ދެކަފި - 75

(29 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން ހީކުރިގޮތުގައި ، ކަޝަފްގެ ލޮލުން ފައިބަމުންދިޔަ ކަރުނަޔަކީ އޭނާއަށްޓަކައި ކަންބޮޑުވެގެން ކުރި އަސަރެއްގެ ކަރުނައެވެ. އެހެންނަމަވެސް އެއީ ވަކި ކަމެއްވެގެން ރޮވުނު ރޮވުމެއްކަން ނޫންކަން ކަޝަފް ސާފު ކޮށްދިނެވެ. ޒަރޫން ދިއުމުން ކަންބޮޑުނުވެދާނެކަމުގައި ބުނާކަށްވެސް ކަޝަފް ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް ، ކަޝަފް އެކަމަށް އެއްބަސްނުވާނެކަން ޒަރޫންއަށްވެސް އެނގެއެވެ.

" ދަރިފުޅާއެވެ ! ޒަރޫންއަށްވެސް ކާނާ ތައްޔާރުކޮށް ކައްކައިދީ ހަދައްޗެވެ. " ރާފިޢާ ބުންޏެވެ.

" މަންމާއެވެ ! ޒަރޫންއަކީ ކެއުމައިގެން އެހާބޮޑަށް އުޅޭ މީހެއް ނޫނެވެ. އެހެން ނޫނަސް ، އެގޭގައި ހުރިހާ އެއްޗެއް ކައްކައި ހަދަނީ ކައްކާ މީހެކެވެ. " ކަޝަފް ޖަވާބު ދިނެވެ.

ކެއުމަކީ އެކި ފިރިހެނުން އެކިގޮތަށް ނަގާ ކަމެކެވެ. އަންހެނުން ކައްކާފަ ކާންދެއްޏާ އެކަމަށް ފިރިހެނުންގެ ޝަޢުޤު އުފެދޭނެއެވެ. އަންހެނުން ކައްކާ އެއްޗެތި ކެއުމުގެ ޝަޢުޤު ފިރިހެނުންގައި ނުއުފެދެނީ ، އަންހެނުން ކައްކާފަ ކާން ނުދޭތީއެވެ. ރާފިޢާގެ ތަޖުރިބާއިން ކަޝަފް ފިލާވަޅެއް ދަސްކޮށްދިނެވެ.

ކަޝަފްގެ އަމިއްލަ ދެއަތުން ކައްކައި ކާންހަދައިދޭ ކަމަށްވަންޏާ އެއީ ޒަރޫން އުފަލުން ބަލައިގަންނާނެ ކަމެކެވެ. އެކަމަކު ޒަރޫންއަށް ކައްކާފަ ކާންދެވޭކަހަލަ މާޙައުލެއް ، ކަޝަފަށް ލިބިގެންނެއް ނުވެއެވެ. ޒަރޫންމެންގޭގައި ބަދިގެޔަށް ވަނުމަށް ޒަރޫންގެ މަންމަ ކަޝަފަށް ހުއްދައެއް ނުކުރާނެއެވެ. އެހެން ނޫނަސް ކަޝަފަކީ އެހާ މީރުކޮށް ކައްކަން އެނގޭވެސް މީހެއް ނޫނެވެ. ކައްކާ އެއްޗެތި މީރުނުވިޔަސް ، އަނބިމީހާގެ ދެއަތުން ކައްކާފަ ކާންދެންޏާ އެކަން ފިރިމީހާ ބަލައިގަންނާނެއެވެ. އެނޫން އެއްޗެއް ކާން ބޭނުންނުވާ ހިސާބަށް އެކަން ދާނެއެވެ. ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން ފިރިމީހާއަށް ކައްކާފަ ކާންދިނުމަކީ އެންމެ މުހިންމު އެއްކަމެވެ. ދެމީހުން ކޮންމެ ތާކަށްގޮސް ކޭނަމަވެސް ، އެއާދަ ޒަރޫންގެ ކިބައިގާ އުފެއްދިއްޖެނަމަ ، ކަޝަފްގެ ދެއަތުން ކައްކާފަ ކާންދޭ ކާނާމަތިން ހަނދާން ވާނެއެވެ.

