(20 ޑިސެންބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ގެޔަށް އައިސް ، ކަޝަފަށް އެކުރެވުނު ކަމަކާމެދު ކަންބޮޑުވެ ، ޞިދްރާއާ އެވާހަކަ ދައްކައިލައެވެ. ޞިދްރާ ހުރީ ކަޝަފްގެ ކަންތައްތައް ހުންނަގޮތުން ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކަޝަފާ ދިމާއަށް ޞިދްރާ އެއްޗެހި ކިޔަމުން ގެންދިޔައެވެ. އުސާމާ އެހެދީ ރަނގަޅަށެވެ. ކައިވެނި ހުށަހެޅީމަ އެއްވެސް މީހަކާ އިންނަން ބޭނުންނުވާ ވާހަކަ އުސާމާގާތު ކަޝަފްވަނީ ވަރަށް ސާފުކޮށް ބުނެފައެވެ. އެކަމާ ކަޝަފް ހިތްހަމަ ނުޖެހޭކަންވެސް އޮތީ އުސާމާއަށް ސާފުކޮށްދެވިފައެވެ. ކަޝަފަށްޓަކައި ހުސްވެގެން އުސާމައެއް ނުހުންނާނެއެވެ. ހުންނަންވީ އެއްވެސް ސަބަބެއް ނެތެވެ. އުސާމާ އެއްނޫނެވެ. އެއްވެސް އެހެން މީހަކުވެސް ، އެހެން ކަންތައްކުރީމައެއް ނުހުންނާނެއެވެ. އުސާމާ އެހެދީ ހަމަ ރަނގަޅަށެވެ. އެއީ ޒަރޫން އެއް ނޫނެވެ. ކަޝަފާ ބައްދަލުކޮށްފަ ކައިވެނި ހުށަހެޅީ ފިސާރި ކެރިގެންނެވެ. ހިތުން ރުހުމުން އެކަމަށް އެދިގެންނެވެ. އެއްވެސް ވަރަކަށް އެކަމާ ވިސްނައި ނުލާ ވަގުތުން ކަޝަފް ދެކޮޅު ހެދީ ނޫންހެއްޔެވެ ؟ ދެން އެކަމާ ދެރަވާނެކަމެއް ނެތެވެ. އެވީހަމަ ވާންވީ ގޮތަށެވެ. ތިޔަށް ކިޔަނީ ތެޔޮނާށި ކާޅު ޖަހައިގަތުމެވެ. އެކަމާ ކަޝަފް ދެރައެއް ނުވެއެވެ. އެކަމަކު ހިތުގަ ރޭވިކަމެއް ، އޭނާ ރޭވިގޮތަށް ނުދިޔައިމަ އެކަމާ ހުރީ ކޮންމެވެސް ވަރަކަށް މާޔޫސް ވެފައެވެ. އުސާމާ ކައިވެނިކުރަން ނިންމީތީ ކަޝަފް ހުރީ ހިތްހަމަ ޖެހިފައެވެ. އެއީ ރައްޓެއްސަކަށް ލިބޭ ކުރިއެރުމެކެވެ. އުސާމާއާ އިންނަން ކަޝަފް ނިންމީ ޞިދްރާމެންގެ އުނދަގުލާ ހުރެއެވެ. އަދި މަންމަގެ ހިތަށް އުފާވެރިކަމެއް ގެނެސް ދިނުމަށްޓަކައެވެ. އެހެންނޫނަސް ، އުސާމާއަކީ ފިރިއެއްގެ ގޮތުގައި ބަލައިގަންނަން ކަޝަފަށް އެހާ ފަސޭހަ މީހެއް ނޫނެވެ.
" ކަޝަފަށް ކަމުދަނީ ކޮން ފިރިހެނެއް ހެއްޔެވެ ؟ ކަމުދާ ފިރިހެނަކު މިދުނިޔޭގައި އެބަހުރި ހެއްޔެވެ ؟ ކަޝަފާ ހެދި މޮޔަވެގެން ނުނިދާ އުޅޭމީހަކުވެސް އެހެރަ އުޅެނީއެވެ. އެއްވެސް އެއްޗެއް ކަޝަފްގެ ހިތަކަށް ނާރައެވެ. " ޞިދްރާ ބުންޏެވެ.
