(10 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރޭގަނޑު ނާސްތާ ކުރަން އިންއިރުވެސް ޒަރޫން އިނީ ކަޝަފްގެ ޚިޔާލުގެ ތެރެޔަށް ގެއްލިފައެވެ. ޒަރޫން ބޭނުންވީ ކަޝަފްގެ މޫނު ތަންކޮޅެއް ގާތުން، ރަނގަޅަށް ބަލައިލާށެވެ. ޚުދު ޒަރޫންއަށްވެސް އޭނާއަށް މިއަދު އެކުރެވުނު ކަމަކާމެދު ޔަޤީނެއް ނުކުރެވުނެވެ. ކަޝަފްގާތަށްގޮސް ކަމަކުންކުރެ ކަމަކާ ނުލައި މަޢާފަށް އެދުން އެއީ އޭނާގެ އަމިއްލަ ނަފުސަށްވެސް ޤަބޫލު ކުރެވުނު ކަމަކަށް ނުވިއެވެ. އަދި އޭގެފަހުން އިރު އިރުކޮޅުން އޭނާގެ ޚިޔާލީ ދުނިޔެއަށް ކަޝަފް އެއަންނަނީ ކީއްވެގެންކަމެއް އޭނާގެ ހިތަކަށް ނުވިސްނުނެވެ. އެކަމަކު، ކޮންމެވެސް ގޮތެއް އެބަ ވެއެވެ. އެ ގޮތްކުޑަ އަންހެންކުއްޖާއާ ރަޙުމަތްތެރިކަމުގެ ނަމުގައި ޒަރޫން ގޮސް އަތްދިއްކޮށްލުމީ ސުއާލު އުފެދޭ ކަމެކެވެ. އޭނާގެ ޟަމީރު އެކަމަކަށް ނުރުހެއެވެ. އެކަމަކުވެސް ކަޝަފްގާތަށް ޒަރޫން އެގެންދިޔައީ ހިތުގެ ކޮން މަޖުބޫރެއް އޮވެގެން ހެއްޔެވެ. މަޢާފަށް އެދިފައި، ރައްޓެހިކަން ބޭއްވުމަށް އެ އެދެވުނީ ކޮން ވިސްނުމެއްގައި ހެއްޔެވެ.
އަނެއްކޮޅުން ކަޝަފްގެ ހިތަށްވެސް އެކަމުގެ އަސަރު ހުރީ ކޮށްފައެވެ. އެރޭ،ލިބުނު ހުސްވަގުތު ކޮޅު އޭނާގެ އާދައިގެ މަތިން ޑައިރީ ލިޔަމުން ގެންދިޔައެވެ. ޒަރޫން ކަހަލަ އިންސާނަކަށް، އޭނާއަށް އެކުރެވުނު ކަންތަކުގެ އިޙްސާސް ކުރެވިގެން މަޢާފަށް އެދުމަކީ، ކަޝަފްގެ ވިސްނުމުގައި ޤަބޫލުކުރަން ދަތި ކަމެކެވެ. އެކަން ކުރުމުގައި ޒަރޫންގެ ކޮންމެވެސް އެހެން މަޤްޞަދެއް އޮތުމަކީ ގައިމު ކަމެކެވެ. އެހެން ނޫންނަމަ އެހާ ލަދުވެތިކަމެއްނެތި ކަޝަފްގާތަށް މަޢާފަށް އެދޭކަށް އޭނާ ނާންނާނެއެވެ. އެއީ އެއަށްވުރެ ގޮތް ދޫނުކުރާ، ފުދި އިތުރުވެފައި ހުރި އިންސާނެކެވެ. އެވަރު ކަޝަފަށްވެސް އެނގެއެވެ. ފަހަރެއްގައި އަބްރާރު ސާރ އޭނާ އެކަން ކުރުމަށް މަޖުބޫރު ކުރުވީ ބާވައެވެ.
