ދެކަފި - 11

(1 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކަޝަފްގެ އާދައިގެމަތިން އޭނާގެ ޑައިރީ ނަގައިގެން މިއަދު ޔުނިވަރސިޓީގައި ދިމާވި ކަންތައްތަކުގެ ވާހަކަ ލިޔަމުން ގެންދިޔައެވެ. މިއަދު ޔުނިވަރސިޓީގައި ދިމާވި ކަހަލަ އުނދަގޫ ކަންތައްގަނޑެއް ކަޝަފްގެ މުޅި ޙަޔާތުގައިވެސް ދިމާވެފައެއް ނުވެއެވެ. ﷲ ތަޢާލާ، ޒަރޫންފަދަ މީހުންނަށް ދެއްވާފައި އެވަނީ ކޮންކަހަލަ އުޅުމެއް ހެއްޔެވެ؟  އުސާމާ އާއި އަސްމަރާމެންގެ ޙާލުހުރިގޮތެއް އަދި ނޭނގެއެވެ. ޔުނިވަރސިޓީއަށް އެއަންނަނީ މުއްސަނދިކަމުން ދިރިއުޅުން ޚަރާބުވެފައިތިބި ކުދިންނެވެ. އަނެއްކޮޅުން ކަޝަފްމެންފަދަ ނިކަމެތިން އެފަދަ ތަނަކަށް ވަނީމާ ދެންވާނެ ގޮތް ޚިޔާލުކޮށްލަންވެސް ނޭނގެއެވެ. ކުރިޔަށް އޮތް ދެއަހަރު ކަޝަފް އެތަނުގައި އެކުދިންނާއެކު ހޭދަކުރާނީ ކިހިނެއްބާއޭ އޭނާގެ އަމިއްލަ ނަފުސާ ސުއާލުކުރިއެވެ. ސަރުކާރުގެ ޔުނިވަރސިޓީއަކަށް ވަތްނަމަ މިއަށްވުރެ ރަނގަޅުވީހެވެ. ހަމަގައިމުވެސް، ރީއްޗާއި މުއްސަނދިކަމުގެ ވާދަވެރިކަމެއް އެއިރަކުން ނުއޮންނާނެއެވެ. އެދެކަންތަކަކީ، ޒުވާން ޢުމުރުގައި އިންސާނާ މަގުންކައްސައިލާ އެންމެ ނުރައްކާ ކަންކަމެވެ.

