ދެކަފި - 39

(22 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭގެ އަނެއް ދުވަހު ، އަސްމަރާ ޔުނީއަށް ގޮސް ، ހުރިހާ ކުދިންނަށް އެންގޭޖްމަންޓް އަނގޮޓި ދައްކަމުން ގެންދިޔައެވެ. އޭނާއަށް ހީވަނީ ޢީދެއް އައިސްއުޅޭ ހެންނެވެ. ބޮޑުވެގެންވާ ފަޚުރެއް ޙާޞިލް ކުރެވުނު ފަދައެވެ. މާރިއާވެސް ، އަސްމަރާގެ އެ މަޖާގަނޑުގައި ބައިވެރިވަމުން ދިޔައެވެ. ޔުނީއަށް ވަދެގެން އައިއިރު ކަޝަފަށްވެސް އެތަން ފެނުނެވެ. އަސްމަރާގެ އިނގިލީގައި ޒަރޫން އަޅުވައިދީފައިވާ ޑައިމަންޑް އަނގޮޓި ، އެކި ކުދިންނަށް ވަކިވަކިން އަތް ދިއްކޮށް ، އަސްމަރާ ދިޔައީ ދައްކަމުންނެވެ.

ކަޝަފް އެކަނި އިންދާ ފެނިގެން މާރިއާ ކަޝަފްގާތަށް ދެއެވެ. އަދި މޮޔަވެފައި ހުރި މީހެއްހެން ، ޒަރޫންއާއި އަސްމަރާގެ އެންގޭޖްމަންޓް ވީ ވާހަކަ ބުނެއެވެ. އަސްމަރާގެ އިނގިލީގައި އަޅާފައިވާ އެންގޭޖްމަންޓް އަނގޮޓީގެ ރީތިކަމުން ، މާރިއާ ހުރީ އާޝޯޚު ވެފައެވެ. ޑައިމަންޑް ޖަހައިފާ ހުރި އެއަނގޮޓީގެ އަގު ތިރީހަކަށް ސާޅީހަކަށް ލައްކަ ރުފިޔާއަށް އަރާނެހެން ހީވާކަމަށް މާރިއާ ބުނެއެވެ. މާރިއާގެ ވާހަކަތަކަށް ، އެހެން ހެއްޔޭ އަހައިލުން ފިޔަވައި ކަޝަފް ، މާބޮޑު އަހަންމިއްޔަތުކަމެއް ނުދެއެވެ.

ޔުނިވަރސިޓީގެ ހުރިހާ ހިސާބެއްގައިވެސް ޅައަންހެން ކުދިންތައް ، އެއްކުއްޖަކު އަނެއް ކުއްޖަކަށް ދައްކަމުން އެދަނީ ޒަރޫން އާއި އަސްމަރާގެ އެންގޭޖްމަންޓްގެ ވާހަކަ އެވެ. ޑަކައިތެއްހެން ޒަރޫންގެ ފަހަތުން އަޅުވާލައިގެން އުޅެ އުޅެފައި އެންމެފަހުން ، އަސްމަރާ އޭނާގެ މަޤްޞަދު ޙާޞިލް ކޮށްފި ކަމުގައެވެ. ނިކަން ބަލައިލަ ބަލާށެވެ ! ހީވަނީ އެވަރެސްޓް ފަރުބަދަ މައްޗަށް އެރިގެން އުޅޭ ހެންނެވެ. ކައިވެންޏެއް ކުރާކަށް ނޫޅެމޭ ކިޔަމުން އައިސް ، އެންމެފަހުން އަސްމަރާގެ މަޅީގައި ޒަރޫން ޖެހުނު ވާހަކައެވެ. ޒަރޫން ވަރުގެ މޮޔައެއް އެކުދިން ނުދެކޭ ވާހަކަ އެވެ. އަބަދު އެކީގައި އުޅުނަސް ، އަސްމަރާއަކީ ޒަރޫންއާ ގުޅޭ މީހެއް ނޫންކަމުގެ ވާހަކައެވެ. ޒަރޫންގެ ކޮއްކޮގެ ކައިވެންޏަށް ދިޔަދުވަހު ޒަރޫން އެކުދިންނާ ދައްކާފައިވާ ވާހަކަޔާ ޢަމަލާ ދިމާނުވާ ވާހަކަ އެވެ. ހުރިހާ ކުދިންނަށްވެސް ޒަރޫންގެ ފަރާތުން ޤަބޫލުކުރެވިފައި އޮތީ އެންގޭޖްމަންޓާއި ކައިވެންޏަކީ ، ޒަރޫން ކިޔަވައި ނިމިގެން ވިސްނާނެ ކަންތައްތައް ކަމުގައެވެ.