ޒަރޫންވެސް އޭނާގެ ލެޕްޓޮޕްގައި ލިޔަން ބޭނުންވާ ތަޖުރިބާތަކުގެ ވާހަކަ ލިޔަމުން ގެންދިޔައެވެ. މައްސަލަޔަކީ، ޒަރޫންއަށް ކަމުދާނެ ކުއްޖެއްކަން އެނގުމެއް ނޫނެވެ. މައްސަލަޔަކީ، އެއީ ރަނގަޅު ކުއްޖެއްކަން އެނގެން ޒަރޫންއަށް ވަގުތު ބޭނުން ވުމެވެ. ތިން ދުވަސް، ތިން ހަފުތާ ނުވަތަ ތިންމަސްވެސް ނަގައިފާނެއެވެ. މަހުން ދުވަސް ގުނުމުގެ ވާހަކަ ދައްކާނެކަމެއް ނެތެވެ. ހަފުތާއެއްގެ ތެރޭގައި އެކަން ޒަރޫންއަށް ކުރެވިދާނެއެވެ. އެއަށްފަހު، ޔުނިވަރސިޓީގައި ކަޝަފްވެސް ހަތަރު ދަމު ޒަރޫންގެ ފަހަތުން ނައްޓާ ނުލާނެއެވެ.
އޭގެ އަނެއްދުވަހު، ޔުނިވަރސިޓީއަށް ކުދިން ވަންނަމުން ދިޔައިރު ޒަރޫންހުރީ މަތީބުރީގައެވެ. ޒަރޫނަށް ކަޝަފް ފެނުނުތަނާ އަޑުގެ ނެތްތަނަށް ކަޝަފަށް ގޮވާލައި، ތިރިޔަށް ދުއްވައިގަތެވެ. ކަޝަފްގެ އެ ޙަރަކާތުން އެތާ ތިބިކުދިންތައް އެކިވާހަކަ ދައްކައިގަތެވެ. ކަޝަފްމެން ތިބި ހިސާބަށް ޒަރޫންއަށް އާދެވުނު ތަނުން ފުރަތަމަ އޭނާއަށް ސަލާމް ގޮވައިލީ މާރިއާ އެވެ. އެއަށްފަހު ޒަރޫން ސަލާމް ގޮވައިލުމުން ކަޝަފް ވާޙަކަ ދައްކަން ފެއްޓިއެވެ.
"ތިންމޭލު ދުރުން ސަލާމް ނުގޮވިޔަކަސް، މިތަނަށް އައިސްވެސް ސަލާމް ގޮވައި ލެވިދާނެއެވެ." ކަޝަފް ބުންޏެވެ. ކަޝަފްގެ އަތުގައިޖަހައި މާކަންތައްގަނޑު ބޮޑުނުކުރުމަށް، މާރިއާ އިޝާރާތް ކުރަމުން ގެންދެއެވެ.
ޒަރޫންއަށް އެހެން ހެދުނުކަން އެއީ ގޯހެއްކަން އޭނާއަކަށް ނުވިސްނުނެވެ. އެކަމަކު، ކަޝަފަށް އެއީ މައްސަލަ އެކެވެ.
"މަޢާފު ކުރާށެވެ! ދެން ފަހަރަކުން އެހެން ނުހަދާ ވޭތޯ އަހަރެން ބަލާނަމެވެ." ޒަރޫން ލަދުންހުރެ ހިނިތުންވަމުން ބުންޏެވެ. އޭނާއަށް މިހާރު އެއީ މައްސަލަޔަކަށް ނުވެއެވެ. އޭގެ ފަހަތުގައި ކޮންމެ ކަމެއް ފޮރުވިފައިވީނަމަވެސް، ޒަރޫން މިއަދު އެހުރީ ކަޝަފްގެ ކުރިމަތީގައި ހިނިތުން ވެލައިގެންނެވެ. ކުރިން ހުންނަގޮތަށް ދެލޯއަޅާއި ކުނިމޫނު ދައްކައިގެންނެއް ނޫނެވެ. އެވާ އެއްޗެއް ނޭނގޭތީ ބުނާނެ އެއްޗެއްވެސް ނޭނގި ހިނިތުންވެލައިގެން ކަޝަފާ ވަރަށް ގާތުގައި މާރިއާ ހުއްޓެވެ.
