ދެކަފި - 26

(9 ނޮވެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޙައްމާދުގާތު އިށީންނަން ބުނީމަވެސް އިށީންނަ ފިކުރެއް ނުކުރެއެވެ. އޭނާ ބޭނުންވީ ގެ ބަލައިލާށެވެ. މަންމަ ކިޔައިދީފަ އޮތް ގޮތަށެވެ. މަންމަޔަށް ރިޕޯޓުކުރަން އޮންނަނީ ޙައްމާދަށް މަޖުބޫރު ކަމަކަށް ވެފައެވެ. ގެބަލައިލަން ބޭނުންވާހަކަ ޙައްމާދު ބުނުމުން، ރާފިޢާ އެކަމަށް އިންކާރެއް ނުކުރެއެވެ. ޙައްމާދު އެއައީ ވާހަކަ ހޯދަންކަމެއް ރާފިޢާއަކަށް ނޭނގޭނެއެވެ. ނުވަތަ އެނގުނަސް އެއީ ކަމަކަށް ނުހަދާނެއެވެ. ނިޤާރުގެ ގޮތްވެސް ރާފިޢާއަށް ރަނގަޅަށް އެނގެއެވެ. އެހެންވީމާ،  ރާފިޢާއަށް އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

------------------------

މާރިއާއަކީ ވަރަށް ސާދާ ކުއްޖެކެވެ. އޭނާ އެންމެންނާވެސް ގުޅެއެވެ. ޒަރޫންގެ ނާރެސްގައި މާރިއާވެސް މިހާރު ހިމެނިއްޖެ ކަހަލަ އެވެ. ޔުނީއިން ކަޝަފް ނުކުމެގެން ދިޔައީ އެ ގްރޫޕްގެ ކައިރިން ލާފައެވެ. އެތާތިބީ، ޒަރޫން އާއި އަސްމަރާ އަދި މާރިއާއާއި އުސާމާއެވެ. ކަޝަފް ތަންކޮޅަކަށް ދިޔަތަނާ އަސްމަރާއަކަށް ނީނދެވުނެވެ.

"އެއީ ކޮންތާކުން ނުކުމެގެން އައި ކުއްޖެއް ހެއްޔެވެ؟" އަސްމަރާ ބުންޏެވެ.

"ކޮންމެ ތާކުން ނުކުމެގެން އަޔަސް، އަސްމަރާއަކީ އެހައި މުހިންމު މީހެއްކަމަކަށް ކަޝަފެއް ނުދެކެއެވެ." މާރިއާ ބުންޏެވެ.

އަސްމަރާ، ކަޝަފާ ދިމާއަށް ބުނަމުން ދިޔަ ކޮންމެ އެއްޗަކަށް ކަޝަފްގެ ދިފާޢުގައި މާރިއާ ޖަވާބު ދެއެވެ. ޒަރޫން އާއި އަސްމަރާއާ ދެ މީހުންގެ ޚިޔާލުގައި، ކަޝަފް ދިފާޢު ކުރުމަށް މާރިއާގެ ކަންތައް މާ މައްޗަށް ހިނގައްޖެ އެވެ.  ޒަރޫން، ކަޝަފް ގާތު ކާރަށް އަރާށޭ ބުނަން ޖެހިދާނެ ދުވަހެއްވެސް އަތުވެދާނެކަމަށް މާރިއާ ދެކެއެވެ. ކުރިޔަށް އޮތްތަނުގައި ވާނީ ކިހިނެއްކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟

"ކަޝަފްގެ ސިފަ ނިކަން ދެކެބަލާށެވެ! އެއީ މީހަކު ވާހަކަ ދައްކާ ކަހަލަ ކުއްޖެއް ހެއްޔެވެ؟ ޒަރޫންގެ މިންގަނޑުތަކެއް ހުންނާނެއެވެ. އެމިންގަނޑު ތަކަކަށް ކަޝަފެއް ނުފެތެއެވެ." އަސްމަރާ މަލާމާތް ކޮށްލިއެވެ.

