ދެކަފި - 19

(2 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރޭގަނޑުގެ ނިދާ ގަޑިއެވެ. މިއަދު ، ރާފިޢާމެންގެޔަށް މެޓާ ފޮނުވީތީ މުރުތަޟާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެއީ ކީއްކުރަން ކުރި ކަމެއްތޯ ، އޭނާގެ ހަގު އަނބިކުރެން އަހައި ނުރުހުން ފާޅުކުރިއެވެ. އެގެޔަށް މެޓާ ނުފޮނުވައިފިއްޔާ ، މުޅި އެހިސާބު ގަނޑަށް ފޮނުވިއިރު އެގެޔަށް ނުފޮނުވީ ކީއްވެތޯ ސުއާލު ކުރާނެއެވެ. ނިޤާރުގެ ޝަކުވާއަކީ އެއީއެވެ. އެގެޔާ އޮތް ގުޅުން މުރުތަޟާ މިހާރުވަނީ ކަނޑާލާފައެވެ. އެހެންވީމާ މެޓަޔާ އެގެޔާ ގުޅުވަންވީ ސަބަބެއް މުރުތަޟާއަކަށް ނުވިސްނުނެވެ. ގުޅުން ކަނޑާލި ވާހަކަ ދައްކާއިރު ހީވަނީ ވަރިކުރަންވެސް އުޅެނީ ހެންނެވެ. ވަރިވެސް ކުރާނަމޭ މުރުތަޟާއަށް ބުނެވުނީ ، ނިޤާރުގެ ވާހަކަވެސް ނުނިމެނީހެވެ.

------------------------

ކައިވެންޏާމެދު ޒަރޫންގެ ވިސްނުން ހުރިގޮތް އެނގުމުން ރުޅިއަރައިގަނެގެން އަސްމަރާ ދިޔަތަނުން ، އޭނާގެ ފަހަތުން ގޮސް އެތައް ވާހަކަޔެއް ދައްކައިގެން ، އަސްމަރާ ގެޔަށް ގޮސްދޭން ކާރަށް އަރުވަނީ އަތުލަފި ކޮށްގެންނެވެ. ﷲ ގެ ރަސްކަންފުޅަށްޓަކައި އެކަމާ އެހާ ރުޅި އިސްނުކުރުމަށް ޒަރޫން އެދެއެވެ. އެހެންނަމަވެސް ޒަރޫނަށް އެއީ ކުޑަކަމަކަށް ވިޔަސް އަސްމަރާއަށް އެއީ ވަރަށްބޮޑު ކަމެކެވެ. އަސްމަރާ ކާރުގައި އިން އިރުވެސް އިނީ ރުޅިވެސް އައިހެވެ. އަދި ދުނިޔެމަތިން ފޫހިވެސް ވެފައެވެ. ކައިވެންޏާމެދު ޒަރޫން އިންކާރުކުރީ ދެއަހަރު ވަންދެން ޔުނިވަރސިޓީގައި އުޅޭއިރު އެހެންކުދިންނާ މައްލަވަކުރަންވެގެން ކަމާމެދު އަސްމަރާ ޝައްކެއް ނުކުރެއެވެ. އެކަން އެނގުމުން ، ޒަރޫންގާތަށް ވަރަށް ބޮޑަށް ރުޅިއާދެއެވެ. އަދި އެނޫން ވާހަކައެއް ދައްކަން އަސްމަރާއަށް ނޭނގެނީތޯ ޒަރޫނަށް ސުއާލުކުރެވުނެވެ. އަދި އަސްމަރާއާ އިންނަން އޭނާ ވަޢުދުވީ ކޮންއިރަކުތޯވެސް އަހާލައެވެ. ދެމީހުންވެސް ތިބީ ރުޅިއައިސް ރަތްވެފައެވެ. އަސްމަރާ މިހާރު ޒަރޫންއާ ވާހަކަދައްކަންވެސް ބޭނުމެއް ނުވެއެވެ. ޒަރޫންވެސް އެވަގުތު އިނީ ، އޭނާއަށްވެސް އެންމެ ރަނގަޅީ އެގޮތްކަމަށް ނިންމައިގެންނެވެ.

