(21 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޒަރޫން އޭނާއަށް ކުރިމަތިވެފައިވާ އެންގޭޖްމަންޓާ މެދު އެހައި އުފަލެއް ނުވެއެވެ. އޭނާގެ ހިތަށް ތަޞައްވުރު ކުރަން އުނދަގޫ ކަންތައްތަކެއް އެކަމުގައި އެބަ އޮތެވެ. އަސްމަރާގެ ހިތަށް އުނދަގޫވާ ފަދަ ކަމެއް ކުރާކަށްވެސް ޒަރޫން ބޭނުމެއް ނޫނެވެ. އެކަމަކު ، އެހާ އަވަހަށް ކައިވެންޏެއްކުރާކަށްވެސް ޒަރޫން ބޭނުމެއް ނޫނެވެ. އަދި ޒަރޫންގެ ޙަޔާތުގައި އެހެން އަންހެންކުއްޖަކު ހުރީއެއްވެސް ނޫނެވެ. އަނެއްކޮޅުން ޚުދު އަސްމަރާވެސް ހުރީ އެންގޭޖްމަންޓަށް ޒަރޫން އެއްބަސްނުވާ ސަބަބެއް ހޯދަން ބޭނުން ވެފައެވެ. ދެފަރާތުގެ ޢާއިލާއިންވެސް ތިބީ ހަމަ އެގޮތުގައެވެ. ހުރިހާ ގޮތަކުން ބަލާއިރުވެސް ، ޒަރޫން އަށް އެކަމުން ސަލާމަތް ވެވޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ.
އަސްމަރާ އާ އެންގޭޖްވާން ޒަރޫންގެ އާނބަސް އޭނާގެ މަންމައާއި ބައްޕަޔަށް ދިނުމަށްފަހުވެސް ، އެކަމާ ޒަރޫންގެ ހިތަށް އުފާވެރިކަމެއް ނުވަދެއެވެ. ނޭނގޭ ހާސްކަމެއްގެ ތެރެޔަށް އޭނާވަނީ ޣަރަޤު ވެފައެވެ. އެއީ ، އޭނާގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ މުހިންމު ނިންމުމެވެ. މަންމަޔާއި ބައްޕަޔަށް އާނބަސް ދިނުމަށްފަހުވެސް ، އޭނާގެ ކައިވެންޏަށް ޒަރޫން ތައްޔާރެއް ނޫނެވެ. އެއީ އޭނާއަށް ވިސްނައި ނުލާ އަދި މާއަވަސް އަރުވާލައިފާ ނިންމުނު ނިންމުމެއްކަމަށް ޒަރޫންއަށް އިޙްސާސް ކުރެވެއެވެ. ހަމަ އެއާއެކު ، ޒަރޫންއާ ކަޝަފްއާ ދެމެދު އުފެދެމުންދާ މައްސަލަތަކުގައި އުސާމާ ، ޒަރޫންއަށް ދެމުން އެގެންދާ ނަޞޭޙަތްތަކަކިވެސް އަގުކުރަންޖެހޭ އެއްޗެއްކަމަށް ޒަރޫންއަށް މިހާރު ވިސްނެއެވެ.
ކަޝަފް ޔުނިވަރސިޓީއަށް ވަދެގެން އައިތަން ފެނި ، ޒަރޫން އަސްމަރާއަށް އެތަން ދައްކައިލައެވެ. އަދި އަސްމަރާވެސް ޒަރޫންގާތު ސިއްރު ވާހަކައެއް ބުނެ މަލާމާތުގެ ނަޒަރަކުން ކަޝަފާ ދިމާއަށް ބަލައިލައެވެ. ކަޝަފަށް އެކަން ނޯޓިސް ކުރެވުނެވެ. ކަޝަފް ޔުނީ ތެރެޔަށް ވަދެގެން ދިޔައިރު ޒަރޫން ހުރީ އޭނާއާ ދިމާއަށް ކަޅި އަޅައިގެންނެވެ. އެކަމާ ކަޝަފް އަޅައެއް ނުލައެވެ. ކަޝަފް ވަދެގެން ދަނިކޮށް މާރިއާއާ ދިމާވިއެވެ. އަދި މާރިއާ ، ކަޝަފަށް ގޮވާލައި ޙާލު އަޙުވާލު އަހައިލިއެވެ.
