ދެކަފި - 5

(18 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫނާއި އަސްމަރާ ކާންތިބެގެން ޒަރޫންގެ ރަޙުމަތްތެރި އުސާމާއަށް ފޯނުކޮށްގެން ގެނައެވެ. ތިންމީހުންހަމަވީމާ ދެކެވުނު ވާހަކަތައް އަދި މާމަޖަލެވެ. އަސްމަރާގެ މައްސަލަޔަކަށްވީ ޒަރޫންގެ އަންހެން ރަޙުމަތްތެރިން ގިނަކަމެވެ. އަސްމަރާގެ އެކަންބޮޑުވުމަށް ޒަރޫން ދިންޖަވާބަކީ ، ކޮންމެ އަންހެންކުއްޖަކީ ރައްޓެހިވެގެން އުޅޭ ކުއްޖަކަށް ނުވެދާނެކަމެވެ. އަންހެން ކުދިންގެ ތެރޭގައި ރަޙުމަތްތެރިންވެސް ތިބޭނެކަމެވެ. އުސާމާވެސް އެކަމަށް އެއްބަސްވިއެވެ. ޒަރޫންގެ ރަޙުމަތްތެރިޔާއަށް އަސްމަރާގެ ޖަވާބަކަށްވީ ، ޒަރޫނަށް ވަފާތެރިވުމުގައި އުސާމާ ހުރުމަށެވެ. ފިރިހެނުންނަކީ ފިރިހެނުންކަމުގައެވެ. އަނގައިން ދެރަވުމަކީ ފިރިހެނުންނަށް އޮންނަ ކަމެއްނޫނެވެ. ތިންމީހުން ކެއުމުގައި މަސްޣޫލުވެ އަނގަތަޅަމުން ގެންދިޔައެވެ. ބައެއްފަހަރަށް ޒުވާބަށްވެސް ބަދަލުވެއެވެ. ދެފިރިހެނުން ކުރިމަތީ އަސްމަރާ ދަޖަލުކޮށް ބައެއްފަހަރަށް އޭނާގެ ކޮޅު ގަދަވެސްކުރެއެވެ.

------------------------

ކަޝަފާއި ޞިދްރާއާ ދެބެން ބަދިގެތެރޭގައި ރޭގަނޑަށް ކާނެއެއްޗެއް ތައްޔާރުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ.

"ވަރަށް ބަނޑުހައިވެއްޖެދޯއެވެ؟" ކަޝަފް ، ޞިދްރާކުރެން އަހާލައެވެ. ޞިދްރާ އާނއެކޭބުނެ ކޮލެޖްގައިވެސް އެއްޗެއް ނުކާވާހަކަ ބުންޏެވެ. އެވަގުތު ، ކަޝަފްގެންދިޔައީ ތަށްޓަށް ކާއެއްޗެތި އަޅަމުންނެވެ. ކަޝަފް ބަކަރިމަސްކޮޅެއް ނުނަގާހެން ހީވެގެން އަނގައިން ނުބުނެ ޞިދްރާއަކަށް ނުހުރެވުނެވެ. އަދި އެތަނުން ބަކަރިމަސްކޮޅެއްތަށްޓަށް  އަޅާލަބަލާށޭ ބުންޏެވެ.

"އަހަރެންނަށް ހުރިބައި މަންމަޔަށް ދޭށެވެ." ކަޝަފް ބުންޏެވެ.

"މިވާ އެއްޗެއް ނޭނގުނެވެ. މަންމަބުނަނީ ތިމަންނަޔަށްހުރި މަސްކޮޅު ކަޝަފަށް ދޭށެވެ. ކަޝަފް ތިބުނަނީ ތިމަންނަޔަށް ހުރިބައި މަންމަޔަށް ދޭށެވެ." ޞިދްރާ ބުންޏެވެ. އަދި އޭނާއަށް ނުހުރެވިގެން ތިތަނުން ބަކަރިމަސްކޮޅެއް ލައިބަލާށޭ އަނެއްކާވެސް ބުންޏެވެ. އަދި ބަކަރިކޮޅެއް ކާން މިލިބުނީ އެތައްދުވަހެއް ފަހުންނޫންހޭވެސް ބުންޏެވެ.

