ދެކަފި - 28

(11 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފް ކްލާހުން ނިމިގެން ނުކުތްތަން ބަލަންހުރެފައި އޭނާގެ ފަހަތުން ދުވަމުން ކަހަލަ ގޮތަކަށް ޒަރޫން އައިސް ސަލާމް ގޮވާލައެވެ. އަދި ކަޝަފް ސަލާމް ބަލައިގަނެއެވެ. ޒަރޫންހުރީ ކުރީ ދުވަހު ދިމާވި ކަންތަކުން ކަޝަފް ހިތްހަމަ ނުޖެހިފައި ހުރެދާނެތީ ކަންބޮޑުވެފައެވެ. އެހެންނަމަވެސް ކަޝަފް އެކަން ހަނދާނެއް ނެތެވެ. ދަނޑިވަޅު ބަލާފަ ޒަރޫން ، ކަޝަފާ ސުއާލެއް ކޮށްލައެވެ.

"އަހަރެމެންނަކީ ރަޙުމަތްތެރިންނަށް ވެވިދާނެ ހެއްޔެވެ؟" ޒަރޫން ސުއާލު ކުރިއެވެ.

"ޒަރޫންއާ ރަޙުމަތްތެރި ވުމުގެ ބޭނުމެއް ނެތެއްނޫން ހެއްޔެވެ؟ މިހާރުވެސް ރަޙުމަތްތެރިންގެ ވަރަށްގިނަ ލިސްޓެއް އެބަ ގެންގުޅެން ނޫން ހެއްޔެވެ؟" ކަޝަފްގެ ސުއާލަށް ޒަރޫންވެސް ކުރީ ސުއާލެކެވެ. އެހެން ވިއްޔާއޭ ބުނެއެވެ.

ކަޝަފާ ރަޙުމަތްތެރިކަން ނުއުފެއްދިޔަސް ، ޒަރޫންއަށް ފުދޭވަރަށް ޔުނީގައި ރަޙުމަތްތެރިން އެބަތިބިކަމަށް ކަޝަފް ދެކެއެވެ. ކޮންމެއަކަސް ، ކަޝަފާ ރަޙުމަތްތެރިކަން އުފައްދަން ޒަރޫން ކުރަމުން ގެންދާ މަސައްކަތަށް ، އަދި މާބޮޑު ކުރިއެރުމެއް އަންނަ ގޮތެއް ނުވެއެވެ. އެދުވަހުވެސް ، ކަޝަފްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ. އަދި އެކަމާ ބެހޭގޮތުން ކަޝަފާ ، ޒަރޫންކުރި ސުއާލަށްވެސް ޖަވާބެއް ނުލިބެއެވެ. އެކަމާ ބެހޭގޮތުން ކަޝަފްދިން ޖަވާބު ދޭހަނުވިނަމަ އެއީ ، ޒަރޫންގެ މައްސަލައެއްކަމަށް ކަޝަފް ދެކެއެވެ. ޒަރޫން ، ކަޝަފާ ގާތްގުޅުމެއް އުފެއްދުމަށް ކުރަމުންގެންދިޔަ މަސައްކަތަށް ، އެހިސާބުން ސުއާލު މާރކްތަކެއް ޖެހުނުކަމަށް ޒަރޫންއަށް އިޙްސާސް ކުރެވުނެވެ.

------------------------

އަބްރާރު ސާރ ގެ ކްލާހުގައި ބަހުސްކުރެވުނު މަވްޟޫއަކަށް އޮތީ ކުދިންގެ މެދުގައި ވާހަކަ ދެކެވިފައެވެ. އެދުވަހުގެ ކްލާހުގައި އެކަން ކަޝަފް ފާހަގަ ކުރިއެވެ. އެހެންނަމަވެސް ތަފްޞީލުކޮށް އެމަވްޟޫޢަށް ބަހުސް ނުކުރެވޭކަމަށް އަބްރާރު ބުނެއެވެ. އެހެންކަމުން ދެން އަންނަ ހަފުތާގައި އެ މަވްޟޫޢަށް ވާހަކަ ދެއްކުމަށް ބާއްވަން ކަޝަފް ހުށަހެޅިއެވެ.