------------------------

ޔުނިވަރސިޓީގެ ފުރަތަމަ ދުވަހު ކުރިމަތިވި ކަންތައްގަނޑާ ގުޅިގެން ޒަރޫން ހުރީ ހިތްނުތަނަވަސް ވެފައެވެ. އޭނާގެ ލެޕްޓޮޕްގައި ލިޔަމުންގެންދާ ޑައިރީގެ ވާހަކަތައް ފަށާނީ ކޮން ހިސާބަކުންކަން އޭނާއަކަށް ނުނިންމުނެވެ. ލެޕްޓޮޕް ހުޅުވައިގެން ސްކްރީނަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ. ޒަރޫންގެ ދިރިއުޅުމުގެ އާ ބާބެއް ހުޅުވުނީއެވެ. އެއީ ޔުނިވަރސިޓީގެ އެންމެފަހު ޑިގްރީއެވެ. ރައްޓެހި ރަޙުމްތެރިންނާއެކު މަޖާކުރުމުގެ ދެއަހަރެވެ. އޭގެފަހުން ދެންކުރިމަތިވާނީ ކޮންކަމެއްކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ފުރަތަމަދުވަހު މިކުރިމަތިވީ ކޮންކަންތައްގަނޑެއް ހެއްޔެވެ؟ ފެންނަ ފެނުމުގައި އެއީ ގޯސްކުއްޖެއްނޫނެވެ. އެކަމަކު ވާހަކަދެއްކުމުގައި ޙައްދު ފަހަނަޅާފައެވެ. ބައެއް އަންހެންކުދިންގެ ހިތް އާސްމާނަށް އަރަނީއެވެ. ރަނގަޅު ނަތީޖާއެއް ޙާޞިލްކުރެވުނީމަ އެކަމާ ފަޚުރުވެރިވަނީއެވެ. ކަޝަފް މުރުތަމާގެވެސް ޙާލަކީ އެއީއެވެ. އެވައްތަރުގެ ކުދިންގެ އެހުންނަނީ ކޮންވައްތަރެއް ހެއްޔެވެ. އަދަބު އިޙްތިރާމެއް ނެތްތާނގައި ވާހަކަދެއްކުމުގައިވެސް އެއްވެސް އަދަބެއް ސަދަބެއް ނެތެވެ. ފުރަތަމަ ދުވަސް އެދިޔައީއެވެ. ބާކީއޮތް ދުވަސްތައް ދާނީ ކިހިނެއްތޯ ބަލަން މަޑުކުރަމާ ހިނގާށެވެ. ޒަރޫން މިހުރިހާ ވާހަކަތަކެއް އޭނާގެ ޑައިރީގައި ލިޔުނުއިރުވެސް، އޭނާގެ ހަނދާނަށް ނާންނަ އެއްކަމެއް އެބައޮތެވެ. އެއީ އެޑްމިޝަން ލިސްޓް ބަލަންދިޔަ ދުވަހު އެތާ އެއްވެތިބި ކުދިންގެ ކުރިމަތީގައި ކަޝަފާ މުޚާތަބުކޮށް، ޑަކައިތެއް އެއްވަނަޔަށް އައިސް އޮތް ވާހަކަ ޒަރޫން ބުނި ހަނދާނެވެ. ކަޝަފަށް ނިސްބަތްކޮށް ޒަރޫން އެބުނި ވާހަކަ ޔުނިވަރސިޓީގެ ފުރަތަމަ ދުވަހުވެސް، ކަޝަފް އެއޮތީ ޒަރޫންގެ އަނގަޔަށް ޖަހާފައެވެ. ކަޝަފްގެ ނަމަކީ ޗުރައިލް އައްވަލް ނުވަތަ އެއްވަނަ ޑަކައިތުކަމުގައި ބުނެ ޒަރޫން ލަދުގަންނުވައި ލައިގެންނެވެ.

------------------------

ކަޝަފް، ޔުނިވަރސިޓީއަށް ދާން ތައްޔާރުވަމުން ގެންދިޔައިރު، އެތަނަށް ޞިދްރާ އާއި ޝެހްނީލާ އައިސް ވަދެއެވެ. އަދި، ފުރަތަމަ ދުވަހު ތައްޔާރުވާން ހަތަރު ގަޑިއިރު ނެގިވާހަކަ ބުންޏެވެ. މިއަދު، ކަޝަފް ލައިގެންހުރި ހެދުމާމެދު ޞިދްރާ ހިތްހަމައެއް ނުޖެހުނެވެ. އެހެން ނަމަވެސް، ކަޝަފް ބުނިގޮތުގައި މިހެދުންލައިގެންގޮސް އޭނާ އެތާތިބި އެހެންކުދިންނާ ވާދަކުރާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އެކުދިންނާ ވާދަކުރާނީ އަހަރެންގެ ސިފައިންނާއި ރީތިހެދުމަކުން ނޫނެވެ. ކިޔެވުމުންނެވެ. ކަޝަފް އެހުރިގޮތަށް ތައްޔާރުވެ، ފޮތްތައް ހިފައިގެން ނުކުމެގެން ހިނގައްޖެއެވެ. ކަޝްފްގެ އެގޮންޖެހުމުގެ ޔަޤީންކަމާއި އިތުބާރާއެކު، ޞިދްރާއާއި ޝެހްނީލާ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިބެ ހެމުން ގެންދިޔައެވެ. އެކުދިންނަށް ޤަބޫލުކުރެވޭގޮތުގައި، އެކުދިންގެ ދައްތައަށް އެކަން ކުރެވޭނެއެވެ.