"މަށެއް ބޭނުމެއްނެތެވެ. މި ބަކަރިމަސްކޮޅު ގަންނަން މަންމަ ކިހާ މަސައްކަތެއް ކުރިކަން އެނގޭ ހެއްޔެވެ؟ މަންމަގެ ހިތަށް ވާ އުނދަގުލުން ކިޔަވައިދޭ ކުދިންނަށް އެކަމުގެ އަސަރު ފޯރާކަށް މަށެއް ބޭނުމެއްނޫނެވެ." ބަކަރިމަސް ގަންނަން މަންމަކުރާނެ މަސައްކަތާ އަދި އެކުދިންގެ ޙާލަތާގުޅިގެން ، ދިރިއުޅުމަށް ކުރަމުންދާ ނޭދެވޭ އަސަރާމެދު ކަޝަފް ކަންބޮޑުވެގެން ޞިދްރާގާތު އެތައް ވާހަކައެއް ދެއްކިއެވެ. ބަކަރިމަސްކޮޅެއް އެމީހުންނަށް ލިބެނީ މަހަކު ދެފަހަރުއެވެ. އެމަސްކޮޅު ހޯދައިދޭން މަންމައުޅޭ ޙާލާމެދު ކަޝަފް ހުރީ ކަންބޮޑުވެފައެވެ. އޭނާއަށްވީ ބަކަރިމަސްކޮޅު މަންމަޔަށް ދޭށޭ ބުނެ ، ކަޝަފް އޭނާގެތަށިހިފައިގެން ބަދިގެތެރެއިން ނުކުމެއެވެ. ކަޝަފްގެ ވާހަކައިން ޞިދްރާއަށްވެސް ކޮންމެވެސް އަސަރެއް ކުރިއެވެ. އަދި އެކަންކަމާމެދު ވިސްނަން ، އޭނާ އެތައްއިރަކު ބަދިގެތެރޭގައި ހުއްޓެވެ.

------------------------

ޖުނައިދުގެ ދެމަފިރިންނަށް މަސައްކަތް ނިންމާފަ އެދުވަހު ގެޔަށް އާދެވުނީ ދެނަމާދު ދޭތެރޭގައެވެ. ގެޔަށް އައިގޮތަށް އައިސް ޣަޒާލާ ، އެރޭ ތަނަކަށް ދާންއޮތީމަ ރީތިވެ ނަލަހެދެމުން ގެންދިޔައެވެ.  ސާރާ ކޮބައިތޯ ޖުނައިދު އޭނާގެ އަންހެނުންގާތު އަހައެވެ. ފަހަރެއްގައި ބޭރަށް ދިޔައީކަމަށް ވެދާނެކަމުގައި ޣަޒާލާ ބުންޏެވެ. އެކަމާ ޖުނައިދު އެހާ ހިތްހަމައެއް ނުޖެހުނެވެ. އަދި ދިޔައީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ. ޣަޒާލާގެ ޖަވާބަކަށްވީ ، އެއީމިހާރު ކުޑަކުދިން ނޫންކަމާއި އެކުދިންދާ ތަންތަން ބަލާހަދަން އެހާ ފަސޭހަނުވާނެ ކަމުގައެވެ. އެވަރުންވެސް ޖުނައިދުގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރޭގަނޑު ބޭރަށްދާއިރު ، ދާންވާނީ އަހަރެމެންގާތު ބުނެލާފައިކަމަށާ އަދި ރަށުގެ ޙާލަތު އޮތްގޮތް ޣަޒާލާއަށް ރަނގަޅަށް އެނގޭނެކަމަށްވެސް ބުންޏެވެ.

"މިހާރު އެދެމީހުންވެސް އެތިބީ ބޮޑެތިވެފައެވެ. މިނިވަން ކަމާއެކު އުޅެން ފުރުޞަތު އެބަ އޮތެވެ. އެކަމަކު އެކަކަށްވެސް އާމްދަނީއެއް ނުލިބެއެވެ. އަހަރެމެންނާ އެކީ އުޅެން އެމީހުންނަށް މަޖްބޫރު އެވަނީ ، އަމިއްލަޔަށް ލާރި ނުހޯދޭތީއެވެ. އަހަރެމެންގެ ލާރީގައި އެމީހުން ދިރިއުޅޭ ކަމަށް ވަންޏާ ، އެމީހުންގެ ވާޖިބުތަކެއް ހުންނާނެއެވެ. އަހަރެމެންނަށް އަމުރުވެސް ކުރެވޭނެއެވެ. އަދި އުޅޭ ގޮތާވެސް ބެހެވޭނެއެވެ." ޖުނައިދުގެ ހިތްހަމަ ނުޖެހުން އިތުރުވަމުން ދިޔައެވެ.