------------------------

ކަޝަފަށްވެސް ޒަރޫން އާއި އަސްމަރާގެ އެންގޭޖްމަންޓާބެހޭ ތަފާތު އަޑުތައް އިވުނެވެ. އެހެންނަމަވެސް އޭނާހުރީ އެއިން އެއްވެސް އަޑެއް ނީވޭކަމަށް ހަދައިގެންނެވެ. އެކަމާ ބެހޭގޮތުން ކަޝަފް އެއްވެސް އެއްޗެކޭ ނުބުނާތީ މާރިއާ ހުރީ ކަންބޮޑުވެފައެވެ. މާރިއާއަށްވެސް ޒަރޫން އޮތީ ދަޅަ ދައްކާފައެވެ. އެންމެފަހުން އޭނާއަށްވެސް ކެހި ދިނީއެވެ. ޒަރޫންއާ ބެހޭގޮތުން ކަޝަފް ބުނާ ވާހަކަޔަކީ ރަނގަޅު ވާހަކަތަކެއްކަން މާއިރާއަށް މިހާރު އިޙްސާސް ކުރެވިއްޖެ އެވެ.

" އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއް ނެތް ހެއްޔެވެ ؟ ކޮންމެވެސް އެއްޗެކޭ ބުނާށެވެ ! " މާރިއާ ، ކަޝަފާ ދިމާއަށް ބުންޏެވެ. ކޮންކަމަކާ ބެހޭގޮތުންހޭ ބުނެ ކަޝަފް ސުއާލު ކުރިއެވެ.

" ޒަރޫންއާ ބެހޭގޮތުންނެވެ. ކަޝަފަށްވެސް އެކަމުން ތަކުލީފު ލިބޭނެ ނޫން ހެއްޔެވެ ؟ " މާރިއާ ދުލެއް ނުކުރިއެވެ.

" ތަކްލީފޭ ހެއްޔެވެ ؟ މާރިއާވެސް ، އެހެން ކުދިންނަށް އެލިބުނު ތަކުލީފުގެ ތެރެޔަށް އަހަރެން ވެއްދީ ހެއްޔެވެ ؟ އަހަރެން މާރިއާގެ ފަރާތުން އެކަމަކަށް އުއްމީދެއް ނުކުރަމެވެ. " ކަޝަފް ބުންޏެވެ.

" އަހަރެން އެހެން ބުނީ އެ މަޤްޞަދުގައެއް ނޫނެވެ. މަޢާފު ކުރާށެވެ ! " މާރިއާ ދެރަވެފައި ބުންޏެވެ.

" އަހަރެން މަރުވިޔަސް އެކަމުގައި ބައިވެރިއެއް ނުވާނަމެވެ. އެހެން ނޫނަސް ، ޒަރޫން އާ ކައިވެނި ކުރުމަށްވުރެ މީހަކާ ނީނދެ މުޅި  ޢުމުރު ހޭދަކޮށްލުންވެސް އަހަރެންނަށް މާ ރަނގަޅެވެ.

" ކަޝަފްގެ ނުކުތާއަކީ ރަނގަޅު ނުކުތާ އެކެވެ. އެކަމަކު ، އަސްމަރާއަކީ ވަރަށް ނަޞީބު ގަދަ މީހެއްކަމަށް އަހަރެން ޤަބޫލު ކުރަމެވެ. " މާރިއާ ބުންޏެވެ.