އެއްވެސް މީހަކު ކަޝަފް ބޭނުންވެގެން އުޅޭކަން ޤަބޫލުކުރާކަށް ކަޝަފް ބޭނުމެއް ނޫނެވެ. ކޮންމެ ފިރިހެނަކީވެސް އެމީހުންގެ އަމިއްލަ ބޭނުންތައް ފުއްދަން އުޅޭ ބަޔެކެވެ. މީހަކާ ހިތާވާން އެމީހުން ، އެމީހުންގެ އަމިއްލަ ސަބަބުތައް ދައްކާނެއެވެ. އެހެން މީހުންގެ ސަބަބަކީ ނެތް އެއްޗެކެވެ. އެއީކީ ލޯތްބެއް ނޫނެވެ. އެމީހުން އެކުރާ ކަންތަކަށް ލޯތްބެކޭ ނުކިޔާނެއެވެ.
" އެހެން ވިއްޔާ ބުނެބަލާށެވެ ! ލޯތްބަކީ ކަޝަފް ޤަބޫލުކުރާ އެއްޗެއް ހެއްޔެވެ ؟ ނުވަތަ ނޫން ހެއްޔެވެ ؟ ޞިދްރާގެ ސުއާލު ނުނިމެނިސް " ނޫނެކޭ " ބުނެ ކަޝަފް ޖަވާބު ދެއެވެ.
" ލޯތްބާމެދު ކަޝަފްގެ ހިތުގައި ޔަޤީންކަން ނެތް ނަމަ ، ޒަރޫންގެ އަދާތައް އެއީ ލޯބި ނޫންކަމަށް ކަޝަފަށް ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ ؟ ޞިދްރާ ބުންޏެވެ.
ކަޝަފްގެ ކައިވެނީގެ ވާހަކަ މަންމަޔާ ގުޅިގެން ޞިދްރާ ދެން ނުދެއްކުމަށް ޞިދްރާގެ ކިބައިން ކަޝަފް އެދެއެވެ. ކަޝަފް މިހާރު ދިރިއުޅެމުން އެގެންދާ ދިރިއުޅުމުގައި ހުރި އުފާތައް އޭނާ އަށް ފުދެއެވެ. އެއުފަލާއި ހަމަޖެހުމުގައި ، އޭނާ އުޅުމަށް ދޫކޮށްލުމަށް ކަޝަފް އެދެއެވެ.
ޞިދްރާ ، ކަޝަފަށް ދޫކުރާނެ ހެއްޔެވެ ؟ ރަނގަޅު ވަގުތެއް ހޯދައިގެން ޞިދްރާ އެންމެ ފުރަތަމަވެސް ކުރިކަމަކީ ޒަރޫންއަށް ފޯނު ކޮށްލުމެވެ. ދެމީހުންވެސް ، ޙާލު އަޙުވާލު އަހައި ހެޔޮއެދުންތައް ބަދަލުކުރުމަށްފަހު ، ޞިދްރާ ވާހަކަ ދައްކަން ފެށިއެވެ. ޒަރޫންއާ ވާހަކަ ދައްކާލަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ ކަމުގައެވެ. އަދި ރަނގަޅު ވަގުތެއް ނުލިބިގެން ފޯނު ނުކުރެވުނީ ކަމުގައެވެ. ޒަރޫންވެސް ހުރީ ޞިދްރާއާ ވާހަކަ ދައްކާލަން ބޭނުން ވެފައެވެ. އެތައް ދުވަހެއް ވެއްޖެއެވެ. މިހާރު ޞިދްރާ ފޯނު އެކުރަނީ އޭނާގެ އަމިއްލަ ނަންބަރުންކަމަށާއި އެނަންބަރު ފޯނަށް ސޭވް ކޮށްލުމަށް ޞިދްރާ އެދެއެވެ. އެއަށްފަހު ، ޒަރޫންއަށް ސަޔެއް ބޯލުމަށްޓަކައި އެގެޔަށް ޖައްސައި ލެވިދާނެތޯ ޞިދްރާ ސުއާލު ކުރިއެވެ. އަދި އެކަމަށް ޒަރޫން އެއްބަސް ވެއެވެ. ޒަރޫން މިވަގުތު ހުންނަނީ ވަޒީފާގެ ގޮތުން ކުރަންޖެހޭ މަސައްކަތެއްގައި އިސްލާމް އާބާދުގައެވެ. އެކަމަކު ، ހަފުތާ ބަންދުގައި ވަރަށް ގިނައިން ކަރާޗީއަށް ދެއެވެ. ޞިދްރާ ބުނާ ދުވަހެއްގައި އެގެޔަށް ޖައްސައި ލެވިދާނެކަމުގައި ޒަރޫން ބުނެއެވެ. އަދި އަންނަ ހަފުތާ ބަންދުގައި ޒަރޫން އެގެޔަށް އައުމަށް ދެމީހުން އެއްބަސްވެ އެކަން ހަމަޖައްސައެވެ.