------------------------

ނިޤާރުގެ ޙީލަތްތެރިކަމުން، ޙައްމާދު ފޮނުވައިގެން ރާފިޢާ ދިޔަތަނެއް ހޯދިއެވެ. ޙައްމާދު ގޮސް ރާފިޢާމެންގެ ހޯދައިގެން އައިތަނުން ކަރާތަކެއް ކޮށާފައި ފުރަތަމަވެސް ޙައްމާދުގެ އަނގަޔަށް އަތުން ލަވަމުން ކާންދޭން ފެށިއެވެ. އެއީ ކޮންކަހަލަ ގެއެއްތޯއާއި އެގޭގެ ކުލި އަހައިލިންތޯ ނިޤާރު ސުއާލުކުރިއެވެ. ޙައްމާދުގެ ޖަވާބަކަށްވީ ކުލީގެ ވާހަކަ އަހައިލާން އޭނާ ހަނދާން ނުވި ކަމުގައެވެ. އޭނާ ބުނާ އެއްވެސް ކަމެއް ޙައްމާދު ހަނދާނެއް ނުހުންނާނެކަމަށް ނިޤާރު ބުންޏެވެ. ރާފިޢާ ބުނިގޮތުގައި ދުނިޔޭގައި އުފައްދާ ހުރިހާ ފިލްމެއްގެ ނަން ޙައްމާދު ހަނދާން ހުންނާނެއެވެ. އެކަމަކު، އޭނާބުނާ އެއްވެސް ވާހަކައެއް ހަނދާނެއް ނުހުންނާނެއެވެ. ނިޤާރު ބޭނުންވި މަޢުލޫމާތު ޙައްމާދުގެ ފަރާތުން ނުލިބުމުން ނިޤާރު ގާތަށް ރުޅިއައެވެ. އަދި ކާންދީ ލަވަމުންގެންދިޔަ ކަރާތަށި ދުރުކޮށްލިއެވެ. ޙައްމާދުގާތު މަންމަ ބުނީ ގެހުރިތަނެއް ބަލާށެވެ. އަދި ގެހުރިގޮތަކާއި ފެންވަރެއް ފާހަގަ ކުރާށެވެ. އެކަން ޙައްމާދު ކޮށްދީފިއެވެ. ކުލީގެ ވާހަކަ އަހާކަށް މަންމައެއް ނުބުނެއެވެ. ދެންދާ ފަހަރަކުން އަހާނެކަމަށް ޙައްމާދު ބުންޏެވެ. އެގެޔަކީ ވަރަށް ރީތި ގެއެއްކަމަށް ޙައްމާދު ބުންޏެވެ. ގެރީތިވިއްޔާ ކުލިވެސް ބޮޑުވާނެކަމަށް ނިޤާރުއަށް ފެނުނެވެ. އެމީހުން އަތުގައި ލާރިނެތްވާހަކަ ދައްކާނެއެވެ. އެކަމަކު ގެހޯދަންވީމަ ރުފިޔާ އެބަހުއްޓެއް ނޫން ހެއްޔެވެ. ކަލޭގެ ބައްޕައަތުން ލާރި އަތުލައިގެން އެއޮއްހުރިހާ ދުވަހު އުޅުނު އިރު، ފޮރުވާފައި ވަރަށް ލާރި ހުންނާނެއެވެ. ކަރާކޮޅެއް ނަގަން ޙައްމާދު އަތްދިއްކޮށްލީމަ އަތުގައި ޖަހަމުން ނިޤާރު ބުންޏެވެ.

