ދެކަފި - 49

(2 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރާފިޢާ ކަޝަފްގެ ކޮޓަރިޔަށްވަދެ ބައްޕަ އައިވާހަކަ ބުންޏެވެ. ކަޝަފަށް ބުނެވުނީ އައިއްސާނެ ނޫންހެއްޔޭ އެވެ. ދޭތެރެޔަކުން މުރުތަޟާ އެގެޔަށް ދެއެވެ. އަދި ކަޝަފް ލާހޯރަށް ދާން ކުރާ ދަތުރުގައި އޭނާ ބައިވެރިވާނެކަމަށް ބުނެއެވެ. އަދި އޭނާ ދަންނަ ރައްޓެހިންނަށް ކަޝަފް ތަޢާރުފްކޮށް، ކަމެއް ބޭނުންވެއްޖިއްޔާ ކަޝަފަށް އެކަމެއް ކޮށްދޭނެ ބަޔަކު ހޯދައިދޭނެކަމަށް މުރުތަޟާ ބުނެއެވެ. މުރުތަޟާ ބުނިގޮތުގައި ކަޝަފް ލާހޯރަށް އެދަނީ އަލަށެވެ. އެތައް އެއްޗެއް ގެންދަން ހުންނާނެއެވެ. ރާފިޢާ އެވާހަކަތައް ކަޝަފަށް ކިޔައިދިން އިރު ހުރީ ހިނިތުންވުމެއްގައެވެ. އެހެންކަމުން އެއީ ރާފިޢާވެސް އެދޭގޮތްކަމަށް ވެދާނެއެވެ.

"މަންމާއެވެ! މިއޮއް ހުރިހާ ދުވަހު އަހަރެން ތަންތަނަށް މިދަނީ އެކަންޏެވެ. އަހަރެންގެ ތަކުލީފްތައް އަހަރެން އަމިއްލަޔަށް އުފުއްލޭވަރަށް މިހުރީ ބޮޑުވެފައެވެ. އެހެން މީހުންނަށް އަހަރެންގެ ތަކުލީފު އުފުއްލާކަށް ޖައްސާކަށް ނެތީމެވެ." ކަޝަފް ބުންޏެވެ.

ކަޝަފް އެބުނި ވާހަކަޔަކުން ރާފިޢާގެ މޫނުމަތީގައިހުރި ހިނިތުންވުން ބަދަލު ވެގެން ދިޔައެވެ.

"ބައްޕަ ގާތު ބުނާށެވެ! އަހަރެން މިއޮއްހުރިހާ ދުވަހު ނުހަނު އުނދަގުލުގައި އެތައް ތަކްލީފެއް އުފުއްލައިގެން، އަހަރެން ދާންޖެހޭ ތަނަކަށް ދިޔައީ އެކަންޏެވެ. ދެންވެސް އިރާދަކުރެއްވިއްޔާ، އަހަރެން އެކަން ކުރާނަމެވެ. ބައްޕަ އަހަރެމެންނަށް ކަމެއް ކޮށްދެންޏާ މަންމަޔަށް ކަމެއް ކޮށްދޭށޭ ބުނާށެވެ!" ކަޝަފްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އަހަރެމެން މިމަސައްކަތްކުރަނީ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ އެވެ. މިހާތަނަށްވެސް ކަމެއްކޮށްދީފައެއް ނެތެވެ. ދެންވެސް އޭނާގެ ދެފައިތިލަ މަތީ ނުހިނގާ އަހަރެމެންނަށް ވާނެއެވެ."

ކަޝަފްގެ ވާހަކަތައް އަޑުއަހާފައި، ރާފިޢާ ހަމަޖެހިލިއެވެ. އަދި ބަދަލުވަމުންދާ ބައްޕައަކަށް އެކަމުގައި އެހީތެރިވުން ރަނގަޅުކަމަށް އޭނާއަށް ފެނުނީއެވެ. ބައްޕަގެ އެކަހަލަ އެއްވެސް އެހީތެރިކަމެއް އޭނާއާ ހަމަޔަށް އައުމަކީ ކަޝަފް އެދޭކަމެއް ނޫނެވެ. އެކަމާ ކަޝަފް ދެރަ ވެއެވެ. އަދި އަމިއްލަޔަށް ލަދުވެތިކަން އިޙްސާސް ކުރެވެއެވެ. އެކަންކަމުން ކަޝަފްގެ ހިތުގައި ބައްޕަގެ މައްޗަށް އޮތް ޤަދަރާއި ޢިއްޒަތް ދަނީ އުނިވަމުންނެވެ. އަދި އޭނާގެ ހިތުގައި ބައްޕަގެ މައްޗަށް އޮތް ޤަދަރަކާއި ޢިއްޒަތް އެއޮތް މިންވަރަކަށް އޮތަދޭން ކަޝަފް އޭނާގެ މަންމަގެ ކިބައިން އެދުނެވެ.