------------------------
މުރުތަޟާ ގެޔަށް ވަތްގޮތަށް ވަދެ ޙައްމާދު ކޮބައިތޯ ސުއާލު ކުރިއެވެ. އޭނާހުރީ ރުޅިއައިސް ރަތްވެފައެވެ. ޙައްމާދު ކުރީ ކޮންކަމެއްތޯ ނިޤާރު ސުއާލުކުރިއެވެ. އަދި ޙައްމާދު ދިޔައީ ނަތީޖާ ބަލައިކަމުގައި ނިޤާރު ބުންޏެވެ.
" އަހަރެން މިއައީ ނަތީޖާ ބަލާފައެވެ. ދެވަނަ ޑިވިޝަންގައި 312 ނަންބަރެވެ. " މުރުތަޟާ އެބުނި އެއްޗަކުން ނިޤާރަށްވެސް ސުބްޙާނަﷲ އޭ ބުނެވުނެވެ.
ނިޤާރަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. މުރުތަޟާ އަށް އޮޅުމެއް އެރީކަމަށް ބުނެ ރަނގަޅަށް ހަމަ ބެލިންތޯ ސުއާލު ކުރިއެވެ. އަދި ، އޭނާ ރަނގަޅަށް ކިޔަވައޭ ބުނެ ، ޓީޗަރުންނަށް އޮޅުމެއް އެރީކަމަށް ވެދާނޭ ނިޤާރު ބުންޏެވެ. އަދި ޙައްމާދަށް ލިބުނު މާރކްސް އެހެން ކުއްޖަކަށް އޮޅުމަކުން ދެވުނީކަމަށް ވެދާނެކަމަށް ނިޤާރު ބުނެއެވެ.
" މާރކްސް ދިނުމުގައި އޮޅުމެއް އޮތްކަމެއް ނެތްކަމެއް މަށަކަށް ނޭނގެއެވެ. އެކަމަކު ޙައްމާދު އައީ ދެވަނަ ޑިވިޝަންގެ 312 ވަނައަށެވެ. " މުރުތަޟާ ރުޅިގަދަވެފައި ހުރެ ބުންޏެވެ.
ކުއްލިޔަކަށް ޙައްމާދު އައިސް ގެޔަށްވަދެ އޭނާއެއައީ ނަތީޖާ ބަލައިފާ ކަމަށް ބުންޏެވެ. އަދި އޭނާއަށް ލިބުނީ 450 ކަމަށްވެސް ހިނިއައިސްހުރެ ، ޙައްމާދު ބުންޏެވެ.
" ކަލޭގެ ރޯލް ނަންބަރު ( އިންޑެކްސް ނަންބަރު ) ބަދަލުވީ ހެއްޔެވެ ؟ ކަލޭގެ ނަންބަރަކީ 3822 ނޫން ހެއްޔެވެ ؟ " މުރުތަޟާ ސުއާލު ކުރިއެވެ. އެސުއާލަށް ޙައްމާދު އާނއެކޭ ބުނެއެވެ.
" އަހަރެން މިއައީ ތިން ތަނެއް ބަލާފައެވެ. ކަލޭ އައީ 312 ވަނަޔަށެވެ. " މުރުތަޟާ ހަޅޭއްލަވައި ގަތެވެ.
" ފަހަރެއްގައި އަހަރެންނަށް އޮޅުމެއް އެރީކަމަށް ވެދާނެއެވެ. " ޙައްމާދު ބުންޏެވެ.
" ނޫނެކެވެ. އޮޅުމެއް އެރީއެއް ނޫނެވެ. ތި ހަދަނީ ދޮގެވެ. މަކަރު ހަދަނީ އެވެ. އަހަރެމެންނަށް އޮޅުވައިލަނީއެވެ. " މުރުތަޟާ އަނެއްކާވެސް ހަޅޭއްލަވައި ގަތެވެ. އެއްވެސް ކަމަކާ ނުލައި އޭނާގެ ދަރިފުޅުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަނީކަމަށް ނިޤާރު ބުނެއެވެ.
" ދޮގު އިލްޒާމެއް ނޫނެވެ. އޭނާއަށް އަހަރެން ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟ މިތާހުރި އެންމެ ރަނގަޅު ކޮލެޖަށް އެހާ އުނދަގުލުން އެހެރީ ވައްދައި ދީފައެވެ. ބުނި ކޮންމެ އެއްޗެއް އޮންނާނީ ހޯދައި ދީފައެވެ. އޭނާގެ އަތުގައި ނެތީ ކޮން އެއްޗެއް ހެއްޔެވެ ؟ އެންމެ ފަހުގެ މޯބައިލް އެބަ އޮތެވެ. ސައިކަލް އެބަ ހުއްޓެވެ. އަހަރެންގެ އަސާސީ މުސާރަޔަށްވުރެ ގިނައިން އޭނާއަށް ޚަރަދު ކޮށްފީމެވެ. އެކަމަކު ހޯދި ނަތީޖާ ނިކަން ދެކެ ބަލާށެވެ ! " މުރުތަޟާ ، ޙައްމާދާ ދިމާއަށް އެތިވަރު ގޮވަމުން ގެންދިޔައެވެ.