ޒަރޫން އާއި އަސްމަރާ ރެސްޓޯރެންޓަކަށް ގޮސް ކާންތިބެގެންވެސް ، އަސްމަރާއަށް މުޅިންހެން ދެއްކުނީ އެދުވަހުގެ ވާހަކައެވެ. ކުދިންތައް ހީވީ މޮޔަވެގެން އުޅުނުހެން ކަމަށް އަސްމަރާ ބުންޏެވެ. އަދި އެންމެ ފަހުން ޒަރޫންއާ އެންގޭޖްވެސް ވީކަމުގައި ބުނެ ކުދިންތިބީ ޙައިރާންވެގެންގޮސް އަންތަރީސް ވެފައެވެ. ޔުނިވަރސިޓީގެ އަންހެންކުދިންގާތު ޒަރޫން ދައްކާފައި އޮތީ އެހެން ވާހަކަ އެކެވެ. އެންގޭޖްމަންޓާ ގުޅިގެން އެކުދިން ވާހަކަ ނުދައްކައެއް ނުތިބޭނެއެވެ. އަސްމަރާގެ އެންގޭޖްމަންޓަށް ކުދިންނަށް ދަޢުވަތު ނުދެވުނީތީ އެކަމާ އަސްމަރާ ހުރީ އުފާ ވެފައެވެ. އެހެންނަމަ އެހުރިހާ ކުދިންގެ އެސްފީނި ނުޖެހިއެއް ނުހުންނާނެއެވެ. އަސްމަރާ އެ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ، ޒަރޫން އިނީ އަނގައިން ނުބުނެ ކެއުމުގައި އަވަދި ނެތިއެވެ.

ކަޝަފް ގެޔަށް ދިޔުމުން ގެއިންވެސް އޭނާއާ ކުރިމަތިވީ ހަމައެއްކަމެކެވެ. ޒަރޫންގެ އެންގޭޖްމަންޓްގެ ވާހަކަ އެވެ. އެވާހަކަ ފެށީ ޞިދްރާއެވެ. ކުދިންތައް އޭނަޔާހުރެ މޮޔަވެފަތިބޭ ވާހަކަ ދެއްކީ ކަޝަފެވެ.

" އެކުދިންނަށް ވެފައި އެތިބެނީ ކީއްކަމެއް ނޭނގެއެވެ. ޒަރޫން އެންގޭޖް ވީމަ ، އެކުދިން އެކަމުގެ ހިތާމަ ކުރާނީ ކިހާ ދުވަހެއް ވަންދެންކަމެއްވެސް ނޭނގެއެވެ. " ކަޝަފް ބުންޏެވެ.

" ހިތާމަ ކުރާނެ ތާއެވެ ! ޒަރޫން އަކީ ކްލާހުގެ ހުސްހަށިބައި އެންމެ ރީތި ކުއްޖާއެވެ. " ޞިދްރާ ބުންޏެވެ.

" ވަޅިރީތި ވާނީ ތޫނިއްޔާއެވެ. މޫނާއި ހަށިގަނޑަށް ބަލާފައި މީހެއްގެ ރަނގަޅާއި ނުބައިގެ މައްޗަށް ތިހެންނެއް ނުބުނެވޭނެއެވެ. އެންމެ ރީތި ހުސްހަށިބައި ކުއްޖާއަށް ވުމަށްޓަކައި މާތް ޚުލްޤަކާއި އުޅުމެއް ލިބިފައި ހުންނަން ޖެހޭނެއެވެ. މިއުޅޭ އަންހެންކުދިންނަށް ފައިސާ ފެނުނީމަ އެހެން އެއްޗެއް ނުފެންނަނީ ކީއްވެގެން ބާވައެވެ. " ކަޝަފް ބުންޏެވެ.

" ފައިސާއަކީ ކަޝަފަށްވެސް މުހިންމު އެއްޗެއް ނޫން ހެއްޔެވެ ؟ " ޞިދްރާ ބުންޏެވެ.

" ފައިސައަކީ އެންމެންނަށްވެސް މުހިންމު އެއްޗެކެވެ. އެކަމަކު އަހަރެން ބޭނުމީ އަމިއްލަ މަސައްކަތް ކޮށްގެން ފައިސާ ހޯދާށެވެ. މައިންބަފައިންގެ މުއްސަނދިކަމުން ނޫނީ ވާރުތަ މުދަލުން ފައިސާ ހޯދާކަށް ނޫނެވެ. މުއްސަނދި ޢައިލާތަކުގެ ކުދިންނަށް ސަލާން ޖަހައިގެން ފައިސާ ހޯދާކަށް މަށެއް ބޭނުމެއް ނޫނެވެ. އެހެން ނޫނަސް ޒަރޫންމެންކަހަލަ ކުދިންގެ ފޫބުޑުގައި އެލިގަނެގެން ހޯދާ އަރާމެއް އަހަރެން ބޭނުމެއް ނޫނެވެ.  " ކަޝަފް ބުންޏެވެ.

