ދެކަފި - 56

(9 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރުޅިއައިސްހުރެ ކަޝަފް ދައްކަމުންގެންދިޔަ ވާހަކަޔަށް ދޭނެޖަވާބެއް ޒަރޫންއަކަށް ނެތެވެ. ޒަރޫން އަށް ބުނެވުނުހާވެސް އެއްޗަކީ ، އޭނާ އެއްވެސް ގޯސްކަމެއް ނުކުރާ ކަމުގައެވެ. އަބްރާރ ސާރ ގާތު ދެއްކި ވާހަކަ އެއީ ގޯސް ވާހަކަތަކެއްކަމަށް ނުދެއްކުމަށް ޒަރޫން މަސައްކަތް ކުރިއެވެ. އަދި އަބްރާރ ސާރ ގާތު އޭނާބުނީ ، މެންދުރުގެ ކެއުމަށް ދަޢުވަތުދީ އެމީހުންނާއެކު މަޑުކޮށްލަންކަމުގައި ޒަރޫން ސާފުކޮށްދިނެވެ. އަދި އެއީ ގޯސް ކަމެއްކަމަށް އޭނާއަށް ނުފެންނަ ކަމުގައެވެ. ކަޝަފް ޤަބޫލުކުރާ ގޮތުގައި ޒަރޫން ބަދަލު ވެއްޖެ އެވެ. އެހެންނަމަވެސް ޒަރޫންގެ ނިޔަތާއި ވިސްނުން ބަދަލެއް ނުވެއެވެ. އެކަން އޮންނަނީ ހަމަ ކުރިންވެސް އޮންނަ ގޮތަށް އަންހެންކުދިން ވާވައްދައި ، އެކުދިންގެ ޖަޒުބާތާ ކުޅުމުގެ މައްޗަށެވެ.

" އެއްވެސް އަންހެނަކަށް އިޙްތިރާމް ކޮށް ޤަދަރުކުރަން ޒަރޫންއަށް ނޭނގެނީ ކީއްވެ ހެއްޔެވެ ؟ މީގެ ފަހުން އަހަރެންނާ މެދު އެފަދަ ކަމެއް ކޮށްފިނަމަ އެކަމުގެ ހިތި ޒަރޫންއަށް ފެންނާނެއެވެ. " ކަޝަފް ، ޒަރޫންއަށް އިންޒާރު ދިނެވެ.

" އަންހެނުންނަށް އިޙްތިރާމްކޮށް ކުރުމުގައި ކަޝަފްގެ މަޤްޞަދަކީ ކޮބައި ހެއްޔެވެ ؟ " ޒަރޫން ސުއާލު ކުރިއެވެ.

ޒަރޫން ސާރ އަބްރާރ ގާތު އެދެއްކި ވާހަކަޔަކީ ، ކަޝަފް އެހާ ހިތްހަމަ ޖެހޭ ވާހަކަޔަކަށް ނުވިއެވެ. ކޮންމެ އަންހެން ކުއްޖަކީ ، ޒަރޫންގެ އަވައިގާ ޖެހި ، ޒަރޫންއާ ރައްޓެހިވާނެ ކުއްޖެއް ނޫންކަން ޒަރޫންއަށް ކަޝަފް ވިސްނައިދިނެވެ. އަދި އޭނާ އުފުއްލަންޖެހޭ މަސައްކަތުގެ ޒިންމާއަށް ވިސްނައިގެން ކުރިޔަށް ދިއުމަށް ނަޞޭޙަތްތެރި ވިއެވެ. މީގެކުރިންވެސް ކަޝަފްވަނީ ޒަރޫންގެ ފަރާތުން ކުރިމަތިވި އެތައް ތަކުލީފަކުން ހިތް ހަލާކުވެފައެވެ. ޒަރޫންގެ ފަރާތުން އޭނާގެ ދިރިއުޅުމުގައި އިތުރު ތަކުލީފެއް އުފުއްލާކަށް ކަޝަފް ބޭނުމެއް ނޫނެވެ.

