ދެކަފި - 77

(31 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝެހްނީލާ އަނގަގަދަ ކުރަން ފެށިމާ ، ބުރަކަށީ ފިރުމާލައިފާ ދެން ދާށޭ ބުނެ އެތަނުން ޝެހްނީލާ ފޮނުވައިލައެވެ. ތިމަންނަ ކީރު ކާނީ މިތާ އިނދެގެންނޭ ބުނެ ޙައްމާދު ސޯފާގައި އިށީނދެލައެވެ. ރާފިޢާ އެތެރެޔަށް ދާތަނުން ޝެހްނީލާ އައިސް މިތާކު އިންނާނެކަމެއްނެތޭ މިދަޅު ހިފައިގެން ގެޔަށްގޮސް އެންމެންނަށް ދީގެންކާށޭ ބުނެ ޙައްމާދު ފޮނުވައިލަން އުޅެއެވެ. އަދި ، ދަޅު އަނބުރާ ގެނެސްދޭށޭވެސް ބުނެއެވެ. ޙައްމާދުވެސް ޝެހްނީލާއަކަށް ދުލެއް ނުކުރިއެވެ. މިގެއިން ގެންދާ ދަޅުތައް ހަމަޔަށް ގެނެސްދެމޭ ބުންޏެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ދެން އަވަހަށް ދާށޭ ބުނެ ، ޝެހްނީލާ ، ޙައްމާދު ފޮނުވައިލައެވެ. ތިބެހެއްޓި ގާތްކަމާއި މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނަމުން ޙައްމާދު ހިނގައްޖެއެވެ.

------------------------

މިއޮތީ ، ބައްޕަދިން ޗެކެކޭ ބުނެ ، ޒަރޫންއަތަށް ޣަޒާލާ ޗެކެއް ދިއްކޮށްލައެވެ. އެހާ ގިނަ ޢަދަދެއްގެ ފައިސާގެ ބޭނުމަކީ ކޮބައިތޯ ޣަޒާލާ ސުއާލު ކުރިއެވެ. އެއީ އެކައުންޓަށް ދައްކަންވެފައި އޮތް ޢަދަދެއް ސާފުކޮށްލަންވެގެން ކަމަށް ޒަރޫން ބުންޏެވެ.

ޒަރޫންއަށް މުސާރަޔަށް ލިބޭ ލާރިން އަމިއްލަ ޚަރަދުތައް ހަމަނުޖެއްސޭތީ ޣަޒާލާ ހުރީ ކަންބޮޑުވެފައެވެ. އެއީ ކޮންމެ ބައްޕަޔަކުވެސް އަދި މަންމަޔަކުވެސް ކަންބޮޑުވާނެ ކަމެކެވެ. ދަރިން ބޮޑެތިވެ މަސައްކަތް ކުރާ ޢުމުރަށް އެޅީމަ ، މައިންބަފައިންގެ މުސްކުޅިވެ ، އެދުވަސް އަންނަންދެން އެއްކޮށް ރައްކާކުރާ ފައިސާއިން ނުވަތަ ކުރާ ވިޔަފާރިއަކުން ، ދަރިންނަށް ޚަރަދު ކުރަންޖެހޭނަމަ ، އެއީ ގޮތެއް ނޫނެވެ. ލިބޭ މިންވަރުން ބޭނުންތައް ފުއްދަން ދަރިން ދަސްކުރަން ޖެހޭނެއެވެ. ބޮޑުކަމެއް ދިމާވެއްޖިއްޔާ ނުކޮށްދޭނެ ވާހަކައެއް ނޫނެވެ. އެކަމަކު އަބަދު ލާރިދޭން ޖެހުނީމަ ، ލާރިދިނަސް ، މައިންބަފައިންނަށް އެއީ ތަކުލީފަކަށް ވާނެއެވެ.

ކައިވެނީގެ ފަހުން ޚަރަދުތައް ބޮޑުވެގެން ދިޔަގޮތެއް ޒަރޫންއަކަށް ނޭނގުނެވެ. އެކަމަކު ކައިވެނީގެ ކުރިންވެސް ޒަރޫންގެ ޙާލަކީ އެއީއެވެ. ދޭތެރެޔަކުން ބައްޕައަތުން އިތުރަށް ފައިސާ ހޯދަންނުޖެހޭ އިރެއް ނާދެއެވެ.