------------------------

ޣަޒާލާ އާއި ޒަރޫން އަދި ސާރާ ސިޓިންގރޫމުގައި ކޮންމެވެސް މައްސަލައެއްގައި ބަޙުސް ކުރަމުން ގެންދިޔައެވެ. އެއީ ފަރްޙާން އާ ބެހޭ ކަމެކެވެ. ސާރާގެ މައްސަލަޔަކީ ، ކުދިކުދި ކަންތައްތަކާ ފަރްޙާން މައްސަލަ ޖެއްސުމެވެ. ސާރާއަށް ކުދިކުދި ކަންތައްތައް ފެންނަ ކަންކަން ފަރްޙާނަށް ވަނީ ބޮޑެތި މައްސަލަޔަށެވެ. ކައިވެނީގެ ކުރިން އެއީ އެހާ ބޮޑެތި ކަންކަމަކަށް ފަރްޙާނެއް ނުހަދައެވެ. ސާރާގެ މައްސަޔަކީ ކައިވެނީގެ ފަހުން އެއީ މައްސަލަޔަށް ހެދުމެވެ.

" ތިޔަހެދީ ރަނގަޅަށެވެ. ބޭނުންހާ ގޮތެއް ހަދަން މިހާރު ފަރްޙާނަށް ފުރުޞަތު ދީފިއްޔާ ސާރާގެ މުޅި ޢުމުރު ހޭދަކުރަންޖެހޭނީ ވަރަށް ނިކަމެތި ގޮތަކަށެވެ. ޖެހޭނީ ފަރްޙާން ބުނާހާ ގޮތެއް ހެދިގެން އިންނާށެވެ. " ޣަޒާލާ ބުންޏެވެ.

" އެއީ އެދެމަފިރިންގެ ކަމެކެވެ. އެމީހުން ވާހަކަ ދައްކައިގެން އެކަން ހަމަޖައްސާނެއެވެ. މަންމަ އޭގެތެރެޔަށް އަނގަ ބާނަންވީ ކީއްކުރަން ހެއްޔެވެ ؟ " ޒަރޫންއަށް ނީނދެވިގެން ބުންޏެވެ.

ޒަރޫންއަށް ފެންނަ ގޮތުގައި މަންމަ އެކަމުގެ ތެރެޔަށް ވަދެގެން މައްސަލަ ގޯސްވާނީއެވެ. އެހެންނަމަވެސް ޣަޒާލާ ޤަބޫލުކުރާ ގޮތުގައި ، ސާރާ އަށް ތަކުލީފެއްލިބޭ ކަމެއްގައި އޭނާ މަޑެއްކޮށް ނުހުންނާނެއެވެ. ދެމަފިރިން ވާހަކަ ދައްކައިގެން ހަމަޖެއްސޭނަމަ އިރުއިރު ކޮޅުން މައްސަލަ ޖެހެމުންނެއް ނުދާނެއެވެ. ޣަޒާލާ ހުރީ ، އެގޮތަށް ސާރާގެ ދިރިއުޅުން ބަރުބާދުވާން ދޫކުރާ ގޮތަކަށް ނޫނެވެ.

" އިރުއިރުކޮޅުން އަހަރެންގެ ކަންކަމަށް ނޫނެކޭ ބުނެ ކަންކަން މަނާކުރަމުން ދާއިރު ، އަހަރެންނެއްވެސް މަޑެއްކޮށް ނުހުންނާނަމެވެ. " ސާރާ ބުންޏެވެ.