ނިޤާރުގެ ދަރިއެއްކަމަށްވާތީ، އޭނާގެ މަކަރުވެރިކަން ޙައްމާދަށްވެސް ހުރީ ލިބިފައެވެ. ޙައްމާދު ބުނިގޮތުގައި ބައްޕަގެ ގޮތެއްވެސް ނޭނގޭނެއެވެ. އެކަންކަން އެއީ ބައްޕަ ހަމަޖައްސައިދިން ކަންކަމަށްވެސް ވެދާނެ ނޫން ހެއްޔެވެ. ނިޤާރަށްވުރެ އެއްދަރަޖަ ކުރިޔަށް ޙައްމާދު ޖެހިލިއެވެ. އެއީ ނިޤާރަށްވެސް ވިސްނައިލަން ނޭނގުނު ކަމެކެވެ. ނިޤާރަށްވެސް ޤަބޫލުކުރެވުނު ގޮތުގައި އެވާނީ މުރުތަޟާ އެހީތެރިވީ ކަމަށެވެ. ނިޤާރު ކައިރީގަ ރާފިޢާއާ އިދިކޮޅަށް ވާޙަކަ ދައްކާފައި، ރާފިޢާމެން ބަދަލުވާނެ ގެޔެއްވެސް މުރުތަޟާ ހޯދައިދީފާނެއެވެ. ނިޤާރު ގަޔާވާ ކަހަލަ މޮޅު ވާހަކައެއް ޙައްމާދަށް ބުނެވުމުން، ކާށޭ ކިޔާފަ ވަރަށް ލޯބިން އަނެއްކާވެސް ޙައްމާދަށް ކަރާ ކާންދޭން ފެށިއެވެ. މުރުތަޟާ ގެޔަށް އައިމަ ކުޅި ދައްކާލާނެކަމަށް ނިޤާރު ބުންޏެވެ. އަދި، ޙައްމާދު މަންމަގެ ކޮޅަށްޖެހި ހުރުމަށްވެސް ނިޤާރު އެދެއެވެ.

------------------------

ޒަރޫންއާއި ކަޝަފާ ދެމެދު އުފެދިފައި އޮތް މައްސަލައަށް ޙައްލެއް ގެންނަންޖެހޭކަމަށް ޒަރޫން ދެކެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަށް އެކަމާމެދު ވިސްނަން މަޖުބޫރު ކުރުވީ، ސާރާއާއި އަސްމަރާގެ ގޮތްދޫނުކުރާ ޚަޞީލަތެވެ. ކަޝަފަކީވެސް ގޮތްދޫނުކުރާ ކުއްޖެކެވެ. އެހެންނަމަވެސް، ކަޝަފްގެ ގޮތްދޫނުކުރުން އެއީ ތަފާތު ކަމެކެވެ. އޭނާ ގޮތްދޫނުކުރަނީ ކިޔެވުމުގައި ކުރިމަތިވާ ޢިލްމީ ބަޙުސާއި، ބޭނުމެއްނެތް ގޮތުގައި ވަގުތު ހޭދަކުރުމާ އަދި ބޭނުމެއްނެތް ގޮތުގައި ކުދިންނާ މަސްހުނި ވުމުގައެވެ. އެއީ ކަޝަފް، އޭނާގެ ކިޔެވުމަށް ދޭ ސަމާލުކަމުގެ ނަތީޖާކަމަށް ވެދާނެއެވެ. އަދި އޭނާގެ ދިރިއުޅުމުގެ ޙާލަތު އެހެންކުދިންނާ ތަފާތު ވުމުންކަމުގައި ވެދާނެއެވެ. ކޮންމެއަކަސް، ޒަރޫންއަށް މިހާރު ވިސްނޭގޮތުގައި ކަޝަފަކީ ތަފާތު ކުއްޖެކެވެ. އެތަފާތުގައި ޙަޤީޤަތެއް އޮވެދާނެއެވެ. ހަމައެއާއެކު، ކަޝަފަކީ ކިޔެވުމަށް މޮޅު އަދި ތޫނުފިލި ކުއްޖެކެވެ. ޒަރޫން ދެކޭގޮތުގައި، އުސާމާއަށް ކަޝަފާ ވާހަކަ ދެއްކޭއިރު، އޭނާއަށް ކަޝަފާ ވާހަކަ ނުދެއްކެންވީ ސަބަބެއް ނެތެވެ. ނުވަތަ އުސާމާ މާބޮޑަށް ކަޝަފާ ގާތްކަން ބާއްވާތީ ޒަރޫން ކަންބޮޑުވަނީ ކަމަށްވެސް ވެދާނެއެވެ.

