ދެކަފި - 87

(10 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ކަޝަފްގެ ދިރިއުޅުމުގައި މައްސަލައާއި ތަކުލީފު އޮތްކަމަށް އަހަރެން ޤަބޫލު ކުރަމެވެ. އޭގެ މާނަޔަކީ ، އެހެން އެންމެންގެ ދިރިއުޅުމަކީ އުފަލާއި ހަމަޖެހުމުގެ ދިރިއުޅުމެއްކަމަށް ބަލައިގެން ނުވާނެއެވެ. " ޒަރޫން ބުންޏެވެ.

" މަންމަޔަކީ ގޯސް މީހެއް ނޫނެއް ނޫންހެއްޔެވެ؟ އެއީ ގޯސްމީހެއްނަމަ ، ޒަރޫންގެ ޙަޔާތުގައި ތިވަރުގެ ރަނގަޅު ތަރުތިއްބަޔތެއްވެސް ނުލިބުނީސް ނޫން ހެއްޔެވެ؟ " ކަޝަފްގެ ކޮނޑުގައި ބޭއްވިފައި އޮތް ޒަރޫންގެ އަތުގެ މަތީގައި އަތްބާއްވާލަމުން ކަޝަފް ބުންޏެވެ.

ޒަރޫންގެ މަޤްޞަދަކީ ، މަންމަޔަކީ ގޯސްމީހެއްގެ ގޮތުގައި ސިފަ ކުރުމެއްނޫނެވެ. އެހެންނަމަވެސް ޒިންމާއާއި މަސްއޫލިއްޔަތު އުފުއްލުމުގައި މަންމަގެ އިހުމާލު އޮތްކަމުގައި ޒަރޫނަށް ބުނެވިދާނެއެވެ. ޚާއްޞަކޮށް ، މަންމަގެ ދެކުދިންނާމެދު އޮތީ ވަރަށް އިހުމާލު ވެފައެވެ. ޒަރޫންގެ ޒުވާން ޢުމުރުއްސުރެ ބޮޑުވަންދެން ، އެނާވެސް ދިރިއުޅުނީ އެ އުނިކަމާއި ތަކުލީފުގެ ތެރޭގައެވެ.  އެ ވިސްނުމާއި އެ ނަޒަރިއްޔާއިން ބަލާއިރު ، ކަޝަފަކީ ވަރަށް ނަސީބު ރަނގަޅު މީހެކެވެ. ކަޝަފާއެކު ، ނުހަނު ހަރުދަނާ މަންމަޔެއް ކަޝަފްމެންގެ އަތުގައި ހިފައިގެން ހުއްޓެވެ. ކަޝަފްމެންނަށްޓަކައި މަންމައެވީ ވަރަށް އަގުހުރި ޤުރުބާނީ އެކެވެ. އަދި އޭގެ އިތުރަށް ، ބައްޕަޔަކު ކަޝަފްމެންނާއެކު ނެތްކަމުގެ އިޙްސާސެއް ވިޔަނުދީ ، މަންމަ އެވަނީ ކަޝަފްމެން ބަލައި ބޮޑުކޮށްފައެވެ. ޒަރޫންގެ ދިރިއުޅުމުގައި އެއްވެސް އެއްޗެއް ނެތްކަމުގެ އިޙްސާސް ޒަރޫންމެންނަށް ކުރެވިފައި އޮވެދާނެކަމަށް ކަޝަފްގެ ހިތަށް އަރާފައެއް ނުވެއެވެ. ޒަރޫންއަކީވެސް އިންސާނެކެވެ. ކަޝަފަށް ޤަބޫލުކުރެވިފައި އޮތްގޮތުގައި ޒަރޫންގެ ދިރިއުޅުމުގައި އެއްވެސް ކަމެއް އަދި އެއްވެސް އެއްޗެއް އުނިވެފައެއް ނޯންނާނެއެވެ.