ޒަރޫންމެންނަކީ ، މުއްސަނދި ބަޔެކެވެ. އެމީހުންނަށް ، ކޮންކޮން ޤައުމަކުން ކޮންއެއްޗެއްކަމެއް ކެވުނީކަންވެސް ހަނދާނެއް ނުހުންނާނެއެވެ. ކަޝަފްގެ އަތުން ކައްކާފަ ކާންދޭ އެއްޗެއްގެ މަތިން ހަނދާން ވާނީ ކޮންގޮތަކުން ހެއްޔެވެ ؟

މައްސަލައެއް ނެތެވެ. ރާފިޢާގެ ނަޒަރިއްޔާތު އެކަމުގައި ކަޝަފާ ތަފާތެވެ. އެކަހަލަ ކަންކަމުގެ ތެރެޔަށް ވިސްނުން ހިންގާކަށް ކަޝަފަކަށް އަދި ނޭނގޭނެއެވެ. އެމީހުން ނުދާ ޤައުމެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ނުކާ އެއްޗެއް ދުނިޔޭގައި ނެތުންވެސް އެކަށީގެންވެއެވެ. އެތައ އަންހެންކުދިންނެއް ދަންނާނެއެވެ. އެކަމަކު ހަނދާން ކުރުމާއި ވަކިކުރުމުގެ އިޙްސާސް އެމީހުންގައިވެސް ހުންނާނެއެވެ. އެއީ އިންސާނީ  އާދައެވެ. އެކަންކަން މިނެކިރައި ވަޒަންކޮށް ފާހަގަކޮށް ، ރަނގަޅާއި ނުބައި ވަކިކޮށް ދެނެގަންނަން އެމީހުންނަށް އެނގޭނެއެވެ. އެހެން ނޫންކަމަށްވަންޏާ ކަޝަފްމެންގެ އެގެޔަށް އެމީހުންގެ ނަޒަރު ހުއްޓުނީ ކީއްވެ  ހެއްޔެވެ؟ މިއަދު ، ކަޝަފަކީ ޒަރޫންގެ އަނބިމީހާއެވެ. އެކަން އެހެން އެވީ ކަޝަފްގެ ކިބައިގާ އެހެން މީހުންނާ ތަފާތުކޮށް ހުރި ކަންތައްތަކެއް ޒަރޫންއަށް ފާހަގަ ކުރެވިގެންނެވެ. މަންމަ އެދައްކަނީ ހެޔޮ ވާހަކައެއްކަން ކަޝަފަށްވެސް އިޙްސާސް ވިއެވެ. އެކަހަލަ އިޙްސާސަކީ ކޮތަންމެ ވަރަކަށް މަންމަ ދެއްކިޔަސް ، ކަޝަފަށް ލިބޭ އިޙްސާސެއް ނޫނެވެ. މަންމަ އެދައްކަނީ ރަނގަޅު ވާހަކަކަން ، ޒަރޫންގެ ޢަމަލުތަކުން ކަޝަފަށް އެދަނީ ހެކިކޮށް ދެމުންނެވެ. އެހެން ވީމާ އެވާހަކަތައް ޤަބޫލު ނުކުރާނެކަމެއްވެސް ނެތެވެ. އެއީ މޮޔައިންގެ ކަމެކެވެ.

------------------------

ކަޝްފްމެންގެއިން ޒަރޫން ގެޔަށް އައިސް ވަތްތަނުން ފުރަތަމަވެސް ދިމާވީ ޣަޒާލާއާއެވެ. ޒަރޫން ހުރީ ވަރަށް ހަމަޖެހިފައެވެ. އުފަލުންނެވެ. ޒަރޫންގެ ދިރިއުޅުމުގައި ތަޖުރިބާކުރަމުން އަންނަ ކަންކަމަކީ ޣަޒާލާގެ ވިސްނުމާ ސިއްރުން ހިނގަމުންދާ ކަންކަމެވެ. އެހެން ގެޔެއްގައި ދުވަހަކުވެސް ޒަރޫން ނިދާފައެއް ނުވެއެވެ. އެހެންނަމަވެސް ، ކަޝަފްމެންގޭގައި އޭނާ އެއައީ އެރޭ ނިދާފައެވެ. ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޙާލަތާމެދު ޒަރޫންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ.