------------------------

ކަޝަފާއި މާރިއާ ތިބީ އިންޓަވަލް ގަޑީގައި ބޭރަށް ނުކުމެ ހިޔާގަނޑެއްގައި ޖައްސާލައިގެންނެވެ. ކަޝަފް އިނީ އޭނާ އަތުގައި އޮތް ރޮއްޖެއް އެގޮތް މިގޮތަށް އަނބުރާ އެއާ ކުޅޭށެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެތަނަށް ވެރިވެފައި އޮތް ހަމަހިމޭންކަން ކަނޑުވައިލީ މާރިއާއެވެ.

"ކަޝަފަށް ފެންނަ ގޮތުގައި އެންމެ އަޅައިގަންނަ ފިރިހެން ކުއްޖަކީ ކޮބައި ހެއްޔެވެ؟" މާރިއާ ސުއާލުކުރިއެވެ.

އެއީ ކޮންތާކުން ކިހިނެއް އަދި ކީއްވެގެން ، ކޮންކަމަކާ މާރިއާ ކުރި ސުއާލެއްކަމެއް ކަޝަފަކަށް ނޭނގެއެވެ. ބުނެބަލާށޭ ބުނެ ދޫނުކޮށް މާރިއާ އުޅެންފެށިއިރު ، ފިރިހެންކުދިންނާ ދޭތެރޭ ކަޝަފް އެއްވެސް ވަރަކަށް ނުވިސްނާކަމެއް މާރިއާއަކަށް ނޭނގެއެވެ. ކަޝަފަކީ އިންސާނެއް ކަމާމެދު މާރިއާގެ ހިތުގައި ޝައްކު އުފެދުނެވެ. ޙިއްޞުތައް ސަލާމަތުން ހުރި އިންސާނެއްކަމަށް ވަންޏާ ، އެ ޢުމުރަށްދާއިރު ، ފިރިހެންކުދިންނާ ދޭތެރޭ އެކިކަހަލަ އިޙްސާސާއި ޝުޢޫރު އުފެދޭނެއެވެ. ކަޝަފް ގެ އެއިން އެއްވެސްކަމެއް ނެތެވެ. ޒުވާން ފިރިހެންކުދިންނާ އެއްތާކު އިށީނދެ ، އެކުގައި އުޅޭއިރު ، ކަޝަފް އެކުދިންނާނެދު އެއްވެސް ޝަޢުޤުވެރިކަމެއް ނުހުންނާތީ މާރިއާ ހުރީ ޙައިރާންވެ އަންތަރީސް ވެފައެވެ. މާރިއާގެ ނަޒަރުގައި ކްލާހުން އެންމެ ރީތި ކުއްޖަކީ ޒަރޫން އެވެ. އެތައް އަންހެންކުދިންނެއް ޒަރޫނަށް ފިދާ ވެއެވެ. މާރިއާއަކީވެސް އޭގެ ތެރެއިން އެއް ކުއްޖެކެވެ. ފަހަރެއްގައި ޒަރޫންގެ ގައިގާ އަޅައި ނުގަންނަ ކުދިންނަކީ ފިރިހެންކުދިންނާ އެންގޭޖްވެފަ ތިބި ކުދިންނަށް ވެދާނެއެވެ. އެއީ މާރިއާއަށް ފެންނަ ގޮތެވެ. އެއިން އެއްވެސް ކަމެއްނެތި ހުހަށް ތިބި ހުރިހާކުދިންވެސް ޒަރޫނަށް ޝަޢުޤުވެރިނުވެއެއް ނުހުންނާނެއެވެ.