" އަހަރެން އަބަދުވެސް ސާރާގާތު ބުނަމުން އަންނަ ވާހަކަޔަކީ ތިއީއެވެ. އަންހެންކުދިން ތިގޮތަށް ގޮތްދޫނުކޮށް ފިރިމީހާއާ ޒުވާބު ކުރާކަމަށް ވަންޏާ ، ދުވަހަކުވެސް ހަމަޖެހޭ ދިރިއުޅުމެއް ނުލިބޭނެއެވެ. " ޒަރޫން ، ސާރާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

" އަހަރެން އަނބިމީހާގެ ނަމުގައި ހުރެ އޭނާގެ ފައިވާން ފުހެދޭން ވީ ހެއްޔެވެ ؟ ގެއިން ނުކުންނަމުންނާ ގެޔަސް އައިސް އަކުރުން އަކުރަށް ރިޕޯރޓް ކުރަންވީ ހެއްޔެވެ ؟ " ސާރާ ބުންޏެވެ.

ޒަރޫން ، ސާރާއަށް ވިސްނައިދެވޭތޯ ބަލަނީ އެހާ ނިކަމެތިވެ ގަންނާކަށް ނޫނެވެ. ފިރިމީހާއަށްވެސް އިޙްތިރާމް ކުރުމަށެވެ. އެހެންނަމަވެސް ، ޒަރޫންގެ މުތުލަބަކީ އެއީކަމުގައި ސާރާ ދެކެއެވެ. އެގޮތަށް ސާރާ ދެކޭކަމަށް ވަންޏާ އޭގެފަހުން ޒަރޫން ސާރާ އާ އެމަވްޟޫޢުގައި ދެން ވާހަކަ ނުދައްކާނެކަމަށް ޒަރޫން ބުނެއެވެ. އެދެމައިންގެ ކުރިމަތީގައި  އެކަމާބެހޭ ވާހަކައެއް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ޒަރޫންއަށް ފެނުނެވެ. އެދެމައިންގެ ވިސްނުން ބަހައްޓަންވީ ގޮތަކަށް ބަހައްޓަން ވީއެވެ. އެކަމަކު ، އެދެމައިން އެއީ އެހާ ބޮޑު މައްސަލަޔަކަށް ހަދަންޖެހޭ ވަރުގެ ކަމެއް ފަރްޙާން ނުކުރާކަން އޭނާއަށް އެނގޭކަމުގައި ޒަރޫން ބުނެއެވެ.

ފަރްޙާންއާ ސާރާއާ ދެމީހުންގެ ދެމެދުގައި ޖެހެމުންދާ މައްސަލަތަކުގައި ޒަރޫން ، އޭނާގެ ބޭބެޔަކަށް ވެހުރެ ، ފަރްޙާންގެ ކޮޅަށް ޖެހިފައިހުރިކަމަށް ސާރާ ޤަބޫލުކުރެއެވެ. ޒަރޫން ގެ ނަޞޭޙަތަކީ ، ސާރާއަށް ފައިދާހުރިގޮތްކަމަށް ސާރާ އާއި މަންމައަށް ޤަބޫލު ނުކުރެވުނަސް ، ޒަރޫންގެ އަމިއްލަ ނަފުސަށް އެކަން ޤަބޫލު ކުރެވެއެވެ. ފަރްޙާނާމެދު ސާރާ ކަންކުރަނީ ، ޒަރޫން އެންމެ ހިތްހަމަ ޖެހޭ ގޮތަކަށް ނޫނެވެ. އަދި އެމައްސަލަ ތަކުގައި ޒަރޫން ފަރްޙާންގެ ކޮޅަކަށް ނުޖެހެ އެވެ. ބޭބެއެއްގެ ޙައިޞިއްޔަތުން ، ޒަރޫނަށް ފެންނަ އެއްޗެއް ބުނަމުން ގެންދަނީ ސާރާއަށްވެސް އެންމެ ރަނގަޅުގޮތްކަން ދަސްކޮށް ދިނުމަށެވެ.

------------------------

ކަޝަފް އިސްތިރިކުރަން ހުރެފައި ނުބުނަން އުޅެ އުޅެފައިވެސް ، މަންމަ އެކުދިންގެ ކައިވެންޏަށް ރައްކާކޮށްފައިހުރި ރަންކޮޅު ވިއްކައިލުމުގެ ޚިޔާލު މަންމަޔަށް ދިނެވެ. އެހެންނަމަވެސް އެހާގިނަ ރަނެއް ރާފިޢާ އަތަކު ނުވެސް ނެތެވެ. ހުރީ ވަރަށް މަދު ރަން ކޮޅެކެވެ.