"އޭނާ ކޮންމެތާކަށްދިޔަޔަސް ފަރުޙާން އޭނާއާއެކުގައި ހުންނާނެ ނޫންހެއްޔެވެ ؟ އެހާ ކަންބޮޑުވަނީ ކޮންކަމަކާ ހެއްޔެވެ؟" ޣަޒާލާ ހިތްހަމަނުޖެމާއެކު ބުންޏެވެ. ކޮންމެތާކަށް ކޮންމެ މީހަކާއެކު ދިޔަނަމަވެސް ، ދާތަނަކާ އެކީއުޅޭމީހަކު އަހަރެމެންނަށް އެނގުމަކީ މުހިންމުކަމެއްކަމުގައި ޖުނައިދު އިތުރަށް ބުންޏެވެ. މިސުއާލަށް ޣަޒާލާދިން ޖަވާބު ސާދާވެފައި ކުރެވެ. އެކުދިންކުރެން ދާތަނެއް އަދި އެކީއުޅޭމީހެއްގެ ވާހަކަ އަހައިފިއްޔާ އެމީހުން ތެދަށް ބުނާނެ ހެއްޔެވެ ؟ އެއީ މިހާރު ކުޑަކުދިންނޫންކަމަށް ބުނެ ޣަޒާލާގެ ރުޅިވެރިކަން އިތުރުވިއެވެ.

"ޣަޒާލާއެވެ! ދަރިންނަށް ރަނގަޅުގޮތާއި ގޯސްގޮތް ބުނެދީ އެމީހުންނަށް މަގުދެއްކުމަކީ އަހަރެމެންގެ ވާޖިބެކެވެ. އެކުދިން ކިތަންމެ ބޮޑެތިވިޔަސް އެވާޖިބު އަހަރެމެންގެ ކިބައިންނެއް ފިލައިގެންނެއް ނުދާނެއެވެ. އެއީ މައިންބަފައިން ކުރަންޖެހޭނެ ކަމެކެވެ. އެއްޗެހިކިޔަން ޖެހުނަސް އެކަން ކުރަންޖެހޭނެއެވެ. އަދަބު ދޭން ޖެހުނަސް އެކަންވެސް ކުރަން ޖެހޭނެއެވެ. އެކަމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟" ޖުނައިދުގެ ރުޅިވެރިކަންވެސް އިތުރުވެގެން ދިޔައެވެ.

"ސާރާއަކީ ދުރުވިސްނޭ މިނިވަން ޚިޔާލުގެ ޒުވާން އަންހެން ކުއްޖެކެވެ. އަހަރެން އަބަދުވެސް ސާރާއަށް ވިސްނައިދެމުން މިގެންދަނީ ، އޭނާ އަމިއްލަޔަށް އޭނާގެ ކަންކަން ނިންމަން ދަސްކުރުމަށެވެ. ޖުނައިދު ތިބުނަނީ އަހަރެންގެ އެހުރިހާ ވާހަކައެއް އަނބުރާ ގެންނާށޭ ހެއްޔެވެ؟ އަހަރެންނަށް މަޢާފު ކުރާށެވެ! އަހަރެން އެކަމެއް ނުކުރާނަމެވެ." ޣަޒާލާ އޭނާގެ ގޮތް ނިންމިއެވެ. އަދި ތިމަންނަޔަށް އެބަލަސްވެޔޭ ބުނެ ، ގެއިންނުކުމެގެން އެދިޔަތާކަށް ހިނގައްޖެއެވެ. ޣަޒާލާގެ ވާހަކަތަކުން ޖުނައިދަށް ލިބުނީ އިތުރު ހިތްހަމަ ނުޖެހުމާއި އުދާސްކަމެވެ. ކުދިންގެ ކަންތަކުގައި ޣަޒާލާ ފިޔަވައި ، ޖުނައިދަށްވެސް އިހުމާލުވެވޭކަމުގެ އިޙްސާސް ކުރެވިގެންދިޔައެވެ. އެކަމަކު ، އަންހެންކުދިންނަށް މަގު ދައްކައިދީ އެމީހުން ހަމަމަގަށް އަޅުވަން ފަސޭހަވާނީ މަންމައަށެވެ. ސާރާ ދަސްކުރަމުންދާކަމެއް ވިއްޔާ ދަސްކުރަމުން އެގެންދަނީ މަންމަގެ ފާރާތުންނެވެ. މަންމަ ، ޣަޒާލާ ހަމަޔަކަށް އަޅުވާނީ ކާކު ހެއްޔެވެ؟

------------------------

ކަޝަފްއިނީ އޭނާގެ އަމިއްލަ ޚިޔާލުތަކުގެ ތެރެޔަށް ގެއްލިފައެވެ. އޭނާއަށް ސިހުންލިބިގެންދިޔައީ ޞިދްރާ ސައިތައްޓެއް ހިފައިގެންއައިސް ވާހަކަ ދައްކަން ފެށުމުންނެވެ.