ކަޝަފް އެހެން ހެދިއްޔާ ވަރަށް ރަނގަޅޭ ބުނެ ވަގުތުން ހިނގައިގަތެވެ. މާރިއާވެސް ކަޝަފަށް ގޮވަ ގޮވާ އޮއްވައެވެ. ޒަރޫން، އެކަންވެސް ޙަޖަމް ކޮށްލިއެވެ. ލަދުވެތި ހިނިތުންވުމެއް އޭނާގެ މޫނުމަތިން ފާޅުވިއެވެ. ދެއަތަކަށް ހޫރިލާފައި ޒަރޫންވެސް ހިނގައިގަތެވެ. މާނޭވާއެއްހާ ހިސާބުވެސް ނުލައެވެ. އަދި ހިތްހަމަ ނުޖެހުމުގެ އެއްވެސް އަސަރެއް އޭނާގެ މޫނުމައްޗަކުން ފާޅެއް ނުވެއެވެ.
------------------------
ކޮންމެވެސް މީހަކު އައިސް، ބޭރުން ރަނގަބީލު ޖަހަން ފެށީމަ ޞިދްރާގޮސް ދޮރުހުޅުވައިލިއެވެ. ޞިދްރާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ހުރީ ޙައިރާންވެފައެވެ. ކުރިމަތީގައި އެހުރީ ކުރީދުވަހު ނަރަކަޔަށް ދާށޭ ބުނެ އެކުދިންނާ ދިމާއަށް އެތިވަރު ގޮވި، އެކުދިންގެ ބައްޕަ، މުރުތަޟާ އެވެ. ހިންދިރުވާލާފައި ބައްޕަޔަށް ސަލާމް ގޮވައިލިއެވެ. މުރުތަޟާ ސަލާމް ބަލައިގަތުމަށްފަހު، މަންމަ އެބައުޅޭހޭ އަހާލައެވެ.
"އެބައުޅެއެވެ. ދާނީ ކޮންތާކަށް ހެއްޔެވެ؟" ޞިދްރާ ދިން ޖަވާބުން މުރުތަޟާ ވަކިއެއްޗެއް ނުބުނެ ތިމަންނަ ދޮރު ލައްޕާލަ ފާނަމޭ ބުންޏެވެ. ޞިދްރާ އެތެރެޔަށް ވަދެ، މަންމަގެ ފުއްގަނޑު ދޫނި އައިއްސިއެވެ. ރާފިޢާ ބޯހޫރާލައިފާ އެއީ އޭނާގެ ބައްޕަކަން ހަނދާން ކޮށްދިނެވެ. މުރުތަމާ އެތަން މިތަނަށް ކަޅިއުކަމުން އައިސް، ގޭތެރެޔަށް ވަދެގެން އާދެއެވެ.
"މިއޮއްދުރުން ގެޔަށް ތިހޯދީ ކީއްވެ ހެއްޔެވެ؟ މިހާ ދުރަށް ޚަބަރު ބަލައިލަން އަންނާނީ ކާކު ހެއްޔެވެ؟" މުރުތަޟާ ގޭތެރޭގެ ތަންތަން ބަލައި ޗެކް ކުރަމުން ބުންޏެވެ.
"ކުރިން ދިހަ ފިޔަވަޅު ކައިރީގައި ތިބިއިރު ޙާލު ބަލައިލާނަމޭ ހިތާ އައީ ކާކު ހެއްޔެވެ؟ ކުރިންވެސް އަހަރެމެންނާއެކު ﷲ ވޮޑިގެން ވިއެވެ. މިހާރުވެސް އަހަރެމެންނާއެކު ﷲ ވޮޑިގެން ވެއެވެ." ރާފިޢާ ޖަވާބު ދިނެވެ.
