިހާރުދެން މާރިއާވެސް ތި، އަހަރެމެންގެ ދެމީހުންގެ ވަގުތު ބޭކާރު ކުރަނީއެވެ. ފިލާވަޅު ދަސްކުރަމާ ހިނގާށެވެ. މާރިއާ ދަސްކުރާނެ ފިލާވަޅެއް ނެތްކަމަށް ވަންޏާ އަހަރެން ފިލާވަޅު ދަސްކުރަން ވަގުތު ދޭށެވެ." ކަޝަފް ބުންޏެވެ. މާރިއާ އެއަކަށް ޖަވާބެއް ނުދެއެވެ. ކަޝަފާދިމާއަށް ބަލަހައްޓައިގެން އޭނާ އެތައް އިރަކު އިނެވެ.
------------------------
ކަޝަފް ލޯގަނޑު ކައިރީ ހުއްޓިހުރެ އޭނާގެ މޫނުގެ އެކިތަންތަނަށް ބަލަމުން ގެންދިޔައެވެ. ބޮލުގެ ހުޅި ނިއުޅާލައި އިސްތަށިގަނޑު ވައްޓައިލިއެވެ. އެތަން ބަލަހައްޓައިގެން، އެނދުގެ ތަންމަތި އަޅަން ޞިދްރާ، ޙައިރާންވެފައި ހުއްޓެވެ.
އޭނާގެ ސޫރައަށް އެކި އަރިއަރިއަށް ބަލަމުން ދިޔައިރު، ކަޝަފްގެ ހިތުގައި އެތައް ކަމެއް އެނބުރެމުން ދިޔައެވެ. އަހަރެންނަކީ އެއްވެސް މީހެއްނޫނެވެ. ޢަޖައިބުން ފުރިގެންވާ މީހެކެވެ. ނޭނގޭ އެތައްކަމެއް އަހަރެންގައި އެބަހުއްޓެވެ. އަހަރެންގެ ހުރިފަދަ މައްސަލަތަކެއް އެހެން އެއްވެސް މީހެއްގެ ނުހުންނާނެއެވެ. އެހެންވީމާ އަހަރެން ދެކޭމީހުންނަށް އެކަންކަން ނުފެނިއެއް ނުހުންނާނެއެވެ. އެކަމަކު، މާރިއާއަށް އެ ފެންނަނީ އަހަރެންގެ ކިބައިގައިވާ ކޮން އަޖައިބެއްބާވައެވެ. ކަޝަފް، ލޯގަނޑާ އޭނާގެ މޫނު ކައިރިކޮށްލައި އެތައްފަހަރަކު ބަލައިލިއެވެ. އެތަން ބަލަހައްޓައިގެން އަޖައިބުވެފައި ޞިދްރާ ހުއްޓެވެ.
(ނުނިމޭ)
vvv.reethi