" ކުޑަކޮށް ހުއްޓަސް އެ ރަންކޮޅު ވިއްކައިލަންވީ ނޫން ހެއްޔެވެ؟ އޭރަށް ޝެހްނީލާގެ ކުރިޔަށް އޮތް ދެ އަހަރުދުވަހުގެ ޚަރަދުތައް ހަމަ ޖެއްސޭނެއެވެ. އަދި އަހަރެންނަށްވެސް އިރާދަކުރެއްވިއްޔާ ވަޒީފާއެއް ލިބިދާނެ އެވެ. " ކަޝަފް ބުންޏެވެ.

" އެކަމަކު ދަރިފުޅާއެވެ ! މިހާރު އެ ރަންކޮޅު ވިއްކާލައިފިއްޔާ ފަހުން ރަންކޮޅެއް ހޯދަން ވަރަށް އުނދަގޫ ވާނެއެވެ. " ރާފިޢާ ބުންޏެވެ.

" ތަޢުލީމަށް ހޭދަކުރެވޭ ރަނަށްވުރެ ، އެހެންކަމަކަށް ހޭދަކުރެވޭ ރަނުގެ އަގެއް ބޮޑެއް ނުވާނެއެވެ. ތައުލީމުގެ ރަން މިއަދު އަހަރެމެން އަތުގައި ހުރިނަމަ ، މުސްތަޤްބަލްގައި ނުހޯދޭނެ ރަނެއް ، އިރާދަކުރެއްވިއްޔާ ނޯންނާނެއެވެ. އަތުގައިހުރި އެއްޗެތި ފޮރުވާފައި ބަހައްޓައިގެން ކުރާނެ މާބޮޑު މަންފާއެއް ނޯންނާނެއެވެ. " ކަޝަފް ބުންޏެވެ.

" އާނއެކެވެ ! ދަރިފުޅާއެވެ ! އަހަރެންގެ އަތުގައި ހުރި އެންމެ އަގުބޮޑު އެއްޗަކީ އެ ރަންކޮޅެވެ. އެރަންކޮޅު ވިއްކާލައިފިއްޔާ ، އަގެއްހުރި އެއްވެސް އެއްޗެއް އަހަރެންގެ އަތުގައި ރައްކާކުރެވިފައެއް ނުހުންނާނެއެވެ. " ރާފިޢާ ބުންޏެވެ.

" މަންމާއެވެ ! މަންމައަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލަކީ އަހަރެމެން ތިންބެއިންކަމުގައި މަންމަ އަބަދުވެސް ބުނަމު ނޫން ހެއްޔެވެ ؟ އެހެން ވީއިރު ، ރަންކޮޅު ވިއްކާލުމުގައި މަންމަ ހާސްވަނީ ކީއްވެ ހެއްޔެވެ ނިކަން ވިސްނައިލަ ބަލާށެވެ. ޝެހްނީލާގެ ވަޒީފާގެ ފުރުޞަތު ތަނަވަސް ވާނެއެވެ. ތަޢުލީމީ ޑިގްރީއެއް އޭނާއަށް ޙާޞިލް ކުރެވޭނެ އެވެ އެކަންކަމާ ބަލާފައި އެ ރަންކޮޅަކީ އާދައިގެ އެއްޗެއް ނޫން ހެއްޔެވެ ؟ ކަޝަފް އޭނާގެ މަންމަ ގާތަށް އައިސް އިށީނދެލަމުން ބުންޏެވެ.

" އާނއެކެވެ ! ދަރިފުޅާއެވެ ! ދަރިފުޅު ތިބުނީ ރަނގަޅަށެވެ. ދަރިފުޅަށް ރަނގަޅުކަމަށް ފެނިގެން ބުނި ކޮންމެ ކަމެއް މަންމަ ކުރާނަމެވެ. އަހަރެންގެ ވިސްނުން ތޫނު ދަރިފުޅެވެ. " ރާފިޢާ ، ކަޝަފްގެ މޫނުގައި ފިރުމައިލަމުން ބުންޏެވެ.

( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.