"މަންމަ ގާތު އެވާހަކަ ބުނީ ކީއްކުރަން ހެއްޔެވެ؟" ޞިދްރާ ސުއާލުކުރިއެވެ. އެއާއެކު މަށަށް ކޮންވާހަކައެއް ދެއްކުނީހޭ ބުނެ ކަޝަފް ސުއާލުކުރިއެވެ.

"ދޮންމަންމަ ގޮވައިގެން ބައްޕަ މަރީއަށް ދިޔަވާހަކައެވެ." ޞިދްރާ ޖަވާބު ދިނެވެ.

"އަހަރެން ނުބުނަންޏާ ޞިދްރާ ބުނާނެ ނޫންހެއްޔެވެ. ނޫނީ އަވަށްޓެރިންގެ ތެރެއިން ކޮންމެވެސްމީހަކު އެވާހަކަ މަންމަގާތު ބުނާނެ ނޫންހެއްޔެވެ. އަހަރެން އެވާހަކަ ބުނުމުގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟" ކަޝަފް ވާހަކަ ދެއްކިއެވެ.

މަންމަ ނިދައިފިތޯ ޞިދްރާކުރެން ކަޝަފް ސުއާލުކުރިއެވެ. އުނދަގޫވެގެން ވަރަށްގިނައިރު ފުރޮޅި ފުރޮޅި އުޅެއުޅެފައި މިހާރު އޮތީ ނިދިފައިކަމުގައި ޞަދްރާ ބުންޏެވެ. މާދަމާވެސް ސްކޫލަށް އެޑިއުކޭޝަން އޮފިސަރެއް އަންނަ ވާހަކަވެސް ބުންޏެވެ.

"މަންމަވެސް އެހުރީ އަމިއްލަޔަށް މެޝިނަކަށް ބަދަލުވެފައެވެ. އަބަދު ސްކޫލްގެ ވާހަކައެވެ. އެހެންކަމެއް މަންމަގެ ނޯވެއެވެ. އަމިއްލަ ނަފުސަކަށްވެސް ބަލައެއް ނުލައެވެ." ކަޝަފް ބުންޏެވެ. ޞިދްރާގެ ޖަވާބުގައި ، ސްކޫލްގެ ކަންތަކާ މަންމަގެ ބޯނުގާނައި އަހަރެމެން ކައިބޮއި އުޅޭނީ ކިހިނެއްތޯ ސުއާލުކުރިއެވެ. ސްކޫލުން އެލިބޭ ލާރިކޮޅު ނުލިބޭނަމަ ، މަންމައަށް  އަހަރެމެން ތިންބެއިން ބަލައި ބޮޑުކުރެވޭނީ ކިހިނެއްތޯވެސް ސުއާލުކުރިއެވެ.

"އެކަމަކު މަންމަގެ އެޤުރުބާނީގެ އަގެއްނެތެއް ނޫންހެއްޔެވެ؟ ބަފަޔަކަށް ހުރިމީހާ އެއުޅެނީ އުޅޭނެގޮތަކަށެވެ. އަހަރެމެންނާ އެއްވެސް ވަރަކަށް އަޅައިލަނީކީ ނޫނެވެ. އެހެން އެހެދެނީ މަންމަގެވެސް ކަންތައް ހުންނަ ގޮތުންނެވެ." ކަޝަފް ބުންޏެވެ.

"ބައްޕަޔާއި އަހަރެމެންނާ ދެމެދު ގައިމުވެސް އެއްގުޅުމެއް އެބައޮތްނޫން ހެއްޔެވެ؟ އެއީ ، ބައްޕަގެ އަމިއްލަ އެދުމުގެ ގުޅުމެވެ. މަންމައާ ބެހޭގޮތުން ތިކަހަލަ ވާހަކަ ނުދައްކާށެވެ. މަންމަޔަށް އެހާދެރަގޮތްތަކެއް ހަދައި އަހަރެމެން ދޫކޮށްލާފަ ދިޔައިމަވެސް މަންމަގެ ހިތުގައި ، ބައްޕަޔާ ދޭތެރޭ ހަމްދަރުދީ އޮވެއެވެ." ޞިދްރާ ބުންޏެވެ.

