ދެކަފި - 36

(19 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިއަދު ފުރަތަމަ ފަހަރަށް އެއްކަމެއްގެ އިޙްސާސް ކުރެވިއްޖެ އެވެ. އެއީ، ﷲ އަހަރެން ދެކެ ލޯބިވެ ވޮޑިގެން ނުވާކަމެވެ. އަހަރެން މިވަނީ ﷲ ގެ ރަޙުމަތްފުޅުން ބޭރުކުރެވިފައެވެ. ހީވާގޮތުން އަހަރެން ޚަލްޤު ކުރެއްވީ ﷲ އެއް ނޫނެވެ. އެހެން ކޮންމެވެސް ފަރާތަކުންނެވެ." ކަޝަފް ރޮމުން ރޮމުން ބުނެލިއެވެ.

      ވެގެން އުޅޭ ގޮތެއް ނޭނގި ޞިދްރާ ޙައިރާންވެފައި ކަޝަފާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އެހެން ބުނާކަށް ނުވާނޭ ބުނެ ކަޝަފް ގާތަށް ޖެހިލައި ކަޝަފްގެ ބުރަކަށީގައި ފިރުމާލައެވެ.

"ﷲ އަހަރެމެން ދެކެ ވަރަށް ލޯބިވެ ވޮޑިގެން ވެއެވެ. އަހަރެމެންނަށް އެކަން އިޙްސާސް ނުވަނީއެވެ. އެކަމުގެ ހެއްކަކީ އަހަރެމެންގެ ޙާލަތެވެ. މިޙާލަތަށް އަހަރެމެން ކެތްތެރިވަނީ ކިހާވަރަކަށްކަން އިމްތިޙާން ކުރެއްވުމަށެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. އެކަން ހަނދާން ނައްތައި ނުލާށެވެ." ޞިދްރާ އޭނާގެ ދައްތަޔަށް ނަޞޭޙަތްތެރި ވިއެވެ.

"އެކަން އަހަރެންނަށް އެނގެއެވެ. އެކަމަކު ﷲ އަހަރެންގެ ޢަމަލުތަކަށް ރުހިވޮޑިގެނެއް ނުވެއެވެ. އެހެންނޫންނަމަ އަހަރެންނަށް މި އުނދަގުލާއި ތަކުލީފާ، ތާއަބަދު ކުރިމަތިލާކަށް ނުޖެހޭނެ އެވެ. ﷲ އަހަރެންދެކެ ލޯބިވެވޮޑިގެންވާނަމަ ދިރިއުޅުމުގައި މިދިމާވާ ތަކުލީފްތަކެއް ނުޖައްސަވާނެއެވެ. " ކަޝަފް އޭރުވެސް ހުރީ ރޮވިފައެވެ. އޭނާގެ ހިތުގައިވަނީ ވޭނާއި ތަކުލީފެވެ. އަހަރެންނަށް މިތަކުލީފުތައް މިޖައްސަވަނީ ކީއްވެގެންތޯ ﷲ އާ ސުއާލުކުރުމަށް އަހަރެންގެ ހިތަށް އަރައެވެ." ކަޝަފަށް އެންމެ ފަހުން ގިސްލާފައި ރޮވެން ފެށިއެވެ. ޞިދްރާ، ކަޝަފްގެ ގައިގާ ފިރުމައި އޭނާ މަސަލަސް ކުރެވޭތޯ ބަލަމުން ގެންދިޔައެވެ.