ކަޝަފަށް ޔުނިވަރސިޓީއަށް ގޮސް ވަދެވުނީ ޒަރޫންގެ ކުރިމައްޗަށެވެ. އޭރުވެސް ތިންހަތަރު އަންހެންކުދިން ޒާރޫން އާ ސަމާސާކޮށް ވާހަކަދައްކަން އޭނާ ވަށާލައިގެން ތިއްބެވެ. އަސްމަރާއާއި އުސާމާއަށްވެސް ވަދެވުނީ ޒަރޫންމެންގެ ކުރިމައްޗަށެވެ. އެތަން ފެނުމާއެކު، އެއީ ޒަރޫންގެ އާދަކަމަށާއި އެކަމަށް ބަދަލެއް ނާންނާނެކަމަށް އަސްމަރާ ބުންޏެވެ. އަންހެންކުދިންނާ އަޅައިގަނެގެން އުޅުން ޒަރޫން ނުހުއްޓާނެކަމަށް ބުންޏެވެ. ކުދިންނާ ވާހަކަ ދައްކަންޖެހޭޏެކަމަށާއި އެހާއަވަހަށް ގޮތްނިންމަނީ ކީއްވެތޯ އުސާމާ ސުއާލުކުރިއެވެ. އަސްމަރާ ހުރީ ޒަރޫން އެކުދިންނާ ވާހަކަދައްކަން ހުރިތަން ފެނިފައި ހިތްހަމަ ނުޖެހިފައެވެ. އެއީ ޒަރޫންގެ އާދައެއްނޫންހޭ ބުނެ އުސާމާ، އަސްމަރާ އިތުރަށް ހާސްކޮށްލިއެވެ.

އަސްމަރާމެން އައިތަން ފެނުމުން އޭނާ އެމީހުން އަންނަންދެން މަޑުކޮށްލަނީކަމަށް ޒަރޫން ބުންޏެވެ. ސޯފިއާއާ ބައްދަލުވެއްޖެ ދޯއޭ ބުނެ އަސްމަރާގެ ރުޅިގަނޑު ބޭރުކޮށްލިއެވެ. އަސްމަރާ އެކުދިންނާ ދިމާއަށް އެއްޗެހި ކިޔައިގަތެވެ. އަދި އޭނާއާ އެކުދިންނާ އެއްވަރު ނުކުރެވޭނެކަމުގައި އަސްމަރާ ބުންޏެވެ. އެހެން އަންހެންކުދިންނާ ޖައްސާލައިގެން ނޫޅުމަށް އަސްމަރާއަށް ޒަރޫން ނަޞޭޙަތް ދެއެވެ. އެކުދިންނަށް ޒަރޫން މައްލަވަކޮށް ސަމާސާކުރަންޏާ އަހަރެންނަށް އެއްޗެކޭ ނުބުނެއެއް ނުހުރެވޭނެއެވެ. އަސްމަރާގެ ރުޅިގަނޑު މަތައެއް ނުކުރެވުނެވެ. މިދެމީހުންގެ އުފެދިފައިވާ އުދާސްތައް ބަންޑުންވާތަން ބަލަން ދުރުގައި އުސާމާ ހުއްޓެވެ. އަދި ކްލާހުގެ ގަޑީޖެހޭކަން އެމީހުންނަށް ހަނދާން ކޮށްދިނެވެ. އުސާމާއާއި ޒަރޫން ހިނގައިގަތްއިރު، އެމީހުންނާއެކުގައި ނުދާންވެގެން އަސްމަރާ މަޑުކޮށްލައިގެން ދަތްކުނޑިވިކައިގެން އަދި އެމީހުންނާ ދިމާއަށް ކަޅިއަޅައިގެން ހުއްޓެވެ.