"އެންމެ ރަނގަޅެވެ. ހުރިހާ ޒިންމާއެއް ﷲ ގެ ޙަޟުރަތަށެވެ! އެންމެ ދެރަވެގެން އަހަރެންގާތު ބުނެލިނަމަ ވާނީ ކީއް ހެއްޔެވެ." މުރުތަޟާ ބުންޏެވެ.
ރާފިޢާ ސައިބޯނަންތޯ މުރުތަޟާ ކުރެން އަހައިލިއެވެ. އެހެންނަމަވެސް، މުރުތަޟާ އެގެއިން އެއްވެސް އެއްޗެއް ކާކަށް ބޯކަށް ބޭނުމެއް ނުވެއެވެ. އޭނާއަށް ޤަދަރާއި އިޙްތިރާމް އެގެޔަކުން ނުލިބޭ ގެޔަކުން ބޯން އޮންނާނީ ކޮން އެއްޗެއްހޭ ބުނެ ރާފިޢާއަށް ޖަވާބު ދިނެވެ.
ކަޝަފް އެގޭތެރެއިންނެއް ފެންނާކަށް ނެތެވެ. ކަޝަފް އަދި ގެޔަކަށް ނާދެއެވެ. އެހާލަހުން ކަޝަފް ޔުނިވަރސިޓީން އަންނާތީ މުރުތަޟާ ކަންބޮޑުވުން ފާޅު ކުރިއެވެ.
"ކަޝަފަކީ މިހާރު ސްކޫލަށްދާ ކުއްޖެއް ނޫނެވެ. އޭނާއެދަނީ ޔުނިވަރސިޓީއަށެވެ." ރާފިޢާ ބުންޏެވެ. މުރުތަޟާއަށް ބުނާނެ އެއްޗެއް ނޭނގި އިނުމަށްފަހު، ގެބަލައިލާށޭ މިއައީ، ދެންދަނީއޭ ބުނެ ނުކުމެގެން ހިނގައްޖެއެވެ. މުރުތަޟާ ނުކުމެގެންދިޔަތަން ބަލަން ރާފިޢާ އިނެވެ. އަދި ފުން ނޭވާއެއްލައި ހިތުގައިހުރި އުދާސްތައް ބޭރުކޮށްލިއެވެ.
------------------------
ސާރާގެ ކައިވެންޏަށް ދަޢުވަތުދޭމީހުންގެ ލިސްޓް ތައްޔާރު ކުރުމުގެ މަސައްކަތް ހިނގަމުން ދިޔައެވެ. ލިސްޓް ދިގުވެގެން ހުރިހާ މީހުންވެސް އެވާހަކަ ދައްކަމުން ގެންދިޔައެވެ. ގޭގެ ފުރަތަމަ ކައިވެނި ސާރާގެ ކުރެވިފަ، ފަހުގެ ކައިވެނި ޒަރޫންގެ ކުރެވޭތީ ލިސްޓްވެސް ދިގުވުން އެކަށީގެން ވެއެވެ. މެހެމާނުންނަށް އެމީހުންގެ ފެންވަރު އެނގޭވަރަށް ޕާޓީ ބާއްވަން ޖެހޭނެކަމަށް ޣަޒާލާއަށް ފެނުނެވެ. ސާރާ ދަޢުވަތުދޭން އޮތީ ސަތޭކަވަރަކަށް މެހެމާނުންނެވެ. އެކަމަކު ޒަރޫންގެ ޔުނިވަރސިޓީން އެހާވަރަށް ކުދިން ތިބެފައި އަދި އިތުރަށް ކޮލެޖްގެ ރައްޓެހިންނަށްވެސް ދަޢުވަތުދޭން ޒަރޫން ބޭނުން ވެއެވެ. އެހެންވީމަ ޒަރޫންގެ ލިސްޓް ދިގުވެދާނެއެވެ.