ކަޝަފްހުރީ ، އޭނާގާތު ނުބުނެ ، އަންގައިވެސް ނުލައި ޒަރޫންއަށް އެގެޔަށް އަންނަން ޞިދްރާ ދަޢުވަތުދިނީތީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ކަޝަފް ، ޒަރޫންއާ އިންނަން ބޭނުންނުވާއިރުވެސް ޒަރޫން އެގެޔަށް ގެންނާތީ ކަޝަފް ހުރީ ރުޅިއައިސް ރަތްވެފައެވެ. ޞިދްރާ ދެކެ ވަކިން ބޮޑަށް ރުޅި އައިހެވެ. ކަޝަފް ރުޅިއައިސް ހުރިނަމަވެސް ، ޞިދްރާ ކަޝަފަށް ދުލެއް ނުދެއެވެ. ގަދަކަމުން އެއްވެސް މީހަކު ، ކަޝަފް މީހަކާ ދެވާކަށް ނޫޅެއެވެ. ޞިދްރާމެން ، ޒަރޫން އެގެޔަށް ގެންނާނެއެވެ. ޒަރޫންއާ ބައްދަލުކޮށްލައި ސައިބޮއެ އަނގަތަޅާލައި ހަދާނެއެވެ. އަދި ކަމުދާ މީހެއްކަމަށް ވަންޏާ ޒަރޫންގެ މައިންބަފައިންނާ ބައްދަލު ކުރާނެއެވެ. އެކަމުގައި ކަޝަފްގެ އޮތީ ކޮން އިޢުތިރާޒެއް ބާވައެވެ. ޞިދްރާގެ ވާހަކައިން ކަޝަފްގެ ރުޅިގަނޑު އިތުރަށް ފަޅައިގެން ދިޔުން ނޫންކަމެއް ނުވިއެވެ.
ޒަރޫންއަކީ ރަނގަޅު މީހެއްނޫންކަމަށް ޞިދްރާ ގާތު ކަޝަފް އޮތީ ކުރިންވެސް ބުނެފައެވެ. އެކަމަކު ޞިދްރާގެ ވާހަކަވެސް ރަނގަޅެވެ. އެހާ ގޯސް މީހެއްކަމަށް ވަންޏާ ޞިދްރާމެންވެސް އޭނާ ދެކެލައި އެއީ ކިހާވަރެއްގެ ނުބައި ނުލަފާ މީހެއްކަން ތަޖުރިބާ ކޮށްލަން ދޫކޮށްލަން ޞިދްރާ އެދެއެވެ.
