ދެކަފި - 43

(26 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޞިދްރާގެ ކައިވެންޏާ ބެހޭގޮތުން ޙަލީމާއާ ބައްދަލުކުރިންތޯ ކަޝަފް އޭނާގެ މަންމައާ ސުއާލުކުރިއެވެ. އަތުގައި އެއްޗެއް ނެތްނަމަވެސް ރާފިޢާ ވަނީ އެކައިވެންޏާ މެދު އާނބަސް ބުނެފައެވެ. ދަރިފުޅުގެ އަތުގައި ދެހެދުމެއް އޮތަސް ، ކައިވެންޏަށް ކުރަންޖެހޭ ހޭދަޔާމެދު ރާފިޢާ ހުރީ އިންތިހާއަށް ކަން ބޮޑުވެފައެވެ. އެހެންނަމަވެސް ، ކަޝަފް އެދިން ޚަބަރަކުން ، ރާފިޢާގެ ހާސްކަން އެއްކޮށް ފިލައިގެން ދިޔައެވެ. ކަޝަފްގެ އެޚަބަރުން ، އެސަލާމަތްވީ އޭނާގެ ފުރާނައެވެ. އެހާވެސް އޭނާހުރީ އެކަމާ ކަން ބޮޑުވެފައެވެ. ﷲ ގެ ރަޙުމަތްފުޅު އިންސާނުންގެ މައްޗަށް ފޮނުއްވަނީ އެފަދަ ގޮތަކަށެވެ. އެހުޅުއްވައި ދެއްވީ ބަންދުވެފައި އޮތް ދޮރެކެވެ. އޭނާހުރީ ހަތަރު  އުދަރެސް ފެނުޖެހިފައެވެ. ރާފިޢާގެ ދުނިޔެއަށް ވެރިވެފައި އޮތް ބަނަކަމާއި އަނދިރިކަން ، ސާދަވިލޭރޭގެ ގަދަ ހަނދުވަރަކަށް ބަދަލުކޮށްލަދިނީ ކަޝަފެވެ.

------------------------

ސާރ އަބްރާރު ، ޒަރޫންމެންގެޔަށް ޒިޔާރަތްކުރި ދުވަހެކެވެ. ޒަރޫންއާ ޖުނައިދު އަދި އަބްރާރް ތިބީ ސިޓިންގ ރޫމްގައި އިށީނދެލައިގެންނެވެ. ކޮންމެ މީހެއްގެ އަތުގައި ސައިތަށްޓެއް ހުއްޓެވެ. ޒަރޫންގެ އިމްތިޙާން ކިހިނެއްތޯ އަބްރާރް ސުއާލު ކުރިއެވެ. ޒަރޫން އަނގައިން ދެރައެއް ނުވާނެއެވެ. އޭނާގެ އިމްތިޙާން ރަނގަޅޭބުނެ ޒަރޫން ޖަވާބު ދިނެވެ. އިމްތިޙާނު ނިންމާފައި ޒަރޫން މިހާރު އިންތިޒާރު ކުރަމުން އެގެންދަނީ ނަތީޖާއަށެވެ. ނަތީޖާވެސް އިރާދަ ކުރެއްވިއްޔާ ރަނގަޅުވާނެކަމަށް ޒަރޫން ބުންޏެވެ. ޒަރޫން އެގެންގުޅޭ މުގޯޅި އެޅުމާއި މިޔުޒިކާ ދުރުވެ ތަންކޮޅެއް ހަރުދަނާވެ ، ސީ އެސް އައި ނިންމާލަން އަބްރާރް ނަޞޭޙަތްތެރި ވިއެވެ. އަބްރާރް އެންމެ ކުރިން އެބުނި އެއްޗެއް ސާފުކޮށްލުމަށް ޒަރޫން އުޅުނެވެ. އެހެންނަމަވެސް އެވާހަކައިގެ ތެރެޔަށް ޖުނައިދު އަނގަބާނައެވެ. އެކަމާ ޒަރޫން އެހާ ހިތްހަމައެއް ނުޖެހެއެވެ. އަދި ބައްޕަ އަބަދުވެސް އަބްރާރް ސާރގެ ކޮޅު ނަގާވާހަކަ ބުންޏެވެ. ޒަރޫން ބޭނުންވަނީ ޒުވާންކަމުގެ ޖޯޝާއި ފޯރީގެ ފޮނިމީރުކަން ހޯދައި ދިރިއުޅުމުގެ އުފާވެރިކަން ލިބިގަތުމަށެވެ. އެއީ ބައްޕަ އާއި އަބްރާރް ސާރގެ ޙަޔާތުގައި ނެތް އެއްޗެއްކަމަށް ޒަރޫން ބުނެއެވެ.