" ކަޝަފް އެވެ ! ކަޝަފަކީ އަހަރެންގެ ގާރލް ފްރެންޑެއް ނޫނެވެ. އަދި ކަޝަފަކީ އަހަރެންގެ ގާރލް ފްރެންޑެއްކަމަށް ބަލައިގެން އެއްވެސް ކަމެއް ނުކުރަމެވެ. ދެވަނަ ކަމަކީ ، އަހަރެންގެ ގާރލް ފްރެންޑަށް ވުމުގައި ކަޝަފްގެ މައްސަލަޔަކީ ކޮބައި ހެއްޔެވެ ؟

ޒަރޫންގެ ސުއާލަށް ޖަވާބުދޭކަށް ކަޝަފް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ފޯނު ކަނޑާލައެވެ. ޒަރޫން އަލުން ކަޝަފާ ގުޅިއެވެ. އެހެންނަމަވެސް ކަޝަފް ފޯނެއް ނުނަގައެވެ. ކަޝަފް އޭނާއާ ވާހަކަ ނުދައްކާނެކަން ޒަރޫންއަށް އެނގުނެވެ.

------------------------

ކަޝަފްގެ ކައިވެންޏާ ބެހޭގޮތުން ރާފިޢާ ހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. މިފަހަރު ލާހޯރަށް ގޮސް އެއައީ އެކަން ކަޝަފަށް ވިސްނައިދެވޭތޯ އޭނާއަށް ކުރެވުނު ހުރިހާ މަސައްކަތެއް ކޮށްފައެވެ. މީހަކާ އިންނާކަށް ކަޝަފް ބޭނުމެއް ނުވެއެވެ. ޞިދްރާވެސް ފޯނުކުރާ ކޮންމެ ފަހަރަކު ރާފިޢާގާތު އެވާހަކަ ދައްކައެވެ. ޞިދްރާއަށް ދޭނެ ޖަވާބެއް ރާފިޢައަކަށް ނުފެނެއެވެ. ކަޝަފް އެކަމާ އިންކާރު ކޮށްކޮށް އޮއްވާ އެކަން ކުރިޔަށް ގެންދާނެގޮތެއް ރާފިޢާއަކަށް ނުވިސްނެއެވެ. ޝެހްނީލާވެސް އެކަމާ ވިސްނައެވެ. ޅަ ނަމަވެސް އޭނާގެވެސް ޚިޔާލެއް އެކަމުގައި އެބަ އޮތެވެ. ހުރިހާވެސް ގޯހަކީ ބައްޕައެވެ. ކައިވެނީގެ ދިރިއުޅުން އެކުދިންނަށް ބައްޕަ ދައްކައިދީފައި އޮތީ މުޞީބާތެއްގެ ގޮތުގައެވެ. އެކަން އެއުޅެނީ ދައްތަގެ ހިތުން ފިލައިގެން ނުގޮސްގެންނެވެ.