------------------------

ޒަރޫން އޭނާގެ ގިޓާ ހިފައިގެން ގޯތި ތެރޭގައި އިނެވެ. އޭނާގެ ހިތް މިޔުޒިކަކަށް ހުސްކޮށެއް ނުލެވެއެވެ. ވަކި ރާގަކަށް ނުބަލައި ގިޓާގެ ނަރުތަކާ ކުޅެމުން ގެންދިޔައެވެ. އިރުކޮޅެއް ވީތަނާ އެތަނަށް އަސްމަރާ އައިސް ސަލާން ގޮވައިލައެވެ. ޒަރޫން، އަސްމަރާއަށް ޖަވާބެއް ނުދެއެވެ. ގިޓާގެ ނަރުތަކާ ކުޅެމުން ގެންދިޔައެވެ. ތިޔައީ ކޮންކަމެއްތޯ އަސްމަރާ ޒަރޫންއާ ސުއާލު ކުރެއެވެ. އަސްމަރާ، ޒަރޫންއަށް އެތައްފަހަރަކު ފޯނުކުރި އިރުވެސް ޒަރޫން ފޯނެއް ނުނަގައެވެ. އަސްމަރާވެސް ބޭނުން ނުވަންޏާ ޒަރޫންގެ ފޯނެއް ނުނަގައެވެ. މައްސަލަޔަކީ ކޮބައި ހެއްޔެވެ؟ ޒަރޫން ވެސް އަސްމަރާގެ ފޯނަށް ޖަވާބު ނުދެނީ އަސްމަރާހެން އަވަދިނެތި އުޅެން ހަދައިގެންނެވެ. ޒަރޫންގެ ފޯނު ނުނެގީމާ އަސްމަރާއަށް އޮންނަ ފައިދާ އަކީ ކޮބައި ހެއްޔެވެ؟ އެއަށްފަހު ޒަރޫންއާއި އަސްމަރާއާމެދު ފިނި ބަހުސެއް ހިނގައެވެ. އަސްމަރާ ފޯނުކުރީ، ޒަރޫން އައީ ކޮންއިރަކުތޯއާއި ކޮންކަމެއްތޯ ކުރަން އޮތީ ބަލާފައި ދެމީހުން ބޭރަށްދާނެ ގަޑިއެއް ހަމަޖައްސާށެވެ. ޒަރޫންއާއެކު ބޭރަށް ދާން ގަޑި ހަމަޖައްސާނެކަމެއް ނެތްކަމަށް ޒަރޫން ބުނެއެވެ. އަދި އަސްމަރާއާއެކު ރައްޓެހިންތަކެއް އެބަތިބި ނޫންހޭ ބުނެ އެމީހުންނާއެކު ބޭރަށްދާން ގަޑި ހަމަޖައްސަން ރާވާށޭ ބުނެ ޒަރޫން އަޑުގަދަ ކޮށްލައެވެ.

ކަރާޗީއަށް އައިސް ޒަރޫން އެންމެ ފުރަތަމަވެސް ފޯނު ކުރީ އަސްމަރާއަށެވެ. ފޯނު ނެގީ އަސްމަރާގެ މަންމައެވެ. ރައްޓެހިންނާއެކު ދުބާއީއަށް ދިޔަވާހަކަ ބުނީ އަސްމަރާގެ މަންމަ އެވެ. އަސްމަރާ އެވާހަކަ ޒަރޫންގާތު ބުނެފައެއް ނެތެވެ. އަސްމަރާއަށް އެއީ އާ ކަމެއް ނޫނެވެ. ކުރިންވެސް ރައްޓެހި ކުދިންނާއެކު އަސްމަރާ ބޭރަށް ދެއެވެ. ބޭރަށް ދިއުމަކީ ޒަރޫންއަށް މައްސަލައެއް ނޫނެވެ. ބޭރަށް ދާ ކަމަށް ވަންޏާ ޢާއިލާގެ މީހުންނާއެކު ބޭރަށް ދާށެވެ.