------------------------

ސާރާއަށް ބޭރަށްދާން ރީތިވެގެން ނުކުމެވުނީ އޭނާގެ ބައްޕަ ޖުނައިދުގެ ކުރިމައްޗަށެވެ. އޭނާއެދަނީ ކޮންސެޓަކަށެވެ. ސާރާގެ ބައްޕަ ހީކުރީ ފަރްޙާން އާއެކު ސާރާ ބޭރަށްދަނީ ކަމަށެވެ. އެހެންނަމަވެސް ފަރްޙާން ބަލިވެއުޅޭތީ، ކޮންސެޓަށްދަނީ ރައްޓެހި ކުދިންކޮޅަކާއެކީގައި ކަމުގައި ސާރާ ބުންޏެވެ. ސާރާގެ ހެދުމަށް ބަލައިލުމަށްފަހު، އެހެދުން އެހާ މުނާސަބް ނޫންކަމުގައި އޭނާގެ ދަރިފުޅަށް ވިސްނައިދޭން ޖުނައިދު މަސައްކަތް ކުރިއެވެ. ސާރާގެ ޖަވާބަކަށްވީ އެއީ ފެޝަންކަމުގައެވެ. ހުރިހާ ކުދިންވެސް މިހާރު ލައިއުޅެނީ އެކަހަލަ ހެދުންކަމުގައެވެ. ދަރިފުޅާއެވެ! ހެދުމަކީ އިންސާނާގެ ތަޞައްވުރު ސިފަކޮށްދޭ އެއްޗެކެވެ. ތިކަހަލަ ހެދުންލައިގެން، ރޭގަނޑު ބޭރަށްދިޔައިމާ ދަރިފުޅުގެ އަބުރާއި ޢިއްޒަތް ގެއްލޭނެއެވެ. ބައްޕަ، މަންމަގާތު ތިއިން އެއްވެސް ވާހަކައެއް ނުބުނެއެވެ. އަހަރެންގާތު ތިވާހަކަ ދައްކަނީ ކީއްވެހޭ، ތިމަންނައަށް ލަސްވެޔޭ އާދެވޭނީ ވަރަށް ލަހުންނޭ ބުނެ، ބައްޕަގެ އަނގަޔަށް ބައްޕަގެ ނަޞޭޙަތް ޖަހާފަ، ސާރާ ނުކުމެގެން ހިނގައްޖެއެވެ. ޖުނައިދަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ސާރާގޮސް މަންމަގާތު ބައްޕަގެ ޝަކުވާއޮތީ ކޮށްފައެވެ. ރޭގަނޑުގެ ކާމޭޒުދޮށުގައި ޖުނައިދުގެ ދެމަފިރިންނާއި ޒަރޫން ކެއުމަށް އިންސާފުކުރަމުން ގެންދެއެވެ. ސާރާވީ ބޭރުގައެވެ. ސާރާއާ އެކަހަލަ ވާހަކަ، ޖުނައިދު ދައްކައިގެން ނުވާނެކަމުގައި ޣާޒާލާ ބުނެލިއެވެ. އޭނާ ލާ ހެދުމާ ކަލޭމެން ބެހޭނެކަމެއް ނެތެވެ. އެކަހަލަ ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނެތެވެ. ޣަޒާލާ އިނީ ރުޅިއައިހެވެ. އޭނާގެ ކައިވެނި މިހާރު އެއޮތީ ތައްޔާރުވެފައެވެ. އަހަރެން ކަންބޮޑުވީ އެހެންވެގެންނެވެ. ފަރްޙާންގެ ޢާއިލާއަށް ސާރާގެ ހެދުންލުމުގެ އާދަ މައްސަލަޔަކަށް ވެއްޖެނަމަ އެއީ ރަނގަޅުކަމެއް ނޫނެވެ. ފަރްޙާނަށް ސާރާ ރަނގަޅަށް އެނގޭނެއެވެ. ސާރާ އަޅާ ހެދުމާއި އުޅޭގޮތް ފަރްޙާން މެންނަށް މައްސަލަޔަކަށް ވާނަމަ އެކަން މިހާރު އޮންނާނީ މައްސަލަޔަކަށް ވެފައެވެ. އެކަމަކު އެއީ މައްސަލަޔަކަށް އަދިއެއް ނުވެއެވެ. ޣަޒާލާ ސާފުކޮށްދިނެވެ. ޖުނައިދުގެ ކަންބޮޑުވުމަކަށް ނިމުމެއް ނައެވެ. ކައިވެންޏަށްފަހު އެއީ އެޢާއިލާއަށް މައްސަލަޔަކަށް ވެއްޖެނަމަ ދެންހަދާނީ ކިހިނެއްތޯ ޖުނައިދު ސުއާލުކުރެއެވެ. ކައިވެނީގެ ފަހުން އެއީ މައްސލަޔަކަށް ވެއްޖެނަމަ އެކަން ޙާއްލުކުރާނީއެވެ. އެކަމަކު އަހަރެންގެ ދަރިފުޅު، ފިރިމީހާގެ އަޅަކަށްވެގެން، ފިރިމީހާގެ ފައިވާނުގައި ދޫލާން ފުރުޞަތެއް ނުދޭނަމޭ ބުނެ ޣަޒާލާގެ ވާހަކަ ނިންމައިލިއެވެ. ޒަރޫން ބައްޕައާ ބައިވެރިވެ ބައްޕަ އެބުނީ ގޯސްވާހަކައެއް ނޫންކަމުގައި ބުނެއެވެ. މަންމަގެ ވިސްނުމާ ޒަރޫން ދެކޮޅެވެ. ރީތިކޮށް ހެދުން އެޅުމަކީ ފިރިމީހާގެ ފައިވާނުގައި ދޫލުން ނޫންކަމަށްވެސް ޒަރޫން ބުނެއެވެ. އަހަރެންވެސް ޤަބޫލުކުރާގޮތުގައި، ކިތަންމެ ޒަމާނީވެ ފެޝަނަށް ލޯބިކުރިޔަސް، އަންހެނުން ހެދުން އަޅަންވާނީ މުނާސަބު ގޮތަކަށެވެ.