ޒަރޫން ގެޔަށް ދިޔަފަހުން ، ކަޝަފް ޚަބަރު ބަލައެއް ނުލައެވެ. އަދި ޒަރޫންވެސް ކަޝަފްގެ ޚަބަރެއް ބަލައެއް ނުލައެވެ. އެއީ ރާފިޢާ ވަރަށް ކަންބޮޑުވާ ކަމެކެވެ. ޒަރޫންއަށް ކަޝަފް ގިނަގިނައިން ފޯނުކޮށްގެން ، ޒަރޫންއާ ގިނައިން ވާހަކަ ދެއްކުމަށް ރާފިޢާ ނަޞޭޙަތް ދެއެވެ. އެހެން ނުހަދާކަމަށް ވަންޏާ ދެމަފިރިންގެ ގުޅުން ބަލިކަށިވެދާނެއެވެ. އެކަކު ފޯނު ނުކުރާތީ އަނެކަކު ފޯނު ނުކޮށް އަދި އެކަކު ވާހަކަ ނުދައްކާތީ އަނެކަކު ވާހަކަ ނުދައްކާ ހުރުމަކީ ދެމަފިރިންގެ ގުޅުން ހީނަރުވެދާނެ ކަމެކެވެ. އެމީހުންނަކީ މުއްސަނދި ދިރިއުޅުމަށް ލޯބިކުރާ ، ދިރިއުޅުމުގެ ގިންތީން އެއްވަނައިގާ އުޅޭ ބަޔެކެވެ. ފަޤީރު ، ދަރަޖައިގެ ގޮތުން ދަށް ފަންތީގެ ޅީދަރިޔަކާ ވާހަކަ ދައްކައި ގުޅުން އުފެއްދުމަށް އެމީހުންނަކަށް ވަގުތެއް ނުލިބޭނެއެވެ. އެއީ ކަޝަފްގެ ޚިޔާލެވެ.

އަހަރެމެންގެ ޢާއިލާގެ ބައިވެރިޔަކަށްވެގެންދިޔައީ އެމީހުންނެއް ނޫނެވެ. އެމީހުންގެ ޢާއިލާގެ ޙިއްޞާއަކަށް ވެގެންދިޔައީ ކަޝަފެވެ. އެހެންވީމާ ، ކަޝަފް ވަގުތު ހޯދައިގެން ، ކަޝަފްގެ ޒިންމާ އަދާކުރަން ވާނެއެވެ. ވަގުތު ހޯދަން ކަޝަފް ، ވަރަށް މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހުން ކަޝަފާ ވާހަކަ ނުދެއްކިޔަސް ، އެމީހުންގެ ނާރެހުގައި އުޅެން ކަޝަފަށް އެމީހުން ފުރުޞަތު ނުދިނަސް ، ކަޝަފް ވާހަކަ ދައްކަންވީ ހެއްޔެވެ ؟ އެމީހުންގެ ޒިންމާއެއް ކަޝަފްގެ މައްޗަށް ނެތީ ހެއްޔެވެ ؟

އެމީހުން ކަޝަފާ ވާހަކަ ދައްކަން ބޭނުންނުވާކަން ކަޝަފަށް އެނގެނީ ކިހިނެއް ހެއްޔެވެ ؟ ވާހަކަ ދައްކަން ބޭނުންނުވާކަންވެސް ކަޝަފަށް އެނގޭނީ ކިހިނެއް ހެއްޔެވެ ؟ ލޯތްބާއި އިޙްތިރާމާއެކީގައި ކަޝަފް އެމީހުންނާ ވާހަކަ ދައްކައިފިނަމަ ، ޔަޤީނުންވެސް އެމީހުން ކަޝަފާ ވާހަކަ ދައްކާނެއެވެ. ވާހަކަ ދައްކަން ބޭނުންވެސް ވާނެއެވެ.