"އަހަރެން ހިތްހަމަ ނުޖެހެނީ، އަސްމަރާގެ އަންހެން އަދި ފިރިހެން ރައްޓެހިންނާއެކު މަސްހުނިވެ އުޅުމަށް ބޭރަށް ދާތީއެވެ." ޒަރޫން ރުޅިއައިސް ރަތްވެފައި ހުރެ އަސްމަރާއާ ދިމާއަށް ހަޅޭއްލަވައިގަތެވެ.

އަދި އޭނާއަށް އޮޅުވާލައިގެން އަނދިރީގައި ބެހެއްޓުމުގެ ބޭނުމެއް ނެތްކަމަށްވެސް، އިތުރަށް ބުނެއެވެ. ޒަރޫންއަށް އިނީ ދަތްކުނޑި ވިކިފައެވެ. ދެލޯވަނީ ރުޅިވެރިކަމުން ފުރިފައެވެ. ޒަރޫން އެހާ ރުޅިއައިސް އިންތަން އަސްމަރާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ.  ޒަރޫން އަނދިރީގައި ބަހައްޓަން އޭނާއަށް ކުރެވުނުކަމެއް އަސްމަރާއަކަށް ނޭނގެއެވެ. ޒަރޫން ރުޅިއަންނަންޏާ އަންނާށޭ ބުނެ، އަސްމަރާވެސް ރުޅިއައިސްހުރެ ނުކުމެގެން ދިޔައެވެ.

------------------------

މިދުވަސް ކޮޅަކީ، ރާފިޢާމެންގެޔަށް އާދަޔާ ޚިލާފު މެހެމާނުން އަންނަ ދުވަސް ކޮޅެކެވެ. މިއަދު އެގެޔަށް އައިސް އެއިނީ ވަރަށް އިހާނެތިކޮށް އަދި ރަޙުމްކުޑަގޮތަކަށް، މުރުތަޟާގެ ގެއިން ރާފިޢާގެ ހަތަރުމައިން ނެރެ މަގުމައްޗަށް އެއްލައިލި ވައްހާބެވެ. މުރުތަޟާގެ ބޭބެ އެވެ.

"ރާފިޢާއާ ވާހަކަ ދައްކާލަން އަންނަން އުޅޭތާ ލައްކަ ދުވަސް ވެއްޖެ އެވެ. ވަގުތެއް ނުވެގެން ނާދެވިގެން އުޅެނީއެވެ." ވައްހާބު ބުންޏެވެ.

އޭރު ކަޝަފް ލާހޯރަށް ދިޔަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެކަން ވައްހާބަށްވެސް އެނގެއެވެ. ވައްހާބު ގޭގެ ތަންތަނަށް ބަލައިލުމަށްފަހު ރަނގަޅު ގެއެއްކަމަށް ބުނެއެވެ. އެއީ ރާފިޢާގެ ތިން އަންހެންދަރިންގެ މިންނަތުގެ ނަތީޖާކަމުގައި ރާފިޢާ ބުނެ ވައްހާބުގެ އަނގަޔަށް އެބަސް ޖަހައެވެ. ރާފިޢާގެ ކުދިންކޮޅު ބަލައި ބޮޑުކޮށް، މީހުންނަށް ހެދުމުގައި ކާމިޔާބު އެކަނިވެރި މަޔަކަށް ވެއްޖެއެވެ.  އެކުދިން މިހާރު އެތިބީ ބޮޑެތި ވެ އެކަނި އުޅެވޭވަރު ވެފައެވެ. އެއީ ރާފިޢާގެ އަޅައިލުމާއި ތަރުބިއްޔަތުގެ ކާމިޔާބު ނަތީޖާއެވެ. އަންހެންދަރިން ކޮންމެ ޢާއިލާއެއްގައިވެސް އުޅޭނެކަމަށް ވައްހާބުވެސް އެއްބަސް ވެއެވެ. އެހެނަސް އެ އަންހެންކުދިންނަކީ ޢާއިލާއަށް އޮންނަ ތަކުލީފެކެވެ. ރާފިޢާ ދެކޭގޮތުގައި އަންހެންދަރިންނަކީ ޢާއިލާއަށް އޮންނަ ތަކުލީފެއް ނޫނެވެ. އެ ޢާއިލާއަކުން އެކުދިން އެއީ ތަކުލީފަކަށް ހަދަނީ އެވެ. ރާފިޢާގެ ނަޒަރުގައި ފިރިހެންދަރިންވެސް ތަކުލީފަކަށް ވެދާނެ އެވެ. ފިރިހެން ކުދިންވެސް އަދި އަންހެން ކުދިންވެސް ތަޢުލީމުދީ ރަނގަޅު ތަރުބިއްޔަތެއްދީގެން ރަނގަޅަށް ބަލައި ބޮޑުކޮށްފިނަމަ ތަކުލީފކަށް ނުވާނެއެވެ. އެކަމަށް ހިތާ ދެކޮޅަށް ނަމަވެސް، ވައްހާބުވެސް އެއްބަސް ވެއެވެ.  ރާފިޢާ އޭނާގެ ކުދިންނަށް ދިރިއުޅުން ހޯދައިދީފި ކަމުގައި ވައްހާބު އެއްބަސް ވެއެވެ.