ބައްޕަގެ މިސާލުން މިސާލު ނަގައިގެން އޭނާގެ ދަރިން ، ދިރިއުޅުމާމެދު ގޮތް ނިންމުމަކީ ރާފިޢާ އެދޭކަމެއް ނޫނެވެ. ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެއެވެ. ޞިދްރާގެ ފިރިމީހާއަށް ނިކަން ބަލައިލަ ބަލާށެވެ! ކޮންފަދަ ރަނގަޅު ފިރިއެއް ހެއްޔެވެ ؟ ރަނގަޅު ފިރިހެނުންނާއި ގޯސް ފިރިހެނުން ދުނިޔޭގައިވަނީ ލައްވާފައެވެ. ކަޝަފްގެ ދިރިއުޅުމަށް ގޯސް ފިރިހެނަކު އަންނާކަށް ކޮންމެހެން ނުޖެހެއެވެ. ރަނގަޅު ފިރިހެނަކުވެސް އަތުވެދާނެއެވެ. އެކަމަކު ކަޝަފް އެކަމެއް ޤަބޫލެއް ނުކުރެއެވެ. ކަޝަފަށް ޤަބޫލުކުރެވިފައި އޮންނަނީ ، އޭނާގެ ދިރިއުޅުމަށް އަންނާނީ މަންމަގެ ދިރިއުޅުމަށް އައިފަދަ ފިރިހެނެއް ކަމުގައެވެ. އަދި އެދިރިއުޅުން ވެގެންދާނީ މަންމަގެ ދިރިއުޅުންފަދަ ތަކުލީފުން ފުރިގެންވާ މުޞީބާތެއް ކަމުގައެވެ. ހުރިހާ ކަމެއްގައި ގޯސްކޮށް ވިސްނައިގެން ދިރިއުޅުން ބާއްޖަވެރިއެއް ނުކުރެވޭނެއެވެ. ދިރިއުޅުމުގައި އަޑި ގަނޑު ގަނޑާއި އުސްގަނޑު އަންނާނެއެވެ. އުފަލާއި ތަކުލީފު އޮންނާނެއެވެ. މައްސަލައެއް ނުޖެހޭ އެއްވެސް ދިރިއުޅުމެއް މިދުނިޔެއަކު ނުއޮންނާނެއެވެ. ދުނިޔެ ދައުރުވަނީ ތޮށަލި ދުޅަޔަށް ކަމަށް ވާތީއެވެ.

ކަޝަފްގެ ދިރިއުޅުމުގައި އޭނާ އިޚްތިޔާރުކުރާގޮތަށް އުޅެން ދޫކޮށްލުމަށް ޝެހްނީލާ އޭނާގެ މަންމައަށް ވިސްނައިދިނެވެ. އެހެންނަމަވެސް ، މަންމައެއްގެ ޙައިޞިއްޔަތުން އެއީ މަންމައެއްގެ ޒިންމާއެކެވެ. ދަރިން މީހުންނާ ދެވައި ، ދަރިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމަކީ މަންމަޔަކު ކުރަން ޖެހޭނެ ކަމެކެވެ. ކަޝަފަށް އެކަން ކޮށްދޭން ހުރީ ރާފިޢާ އެކަންޏެވެ. ބައްޕަގެ ފަރާތުން އެފަދަ އެހީތެރިކަމެއް ނުލިބޭނެއެވެ. އަދި ބައްޕަގެ ފަރާތުން އެފަދަ ކަމެއް ދުވަހަކުވެސް ، ކަޝަފް ޤަބޫލެއް ނުކުރާނެއެވެ. ކަޝަފަކީ ބައްޕަޔަށް އެހާ ނަފުރަތުކުރާ މީހެކެވެ. އެހެންނަމަވެސް ، ދަރިންގެ މައްޗަށް އޮންނަ ޒިންމާއާއި މަސްއޫލިއްޔަތަށް ބަލާއިރު ، އެއީ ރާފިޢާއަށް ދެލޯމަރާލައިގެން ހުރެވޭނެ ކަމެއް ނޫނެވެ. ކަޝަފްގެ ދިރިއުޅުމުގައި އެހާ ކާމިޔާބު ހަރުފަތަކަށް ގެންދެވިފައި އޮތްއިރު ، އުފާވެރި ދިރިއުޅުމެއްގެ ފޮނިމީރުކަން ކަޝަފަށްވެސް ލިބެން ޖެހޭނެ އެވެ.

" މަންމާއެވެ ! ދިރިއުޅުމަކީ ހަމައެކަނި ، ކައިވެނީގެ ނަންބޯޑާ ގުޅުވައިގެން ކިޔަން އޮންނަ އެއްޗެއް ނޫނެއް ނޫންހެއްޔެވެ ؟ ކައިވެންޏެއް ނުކުރެވެއޭ ކިޔާފަ އިންސާނާގެ ނިދި ޙަރާމްކޮށް ދުނިޔޭގައި ދިރިހުރުމުގެ އުފާ ޤުރުބާން ކުރާނެކަމެއް ނެތެއް ނޫން ހެއްޔެވެ ؟ ޝެހްނީލާ ބުންޏެވެ.