"އެހެން ހެއްޔެވެ؟ އެހެންވިއްޔާ އަހަރެންނާ ބައްދަލުކުރާށެވެ. އަހަރެން އެންގޭޖެއް ނުވަމެވެ. ފިރިހެންކުއްޖަކާ ރައްޓެއްސެއް ނުވަމެވެ. އަހަރެން ޒަރޫން ކީއްކުރަން ހެއްޔެވެ؟ އެއްވެސް ފިރިހެން ކުއްޖަކަށް އަހަރެންގެ ޝަޢުޤުވެރިކަމެއް ނެތެވެ. އަހަރެންމީ ސިންގަލް އަންހެންކުއްޖެކެވެ." ކަޝަފް ބުންޏެވެ.

އެކަމަކު ޒަރޫންއަށްޓަކާ ފިދާވާ އެތައް ކުދިންނެއް ކްލާހުގައި އެބަތިއްބެވެ. އެމަވްޟޫޢުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް އެތިބެނީ ދަތްކުނޑި ވިކަ ވިކައެވެ. މާރިއާއަކީވެސް އޭގެތެރެއިން އެއްކުއްޖެކެވެ.

------------------------

ޒަރޫންއާއި އުސާމާ ބާރު ހިނގުމެއްގައި ޔުނިވަރސިޓީއަށް ވަދެގެން އެބަ އާދެއެވެ. އެންމެ ފުރަތަމަވެސް އެތަން ފެނުނީ ކަޝަފަށެވެ. އޭނާއަށް އިނދެވުނީ ދޮރާ ކުރިމަތިވާ ގޮތަށެވެ. އަސްމަރާއާއި ޒަރޫން ކޮންމެވެސް ކަމެއްގައި ދެބަސްވެފައިތިބިކަން އުސާމާއަށް އޮތީ އެނގިފައެވެ. ފަހަރެއްގައި އަސްމަރާ ، އެވާހަކަތައް އުސާމާއަށް ކިޔައދީފައި އޮވެދާނެއެވެ. ނުވަތަ ޒަރޫން ސީރިއަސްކޮށް އެހެން އަންހެން ކުއްޖެއްގެ ކަންތައް ކުރަނީތޯ ބަލަންވެސް އުސާމާ އާ ވާހަކަ ދައްކަފާނެއެވެ. ޒަރޫންގެ އެކަހަލަކަމެއް އޮތިއްޔާ އުސާމާއަށް ނޭނގިއެއް ނޯންނާނެއެވެ. އެކަމަކު ، ޒަރޫން އާއި އަސްމަރާއާ ދެމެދު އެދެކެވުނު އެއްވެސް ވާހަކައެއް އުސާމާއާ ޙިއްޞާކުރާކަށް ޒަރޫން ބޭނުމެއް ނޫނެވެ. އުސާމާ އެކަމަށް އެދުމުންވެސް ޒަރޫން އެވާހަކަ އުސާމާގާތު ބުނުމުން މަނާވެގަތެވެ. އަދި އެއީ އުސާމާގާތު ބުނަން ކޮންމެހެން ޖެހޭ ވާހަކައެއް ނޫންކަމަށް ޒަރޫން ދެކެއެވެ. އެއީ ކޮންމެ ކޮންމެ މީހަކުގާތު ދެއްކޭ ކަހަލަ ވާހަކައެއް ނޫނެވެ. އެހެނީ އެއީ އެއަށްވުރެ ސީރިއަސް ވާހަކަ ތަކެކެވެ.