މައިން ބަފައިންގެ ވާޖިބަކީ، އެދެމަފިރިންނަށް ލިބޭކުދިންނަށް ތަޢުލީމުދީ ރަނގަޅު ތަރުބިއްޔަތެއްގައި ބަލައި ބޮޑުކުރުމެވެ. ފިރިހެން ކުއްޖަކަށްވިޔަސް އަދި އަންހެން ކުއްޖަކަސް ވިޔަސް، އެއީ މައިން ބަފައިންގެ މައްޗަށް،  ﷲ ދޫކުރައްވާފައިވާ އަމާނާތެކެވެ. އަންހެން ކުދިން ލިބުނީމަ އެކުދިންނަށް އިހާނެތިކޮށް ހިތުމުގެ ޙައްޤު އެއްވެސް ބަފަޔަކަށް އަދި މަޔަކަށްވެސް ލިބިގެންނެއް ނުވެއެވެ. ރާފިޢާގެ ވާހަކަތަކަށް އެއްބަސްވުމަށް އާނއެކޭ ބުނެ ވައްހާބު ބޯ ޖަހަމުން ގެންދިޔައެވެ. އޭނާގެ ކުރިމަތީ އެއިން އަންހެނަކީ، ދާދި މިދާކަށްދުވަހު، ހަޑިހުތުރު އެތިވަރު ގޮވާފައި އެއްވެސް އިޙްސާންތެރިކަމެއްނެތި އޭނާގެ ގެއިން ބޭރުކޮށްލި އަންހެނާކަން ވައްހާބަށް އެނގެއެވެ. އަދި މިއަދު އޭނާ އެއިންނަނީ އެއަންހެނާގެ ކުރިމަތީ އިސްއުފުލައިލާން ނުކެރި ފިނޑިވެފައެވެ.

ވައްހާބަށް މުރުތަޟާގެ ވާހަކަ ނުބުނެއެއް ނުއިނދެވުނެވެ. އެއީ ރާފިޢާ ހިތްހަމަ ޖައްސައިލާން ކަމަށްވެސް ވެދާނެއެވެ. މުރުތަޟާއަށް ލިބިފައިހުރީ އެންމެ ފިރިހެން ކުއްޖެކެވެ. އެއީ ޙައްމާދެވެ. ލިބޭހާ ލާރިއެއް ޚަރަދުކުރަނީ ޙައްމާދަށެވެ. އެކަމަކު ނިކަން ދެކި ބަލާށެވެ. ޙައްމާދުގެ ފަރާތުން ދުވަހަކުވެސް މުރުތަޟާއަށް ރީތިނަމެއް ލިބިފައެއް ނުވެއެވެ. މުރުތަޟާގެ ނަން ދިރުވައި އެދިނީ އަންހެން ދަރިފުޅު، ކަޝަފެވެ. ޙައްމާދަކީވެސް ރަނގަޅު ކުއްޖަކަށް ހެދޭނެއެވެ. އެއީ ފަރުވާ ކުޑަ ކުއްޖެކެވެ. އެކަމަކު ގޯސް ކުއްޖެއް ނޫނެވެ. އޭނާވެސް ރަނގަޅު ކުރެވޭނެއެވެ. ޙައްމާދާ ދޭތެރޭ ރާފިޢާ ވިސްނާގޮތް ހާމަ ކުރިއެވެ. ރާފިޢާ ދެއްކި ހުރިހާ ވާހަކަޔަކަށްވެސް، ހިތާ ދެކޮޅަށް ނަމަވެސް ވައްހާބު މިއަދު އެއްބަސްވިއެވެ. އޭނާއަށް ދެބަސްވެވޭނެ އެއްވެސް ވާހަކައެއް ރާފިޢާއަކަށް ނުބުނެވެއެވެ.