ކަޝަފާއި މާރިއާ، ޔުނީ ނިންމާލާފައި ނުކުމެގެން އާދެއެވެ. އަދި އެތަނަށް ޒަރޫންވެސް އާދެއެވެ. ކަޝަފް އާ މުޚާތަބުކޮށް ޒަރޫން ސަލާމް ގޮވައިލިއެވެ. އަދި ކަޝަފްގެ ޙާލު އަހައިލިއެވެ. ކަޝަފްވެސް މިފަހަރު އެހައި ކޫސަނިކަމެއް ނުދައްކައެވެ. ސަލާމް ބަލައިގެންފައި، ޙާލު ރަނގަޅޭ ބުނެ ލަދުރަކި ހިނިތުންވުމެއްގައި ހުއްޓެވެ. މާރިއާ ހުރީ، ޒަރޫންއަށް ސަލާމް ގޮވާލާފައި، ކަޝަފް އެހަދާ އެއްޗެއް ބަލާށެވެ ! ޒަރޫންގެ މޫނުމަތިންވެސް އެވަގުތު އުފާވެރިކަން ފާޅުވާން ހުއްޓެވެ. އެހެންނަމަވެސް، ކުއްލިޔަކަށް ކަޝަފާ މާގިނަ ވާހަކަ ދައްކަން އުޅުން އެއީ ގޯހަކަށް ވެދާނެކަމަށް ޒަރޫނަށް ފެނުނެވެ. އެހެންކަމުން، މާގިނަ ވާހަކަ ދައްކާކަށް ނުހަދައެވެ. އެދިޔަގޮތަށް ޒަރޫންވެސް ދިޔައެވެ. ކަޝަފްވެސް ޒަރޫން އޭނާއާ މާގިނަ ވާހަކަ ދައްކަން ފުރުޞަތު ދޭކަށް ބޭނުމެއް ނުވާނެއެވެ. ޔުނީގެ ހުރިހާ ކުދިން ހައްލާ ލެވުނަސް، ކަޝަފް ޅޮސް އުނދޯންޔަކަށް ލައި ހެއްލުމަކީ ޒަރޫންއަށް އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫނެވެ. އެއަށްވުރެ ކަޝަފް ހުޝިޔާރު ވާނެއެވެ. އޭނާއާ ކުޅެ ބޭނުންގޮތެއް ހަދާކަށް، ކަޝަފް އެހެން ކުދިންނަށް ފުރުޞަތެއް ނުދޭނެއެވެ. އަދި އަމްދުން ފިރިހެން ކުއްޖަކަށް އޭނާ ހައްދައި ލުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

ކަޝަފް ގެޔަށްގޮސް ކައިހަދައިގެން ނުކުމެ، ގޯތިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައި ޞިދްރާއަށް ފެނިގެން ކަޝަފްގާތަށް ޖެހިލައެވެ. ކަޝަފްހުރީ ކަންބޮޑުވެފައިކަން ޞިދްރާއަށް ފާހަގަ ކުރެވުނެވެ.

"ކޮންކަމަކާ ފިކުރު ބޮޑުވެފައި ހެއްޔެވެ؟ އަނެއްކާ މިއަދުވެސް މައްސަލައެއް ދިމާވީ ހެއްޔެވެ؟" ޞިދްރާ ސުއާލު ކުރިއެވެ.