" ނަޞީބަކުން ފެއިލް އެއް ނުވޭ ނޫންހެއްޔެވެ ؟ އެވެސް ލައްކަ ވަރެއް ނޫން ހެއްޔެވެ ؟ އޭނާއާ ދިމާއަށް އެތިވަރު ގޮވީމަ ނަތީޖާ މަތިވާނެ ހެއްޔެވެ ؟ " ނިޤާރު ކަން ބޮޑުވެފައި އިނދެ ، މަޑުމަޑުން ބުންޏެވެ.
" ބައްޕާއެވެ ! އަހަރެން މިބުނަނީ ތެދަށެވެ. ނަތީޖާ ސާފުކުރި މީހުން އެއޮތީ އަހަރެންނަށް މަދުން މާރކްސް ދީފައެވެ. " ޙައްމާދު އޭނާގެ ނަތީޖާ ދިފާޢު ކުރަމުން ބުންޏެވެ.
" އެހެން ހެއްޔެވެ ؟ ނަތީޖާ ސާފުކުރި ބޯރޑްގެ މެންބަރުން ކަލެޔަށް އެކަނި އެހެން ހަދަންވީ ކީއްވެ ހެއްޔެވެ ؟ " މުރުތަޟާ ބުންޏެވެ.
" އެހެންވިއްޔާ ޙައްމާދަށް ލިބުނު އަޞްލު މާރކްސް ފޮރުވާފައި ދޮގު މާރކްސް އެއްގެ ވާހަކަ މިހިސާބު މީހުންގާތު ބުނާށެވެ ! " ނިޤާރު ބުންޏެވެ.
ޙައްމާދަށް ލިބުނު މާރކސްގެ ވާހަކަ އެހިސާބު ގަނޑުގެ މީހުން އޭރުއޮތީ ދައްކަން ފަށާފައެވެ. މުރުތަޟާއަށްވެސް އެއަޑު އޮތީ އިވިފައެވެ. މުރުތަޟާ ގާތަށް އެހާ ރުޅިއައިސް އެހުރީ އެކަމާ ގަތް ލަދުންނެވެ.
" އަހަރެންގެ ފިރިހެންދަރިފުޅާމެދު މިއައީ ކޮންފަދަ އުއްމީދެއް ކުރަމުން ހެއްޔެވެ ؟ އަހަރެން ހީކުރީ އިންޖިނިއަރަކަށް ވާނެ ކަމަށެވެ. އެކަމަކު ، ކާތިބަކަށް ވާވަރަށްވެސް ތަޢުލީމެއް ނުހޯދުނެވެ." މުރުތަޟާ ބުންޏެވެ.
ޙައްމާދު އެހާ ދަށުން ފާސްވީމަ އެކަމާ ބެހޭގޮތުން ، މުރުތަޟާ އާއި ނިޤާރާ އަދި ޙައްމާދާ ދެމެދު އެތައް ވާހަކައެއް ދެކެވުނެވެ. އަދި އެއީ ޙައްމާދުގެ ފެންވަރުކަމުގައި ބުނެ ، ރާފިޢާގެ ކުދިން އެކުރާ ހިތްވަރުގެ މަތިން މުރުތަޟާ ހަނދާން ކޮށްދިނެވެ. މުރުތަޟާއަށް އެކުދިންނަށް އެއްވެސް ޚަރަދެއްކުރަން ނުޖެހޭ ވާހަކަ ބުންޏެވެ.
" އަމިއްލަޔަށް ޓިޔުޝަންދީ ބުރަ މަސައްކަތްކޮށްގެން އަމިއްލަޔަށް ލާރި ހޯދައިގެން ، ކޮލެޖްގެ ފީ އަމިއްލަޔަށް ދައްކައިގެން ، ކިޔަވާ މޮޅުވެގެން ، އެކުދިން ކްލާހުން އަބަދުވެސް އެހޯދަނީ އެއްވަނަ އެވެ. " މުރުތަޟާ ބުންޏެވެ.