އެއީ ކަޝަފަށް ސުއާލެއްވެސް އޮތްކަމެއް ނޫނެވެ. އެގެޔަށް ޒަރޫން އަންނާކަށް ކަޝަފް ބޭނުމެއް ނޫނެވެ. އަދި އަމްދުން މަންމައާއި ޞިދްރާ ، ޒަރޫންއާ ބައްދަލުކޮށްގެން ނުވާނެއެވެ. ކަޝަފްގެ ދިރިއުޅުމުގެ ކަންކަން ޒަރޫންއަށް އެނގޭކަށް ކަޝަފް ބޭނުމެއް ނޫނެވެ. އަމްދުން ބައްޕަގެ ކަންތައްތައް ޒަރޫންއަށް އެނގޭކަށް ބޭނުމެއް ނޫނެވެ. އެއީ ކަޝަފް ލަދުގަންނަން ޖެހޭނެފަދަ ކަމެކެވެ. އެގެޔަށް ޒަރޫން އައިސްގެން ކަޝަފަށް ތަކުލީފެއް ނޫނީ ނުލިބޭނެއެވެ. ކަޝަފްގެ ޢިއްޒަތާއި ޤަދަރު މީހުންގެ ކުރިމަތީގައި ޤައިމް އެކުރަނީ ، އޭނާގެ އަމިއްލަ ދިރިއުޅުމުގެ އެކަހަލަ އެތައް ކަމެއް ސިއްރުކޮށް ، އެހާ ބުރަ މަސައްކަތް ކޮށްގެންނެވެ.
ޞިދްރާ ، ޒަރޫންއާ އެކިފަހަރުމަތިން ، ފޯނުން ވާހަކަ ދައްކަމުން ގެންދިއުމުގައި އެމީހުންނާ ބެހޭ ހުރިހާ މަޢުލޫމާތެއް މިހާރު އޮތީ ދީފައެވެ. ޒަރޫން އަށް އެނގެން ބޭނުންވާ ހުރިހާ ކަމެއް މިހާރު އޮންނާނީ ޒަރޫންއަށް އެނގިފައެވެ. ޒަރޫން އެގެޔަށް ޒިޔާރަތް ކުރާނީ އެހުރިހާ ކަމެއް އެނގި ހުރެއެވެ. ޞިދްރާ ، ޒަރޫން އާ ވާހަކަ ދައްކަމުން ގެންދިއުމުގައި އެއީ އެހާ ގޯސްމީހެއްކަން ފާހަގަ ކުރެވިފައެއް ނުވެއެވެ. ކަޝަފްމެންގެ ދިރިއުޅުމުގެ ދަރަޖަ އާއި ފެނަވަރަކީ ، މާކުރިންވެސް ޒަރޫންއަށް އެނގިފައި އޮތް ކަމެކެވެ. ކަން އެހެން އޮތް އިރު އޭނާ ކަޝަފަށް ހިތްކިޔާނީ ޙަޤީޤަތުގައިވެސް ރަނގަޅު ސަބަބުތަކެއް އޮވެގެންނެވެ. ކަޝަފްގެ ކިބައިގާ ހުރި ރަނގަޅު ސިފަތަކެއް ފާހަގަ ކުރެވިގެންނެވެ. ކަޝަފް ކަންބޮޑުވެގެން ގޮސް ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ޞިދްރާ އެކުރީކީ ، ހުވަފެނުންވެސް ދެކެން ، ކަޝަފް ބޭނުންވާފަދަ ކަމެއް ނޫނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟
އެކަހަލަ ވަގުތު ތަކުގައި ކަޝަފް ކުރާކަމަކީ ހިތުގެ އުދާސްތަކާއި ދިރިއުޅުމުގެ ފޮނި އަދި ހިތި ތަޖުރިބާ އޭނާގެ ޑައިރީގައި ލިޔެލުމެވެ. އެކަމަކު މިފަހަރު އެއިނީ ރުޅިއައިސްފައެވެ. ހުރިހާ ކަމެއް އެބާލަނީ ލިޔަމުން ގެންދާ ގަލަމަށެވެ. އަހަރެން ކައިވެނިކުރަން ބޭނުން ނޫން އިރު ، އޭނާއަށް ދަޢުވަތުދީގެން މިގެޔަށް ގެނައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ އަހަރެންނާމެދު ޒަރޫން ހީކުރާނީ ކީކޭ ހެއްޔެވެ ؟ އެއްކޮޅުން އަހަރެން ކަނޑައެޅިގެން އެކައިވެންޏަށް އިންކާރު ކުރީއެވެ. އަނެއްކޮޅުން ، ގޭމީހުން އޭނާއަށް ދަޢުވަތުދީގެން މިގެޔަށް ގެންނަނީއެވެ. އަހަރެންގެ ޤަދަރާއި ޢިއްޒަތް މި ހިފަހައްޓަނީ ހާދަ އުނދަގުލަކާއި ތަކުލީފެއް އުފުއްލައިގެންނެވެ. ޞިދްރާ މިހާރު އެއޮތީ އަހަރެންނާބެހޭ ހުރިހާ މަޢުލޫމާތެއް ޒަރޫންއަށް ކިޔައިދީފައެވެ. އަހަރެންނަށް އުނދަގުލާއި ތަކުލީފު ދިނުމަށް ބޭނުން ކުރުމަށްޓަކައި ، ޒަރޫންގެ އަތްމައްޗަށް ، ކަޝަފާ ދެކޮޅަށް ބޭނުންކުރާނެ އިތުރު ހަތިޔާރެއް އެރީއެވެ. އަހަރެންނަށް ޖެއްސުން ކުރުމަށްޓަކައި އޭގެ ބޭނުން ޒަރޫން ހިފާނެއެވެ. ޞިދްރާގެ ކަންތައްވެސް މާ ބޮޑީއެވެ.
------------------------
ޞިދްރާގެ ދަޢުވަތު ޤަބޫލުކޮށް ، ޒަރޫން އައިސް އެއިނީ ކަޝަފްމެން ގޭގައެވެ. ޒަރޫންއާ ބައްދަލު ކުރަނީ ޞިދްރާއާއި ރާފިޢާއެވެ. ކަޝަފް ގެޔަކު ނޫޅެއެވެ. އެގަޑީގައި ގޭގައި ހުންނާކަށްވެސް ކަޝަފް ބޭނުމެއް ނުވާނެއެވެ.
" ދަރިފުޅާއެވެ ! އަހަރެމެންނަކީ ، ވަރަށް ސާދާ އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔެކެވެ. އަހަރެންގެ ކުދިން ބަލައި ބޮޑުކޮށްފައި އެތިބީ އަހަރެންގެ އަމިއްލަ މަސައްކަތުން ހޯދި ޙަލާލު ފައިސާއިންނެވެ. ނިކަމެތި ކަމެއްގެ ތެރޭގައި ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. އެކުދިންވެސް ކިޔަވަމުން އަމިއްލަ މަސައްކަތް ކޮށްގެންނެވެ. ވަރަށް ދަތި ޙާލުގައެވެ. އެހުރިހާ ކަމަކާއެކުވެސް އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކުގެ ގޯސް އޮއިވަރުގައި ނުޖެހި އެކުދިން ބަލައި ބޮޑު ކުރެވޭތޯ ބެލީމެވެ. އަހަރެމެން ކުދިން މީހަކާ ޙަވާލު ކުރާއިރު ޝަރަފްވެރިކަމާއި ރިވެތި އަޚުލާޤާއެކު އެކުދިން ޙަވާލު ކުރެވޭތޯ ބަލާނެއެވެ. ދެން ، އެކުދިންގެ ދިރިއުޅުން ބިނާވެފައި އޮންނާނީ އެކުދިންގެ އަތްމަތީގައެވެ. ބާއްޖަވެރި ޙަޔާތަކަށް ބޭނުންވާނެ ތަރުބިއްޔަތު އަހަރެން ، އަހަރެންގެ ކުދިންނަށް އޮންނާނީ ދަސްކޮށްދީފައެވެ. ކައިވެންޏެއްގައި އަހަރެމެންގެ ފަރާތުން ފިރިހެން ކުއްޖާގެ އަތުން އެއްވެސް އެއްޗެއް ބޭނުމެއް ނުވާނެއެވެ. ސިފައާއި ކުލައާ އަދި އަޚުލާޤާއި ވިސްނުމާއި ، ގެޔާ އަދި ފައިސާއަކީ ، ޝަރަފްވެރިކަމުގެ ސިފަ ބަދަލުކޮށްލާނެ އެއްޗެއް ނޫނެވެ. " ރާފިޢާ އެމީހުންގެ ޙާލުގެ ވާހަކަ ޒަރޫންއަށް ސާފުކޮށްދެމުން ގެންދިޔައެވެ. ޒަރޫން އަށް ، އެއީ ރަނގަޅު ވާހަކަ ކަމަށް އެއްބަސްވުމަށް އާނއެކޭ ބުނެވެއެވެ.