" ކައިވެނީގެ ފަހުން ކަޝަފަށް ފައިސާދެން ދޯއެވެ ؟ " ޣަޒާލާ ސުއާލު ކުރިއެވެ.

" އާނއެކެވެ. ކަޝަފަށް ފައިސާ ދެމެވެ. ނުދޭންވީ ހެއްޔެވެ ؟ " ޒަރޫންވެސް ކުރީ ސުއާލެކެވެ.

" ކަޝަފަށް ޚަރަދު ނުކުރާށެކޭ ނުބުނަމެވެ. އެކަމަކު ބަލައިގެން ދޭށެވެ. މާގިނައިން ނުދޭށެވެ. އެފައިސާ ދާނީ ކަޝަފްގެ ޢާއިލާއަށްކަން ހަނދާން ކުރައްޗެވެ. " ޣަޒާލާ ބުންޏެވެ.

" މަންމާއެވެ ! ކަޝަފަކީ އެކަހަލަ މީހެއްނޫނެވެ. އެހެންނޫނަސް ކަޝަފްގެ ޢާއިލާގައި ތިބީ ކޮންބައެއް ހެއްޔެވެ ؟ މަންމަޔަކާ އިތުރު އަންހެން ކުއްޖެކެވެ. މަންމަޔަކީ ވަރަށް މުރާލި މީހެކެވެ. ދިރިއުޅެނީ މުޅިންވެސް އަމިއްލަ މަސައްކަތް ކޮށްގެން ހޯދާ ފައިސާއިންނެވެ. " ޒަރޫން ބުންޏެވެ.

ޣަޒާލާގެ މަޤްޞަދަކީ ، ކަޝަފްގެ މަންމަ އަމިއްލަ މަސައްކަތް ކޮށްގެން ނޫޅޭ ވާހަކައެއް ނޫނެވެ. އެކަމަކު ، އެ ދަރަޖައިގެ ކޮންމެ އަންހެނަކުވެސް ، ފިރިމީހާގެ އަތުން ފައިސާ ހޯދަން ވިސްނާނެއެވެ. އަމްދުން މުއްސަނދި ޢާއިލާއެއްގެ ފިރިހެން ކުއްޖަކާ ދަރިފުޅު ދެވާފަ ، އެކުއްޖާގެ މައިންބަފައިން ، ފިރިހެން ކުއްޖާގެ ފަރާތުން ފައިސާ އަށް ބޭނުން ވާނެއެވެ. ޒަރޫންއަކީވެސް ނުވިސްނޭ މީހެއް ނޫނެވެ. އެހެން ނޫނަސް އަނބިމީހާގެ މައިންބަފައިންނަށް އެހީވުމަކީ ގޯސްކަމެއް ކަމަކަށް ޒަރޫންއަކަށް ނުފެނެއެވެ. ޒަރޫން އެއްޗެއްދިން ނަމަވެސް ކަޝަފް އެއެއްޗެއް އެހާ ބޭނުމެއް ނުވާނެއެވެ. ކަޝަފަށް ބޭނުންވާ އެއްޗެހި އޭނާ ހޯދަނީ އަމިއްލަ މަސައްކަތުން ހޯދާ ފައިސާއިންނެވެ. އަދި މިހާތަނަށް އެއްވެސް އެއްޗެއް ހޯދައިދޭކަށް ޒަރޫންގާތު ކަޝަފް އެދިފައެއް ނެތެވެ.

ޣަޒާލާއަށް އެދެއްކެނީ ކިހާވަރެއްގެ ވާހަކައެއްކަމެއް އިޙްސާސެއް ނުވެއެވެ. ކަޝަފަށް އެވާހަކަ އިވިއްޖިއްޔާ ކަޝަފް ހިތަށް އަރާނެ އެއްޗަކަށް ޣަޒާލާއެއް ނުބަލައެވެ. ޣަޒާލާގެ ގޯސް ވިސްނުން ލައިދީގެން ސާރާގެ ކައިވެނި މިހާރުވެސް ވަނީ ރޫޅިފައެވެ.

