(27 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަސްމަރާ ބޭރުގައި އުޅެފައި ވަރަށް ލަހުން ގެޔަށް އައި ރެޔެކެވެ. ޒަރޫން އެތައްފަހަރަކު ގުޅައިގެންވެސް އަސްމަރާ ފޯނެއް ނުނަގައެވެ. ނިދަން ތައްޔާރުވެލި ވަގުތު އަސްމަރާއަށް ފޯނެއް އާދެއެވެ. އެހާލަހުން ފޯނެއް އަންނަ ކަމަށްވަންޏާ އެވާނީ ޒަރޫން އަށެވެ. ފޯނުނެގުމާއެކު އަސްމަރާއާ ކުރިމަތިވީ ޒަރޫންގެ ސުއާލުތަކެވެ. އުޅެނީ ކޮންތާކުތޯއާއި އެތައްފަހަރަކު ފޯނު ކުރިއިރުވެސް ނުގުޅުނު ވާހަކައެވެ. ޒަރޫންގެ އަޑުގައިވަނީ ، ނުރުހުމާއި ހިތްހަމަނުޖެހުމުގެ އަސަރެވެ.
އަސްމަރާ އެރޭ އެއައީ ، ރައްޓެހި ކުދިންތަކަކާއެކު ކޮންސަޓަކަށް ގޮހެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އާފުރެމުން ނިދި މޯޅީގައެވެ. ޒަރޫންގެ ކޯލް އޭނާއަށް ނުނެގުނީ އަވަދިނެތި އުޅެން ހަދައިގެންނެވެ.
" އަވަދިނެތި އުޅެން ހަދައިގެން ހެއްޔެވެ ؟ އޭގެ މާނަޔަކީ ، އަވަދިނެތި އުޅެންޏާ އަހަރެންގެ ކޯލަށް ޖަވާބު ނުދޭތާނގައި އަނބުރާ ގުޅައިވެސް ނުލުން ހެއްޔެވެ ؟ " ޒަރޫން ފޫހިވެފައި ބުންޏެވެ. ޒަރޫންގެ ސުއާލަށް އަސްމަރާދިނީ ވަރަށް ކުރު އަދި ސާދާ ސުއާލެކެވެ.
" އެހެންކަމަށް ހީކުރާށެވެ ! " އަސްމަރާ އެހެން ބުނެލީ ވަރަށް ފަޚުރުވެރި ކަމާއެކުގައެވެ. ޒަރޫންއަށް ބުނެވުނީ ހަމަ ރަނގަޅަށް ހެއްޔޭ އެވެ. އެއާއެކު އަސްމަރާ ވަގުތު ހޭދަކުރިގޮތް ޒަރޫންއަށް ކިޔައިދޭން ފެށިއެވެ.
" އާނއެކެވެ. އަހަރެން ދިޔައީ ކޮންސަޓެއް ބަލާށެވެ. އެހެންނޫނަސް އަހަރެންނަކަށް ހަފުތާ ބަންދުގައި ގެޔަކު ނުހުރެވޭނެއެވެ. ކޮންސަޓެއް ބަލަންގޮސް އާދެވޭނީ ލަހުންކަން ޒަރޫންއަށްވެސް އެނގޭ ނޫން ހެއްޔެވެ ؟ ކޮންސަޓް ނިންމާފައި އަހަރެމެން ހުރިހާ އެކުވެރިން ދިޔައީ ބީޗެއްގެ އޯޕަން ރެސްޓޯރަންޓަކަށް ކާށެވެ. ހުރިހާމީހުންވެސް ދިޔައެވެ. އަހަރެންނަށް އެކަމުން ސަލާމަތެއް ނުވެވުނެވެ. ނައުފަލްވެސް ސަމީރާވެސް އަދި ޒިޔާވެސް ދިޔައެވެ. " އަސްމަރާ ކިޔައިދިނެވެ.