------------------------

އެންމެފަހުން، ޒަރޫން އަސްމަރާއާ ބައްދަލުކުރުމަށް ރެސްޓޯރެންޓަކަށް ގޮސް ދެމީހުން ވާހަކަ ދައްކައެވެ. އަސްމަރާ ޤަބޫލުކުރާގޮތުގައި ޒަރޫން އަސްމަރާކައިރީގައި ހުރުމަކީ ޒަރޫންއަށް މުހިންމުކަމެއްކަން އެނގެން ޖެހޭނެއެވެ. އެކަމަކު، ޒަރޫންއަށް އެއީ މުހިންމުކަމެއް ނޫނެވެ. އެއީ މުހިންމުކަމެއްކަމަށްވަންޏާ، ދެމީހުން އިރު އިރުކޮޅުން މައްސަލަ  ޖެހޭނެއެވެ. މިހާރުވެސް ދެމީހުން އެއަތާކަށް އައިސް ހަމަޖެހިލައިގެން ވާހަކަ ދައްކައި ލެވެނީކީވެސް ނޫނެވެ. ޒަރޫން އަށް އަސްމަރާ ބޭނުންވާ ވަގުތު އޭނާގެ ކައިރީގައި އަސްމަރާ ނުހުންނަ ނަމަ އެއީ ޒަރޫން ކަންބޮޑުވާނެ މައްސަލަ އެކެވެ. ޒަރޫންއަކީ އެހާ ވިސްނުންކޮށި މީހެއްކަން އަސްމަރާއަށް ކުރިން ފާހަގަ ކުރެވިފައެއް ނުވެއެވެ. ޒަރޫންއަކީވެސް އެންމެ ފުރިހަމަ އިންސާނެއް ނޫނެވެ. އޭނާއަށްވެސް ކުރެވޭ ގޯސްކަންކަން ހުންނާނެއެވެ. އަދި އޭނާއަކީ އެންމެ ފުރިހަމަ އިންސާނެއްކަމުގައި އަސްމަރާގާތު ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ސާރާކުރާ ހުރިހާކަމަކަށް އެއްބަސްވެގެން ޒަރޫން ހުންނާނެކަމަކަށްވެސް އޭނާ ބުނެފައެއް ނުވެއެވެ. ޒަރޫން އެދައްކަނީ މޮޔަވާހަކަ ތަކެއްކަމަށް އަސްމަރާ ދެކެއެވެ. އަދި ޒަރޫން އެގޮތަށް ވާހަކަ ދައްކަން ފެއްޓީ ކޮން އިރަކުތޯ އަސްމަރާ ސުއާލު ކުރެއެވެ.

އަންހެނުން، ޚާއްޞަކޮށް މީހުންގެ އަނބިން އެހައި މިނިވަންކޮށް ގޮތެއް ފޮތެއްނެތި އުޅުމަކީ ޒަރޫން ރުހޭކަމެއް ނޫނެވެ. އަދި އެވާހަކަ އޭނާއޮތީ އަސްމަރާގާތުވެސް އެތައް ފަހަރަކު ބުނެފައެވެ. އަދި އަމްދުން، އަންހެންކުއްޖަކު ފިރިހެނަކާއެކީ ބޭރަށްގޮސް ހިތުހުރިގޮތަކަށް އުޅުމަކީ ޒަރޫން ޤަބޫލުކުރާނެ ކަމެއް ނޫނެވެ. ޒަރޫންގެ ވާހަކަތައް އެ އަމާޒުވަނީ އަސްމަރާއަށްކަން އޭނާއަށް އެނގެއެވެ. އަސްމަރާ ބޭރަށް ދިޔައީ ކުޑައިރުއްސުރެ ރަޙުމަތްތެރި ފިރިހެންކުއްޖަކާ އެކީގައެވެ. ޒަރޫންއާވެސް އޭނާ ބައްދަލުވެފައި ވެއެވެ. ޒަރޫން އެވާހަކަ ދައްކަނީ ނައުފަލް އާ ބެހޭގޮތުންނެވެ. ނައުފަލާއެކު އަސްމަރާ ބޭރަށްދާން، ޒަރޫން ހިތްހަމަ ނުޖެހެނީ، ނައުފަލަކީ ކާކުކަން ޒަރޫންއަށް ރަނގަޅަށް އެނގޭތީއެވެ. ކުރިން އަސްމަރާއާއި ނައުފަލް އެކީގައި ބޭރަށް ދިޔަޔަސް، މިހާރު އެވަނީ ޙާލަތު ބަދަލު ވެފައެވެ. އަސްމަރާއަކީ މިހާރު ޒަރޫންއާ ކައިވެނިކުރަން އަނގޮޓި އަޅައިގެން އިން އަންހެނެކެވެ. އިންނަންވެގެން އަނގޮޓި އެޅުމަކީ، އެއަނގޮޓިދިން ފިރިހެނާގެ ނޯކަރަކަށް އަންހެންކުއްޖާ ވާންޖެހޭ ސަބަބެއް ނޫންކަމަށް އަސްމަރާ ބުންޏެވެ.