" އަހަރެންގެ ކުރިމަތީ އެކުދިންގެ ވާހަކަ ދައްކާނެ ކަމެއްނެތެވެ. އެކުދިންގެ މަންމަޔަކީ ޕްރިންސިޕަލެވެ. ބޭނުން މާރކްސް އެއް އެކުދިންނަށް ދޭނެއެވެ. " ނިޤާރު ބުންޏެވެ.
ޙައްމާދުގެ މާރކްސްގެ މައްސަލައިގާ ގޭތެރެ ހޫނުވެގެން މުރުތަޟާ ރުޅިއައިސް ގެއިން ނުކުމެގެން ދިޔައެވެ.
------------------------
ސާރ އަބްރާރުގެ ކެބިންއަށް ޙާޟިރުވުމަށް ، ޒަރޫން އާއި ކަޝަފަށް އޮތީ އަންގާފައެވެ. އަދި އެއެންގުމާ އެއްގޮތަށް އެދެމީހުން ޙާޟިރު ވެއެވެ.
" ސާރ އެވެ ! އަހަރެން އެކަމާބެހޭގޮތުން ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ ! " ކަޝަފް ބުންޏެވެ.
" އެކަމަކު އެވާހަކަ ނުދައްކައެއް ކަމަކު ނުދާނެއެވެ. އަހަރެން ބޭނުމީ ކަލޭމެން ދެމީހުން އެކަމާ ބެހޭގޮތުން ވާހަކަ ދައްކައި އެކަން ނިންމައިލުމަށެވެ. " އަބްރާރް ބުންޏެވެ.
އެއީ ބޭނުންކަމެއް ނޫންކަމަށް ކަޝަފް ބުންޏެވެ. އެއީ ކީއްވެތޯ އަބްރާރް ސުއާލު ކުރެއެވެ.
" ކަލޭމެން ދެމީހުންނަކީ ކްލާހުގެ އެންމެ މޮޅު ދެކުދިންނެވެ. ދެމީހުން ރަޙުމަތްތެރިންނަށް ނުވަންޏާ އެކަކު އަނެކަކުގެ ދުޝްމަނުންނަށް ވެސް ވާންވީ ކީއްވެ ހެއްޔެވެ ؟ " އަބްރާރް ބުންޏެވެ.
" ސާރ އެވެ ! އަހަރެން ޔުނިވަރސިޓީގެ އެއްވެސް ކުއްޖަކީ އަހަރެންގެ ދުޝްމަނެއްކަމަކަށް ނުދެކެމެވެ. އަދި ރައްޓެހިންނާއި ދުޝްމަނުން ވަކިކޮށްގެން އުޅެން އަހަރެންނަކަށް ވަގުތެއް ނުލިބެއެވެ. އަހަރެން ބޭނުމީ އަހަރެންގެ ކިޔެވުމަށް ސަމާލުކަން ދިނުމަށެވެ. " ކަޝަފް ބުންޏެވެ.
ޒަރޫން އާބެހޭ އެއްވެސް ޝަކުވާއެއް އެބައޮތްތޯ ކަޝަފް ކުރެން އަބްރާރު ސުއާލު ކުރެއެވެ. ކަޝަފްގެ އެއްވެސް ޝަކުވާއެއް ނެތްކަމަށް ކަޝަފް ޖަވާބު ދެއެވެ. އަދި ޒަރޫން އެއްވެސް ވާހަކައެއް ބުނަން އެބައޮތްތޯ އަބްރާރް ސުއާލު ކުރެއެވެ.
" އަހަރެންގެވެސް ކަޝަފާބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ނެތެވެ. " ޒަރޫން ޖަވާބު ދިނެވެ.
" ވަރަށް ރަނގަޅެވެ. ކަލޭމެން ދެމީހުންކުރެ އެކެއްގެވެސް ޝަކުވާއެއް ނެތްކަމަށް ވަންޏާ މައްސަލަ އެ ޙައްލު ވީއެވެ. މިއަދުން ފެށިގެން ، ކަލޭމެން ދެމީހުންނަކީ މިޔުނިވަރސިޓީގެ އެންމެ ރަނގަޅު ދެކުދިންނަށް ވާން މަސައްކަތް ކުރާށެވެ ! " އަބްރާރް ބުންޏެވެ. އެދެމީހުންނަށް ޝުކުރު އަދާކޮށްފައި އަބްރާރް އޭނާގެ ކެބިން އިން ފޮނުވައިލައެވެ.