"މައްސަލައެއް ދިމާވިނަމަ އަހަރެން މިހާ ކަންބޮޑެއް ނުވާނެ ނޫން ހެއްޔެވެ؟" ކަޝަފަށް ވެގެން އުޅޭގޮތެއް، ޚުދު ކަޝަފަކަށްވެސް އިޙްސާސެއް ނުވެއެވެ.

"މައްސަލައެއް ދިމާނުވަންޏާ ދެން ކޮންކަމެއް ލައިގަތީ ހެއްޔެވެ؟" ޞިދްރާވެސް ވެގެންއުޅޭގޮތެއް ސާފުކުރަން ބޭނުންވިއެވެ.

"މިއަދު، އާދަޔާ ޚިލާފު ކަމެއް ދިމާވެއްޖެއެވެ." ކަޝަފް ހާސްވެފައި ހުރެ ބުންޏެވެ.

"އެއީ އަނެއްކާ ކޮން ކަމެއް ހެއްޔެވެ؟" ޞިދްރާ އެހިއެވެ.

އެސުއާލަށް ދޭނެޖަވަބެއް ކަޝަފަކަށް ނުވިސްނުނެވެ. އެވާހަކަ ޞިދްރާގާތު ބުނާނެ ގޮތެއްވެސް ކަޝަފަކަށް ނުއެނގުނެވެ. ޞިދްރާގާތު އެވާހަކަ ބުނެފިއްޔާ އުނދަގޫ ވާވަރަށް ދިމާކުރާނެއެވެ. ބޮޑު ކަންތައްގަނޑަކަށް ހަދާނެއެވެ. ޞިދްރާގެ ސުއާލަށް ޖަވާބު ނުދީ ކަޝަފް ނިންމީ މަޑުން ހުންނާށެވެ.

------------------------

"ރާފިޢާމެން ދިޔަތަނެއް އެނގޭ ހެއްޔެވެ؟" ނިޤާރު މުރުތަޟާއާ ސުއާލުކުރިއެވެ. ނިޤާރުގެ މަޤްޞަދަކީ މުރުތަޟާއަށް ނާންގައި ޙިލަތްތެރި ގޮތަކަށް މުރުތަޟާ ކޮނެލުމެވެ.

"މަށަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ކަމެއް ކުރަނީ އަހަރެންގާތު އަހާފައެއް ނޫނެވެ." މުރުތަޟާ ބުންޏެވެ.

"އެހެންވިއްޔާ ފޯނުކޮށްލާފައި ނަމަވެސް އަހާލަންވާނެ ނޫން ހެއްޔެވެ ؟ އަނެއްކާ ކޮންމެވެސް އެހެންކަމެއް ހިނގަނީ ހެއްޔެވެ؟ މުރުތަޟާ އުޅޭ ނޫޅޭގޮތް ވެސް، ބަލަންޖެހޭ ހިސާބަށް މިހާރު ހިނގައްޖެއެވެ. އެމީހުން ދިޔަތަނެއް ހަމަ ނޭނގެނީ ހެއްޔެވެ؟ ނޫނީ އެނގޭކަމަށް ނުހަދަނީ ހެއްޔެވެ؟" ޙީލަތްތެރިކަމާއެކު، ނިޤާރު ބުންޏެވެ.

ނިޤާރުގެ ބޭނުމަކީ، މުރުތަޟާ ކޮނެލައިގެން އޭނާގެ ހިތުގައި އެއްޗެއް އޮތިއްޔާ އެއެއްޗެއް ނެރުމެވެ. އަދި މުރުތަޟާމެން އުޅޭ އަވަށާ ދުރަށްގޮސް އެމީހުން ކޮންމެފަދަ ގަނޑެއްގަތަސް ނޭނގޭނެކަމަށް ނިޤާރު ބުނެއެވެ. ދުނިޔެއަކީ ހެއްލުމެއްކަމަށާއި އުފަލާއި އަރާމަށް ހެއްލި، ނަފްސު ވިއްކުމުން، އެމީހުންނަށް ލިބޭ ގެއްލުމުގެ އަސަރު، މުރުތަޟާއަށްވެސް ފޯރާނެކަމަށް ނިޤާރު ބުންޏެވެ. ނިޤާރުގެ އެބަސްތަކަށް މުރުތަޟާ ހިތްހަމައެއް ނުޖެހުނެވެ. ކުއްލިޔަކަށް މިޒާޖު ބަދަލު ވިއެވެ.  ރާފިޢާއާއި އެކުދިންނަކީ އެކަހަލަ ގޯސް ކަންކަން ކުރާނެ ބައެއްނޫންކަމަށް މުރުތަޟާ ބުނެއެވެ.