"ޒަރޫން އެވެ! ޒަރޫންގެ އަނބިމީހާގެ ހެދުން އަޅަންވީގޮތް ޒަރޫން ނިންމާށެވެ. ސާރާ ލާ ހެދުމާ ބެހި، އޭނާގެ ދިރިއުޅުން ބަދަލުކުރަން ޒަރޫން އުޅޭނެކަމެއް ނެތެވެ." ޣަޒާލާގެ ތަރުބިއްޔަތަށް ކިޔުނު ފާޑަށް އޭނާ ހިތްހަމައެއް ނުޖެހުނެވެ.

"ކޮންމެ މުނާސަބަތަކަށްވެސް އެކަށީގެންވާ ހެދުމާއި އުޅެންވީގޮތްތަކެއް ހުންނާނެއެވެ. ﷲ ތަޢާލާ، އިންސާނާ ދުނިޔެއަށް ފޮނުއްވީ ހިތަށްއެރިގޮތަކަށް އުޅެ، ދުނިޔެ ދޫކޮށް ﷲ ގެ ޙަޟުރަތަށް ދާކަށް ނޫނެވެ." ތަޞައްރަފު ފުދިފައިވާ ބޮޑުފިރިހެނަކު ބުނާފަދަ ވާހަކައެއް ޒަރޫން ބުނެލިއެވެ. ޖުނައިދުގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. އޭނާގެ ފިރިހެންދަރީގެ ވިސްނުމާއި ފިކުރަށް ފަޚުރުވެރިވިއެވެ. ޣާޒާލާ އިނީ ޒަރޫން އެބުނި ވާހަކައަކުން ހިތްހަމަނުޖެހި ދެބުމަ ގޮށް ޖަހައިގެންނެވެ.

