(15 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
“ކަޝަފް އެވެ! މިވަގުތު ކަޝަފް ތިހުރީ އަހަރެންގެ ޒިންމާގެ ދަށުގައެވެ. ކަޝަފް ގެޔަށް ލުމަކީ އަހަރެންގެ ޒިންމާ އެކެވެ. ރޭގަނޑުގެ މި ލަސްގަޑީގައި ކަޝަފް ، މަގުމައްޗަށް ދޫކޮށްލާފައި އަހަރެންނަކަށް ނުދެވޭނެއެވެ. ކާރުގައި އިށީންނާށެވެ." ހަދާނެގޮތް ބޮޑުވެގެން ގޮސް ޒަރޫން ، ކަޝަފަށް އާދޭސް ކުރަމުން ގެންދިޔައެވެ.
“ކާރުގައި އިށީންނާށެވެ!" ޒަރޫން ރުޅިވެރިކަމާއެކު ކަޝަފަށް އަމުރު ކުރިއެވެ.
ކަޝަފް ވެސް ކުރާނެކަމެއް ނޭނގި ، ރުޅި އައިސް ހުރެ ، ކާރަށް ފަހަތު ޝީޓަށް އަރައި އިށީނދެ ބާރަށް ދޮރު ޖެހިއެވެ. ޒަރޫންވެސް ހުރީ ރުޅި އައިސް ރަތް ވެފައެވެ. ކާރަށް އަރާ ، ރުޅިގަނޑު އެތެރެޔަށް ދުއްވާލައި ، އަތުގައި ނެތްބާރު ލާފައި ދޮރުޖެހިއެވެ. އަދި ހަމަޖެހިލަން އިރުކޮޅަކު އިނދެ ފުން މާނޭވާއެއްލައި ކާރު ދުއްވާލިއެވެ.
“އެންމެ ދެރަވެގެން ޝުކުރިއްޔާއޭ ބުނެލާންވެސް ކަޝަފްގެ ހިތެއް ނޭދެއެވެ. އަހަރެން އައީ ހަމަ އެކަނި ، ކަޝަފް ގެޔަށް ލައިދޭންކަން މިހާރު ކަޝަފަށް އެނގޭނެއެވެ." ޒަރޫން ބުންޏެވެ.
“އަހަރެންނަކީ ޒަރޫންގެ ހިތުގައިވާ މީހެއް ނޫނީމެވެ. ޒަރޫންގެ ހިތުގައި އޮތް އެއްޗެއް އެނގޭނީ އެހެންނަމަ ތާއެވެ." ކަޝަފް ޖަވާބު ދިނެވެ. އަދި ޒަރޫންއަށް ޝުކުރު އަދާ ކުރިއެވެ.
“އަދި އެއް ވާހަކަ ބުނަން އެބަ އޮތެވެ. މިއީ އަހަރެންގެ މުޅި ޙަޔާތުގައިވެސް ދިމާވި އެންމެ ގޯސް ދަތުރެވެ." ޒަރޫން ބުންޏެވެ،
“މިއީ އަހަރެންގެ ޙަޔާތުގައިވެސް ދިމާވި އެންމެ ގޯސް ދަތުރެވެ." ކަޝަފްވެސް ޖަވާބު ދިނެވެ. އަދި ، މަޑުކޮށްލުމެއްނެތި ގޭތެރެޔަށް ވަދެގެން ދިޔައެވެ.
ކަޝަފް ގެޔަށް ވަންނަންދެން ، ޒަރޫން ކަޅިޖަހައިނުލާ ކަޝަފާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ޒަރޫން އިނީ ރުޅި އައިސް ރަތްވެފައެވެ. އަދި ހަމަ އެއާއެކު ހާސްވެ ކަންވެސް ބޮޑުވެފައެވެ. ކަޝަފް އޭނާގެ ކާރަށް އަރުވައިގެން ، ގެޔަށް ލައިދޭން އަންނަން ނިންމި އިރު އެހާ ބޮޑު ކަންތައްގަނޑެއް ހިނގާފާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެކަމަކުވެސް ، އޭނާގެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ، ހިންދިރުވައިލާފައި މާނޭވާއެއް ލިއެވެ. އޭނާގެ އުއްމީދު އަދި ފަނޑެއް ނުވެއެވެ.