އަސްމަރާވެސް އެގެޔަށް ނާންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަމާ ބެހޭގޮތުން ޒަރޫންއާ ޖުނައިދު ސުއާލުކޮށްލިއެވެ. އަސްމަރާ އެގެޔަށް އައުން މަނާކުރީ ޒަރޫން އެވެ. ދިރިއުޅުމުގައި ހޭލާހުރެ ، ހުވަފެން ދެކޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ޒަރޫން އެބުނި ވާހަކަޔަކާ ގުޅިގެން ޖުނައިދުގެ ދަރިފުޅު ބޮޑުމީހަކަށް ވެއްޖެއޭ އަބްރާރް ބުނެއެވެ. އަދި ހިސާބަށްވުރެ ބޮޑުވެއްޖެއޭ ބުނެ ޖުނައިދުވެސް ޒަރޫންއާ ސަމާސާ ކޮށްލައެވެ. އެ ތިންމީހުން ހީސަމާސާ ކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލިއެވެ.

 ------------------------

ޞިދްރާ ބޭރުން އައިސް އޭނާގެ މަންމައާ ސަލާމް ކޮށްލުމަށްފަހު ކައިރީގައި އިށީނދެލައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ނާއުއްމީދާއި ފޫހިކަމެވެ. އޭނާ އެވަނީ ދުނިޔެމަތިން ފޫހި ވެފައެވެ. ޞިދްރާ ގެޔަށް އައުން ލަސްވީ ރައްޓެއްސެއްގެ ގެޔަށް ޖައްސާލައި އަނގަތަޅަން އިނދެވުނީމައެވެ. އޭނާގެ ދަރިފުޅުގެ މޫނުމަތިން ފެނުނު މާޔޫސްކަމާގުޅިގެން ކަންބޮޑު ވުމާއެކު ރާފިޢާ ސުއާލުކުރިއެވެ. މިދުވަސްކޮޅު ، ޞިދްރާގެ ދުނިޔެ އަނދިރިވެ ، ދިރިއުޅުމަށް އެޅިފައިވާ ހިޔަނީގެ ސަބަބުން އޭނާއަށް ނުވާކަމެއް ނުއޮންނާނެއެވެ. އޭނާގެ ހިތާއި ސިކނުޑިޔަށް ކޮށްފައިވާ ނޭދެވޭ އަސަރާއި މޮޅިވެރިކަން ޞިދްރާގެ މޫނުމަތިން ވަރަށް ސާފުކޮށް ފާޅުވާން ހުއްޓެވެ.

ހެނދުނު ތެދުވެގެން ޙަފްޞާމެންގެޔަށް ދިޔައިރު ޞިދްރާ ހުރީ ހަމަޖެހިފައެވެ. އެކަމަކު ގެޔަށް އައިއިރު މޫނުމަތިން އެފެންނަނީ މާޔޫސް ކަމެވެ. އެކަމުގެ ސަބަބަކީ ކޮބައިތޯ ރާފިޢާ ސުއާލު ކުރިއެވެ.

" މިއައީ ބައްޕަގެ ގޭދޮރުމަތިން ލާފައެވެ. ގެހުރީ ވަރަށް ރީތިކޮށްލާފައެވެ. އެހާމެ ބޮޑަށް ޢިމާރާތް ކޮށްފައެވެ. ބައްޕަގެ ގެ ހަދަން ލައްކައިން ޚަރަދު ކުރާއިރު ، އަހަރެންގެ ކައިވެންޏަށް ޚަރަދުކޮށްލާނެ ދޮޅުރުފިޔާ ބައިވެސް އޭނާގެ އަތަކު ނެތެވެ. ބައްޕަގެ ލާރި އަހަރެންގެ ކައިވެންޏަށް ޚަރަދުކުރާކަށް އަހަރެންގެ އެއްވެސް ޝަޢުޤުވެރިކަމެއް ނެތެވެ. ކައިވެނީގެ ރަސްމިއްޔާތަށް ބައްޕަ ނަޔަސް އަހަރެންގެ މައްސަލައެއް ނެތެވެ. ދިރިއުޅުން އޭނާއާ ނުލައި ހޭދަކުރާއިރު ކައިވެނިވެސް އޭނާއާ ނުލައި ކުރެވުނީމަ އެއީ އެންމެ ރަނގަޅު ގޮތެވެ. " ޞިދްރާ ބުންޏެވެ. އޭނާގެ އަޑުގައިވަނީ ރުޅިއާއި ފޫއްސާއި ވޭނެވެ.