ނައުފަލްގެ ނަން އަހާފައި ޒަރޫންގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވިއެވެ. އަދި ނައުފަލްއާއެކު ދިޔައީހެއްޔޭ ބުނެ ސުއާލު ކުރިއެވެ. ވަރަށް މަޖާ ހުއްޓެވެ. ޒަރޫންވެސް އެތަނަށް ދިޔަނަމައެވެ. އަސްމަރާގެ އެ ވާހަކަތަކުން ޒަރޫންގެ ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔައެވެ. އަދި ކޮންސެޓަށް ކޮންމެހެން ދާންޖެހޭކަމަށް ވަންޏާ ، އަސްމަރާގެ ރައްޓެހިންނާއެކު ނުދިޔައީ ކީއްވެ ހެއްޔޭ ބުނެ ޒަރޫން އިތުރަށް ސުއާލު ކުރިއެވެ. އަސްމަރާގެ ޖަވާބަކަށްވީ އޭނާ ދިޔައީ ރައްޓެހިންނާ އެކުގައި ކަމުގައެވެ. ރައްޓެހިންނާ ޒަރޫން އެބުނީ އަންހެން ކުދިންނަށް ނިސްބަތްކޮށް އެކަންޏެވެ. ޚާއްޞަކޮށް ނައުފަލްއާއެކު ތަންތަނަށް ނުދާން ޒަރޫން އޮތީ އަސްމަރާގާތު ބުނެފައެވެ. ބޮޑުފޮތް ހުޅުވައިގެން އޭނާއަށް ފިލާވަޅު ނަގައިދޭން ނުއުޅުމަށް ޒަރޫން ގާތު އަސްމަރާ ބުނެއެވެ. އަދި ނައުފަލް އާއި އަސްމަރާއަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިންކަމަށްވެސް ބުނެއެވެ. ޚާއްޞަކޮށް ނައުފަލްއަކީ ، ކުޑައިރުއްސުރެ އަސްމަރާ ދަންނަ ، ގާތް ރަޙުމަތްތެރިއެކެވެ. އެމީހުންނާއެކު ތަންތަނަށް ގޮސް އުޅުމުގައި އެއްވެސް ގޯހެއް ނުހިނގާނެއެވެ. އަސްމަރާ އޭނާގެ ދިފާޢުގައި ވާހަކަ ދައްކަމުން ގެންދިޔައެވެ.
" އަސްމަރާއެވެ ! އަހަރެން ފަހަރެއްގައިވެސް އަސްމަރާގެ ރައްޓެހިންނާއެކު ތަންތަނަށް ދާން ނުޤަބޫލުވަނީކީ ނޫނެވެ. އެކަމަކު ، ރޭގަނޑު ލަސްގަޑިގަޑީގައި ފިރިހެން ކުދިންނާއެކު ތަންތަނަށް ބޭރަށް ދާން އަހަރެން ޤަބޫލެއް ނޫނެވެ. " ޒަރޫން ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ.
" ހުރިހާ ތަންތަނެއްގެ މާނަޔަކީ ކޮބައި ހެއްޔެވެ ؟ އަހަރެމެން ދިޔައީ ޢާންމުން އެއްވާ އަދި މީހުން ގޮސްއުޅޭ ތަނަކަށެވެ. އެއީ ބީޗެކެވެ. މާތް ކަލާކޯއެވެ ! " އަސްމަރާވެސް ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ.