" ޒަރޫންއާ ބެހޭގޮތުން ، ޞިދްރާވަނީ އަހަރެންނަށް މަޢުލޫމާތު ދީފައެވެ. އެންމެ ރަނގަޅު ގޮތަކީ ، ޒަރޫންގެ މައިން ބަފައިންވެސް ގޮވައިގެން މިގެޔަށް އައުމެވެ. އަހަރެމެންގެ ޙާލަތު އެމީހުންނަށް ސާފުވުމަކީ މުހިންމު ކަމެކެވެ. އެމީހުންނަށް އަހަރެމެންނާ ބެހޭ އެއްވެސްކަމެއް ފޮރުވިފައި އޮވެގެން ނުވާނެއެވެ. ޒަރޫން އެކަނި އައުމަކީވެސް މައްސަލައެއް ނޫނެވެ. ޒަރޫން އާ ބައްދަލުވެ ، ފެނި ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބޭ އުފަލެކެވެ. " ރާފިޢާ އިތުރަށް ބުންޏެވެ.
ރާފިޢާ މެން ބުނާ ދުވަހަކަށް އޭނާގެ މައިން ބަފައިން ގޮވައިގެން އެގެޔަށް އަންނަން ޒަރޫންހުރީ ތައްޔާރަށެވެ. އެކައިވެންޏަށް ޒަރޫންގެ މައިން ބަފައިންގެ އެއްވެސް އިޢުތިރާޒެއް ނޯންނާނެކަން ޒަރޫން ކަށަވަރު ކޮށްދެއެވެ. އެކަމުގައި މައްސަލައެއް އޮތްނަމަ އޮންނާނީ ކަޝަފްގެ އެކަންޏެވެ. ކަޝަފްގެ ރުހުން ލިބުމާއި ނުލިބުމަކީ އެނގޭކަމެއް ނޫނެވެ. ޒަރޫންގެ މައިން ބަފައިން އެގެޔަށް ގެނެވޭނީވެސް ، ކަޝަފް އެކަމަށް އެއްބަސް ވެގެންނެވެ. ރާފިޢާމެން އެދުނަސް ، ކަޝަފްގެ ނުރުހުމުގައި އެކަން ކުރާކަށް ޒަރޫން ބޭނުމެއް ނޫނެވެ. ޒަރޫންގެ ވާހަކަ އެއްވެސް ވަރަކަށް ރާފިޢާގާތު ، ކަޝަފް ދައްކާފައެއް ނުވެއެވެ. ފަހަރެއްގައި އެވާހަކަތައް ހުންނާނީ ޞިދްރާގާތު ދައްކާފައެވެ. ރާފިޢާގެ ޚިޔާލަކީވެސް ، ކަޝަފްގެ ރުހުމާނުލައި އެއްވެސްކަމެއް ނުނިންމުމެވެ. ކަޝަފަށް ޒަރޫންގެ ފަރާތުން އެއްވެސް ތަކުލީފެއް ނުލިބޭނެކަން ރާފިޢާއަށް ، ޒަރޫން ކަށަވަރުކޮށް ދެއެވެ. އަދި އެކައިވެންޏަށް ރުހުން ދީގެން ރާފިޢާއަށްވެސް އެއްވެސް ތަކުލީފެއް ލިބޭނެކަމެއްވެސް އަދި އެކަމާ ދެރަވާނެ ކަމެއްވެސް ޒަރޫން ނުކުރާނެކަން ކަށަވަރު ކޮށް ދެއެވެ.