ކައިނެންޏަށް ބާޒާރު ކުރުމަށްޓަކައި ސާރާއާއެކީ ޑުބާއީއަށް ދާނެ މީހެއްގެ މައްސަލަ އޮތީ ކުރިމަތި ވެފައެވެ. ޖުނައިދު ލަންޑަނަށް ދާން ހަމަޖެހިފައި އޮތް ދަތުރެއް އޮތުމާއެކު އޭނާއަށް ސާރާއާއެކު ދެވޭކަށް ނެތެވެ. ޒަރޫން ސާރާއާއެކު ދާކަށް އެއްބަހެއް ނުވެއެވެ. އޭނާގެ ކިޔެވުން ދޫކޮށްލާފައި އެއްވެސް ތާކަށް ދާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް، އެންމެފަހުން ސާރާ ދޫނުކުރީމަ، ސާރާއާއެކު ޑުބާއީއަށް ދާން ޒަރޫން އެއްބަސް ވެއެވެ.
------------------------
"މިގެޔަށް ބައްޕަ ވަނަދިނީ ކީއްވެ ހެއްޔެވެ؟" ކަޝަފް ހިތްހަމަނުޖެހިފައިހުރެ މަންމައާ ސުއާލު ކުރިއެވެ.
"އެއީ ކަޝަފްގެ ބައްޕައެވެ. ވަންނަން އައިމަ ދޮރުލައްޕާފައި ބަހައްޓާނީ ކިހިނެއް ހެއްޔެވެ؟" ރާފިޢާ ބުންޏެވެ.
ކަޝަފް ހުރީ މުރުތަޟާ އެގެޔަށް އައުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިއެވެ. ކަޝަފްގެ މަޒަރުގައި، ބައްޕަ ވަންނަން އަޔަސް މިގެޔަށް ވައްދައިގެން ނުވާނެއެވެ. އެވަރުގެ ހިތްވަރެއް، މަންމަގެ ކިބައިގާ ހުންނަން އެބަޖެހޭ ކަމަށް ކަޝަފަށް ފެނެއެވެ. އެހެންނަމަވެސް އެވަރުގެ ހިތްވަރެއް ރާފިޢާގެ ކިބަޔަކު ނެތެވެ. އަދި އަމްދުން ކުދިން ބޮޑެތިވީމަ އެވަރުގެ ހިތްވަރެއްލާން ރާފިޢާއަށް އުނދަގޫ ވެއެވެ. ބައްޕަގެ ކުރިމަތީގައި ބަސްބުނަން ރާފިޢާއަށް އުނދަގޫ ނަމަވެސް ކަޝަފަށް އެއީ އުނދަގޫ ކަމެއް ނޫނެވެ. ކަޝަފް ޤަބޫލުކުރާ ގޮތުގައި، ބައްޕަގެ މައްސަލައިގާ ކަޝަފްމެންނަށް ހަމަނޭވާލާނެ ފުރުޞަތެއް ނުލިބިގެން މިއުޅެނީ، މަންމަގެ ވިސްނުން ބަދަލު ނުވެގެންނެވެ. ރާފިޢާގެ މައްސަލަޔަކީ އޭނާގެ ފިރިހެންކުއްޖެއް ނެތުމެވެ. ކޮންމެވެސް ސިފައެއްގައި ފިރިހެނަކަށް ބަރޯސާ ނުވެ، އަންހެނުންނަކަށް ދުނިޔެއަކު ނުއުޅެވޭނެއެވެ. އެއީ އެމީހުން ދިރިއުޅޭ މުޖުތަމަޢުގެ ޙާލަތާއި އާދަކާދަ އޮތް ގޮތެވެ. އޭނާގެ ފިރިހެން ދަރިޔަކު ހުރިނަމަ، ކަޝަފްމެންގެ ބައްޕައާމެދު އޭނާ ވިސްނާކަށް ނުޖެހޭނެއެވެ.