------------------------

ޒަރޫން ގެޔަށް ވަދެގެން ދިޔައިރުވެސް ހުރީ ރުޅިގަނޑު މައިތިރި ނުވެއެވެ. އަތުގެ ނެތްބާރު ލާފައި ދޮރުޖަހައި އޭނާގެ ކޮޓަރިޔަށް މައްޗަށް އަރައިގެން ދިޔައީ ވައިސޯރިއެއް ހެންނެވެ. ޒަރޫން އައިކަން އެނގުމުން، ސާރާ އޭނާއަށް ގޮވައިލައެވެ. ޣަޒާލާއާއި ސާރާ ތިބީ ގޯތި ތެރޭގައި ސައިތަށްޓެއް ބޯށެވެ. އަދި، ސާރާ، ދެޔޯ މަތިން ހަނދާން ކޮށްލިތަނުން ދެޔޯ މިއޮށް އައީއޭ ބުނެ ޒަރޫން އާ މުޚާތަބު ކުރެއެވެ. ޒަރޫން އައިސް ސިޑިމަތީ އިށީންނަމުން، އޭނާގެ ދެޔޯ ކޮއްކޮވެސް މިތާ އެބައިނޭ ބުނެ އެވެ.

ސާރާ އެމެރިކާއަށް ދިއުމަށްޓަކައި މާދަމާ ފުރައެވެ. އޭނާ އެމެރިކާއަށް ދަނީ، ކައިވެންޏަށް ގަންނަން ޖެހޭ ތަކެތި ހޯދައި ބާޒާރު ކޮށްލުމަށްޓަކައެވެ. ސާރާއާ އެކު ފަރްޙާންވެސް އެމެރިކާއަށް ދެއެވެ. އެކަމަކު ފަރްޙާން މިހާރު ހުރީ އެމެރިކާއަށް ގޮހެވެ. ޒަރޫންގެ ވާހަކަ ހުރިގޮތުން ތަފާތުކަމެއް ސާރާ ފާހަގަ ކުރިއެވެ. ކަމަކާ ހާސްވެ ކަންބޮޑުވެފައި ހުރި ކަހަލައެވެ.

ރޭގަނޑުގެ ކެއުމަށްފަހު، ކަޝަފާއި ޞިދްރާ ބޭރުގައިހުރި އުނދޯލީގައި މަޑުކޮށްލައިގެން ތިއްބެވެ. ރާފިޢާ އޭރު ނިދައިފިއެވެ. މަންމަ ގާތު އެއްވެސް ވަރަކަށް އެވާހަކަ ނުބުނަން ޝަރުތުކޮށް ކަޝަފް އޭނާގެ ކޮއްކޮ ޞިދްރާއާ އެދުވަހު، ޔުނިވަރސިޓީގައި ހިނގި ކަންކަން ޙިއްޞާ ކުރިއެވެ. "މަންމަ ނާހާނެއެވެ. އެހިޔަސް ނުބުނާނަމެވެ. މިހާރުވެސް މަންމަ އެހުންނަނީ ފިކުރު ބޮޑުވެގެންގޮސް ހާސް ވެފައެވެ. އެކަމަކު ކަޝަފް ތިހެދީ ރަނގަޅަކަށް ނޫނެވެ. ތިއައީ ބަލި ވެގެންނެވެ." ޞިދްރާ ބުންޏެވެ.

"އަހަރެން ބިރުގަތީއެވެ. އަހަރެންނަށް ކުރާނެ ނުކުރާނެ ކަމެއްވެސް ނޭނގުނެވެ." ކަޝަފް ބުންޏެވެ.

"ދެން އެހެންވީމަ ތިވިސްނަނީ ފޮތްތައް އުކާލައިފާ އައިސް، ގޭގައި އިންނަން ހެއްޔެވެ؟ އެކަމުން ޙާޞިލްވާނީ ކޮން ކަމެއް ހެއްޔެވެ؟" ޞިދްރާ ބުންޏެވެ.

"އެކަމަކުވެސް އެތަނަށްގޮސް އަހަރެން މި އުޅެނީ ވަރަށް އުނދަގޫ ޙާލެއްގައެވެ. އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ. އަހަރެންގެ ދިރިއުޅުމަކީ ޒަރޫންގެ ދިރިއުޅުމާ ހާސްބައި ތަފާތު އެއްޗެކެވެ. ތަންތާ އިށީނުމާ ތެދުވުމާ މިކަންކަމުގައި އަހަރެމެންގެ ވަރަށްބޮޑު ތަފާތު އެބަހުއްޓެވެ. އެއީ އަހަރެމެންނާ އެކަށީގެންވާ ކަންކަމެއް ނޫނެވެ. އެތަފާތަކީ ތެލާއި ފެނާހާ ތަފާތު އެއްޗެކެވެ." ކަޝަފް ބުންޏެވެ.