އަސްމަރާ ދިޔައީ ބީޗަށްކަން ޒަރޫން އަށް އެނގެއެވެ. އެކަމަކު ރޭގަނޑު 2 ޖަހާއިރު އެފަދަ ތަނަކަށް އަސްމަރާ ދާކަށް ޒަރޫން ހިތްހަމައެއް ނުޖެހެއެވެ. އަދި އަމްދުން ނައުފަލް އާއެކު އަސްމަރާ އެގޮތަށް ތަންތަނަށް ދިއުމަކީ ޒަރޫންއަށް ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ. ފިރިހެންކުދިން ބިއަރުވެސް ގެންދިޔަ ނޫން ހެއްޔެވެ. ރާ ވެސް ބޯނެއެވެ. އެމީހުން ބުއި ނޫން ހެއްޔެވެ ؟ މަސްތުވެގެން ގައިގޯޅިވެސް ވާނެއެވެ. އެފަދަ ޙާލަތެއްގައި ރައްޓެއްސެއްކަމަށް ވިޔަސް ކުރެވޭ ނުކުރެވޭކަމެއް ނޭނގޭނެއެވެ. ރައްޓެހި ރަޙުމަތްތެރިކަން އެޙާލަތުގައި އޮންނާނީ އޮންނާނެ ތާކުއެވެ. ޒަރޫންގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. އަސްމަރާ ވިސްނާ ގޮތުގައި އެމީހުން ބުޔަސް އެއީ އެމީހުންގެ އަމިއްލަ ކަމެކެވެ. އެކަމަކާ އަސްމަރާއަކާ ގުޅުމެއް ނެތެވެ. ނައުފަލްގެ އަމިއްލަ މައްސަލަތަކަށް ޒަރޫންގެ ޝަޢުޤެއް ނެތެވެ. ޒަރޫން ކަންބޮޑުވަނީ އޭނާ އިންނަން އެންގޭޖް ވެފައިހުރި ކުއްޖާއާ މެދުގައެވެ. އަސްމަރާއަށް ކަންކަން މަނާކުރުމުގެ ފުރިހަމަ ޙައްޤު ޒަރޫންއަށް ލިބެން ޖެހޭކަމަށް ޒަރޫން ޤަބޫލު ކުރެއެވެ.
" މާފު ކުރާށެވެ ! އަހަރެން އުޅޭނެގޮތެއް އެނގޭނީ ހަމައެކަނި އަހަރެންނަށެވެ. ޚާއްޞަކޮށް ޒަރޫން ތިބުނާ ކަހަލަ ޙައްޤުތަކަށް އަހަރެން ދުލެއް ނުކުރާނަމެވެ. " އަސްމަރާ ބުންޏެވެ.
" އަހަރެން ބުނަން މިއުޅޭ ވާހަކަޔަކީ ، ފިރިހެން ކުދިންނާއެކު ރޭގަނޑުގެ ލަސްގަޑީގައި ބޭރުގައި އުޅުމަކީ އަހަރެން ހިތްހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. " ޒަރޫން ރުޅިވެރި އަޑަކުން ބުންޏެވެ.
" އެކަމަކު އެއީ އަހަރެން ހިތްހަމަޖެހޭ ކަމެކެވެ. ވަރަށް ސާފުކޮށް އަޑު އަހާށެވެ! އެއީ އަހަރެންގެ ދިރިއުޅުމެވެ. އެހެންމީހުންނަކަށް އެކަމަކާ ނުބެހެވޭނެއެވެ. " އަސްމަރާ އެބުނި އެއްޗެއް ބުނެފައި ފޯނު ކަނޑައިލިއެވެ. ޒަރޫންގެ މޫނުމަތީ ހީވީ މީހަކު ތަފާލެއް ޖެހި ހެންނެވެ. އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. އަދި ގޮތް ދޫނުކުރާ ޢިޝާރާތަކުން އޭނާގެ އިސް އުފުލައި ލިއެވެ.
------------------------