ކަޝަފް ގޭތެރެޔަށް ވަދެގެން އައި އިރު ، ރާފިޢާ ކަޝަފްގެ އިންތިޒާރުގައި މަޑުކޮށްގެން އިނެވެ. ކަޝަފަށް އެހާ ލަހުން އާދެވުނީމަ ރާފިޢާ ހުރީ ކަން ބޮޑުވެފައެވެ. ކާރެއް ނުލިބިގެން ލަސްވީ ކަމުގައި ކަޝަފް ބުނެއެވެ. ރާފިޢާއަށް އެނގިފައިވާ ގޮތުގައި ކަޝަފް ދިޔައީ މާރިއާ އާ އެކުގައެވެ. މާރިއާއަށްވެސް ދެވޭނެގޮތެއް ނެތިހުރެފައި ރައްޓެއްސަކާ އެކީ ގެޔަށް ދިޔައީއެވެ. ޒަރޫން އާއެކީ ގެޔަށް އައި ވާހަކަ ބުނާކަށް ކަޝަފް ބޭނުމެއް ނުވިއެވެ. އެއީ މަންމަ ކަންބޮޑުވާނެ ކަމެއްކަން ކަޝަފަށް އެނގެއެވެ.
“އެހެން ވިއްޔާ ދަރިފުޅުއައީ ކާކާ އެކުގައި ހެއްޔެވެ؟" ރާފިޢާ ސުއާލު ކުރިއެވެ. މަންމަގެ ސުއާލަށް ޖަވާބު ދޭނީ ކޮން ގޮތަކަށް ކަން ކަޝަފަކަށް ނުވިސްނުނެވެ. ތެދަށް ބުނާނީ ހެއްޔެވެ؟ ނުވަތަ ދޮގެއް ހަދާނީ ހެއްޔެވެ؟
“އަހަރެން އައީ ކްލާސް ކުއްޖަކާ އެކީގައެވެ." ނުބުނަން ހުރެފައި ކަޝަފް ބުންޏެވެ.
“ފިރިހެން ކުއްޖެއް ހެއްޔެވެ؟" ރާފިޢާ ، ކަޝަފާ ސުއާލު ކުރިއެވެ. މަންމަގެ އެސުއާލަށް ، ބިރުންހުރެ އާއނއެކޭ ބުނެ ކަޝަފް ޖަވާބު ދިނެވެ.
“އެކަމަށް އިޢުތިރާޒް ކުރަން ޖެހޭނެއެވެ. މި އަވަށުގައި ، ރޭގަނޑު ލަސްވީމަ ފިރިހެންކުދިން އައިސް އަންހެންކުދިން ގެޔަކަށް ލަޔެއް ނުދޭނެއެވެ. ތިޔަކުރީ ވަރަށް ދެރަ ކަމެކެވެ." ރާފިޢާ ބުންޏެވެ.
“މަންމާއެވެ! އަހަރެންނަށް އެކަން އެނގެއެވެ. އެކަމަކު ، ކާރުގައި އައީ އަހަރެން އެކަންޏަކު ނޫނެވެ. އެހެން އަންހެން ކުއްޖަކުވެސް ކާރުގައި އިނެވެ."
"އެހެންކަމަށްވިޔަސް ، ފިރިހެން ކުއްޖަކާއެކު އެހާ ލަހުން ރޭގަނޑު ގެޔަށް އައިސްގެން ނުވާނެއެވެ. މީގެ ފަހުން އެކަން ހަނދާނުގައި ބަހައްޓައްޗެވެ. މިހާރު މާ ލަސް ވެއްޖެއެވެ. ދެން ، ނިދަން އޮށޯންނަން ދާށެވެ." ރާފިޢާ ބުންޏެވެ.
ކަޝަފް ހުރީ އެކުރެވުނު ކަންތަކާމެދު ކަން ބޮޑުވެ ތުން ފިއްތައިގެންނެވެ. ޒަރޫންއަށް އޭނާގެ ހިތުން ލަޢުނަތް ދިނެވެ. މަންމަގެ ކުރިމަތީގައި ކަޝަފް އެވަނީ ފަޟީޙަތް ވެފައެވެ. މިހުރިހާ ކަމަކީވެސް ޒަރޫންގެ ސަބަބުން ކުރިމަތިވި ކަންކަމެވެ.
ޒަރޫން ގެޔަށް ދިޔަ މަގުމަތީގައި ކާރު ދުއްވަމުން ގެންދިޔައިރުވެސް އިނީ ރުޅި އައިސްފައެވެ. ކަން ބޮޑުވެފައެވެ. ހާސް ވެފައެވެ. އޭނާއަށް ނުވާކަމެއް ނެތެވެ. ކުއްލިޔަކަށް ފޯނު ވިއެވެ. އެއީ އަސްމަރާގެ ފޯނެކެވެ. އެންމެ ފުރަތަމަވެސް ، އަސްމަރާ އެހީ ޒަރޫން އެހުރީ ކޮންތާކުތޯ އެވެ. ކަޝަފް ގެޔަށް ލާފައި އޭނާގެ ގެޔަށް ދަނީއޭ ޒަރޫން ބުންޏެވެ. ހަމަ އެއާއެކު އެހާލަސްވީ ކީއްވެތޯ އަސްމަރާ ސުއާލު ކުރިއެވެ.