"އަހަރެންނަށް ފެންނަ ގޮތުގައި އެ މަވްޟޫޢަށް ފުދޭވަރަކަށް ބަޙުސް ކުރެވިއްޖެ އެވެ. އަލުން އެ މަވްޟޫއަށް ބަހުސްކުރާނެކަމެއް ނެތެވެ." އަސްމަރާ އަނގަ ބޭނިއެވެ.

ކަޝްފް ބުނާކަމަށް ވަންޏާ ބަހުސް ކުރުމަށް ޒަރޫން ދެކޮޅެއް ނުހަދައެވެ. ޒަރޫންގެ ޖަވާބުން އަބްރާރު ސާރއަށްވެސް ޙައިރާންކަން ލިބުނެވެ. ކަޝަފްގެ ހުރިހާ ވާހަކައެއްވެސް ޒަރޫން ، މިހާރު އެބަ ބަދަލު ކުރެއެވެ. އެއީ ރަނގަޅުކަމެއްނޫންހޭ ބުނެ އަބްރާރު ސާރ ސުއާލު ކުރެއެވެ. އަދި އެއީ ވަރަށް ރަނގަޅު ކަމެކޭ އަބްރާރު ސާރ ބުނެއެވެ. އެހެންނަމަވެސް ، އެކަން ޔަޤީންކުރަން އޭނާއަށް އުނދަގޫވެގެން އުޅޭކަމަށް އަބްރާރު ސާރ ބުންޏެވެ.

"މިހާރު ޒަރޫން ، ކަޝަފަށް ހާދަ ހެޔޮދޯއެވެ؟" މާރިއާ ބުންޏެވެ. އެމީހުން ތިބީ ކެންޓީނުގައި ނާސްތާ ކުރާށެވެ.

"އަހަރެންނަށް ޒަރޫން ހެޔޮކޮށް ހިތަންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ ހެޔޮކަމާއި ގޯސްކަމަށް އަހަރެންގެ ޝަޢުޤުވެރިކަމެއް ނެތެވެ." ކަޝަފް ސުއާލު ކުރިއެވެ. އިތުރަށް ވާހަކަ ދައްކަމުން ، ކްލާހުގެ ހުރިހާކުދިންނަށްވެސް އެކަން ނޯޓިސް ކުރެވޭ ވާހަކަ މާރިއާ ބުންޏެވެ. އަދި އެކަން ނޯޓިސް ކުރެވޭވަރަށް ޒަރޫން ކަޝަފާ ގަޔާވާކަމަށް މާރިއާ ބުނެއެވެ. ކަޝަފާ ހެދި ޒަރޫން އެހާވަރަށް އުޅެންޖެހޭ ސަބަބެއް ކަޝަފަކަށް ނޭނގެއެވެ. ޒަރޫން ފިދާވަންޏާ ވާން އެތައް އަންހެންކުދިންނެއް އެބަތިއްބެވެ. ޚާއްޞަކޮށް އެއުޅޭ އަސްމަރާއެވެ.

"ތިހާވަރަށް އެކަމާ ތިރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟" މާރިއާ ސުއާލުކުރިއެވެ.

"ރުޅިއަންނަ ކަމެއް ވަންޏާ ރުޅި އަންނާނެ ނޫން ހެއްޔެވެ؟" ކަޝަފް ނުރުހުމާއެކު ބުންޏެވެ.

"ރުޅިއެއް އަންނާނެކަމެއް ނެތެވެ. ޔުނީގެ އެންމެ ރީތި ފިރިހެން ކުއްޖާ ކަޝަފްގެ ފަހަތުން އެނބުރެނީއެވެ. އެއީ އުފާކުރަންވީ ކަމެއް ނޫން ހެއްޔެވެ؟" މާރިއާ ޖަވާބުދެމުން ސުއާލު ކުރިއެވެ. އަދި ކަޝަފް އެކަމަށް ފަޚުރުވެރިވާން ޖެހޭކަމަށް މާރިއާ ބުންޏެވެ. ކަޝަފްގެ ބަދަލުގައި އޭނާހުރިނަމަ ، އުފަލުންގޮސް ހަދާނެގޮތެއްވެސް ނޭނގޭނެކަމަށް މާރިއާ ބުނެއެވެ. އެހިސާބުން ، މާރިއާ އަށް ޒަރޫން ކަމުދޭތޯ ކަޝަފް ސުއާލު ކުރިއެވެ.