ޒަރޫން ފެނުމުން މާރިއާ އެބުނި ވާހަކަޔާ ކަޝަފްގެ ވިސްނުން ގުޅުވައިލެވުނެވެ. އެވީ ކީއްކަންވެސް ނޭނގި ހުރެއެވެ. ކްލާހުގެ އެންމެ ރީތި ކުއްޖަކަށް ޒަރޫންވީ ކޮންއިރަކު ހެއްޔެވެ. އެއީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ ؟ ކްލާހުގައި ޒަރޫން ނޫނަސް ރީތި ފިރިހެންކުދިން އެބަތިއްބެވެ. މިސާލެއްގެ ގޮތަށް ޚިޔާލަށް ގެންނާނެ ވަކި ކުއްޖަކު ކަޝަފްގެ ވިސްނުމަކަށް ނައެވެ. އެހެން ނޫނަސް ބަލާ ބެލުމަށް ޒަރޫން އެހާ ރީއްޗެއްވެސް ނޫނެވެ. އެކަމަކު އަންހެންކުދިންނާ މައްލަވަކޮށް އެކުދިންނާ ދިމާއަށް އޭނާ ވަރަށް ބަލައެވެ. އުޅުމާއި އަޚުލާޤުވެސް އެހާ ރަނގަޅެއް ނޫންކަމަށް ނިންމައި ކަޝަފްގެ ވިސްނުމާއި ޚިޔާލު ޒަރޫންއާ  ދުރަށް ގެންދެއެވެ. މިވަގުތު ކަޝަފަށް އެންމެ މުހިންމީ އޭނާގެ ކިޔެވުމެވެ. ކުރިޔަށް އޮތް ދެއަހަރަކީ އޭނާގެ ޙަޔާތުގައި ވަރަށް މުހިންމު އެހެނަސް އެހާމެ އުނދަގޫ ދެއަހަރެވެ. ކޮންމެ ކޮންމެ އަންހެން ކުއްޖަކާ އެކުނުވުމާއި ފިރިހެންކުދިންނާ ވާހަކަ ނުދެއްކުމަކީ ، ކަޝަފް ގެ ޔުނިވަރސިޓީ ޙަޔާތް ކާމިޔާބު ކުރުމަށް މުހިންމު ކަންކަމެވެ. އެކަންކަމާ އުޅެން ހަދައިގެން ކަޝަފްގެ ކިޔެވުމަށް އެއްވެސް މިންވަރެއްގެ ބުރުލެއް އަރައިފިނަމަ އެއީ އޭނާގެ ޙަޔާތުގައި ކުރެވޭނެ އެންމެ ދެރަ ކަންތަކެވެ. ކަޝަފްގެ ވެސް ހިތެއް އޮވެއެވެ. އަދި އެހިތުގައި އިޙްސާސްވެސް ހުރެއެވެ. ޢުމުރަށް ބަލާއިރު ، ފިރިހެންކުދިންނަށް ހިތްވެސް ކިޔާނެއެވެ. އެހެންނަމަވެސް އެއީ އަދި ފަހުގެ ކަމެކެވެ. އެކަމަށް ކަޝަފްގެ ހިތުން ޖާގަ ދިނުމަށް އޭނާ ނިންމާފައި އޮތީ އޭނާގެ ކިޔެވުން ނިމުމުންނެވެ.