"އޭނާއާ އެއްދަރަޖަޔަކަށް ދާން ކަޝަފް ތިވިސްނަނީ ކީއްކުރަން ހެއްޔެވެ ؟ ކަޝަފަކީ އޭނާ އާ އެއްފަދަ މީހެއް ނޫނެވެ. ކަޝަފްގެ އަމިއްލަ ގޮތްތަކެއް އެބަހުއްޓެވެ. އެގޮތްތަކުގައި އުނިކަމެއް ނެތެވެ. އުނިކަމެއް ހުރިނަމަ އެއުނިކަމަކީ، މުއްސަނދި ޒަރޫންގެ ވިސްނުމުގައި ހުރި އުނިކަމަކުން އޭމީހުންނަށް ފެނންނަ އެއްޗެކެވެ. އެކަމާ ކަޝަފް ވިސްނާންވީ ކީއްކުރަން ހެއްޔެވެ؟" ޞިދްރާ ބުންޏެވެ.

"އަހަރެންނަކީ ކަޝަފް ނަމަ، ތިގޮތަށް ފިލައިގެންނެއް ނައިމުހެވެ؟ ކަޝަފް އެތަނަށް ތިދިޔައީ، ކިޔަވާށެވެ. ތަޢުލީމު ޙާޞިލް ކުރާށެވެ. ހިލޭ ކިޔެވޭނެ ސްކޯލަރޝިޕްގެ ފުރުޞަތަކީ މަދު ބަޔަކަށް ލައްވާ ނަޞީބެކެވެ. އެއީ ﷲ ދެއްވާ ރަޙުމަތެކެވެ. އެކަން އެއޮތީ ކަޝަފަށް މިންވަރު ކުރައްވާފަ އެވެ. އެއީވެސް ﷲ ކަޝަފް ދެކެ ލޯބިވެވޮޑިގެން، އެކަލާނގެ ކަޝަފަށް ދެއްވި ނިޢުމަތެކެވެ. އެހެންނަމަ، އެޕްލައިކުރި ހުރިހާ ކުދިންނަށް އެ ފުރުޞަތު ލިބޭނެ ނޫން ހެއްޔެވެ؟ އެކަމަށް ކަޝަފް، ﷲ އަށް ޝުކުރުވެރި ވާން ޖެހޭނެއެވެ. އެހެން މީހުން ހަދާ ގޮތާއި ކުރާ ކަމަކާ ބުނާ އެއްޗަކުން، ﷲ ދެއްވި ނިޢުމަތުގެ މަތިން ހަނދާން ނައްތައިލާކަށް ނުޖެހޭ އެވެ. ކަޝަފް ޔުނިވަރސިޓީއަށް ދާށެވެ. އަދި، ކަޝަފް އެތަނަށް ފޮނުވުނު ކަންތައް ޙާޞިލް ކުރާށެވެ. ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި އެކަންކަން ކާމިޔާބު ކުރާށެވެ."

"ހިތްވަރުކޮށްފައި ކިޔަވައި ނިމުމުން، ތި ޔުނިވަރސިޓީއާއި އެކުގައި ކިޔަވަން އުޅުނު ކުދިންނާ ކިޔެވި ފޮތްތައް ކަޝަފާ ވަކިވާނެ އެވެ. އަދި ކަޝަފްގެ މުސްތަޤްބަލް އަލިވެ އުޖާލާ ވެގެން ދާނެއެވެ. އެހެން ހުރިހާ ކުދިންނަށްވުރެވެސް ބޮޑަށެވެ. އަހަރެން މިއަންނަނީ ތުއްތު އިރުއްސުރެ ކަޝަފާ އެކު ބޮޑުވަމުންނެވެ. އަހަރެންނަށް ކަޝަފް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ދަތި ކަންކަމާ ކަޝަފް ކުރިމަތިލާނެއެވެ. ހިތްވަރު ދެރައެއް ނުވާނެ އެވެ. އެކަން އަހަރެންނަށް ހަމަ ޔަޤީނެވެ. އެއީ އަހަރެން ދަންނަ އަހަރެންގެ ދައްތަ ކަޝަފެވެ." ޞިދްރާ އޭނާގެ ދައްތަޔަށް އޮތް އިތުބާރާއި ޔަޤީންކަން ބުނެދިނެވެ.