ޒަރޫން އަށް ވިސްނޭ ގޮތުގައި އަސްމަރާ އެކަމުގައި މާނަ ނަގާގޮތް ތަފާތީއެވެ. ނޯކަރަކަށް ވެގެން އުޅުން މާނަކުރުމުގައި އަސްމަރާގެ ވިސްނުމުގެ ކޮށިކަމެއް އެބަ އުޅެއެވެ.

"ޒަރޫން ބޭނުންވެގެން ތިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ޒަރޫން ބުނާ ހުރިހާ ބަހަކަށް އާނއެކޭ ބުނެ، ކުރާ ހުރިހާ އަމުރަކަށް ކިޔަމަންވެގެން މަންމަނެއްހެން އިންނަންވީ ހެއްޔެވެ؟ އަހަރެންގެ ރަޙުމަތްތެރިންނާ ވަކިވާންވީ ހެއްޔެވެ؟" އަސްމަރާ ބުންޏެވެ.

އަސްމަރާގެ ރަޙުމަތްތެރިންނާ ބައްދަލުކުރުމަކީ، ޒަރޫން ދެކޮޅުހަދާ ކަމެއް ނޫނެވެ. ޒަރޫން ދެކޮޅު ހަދަނީ ފިރިހެންކުދިންނާއެކު އަސްމަރާ ބޭރަށް ދާތީއެވެ. އެވާހަކަ ޒަރޫންވަނީ އެތައްފަހަރަކު އަސްމަރާގާތު ބުނެފައެވެ. ޒަރޫން ހިތްހަމަ ނުޖެހޭ ބަޔަކާ އަސްމަރާ ބައްދަލުކުރަންޏާ ޒަރޫންއަކަށް އެކަން ހުއްދައެއް ނުކުރެވޭނެއެވެ.

"އެކަމަކު އެއީ އަހަރެންގެ ކުޑައިރުގެ ރަޙުމަތްތެރިޔެކެވެ. އޭނާއަކާ އަހަރެން ވަތްކެއް ނުވާނަމެވެ. ޒަރޫން ބޭނުންވަނީ ޒަރޫން ހިތްހަމަޖެހޭ ބަޔަކީ އަހަރެން ހިތްހަމަ ނުޖެހޭ ބަޔެއްކަމަށް ވިޔަސް، ޒަރޫން އެދޭ ބަޔަކާ އަހަރެން ބައްދަލުކުރަން ކަމަށް ވަންޏާ، މާފު ކުރާށެވެ! އެކަން އަހަރެންނެއް ނުކުރާނަމެވެ." އަސްމަރާ ރުޅިއައިސް އިނދެ ބުންޏެވެ.

"އަސްމަރާ ގޮތެއް ނިންމާށެވެ! އަހަރެން އެދޭގޮތާއި ނޭދޭގޮތް ހެއްޔެވެ؟ ނުވަތަ އަސްމަރާ އެދޭގޮތާއި ނޭދޭ ގޮތް ހެއްޔެވެ؟ މިދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ނިންމާށެވެ. އަހަރެމެން އެކަކު އަނެކަކަށް ދޫނުކުރާކަމަށް ވަންޏާ މިއީ ޙައްލުކުރެވެން އޮންނާނެކަމެއް ނޫނެވެ." ޒަރޫން އިނީ ރުޅިއައިސް ރަތްވެފައެވެ. އޭނާގެ ދެބުމަ ގޮށްޖެހި، ދެލޯހުރީ ބޮޑުވެފައެވެ. ޒަރޫން އެބުނަނީ ރަނގަޅުވާހަކައެއްކަމަށް ޤަބޫލުކުރާކަށް އަސްމަރާ ބޭނުމެއް ނޫނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.