------------------------

ޒަރޫން އާއި ސާރާ ސިޓިންގރޫމުގައި މަޑުކޮށްލައިގެން ތިއްބެވެ. ޒަރޫން އިނީ މެޗެއް ބަލަމުން އައިސްކްރީމް ބޯށެވެ. ސާރާ އިނީ ފެޝަން މަޖައްލާއެއްގެ ތެރެޔަށް ގެއްލިފައެވެ. އަސްމަރާ އެގެޔަށް ނާންނަތާ އެތައް ދުވަހެއް ވެއްޖެ ކަމުގައި ސާރާއަށް އިޙްސާސް ކުރެވުނެވެ. އެއީ ޒަރޫން ދެކެ ރުޅިއައިސްގެންނެވެ. އެދެމީހުންގެ މެދުގައި މައްސަލައެއް ޖެހުނުކަމެއްވެސް އަދި ޖެހުނު މައްސަލައެއްވެސް ސާރާއަށް އެނގިފައެއް ނެތެވެ. ސަރޫންގެ މައްސަލަޔަކަށްވެފައި އޮތީ އަސްމަރާގެ ބޮލަށް އެންގޭޖްމަންޓް ސަވާރުވެ އޮތުމެވެ. އަބަދު އެވާހަކަ ދެއްކުމެވެ. އެންގޭޖްވުމުން ސާރާއަށް މައްސަލައެއް ނެތްއިރު ، ޒަރޫންއަށް އެއީ މައްސަލަޔެކެވެ. އެއްފަހަރާ ހުރިހާ މަސްއޫލިޔަތެއް އުފުއްލެންނެތްއިރު ، ޒަރޫން ބޭނުންވަނީ އޭނާގެ ކިޔެވުމަށް ހުސްވުމަށެވެ. އޭނާގެ ހިތާއި ސިކުނޑި ކިޔެވުމުގައި މަސްޣޫލު ކުރުމެވެ. އަސްމަރާ ރުޅިއައިސްގެން އެއުޅެނީ ޒަރޫން އެވާހަކަ ބުނެގެންނެވެ. އެންގޭޖްވުމުން ، ޔުނީގައި އެ ހުރިހާ އަންހެންކުދިންގެ ތެރޭގައި އުޅޭއިރު އަސްމަރާ ހިތްހަމަ ނުޖެހޭ އެތައްކަމެއް ދިމާވާނެއެވެ. ޒަރޫން ، އެތަނުން ކުއްޖަކާ އަނގައިން ބުނެލަންވެސް އަސްމަރާ ބޭނުމެއް ނުވެއެވެ. އެހުރިހާ ކަމަކަށް ވިސްނައިގެން ، ޒަރޫންއަށް ކިޔެވުމަށް ސަމާލުކަމެއް ނުދެވޭނެއެވެ. އަދި ކުރިޔަށް ދެތިން އަހަރު އެބަ އޮތެވެ. ކުރިމަތިލާންޖެހޭނީ  ކޮންފަދަ ކަމަކާކަމެއްވެސް ނޭނގެއެވެ. ޒަރޫން އަސްމަރާއާ އިންނަން އަޞްލުގައިވެސ ބޭނުންވާކަމެއް ނުވަތަ ނޫންކަމެއް ސާރާއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެދެމީހުން ވަރަށް ގާތްކަމެވެ.

"ޙަޤީޤަތަށް ބުނަންޏާ ، އަސްމަރާއަކީ ވަރަށް ފުރިހަމަ ކުއްޖެކެވެ. ރަނގަޅު ކުއްޖެކެވެ. ފަހަރެއްގައި އެހާ ފުރިހަމަ ކުއްޖަކާ އިދެގެން އަހަރެންނަށް ނޫޅެވިދާނެއެވެ." ޒަރޫން ، ސާރާގެ ސުއާލަށް ޖަވާބު ދެވޭތޯ މަސައްކަތް ކުރިއެވެ.  ސާރާގެ ޚިޔާލުގައި މާގިނަދުވަހު ، ޒަރޫންއަށް މަޑުކޮށްގެން އަސްމަރާއެއް ނުހުންނާނެއެވެ.

"ދެން އެވާހަކަ ނުދައްކަމާ ހެއްޔެވެ؟ މިހާރު ތިޔަ ދައްކަނީ އަސްމަރާ ދައްކާކަހަލަ ވާހަކައެވެ." ޒަރޫން އެހެން ބުނުމާއެކު ، އޭނާ ޒަރޫންގެ ބޯކާން މަސައްކަތެއް ނުކުރަމޭ ބުންޏެވެ.

އެދެބެންގެ ވާހަކަ ނިމިގެންދަނީ ސޯފާގައި ހުރި ކުޝަންތައް ނަގައި އެކަކު އަނެކަކާ ދިމާއަށް އުކައި ސަމާސާ ކުރުމަކުންނެވެ.