ރާފިޢާ ދެއްކި އެއްވެސް ވާހަކައެއް ކަޝަފަށް ޤަބޫލެއް ނުކުރެވެއެވެ. އަދި ކަޝަފްގާތަށް ރުޅިއަންނަ ގޮތް ވިއެވެ. ރާފިޢާމެން ބޮޑުވި ދުވަސް ވަރާއި މިޒަމާނާ ވަރަށް ތަފާތެވެ. ރާފިއާއަކީ ކިޔަވައިގެން ހުރި މީހެއްކަމަށް ވިޔަސް، ބޮޑުވީ މުޖުތަމަޢުގެ ފިއްތުންތަކާއެކީ، އެޒަމާނަށް ފެތޭ މިނިވަން ޚިޔާލެއްގެ ތެރޭގައެވެ. އެހެންނަމަވެސް، ކަޝަފްމެން ބޮޑުވަމުން އަންނަ މިޒަމާނަކީ، އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމެއްނެތި އެއްސަފެއްގައި ތެދުވެ ހިންދެމިލާ ޒަމާނެކެވެ. ރާފިޢާގެ މައްސަލަޔަކީ، ދިރިއުޅުމުގެ ހާސްކަމާއި ދަތި ޙާލަތާ ގުޅިގެން، ޖީލުގެ ތަފާތު ދެނެގަތުމުގައި ހުރަސްތަކެއް ހުރުމެވެ. މުރުތަޟާގެ ފަރާތުން އޭނާގެ ތިން އަންހެންކުދިންނަށް ބޭނުންވާ ބައްޕައެއްގެ ލޯތްބެއް ނުލިބެއެވެ. އެކުދިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީއެވެ. ދިރިއުޅުމަށް ބޭނުންވާ ޚަރަދުތައް ހަމަޖައްސަނީ ހަތަރު މައިންގެ ބުރަ މަސައްކަތުންނެވެ. މުރުތަޟާގެ ފަރާތުން މާލީ އެހީތެރިކަމެއް ނުލިބޭ ތާނގައި، ކުދިންނަށް ބޭނުންވާ ހަމްދަރުދީއާއި އޯގާތެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. އެ ޙަޤީޤަތް ދޮގުކޮށް ބައްޕައަކީ ބައްޕަ ކަމަށް ބަލައިގަތުމަށް ކުދިންނަށް ރާފިޢާ ބާރު އެޅިނަމަވެސް، އެކަން ރާފިޢާއަށް ކުރެވޭނީ ވަކިވަރަކަށެވެ. ބޮޑެތިވެފައިތިބި ކުދިންނަށް ފެންނަ މަންޒަރު، ފެންނަގޮތާ އިދިކޮޅަށް ސިފަކޮށްދީދީ ރާފިޢާ ބަލިވެއްޖެއެވެ. ރާފިޢާ ހިތްވަރުކުރަމުން އެގެންދަނީ އެކުދިން ބޮޑެތިވެ މީހުންނާ އިނދެގެން، ރަނގަޅު ދިރިއުޅުމެއް މިންވަރު ކުރައްވާނެ ދުވަހަކަށެވެ. އެކުދިންގެ އަތުން،އެހިސާބުން ރާފިޢާ އަތްދޫކޮށްލައިފިނަމަ، އެކުދިންނާމެދު ރާފިޢާ ކުރަމުންގެންދާ ފޮނި ހުވަފެންތައް ބިލާހަކަށް ވެގެންދާނެއެވެ.
------------------------
"ވައްހާބު އެހެން ހަދާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ." މުރުތަޟާ ހިތްހަމަ ނުޖެހިފައިހުރެ ބުންޏެވެ.
"އެއީ ރަނގަޅުމީހެއްގެ ގޮތުގައި ދެކެން ކަލޭގާތުގައި ބުނީ ކާކު ހެއްޔެވެ؟ އެންމެ ފުރަތަމަ ދުވަހުވެސް އަހަރެންނަށް އޭނާގެ ނިޔަތް ރަނގަޅުނޫންކަން އެނގެއެވެ." ނިޤާރު ބުންޏެވެ.