"އެކަމަކު، އެމީހުންނާ އަހަރެން ކުރިމަތިލާނީ ކޮންގޮތަކަށް ހެއްޔެވެ؟" ކަޝަފް ސުއާލު ކުރިއެވެ.

"މިހާރުވެސް، ދިރިއުޅުމުގެ އެކި ކަންކަމާ ތި ކުރިމަތިލާ ގޮތަށެވެ." ޞިދްރާ ބުންޏެވެ.

ޞިދްރާގެ ބަސްތަކުން ކަޝަފްގެ ހިތްވަރު އިތުރުވެގެން ދިޔައެވެ. އަދި ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ޞިދްރާ އޭނާގެ ދައްތަ ގައިގާ ބައްދައިލިއެވެ. އަދި ރޭގަނޑުގެ ނިންޖާ ކުރިމަތިލުމަށްޓަކައި ދެބެން ގޭތެރެޔަށް ވަދެގެން ދިޔައެވެ.

އަސްމަރާ ގެޔަށް ގޮސް ޒަރޫންއަށް ގެޔަށް ދެވުނުތޯ ބަލައިލަން ފޯނު ކުރިއެވެ. އަދި އޭނާގެ މިޒާޖު ހުރިގޮތެއް ބަލައިލުމަކީވެސް އަސްމަރާގެ ކަމެކެވެ.

"އަހަރެންގެ މިޒާޖު ރަނގަޅު ވާނެހެން ހީވޭ ހެއްޔެވެ؟" ޒަރޫން ބުންޏެވެ.

"އަހަރެން މި ފޯނުކުރީވެސް އެހެން އަހަން ވެގެންނެވެ. ޒަރޫން، އޭނާގެ މައްސަލަ މެނޭޖްމަންޓަށް ހުށަނާލައިފފިނަމަ އަހަރެން އެކަން ކުރާނަމެވެ." އަސްމަރާ ބުންޏެވެ.

"މައްސަލަ ޖައްސައިގެން ވާނީ ކޮން ފައިދާއެއް ހެއްޔެވެ؟" ޒަރޫން ސުއާލު ކުރިއެވެ.

"އޭނާއަށް އެކުރި ކަންތަކުގެ އަދަބު ދޭށެވެ. ކީއްކަން އެކުރެވުނީ އަންގާލަން އެބަ ޖެހެއެވެ. އޭނާއަކަށް އެކަމުން ސަލާމަތެއް ނުވެވޭނެއެވެ." އަސްމަރާ ބުންޏެވެ.

"އޭނާ ދޫކޮށްލާށެވެ! މިހާރުވެސް ފުދޭވަރަށް ވަގުތު ބޭކާރު ކުރެވިއްޖެ އެވެ. އެއީ އެހާ މުހިންމު މީހެއް ނޫނެވެ." ޒަރޫން ބުންޏެވެ. ސަމާރާ އަބަދުވެސް ބުނަމުން ގެންދަނީ އެވާހަކަ ކަމަށް އަސްމަރާ ބުންޏެވެ. އަދި އެއަޑު ޒަރޫން ނާހާތީ އަސްމަރާ ޝަކުވާ ކުރިއެވެ. އެވަރު ކޮށްލާފައި ކަޝަފް ދޫކޮށްލީތީ އަސްމަރާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާނަމަ ކަޝަފްގެ ކަންކަށިމަތީ އެތިފަހަރެއް ޖެހީހެވެ. ޒަރޫންވެސް ބޭނުންވި ގޮތަކީ އެއީ ކަމަށް ބުންޏެވެ.