"ކޮންމެހެން އަހަރެން ކުރިމަތީ ރާފިޢާއަށް ތަޢުރީފު ކުރާނެކަމެއް ނެތެވެ. 24 ގަޑިއިރު މުރުތަޟާ ތިހުންނަނީ އެމީހުންގާތަކު ނޫނެއް ނޫން ހެއްޔެވެ؟ އެހެންވީމާ، އެމީހުން އުޅޭގޮތެއް މުރުތަޟާއަކަށް ނޭނގޭނެ އެވެ." ނިޤާރު ބުންޏެވެ.

އެވާހަކަތަކަށް މުރުތަޟާ ހިތްހަމަ ނުޖެހި، ނިޤާރާ ދިމާއަށް ދެލޯ ވަށްކޮށް ކަޅިއަޅައިގެން އިނެވެ.

------------------------

ޒަރޫންގެ އާދައިގެ މަތިން، އިންޓަވަލް ގަޑީގައި ހުރިހާކުދިން އެއްކޮށްގެން މަޖާކުރަން އިނެވެ. ކަޝަފް އިނީ ތަންކޮޅެއްދުރުގައިހުރި މާގަސްތަކެއްކައިރީ ވަކިންނެވެ. އޭނާ އިނީ އާދައިގެ މަތިން ފިލާވަޅު ދަސްކުރާށެވެ. ކަޝަފް އެކަނި އިންތަން ފެނިގެން ޒަރޫން ކަޝަފް ގާތަށް އާދެއެވެ. އަދި ސަލާމް ގޮވާލާފައި ކަޝަފާ ވާހަކަ ދައްކަން ފަށައެވެ.

"މިތާ އަހަރެންނަށް އިށީނދެލެވިދާނެ ހެއްޔެވެ؟" ޒަރޫން ސުއާލުކުރެއެވެ.

"މުޅި ޔުނިވަރސިޓީގައި މިތަން ނޫން އެހެންތަނެއް، ޒަރޫން އިށީންނަން ނުލިބުނީ ހެއްޔެވެ؟" ކަޝަފް ޖަވާބު ދިނެވެ.

"ކަޝަފާ ވާހަކަ ދައްކާލަން ބޭނުންވިއްޔާ  ޖެހޭނީ އަންނަން ނޫން ހެއްޔެވެ ؟ އަބަދު އިންނާނީ އެކަނި ވިއްޔާއެވެ." ޒަރޫން ޖަވާބު ދިނެވެ.

ދައްކަން އޮތީ ކޮން ވާހަކައެއްހޭ ބުނެ ކަޝަފް ޖަވާބު ދިނެވެ. ޒަރޫން ވަރަށް ކެތްތެރިކަމާއެކު، ކަޝަފްގެ އެސުއާލަށް ޖަވާބު ނުދީ އިށީނދެލަންތޯ އަހާލައެވެ. އަދި ކަޝަފްވެސް އިށީންނާށޭ ބުންޏެވެ.

"އަހަރެން ކަޝަފްގާތުގައި ވާހަކައެއް ބުނަން ބޭނުން ވެއެވެ." އަޅައަޅައިގަންނަމުން ޒަރޫން ބުންޏެވެ. އެއީ ކޮންކަމަކާ ބެހޭގޮތުންތޯ ކަޝަފް ސުއާލު ކުރުމުން ޒަރޫން އިތުރަށް ވާހަކަ ދައްކަން ފެއްޓިއެވެ.