އެގޭދޮށުންލާފައި ޞިދްރާ އައީތީ ރާފިޢާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ގޯޅި ގޯޅި ނާޅައި ހުރި ސީދަލަށްގޮސް ، ޞިދްރާ އެނބުރި އައިނަމަ ،  ރާފިޢާ މާއުފާ ވީހެވެ. ޞިދްރާގެ ލޮލުން ފެންއައިސް ،  ހިތުގައި އަޅަމުންދިޔަ ވޭންތަކަށް ، ތަސައްލީއެއް ހޯދުމަށް މަންމަގެ އުނގުގައި ބޯ އަޅައިލިއެވެ.

------------------------

ޒަރޫން އޭނާގެ ހެދުންތައް ފަތްޖަހައި ، ފޮށްޓަށް އެއްޗެތި އަޅަމުން ގެންދިޔައެވެ. ޣަޒާލާވެސް ، ޒަރޫންގެ ގަމީސް އިސްތިރިކޮށްދީގެން ހިފައިގެން އާދެއެވެ. ޣަޒާލާ ހުރީ ، ޢާއިލީ ވިޔަފާރި ދޫކޮށްލައި ، ޒަރޫން އެކަމާ ދުރަށްދާތީ ކަން ބޮޑުވެފައެވެ. ޒަރޫން އެދަނީ އަސްމަރާއަށް ފިލާކަށްނޫނެވެ.  އޭނާގެ ހިތުގައިވާ މުރާދެއް ޙާޞިލްކުރުމަށެވެ. އެކަން މަންމަގެ ފަރާތުން އަސްމަރާއަށް އެނގުމަކީ ޒަރޫން އެދޭކަމެއް ނޫނެވެ. އިމްތިޙާން ނިމި ސީ އެސް އައި ހަދާ ވާހަކަ ބުނާއިރަށް ، ތިހަދަނީ ގޯހެކޭ ބުނެ އަސްމަރާ އަބަދު މައްސަލަ ޖައްސައެވެ. މަސައްކަތް ކުރުމަކީ ޒަރޫން އާ ގުޅޭ ކަމެއް ނޫނެވެ. ޒަރޫން މިހާތަނަށްވެސް އުޅުނީ ވަރަށް ސާދާ ދިރިއުޅުމެކެވެ. މަސައްކަތް ކުރުމުގެ ބުރަ އިޙްސާސް ކުރެވޭނީ މަސައްކަތެއް ކުރަން ފެށީމައެވެ. އެއީ ޒަރޫންއަށް އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. ޣާޒާލާވެސް ހުރީ އެކަމާ ކަން ބޮޑުވެފައެވެ. ޒަރޫން އެހާ ދުރަށް ދިޔައިމަ ޣަޒާލާމެން ވަރަށް ފޫހިވާނެއެވެ. ޒަރޫންވެސް އޭނާގެ މަންމަ ދުވާލު ހަތަރުދަމު ބޭރުގައި އުޅެފައި ގޭގެ އެންމެން ނިދާއިރުވެސް ގެޔަށް ނައިމަ ، މަންމަގެ މަތިން ހަނދާންވާނެކަން ޒަރޫން ވިސްނައި ދިނެވެ.