" ކަޝަފް ތިހީކުރީ ކޮންގޮތަކަށް ހެއްޔެވެ؟ ދިރިއުޅުމަކީ ކޮބައި ހެއްޔެވެ ؟ ބޮޑެތި ގެޔާއި އަގުބޮޑު ކާރާ އަދި މުދަލާއި ފައިސާ ހެއްޔެވެ ؟ ފުރިހަމަ ދިރިއުޅުމަކީ ހަމަޖެހުމާއި އުފަލެވެ. ދުނިޔޭގެ މާއްދިއްޔަތާ ގުޅިފައިވާ ތަކެއްޗެއް ނޫނެވެ. އިންސާނާ އޭނާގެ އުފަލާއި އަރާމު އަދި ހިތުގެ ހަމަޖެހުން ހޯދުމަށް ބޭނުންވާ އަސާސީ ކަންތައްތަކެއް ހުރެއެވެ. އެކަކު އަނެކެއްގެ ގާތް އަދި ހަރުދަނާ ގުޅުމަކީ އޭގެ އެންމެ މުހިންމު އެއް އަސާސެވެ.  އުފަލަކީ ހަމައެކަނި ފައިސާއަށް ވާކަށް ނުޖެހެއެވެ. " ޒަރޫން އޭނާގެ ޙަޔާތުގެ ހިތި ތަޖުރިބާއިން ތަންކޮޅެއް ކަޝަފަށް ކިޔައިދިނެވެ.

ކަޝަފް އޭނާގެ ޑައިރީ ނެގިއެވެ. ޒަރޫންގެ ހަޔާތުގައި އުނިކަންތައްތަކެއް އޮވެދާނެ ކަމަށް ކަޝަފްގެ ޚިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ. ޒަރޫންއަށްވަނީ އޭނާގެ ޙަޔާތުގައި އުނިވެފައިވާ ކަންކަމުގެ ހިތްދަތިކަން ލިބިފައެވެ. ޒަރޫންގެ ދިރިއުޅުމުން ކަޝަފަށް އަބަދުވެސް ފެނިފައިވަނީ ، މަޖަލާއި ފޯރުންތެރިކަމެވެ. އެދެއްކި ވާހަކަތަކުގެ އެއްވެސް އަސަރެއް ޒަރޫންގެ ދިރިއުޅުމުގައި ކަޝަފަށް ފެނިފައެއް ނުވެއެވެ. ޒަރޫންއަކީ ކާކުކަމާއި ، ޒަރޫންގެ ޢަމަލުތަކާއި އާދަތައް ބަށްޓަންވެފައި އެހުންނަނީ ކުޑައިރުގެ ތަރުބިއްޔަތުގެ އުނިކަމުންކަން ކަޝަފަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟

ޒަރޫންވެސް އޭނާގެ ޑައިރީ ލިޔަމުން ގެންދިޔައެވެ. ކަޝަފްގެ ފޯނު ނަގައި ޗެކްކުރެވުނީ ކީއްވެގެންކަމެއް ޒަރޫންއަކަށް ނޭނގުނެވެ. އެކަހަލަ ކަންކަން އޭނާއަށް އެކުރެވެނީ އެއްވެސް ވަރަކަށް ވިސްނައި ނުލައެވެ. އޭނާ އެކަން ކުރަންވީ ސަބަބެއް ، ވިސްނާ ވިސްނާވެސް ޒަރޫންގެ ހިތަކަށް ނައެވެ. ކަޝަފް އެހުރިހާ ވާހަކައެއް އެދެއްކީ ، ޒަރޫންގެ އެޢަމަލުގެ ސަބަބުންކަމުގައި ވެދާނެއެވެ. ކަޝަފްގެ ޙަޔާތުގައި ފިރިހެނުން ތަޖުރިބާކުރަން ލިބުނު ހިތްދަތިކަން ހިތުގައި ނުފިލައި ހުރީކަމުގައި ވެދާނެއެވެ. ކަޝަފް އެބުނީ ރަނގަޅަށެވެ. އަމިއްލަވަންތަކަމަކީ ކޮންމެ އިންސާނަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ ޙައްޤާއި އަމިއްލަ މިނިވަންކަން އޮންނަން ޖެހޭނެއެވެ. އަހަރެމެން އެކަކު އަނެކަކާއެކު ދިރިއުޅުމުގައި ، އެމީހެއްގެ އަމިއްލަ ކަންކަމުގެ ތެރެޔަށް ނުވަދެ ، ދިރިއުޅުން ބާއްޖަވެރިކުރުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ދެމީހުންނަށް ލިބިފައިވަނީ ތަފާތު ތަރުބިއްޔަތެވެ. އެކަމާގުޅިގެން ދެމީހުންގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތު އެހާ ތަފާތެވެ.