" ދަރިފުޅާއެވެ ! ޒަރޫންއަކީ ، އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. ޒަރޫންގެ މަންމައާއި ބައްޕަޔަކީ މިހާރު ކަޝަފްގެ ޒިންމާއެކެވެ. މިހާރު ، ގައިބާރުހުރި ދުވަހު އެމީހުންގެ ނާރެހުގައި ރައްޓެހިންނާއެކު އުޅޭނެއެވެ. އެކަމަކު ބަލިވެއްޖިއްޔާ ނުވަތަ މުސްކުޅިވާ ދުވަހު ، އެމީހުން ބަލަން ޖެހޭނީ ޒަރޫން އަށެވެ. ޒަރޫންގެ އެޒިންމާ ބަދަލުވެގެން އަންނާނީ ކަޝަފަށެވެ. އެމީހުންނަށް ކަޝަފްކައިރިޔަށް އަންނަންވެސް ޖެހިދާނެއެވެ. ކޮންމެ ޙާލެއްގައިވެސް ކަޝަފްގެ ޒިންމާއަށް އެދުވަހަކުން ނުފިލޭނެއެވެ. އެމީހުންގެ މިޒާޖާއި ބަސްމަގާ އަދި އުޅުމާއި އާދަތައް ބަލައިނުގަނެ ، އެމީހުންނާއެކު ދިރިއުޅުމަކީ ކަޝަފަށް އުނދަގޫ ކަމަކަށް ވާނެއެވެ. " ރާފިޢާ އޭނާގެ ދަރިފުޅަށް ނަސޭޙަތް ދެމުން ގެންދިޔައެވެ. ކަޝަފް އޭރުވެސް ހުރީ އިސްތިރި ކުރާށެވެ. މަންމަ ދެއްކި ވާހަކަތައް އެއީ ކަޝަފްގެ ކުރިޔަށް އޮތް ދިރިއުޅުމުގައި މުހިންމު ފިލާވަޅެކެވެ. އެކަންކަމާމެދު ކަޝަފް ވިސްނަންޖެހޭނެ ކަންކަމެވެ. ފުންނޭވާއެއް ލުމަށްފަހު މަންމަގެ ވާހަކަތައް ޤަބޫލުކޮށްފިކަމުގެ އަސަރު ކަޝަފްގެ މޫނުމަތިން ފެނިގެން ދިޔައެވެ.

------------------------

ކަޝަފް މަސައްކަތްކުރާ ބަދޫން ސަރަޙައްދަށް  އައިސް ވަރުބަލި ފިލުވާލައިފާ ، ޒަރޫންއަށް ފޯނުކޮށް އޭނާއަށް ގެޔަށް އާދެވިއްޖެކަން އެންގިއެވެ.

" އެހެން ހެއްޔެވެ ؟ އަހަރެންވެސް ބޯޓަށް މިއަރަނީއެވެ. " ޒަރޫންގެ ވާހަކަ ވަރަށް ކުރެވެ. އެކަމާ ކަޝަފް އެހާ ހިތްހަމައެއްވެސް ނުޖެހުނެވެ. އެކަމަކު އެކަން އެއީ ކަމަކަށް ނުހަދައި ދޫކޮށްލިއެވެ.

އެހެންނަމަވެސް ، އެރޭ އެއްގޮތަކަށްވެސް ކަޝަފްގާތަކަށް ނިންޖެއް ނައެވެ. ޒަރޫންއަށް ގައިމުވެސް މިހާރު ، އިސްލާމްއާބާދަށް ދެވިދާނެއެވެ. އެކަމަކު ދެވުނުކަންވެސް އަންގައެއް ނުލައެވެ. ކަޝަފްގެ ހިތާހިތާ ކިޔައިލިއެވެ. ފޯނުކޮށްފައި ޚަބަރު ބަލައިލާންވީ ބާވައެވެ ؟ ނޫނެކެވެ. އޭނާވަކި ފޯނުކުރަންވީ ކީއްވެ ހެއްޔެވެ ؟ ޒަރޫންއަށް އިސްލާމްއާބާދަށް އާދެވުނީމައި ކަޝަފަށް އަންގައިލުން އެއީ ޒަރޫންގެ ޒިންމާއެކެވެ. އެހެންކަމާއެކުވެސް ، މަންމަގެ ނަސޭޙަތާއެކު ކަޝަފް ހުރީ ދެފިކުރެއްގައެވެ. ޒަރޫން ފޯނު ނުކުރިޔަސް ކަޝަފް ފޯނުކޮށް ޚަބަރުބަލައިލުމަކީވެސް ނެތްކަމެއް ނޫނެވެ. އެވަގުތު ކަޝަފްގެ ޚިޔާލަށް އައީ ކެއުމެއްގެ ތެރޭގައި ޒަރޫންއާއި ކަޝަފާ ދެމެދު ދެކެވުނު ވާހަކަ އެކެވެ.