"މަށަކަށް ނޭނގެއެވެ. ބައްޕަ ، މަންމަޔަށް އަޅައިނުލާނަމަ ، މަންމަވެސް ބައްޕަޔާދޭތެރޭ ވިސްނާނެކަމެއް ނެތެވެ." ކަޝަފް ފޫހިރާގެއްގައި ބުންޏެވެ.

ޝިދްރާ ސައިތަށްޓެއް ހިފައިގެންއައީ ، ކަޝަފްއާ ވާހަކަދައްކާލައި ދެބެންގެ ހިތުގެ އުދާސްތައް ބޭރުކޮށްލުމަށްޓަކައެވެ. އެހެންނަމަވެސް ، ކަޝަފްގެ މިޒާޖަކީ އެހާ ފަސޭހައިން ބަދަލުވާ އެއްޗެއްނޫނެވެ. އެހެންކުދިންނަށްވުރެ ފުންކޮށް ކަޝަފްގެ ވިސްނުން ގެންގުޅެނީކަމަށް ވެދާނެއެވެ. ނުވަތަ ހުރިހާކަމެއް އިދިކޮޅަށް ދެކެނީކަމަށްވެސް ވެދާނެއެވެ. ކަޝަފް ޤަބޫލުކުރާގޮތުގައި ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިފައި ހުންނަމީހެއްގެ މިޒާޖުގެ މައްސަލަވެސް އަބަދު އޮންނާނެއެވެ.

"އެންމެ ދެރަވެގެން ، ކަޝަފްގެ މިޒާޖު ރަނގަޅުވިނަމަވެސް ، މަންމަގެ ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބިގެންދާނެއެވެ. އެނގޭ ހެއްޔެވެ. ކަޝަފް ދެކެ މަންމަ ހާދަލޯތްބެއް ވެއެވެ." ޞިދްރާ ބުންޏެވެ. ލޯބިވާނެކަމެއްނެތޭ ބުނެ އެއަށްވެސް ކަޝަފްދިނީ އިދިކީލި ޖަވާބެކެވެ. ކަޝަފްގެ ވިސްނުމާއި ފިކުރު  އެއްކީލިނުވެ މުޅިން ދިމާއިދިކޮޅަށް ހުރެގެން ކަޝަފަށް އޮތީ ކޮންފައިދާއެއް ހެއްޔެވެ؟ ކަޝަފްދެކޭ ގޮތުގައި ، ކަމަކާނުލައި އަހަރެންނާހުރެ މަންމަގެ މުޅި ދިރިއުޅުން އެވަނީ ބަރުބާދު ވެފައެވެ.

"މަންމަގެ ދިރިއުޅުން ބަރުބާދުވެގެން ދިޔައީ ކަޝަފާ ހުރެއެއް ނޫނެވެ. އަހަރެންނާއި ޝެހްނީލާއާ ހުރެއެވެ." ޞިދްރާ މޮޅިވެރި ލަހުޖާއެއްގައި ބުނެލިއެވެ. އެއީ ކީއްވެތޯ ކުއްލިޔަކަށް ، ކަޝަފަށް ސުއާލުކުރެވުނެވެ.

"އަހަރެންނަކީވެސް މަންމަގެ ދަރިއަކީމެވެ. ކަލޭމެން ދެމީހުންނަކީމަންމައަށް ބުރައެއްނަމަ އަހަރެންނަކީ އެއަށްވުރެ ބޮޑު ބުރައެކެވެ. ކަލޭމެން ދެމީހުންނަކީ މަންމަޔަށް އުނދަގުލެއްނަމަ އަހަރެންމީ އެއަށްވުރެ ބޮޑު އުނދަގުލެކެވެ." ކަޝަފް ޖަވާބު ދިނެވެ.