އެވަގުތު ކަޝަފް ޒަރޫންއަށް ސައިހަދައިގެން ގެނެސް ދެއެވެ. ސައި ހަދައިގެން އައިއިރު ، ޣަޒާލާ ދެއްކި ވާހަކަތައް ކަޝަފަށް އަޑު އިވިގެން މަޑުކޮށްލީއެވެ.

ކޮޓަރިޔަށް އައިސް ލާރިކޮޅެއް ދިއްކޮށްލާފައި ، އެފައިސާ ނަގާށޭ ކަޝަފްގާތު ޒަރޫން ބުނެއެވެ. ޒަރޫންގެ ފައިސާ އޭނާ ބޭނުންނޫންކަމަށާއި އޭނާ އަމިއްލަޔަށް މަސައްކަތްކޮށްގެން ހޯދާލާރި އޭނާއަށް ފުދޭކަމުގައި ކަޝަފް ބުންޏެވެ. ކަޝަފް ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައިކަން ޒަރޫން ދެނެގަތެވެ. އަދި ކަޝަފަށް އެއައި ބަދަލަކީ ، މަންމަގެ ވާހަކަ އަޑުއިވިގެން އައި ބަދަލެއްކަންވެސް ޒަރޫންއަށް އެނގުނެވެ. ކަޝަފް ގެނެސް ކައިރީ ބައިންދާފައި ޒަރޫން ވާހަކަ ދައްކައެވެ. އެއީ ކަޝަފްގެ މައިދައިތަ ކަމުގައި ބުންޏެވެ. އެމީހުން އެކަހަލަ ވާހަކަ ދައްކާނެއެވެ. އެކަންކަން ޙަޖަމް ކޮށްލުމަށް ކަޝަފްގެ ކިބައިން ޒަރޫން އެދެއެވެ.

" ފައިސާއާހުރެ އަހަރެންގެ އަބުރާ ޢިއްޒަތް ދުއްވައެއް ނުލާނަމެވެ.  " ހިތްހަމަ ނުޖެހިފައި އިނދެ ، ކަޝަފް ވަރަށް ސާބިތުކަމާއެކު ބުންޏެވެ.

ޒަރޫން ދެކޭގޮތުގައި މަންމަ އެހެންބުނީ ކަޝަފްގެ ޢީއްޒަތާއި އަބުރަށް ހުތުރު އަރާގޮތަކަށް ނޫނެވެ. ވިސްނައިލަންޖެހޭ ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް ، ކަޝަފް އެވާހަކަ ނެގީ އޭނާގެ އަބުރާއި ޢިއްޒަތަށް އަދި އޭނާގެ މަންމަ އޭނާ ބަލާއި ބޮޑުކުރި ތަރުބިއްޔަތަށް ކުރި ފުރައްސާރައެއްގެ ގޮތުގައެވެ. ޒަރޫން ޤަބޫލުކުރަން ބޭނުން ނުވިޔަސް ، ޙަޤީޤަތަކީވެސް އެއީއެވެ. ކަޝަފާ ބެހޭގޮތުން ޣަޒާލާ އެދެއްކީއަކީ ދަރިންނަށް ހެޔޮއެދޭ މަޔަކު ދައްކަން ރަނގަޅު ވާހަކަތަކެއް ނޫނެވެ.

މަންމަ އެކުރިކަމަކުން ، ކަޝަފަށް އެލިބުނު ހިތްހަމަ ނުޖެހުމަކީ މުނާސަބު ކަމެކެވެ. އެކަން ޒަރޫންއަށް ޤަބޫލު ކުރެވެއެވެ. އަދި ޒަރޫން އެކަމަށް މަޢާފަށް އެދެއެވެ. ޒަރޫން މަޢާފަށް އެދުމުން ކަޝަފް އެކަން ބަލައިގަނެއެވެ. އެހެންނަމަވެސް ، ޒަރޫން މީގެފަހުން އެއްވެސް ފައިސާއެއް ކަޝަފަށް ނުދިނުމަށް ކަޝަފް އެދެއެވެ. ލާރިއެއް ބޭނުން ވެއްޖިއްޔާ ޒަރޫންގާތު ކަޝަފް ބުނާނެކަމަށްވެސް ބުންޏެވެ. އަދި ޒަރޫން ގޮވަގޮވާ އޮއްވާ ، ކަޝްފް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ޒަރޫން ، ކަޝަފަށް ގޮވާލައި ހުއްޓުވިއެވެ.