ކާތަކެތި ޒަރޫންއަށް މީރުވެގެން ތަޢުރީފް ކުރި ދުވަހެކެވެ. ކޮންމެވެސް ކަމަކާ ޚިޔާލު ތަފާތުވެގެން ކަޝަފް އެކަމުގެ ބަހުސަކަށް ދާކަށް ބޭނުމެއް ނުވިއެވެ. ޒަރޫންވެސް ބަހުސަކަށް ދާކަށް ބޭނުމެއް ނުވިއެވެ. އަދި އެއީ ، ކަޝަފް ބޭނުންވާނެކަމެއް ނޫންކަންވެސް ޒަރޫން އަށް އެނގެއެވެ. އެކަން ޒަރޫންއަށް އެނގުނު ގޮތެއް ސާފުކުރަން ކަޝަފް ބޭނުންވިއެވެ. ކަންތައްތައް ހަނދާންކޮށްދޭން ޒަރޫން ކަޝަފާއެކު ހުރިކަން ޒަރޫން އަންގައި ދެއެވެ. އެއީ ކަޝަފަށް އަދި ޤަބޫލުކުރަން އެނގޭކަމެއް ނޫނެވެ.

" ކަޝަފަށް އެނގޭ ހެއްޔެވެ ؟ ކާމިޔާބު ކޮންމެ އަންހެނެއްގެ ފަހަތުގައި ޒަރޫން ޖުނައިދު ކަހަލަ ފިރިހެނަކު ހުންނާނެއެވެ. " ޒަރޫން ބުންޏެވެ. "

" އަދި ކަންބޮޑުވާ ކޮންމެ އަންހެނެއްގެ ފަހަތުގައިވެސް މެއެވެ. " ކަޝަފް ސަމާސާ ކޮށްލިއެވެ.

ކަޝަފަށް އެ ހަނދާންކޮށްލެވުނު ޙާދިސާއިން ޒަރޫންގެ މައްޗަށް އޭނާގެ ހިތް ސާފުވިއެވެ. އަދި ފޯނު ނަގާ ޒަރޫންއާ ގުޅިއެވެ. އުޅެނީ ކޮންތާކުތޯ ސުއާލު ކުރިއެވެ. އަދި އިސްލާމްއާބާދަށް އައިސް ޚަބަރެއްނުވީ ކީއްވެތޯ ސުއާލު ކުރިއެވެ. ޒަރޫން އޭރު އިނީ ކާރެއްގައެވެ. ރޭގަނޑުގެ ކެއުމަށް ރައްޓެހިންތަކަކާއެކު ތަނަކަށް ޖައްސައި ލުމަށެވެ. ރައްޓެހިންތިބުމާއެކު ، ޒަރޫންއަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. އެދާ ތަނަކަށް ގޮސް ފޯނުކޮށްލާނެކަމުގައި ބުނެއެވެ. ކަޝަފްވެސް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ފޯނު ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ކެއުމަށް ރަނގަޅަށް އިންސާފު ކުރާށޭ ބުނެ ފޯނުކަނޑައިލިއެވެ.

ކަޝަފް ދެފަހަރަށް ފޯނުކުރީމަވެސް ، މާގިނަ ވާހަކަތަކެއް ނުދައްކައި ޒަރޫން އެހެދިގޮތުން ، ކަޝަފްގެ ހިތުގައި ޖެހުނެވެ. ކަޝަފާމެދު އެއްވެސް ވަރަކަށް އަޅައިލުމެއް ނެތެވެ. ކުރިމަތީ ކައިރީގައި އިންނައިރު ، ކަޝަފާ ނުލައި ނޭވާވެސް ނުލެވެއެވެ. ދުރަށް ޖެހިލައި ރައްޓެހިންނާ އެކުގައި އުޅެން ފުރުޞަތު ލިބުނީމަ ކަޗަފްގެ މަތިން ހަނދާނެއް ނުވެއެވެ.

ކެއުން ނިމިގެން ގެޔަށްގޮސް ޒަރޫން ، ކަޝަފަށް ފޯނު ކުރިއެވެ. ކަޝަފް ހިތްހަމަ ނުޖެހިފައި ހުރިކަން ޒަރޫންއަށް އެނގެއެވެ. އެކަމަކުވެސް ، ފޯނުނުކޮށް ނިދައިފިއްޔާ އަދި އެއަށްވުރެވެސް ގޯސްވާނެކަން ޒަރޫން އަށް އެނގެއެވެ. އެކަންވީ ވެސް ޒަރޫން ހީކުރި ގޮތަށެވެ. ކަޝަފް ފޯނު ނުނަގައި ފޯނު ކަނޑައިލިއެވެ. ދެވަނަ ފަހަރަށްވެސް ޒަރޫން ފޯނު ކުރިއެވެ. އަނެއްކާވެސް ކަޝަފް އެފޯނު ކަނޑައިލާ ، ވަތްގަނޑު ތެރެޔަށްލައި ފޮރުވިއެވެ. އެވަގުތު ޒަރޫންއާ ވާހަކަ ދައްކާކަށް ކަޝަފް ބޭނުމެއް ނުވިއެވެ.އެވަރަކުން ދޫކޮށްލީއަކީ ނޫނެވެ. ގޭގައި ހުރި ލޭންޑްލައިން ފޯނުގެ ނަރު އުފުލައިލިއެވެ. ކަޝަފް ދެފަހަރަށްވެސް ފޯނު ކަނޑައިލީމަ ޒަރޫންގާތަށްވެސް ރުޅި އަންނަ ގޮތް ވިއެވެ. މުޅިން ގޯސްވީއެވެ. ކަޝަފް ފޯނުކުރުމުން ، ޒަރޫން ވާހަކަ ނުދެއްކީމަ އެކަމުގެ ބަދަލު ހިފައިލީއެވެ. އޭގެފަހުންވެސް އެތައްފަހަރަކު ޒަރޫން ފޯނުކުރިއެވެ. ފޯނެއް ނުނަގައެވެ.