މުރުތަޟާ، އެ ގެ މިހާރު ކުއްޔަށް ދީފިއެވެ. ވައްހާބު މީހަކު ހޯދައިގެން ވައްހާބަށް ފެންނަ ގޮތެއް ހެދުމުގެ ހުއްދަ، މުރުތަޟާވަނީ ވައްހާބަށް ދީފައެވެ. ނިޤާރު ހުރިހާ އިލްޒާމެއް އަޅުވަނީ މުރުތަޟާގެ ބޮލުގައެވެ. ވައްހާބަކީ އެކަހަލަ މީހެއްކަމަކަށް މުރުތަޟާ ހިއެއް ނުކުރެއެވެ. ގެ ކުއްޔަށްދީފަ ލިބޭ ލާރިން، ކުޑަލާރިކޮޅެއް މުރުތަޟާއަށް ދީފާނެކަމަކަށް މުރުތަޟާ ހިއެއް ނުކުރެއެވެ. ނިޤާރު އައިސްފައިހުރި ރުޅީގައި އެގެޔަށްގޮސް ވައްހާބާ ދިމާއަށް އެއްޗެތިގޮވައިގަތުމަށް ނިންމިއެވެ. އެކަމަކު މުރުތަޟާ، ނިޤާރަށް އެކަން މަނާ ކުރިއެވެ. މުރުތަޟާއަށް ނިޤާރު މައިތިރިއެއް ނުކުރެވުނެވެ. ވައްހާބު، އެމީހުންގެ މުދަލަށް ބޭނުންގޮތެއް ހަދާއިރު، މުރުތަޟާމެން ހިމޭނުން ތިބުމަކީ، ނިޤާރަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެއަށްވުރެ، ނިޤާރުގެ ޙީލަތްތެރިކަމާއި ޑާކޫކަން ބޮޑެވެ. އެހާ ކުޑަލާރިކޮޅެއް ދިނީމަ އޭގައި ހިފައިގެންވެސް ނިޤާރު ހުރީ ކަންބޮޑުވެފައެވެ. މުރުތަޟާ އެލާރިކޮޅުގައި ނުހިފައި، ވައްހާބުގެ މޫނުމައްޗަށް ޖެހުމަކީ ނިޤާރު އެދޭ ގޮތެވެ. އެހެންނަމަވެސް، ވައްހާބަކީ މުރުތަޟާގެ ބައްޕައެއްގެ ދަރަޖައިގާހުރި ބޭބެކަމަށްވާތީ މުރުތަޟާއަށް އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ. އެކަމަކު ނިޤާރު ހުރީ ދުވާލު ދެއިރު އެގެޔަށްގޮސް ވައްހާބާ ދިމާއަށް އެއްޗެތިކިޔަން ތައްޔާރުގައެވެ.
އެކަމުގައިވެސް މުރުތަޟާ ކުށްވެރިކުރީ ރާފިޢާއެވެ. ރާފިޢާ އެގެ ހުސްނުކުރިނަމަ ވައްހާބަކަށް އެގެ ކުއްޔަކަށް ނުދެވޭނެއެވެ. އަދި، އެގެ ކުއްޔަށްދީގެން ވައްހާބުގެ ޖީބަކަށް ފައިސާއެއް ނުވަންނާނެއެވެ. ބޭބެ ގޮސް އެއްފަހަރު ހަޅޭއްލަވައިގަންނަ އިރަށް ގެ ހުސްކުރަން ވެއްޖެ ހެއްޔެވެ؟ ނިޤާރު އެގެޔަށް ދިއުން، މުރުތަޟާ މަނާކުރިއެވެ. އަދި އެކަން ނުކުރުމަށް އަންގައި ނިޤާރަށް އިންޒާރުވެސް ދިނެވެ. އެހެންނަމަވެސް މުރުތަޟާއަށް ނިޤާރު ކޮންޓްރޯލް ކުރެވޭގޮތެއް ނުވިއެވެ. އެއީ މުރުތަޟާއަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ ކަންތައްގަނޑު ބޮޑު އަންހެނެކެވެ. އަދި ކަނޑައެޅިގެން، އެގެޔަށް ދާނެކަމުގައި ނިޤާރު ބުންޏެވެ.
(ނުނިމޭ)
vvv,yreethi