ކަޝަފްމެންގޭގައިވެސް މިއަދު އޮތީ މާރކްސް އާބެހޭ ހިތްހަމަ ނުޖެހުމެކެވެ. މިއަދަކީ ، މާރކްސް ދިން ދުވަސްކަމަށްވާތީ ކޮންމެ ގެޔެއްގައިވެސް އޮންނާނީ އެވާހަކަ އެވެ. ޝެހްނީލާއަށް ލިބުނު މާރކްސް އާމެދު ޚުދު އޭނާ ހިތްހަމަ ނުޖެހިގެން މަންމައާއެކު އެކަމާބެހޭ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޝެހްނީލާއަށް މަތީ މާރކްސް އެއް ލިބުނު ނަމަވެސް ، އެމާރކްސް އަށް އޭނާ ހިތްހަމަ ނުޖެހިގެން އެކަމާ ދެރަވީ އެވެ. އޭނާގެ ދަރިފުޅަށް އެހައި ރަނގަޅު މާރކްސް އެއް ލިބުނީމަ ރާފިޢާ އިނީ ހިތްހަމަ ޖެހިފައެވެ. އަދި ޝެހްނީލާ ޔުނިވަރސިޓީއަށް ދާން ބޭނުންވާނަމަ އެކަން ރާފިޢާ ހަމަޖައްސައިދޭނެ ވާހަކަ ރާފިޢާ ބުނެއެވެ. އެކަމަކު ، ސްކޮލަރޝިޕެއް ލިބޭވަރަށް މާރކްސް ނުލިބުނީމަ އެކަމާ ، ޝެހްނީލާ އިނީ ދެރަވެފައެވެ. ރާފިޢާ އޭނާގެ ދަރިފުޅަށް ނަޞޭޙަތްދީ ހަމަޖައްސައި ލެވޭތޯ މަސައްކަތް ކުރަމުން ގެންދިޔަ އެވެ. އިތުރަށް މަސައްކަތް ކޮށްގެން ތަންކޮޅެއް މަތިން މާރކްސް ލިބުނީމަ ސްކޮލަރޝިޕްވެސް ، އިރާދަ ކުރެއްވިއްޔާ ލިބިދާނެ ވާޙަކަ ރާފިޢާ ބުނެއެވެ.
ޝެހްނީލާ ބޭނުންވަނީ އިންޖިނިއަރިންގ ޔުނިވަރސިޓީއަކަށް ގޮސް އިންޖިނިއަރިންގ ގެ ރޮނގުން ކިޔަވާށެވެ. އެކަންވެސް ޝެހްނީލާއަށް ކުރެވޭނެކަމަށް ރާފިޢާ ބުނެއެވެ. މިހާތަނަށްވެސް އަހަރެމެންނަށް ﷲ ގެ ރަޙުމަތްފުޅު ތަނަވަސްވެގެން ވިއެވެ. އިރާދަ ކުރެއްވިއްޔާ އަދިވެސް ﷲ އަހަރެމެންނަށް މަދަދު ދެއްވާނެކަމަށް ރާފިޢާ ބުނެއެވެ.
" އެހައި މަތިން މާރކްސް ލިބުނީމަވެސް ، މޫޑް ކަޓާފައި ތިއިންނަނީ ކީއްވެ ހެއްޔެވެ ؟ " ޞިދްރާ އެހިއެވެ.
ޞިދްރާގެ ސުއާލަށްވެސް ޝެހްނީލާ ދިނީ ނާއުއްމީދީ ޖަވާބެކެވެ. އެހެންނަމަވެސް ، މަންމައާއި ކަޝަފް ، ޝެހްނީލާއަށް އެހީތެރިވެގެން ހުރިހައި ކަމެއްވެސް ހަމަޖައްސައިދޭނެކަމަށް ޞިދްރާ ބުނުމުން ، ޝެހްނީލާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.
------------------------
ޒަރޫންގެ ގޭގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ، އަސްމަރާއާއި ޒަރޫންގެ އެންގޭޖްމަންޓް ބޭއްވުނެވެ. އެރަސްމިއްޔާތަށް އެހައިގިނަ ބަޔަކަށް ދަޢުވަތެއް ނުދެއެވެ. އެދެމީހުންގެ މައިންބަފައިންގެ އިތުރަށް ، ސާރާއާއި އުސާމާ އަދި ސާރ އަބްރާރް އެ ރސްމިއްޔާތުން ފެނެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެންމެ ބޮޑު އުފާވެރިކަމެއް ފެނިގެންދަނީ އެދެމީހުންގެ މައިންބަފައިންގެ މޫނުމަތިންނެވެ.
އެހާ ބޭނުން ވެގެން ކުރިކަމެއް ނޫންނަމަވެސް ، ޒަރޫންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުން ވުމެވެ.
( ނުނިމޭ )
varah reethi