"އަހަރެން މިހެން ބުނީމަ ކަޝަފަށް ޙައިރާންކަންވެސް ލިބިދާނެއެވެ. އެކަމަކު، އަހަރެން ކަޝަފްގެ ކިބައިން މަޢާފަށް އެދެމެވެ." ޒަރޫން، ކަޝަފާ ދިމާއަށް ބަލަހައްޓައިގެން އިނދެ، ލަސްލަހުން ބުންޏެވެ. އަދި މަޢާފު އެދެނީ ކޮންކަމަކަށްތޯ ކަޝަފް ސުއާލުކުރުމުން އަނެއްކާވެސް ޒަރޫންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"އަހަރެންނަށް އުޅެވުނު ގޮތުންނެވެ. ހެދުނު ގޮތުންނެވެ. ކްލާހުގައި ކިޔަވަން އުޅޭއިރު ބަޙުސް ކުރެވޭނެއެވެ. އެއީ ޢިލްމީ ކަމެކެވެ. ކިޔަވަން އުޅޭއިރު އެކަހަލަ ދެބަސްވުމާ ދުރެއް ނުވެވޭނެ އެވެ. އެކަމަކު ކްލާހުން ބޭރުގައި އެއްކުއްޖަކު އަނެއް ކުއްޖަކަށް ވާހަކަ ދައްކާލައި އުޅެވެން ވާނެ ނޫން ހެއްޔެވެ؟ މިކަމާމެދު ބުނަނީ ކީކޭ ހެއްޔެވެ؟" ޒަރޫން ވަރަށް ވިސްނައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭނާ އިނީ ކަޝަފްގެ މޫނަށް ބަލަހައްޓައިގެންނެވެ.

"އަހަރެން އެކަމަކަށް ޝަޢުޤުވެރިކަމެއް ނެތެވެ." ކަޝަފް ބުންޏެވެ.

"އެއްކްލާހުގައި ކިޔަވަން އުޅޭއިރު، އަހަރެމެންގެ މެދުގައި ދެބަސްވުން އުފެދި، ރުޅިވެރިކަން އޮވެގެން ނުވާނެ ދޯއެވެ؟" ޒަރޫން ބުންޏެވެ.

ކަޝަފް އިނީ ޒަރޫންއާ ވާހަކަ ދައްކަން ޖެހޭތީ އުނދަގޫ ވެފައެވެ. ޒަރޫން މައްލަވަ ނުކުރާ އެންމެ ކުއްޖަކުވެސް ދޫކޮށެއް ނުލާނެއެވެ. އނަގައިން ނުބުނެ އެތައް އިރަކު އިނުމަށްފަހު، އިތުރު ވާހަކައެއް އެބައޮތްތޯ އެހުމުން، ނޫނެކޭ ބުނެ ރާޑިވެގެން ޒަރޫންއަށް ޖެހުނީ އެތަނުން ތެދުވެގެން ދާށެވެ. ކަޝަފްގެ ފަރާތުން މާބޮޑު ގާތްކަމެއް ނުލިބޭނެކަން ޒަރޫންއަށް އެނގެއެވެ. ދަމުންވެސް ޒަރޫންއަށް ހުރެވުނީ ކަޝަފާ ދިމާއަށް ފުރަގަހުން ބަލަހައްޓައިގެންނެވެ. އެހެން ކުދިންނާ ހަމަޔަށް ދެވެންދެން ޒަރޫންއަށް ކަޝަފާ ދިމާއަށް ބަލައި ލެވެއެވެ. އަދި އެކުދިންގާތަށް ގޮސް އިށީނުމަށްފަހުވެސް އިރު އިރުކޮޅުން ކަޝަފާ ދިމާއަށް ބަލައި ލެވެއެވެ.

(ނުނިމޭ) 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.