ކަޝަފްމެންގެ ގޭގައި ޞިދްރާގެ ކައިވެނީގައި ބޭނުންކުރާނެ ކާޑެއް ނިންމުމަށް އެހަތަރުމައިން މަސައްކަތް ކުރަމުން ގެންދިޔައެވެ. ކަޝަފަށް އެންމެ ކަމުދިޔަ ކާޑު ނަގައި ދިއްކޮށްލިއެވެ. އެކާޑުގައިހުރި ލިޔުންކޮޅު މާގިނަވީމަ ، ކާޑު ޗާޕް ކުރުމަށް ޚަރަދު ބޮޑުވާނެތީ ރާފިޢާއަކަށް އެކާޑު ކަމަކު ނުދިޔައެވެ. އެހާ ބޮޑު ޚަރަދެއްކޮށްގެން ޗާޕްކުރާ ކާޑު ރަސްމިއްޔާތު ނިމުނީމަ ވަށިގަނޑަށް ލައި އެއްލައިލާނީއެވެ. އެހެންނަމަވެސް ، އިތުރަށް ކުޑަލާރިކޮޅެއް ލައިގެންކަމަށްވިޔަސް ޗާޕްކުރަންވާނީ ރީތި ކާޑެއްކަމަށް ކަޝަފް ނިންމައެވެ. ޞިދްރާއަށްވެސް ރަނގަޅީ ޚަރަދު ކުޑަކޮށް ޗާޕްކުރެވޭ ކާޑެކެވެ. ބޭނުމެއްނެތި ބޭކާރު ޚަރަދު ކުރުމުގެ ބޭނުމެއް އޮންނާނެ ކަމަކަށް ޞިދްރާއަކަށް ނުފެނެއެވެ. ކަޝަފްގެ ފަރާތުން ތަނަވަސްވި ރަޙުމަތްފުޅުން ޞިދްރާގެ ކައިވެނި ކުރެވޭނެގޮތް ހަމަޖެހުނީތީ އެންމެންވެސް ތިބީ ހިތްހަމަ ޖެހިފައެވެ. ކަޝަފްގެ ފައިސާއިން ޚަރަދު ކުރެވޭއިރު ، ގޮތް ނިންމާނީ ކަޝަފްކަމުގައި ޝެހްނީލާ ބުންޏެވެ. ކައިވެންޏަށް ދާނެ ޚަރަދު ބޮޑުކަމުން ޞިދްރާހުރީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ، ﷲ އަށް ޝުކުރުކުރުމަށް ރާފިޢާ ބުނެއެވެ.

" މަންމާއެވެ ! ކައިވެނީގެ ރަސްމިއްޔާތަށް ބައްޕަޔަށް ކިޔާނަން ހެއްޔެވެ ؟ " ޝެހްނީލާގެ މިސުއާލުން ކަޝަފާއި ޞިދްރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އަދި އޭގެ ފަހުން ރާފިޢާ ދިން ޖަވާބުން އިތުރަށް މޫނުމަތި ފަނޑުވެގެން ދިޔައެވެ. ބައްޕަޔާ ނުލައި ކައިވެންޏެއް ނުކުރެވޭނެ ނޫންހޭ ރާފިޢާ ބުންޏެވެ.

" ބައްޕަ އެއްވެސް ފައިސާއެއް ނުދޭއިރު ، ބައްޕަޔާ ނުލައި ކައިވެނިވެސް ކުރެވެން ވާނެއެވެ ! " ޞިދްރާ ބުންޏެވެ.

ބައްޕަ އެރަސްމިއްޔާތުން ނުފެނިއްޖިއްޔާ ، މީހުން އެތައް ސުއާލެއް ކުރާނެ އެވެ. ރާފިޢާ އޭނާގެ ކުދިންނަށް ވިސްނައިދެވޭތޯ ބެލިއެވެ. ބައްޕަގެ ބޭނުމަކީ ، އެއްވެސް ކަމެއް ކޮށްނުދީ ، އޭނާގެ ޙިއްޞާއެއް އެކަމުގައި އޮތްކަން ދައްކައި ، ގްރޫޕްފޮޓޯގައި ޝާމިލްވުންކަމުގައި ކަޝަފް ބުންޏެވެ. ބައްޕަގެ ގެޔަށް ކާޑުދޭން މަންމަ އެގެޔަށް ދިއުމަކީ ޞިދްރާ އެދޭ ކަމެއް ނޫނެވެ. މަންމަ ބޭނުންކަމަށް ވަންޏާ ފޯނުކޮށްފައި ބުނުން އެންމެ ރަނގަޅުކަމުގައި ޞިދްރާ ބުންޏެވެ. އޭނާ އަންނަންޏާ އަންނަންވީއެވެ. ނާންނަންޏާ ނާންނަން ވީއެވެ. އެމީހުންނަށް އޭގެ ތަފާތެއް ނެތެވެ. އެހެން ނޫނަސް ، އެންމެފަހުން އެގެއިން ނުކުމެގެން ދިޔައީވެސް ރާފިޢާއާއި އެކުދިންނާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާފައެވެ. އެވަރުގެ މީހަކު އަޔަސް ނޫނީ ނަޔަސް އެކުދިންނަކަށް ތަފާތެއް ނެތެވެ.