ޝެހްނީލާ އަކީ އަބަދުވެސް މީހަކާ އިންނަ ވާހަކަ ދައްކާ ކުއްޖެކެވެ. ޝެހްނީލާގެ އަނގައިން އެ ބޭރުވި ބަސްތަކުން ރާފިޢާ އިނީ ޙައިރާން ވެފައެވެ. އެވާހަކަ އެބުނީ ހަމަ ޝެހްނީލާ ހެއްޔެވެ ؟ އަބަދު ، ކައިވެނީގެ ވާހަކަ ދައްކާ އެ ކުއްޖާ ހެއްޔެވެ ؟ ރާފިޢާއަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ރާފިޢާ އިނީ ހިނިއައިސް ޙައިރާން ވެފައެވެ. ޔުނިވަރސިޓީ ތެރޭގައި އުޅޭ ކުދިން ދައްކާ ވާހަކަތައް އަޑުއަހާފައި ޝެހްނީލާ އެހުންނަނީ ހިތް ބިރުގެންފައެވެ. ކައިވެންޏަކީ ، އުފަލާއި މަޖާ އެކަންޏެއް ނޫންކަން ޝެހނީލާއަށް މިހާރު ވިސްނެއެވެ. ޝެހްނީލާއަށް ކުރިން ވިސްނިފައި އޮތީ އެއީ ހަމައެކަނި އުފަލާއި މަޖާ ކަމުގައެވެ. އެކަމަކު އެއީ ކިހާވަރެއްގެ ކަމެއްކަން ޝެހްނީލާއަށް މިހާރު ވިސްނިއްޖެ އެވެ.

ދިރިއުޅުމުގައި އޮންނަނީ އުފަލާއި މަޖާ އެކަންޏެއް ނޫނެވެ. ދެމަފިރިންގެ ގުޅުމެވެ. ދިރިއުޅުމަށް ކުރާ މަސައްކަތެވެ. ދިމާވާ މައްސަލަ ތަކެވެ. ދަރިން ބަލައި ބޮޑު ކުރުމެވެ. ޢާއިލާގެ ގުޅުން ބަދަހި ކުރުމެވެ. މިއިން ކޮންމެ ކަމެއްގައިވެސް ޒިންމާއާއި މަސްއޫލިއްޔަތު އޮންނާނެއެވެ. އެއިންކަމަކަށް އިހުމާލު ވެއްޖިއްޔާ ދިރިއުޅުން ވެގެންދާނީ މުޞީބާތަކަށެވެ. ފައިސާ ފޮތީގެ ދެފުށް އޮންނާނެއެވެ. މަންމަގެ ދިރިއުޅުމުގެ ދެފުށް ބަލާލައިފިނަމަ ، ވަރަށްގިނަ ފިލާވަޅުތައް ލިބިގެންދާނެއެވެ. ދަރިން ބަލައި ބޮޑުކޮށް ، ދަރިއެއްގެ މުސްތަޤްބަލް އުޖާލާކޮށް ބާއްޖަވެރި ކުރުމަށް ބޭނުންވާ ހުރިހާ ފިލާވަޅެއް މަންމަގެ ދިރިއުޅުމުގެ ދެފުށުން ލިބިގެން ދާނެއެވެ. ރާފިޢާ އޭނާގެ ހަގު ދަރިފުޅަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