ޒަރޫން އޮފީސް ނިންމާފައި ގެޔަށް އަންނަން ތައްޔާރުވި ވަގުތު ރައްޓެއްސެއްގެ ފޯނެއް އައެވެ. އޭނާބުނީ ޒަރޫންއަށް ފޯނުކުރީ ކަޝަފާ ނުގުޅިގެން ކަމުގައެވެ. ކަޝަފް އެދުވަސްކޮޅު ކުޑަކޮށް ބަލިވެ އުޅޭތީ އޮފީހަށްދަނީ ވަރަށް މަދުންކަމުގައި ޒަރޫން ބުންޏެވެ. ކަޝަފްގެ ފޯނުވެސް އޮންނަނީ ގިނަފަހަރަށް ނިއްވައިލާފައެވެ. އޭނާ ބޭނުންވީ ، ކަޝަފް އެޕްލައި ކޮށްފައި އޮތް ލޯނު ލިބޭނެގޮތް ހަމަޖެހުނު ވާހަކަ ކަޝަފްގާތު ބުނުމަށެވެ. ލޯނުގެ ވާހަކަ އިވުމުން ، ޒަރޫންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެއީ ކޮން ލޯނެއްތޯ ޒަރޫން ސުއާލު ކުރިއެވެ. އެއީ ކުއްލިޔަކަށް ފައިސާކޮޅެއް ބޭނުންވެގެން ކަޝަފް އެދުނު ލޯނެއްކަމަށް އޭނާ ބުންޏެވެ. އެލޯނާބެހޭ އެއްވެސްކަމެއް ޒަރޫންއަށް އެނގިފައެއް ނެތެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ މިނިވަންކަމަކީ އެހާވަރުގެ ބޮޑު މިނިވަންކަމެއް ހެއްޔެވެ ؟ އެވަރުގެ ކަމެއް ކުރާއިރުވެސް އެކަކު އަނެކަކަށް އަންގައިލާ ވަރަށްވުރެވެސް ބޮޑު މިނިވަންކަމެއް ހެއްޔެވެ ؟ ކަޝަފް އެއިނީ ޒަރޫންގެ ދެކުދިންނަށް ބަލިވެއެވެ. ޒަރޫންއަކީ އެ ތިން ފުރާނައިގެ ޒިންމާ އުފުއްލައިގެން ހުރި މީހާއެވެ. އެޙާލަތުގައި ލޯނެއް ނަގާއިރު ، ޒަރޫންއަށް އަންގައިލުމަކީ ، ކަޝަފްގެ މިނިވަންކަމުން ބައެއް ގެއްލިގެންދިއުން ހެއްޔެވެ ؟ އެކަމާމެދު ކަންބޮޑުވެ ، އެތައް އިރެއްވަންދެން ޒަރޫން ވިސްނަން އިނެވެ. އެކަމުގައި އޭނާ ގޮތެއް ހަދަންވާނީ އެކާމެދު ވަރަށް ބޮޑަށް ވިސްނާފައެވެ. ވިސްނައިނުލާ ކުރެވޭ ކަމަކުން ، މިހާރުވެސް އެހާ ނާޒުކުކޮށް އޮތް ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ފޯރާކަށް ޒަރޫން ބޭނުމެއް ނުވާނެއެވެ.

ޒަރޫންއަށް އެކަން ނުއެންގުމުގައި ، ކަޝަފްގެ މުހިންމު ނުކުތާއެއް އޮތުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކަޝަފް ޤަބޫލުކުރާ ހަމަތަކުން ، އެކަމުގައި ސަބަބެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން އެއްވެސް މީހެއްގެ އެހީއާނުލައި ، އަމިއްލަ ކަންކަން އަމިއްލަޔަށް ނިންމުމުގެ ވިސްނުން ، މިނިވަން އަންހެނުންގެ ސިނކުޑީގައި އޮންނާނެއެވެ.

------------------------

ގެޔަށް ގޮސް ދެމީހުން ރޭގަނޑު ކާންތިބި ގަޑީގައިވެސް އެވާހަކަ ފަށާނެ ގޮތަކާމެދު ޒަރޫން އިނީ ގޮތެއް ނިންމަން ނޭނގިފައެވެ. އެންމެފަހުން ވަރަށް ކަންބޮޑުވެފައި ، އަހަން ނާހަން އިނދެފައި ، ލޯނެއް ނަގަނީހޭ ބުނެ ކަޗަފާ ސުއާލު ކުރިއެވެ. ޒަރޫންގާތު އެވާހަކަ ބުނީ ކާކުތޯ ކަޝަފް ސުއާލު ކުރިއެވެ.