އަނެއްދުވަހު ހެނދުނު ހެނދުނާ އޮފީހަށް ދާން ނުކުންނަމުންވެސް ޒަރޫން ، ކަޝަފަށް ފޯނުކުރިއެވެ. އެފަހަރު ކަޝަފް ފޯނު ނެގިއެވެ. ރޭ ހަތަރުދަމު ޒަރޫން ފޯނުކުރި ކަމަށާއި ކަޝަފް ފޯނު ނުނަގާ ވާހަކަ ބުނެ ޒަރޫން ޝަކުވާ ކޮށްގަތެވެ. ކަޝަފްގެ ޖަވާބަކަށްވީ އޭނާ އޭރު އޮންނާނީ ނިދާފައި ކަމުގައެވެ. ލޭންޑްލައިންވެސް ހުރީ ކަނޑައިލާފައެވެ. ޒަރޫން އިތުރަށް ޝަކުވާ ކުރިއެވެ. ޒަރޫންގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަމެވެ. ކަޝަފް ބުނީ ލޭންޑްލައިން ހަލާކުވެފައި ހުރިކަމުގައެވެ. އެހެންނަމަވެސް  ކަޝަފް އެހަދަނީ ދޮގުކަމުގައި ޒަރޫން ބުންޏެވެ. އަދި ، ކަޝަފް އެކަނި ގޭގައި ހުރީމާ ، ރޭ ހަތަރުދަމު އެނާހުރީ ކަންބޮޑުވެފައިކަމަށްވެސް ޒަރޫން ބުންޏެވެ.

" އަހަރެން އަބަދުވެސް ހުންނަނީ އެކަނިންނެވެ. ޒަރޫން އެކަމާ ކަންބޮޑުވާނެކަމެއް ނެތެވެ. ޗޯކީދާރެއް ގޭގައި އެބަ ހުއްޓެވެ. " ކަޝަފްވެސް ރުންކުރު ޖަވާބެއް ދިނެވެ.

ޗޯކީދާރުގެ ވާހަކަ ދައްކާއިރު ، ޒަރޫންއަކީ ކަޝަފްގެ ފިރިމީހާކަން ޒަރޫން ، ކަޝަފަށް ހަނދާން ކޮށްދިނެވެ.

" އާނއެކެވެ. ތިއީ އަހަރެންގެ ފިރިމީހާއެވެ. އެކަމަކު އިސްލާމްއާބާދަށް އާދެވުމުން ، ރައްޓެހިންނާ ދިމާވެގެން ، އަނތްބެއް ހުރިކަން ހަނދާން ނުވާ ފިރިޔެކެވެ. އަނބިމީހާ އުޅެނީ ކޮންތާކުތޯ އާއި ހުރީ ކައިގެންތޯވެސް ބަލައިނުލާ ފިރިޔެކެވެ. އަނބިމީހާ މަތިން ހަނދާންވީ ރައްޓެހިންނާއެކު ، ގަންނާނެ ގަނޑެއް ގަތުމަށްފަހު ، ކުރާނެ ވަރަކަށް މަޖާކުރުމަށްފަހު ، ގެޔަށް ވަދެ އެކަނި ވުމުންނެވެ. އެއީ ކޮންކަހަލަ ފިރިޔެއް ހެއްޔެވެ ؟  " ކަޝަފްގެ ރުޅިގަނޑުވެސް މައިތިރިއެއް ނުވެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.