------------------------

ޕްރޮފެސަރު ކްލާސް ނަގައި ނިންމައިލިއެވެ. ރުޅިއައިސް ރަތްވެފައި އިން އަސްމަރާ ކައިރިޔަށް ޒަރޫން ޖެހިލިއެވެ. އަސްމަރާ އަދިވެސް އިނީ އޭނާއާ ޒަރޫންއާ ދެކެވުނު ވާހަކައިން ކުރި އަސަރުން ހިތަށް އުނދަގޫވެފައެވެ. ޒަރޫންއާ ވާހަކަ ނުދައްކާތާ މިހާރު ދެދުވަސް ވެއްޖެއެވެ. ޒަރޫންވެސް އެކަމާ ހުރީ ކަން ބޮޑުވެފައެވެ. އަސްމަރާގެ ޙާލަށް ޒަރޫން ނުވި ހަމްދަރުދީއެއްވާނެ އެހެން ކުއްޖަކު އެކްލާހުގައި ނުހުންނާނެއެވެ. ޒަރޫން އާއި އަސްމަރާ އާދަޔާ ޚިލާފަށް ގާތްކަން ހުރިހާ ކުދިންނަށްވެސް އެނގެއެވެ. އެދެމީހުންގެ މައިންބަފައިންގެ މެދުގައި ކުޑައިރުއްސުރެ އުފެދިފައި އޮންނަ ގާތްގުޅުން އެއިން އެއްވެސް ކުއްޖަކަށް ނޭނގޭނެއެވެ. އެއްޗެއް ކިރިޔާ އެނގުނަސް އެނގޭނީ  އުސާމާއަށެވެ. އަސްމަރާއާމެދު ކުޑަކޮށްވެސް ޒަރޫން ވިސްނާކަމަށް ވަންޏާ ، މިހާރު އެދެމީހުންގެ ގުޅުން އޮތް ޙާލަތަށް އެގުޅުމެއް ނުދާނެއެވެ.

ކްލާހުގައި ޒަރޫން އާ އަސްމަރާއާ ދެމެދު ދެކެވުނު ވާހަކަތައް ކަޝަފަށް އޮތީ އިވިފައެވެ. ރޭގަނޑު ނިދަން ޖައްސާލިތަނުން އެދެމީހުންގެ ވާހަކަތައް ތަކުރާރުވިއެވެ. "އަހަރެންނާ ވާހަކަ ނުދައްކާތާ ދެދުވަސް ވެއްޖެއެވެ. ޒަރޫން ނުވި ހަމްދަރުދީއެއް ވާނީ ކާކު ހެއްޔެވެ؟" ކަޝަފްގެ ޚިޔާލުން އެކަންތައް ދުރުކުރަން އުޅުނު ނަމަވެސް އެކަމެއް ނުވިއެވެ. ނިދަން އުޅެ އުޅެވެސް ނިދޭގޮތެއް ނުވިއެވެ. ރީތި ކުދިންނަށް ﷲ ތަޢާލާ ދުނިޔޭގެ ހުރިހާ އެއްޗެއް އެއްކުރައްވާފައި އެކުދިންނަށް ދެއްވައެވެ. އެއީ ކޮންފަދަ ނަޞީބުގަދަ ބައެއް ހެއްޔެވެ ؟ ރީތި ބުރަސޫރައެވެ. ޒީނަތްތެރިކަމެވެ. ފައިސާ އާއި މުދަލެވެ. އަދި ގަދަ ނަޞީބެވެ. އެކުދިން ދުނިޔެއިން ކޮންމެ އެއްޗެއް ބޭނުންވިޔަސް އެހާ ފަސޭހައިން އެ އެއްޗެއް ލިބެއެވެ. ކުއްޖެއްގެ ލޯބިވިޔަސް ، އަދި ކުއްޖެއްގެ އޯގާތެރިކަން ކަމަށްވިޔަސް މެއެވެ. އަސްމަރާ އެހަދަނީ ގޯހެއްނޫނެވެ. ﷲ ތަޢާލާ ވަނީ އަސްމަރާއަށް ހުރިހާ އެއްޗެއް މިންވަރު ކުރައްވާފައެވެ. އެއީ ފިރިހެންކުއްޖެއްގެ ލޯބިކަމަށް ވިޔަސް އަދި ފިރިހެންކުއްޖެއްގެ އަޅައިލުން ކަމަށްވިޔަސް ، އަސްމަރާމެންނަށް ލިބެއެވެ. އެހާސަރުތައް ކަޝަފްގެ ހިތުތެރޭ އެނބުރެމުންގޮސް އެންމެފަހުން އޭނާއަށް ނިދިއަންނަ ގޮތް ވިއެވެ.