ޒަރޫންމެންގޭގެ ކާމޭޒުގައި ޣަޒާލާއާއި ޖުނައިދު ، އަދި ޒަރޫން އިށީނދެލައިގެން ސައިބޯން ތިބި ގަޑިއެކެވެ. ޖުނައިދު ލަސްގަޑިއެއްގައި ގުޅުމުން ޒަރޫން ފޯނު ނުނެގި ވާހަކަ ދެކެވެމުން ދިޔައެވެ. އިމްތިޙާނަށް ތައްޔާރު ވުމަށް ބުރަކޮށް އުޅެން ޖެހުމާއެކު އޭގެ ފަހުން ޒަރޫން އުޅެނީ ، ރޭގަނޑު ފޯނާ ވަރަށް ދުރުގައެވެ. ޒަރޫން ރޭގަނޑު ވާހަކަ ދައްކާނީ ހަމައެކަނި އަސްމަރާއާ ކަމުގައި ބުނެ ޣަޒާލާ ، ޒަރޫންއާ ސަމާސާ ކޮށްލައެވެ. ރަނގަޅު އުޅުމަކުން ތަންކޮޅެއް އެންމެ ދެރަވެގެން ދަސްވެއްޖެ ނޫންހޭ ބުނެ ޖުނައިދުވެސް ޒަރޫންއާ ސަމާސާ ކޮށްލިއެވެ. ޒަރޫންގެ ހަށިގަނޑުންވެސް ބުރަކޮށް މަސައްކަތް ކޮށްފައިހުރިކަން އެނގެއެވެ. މީހާ ހުރީ ކުޑަކޮށް ރޫފަ ގެއްލިފައެވެ. މިހާރު ޣަޒާލާ އެދައްކަނީ މަޔަކު ދައްކާ ކަހަލަ ވާހަކައޭ ބުނެ ޒަރޫން އާއި ޖުނައިދު ބަނޑަށް ހެމުން ގެންދިޔައެވެ. ޣަޒާލާއަކީ ދަރިންގެ އެބާވަތުގެ ކަންކަމާ ވަރަށް ދުރުގައި އުޅޭ އަންހެނެކެވެ. ކުދިން ކައިފިތޯ ނުވަތަ ނުކައިތޯ ބަލަން އޭނާ ގެޔަކު މަޑެއް ނުކުރެއެވެ. ޣަޒާލާ އިނީ ހިތްހަމަ ނުޖެހިފައެވެ. އޭނާއަކީ މަންމަ ކަމަށްވާތީ އެކަހަލަ ކަންކަމާ ކަން ބޮޑުވާނެ ކަމަށް ޣަޒާލާ ބުންޏެވެ.
------------------------
ބޭރުގައިހުރި އުނދޯލީގައި ކަޝަފް އިށީނދެލައިގެން އިން އިރު ، އޭނާއިނީ ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. އެހެން އިންދާ ރާފިޢާ ސައިތަށްޓެއް ހިފައިގެން އައިސް ކަޝަފަށް ދިއްކޮށްލައެވެ. ކަޝަށް ކަންކަން ކޮށްދިނުމަކީ ރާފިޢާގެ އުފަލެކެވެ. ކަޝަފަކީ ރާފިޢާ އެންމެ ލޯބިވާ އޭނާގެ ދޮށީ ދަރިފުޅެވެ. އެހެންނޫނަސް ، ގޭގައި މިހާރު އެދެމައިން ނޫންމީހަކު ނެތެވެ. ޞިދްރާ މީހަކާ އިނދެގެން ، ފިރިމީހާގެ ގެޔަށް ބަދަލު ވެއްޖެއެވެ. ޝެހްނީލާ އުޅެނީ އޭނާގެ އިންޖިނިއަރިން ކޯސް ފުރިހަމަކުރުމަށް ދުރު ހިސާބަކަށް ގޮހެވެ. ކަޝަފްވެސް އިމްތިޙާނުގެ ނަތީޖާ ލިބުނީމަ ލާހޯރަށް ދާނެއެވެ. އޭރަށް ގޭގައި އިންނަން ޖެހޭނީ ރާފިޢާ އެކަންޏެވެ. ރާފިޢާ އަށް ހީވާގޮތުގައި ، ކަޝަފް އިމްތިޙާނުން ފާސްވާއިރަށް މާލަހެއްނުވެ ، ލާހޯރަށް ފުރައިގެން ދާނެއެވެ. ކަޝަފް ފާސްވާނެކަމެއް އަދި ނުވާނެކަމެއްވެސް އަދި ނޭނގެއެވެ. އެހެންނަމަވެސ ރާފިޢާ އޭނާގެ ދަރިފުޅަށް އިތުބާރު ކުރެއެވެ. އެހާ ފޮނި އުއްމީދުތަކެއް ކުރެއެވެ. ﷲ އަށް ވަކީލުކުރުމަށް ރާފިޢާ އޭނާގެ ދަރިފުޅަށް ނަސޭހަތްތެރި ވެއެވެ. ﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއެވެ.