------------------------

އަސްމަރާ ގޮވައިގެން ދުއްވާލަންގޮސް ތަނަކަށް ހުއްޓާފައި ، ސިނގިރެޓެއްބޯން ޒަރޫން މަޑުކޮށްލިއެވެ. ޒަރޫން ކާރުން ފޭބީމަ ، އަސްމަރާވެސް އަތުގަ ނެތްބާރު ލާފައި ކާރުގެ ދޮރުޖަހާ ، ފައިބައިގެން އައިސް ޒަރޫން އާ ދިމާ ކުރެއެވެ.

"މިހާރު ޒަރޫންއަށް ތިވަނީ ކިހިނެއް ހެއްޔެވެ؟ ކްލާހުގައި ތިކުރީ ކޮންކަމެއް ހެއްޔެވެ؟" އަސްމަރާ ސުއާލުކުރިއެވެ. ޒަރޫން އަކަށް އޭނާއަށް ކުރެވުނުކަމެއް ނޭނގުނެވެ.

"އަހަރެންގެ ކޮޅަށް ހުރުމުގެ ބަދަލުގައި މިއަދު ޒަރޫން ޖެހުނީ ކަޝަފްގެ ކޮޅަށެވެ." އަސްމަރާ ފޫހިގޮތަކަށް ބުންޏެވެ.

"އެހެން ހެއްޔެވެ؟ މަށަށް އެހެން ހެދުނު ހެއްޔެވެ؟" ޒަރޫން ބުންޏެވެ.

އަސްމަރާ ތަންކޮޅެއް ސީރިއަސް ވިއެވެ. މާ ، ނޭނގޭކަމަށް ހަދަން އުޅޭނެ ކަމެއް ނެތޭބުނެ އިތުރު ސުއާލުތައް ކުރަން ފެއްޓިއެވެ. އަސްމަރާ ޤަބޫލުކުރާ ގޮތުގައި ޒަރޫން އެކުރަނީ ކީއްކަން އޭނާއަށް އެނގޭނެއެވެ. ޒަރޫންގެ ޖަވާބަކަށްވީ އަސްމަރާ ކެތްކޮށްލާށޭ އެވެ. އެކަމަކު އަސްމަރާއަކަށް އެއީ ކެތްކުރެވޭވަރުގެ ކަމެއް ނޫނެވެ. އަމްދުން ، ކަޝަފް ފަދަ ކުއްޖަކާ ޒަރޫން އަޅައިގަތުމަކީ އޭނާ ރުހޭނެކަމެއްވެސް ނޫނެވެ. ޒަރޫންއަށް އަންނަމުންދާ ބަދަލުތަކަށް އަސްމަރާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

"ކަޝަފް ގެ ލޯބީގައި އަހަރެން ކަސްތަޅު އެޅުނީއެވެ." ޒަރޫން ބުންޏެވެ.

"މަށަށްވެސް ހީވަނީ އެހެންނެވެ." އަސްމަރާ ބުންޏެވެ. އަސްމަރާ އިތުރަށް ތަލުވާލަން ވެގެން ރަނގަޅު ދޯއޭ ޒަރޫން ބުންޏެވެ. އަސްމަރާ ސީރިއަސް ވިއެވެ. އަދި ކަޝަފް ކަންތަކާ އަސްމަރާ ވިސްނުން ސުމެކެވެ. އަދި ، އަސްމަރާ އެކުރާ ސުއާލަށް ޖަވާބުދޭން ޒަރޫންގާތު އޭނާ އެދުނެވެ. އަސްމަރާ އެއަހަނީ ކީކޭކަން ޒަރޫންއަށް އެނގެއެވެ. ކަޝަފުގެ ފަހަތުން އަޅައިގަނެގެން ޒަރޫން ދާންވީ ސަބަބެއް އަސްމަރާއަކަށް ނުވިސްނުނެވެ. ޒަރޫންއަކީ އަބަދު ، އަންހެންކުދިންނާ އަޅައިގަނެގެން އުޅޭމީހެއްކަން ޒަރޫންއަށްވެސް އެނގެއެވެ. އަދި އަސްމަރާއަށްވެސް އެކަން އެނގެއެވެ. އެކަމަކު ، އަޅައިގަނެގެން ފަހަތުން ، ޒަރޫން ދުވަން ކަޝަފް އެއީ ކޮން ކުއްޖެއް ހެއްޔެވެ؟