“އަހަރެން މިދުއްވަނީ މަތިންދާ ބޯޓެއް ނޫނެވެ. ކާރެކެވެ." ޒަރޫން އަށް ވެރިވެފައިވާ ހިތްހަމަ ނުޖެހުން ގަނޑާއެކު އަސްމަރާއަށް ޖަވާބު ދިނެވެ. ރުންކުރު ގޮތަކަށެވެ.
“ކަޝަފް ގެޔަށްލައިދިނުމާ ޒަރޫން ޙަވާލުވާންވީ ކީއްކުރަން ހެއްޔެވެ؟" އަސްމަރާ ހިތްހަމަނުޖެހިފައި ހުރެ ސުއާލު ކުރިއެވެ.
“އަސްމަރާއެވެ! މާރިއާ އަހަރެން ގާތަށް އައިސް އެކަމަށް އެދުނީއެވެ. އެއީ އަހަރެން އަމިއްލަޔަށް އެދިގެން ، ފެނިގެން ކުރި ކަމެއް ނޫނެވެ. އޭނާއަށް އަހަރެން އިޙްތިރާމް ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟" ޒަރޫން ޖަވާބު ދިނެވެ.
" ކޮންމެ ކަމެއްގައިވެސް ޙައްދެއް އޮންނާނެއެވެ. އެއީ ޒަރޫންއަށް ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ކަޝަފްގެ ޢަމަލުތައް ނިކަން ދެކި ބަލާށެވެ! ހީވީ ކަޝަފްގެ ކާރުގައި ޑްރައިވަރަކަށް ވެގެން ޒަރޫން ކާރު ދުއްވަނީ ހެންނެވެ." އަސްމަރާގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.
އެކަމާބެހޭގޮތުން އަސްމަރާގެ ހިތްހަމަ ނުޖެހުން އިންތިހާއެވެ. އަދި މީގެ ފަހުން ، ކަޝަފަށް އެއްވެސް ކަމެއް ކޮށްދީގެން ނުވާނެކަމަށް އަސްމަރާ ބުނެއެވެ.
“އެއީ އަހަރެން ކަންކަން ކޮށްދޭނެ ކަހަލަ ކުއްޖެއްހެން އަސްމަރާއަށް ހީވޭ ހެއްޔެވެ؟ އަސްމަރާއަށް ތިހެން ތި ހީވަނީ ކީއްވެގެން ހެއްޔެވެ؟" ޒަރޫން ބުންޏެވެ.
“އަހަރެން މިބުނީ އަހަރެންނަށް ފެންނަ އެއްޗެކެވެ. އަހަރެންގެ ހިތަށް އިޙްސާސް ވާ ކަމެއްގެ ވާހަކަ އެވެ." އަސްމަރާ ބުންޏެވެ.
އެހިސާބުން އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވާތީ ޒަރޫން ފޯން ކަނޑާލައެވެ. އެއްކޮޅުން ކަޝަފެވެ. ކަޝަފްގެ ކަންތަކާ ހުރެ އޭނާގެ ހިތަށް ކޮށްފައިހުރި އަސަރާއެކު އިނީ ބޯ ގޮވާފައެވެ. އަނެއްކޮޅުން އަސްމަރާއެވެ. ކުދި ކުދި ކަންކަންވެސް ބޮޑު ކަންތައް ގަނޑަކަށް ހަދައިގެން އަބަދު މައްސަލަ އުފައްދަނީއެވެ.