ކަޝަފްމެންނަށް ކަންތައްތައް ދިމާވެފައި އޮތްގޮތުން އެހައިބޮޑަށް ، ކަންކަމަށް އުއްމީދުކުރާކަށް އޭނާއަކަށް ނޭނގެއެވެ. ކިތަންމެ ރަނގަޅަކަށް މަސައްކަތް ކުރިނަމަވެސް ރަނގަޅެއް ލިބެނީ މަދު ފަހަރަކުއެވެ. ހިތަށް ހަމަޖެހުމެއް ލިބެނީ ހަމައެކަނި ނިދާފައި ތިބޭ އިރުއެވެ. ﷲ އަށް ވަކީލުކޮށް އެކަލާނގެޔަށް ޝުކުރު އަދާކުރުމަކީ ކަޝަފަށް އުނދަގޫ ކަމެއްގެ ގޮތުގައި ރާފިޢާ ފާހަގަ ކުރިއެވެ. އަދި އެހެން ނުހެދުމަށް ކަޝަފަށް ނަސޭހަތްތެރި ވެއެވެ. ކަޝަފް ، ﷲ އަށް ވަކީލު ނުކުރަނީކީ ނޫނެވެ. އަދި ﷲ ދެއްވި ރަޙުމަތަށް ޝުކުރު ނުކުރަނީކީވެސް ނޫނެވެ. އެހެންނަމަވެސް ، އިންސާނުންނަށް އިތުބާރު ކުރުމާއި ބަރޯސާ ވުމަކީ ކަޝަފްގެ ހިތުގައި އެހާ ޔަޤީންކަން އޮންނަ ކަންކަމެއް ނޫނެވެ. ރާފިޢާއަށް ޤަބޫލުކުރެވޭގޮތުގައި ﷲ އަށް އީމާންވުމުގައި ކަޝަފްގެ މައްސަލައެއް އެބަ އުޅެއެވެ. އެކަމާހުރެ ، އެހެން މީހުންނަށް ބަރޯސާވުމަށް ކަޝަފް ބިރު ގަންނަނީއެވެ.
------------------------
ކަޝަފްގެ ހިތަށް އުނދަގޫވާ ގިނަ ވަގުތު ، ގިޓާ ނަގައިގެން މިޔުޒިކް ކުޅެން އިނދެއެވެ. ސާރާ ތިރިޔަށް އައިއިރު ، ޒަރޫން އިނީ ގޯތި ތެރޭގައި އިށީނދެލައިގެން ގިޓާ ޖަހާށެވެ. ކުޑަ އިރުކޮޅަކު ޒަރޫންއާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ، ސާރާ ޒަރޫންގާތަށް އާދެއެވެ. ޒަރޫންގެ މޫނަށް ބަލައިލުމަށްފަހު ، ސާރާ ކަންތައްތަކެއް ދެނެގަތެވެ. އަދި އަސްމަރާއާ ދެމީހުން މައްސަލައެއް ޖެހުނީ ހޭ އަހައިލައެވެ. ޒަރޫން އަށް އެއަޑު އިވުނުކަމަކަށް ނުހަދައެވެ. އިރުކޮޅެއް ކޮށްލާފައި އަނެއްކާވެސް ، ސާރާ ، ޒަރޫންއަށް ގޮވައިލައެވެ. އަސްމަރާއާއި ޒަރޫންއާ ދެމެދު ނުގުޅޭ އެތައްކަމެއް ހުރިއިރު ، ކައިވެނިކުރަން އުޅޭ ސަބަބެއް ސާރާއަކަށް ނޭނގެއެވެ. ޒަރޫން މިހާރުވެސް އެއުޅެނީ ، ކޮންމެވެސް މައްސަލައެއް ދިމާވެގެންކަން ސާރާއަށް ޔަޤީން ވެއެވެ. ޚުދު ޒަރޫންއަކަށްވެސް އޭނާ އަސްމަރާއާ އިންނަންވީ ސަބަބެއް ނޭނގެއެވެ.