------------------------

އުސާމާ ، ވަގުތު ހޯދައިގެން ކަޝަފަށް ދަތިނުވާނެ އިރަކާމެދު ވިސްނައި ކަޝަފަށް ފޯނު ކޮށްލިއެވެ. ޒަރޫން ކަރާޗީއަށް އައިސް އުސާމާއާ ބައްދަލުކުރި ވާހަކަ ބުނެއެވެ. އަދި ބަދީން އިން ކަޝަފާ ބައްދަލުވި ވާހަކަވެސް އުސާމަގާތު ޒަރޫން އޮތީ ބުނެފައެވެ. ކަޝަފްވެސް ، ބަދީން އިން ޒަރޫންއާ ދިމާވި ވާހަކަ އުސާމާގާތު ބުނެއެވެ. ދެން އުސާމާ އެދައްކަންފެށި ވާހަކަޔަކީ ، ކަޗަފް އެހާ އަހާހިތްވި ވާހަކަތަކަކަށް ނުވިއެވެ. ޒަރޫންއާ ކަޝަފް ގިނަގިނައިން ދިމާވާނެ ވާހަކައެވެ. މީގެކުރިން މައްސަލަތަކެއް ޖެހިފައި އޮތަސް އެކަން ހަނދާން ނައްތާލައި ، ރައްޓެހިކަން ބާއްވަން ޖެހޭނެ ވާހަކައެވެ. އެކަކު އަނެކަކަށް ހިތް ސާފުކޮށް ދެމީހުންގެ ގުޅުން ރައްޓެހިކަމަށް ބަދަލުކުރަން ޖެހޭނެ ވާހަކައެވެ. އުސާމާ އެހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު ، ވިސްނުންތެރިކަމާއެކު ، އެވާހަކަ ތަކުގެ އަޑު އަހަން ކަޝަފް އިނެވެ. އެއީ އުސާމާގެ ފަރާތުން އަޑު އިވެން ކަޝަފް ބޭނުންވި ވާހަކަތަކެއް ނޫނެވެ. އެއީ ޒަރޫން ބުނެގެން އުސާމާ ދައްކާ ވާހަކަތަކެއްކަމަށް ކަޝަފަށް ޤަބޫލު ކުރެވުނެވެ. އެކަމަކު ، ޒަރޫން އެކަހަލަ އެއްވެސް ވާހަކައެއް އުސާމާގާތު ދައްކާފައި ނުވާކަން ކަޝަފަށް ސާފުކޮށްދިނެވެ.

އުސާމާ އެވާހަކަތައް ކަޝަފްގާތު އެބުނީ ، ޒަރޫންއަކީ ރަނގަޅު މީހެއްކަން އަންގައި ދިނުމަށެވެ. ރަނގަޅު ވިސްނުމެއްގައި ހެޔޮހިތަކުން ޒަރޫންއާމެދު ވިސްނައިފިނަމަ އެކަން ކަޝަފަށް އެނގޭނެކަން ސާފު ކޮށްދިނުމަށެވެ. އުސާމާގެ ވާހަކައިގާ ޒަރޫންއަކީ " އިޙްތިރާމް ލިބިގެންވާ މީހެއް " ގެ ނަން ބޭނުން ނުކުރިކަމަށްޓަކައި އުސާމާއަށް ، ކަޝަފް ޝުކުރު އަދާކުރިއެވެ. ޒަރޫންއަކީ އެހާ ގޯސް މީހެއްނޫނެވެ. ކުރިން އުޅުނު ގޮތްގަނޑު މިހާރު ބަދަލު ވެއްޖެއެވެ. އުސާމާގާތު ، މިހާރު ކަޝަފަށް ތަޢުރީފުކޮށް ވާހަކަ ދައްކައެވެ. އެންމެފަހުން ކަރާޗީން ދިމާވީމަވެސް ކަޝަފަށް ވަރަށް ތަޢުރީފް ކުރިއެވެ.

" އުސާމާ އަށް ހީވަނީ މިތަނުން މޮޔައީ ކާކު ކަމަށް ހެއްޔެވެ ؟ އަހަރެން ހެއްޔެވެ ؟ ނުވަތަ ޒަރޫން ހެއްޔެވެ ؟ " ކަޝަފް ސުއާލު ކުރިއެވެ.