------------------------
އެނދުގައި ޖައްސާލައިގެން އޮވެ އޮވެ ޒަރޫނަކަށްވެސް ނިދި އަންނަ ގޮތެއް ނުވިއެވެ. ދެއަތްމަތީ ބޯ އަޅާލައިގެން ފުން ވިސްނުމެއްގެ ތެރެޔަށް ގެއްލިފައި އޮތެވެ. ޒަރޫންގެ ޙަޔާތުގައި ކަޝަފް ކަހަލަ އެތައް ކުދިންނަކާ ދިމާވެފައި ވެއެވެ. އެހެންނަމަވެސް ، ކަޝަފް ކަހަލަ ބޮޑާ ކުއްޖަކާ ދިމަލެއް ނުވެއެވެ. ކަޝަފް ގޮތް ދޫނުކޮށް ބޮޑާވާންވީ ކޮންކަމަކާ ހުރެ ހެއްޔެވެ؟ ކަޝަފް އެއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ފިރިހެން ކުއްޖަކާއެކު ، ކާރުގައި ދަތުރުކޮށްލުން މައްސަލަޔަކަށް އެބަ ވެއެވެ. ނޫނީ ، ޒަރޫންގެ ކާރަށް އަރަން ބޭނުން ނުވަނީ ހެއްޔެވެ؟ މިޒަމާނުގައި އެއީ އަޚުލާޤީ ގޮތުން ކޮން މިންގަނޑަކުން މިނެވޭނެ ކަމެއް ހެއްޔެވެ؟ އަގެއްހުރި މީހެއްނަމަ ތާއެވެ! ފިރިހެން ކުދިން ބަލަނީ ޖަނަވާރުންގެ ގޮތުގައެވެ. ޒަރޫންގެ ލޯމެރެންދެން ކަޝަފާ ގުޅޭ ތަފާތު ޚިޔާލުތަކުން އޭނާގެ ހިތުގެ ނުތަނަވަސްކަން ކުރިޔަށް ދިޔައެވެ.
ކަޝަފަށް ވެގެންވީ ނަމަ ޒަރޫންއާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވޭނެއެވެ. ޒަރޫން އެއުޅެނީ ކީކޭ ހިތާ ހެއްޔެވެ؟ ދެން އެހެން މީހުންނެވެ. ގެޔަށް ލައިދޭންވީމަ އެވަރުވެސް ކޮށްލަ ދޭނެ ކުއްޖަކު ނެތެވެ. ގޯސް ހެދުނީ ކަޝަފަށެވެ. ކަޝަފް އެތަނަށް ދާނެކަމެއް ނެތެވެ. އެކަހަލަ ތަންތަނަށް ދިއުމުގެ ކުރިން ތިމާގެ އަމިއްލަ ޙާލަށް ވިސްނައި ނުލެވުނީއެވެ. އެއީ މުއްސަނދިންގެ ދަރިންގެ މާޙައުލެކެވެ. ކަޝަފްމެން ކަހަލަ ނިކަމެތިން ދާންވާ ކަހަލަ ތަންތަނެއް ނޫނެވެ. ކޮންސެޓާއި ރޭގަނޑުގެ މަޖާކުރުން އަދި އިޖްތިމާޢީ ބައްދަލުވުންތައް އެއީ ކަޝަފްމެންނާ އެކަށީގެންވާ ކަންކަމެއް ނޫނެވެ. އަމިއްލަ ޙާލަށް ނުވިސްނާ ، އެކަހަލަ ތަންތަނަށް ދާން އުޅެންޏާ ދިމާވާނީ އެރޭ އެދިމާވި ކަހަލަ ، އަބުރު ގެއްލޭފަދަ ބޭ އަދަބީ ޙާލަތް ތަކެވެ. ކަޝަފް ގެއިން ނުކުންނާނެކަމެއް ނެތެވެ. އަމްދުން އެކަހަލަ ބޭ އަދަބީ އެއްވުން ތަކަށެވެ. ދެން އޮތީ ކާރުގެ ވާހަކަ އެވެ. އެންމެ ދެރަވެގެން ސައިކަލް ގަނޑެއްހާ ހިސާބުވެސް އަތުގައި ނެތެވެ. ބައްޕަގެ ފިރިހެން ދަރީގެ އަތުގައިވެސް ސައިކަލެއް އެބަ ހުއްޓެވެ. ކަޝަފް މެންނަށް ދުއްވާ އެއްޗެއް ލިބޭނީ ހުވަފެނުގައެވެ. އެހެން ނޫނީ އެފަދަ އެއްޗެއް އަންނާނީ ކޮންތާކުން ހެއްޔެވެ ؟ ކަޝަފް ބޭޒާރުކޮށް ލަދުގަންނުވާލާފައި ޒަރޫން އެ ދިޔައީ ނޫން ހެއްޔެވެ؟ ކަޝަފްގެ ޑައިރީގައި ލިޔެލާނެ ކިތަންމެ ފިލާވަޅެއް އެރޭގެ ޙާދިސާއިން ކަޝަފަށް ފެނެއެވެ. އެހެންނަމަވެސް އެހިސާބުން ލިޔުން ނިންމާލައެވެ.