" އަހަރެމެންގެ މި ގުޅުމުގެ އަސާސަކީ ، މައްސަލައެއް ދިމާވެއްޖެނަމަ ދެމީހުން ވާހަކަ ދައްކައިގެން އެކަމެއް ޙައްލު ކުރުމެވެ. އެކަކު އަނެކަކު ދައްކާ ވާހަކަ އަޑުނާހައި ދުރަކަށް ނުދާނެއެވެ. " ޒަރޫން ބުންޏެވެ.

" ހެނދުނު އަހަރެން ޒަރޫންގެ މަންމަޔާ ވާހަކަ ދެއްކީމެވެ. މިހާރު މިވާހަކަ ދެއްކެނީ ޒަރޫން އާއެވެ. މިއީ އަހަރެން މިގުޅުން ދަމަހައްޓާނެކަމުގެ ހެއްކެވެ. " ކަޝަފް ބުންޏެވެ.

" އެންމެ ރަނގަޅެވެ. އަހަރެން އެފައިސާ މޭޒުމަތީ އެއޮތީ ބާއްވާފައެވެ. ކަޝަފް ތިހުރީ އަހަރެންގެ ޒިންމާގެ ތެރޭގައެވެ. ކަޝަފް ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާ އެކެވެ. ކަޝަފް އެފައިސާ ނަގަންޏާ ނަގާށެވެ ! " ޒަރޫން ދެރަވެހުރެމެ ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ. ކަޝަފް އެފައިސާއެއް ނުނަގައެވެ. އަދި ހަމަ އެދުވަހު އެގެއިން އޭނާގެ މަންމަގެ ގެޔަށް ދިޔައެވެ.

------------------------

ކަޝަފް ގެޔަށް އައިސް ، ރޮއެ ރޮއެފައި މަންމަޔަށް އެވާހަކަ ކިޔައި ދެއެވެ.

" ޒަރޫންގެ މަންމަ އަހަރެންނާމެދު އެހާ އިހާނެތި ، ބޭއަދަބީ ވާހަކަތަކެއް ޒަރޫންއާ ދައްކާފާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ޒަރޫންއަށް ކޮންމެ ދުވަހަކު ފޯނުކުރާށޭ މަންމަ ބުނީމެއް ނޫން ހެއްޔެވެ؟ މަންމަގެ ބަސް އަހައިގެން ޒަރޫންއަށް އަހަރެން ފޯނުކުރީ މަންމަ އެވަރަށް ކިޔައިގެންނެވެ. އެހެންނޫންނަމަ ޒަރޫންއަކަށް އަހަރެން ފޯނެއް ނުކުރާނަމެވެ. އޭނާގާތު ހުންނާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ކޮންމެ ކަމެއް ކޮށްދިނަސް ، ޒަރޫންއަކީ ، އަހަރެންނާ އަޅާލައިގެން އުޅޭނެ މީހެއް ނޫންކަން ކުރިންވެސް އަހަރެންނަށް އެނގުނެވެ. ޒަރޫންގެ މަންމައަކީވެސް ސަހަލުމީހެއް ނޫނެވެ. މައިދައިތަ ވާނީ މައިދައަށެވެ. ދުވަހަކުވެސް މަންމަޔަކަށް ނުވާނެއެވެ. އަމްދުން އެފެންވަރުގެ ހިތްމައްޗަށް އަރައިގެން އުޅޭ މުއްސަނދިންނަށް އަހަރެމެންނަކީ އެއްވެސް ބަޔަކަށް ނުވާނެއެވެ." ކަޝަފް ރޮމުން ރޮމުން އޭނާގެ މަންމަޔާ ވާހަކަ ދައްކަމުން ގެންދިޔައެވެ.