ކަޝަފްގެ ބޭނުމަކީ ، ޒަރޫންއާ ބެހޭގޮތުން އުސާމާ އެދައްކާ ވާހަކަތަކަށް އޭނާގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތްކަން އުސާމާއަށް އަންގައި ދިނުމެވެ. އަދި އުސާމާ އެވާހަކަތައް އެދައްކަނީ ކޮންމެވެސް ނުފޫޒެއް އޮވެގެންކަން ބުނެދިނުމެވެ.

އުސާމާ އެދައްކަނީ ރަނގަޅު ވާހަކައެއް ކަމަށް ޤަބޫލުކޮށް އޭނާއަށް އިތުބާރު ކުރުމަށް ކަޝަފްގެ ކިބައިން އުސާމާ އެދެއެވެ. ޒަރޫންއާ ބެހޭގޮތުން އުސާމަ އެދައްކާ ވާހަކަތަކަކީ އަޑުއަހަން ، ކަޝަފަށް އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެން ކޮންމެވެސް ވާހަކައެއް ދައްކަން ކަޝަފް ބޭނުން ވިއެވެ.

" ކަޝަފް ކަރާޗީއަށް އަންނާނީ ކޮން އިރަކުން ހެއްޔެވެ ؟ " އުސާމާ ސުއާލު ކުރިއެވެ.

ކަރާޗީއަށް ދިއުމަށް ކަޝަފްގެ ޕްރޮގްރާމްގައި އޮތީ އަންނަ މަހުގެ ކޮންމެވެސް ހިސާބެއްގައެވެ. ކަޝަފް ކަރާޗީއަށް އައިމަ ކަޝަފާ ބައްދަލުކޮށްލުމަށް އުސާމާ ހުރީ ބޭނުންވެފައެވެ. އެހެންނަމަވެސް ، ކަރާޗީއަށް ގޮސް އެދަތުރުގައި ކަޝަފް ކުރަންހުރި ކަންކަމަށް ބަލާއިރު ، ވަގުތެއް ހޯދުމަކީ ދަތި ކަމެކެވެ. އުސާމާ ކަޝަފާ ބައްދަލުކުރަން ބޭނުންވަނީ ވަރަށް މުހިންމު ކަމެއްގައެވެ. އެއީ އޭނާގެ ދިރިއުޅުމާ ގުޅިފައިވާ ވަރަށް މުހިންމު ކަމެކެވެ. އެކަމުގައި ކަޝަފް ގެ ޚިޔާލު އޭނާ ކޮންމެހެންވެސް ބޭނުމެވެ. އެއީ ފޯނުން ދެއްކޭ ކަހަލަ ވާހަކައެއް ނޫނެވެ. ބައްދަލުވެލުން ވަރަށް މުހިންމެވެ. ކަޝަފް ކަރާޗީއަށް އައިސް އުސާމާއަށް އަންގައިލުމަށް އެދެމުން އަދި ކަޝަފްވެސް އެކަމަށް އެއްބަސްވަމުން އެމީހުންގެ ވާހަކަ ނިންމައިލައެވެ.