------------------------

ކަޝަފާއި މާރިއާ އިންޓަވަލްގަޑީގައި ބޭރުގައިއޮތް ހިޔާކޮޅެއްގައި މަޑުކޮށްލައިގެން ތިއްބެވެ. މާރިއާ އަށް އެދުވަހުގެ މޫސުމް ވަރަށް ރަނގަޅެވެ. މާރިއާ އަބަދު ހުންނަނީ ހިނިތުންވެފައެވެ. އޭނާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ނުފެންނައިރެއް ނުދެއެވެ. ކަޝަފާއި މާރިއާ ގުޅޭ މިޒާޖަކީ މާރިއާގެ ސާދާކަންކަމުގައި ވެދާނެއެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި ކަޝަފްގެ ޢާއިލާއާ ބެހޭގޮތުން މާރިއާ ސުއާލުކުރެއެވެ. މަންމަ ކުރަނީ ކީއްތޯ އާއި ބައްޕަ ކުރަނީ ކޮން މަސައްކަތެއްތޯ މާރިއާ ސުއާލުކުރެއެވެ. އެސުއާލަށް ދޭނެ ޖަވާބެއް ނޭނގި އިނދެފައި ކަޝަފް އޭނާގެ ޢާއިލާގެ ވާހަކަ މާރިއާއަށް ކިޔައިދެއެވެ. ކަޝަފްގެ ބައްޕަ އުޅެނީ ސަރުކާރުގައެވެ. ސުޕަވައިޒަރެއްގެ މަޤާމުގައެވެ. މަންމަޔަކީ ސަރުކާރު ސްކޫލެއްގެ ޕްރިންސިޕަލެކެވެ. އަހަރެމެންގެ ތިބެނީ ތިންބެއިންނެވެ. ތިން އަންހެންކުދިންނެވެ. ހުރިހާ ކުދިންގެ ތެރެއިންވެސް ދޮށީ ކަޝަފެވެ. ކަޝަފް ވާހަކަ ދައްކަމުން ގެންދިޔައިރު އޭނާގެ ސިކުނޑީގެ އެއްކަނެއްގައި ޖަމާވަމުންދިޔަ އުދާސްތައް އޭނާގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ފަހަރެއްގައި މާރިއާއަށް އެކަން ނަގައި ނުގަނެވިދާނެއެވެ.

ކަޝަފްގެ ބައްޕަ ދެއަނތްބަށް މީހަކާ އިނދެގެން އުޅޭ ވާހަކަ މިމީހުންގާތު ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ދެވަނަ ކައިވެންޏެއްކުރަން ބައްޕަ ނިންމީ ކަޝަފްގެ މަންމަ ތިން އަންހެންކުދިން ވިހޭމައެވެ. އަހަރެމެން މިއޮއްހުރިހާ ދުވަހު ދިރިއުޅެމުން މިގެންދިޔައީ ހަތަރު އަންހެނުންގެ ގޮތުގައެއްނޫނެވެ. ހަތަރު ފިރިހެނުންގެ ގޮތުގައެވެ. އެކަކު އަނެކަކަށް ޒިންމާދާރު ވެގެންނެވެ. އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާކަމެއް ހަމަޖައްސަމުން ގެންދިޔައީ އަހަރެމެން އަމިއްލަޔަށެވެ. ބައްޕައެއް ހުންނަކަމެއް ނޭނގެއެވެ.

ޢާއިލާގެ ވާހަކަ ކިޔައިދެމުން ގެންދިޔައިރު، އެދެއްކެނީ ކޮންކަހަލަ ވާހަކައެއްކަން ކަޝަފަށް އެނގެއެވެ.

------------------------

ކަޝަފްގެ އެއްބަފާ ކޮއްކޮ ޙައްމާދު، އޭނާއަށް ބައްޕަ ގަނެދީފައިވާ ސައިކަލު ފުހެމުން ގެންދިޔައެވެ. އެތަން ބަލަން އޭނާގެ މަންމަ ނިޤާރު ހުއްޓެވެ. ޔުނިވަރސިޓީއަށް ވެއްދީ ދޯއޭ ބުނެ ނިޤާރު ހަޅޭއްލަވައިގަތެވެ. ހަމްދާނުވެސް އާއެނކޭ ބުނެ މަންމަޔާ ބައިވެރިވެއެވެ. ކަލޭގެ ބައްޕަޔަށް އަންގާވެސް ނުލައެވެ. އެކަމަކު، ތިމަންނަ އެހެން ހަދާނަމޭ މިހެން ހަދާނަމޭ ބުނެ ކަލޭގެ ބައްޕަ ފޮނިކަނޑާނެއެވެ. ޙައްމާދާ، ރާފިޢާ އިތުރު ސުއާލެއް ނުކުރޭތޯ ނިޤާރު އެހިއެވެ. ދެން ކޮންވާހަކައެއްތޯއާއި އޭނާގާތު އިތުރު ވާޙަކައެއް ނުދައްކާކަމަށް ޙައްމާދު ބުންޏެވެ. ކަޝަފާއި ރާފިޢާ އަދި މުރުތަޟާއާ ދިމާއަށް ގޮވަންހުރި އެއްޗެހި ޙައްމާދާ ދިމާއަށް ގޮވަމުން، ނިޤާރު އެތަނުން ނުކުމެގެން ދިޔައެވެ.