" ދަރިފުޅާއެވެ ! މައިދައިތަ މަންމަޔަކަށް ހަދާށެކޭ މަންމައެއް ނުބުނެއް ނޫން ހެއްޔެވެ ؟ މައިދައިތަ މަންމަޔަށް ހެދުމުގެ ބޭނުމެއް ނެތެވެ. އެއީ ހަމައެކަނި ޢިއްޒަތާއި އިޙްތިރާމްގެ ގުޅުމެކެވެ. " ރާފިޢާ އޭނާގެ ދަރިފުޅަށް ވިސްނައި ދެވޭތޯ ބަލަމުން ގެންދިޔައެވެ.

މަންމަ އެބުނާ ޢިއްޒަތާއި އިޙްތިރާމް ، ޒަރޫންގެ މަންމަޔަށް ، ކަޝަފް ދޭނީ ކިހިނެއް ހެއްޔެވެ ؟ ޒަރޫންގެ މަންމަ ، ޒަރޫންގާތު އެބުނަނީ ޒަރޫން އަތުން ލާރި އަތުލައިގެން ކަޝަފްގެ މަންމައަށް އެފައިސާ ދޭ ވާހަކައެވެ. އެއީ ކަޝަފްގެ ހިތުގައި ދުވަހަކުވެސް އުފެދުނު ކަމެއް ނޫނެވެ. މަންމަޔަށް އޭނާ ދެމުންގެންދަނީ ، އަމިއްލަ މަސައްކަތް ކޮށްގެން ޙަލާލު ގޮތުގައި އޭނާ ހޯދާ ފައިސާއެވެ. އެއީ ޒަރޫންގެ ފައިސާއެއް ނޫނެވެ.

" މަންމާއެވެ ! ޒަރޫންގެ މަންމަ އެބެލީ އަހަރެންނަކީ ވަގެއް ކަމަށެވެ. " ކަޝަފް ރޮއެގެންފައި މަންމަގެ ގައިގާ އޮޅުލައިގަތެވެ.

" ނޫނެކެވެ. ދަރިފުޅާއެވެ ! ދަރިފުޅަކީ ވަގެއްކަމަށް ޣަޒާލާއެއް ނުބަލައެވެ. އެންމެ ބޮޑުކަމަކީ ، ޣަޒާލާއަށް ދަރިފުޅަކީ ކޮންކަހަލަ ކާކުކަން އަދި ނޭނގޭ ކަމެވެ. ޣަޒާލާއަށް ދަރިފުޅުގެ މިޒާޖާއި ޠަބީޢަތް އެނގޭނަމަ އެކަހަލަ ވާހަކައެއް ނުދައްކާނެއެވެ. ދަރިފުޅާއެވެ ! ތިޔައީ އަލަށް އުފެދުނު ގުޅުމެއް ނޫން ހެއްޔެވެ ؟ އެކަކު އަނެކަކު ދަސްކުރަން ވަގުތު ނަގާނެއެވެ. އެކަކު އަނެކަކަށް އިތުބާރުކުރަން ވަގުތުކޮޅެއް ހޭދަވާނެއެވެ. " ރާފިޢާ ބުންޏެވެ.

" އަހަރެންގެ މިޒާޖާއި އާދަ ނޭނގިހުރެ ، އެވަރުގެ އިލްޒާމެއް އަހަރެންގެ ބޮލުގައި އެޅުވުމުގެ ޙައްޤެއް އޭނާއަކަށް ނޯންނާނެއެވެ." ކަޝަފް ބުންޏެވެ.