ޞިދްރާގެ ކައިވެނީގެ ވާހަކަ ދެކެވުނުތާ ދެތިންމަހެއް ވެއްޖެއެވެ. އެކަމާބެހޭ ގޮތުން މުރުތަޟާ ސުއާލުވެސް ކޮށްލާފައެއް ނުވެއެވެ. ކައިވެނީގެ އިންތިޒާމްތައް ހުރީ ކޮންގޮތަކަށްތޯވެސް އަދި ކައިވެނި ކުރޭތޯ ، ނުކުރޭތޯވެސް ބަލައިލާފައެއް ނެތެވެ. އަނެއްކޮޅުން މަންމައެވެ. މިކަމުގެ ތެރެޔަށް ބައްޕަ ވައްދަންވެގެން ނުކުރާކަ ކަމެއް ނެތެވެ. އެގެޔަށް ގޮސްގެންވެސް ވާހަކަ ދައްކަނީއެވެ. މިގެޔަށް ގެނެސްގެންވެސް ވާހަކަ ދައްކަނީ އެވެ. އެ ހިލަހިތަށް ކުރި އަސަރެއް ނެތެވެ. ކަޝަފްގެ ހިތުގައިހުރި އުދާސްތައް އޭނާގެ މަންމަގެ ކުރިމަތީ ބަންޑުން ކޮށްލިއެވެ.

" މަންމަ ، އެގޭމީހުންނަށް ދަޢުވަތުދޭއިރު ހަމައެކަނި ބައްޕަގާތު ބުނާށެވެ. ބައްޕަގެ އަންހެނުންނާއި އޭނާގެ ކުދިން ގޮވައިގެން އެގޭގެ އެންމެން އަންނަން ބުނާނެކަމެއް ނެތެވެ. ޚާއްޞަކޮށް ޙައްމާދު ގާތު ބުނާނެ ކަމެއް ނެތެވެ. " ޝްހެނީލާ ހިނިއައިސް އިނދެ ބުންޏެވެ.

" ޙައްމާދު ކައިރީ ބުނާނެ ކަމެއް ނެތެވެ. ނުބުންޏަސް ، ވާހަކަ ހޯދަންވެސް އޭނާ ނައިހެއް ނުހުންނާނެއެވެ. އަހަރެމެންގެ ފަރާތުން ނޫންކަމަށްވަންޏާ ، ބަރާއަތުގެ ފަރާތުން ނަމަވެސް އެ ރަސްމިއްޔާތަށް އަންނާނެއެވެ. " ޞިދްރާވެސް ހެމުން ހެމުން ބުންޏެވެ. ބަރާއަތަކީ ، ޞިދްރާއާ ކައިވެނިވާ ފިރިހެން ކުއްޖާއެވެ.

ތިންކުދިން ސަމާސާކޮށް ހީހީފައި ވާހަކަ ދައްކަމުން ގެންދިޔައިރު ، ރާފިޢާވެސް ހިނިތުންވެފައި އެކުދިންގެ ސަމާސާ ބަލަން އިނެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާއި ހަމަ ޖެހުމެވެ. އެންމެފަހުން ، މެހެމާނުންގެ ލިސްޓް ފުރިހަމަ ކުރުމަށާއި ޗާޕްކުރަންޖެހޭ ކާޑު އޭނާއަތަށް ދިނުމަށް ރާފިޢާ އެދެއެވެ. އޭރުން ، މާދަމާ އޭނާ މަސައްކަތް ފަށާނެއެވެ. އެއާއެކު ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ލިސްޓް މަންމަ އަތަށް ދިނެވެ. އެއުފާވެރި މާޙައުލަކީ އެމީހުންގެ ޙަޔާތުގައި އަލަށް ތަޖުރިބާ ކުރެވުނު ޙާލަތެކެވެ. އެނޫން ކޮންމެ ރެޔަކުވެސް އެ ހަތަރު މައިންކުރެ ކޮންމެ މީހަކުވެސް ނިދަނީ ހިތް ނުތަނަވަސްކަމާ އެކުގައެވެ. އެކަމަކު ، މިރޭ އެއާ ތަފާތެވެ. ހިތުގެ ހަމަ ޖެހުމާއި ހިނިތުންވުމާއެކު ، އެއްވެސް ހާސްކަމެއް ނެތި ނިދާލުމުގެ ފުރުޞަތު އެގޭގެ ކޮންމެ މީހަކަށްމެ އެއޮތީ ލިބިފައެވެ.