------------------------

ރާފިޢާމެންގެޔަށް މުރުތަޟާ ޒިޔާރަތްކުރި ދުވަހެކެވެ. ރާފިޢާ ލާހޯރަށް ދިޔައީ ހަފުތާއަކަށެވެ. އެހެންނަމަވެސް ކަޝަފް ދޫނުކޮށްގެން ގިނަދުވަސް ވީއެވެ. ކަޝަފްގެ ޙާލުއަހުވާލު އޮޅުން ފިލުވަމުންގޮސް ، ކަޝަފް ހުންނަން ވަރަށް ރަނގަޅު ގެޔެއް ލިބިފައި އޮންނާނެހެން ހީވާކަމުގައި މުރުތަޟާ ބުނެއެވެ. ރާފިޢާއަށް އެނގިހުރިވަރަކުން ކަޝަފާބެހޭ މަޢޫލޫމާތު މުރުތަޟާއަށް ކިޔައިދިނެވެ. ވަރަށް ރީތި ބަގީޗާއެއްލާފައި އޮންނަ ކުޑަ ގެޔެކެވެ. ކާރެއް އޮވެއެވެ. ނޯކަރަކާއި ޑްރައިވަރެއް ހުރެއެވެ. އެކަމަކު ކަޝަފް އުޚެނީ ވަރަށް އަވަދި ނެތިއެވެ. ހެނދުނު ދާގޮތަށް މަސައްކަތުގައި އުޅެފައި ގެޔަށް އާދެވެނީ ރޭވެ އަނދިރިވާ ފަހުންނެވެ. ރާފިޢާ ގޮސް އޭނާއާ ކަޝަފާ ވާހަކަ ދައްކައިލެވޭނެގޮތެއް ހަދައިދިނުމަށް މުރުތަޟާ އޮތީ ބުނެފައެވެ. ރާފިޢާއަށްވެސް ކަޝަފާ ވާހަކަ ދައްކައިލެވޭނެ ފުރުޞަތެއް ލިބެނީ ރޭގަނޑު ގެޔަށް އައިމައެވެ. އޭރު އެފަކީރު ހުންނަނީ ވަރުބަލިވެގެންގޮސް އަވަދި ވެފައެވެ. މުރުތަޟާގެ ފަރާތުން މިހާރު ފެންނަމުންދަނީ މަޑުމައިތިރި ކަމެވެ. ކުރިން ހުންނަ ގޮތްދޫނުކުރާއި ހަޅެއްލަވައި އަޑުގަދަކުރުން އެއްގޮތަކަށްވެސް ނެތެވެ. ރާފިޢާ އާ ސުއާލެއްކޮށްލިޔަސް ، ވާހަކައެއް އަހައިލިޔަސް ހީވަނީ ކުރިމަތީގައި ރައީސެއް އިންނަ ހެންނެވެ. އެހައިވެސް މަޑުމައިތިރި އެވެ. އަނެއްކޮޅުން ނިޤާރުއާ ކުރެވޭ ކޮންމެ މުޢާމަލާތެއްގައިވެސް ، ދެކެވޭ ކޮންމެ ވާހަކައެއްގައިވެސް ، ގޮތްދޫނުކުރުމާއި ނުރުހުމުގެ ބަސްތަކުން ބަސްމަގު ހުންނަނީ ކުރިޔާ އިދިކޮޅަށެވެ.

------------------------

ކަޝަފަށް ގުޅައި ވަކިތާކަށް އައިސްދިނުމަށް އެދި އެތަނަށްގޮސް ، ކަޝަފްގެ އިންތިޒާރުގައި އުސާމާ އިނެވެ. ކަޝަފް އައިސް ވަނުމުން ، ދެމީހުން ދެމީހުންނަށް ޙާލު އަހުވާލު އޮޅުންފިލުވައި ހެދިއެވެ. އުސާމާއަށް ފެނުނު ގޮތުގައި ކަޝަފްގެ ޞިއްޙަތު ކުޑަކޮށް ރަނގަޅުވެފައި ދުޅަހެޔޮކަމަށް ފެނެއެވެ. ފަހަރެއްގައި ބަދީންގެ މާޙައުލު ކަޝަފަށް ރަނގަޅީކަމަށް ވެދާނެއެވެ. އެދެމީހުންވެސް އުޅެނީ ސަރުކާރުގެ ވަޒީފާގައެވެ. ވަޒީފާގެ މާޙައުލުގެ ވާހަކަ ދައްކައި އެކަކުއަނެކަކަށް މަސައްކަތް ކިޔައިދިނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.