ކަޝަފްގެ މަސައްކަތަކަށް ވާންޖެހޭނީ ، ކަޝަފަކީ ތެދުވެރި އިޚުލާޞްތެރިޔެއްކަން އެމީހުންނަށް ސާބިތު ކޮށްދިނުމެވެ. އެދެޢާއިލާގެ ދަރަޖައިގެ ތަފާތުން ދެބައިމީހުންގެ މައްޗަށް އިލްޒާމް އެޅުވޭނެއެވެ. ނުބައި ހީކުރުންތައް ހީކުރެވޭނެއެވެ. އެކަންކަން ހަމަޔަކަށް އެޅޭނީ އެކުގައި ދުވަސްކޮޅަކު އުޅެގެންނެވެ. ކައިވެންޏެއް ކުރުމަށްފަހު ، ފިރިމީހާއާއި އޭނާގެ ޢާއިލާގެ ފަރާތުން ، އަނބިމީހާއަށް ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އަނބިމީހާއަކީ ދުރުން އެޢާއިލާއަކާ ގުޅޭ މީހެކެވެ. އަނބިމީހާގެ އާދަ އާއި އަޚްލާޤަކީ އެމީހުން އަލަށް ދަސްކުރަންޖެހޭނެ އެއްޗެކެވެ. ކަޝަފްގެ މަޤްޞަދަކަށް ވާންވާނީ ކަޝަފަކީ ހަރުދަނާ އަދި އަމިއްލަ މަސައްކަތުން ދިރިއުޅޭމީހެއްކަން އެމީހުންނަށް ސާބިތު ކޮށްދިނުމެވެ. އެކަމުގައި ކަޝަފްގެ މައްސަލައެއް އެބައޮތެވެ. އެއީ ، އެމީހުން ކަޝަފްގެ އަބުރާއި ޢިއްޒަތަށް އަރައިގަތުމަށް ދައްކާ ވާހަކަތަކަށް ކެތްކޮށްލައިގެން ހުންނަން ޖެހުމެވެ. އެއީ ކަޝަފްކަހަލަ ، މިނިވަން އަދި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާ އަންހެނަކަށް ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.

" ދަރިފުޅާއެވެ ! ދަރިފުޅު ، ދަރިފުޅުގެ ގޮތުގައި ހުންނާށެވެ. މަންމަދިން ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ހުންނާށެވެ. ދަރިފުޅާމެދު އެހެންމީހުން ދެކޭގޮތަކަށް ހިތްބަރު ނުކުރާށެވެ ! އެއީ ދަރިފުޅުގެ ބާރުގެ ދަށުގައިވާ ކަމެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެއެވެ. " ރާފިޢާ އޭނާގެ ، ރޯންއިން  ދަރިފުޅަށް ދެމުންގެންދިޔަ ނަސޭޙަތް ކުރިޔަށް ގެންދިޔައެވެ.

" ދަރިފުޅާއެވެ ! ޒަރޫންއަކީ އޭނާގެ މައިންބަފައިންނަށް ވަރަށް ޤަދަރުކޮށް އިޙްތިރާމް ކުރާ ކުއްޖެކެވެ. ދަރިފުޅުވެސް ޒަރޫންގެ މައިންބަފައިންނަށް އިޙްތިރާމް ކުރާށެވެ. އެމީހުން ކޮންމެ ކަމެއް ކުރިޔަސް އަދި ކޮންމެ ވާހަކައެއް ދެއްކިޔަސް އެކަމާ ހިތްބަރު ނުކުރާށެވެ. އެކަހަލަ ކަންކަމާ އަޅައިނުލާށެވެ ! ދިރިއުޅުމަކީ އެއީއެވެ. ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. "  ރާފިޢާގެ ވާހަކަ ނިންމައިލިއެވެ.

ރާފިޢާ ދެމުންގެންދިޔަ ނަސޭޙަތުގެ ބަސްތައް ކަޝަފް ޤަބޫލުކުރިއެވެ. އަދި މަޑުމަޑުންގޮސް އޭނާގެ ރުއިން ހުއްޓުނެވެ. ރާފިޢާ ނުހަނު ލޯތްބާއެކު ، ކަޝަފް ގެނެސް ކުޑަކުއްޖަކުހެން ކަޝަފް ގެނެސް އޭނާގެ ގަޔާ އެއްކޮށްލައި ބައްދައިލިއެވެ. ކަޝަފަށް ލިބުނު ހިތްދަތިކަން ކުއްލިޔަކަށް ފިލައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ، ޣަޒާލާގެ އެ ބޭއަދަބީ ވާހަކަތަކުން ހިތްދަތި ވެފައެވެ. އެހެންނަމަވެސް ، މަންމަދިން ނަސޭޙަތާއެކު ކުރިޔަށް ދެވޭތޯ އޭނާ މަސައްކަތް ކުރާނެއެވެ. ކިތަންމެ ބޮޑު ތަކުލީފެއް އުފުއްލަން ޖެހުނަސް ، އެކައިވެނި ދެމެހެއްޓޭތޯ އޭނާއަށް ކުރެވުނު ކަމެއް ވިއްޔާ ކުރާނެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.