------------------------

އޭގެ އަނެއް ދުވަހުވެސް ކަޝަފް ހުރީ އެހާސްކަމުގެ ތެރޭގައި ހިތް ނުތަނަވަސް ވެފައެވެ. ވަރުބަލިވެސް ވެފައެވެ. އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އެކަމަކު ޖިސްމާނީގޮތުން ވެސް އޭނާ އެހާ ގިނަ މަސައްކަތެއް ނުކުރެއެވެ. ކުދިންނަށް ޓިޠުޝަނެއްވެސް ނުދެއެވެ. އެކަމަކުވެސް، ހަށިގަނޑުގައި އަދި ނަފްސުގައިވެސް ދިރުމެއް އަދި ހިތްވަރުގެ ކަންފުޅެއްވެސް ނެތެވެ. އަނެއްކާވެސް، ދިރިއުޅުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ކަޝަފަށް ތަރުޖަމާ ކުރެވުނެވެ. އަދި އޭނާގެ ދިރިހުރުން ތަކުލީފަކަށް ބަދަލު ވެއްޖެ އެވެ.

ދިރި ދުނިޔޭގައި ހުންނައިރު، އެދިމާވި މުޞީބާތަކީ އޭނާގެ ޙަޔާތުގެ އެންމެ ފަހު މުޞީބާތްކަމަށް ކަޝަފް އުއްމީދު ކުރިއެވެ. މިއަށްވުރެ ބޮޑު މުޞީބާތެއް ﷲ އިރާދަ ކުރެއްވިއްޔާ ކަޝަފަށް ދެން ދިމައެއް ނުވާނެއެވެ. އެކަމަކު އެއީ ރަނގަޅަކަށް ކުރިމަތިވި މުޞީބާތެއް ނޫނެވެ. އަހަރެން އިންތިހާއަށް ކެތްކުރީމެވެ. މިއަދު ލިބުނު ވަރުގެ ނިކަމެތިކަމެއް ދުވަހަކުވެސް އަހަރެންނަށް ތަޖުރިބާ ކުރެވިފައެއް ނުވެއެވެ. ދެން އެފަދަ ކަމެއް އަހަރެން، އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަކަ ނުދޭނަމެވެ. ފުރަތަމަ ދުވަހުވެސް، ޒަރޫންއަކީ ރަނގަޅު މީހެއް ނޫންކަން ކަޝަފް ދެނެގަތެވެ. އަހަރެންނަށް، ޒަރޫންއަށް ގެއްލުމެއް ދެވުނުކަމުގެ އިޙްސާސް ކުރެވުނެވެ. މިއަދު، އެކަން އެއޮތީ ކުރެވިފައެވެ. ކަޝަފްގެ ޑައިރީގައި މިހުރިހާ ވާހަކައެއް ލިޔަމުން ދިޔައިރުވެސް، އޭނާގެ ލޮލުން ހުރީ ކަރުނަ ފާއްދާ ލާފައެވެ. ހިތުގައި ވަނީ ވޭނާއި ރިހުމެވެ. ސިކުނޑިވަނީ ހާސްކަމުން ފުރިފައެވެ.

------------------------

ސާރ އަބްރާރު، އޭނާގެ ކެބިންއަށް ޒަރޫން ޙާޟިރު ކުރި ދުވަހެކެވެ. އަދި ކަޝަފާއި ޒަރޫންއާ ދެމެދު ޖެހުނު މައްސަލަ ސާފުކޮށްދޭން ސާރ އަބްރާރު ޒަރޫން ގާތު ބުނެ އެވެ. އެއްވެސް ކަމެއް ނުހިނގާކަމަށް ޒަރޫން ބުނެއެވެ. އެހެންނަމަވެސް، ކޮންމެވެސް ކަމެއް ހިނގައިފިކަމުގައި ސާރ އަބްރާރު ބުނެއެވެ. އެވާހަކަ ސާރ އަބްރާރު ގާތު ބުނީ ކާކުތޯ ޒަރޫން ސުއާލު ކުރެއެވެ. ކޮންމެ މީހަކު ބުނިކަމަށް ވިޔަސް، އަބްރާރުގެ ސުއާލަށް ޖަވާބު ދިނުމަށް އަބްރާރު އެދުނެވެ.