އަސްމަރާގެ އުޅުންހުރިގޮތާމެދު ޒަރޫން ކަންބޮޑުވާކަމަށް ވަންޏާ އެއީ ދުވަހަކުވެސް ޙައްލު ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ ، ސާރާގެވެސް އަދި އަސްމަރާގެވެސް ހަމަހުރީ އެއް އުޅުމެކެވެ. އެމީހުންނާ ގުޅިގެން އެކީ އުޅޭ ހުރިހާ ކުދިންވެސް އުޅެނީ އެގޮތަށެވެ. ސާރާގެ އަމިއްލަ ގޭގެ ޙާލަތު އެގޮތަށް އޮތްއިރު ، އޭނާގެ ފިރިމީހާގެ ގޭގެ މީހުންގާތު ބުނާނީ ކީކޭ ހެއްޔެވެ ؟ ކޮންމެ ފިރިހެނަކާ ދިމާވެފައި މިއޮންނަ އަންހެނެއްގެ މައްސަލަތަކެއް ހުރިއިރު އެކަން އެއީ ފިރިހެނުންގެ މައްސަލަޔަކަށް ނުވަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކަމެއްވެސް ދޫކޮށް ރަބަރު ގަނޑަކަށްވެގެން އިންނަން އަންހެނުންނަށް މިޖެހެނީ ކީއްވެ ހެއްޔެވެ ؟ ސާރާގެ ހިތުގައި ހުރި އެއްޗެހިތަކެއް ބޭރުކޮށްލިއެވެ.
" ސާރާ ބުނެބަލާށެވެ ! ހުރިހާ އަންހެނުން ، ފިރިމީހާގެ ގޮތާއިފޮތަށް ގޮން ޖަހަނީ ކީއްވެ ހެއްޔެވެ ؟ " ޒަރޫން ސާރާއާ ސުއާލެއް ކޮށްލިއެވެ.
ސާރާއަކަށް ޒަރޫންގެ ޕޮއިންޓަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. އަދި ޒަރޫނަށްވެސް ސާރާގެ ޕޮއިންޓް ސާފެއް ނުވެއެވެ. އެހެންވީމާ އެހިސާބުން ވާހަކަ ހުއްޓާއިލުމަށް ޒަރޫން އެދެއެވެ. ސާރާ ބޭނުންވަނީ ، އަސްމަރާއާއެކު ގާތްގުޅުމެއް ބާއްވައި އަސްމަރާގެ ގޮތުގައި ޒަރޫން ، އަސްމަރާ ބަލައިގަތުމަށެވެ. އެހެންނަމަވެސް ޒަރޫންގެ ވިސްނުން މިހާރުހުރީ ބަދަލުވެފައެވެ. އަސްމަރާއާއި ގާތްގުޅުމެއް ޒަރޫން ބާއްވަފާނެއެވެ. އެހެންނަމަވެސް ، އަސްމަރާ އުޅޭގޮތަށާއި އޭނާގެ އުޅުމާއި އަޚުލާޤު ޒަރޫންއަކަށް ބަލައެއް ނުގަނެވޭނެ އެވެ. އަސްމަރާގެ ޝަރުތުތަކާއި އަމުރުތައް ޒަރޫންއަކަށް ބަލައެއް ނުގަނެވޭނެއެވެ. އެހެންވީމާ އޭގެ މާނަޔަކީ ، ސާރާއާއި ފަރްޙާނެކޭ އެއްގޮތަށް ، އެ ދެމީހުންގެ މައްސަލަވެސް ތާއަބަދު ދެމިއޮންނާނެއެވެ. އެހިސާބުން އެވާހަކަ ނިންމައިލުމަށް ޒަރޫން ބުނެއެވެ. އަދި ، ޒަރޫންއަށް އެއްވެސް މީހަކު އެހީނުވާނެ ކަމަށް ބުނަމުން އަސްމަރާވެސް އެތަނުން ދެއެވެ. އެހެންނަމަވެސް ދަމުން ދަމުން ހުއްޓިލައި އަސްމަރާގާތު އޭނާ ބުނަންވީ ކީކޭތޯ ޒަރޫންއާ ސުއާލު ކުރިއެވެ. ޒަރޫންގެ ޖަވާބަކަށްވީ ، އެއްވެސް އެއްޗެކޭ ބުނާނެކަމެއް ނެތް ކަމުގައެވެ.