" ކާމްނާތު މިއަދު އަހަރެންނަށް ފޯނު ކުރިއެވެ. އަދި ކަޝަފްގެ ފޯނު ނިއްވައިލާފައި އޮތީމަ ގުޅިކަމަށް ބުންޏެވެ. އަދި އޭނާގުޅީ ކަޝަފްގެ ލޯނު ހަމަޖެހިއްޖެކަން ކަޝަފްގާތު ބުނެދިނުމަށް ކަމަށްވެސް ބުންޏެވެ. ޒަރޫންގެ އަޑުގައިވަނީ މަޑުމައިތިރިކަމާއި ކަންބޮޑުވުން މަސްހުނިވެފައެވެ. ލޯނު ނެގީ ކޮންކަމަކާތޯ ޒަރޫން ސުއާލު ކުރުމުން ކޮންމެވެސް މުހިންމު ބޭނުމެއް ޖެހިގެންކަމުގައި ކަޝަފް ބުންޏެވެ.

" ކަޝަފް ލާރި ބޭނުންވީއިރު ، އަހަރެންގާތު ނުބުނީ ކީއްވެ ހެއްޔެވެ. އެހެންމީހެއްގެ އަތުން ލޯނު ނަގަންވީ ކީއްކުރަން ހެއްޔެވެ ؟ " ކަޝަފްގެ ލޮލަށް ބަލަހައްޓައިގެން އިނދެ ،  ޒަރޫން އެހިއެވެ.  އޭނާގެ ލޮލުން ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުން ފާޅުވާން ހުއްޓެވެ.

" އަހަރެން ޒަރޫން އަތުން ފައިސާ އަތުލާކަށް ބޭނުމެއް ނޫނެވެ. " ކަޝަފް ވަގުތުން ޖަވާބު ދިނެވެ.

ޒަރޫންގެ ފައިސާ ބޭނުން ނުކުރަންވީ ކީއްވެތޯ އަނެއްކާވެސް ޒަރޫން ސުއާލު ކުރިއެވެ. ކަޝަފްގެ ޖަވާބަކަށްވީ ކުރީގެވެސް ޖަވާބެވެ. ޒަރޫންއަތުން ފައިސާ ނަގާކަށް ބޭނުމެއްނޫނޭ ބުނެ ރުންކުރު ގޮތަކަށް ކަޝަފްވެސް ޖަވާބު ދިނެވެ. އެހެން ވިއްޔާ ލޯނު ނެގީ ކީއްކުރަންކަން ބުނެވިދާނެތޯ ޒަރޫން ސުއާލު ކުރިއެވެ.

" އަހަރެންގެ ލޯނެކެވެ. ނެގީ އަހަރެންނަށް ބޭނުންވާ ކަމަކަށެވެ. އެއީ އަހަރެންގެ މައްސަލައެކެވެ. އެއީ ކީއްކުރަން ނެގިއެއްޗެއްތޯއާއި ކިހާވަރެއްގެ ލޯނެއްތޯ ބެލުމަކީ ޒަރޫން ކުރަންޖެހޭނެ ކަމެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

ޒަރޫންއަކީ ، ކަޝަފްގެ ފިރިމީހާކަން ޒަރޫން ، ކަޝަފަށް ހަނދާން ކޮށްދިނެވެ. އެވަރުގެ ކަމެއް ކުރާއިރު އޭނާކުރެންވެސް އަހައިލުން އެއީ ނެތްކަމެއް ނޫންކަމުގައި ބުންޏެވެ. އޭގެ މާނަޔަކީ ، ކަޝަފްގެ އަމިއްލަ ވިސްނުމުގައި އެއްވެސްކަމެއް ނުކުރެވޭނެކަމުގައި ޒަރޫން ވިސްނަނީތޯ ކަޝަފް ސުއާލު ކުރިއެވެ. އަމިއްލަޔަށް ހޯދާ ފައިސާވެސް އަމިއްލަ މިނިވަންކަމުގައި ހޭދަކުރުމުގެ ޙައްޤު އަނބިމީހާއަށް އޮންނަން ނުވަނީތޯ ޒަރޫން ސުއާލު ކުރިއެވެ.