ޒަރޫންގެ ވިސްނުމުގައި އޮތީ ކަޝަފް ޅޮސް އުނދޯންޏަކަށް ލައިގެން ހެއްލައިލުމެވެ. އެކަމުގައި ޒަރޫންގެ ހިތާކުޅެލާކަށް ކަޝަފަކަށް ފުރުޞަތެއް ނެތެވެ. އަސްމަރާ އެކަމާ ކަންބޮޑުވާންވީ ސަބަބެއް ޒަރޫން އަކަށް ނުވިސްނުނެވެ. އަދި ޒަރޫން އެކަން ކުރަންވީ ކީއްވެގެންކަމެއް އަސްމަރާއަކަށްވެސް ނޭނގެއެވެ. ޒަރޫންގެ މިޒާޖާއި އުޅުމާއި ގޮތް އެންމެ ރަނގަޅަށް އެނގޭނީ އަސްމަރާއަށެވެ. އެހެންކަމުން ، އަސްމަރާ އެކަމާ އެހައިބޮޑަށް ވިސްނަންވީ ސަބަބެއް ނެތެވެ. ޒަރޫންއަކީ އަދިވެސް އަސްމަރާގެ ޙައްޤެކެވެ. ކަޝަފަކީ ، އެ ޙަޤީޤަތަށް ބަދަލު ގެނެވިދާނެ ކުއްޖެއް ނޫނެވެ. އަސްމަރާއަށްވުރެ ރީތީއެއް ނޫނެވެ. މުއްސަނދީކީ ނޫނެވެ. ޒަރޫންއާއެކު އެތައް ޒަމާނެއްވަންދެން އެކުގައި ވަގުތު ހޭދަވީކީ ނޫނެވެ. ދެޢާއިލާ ދެމެދުގައި ގާތްކަމެއް އޮތީކީ ނޫނެވެ. އަސްމަރާއަކީ އެހުރިހާކަމެއް އޮތް މީހެކެވެ. އެހެންނަމަވެސް އެންމެފަހުން ،  ޒަރޫން އެހީލި މާނަވީ ހުނުންގަނޑުން ، އަސްމަރާގެ ހިތަށް ކޮންމެވެސް މިންވަރެއްގެ ތަސައްލީއެއް ލިބުނެވެ.

ކަޝަފްމެންގެ ގޭތެރޭގައި ޒަރޫންއަށް އައި ބަދަލާމެދު ވިސްނުން އޮތީ ދިމާ އިދިކޮޅަށެވެ. ޒަރޫން އަށް އައި އެ ބަދަލާމެދު ކަޝަފަށް އެއްވެސް ކަމެއް ނުވިސްނެއެވެ. ޞިދްރާވެސް ހުރީ އެކަމާ ޙައިރާންވެފައެވެ. ޒަރޫންއަށް އެއައި ކުއްލި ބަދަލަކީ އޭނާއަށްވެސް ވަކިގޮތެއް ނިންމަން އުނދަގޫ ކަމަކަށް ނުވިއެވެ. ކަޝަފްވެސް ހުރީ އެކަމާ ޙައިރާންވެގެންގޮސް ކަންބޮޑުވާ ހިސާބަށް ގޮހެވެ.

"ފަހަރެއްގައި ޒަރޫންއަށް އެކުރެވުނު ކަންކަމުގެ އިޙްސާސް ކުރެވުނީ ކަންނޭނގެއެވެ. އަދި އެކަމާ ލަދުގަނެ ދެރަވީކަމަށްވެސް ވެދާނެ އެވެ. އެހެންވެ ، އެހާ ރަނގަޅުވެގެން އުޅެނީކަމަށް ވެދާނެއެވެ." ޞިދްރާގެ ޚިޔާލު ހާމަ ކުރިއެވެ.