ކަޝަފާއި ޞިދްރާއާ ދެބެން އެފެށި ވާހަކަޔަކުން އިތުރު ހިތްހަމަނުޖެހުމެއްނޫނީ ހިތަކަށް ނުލިބުނެވެ. ޞިދްރާގެ މަޤްޞަދު ޙާޞިލެއް ނުވިއެވެ. ސައިތަށްޓެއް ހިފައިގެން ކަޝަފް ގާތަށް އޭނާއައީ އޮށޯވެ އޮވެ ނިދިނައިސް ގެންނެވެ. ބޭރުގައި ކަޝަފް އިންކަން އެނގިގެންނެވެ. ސައިތަށްޓެއް ބޯލައި އަނގަ ތަޅާލީމަ ، ނިދާލެވޭވަރަށް ހިތަށް ހަމަޖެހުމެއް ލިބިދާނެކަމަށް ބަލާފައެވެ. އެހެންނަމަވެސް ، އަނގަތަޅާލަން އެކުދިންނަށް ލިބޭ ފުރުޞަތުގައިވެސް މުޅިންވެސް ދެއްކެނީ ، ދިރިއުޅުމުގެ އުނދަގޫތަކުގެ ވާހަކައެވެ. މަންމަ މުސްކުޅިވީ ދުވަހު އެޢުމުރުގައި އެއުޅޭ ބުރަ އަދި ނިކަމެތި ޙާލުގެ ވާހަކައެވެ. ބައްޕަގެ ލޯތްބެއްނުލިބި ، އަޅައިލުމެއްނެތި ، އެކުދިންބަލައި ބޮޑުކުރަން މަންމަ އުފުއްލަމުންގެންދާ ތަކުލީފުގެ ވާހަކައެވެ. ދުލަށް އަންނާނީ ހިތާއި ސިކުނޑީގައި ހުންނަ އެއްޗެކެވެ. ދަތި އުނދަގޫ ދިރިއުޅުމެއްގައި ، ޝަކުވާނޫން އެއްޗެއް ނުހުންނާނެއެވެ. މަންމަހެން ، ޙާލަތަށް ޝުކުރުކޮށް ، މިންވަރަށް އީމާންވެ ކެތްތެރިކަން އިސްކުރެވޭވަރަށް އެކުދިން އަދި ބޮޑެތި ނުވަނީއެވެ.

------------------------

ފަރުޙާން އާއި ސާރާތިބީ ރެސްޓޯރެންޓެއްގައި އައިސްކްރީމް ބޯށެވެ. އޭރުހުރީ ވަރަށް ބޮޑަށް ލަސްވެފައެވެ. ރޭގަނޑު އެހާ ލަސްވިއިރު ، ސާރާވީތަނެއް އަދި ކުރާކަމެއް މަންމަޔަކަށްވެސް އަދި ބައްޕަޔަކަށްވެސް ނޭނގޭނެއެވެ. މާބޮޑަށް ލަސްވާންފެށީމަ ، ގެޔަށްދާން ފަރުޙާން ހިފާލިއެވެ.   އެހެންނަމަވެސް އައިސްކްރީމް ބޯންފެށިތަނާ ގެޔަށްދާން އުޅެގަތީމަ ސާރާ ފޫހިވިއެވެ.

"އަދި ކިރިޔާ މިފެށީއެވެ. މިހާރު ފަރުޙާން ތިހުރީ ގެޔަށްދާން ވެފައެވެ. ގޭގައި ކަމެއްއޮތީ ހެއްޔެވެ؟" ސާރާ ސުއާލުކުރިއެވެ.

"ގޭގައި ކަމެއްނެތިއްޔާ ، މުޅިރޭ އެއްކޮށް މިތާ ތިބެންވީ ހެއްޔެވެ؟" ފަރުޙާންގެ ޖަވާބުން ސާރާ މައިތިރި ވިއެވެ. އަދި އޭނާ އެހެންބުނީ އެމަޤްޞަދުގައި ނޫންކަމަށް ބުންޏެވެ.

"ސާރާ ބޭރުގައި ތިއުޅެނީ އަހަރެންނާއެކީގައި ކަން މަންމަޔަށް އެނގޭނެ ހެއްޔެވެ؟" ފަރުޙާނުގެ އެސުއާލުން ސާރާ އެއްކޮށް ނެއްޓިއެވެ. އަދި ސާރާގެ މޫޑް އެކަހަލަ ވާހަކަ ދެއްކީމަ ޚަރާބުވެގެން ހިނގައްޖެކަމުގައި ބުންޏެވެ.

"ގެއިންބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ، ފަރުހާންމެންގޭގައި ހުއްދަ ނަގަންޖެހޭގޮތަށް ، އަހަރެމެން ގެޔަކު އެކަން އެހެންނެއް ނޯވެއެވެ. އަހަރެމެންގެ މައިންބަފައިން އަހަރެމެންނަށް ވަރަށް އިތުބާރު ކުރާނެއެވެ. އަހަރެމެންނަށް މިނިވަންކަން އޮވެއެވެ." ސާރާ ފަޚުރުވެރިކަމާއެކު ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.