"ކަޝަފް އަހަރެންނާ ބޭއަދަބީ ގޮތުން އެއްޗެތި ގޮވީއެވެ."

ޒަރޫންގެ ޖަވާބު ނުނިމެނިސް، އެއީ ކީއްވެގެންތޯ އަބްރާރު ސާރ ސުއާލު ކުރިއެވެ. އަދި އެސުއާލު ކަޝަފާ ކުރުމަށް ޒަރޫން ބުނެއެވެ. އެހެންނަމަވެސް އޭނާ އެސުއާލު ކުރަނީ ޒަރޫން އާ ކަމަށް އަބްރާރު ބުނެއެވެ. އަދި ސުއާލުކުރަން ޖެހިއްޖިއްޔާ ކަޝަފާވެސް ސުއާލު ކުރާނެކަމަށް އަބްރާރު ބުނެއެވެ.

"އަހަރެމެން ވާހަކަ ދައްކަން ތިއްބާ ކަޝަފް އައިސް ހަޅޭއްލަވަން ފެށީއެވެ." ޒަރޫންގެ ޖަވާބު ނުނިމެނިސް، ހަޅޭއްލަވާނީ ސަބަބެއް އޮވެގެން ކަން އަބްރާރު، ޒަރޫންއަށް ހަނދާން ކޮށްދެއެވެ.

"އެއްވެސް ސަބަބެއްނެތި، މީހަކު ހަޅޭކެއް ނުލަވާނެ އެވެ. މީހަކަށް ތަކުލީފެއް ލިބުނީމަ އަޑުގަދަކޮށް ހަޅޭއް ލެވޭނެއެވެ." ރުޅި އައިސް އިނދެ އަބްރާރު ޖަވާބު ދިނެވެ.

"އަހަރެން އޭނާއަށް ތަކުލީފެއް ޖައްސަންވީ ކީއްކުރަން ހެއްޔެވެ ؟ އަހަރެންނެއް އޭނާގެ ކަންކަމަކާ ނުވިސްނަމެވެ." ޒަރޫން ބުންޏެވެ.

"އޭނާގެ ކަމަކާ ޒަރޫން އެއް ނުވިސްނައެވެ. އެކަމަކު އެމައްސަލަ އުފެދުނީ އަދި ހަޅޭއްލަވަން ޖެހުނީވެސް ޒަރޫންގެ ސަބަބުންނެވެ." އަބްރާރު ބުންޏެވެ.

"އަހަރެން ކަޝަފަށް އުނދަގޫ ނުކުރުމަށް ޒަރޫންއަށް އޮންނާނީ އިންޒާރު ދީފައެވެ. އެކަމަކުވެސް މަޑެއްކޮށެއް ނުހުރެވުނެވެ." އަބްރާޜު ދަތްކުނޑި ވިކާފައި ޒަރޫންއާ ދިމާއަށް ބުންޏެވެ.

އަބްރާރު ގާތަށް އައިސްހުރި ރުޅީގެ އިޙްސާސް ޒަރޫންއަށް ކުރެވުނެވެ. އަބްރާރު އިނީ އިސްދަށަށް ޖަހައިގެން ޒަރޫންއާ ދިމާއަށް ބަލައިލަންވެސް ބޭނުން ނުވެފައެވެ. ޒަރޫން ރާޑިވެފައި އިނދެ ގަތް  ލަދުން މަޑުމަޑުން ގޮނޑިން ތެދުވެގެން ކޮޓަރިން ނުކުތެވެ. ޒަރޫން ނުކުތް އިރު އަބްރާރު އިނީ ޒަރޫން އާ ދިމާއަށް ދެލޯ އަޅައިގެން ރުޅިއައިސް ރަތް ވެފައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.