------------------------

އަސްމަރާ އާއި ޒަރޫންއާ ދެމެދު އުފެދިފައިވާ އުދާސްތައް ފިނިކޮށްލުމަށްޓަކައި ވާހަކަ ދައްކާލަން ދެމީހުންވެސް ބޭނުން ވެއެވެ. ޒަރޫންގެ ވިސްނުމުގައި އޮތީ އަސްމަރާއަށް ލަނޑެއް ދިނުމެއް ނޫނެވެ. އަދި އަސްމަރާ ހިތްހަމަ ނުޖެހޭނެ ކަމެއް ކުރުމެއްވެސް ނޫނެވެ. އެއްވެސް ކުއްޖަކާ އެންގޭޖްވާން ޒަރޫން އަދި ތައްޔާރެއް ނޫނެވެ. އަސްމަރާއަށް ޤަބޫލުކުރެވޭ ގޮތުގައި ޒަރޫން އޭނާއާ އިންނަން ބޭނުން ވެއެވެ. އެކަމަކު އެހިސާބަށްދާން ގުޅުމެއް ބާއްވަން ބޭނުމެއްނޫނެވެ. އެކަމަށް ޒަރޫން އެއްބަސް ނުވާންވީ ސަބަބެއް އަސްމަރާއަކަށް ނުވިސްނެއެވެ. ޒަރޫންއަކަށް ހަދާނެގޮތެއް ނުވިސްނެއެވެ. ރަނގަޅު ގޮތަކީ ކޮބައިކަމެއް ޒަރޫން އަކަށް ވަތްކެއް ނުވެއެވެ. އެންގޭޖް ވުމަށްފަހު ، ކައިވެންޏާ ހަމަޔަށް ދިއުމުގެކުރިން ޖެހޭ މައްސަލަތަކުން ، ކުރިން އޮތް އެމީހުންގެ ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ކެނޑިގެންދާކަށް ޒަރޫން ބޭނުމެއް ނުވެއެވެ. އެންގޭޖްމަންޓަށްވެސް އަދި ކައިވެންޏަކަށްވެސް އަދި ޒަރޫން ތައްޔާރެއް ނޫނެވެ. ހުރިހާ ކަމަކަށްވުރެވެސް މިވަގުތު އެންމެ މުހިންމީ އޭނާގެ ކިޔެވުމެވެ. ކިޔެވުމަށް އަދި ޔުނިވަރސިޓީގެ ޙަޔާތަށް ހުރަހެއް އެޅިދާނެ އެއްވެސް ކަމެއްކުރާކަށް ޒަރޫން ބޭނުމެއް ނުވެއެވެ.

"އަހަރެމެންގެ ގުޅުމުގައި އަސްމަރާ ހިތްހަމަނުޖެހޭ ކަމެއް އޮތްނަމަ ، އަސްމަރާ ބޭނުންގޮތަކަށް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އަސްމަރާއަށް ލިބިގެން ވެއެވެ." ޒަރޫން ބުންޏެވެ.

ޒަރޫންގެ ވާހަކަތަކަށް ދޭނެ ޖަވާބެއް އަސްމަރާއަކަށް ނުވިސްނެއެވެ. އެކަމަކު އޭނާގެ ހާސްކަން އިތުރަށް ބޮޑުވެގެން ދިޔައެވެ. އެހާ ގިނަދުވަސް ވަންދެން ކުރި އުއްމީދަކަށް ހިޔަނި އެޅިގެންދާތަން ފެނުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. އެހުރިހާ ކަމަކާ ގުޅިގެން އަބަދުވެސް އަސްމަރާއަށް ހުރެވެނީ މޫޑް ކަޓައި ރުޅި އިސްކުރެވި ، ދުނިޔެދެކެ ފޫހި ވެފައެވެ. އެބައްދަލުވުމުންވެސް ޙާޞިލްކުރެވުނު އެއްވެސް ކަމެއް ނެތެވެ. ދެމީހުންގެ ހިތަށް އުނދަގޫވުން ނޫންކަމެއް ނުވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.