ކަޝަފްވެސް ބޭނުންވަނީ އެގޮތަށް ހީކުރާށެވެ. އެކަމަކު ، އޭނާގެ ހިތް އެގޮތް ޤަބޫލުކުރާކަށް އެއްބަހެއް ނުވެއެވެ. އެއީ ކަޝަފަށް ކުރެވޭ ވަހުމަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ، އެވަހުމުގައި ހުރެ ކަންބޮޑުވާންވީ ކީއްކުރަން ހެއްޔެވެ ؟ ދުވާލު ހަތަރުދަމު ކަންބޮޑުވެގެން ހުންނަން ޖެހޭވަރަށް އޭނާ ކަޝަފަށް އުނދަގޫ ކުރެއެވެ. ޞިދްރާއަށް ފެނުނު ގޮތުގައި އެކަމަށް ޒަރޫންއަށް ޝުކުރު އަދާކުރުމަކީ ކަޝަފް ކުރަން ޖެހޭނެ ކަމެކެވެ.

"އަހަރެން ޒަރޫންއަށް އެކަމަށް ޝުކުރު އަދާކުރާނަމެވެ. އެކަމަކު ، އަހަރެންގެ ހިތާއި ނަފުސަށް އެކަން ޤަބޫލުކުރެވުނީމައެވެ." ކަޝަފް ބުންޏެވެ.

"އެބުނާ އަސްމަރާ އަދިވެސް ޒަރޫން އާއެކީ އުޅޭ ހެއްޔެވެ؟" ޞިދްރާ އަހައިލިއެވެ.

"ޒަރޫންގެ ހަށިފާރަވެރިޔެއްހެން 24 ގަޑިއިރު އުޅެއެވެ." ކަޝަފް ބުންޏެވެ.

"ޒަރޫން އެ އުނދަގޫކުރަނީ ކަޝަފަށް އަބަދު ތިކަހަލަ ވާހަކަ ދެއްކޭތީއެވެ." ޞިދްރާ ބުންޏެވެ.

"އެއްފަހަރާ ހަތަރު ކުދިންނާ ރައްޓެހިވެގެން ޒަރޫން އުޅުނަސް އަހަރެންނަށް ފަރުވާލެއް ނެތެވެ." ކަޝަފް ބުންޏެވެ.

"މަށަށް ހީވާ ގޮތެއް އެބަ އޮތެވެ." ޞިދްރާ އެބުނި އެއްޗަކުން ކަޝަފް ސިއްސައިގެން ގޮސް އެއީ ކޮންގޮތެއްހޭ އަހައިލިއެވެ. އެހެންނަމަވެސް ކަޝަފް އަހާ އަހާވެސް ޞިއްދާ އިތުރަކަށް އެވާހަކައެއް ނުބުނެއެވެ. ޞިދްރާ އިނީ ނުބައި ފާޑެއްގެ ހިންޏެއް އައިއްސައެވެ.

------------------------

ގެ ކުއްޔަށްދީފަ ލިބުނު ލާރިކޮޅު އަތްމައްޗަށް އެރީމަ ، އެއަށް ހަދާނެ ގޮތަކާމެދު ނިޤާރު އަންނަނީ ވިސްނަމުންނެވެ. ޙައްމާދުގެ ބޮލަށް ހުތްފިތައިގެން އޭނާ ދުއްވާ ސައިކަލް އާކުރުމުގެ ވާހަކ މުރުތަޟާއާ ދެއްކުމަށް ނިޤާރު އޮތީ ޙައްމާދަށް ނަޞޭޙަތް ލައިދީފައެވެ. އެހެންނޫނީ އެލާރިކޮޅުން ބައެއް އެމީހުންނަށް ނުލިބިދާނެތީއެވެ.

"ބައްޕާއެވެ! މިހާރު ދެން ، އަހަރެންގެ ބައިސްކަލް އާ ކޮށްލަ ދޭންވީ ނޫން ހެއްޔެވެ؟ އަވަށުތެރޭ ބާ ސައިކަލް ގަނޑެއް ދުއްވަން މިހާރު ލަދުވެސް ގަނެއެވެ." ޙައްމާދު ބުންޏެވެ.