------------------------
ރާފިޢާ މަސައްކަތުގައި ސްކޫލް އޮފީހުގައި އިންދާ ފޯނެއް އައެވެ. އެއީ ކަޝަފްގެ ފޯނެކެވެ. ކަޝަފަށް ހުރީ ރޮވިފައެވެ. ކަޝަފްގެ ރުއިމުގެ އަޑު އިވުމާއެކު ރާފިޢާ ކަންބޮޑުވިއެވެ. އަދި ކަޝަފް ރޮނީ ކީއްވެތޯ ސުއާލު ކުރިއެވެ. އޭނާގެ ނަތީޖާ އައިއްސި ކަމުގައި ރޮމުން ރޮމުން ކަޝަފް ބުނެއެވެ. ކަޝަފްގެ ރުއިމުން ރާފިޢާގެ ހިތް ހަލާކުވިއެވެ. އަދި ، އެއީ ، ސީ އައި އެސްގެ އިމްތިޙާނުތޯއާއި އެއީ އެއްވެސް ކަމެއްނޫންކަމަށް ބުނެ ކަޝަފް މަސަލަސް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް ކަޝަފް ގެންދިޔައީ ރޮމުންނެވެ. ދެން އަންނަ އަހަރަކުން ފާސްވޭތޯ މަސައްކަތް ކުރާނީއޭ ބުނެ ރާފިޢާ އޭނާގެ ދަރިފުޅަށް ހިތްވަރު ދިނެވެ.
" މަންމާއެވެ ! އަހަރެން އެއްވަނަ ދަރަޖައިގާ ފާސް ވިއެވެ. " ކަޝަފް އެހެން ބުނުމުން ރާފިޢާގެ މޫނު އުޖާލާވެގެން ދިޔައެވެ. އަދި ރާފިޢާއަށްވެސް ރޮވިފައިހުރެ ، ކަޝަފް ރޮނީ ކީއްވެތޯ ސުއާލު ކުރިއެވެ. އެއީ ، އުފަލުންގޮސް އެދެމައިންނަށް ރޮވޭ ރޮވުމެކެވެ.
މުރުތަޟާގެ ގޭގެ ރަނގަބީލު ޖެހުމާއެކު ނިޤާރު ދޮރު ހުޅުވިއެވެ. އެއީ ޙައްމާދެވެ. ޙައްމާދު އައީ ފޮނިކާ އެއްޗެއްގެ ޕެކެޓެއް ހިފައިގެންނެވެ. އެ ޕެކެޓް އަތުލަމުން އެއީ ކޮންތާކުން ލިބުނު އެއްޗެއްތޯ ނިޤާރު ސުއާލުކުރިއެވެ. އެއީ ކަޝަފްމެންގެއިން ލިބުނު އެއްޗެއްކަމަށާއި އެޕެކެޓްދިނީ ދޮންމަންމަ ކަމަށް ޙައްމާދު ބުނެއެވެ. އަދި އެއީ ކަޝަފް ދައްތަ ސީ އައި އެސް އިމްތިޙާނުން ފާސްވީމަ ދިން ފޮނިކާ އެއްޗެއްކަމަށްވެސް ޙައްމާދު ބުނެއެވެ. އޭގެ އިތުރަށް ، ކަޝަފް ދައްތައަށް އެސިސްޓެންޓް ކަމިޝަނަރ ކަން ލިބޭނެކަމަށްވެސް ޙައްމާދު ބުންޏެވެ. ނިޤާރުގެ މޫނުމަތީ ކުނިބިހެއް ޖެހި ކަހަލައެވެ. އެކަމަކުވެސް އޭގައިހުރި އެއްޗެއް ބަލައި ނަގައިގެން އޭރުވެސް އޭނާގެންދިޔައީ ކަމުންނެވެ. އެކަމާ ފޫހިވެގެން ނިޤާރު އެތިވަރު ގޮވަމުން ގެންދިޔައިރު ، ޙައްމާދު ދިޔައީ އެކަން ދިފާޢުކޮށް ކަޝަފަށް ތަޢުރީފް ކުރަމުންނެވެ. އެންމެފަހުން ، ނިޤާރު އޭނާގެ އަތް ޙައްމާދުގެ ކަންކަށިމަތީ ބަހައްޓާލުމަށްފަހު މެޓާ ޕެކެޓް ހިފައިގެން ގޭތެރެޔަށް ވަދެގެން ހިނގައްޖެއެވެ.
(ނުނިމޭ)
vvv.reethi