------------------------
ޔުނިވަރސިޓީއަށްގޮސް ލައިބްރަރީއަށް ވަދެ ، ފޮތެއް ހޯދުމުގެ މަސައްކަތް ، ކަޝަފް ކުރަމުން ގެންދެއެވެ. ކުއްލިޔަކަށް އެތަނަށް ޒަރޫން އާދެއެވެ. އަދި ކަޝަފަށް ސަލާމް ގޮވައިލައެވެ. ކަޝަފް ، ޒަރޫން އަށް ޖަވާބެއް ދޭކަށް ބޭނުމެއް ނޫނެވެ. ކަޝަފް އެތަނުން ދުރަށްގޮސް އެހެން ރެކަކުން ފޮތެއް ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ފަހަތުން އަނެއްކާވެސް ޒަރޫން އައިސް ކަޝަފަށް ގޮވައިލައެވެ. ޒަރޫންއާ ދިމާއަށް ބަލައިލުމަށްފަހު ، ކަޝަފް ފުން މާނޭވާއެއް ލައެވެ. ކަޝަފްގެ ކުރިމައްޗަށް ޒަރޫން އައުމަކީ ، އޭނާ ބޭނުންވާ ކަމެއް ނޫނެވެ. ޒަރޫން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ކަޝަފްގެ ކިބައިން މަޢާފަށް އެދެއެވެ. އެވަގުތު ކަޝަފް ކުރީ ސުއާލެކެވެ. މިހާރު އަނެއްކާ މަޢާފަށް އެދެނީ ކޮންކަމަކާ ހެއްޔެވެ؟ އިއްޔެރޭ ޒަރޫންއަށް ކަންތައް ކުރެވުނު ގޮތުންކަމަށް ޒަރޫން ބުނެއެވެ. އެއީ މައްސަލައެއް ނޫންކަމަށް ބުނެ ކަޝަފް ޖަވާބު ދެއެވެ.
“ކަޝަފް ގެޔަށް ލައިދުނުމާ ބެހޭގޮތުން ، ކަޝަފް ދެއްކީ ރަނގަޅު ވާހަކަތަކެއްކަމަށް އަހަރެންނަށް އެނގި އެކަން އިޙްސާސް ކުރެވިއްޖެ އެވެ." ޒަރޫން ބުންޏެވެ.
“އެކަން އިޙްސާސްވާން ހާދަ އިރެއްޖެ ނަގައިފި އެވެ. އެހެންނެއް ނޫން ހެއްޔެވެ؟" ކަޝަފް ސުއާލު ކުރިއެވެ.
“އެކަން އޮތީ އެހެންނެވެ. އެކަމަކު އިޙްސާސް ވެއްޖެ ނޫން ހެއްޔެވެ؟" ޒަރޫން ބުންޏެވެ.
“އެހެން ނޫނަސް އަހަރެންގެ ހިތުގައި ކަޝަފަށް ޤަދަރު ކުރެވެން ފަށައިފިއެވެ." ޒަރޫން ބުންޏެވެ. އެހިނދު އެއީ ކީއްވެތޯ ކަޝަފް ސުއާލު ކުރެއެވެ.
“ވަކި ޚާއްޞަ ކަމެއް ނެތެވެ. އެއް އިންސާނަކު އަނެއް އިންސާނަކަށް ވަކިކަމަކާ ނުލާއިވެސް ޤަދަރު ކުރެވިދާނެ ނޫން ހެއްޔެވެ؟" ޒަރޫން ބުންޏެވެ.
“އަންހެންކުދިން ހައްލައިލަން ހާދަ އަވަސްވެފައި ކުދާނައެވެ." ކަޝަފް ބުންޏެވެ.
ކަޝަފަކީ ، ކަންކަން ނަގައިގަނެ ބަލައިގަތުމުގައި ކުޅާދާނަ މީހެއްކަމަށް ޒަރޫން ބުނެއެވެ.
“ތިއީ ތިވާހަކަ އަހަރެންގާތު ބުނި ފުރަތަމަ އިންސާނާއެވެ. އަހަރެން މިހާތަނަށް އެކަން ހޯދާކަށް މަސައްކަތެއް ނުކުރަމެވެ." ކަޝާފް ބުންޏެވެ.
“އެހެން ހެއްޔެވެ؟ އެހެންވިއްޔާ އަހަރެންނަށް އެވާހަކަ ބުނެވުނުކަން ކިހާ ރަނގަޅު ހެއްޔެވެ؟ ކަޝަފްގެ އުފަންދުވަހަކީ ކޮބައި ހެއްޔެވެ؟" ޒަރޫންގެ އެސުއާލު އެއްކޮށް ނުނިމެނިސް އެއީ ކީއްކުރަން ހެއްޔޭ ބުނެ ކަޝަފް ސުއާލު ކުރެއެވެ.
(ނުނިމޭ)