އެހިސާބުން ޒަރޫންގާތަށްވެސް ރުޅިއަންނަ ގޮތް ވިއެވެ. އެއްވެސް ކަމަކާ ނުލައި އެކަން ބޮޑުކަމަކަށް ނުހެދުމަށް ކަޝަފްގެ ކިބައިން ޒަރޫން އެދެއެވެ. އެގޮތަށް ޒަރޫން އާ ވާހަކަ ނުދެއްކުމަށް ކިތަންމެ ފަހަރަކު ޒަރޫންވަނީ ކަޝަފަށް ހަނދާން ކޮށްދީފައެވެ. ކަޝަފްވެސް އިނީ ވިސްނައި ނުލާ އެދެކެވުނު ވާހަކަޔާމެދު ކަންބޮޑުވެފައެވެ. އެހާ ހަރުކަށިކޮށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ޒަރޫންވެސް އެންމެ ފުރަތަމަ އެވާހަކަ ދެއްކީ ނުހަނު މަޑުމައިތިރި ކަމާއެކުގައެވެ. ކަން އޮތްގޮތް ސާފުކޮށް ޒަރޫންގާތު ބުނެފައި އޭގެފަހުން ކަޝަފަށް އޭނާގެ ގޮތް ދޫނުކުރެވުނު ނަމަ މާ ރަނގަޅުވީހެވެ. އެކުރެވުނު ކަމަކާމެދު ކަޝަފްވެސް ކަންބޮޑުވިއެވެ. އަދި ޒަރޫން ގާތަށް ރުޅިއައިމަ ދެން އިތުރަށް އެވާހަކަ ނުދެއްކުމަށް ކަޝަފް ނިންމިއެވެ.

ޒަރޫންވެސް އިތުރަކަށް އެވާހަކައެއް ނުދައްކައެވެ. އެކަމަކު ޒަރޫން ހުރީ އެކަމާ ހިތްހަމަ ނުހެޖި ރުޅި އައިސްފައެވެ. ކަޝަފް އެލޯނު އެނެގީ ކީއްކުރަންކަންވެސް އެންމެ ދެރަވަގެން ، އޭނާގާތު ބުނީކީނޫނެވެ. އެހެންނަމަވެސް ، ލޯނު އެނެގީ ކަޝަފަށް މުހިންމު ބޭނުމެއް ޖެހިގެންކަމުގައި ޒަރޫން ނިންމިއެވެ. ކަޝަފް އެވާހަކަ ބުނަން ނެތިއްޔާ ކުރާނެ ކަމެއް ނެތެވެ. ކަޝަފްގެ ލޮލުންނާއި މޫނުމަތިން ފެނުނު ކަންބޮޑުވުން ޒަރޫން ފާހަގަ ކުރިއެވެ. އެވާނީ ކައިވެނީގެ ކުރީކޮޅު ، ކަޝަފަށް ލާރި ނުދޭން މަންމަ ބުނެފައިވާ ބުނުމުގެ މައްޗަށް ކަޝަފް ނިންމި ނިންމުމެއްކަމުގައިވެސް ވެދާނެއެވެ. އެވާހަކަ މަންމަ ބުނިއަޑު ކަޝަފަށް އޮތީ އިވިފައެވެ. އަދި އެކަމާ ކަޝަފް ހިތްހަމަ ނުޖެހުނުކަންވެސް ޒަރޫންގެ ހަނދާނަށް އައެވެ.

------------------------

ޞިދްރާ ފޯނުކޮށްގެން ރާފިޢާއާ ވާހަކަ ދައްކަމުން ދިއުމުގައި ރާފިޢާގެ އަޑުގައި ކަންބޮޑުވުން ހުރިކަމަށް ފާހަގަ ކުރެވުނެވެ. މިދުވަސްކޮޅު ރާފިޢާ އެހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެއީ މިހާރު ދިރިއުޅޭ ގެ ހުސްކުރަން ގޭގެވެރިފަރާތުން އަންގައިގެންނެވެ. ރާފިޢާ އާއި ޝެހްނީލާ ގޮވައިގެން އޭނާދާނީ ކޮންތާކަށް ހެއްޔެވެ ؟ ގޭގެވެރިފަރާތާ ރާފިޢާމެންނާމެދު އުފެދިފައި އޮންނަނީ ވަރަށް  ރަނގަޅު ގުޅުމެކެވެ. ކުއްލިޔަކަށް ގެ ހުސްކުރަން އެންގީމާ ޞިދްރާވެސް ހުރީ ވަރަށް ކަންބޮޑުވެފައެވެ. ގޭގެ ވެރިމީހާގެ ދަރިފުޅު މީހަކާ އިންނާތީ ފައިސާ ބޭނުންވެގެން ގެ ވިއްކައިލަނީއެވެ.