------------------------

ޔުނިވަރސިޓީ ގޯތިތެރޭގައި ކަޝަފް އެކަނިމާއެކަނި އިށީނދެލައިގެން އިންތަން އުސާމާއަށް ފެނެއެވެ.  މާރިއާވީ އެތާނގައި އިނދެފައި އެހެން ދިމާއަކަށް ގޮހެވެ. ކަޝާފާ ދިމާއަށް ކަޅިޖަހާނުލައި އުސާމާ އެތައް އިރެއްވަންދެން ބަލަހައްޓައިގެން ހުއްޓެވެ. އޭނާހުރީ ދެވަނަ ފްލޯރގެ ބެލްކަނީގައެވެ. އެތަނަށް ކަޝަފް ވަރަށް ރީތިކޮށް ފެނެއެވެ. އުސާމާގެ ނަޒަރު ކަޝަފާ ދިމާއަށް ހުއްޓިފައި ހުއްޓާ ޒަރޫން އެތަނަށް އައުމުންވެސް އޭނާގެ ބެލުމަށް ބަދަލެއް ނައެވެ.  ކުއްލި ސިހުމެއް ލިބުނީ ޒަރޫން ވާހަކަ ދައްކަން ފެށީމައެވެ. އުސާމާއަށް ޒަރޫން ދެއްކި އެއްވެސް ވާހަކައެއް ނީވުނެވެ. ޒަރޫންވެސް އެކަމާ އަޅައިނުލާ ކަޝަފާ ދިމާއަށް ބަލައިލުމަށްފަހު އެތަނުން ދެއެވެ. އޭރުވެސް، އުސާމާގެ ކަޅި ކަޝަފާ ދުރަށް ކައްސާލައިގެންނެއް ނުދެއެވެ.

------------------------

މުރުތަޟާގެ ގޭގެ ކާމޭޒު ދޮށުގައިތިބީ ނިޤާރާއި މުރުތަމާއާ ދެމީހުން އެކަންޏެވެ. ދަނޑިވަޅު ބަލާފަ ނިޤާރުގެ އާދައިގެމަތިން، މުރުތަޟާގެ ބޯކައިލުމުގެ މަސައްކަތް ފެއްޓިއެވެ. ކަޝަފް ޔުނިވަރސިޓީއަށް ވެއްދި މައްސަލައިގާ ނިޤާރުގާތަށް އައިސްހުރި ރުޅިޔަށްވުރެ މުރުތަޟާގެ ރުޅިގަނޑު މަޑުނުވާނެ ވާހަކަ ނިޤާރުގާތު އޮތީ މުރުތަޟާއަށް ބުނެވިފައެވެ. އެކަމަކު މުރުތަޟާއަށް ހިލަމެއްވެސް ނުކޮށް އެކަން ނިންމައިފިއެވެ. މުރުތަޟާއަށް ކުރެވުނު އެއްކަމެއްވެސް ނެތެވެ. ދަރިފުޅު ޔުނިވަރސިޓީއަށް ފޮނުވައި އެކަން ނިންމާލައިފިއެވެ. ނިޤާރުގެ ނަޒަރުގައި މުރުތަޟާ އެކަމަށް އެއްވެސް އަހުމިއްޔަތުކަމެއް ނުދެއެވެ. ރާފިޢާއަކީ ވަރަށް ގޮތްދޫނުކުރާ އަންހެނެއްކަމުގައި މުރުތަޟާ ބުނެއެވެ. އަދި ބައްޕަޔަށްވެސް އަންގައިނުލާ ޔުނިވަރސިޓީއަށް ފޮނުވީނޫންހޭ ބުންޏެވެ. ކަޝަފް ޔުނިވަރސިޓީއަށް ފޮނުވިއިރު، މުރުތަޟާއަށް އެކަން ނުހުއްޓުވުނީތީ ނިޤާރުހުރީ ރުޅިގަދަވެފައެވެ.

(ނުނިމޭ)  

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.