------------------------

ޒަރޫންގެ ޙަޔާތުގެ އައު ޞަފްޙާއެއް ހުޅުވުނީއެވެ. މަސައްކަތުގެ މާޙައުލަށް ނުކުތުމުގެ ފެށުމެވެ. ޒަރޫން ކުރިމަތިލާ ފަންނަކީ އޭނާ މާކުރީއްސުރެ ، އުއްމީދުކުރަމުން އައިސްފައިވާ ފަންނެކެވެ. ވާނެގޮތެއް ޚުދު ޒަރޫންއަކަށްވެސް ނޭނގެއެވެ. އެނގޭކަމަކީ އެއީ ވަރަށްބޮޑު ގޮންޖެހުމަކަށް ވާނެކަމެވެ. އަދި ، އެއީ ޒަރޫންއަށް ކަމުދާޏެ އެންމެ ރަނގަޅު ފަންނުކަމަށް ނުވެވެސް ހިނގައިދާނެއެވެ. އެހެންނަމަވެސް ، އެއީ ޒަރޫން އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ، އަދި މިނިވަން ޙަޔާތަކަށް މަގުކޮށައިދޭނެ ފުރަތަމަ ފިޔަވަޅުކަން އޭނާއަށް އެނގެއެވެ. އެއީ މަންމަ އާއި ބައްޕަ އަދި ސާރާ އެ ހަނގުރާމަކުރަމުންދާ ކަހަލަ ދިރިއުޅުމަކަށް ނުވާނެއެވެ. ޒަރޫންވަނީ އޭގެ ކުރިންވެސް ކުރު މުއްދަތަށް މައިންބަފައިންނާ ވަކިން ދަތުރު ކޮށްފައެވެ. އެކަމަކު ، މިފަހަރަކީ ، ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެއް އަހަރަށް ، ޢާއިލާއާ ދުރުގައި ހުރުމަށް އަލަށް ދާ ފަހަރެވެ. އޭގެފަހުން ޢަމަލީ ތަމްރީންވެސް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެއަށްފަހު އިސްލާމް އާބާދުގައިވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. ކަރާޗީގެ ދިރިއުޅުމުގެ މާޙާއުލާއި އިސްލާމް އާބާދުގެ މާހައުލު ވެގެންދާނީ މުޅިން ތަފާތު ދެ މާޙައުލަކަށެވެ. ކަރާޗީއަކީ ކާރޫބާރޫ ބޮޑު ތަނެކެވެ. އެއާ ޚިލާފަށް އިސްލާމް އާބާދަކީ ، ރޭވިގެން ތަރުތީބުމަގުން ތަރައްޤީ ކުރެވިފައިވާ ހަމަހިމޭން ތަނެކެވެ.

ދުނިޔެއަކީ ބަދަލުވަމުން ދާ ތަނެކެވެ. ހީ ނުކުރާފަދަ ބޮޑެތި ބަދަލުތައްވެސް ދުނިޔެއަށް އަންނާނެއެވެ. އޭނާގެ މުސްތަޤްބަލްގައި ކުރިޔަށް އޮތް ދުވަސްތަކުގައި އަންނާނެ ބަދަލުތަކަކީ ، ޒަރޫންއަށް އިޙްސާސް ވެސް ކުރެވިފައިނުވާފަދަ ބޮޑެތި ބަދަލު ތަކަކަށްވެސް ވެދާނެއެވެ. ޒަރޫން އޭނާގެ ޑައިރީގައި ލިޔަމުންދިޔަ ވާހަކަތައް ނިންމައިލާ ފުން މާނޭވާއެއް ލިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.