އެގެ އެމީހާއަތުން ގަންނަންވެސް ރާފިޢާ ވިސްނިއެވެ. އެކަމަކު އޭނާއަތުގައި މިހާރު އެއްކޮށްފައިހުރި ފައިސާއަކީ ޝެހްނީލާގެ ކައިވެންޏަށް ބަހައްޓާފައި ހުރި ފައިސާއެވެ. އޭގެ ބޭނުންކޮށްފިއްޔާ ، ޝެހްނީލާއަށް ބޭނުންވާއިރު އަތުގައި އެއްޗެއް ނެތިއްޔާ މާ ދެރަވާނެއެވެ. އެހެންވެ ރާފިޢާވަނީ އެޚިޔާލު ދޫކޮށްލާފައެވެ.

ކަޝަފްގާތުގައިވެސް ރާފިޢާ އެވާހަކަ މިހާރު ބުނެފިއެވެ. ނުބުނަން ހުރެފަވެސް އެހެން ގޮތެއް ނެތިގެން ބުނެވުނީއެވެ. އަމްދުން މިދުވަސްވަރު ކަޝަފްގެ ހިތަށް އުނދަގޫވާކަހަލަ ވާހަކައެއް ބުނުމަކީ ރާފިޢާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ބައްޕަޔާ އެވާހަކަ ދެއްކިންތޯ ޞިދްރާ ސުއާލު ކުރިއެވެ. މުރުތަޟާއާ އެވާހަކަ ދެއްކުމުގެ ފައިދާއެއް ނެތެވެ. އެއީ ރާފިޢާމެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހެއް ނޫނެވެ. އެއްކަންފަތުން އަޑުއަހާފައި އަނެއް ކަންފަތުން ބޭރު ކޮށްލާނެއެވެ. ރާފިޢާމެންގެ ބޯމަތީ ބޯހިޔާވަހިކަމެއް އޮތަސް އަދި ނެތަސް މުރުތަޟާއަކަށް ތަފާތެއް ނޯންނާނެކަމުގައި ރާފިޢާ ބުންޏެވެ.

ފަހުން ގުޅާނަމޭ ބުނެ ، ޞިދްރާ މަންމައާ ގުޅައިގެން ހުރި ފޯނު ކަނޑައިލުމަށްފަހު ، ކަޝަފާ ގުޅިއެވެ. މަންމަޔަށް އެގެ ގަނެދޭން ކަޝަފް ނިންމި ވާހަކަ ޞިދްރާގާތު ބުންޏެވެ. ޞިދްރާއަށް އެއްވެސް ވަރަކަށް ފައިސާ ލެވިދާނެތޯ ކަޝަފް ސުއާލު ކުރިއެވެ. ޞިދްރާވެސް ހުރީ އެކަމަށް ނިޔަތް ގަނެގެންނެވެ. އެހެންނަމަވެސް ، ކަޝަފްގެ ޚިޔާލު ނުހޯދާ އެވާހަކަ ނުދައްކަން ހުރީއެވެ. އަދި މަންމަގާތުވެސް އެވާހަކަ ނުބުނީއެވެ. ޒަރޫންވެސް ޞިދްރާއަށް ފޯނުކުރިވާހަކަ ޞިދްރާ ބުންޏެވެ. އެކަމާ ކަޝަފް ވަރަށް ހާސްވިއެވެ. އަދި ފޯނު ކުރީ ކީއްކުރަންތޯ އާއި ގޭގެ ވާހަކަ ޒަރޫންގާތު ބުނިންތޯ ކަޝަފް އެހިއެވެ.

ޒަރޫން ދޭތެރެޔަކުން ޞިދްރާއާ ގުޅާލައެވެ. އެންމެ ފަހުން ފޯނުކުރިއިރު ގޭގެ މައްސަލަ ކުރިމަތިވެފައި އޮތަސް އެވާހަކަ ޒަރޫންގާތު ، ޞިދްރާއެއް ނުބުނެއެވެ. އެއީ ، ކަޝަފް ހިތްހަމަ ނުޖެހިދާނެތީއެވެ. އޭނާއަށް އެހެދުނީ ރަނގަޅަށެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.