މިހާރު އެއްފަހަރު ޙައްމާދުގެ ސައިކަލް ބަދަލުކޮށްދީފިއެވެ. އަނެއްކާ ކޮން މައްސަލައެއް ކުރިމަތިވީ ހެއްޔެވެ. މުރުތަޟާއަކީ ގޭގައި އުޅޭމީހެއްނޫނެވެ. ގޭގައި ހުންނަނީ ޙައްމާދެވެ. ޑްރައިވަރެއްހެން ތަންތަނަށް ދާން ޖެހެނީ ޙައްމާދަށެވެ. އެއްފަހަރު ޠޫބާ ގޮވައިގެން ކޮންމެވެސް ތާކަށް ދާން ޖެހޭނެއެވެ. އަނެއްފަހަރު ތަންޒީލާ ގޮވައިގެން ދާން ޖެހޭނެއެވެ. އެކަމާ ނިޤާރުވެސް ހިތްހަމަނުޖެހޭކަމަށް ހެދިއެވެ. ޑްރައިވަރެއްގެ ވާހަކަ ދައްކާއިރު ، އެއީ ޙައްމާދުގެ ދެ ކޮއްކޮކަން ނިޤާރު ހަނދާން ކޮށްދިނެވެ. އެ ސައިކަލް ބާވެގެން މިހާރު ދުއްވޭވަރު ނުވާކަން ޙައްމާދު ހަނދާން ކޮށްދިނެވެ. ޙައްމާދު އެބުނާވާހަކަޔަކީ ރަނގަޅު ވާހަކައެއްކަމަށް ނިޤާރުވެސް އެއްބަސް ވެއެވެ. އެ ސައިކަލް މާބޮޑަށް ބާ ވެއްޖެއެވެ. އެހިސާބުގެ މީހުން މިހާރު ޙައްމާދަށް މަލާމާތްވެސް  ކުރާވާހަކަ ނިޤާރު ބުންޏެވެ.

"މިހާރު ގެއިންލިބޭ ޙިއްސާވެސް ލިބިއްޖެ ނޫން ހެއްޔެވެ ؟ އޭނާއަށް އާ ސައިކަލެއް ހޯދައިދޭށެވެ." އެކަމުގައި އެންމެފަހުބަހަކީ އެއީކަން އަންގައިދޭ ރާގެއްގައި ނިޤާރު ބުންޏެވެ.

މުރުތަޟާ ނިންމައިގެންހުރީ ، އެފައިސާކޮޅު ކޮންމެވެސް ކަމަކަށް އިންވެސްޓް ކުރުމަށެވެ. އޭރުން ފައިސާކޮޅު ސަލާމަތުން ހަމަޔަށް ހުރެފައި ، އިތުރު ފައިދާވެސް ލިބޭނެއެވެ.

"ސައިކަލަކީވެސް އިންވެސްޓްމަންޓެކެވެ. ދޭތެރެޔަކުން ވިއްކައިލީމަ ރުފިޔާ ލިބޭނެއެވެ."

"މާތްކަލާކޯއެވެ! ތިކަހަލަ ފައިދާއެއްގެ ވާހަކަ އަހަރެން މިއަޑުއެހީ ފުރަތަމަ ފަހަރަށެވެ. ދެމައިން ތިޔަދިނީ ވަރަށް ރަނގަޅު ލަފައެކެވެ. ފިރިހެންދަރި ބުނީމަ އެކަމުގައި ދެން ދެއްކޭނީ ކޮން ބަހަނާއެއް ހެއްޔެވެ؟" މުރުތަޟާ ބުންޏެވެ.

ނިޤާރު އިނީ އޭނާ ޖެހި ރޮކެޓް މަންޒިލަށް ވާޞިލުވީމަ އެކަމާ އުފަލުން އެތެރެއިން ހީލަ ހީލައެވެ. ނިޤާރުގެ މުށުތެރޭ މުރުތަޟާ ގެންގުޅެން އޭނާއަށް ލިބިފައި އޮތް ވަޞީލަތަކީ ފިރިހެންދަރި ޙައްމާދެވެ. ޙައްމާދު ހަތިޔާރަކަށް ހަދައިގެން ، މުރުތަޟާ ލައްވާ ނިޤާރަށް ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.