ޞިދްރާ އިރުއިރުކޮޅުން ޒަރޫންއަށް ބަލައިލައި ހީލަމުން ގެންދިޔައެވެ. އަދި މަންމައާއި ޒަރޫން ދައްކަމުން ގެންދިޔަ ވާހަކަތައް ވިސްނުންތެރިކަމާއެކު އަޑުއަހަމުން ގެންދިޔައެވެ. ޒަރޫން ހަމައެކަނި ސައިތަށި ބޮމުން ގެންދާތީ އެހެން އެއްޗެއްވެސް ކައިލާށޭ ބުނެ ، ތަށްޓެއް ދިއްކޮށްލައި ޒަރޫންއާ އަނގައިން ބުނުމުގެ ފުރުސަތު ހޯދައެވެ. ރާފިޢާވެސް އޭނާގެ ކުރިމަތީ އިން ޒަރޫންގެ މޫނަށް އިރު އިރުކޮޅުން ބަލައިލައި ، އޭނާ ދެނެގަތުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.
އެ އުފާވެރި ބައްދަލުވުން ނިންމައިލާ ، ގެޔަށް ދިއުމަށް ޒަރޫން ދަތުރު ކުރަމުން ގެންދިޔައެވެ. ކާރު ދުއްވަމުން ގެންދިޔައިރު ، އޭނާގެ ސިކުނޑީގައި އެތައް ކަމެއް ދައުރު ވަމުން ދިޔައެވެ. އެތައް އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. މިވީހާތަނަށް ، ޒަރޫންގެ ދިރިއުޅުމުގައި ، ނަފްސުގެ ޢިއްޒަތާއި ޝަރަފްގެ ފިލާވަޅެއް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. ޒަރޫންއަށް ލިބިގެންވާ ޤާބިލިއްޔަތާއެކު ، އަދަބް އިޙްތިރާމަކީވެސް ، ދިރިއުޅުމުގެ ބައެއްކަން މީގެކުރިން ޒަރޫންގެ ވިސްނުމަށް އައިއްސައެއް ނުވެއެވެ. ދިރިއުޅުމުގެ ކޮންމެ މުހުތާދަކީ ، ރީތި ފަރިކަމާއި މުއްސަނދި ޢާއިލާ އަދި ބޮޑެތި ޑިގްރީތަކުން އެކަނި ޙާޞިލް ކުރެވޭނެ އެއްޗެއް ނޫނެވެ. ކުދިކުދި އާދައާއި އަދާތަކުގައި ހާދަ ބޮޑެތި މާނަވީ ސިއްރުތަކެއްވެސް ފޮރުވިގެން ވެއެވެ. ކުދިކުދި ކަންތައްތައް ކަމަށް ޒަރޫންގެ ހިތަށް އެވަންނަ ކަންކަމަކީ ، ދިރިއުޅުމެއްގައި ހާދަބޮޑު ދައުރެއް އަދާކުރާނެ ކަންކަން ކަމުގައި ، ޒަރޫންއަށް އިޙްސާސް ކުރެވުނީ މިއަދުއެވެ. ކަޝަފްގެ މަންމަގެ ފަރާތުންނެވެ. އެއީ ހާދަ ހިތްހަމަ ޖެހޭ އުފާވެރި ބައްދަލު ވުމެކެވެ. ދިރިއުޅުމަށް ބޭނުންވާ ހާދަގިނަ ފިލާވަޅުތަކެއް ލިބުނު ދުވަހެކެވެ. ޒަރޫން އިނީ އެކަމާ ވަރަށް ހިތްހަމަޖެހި އުފަލުންނެވެ. ހުރިހާ ޝުކުރެއް ޙައްޤުވެގެންވަނީ ޞިދްރާއަށެވެ. އޭނާގެ އިސް ނެގުމަށެވެ. ޞިދްރާދިން ދަޢުވަތަށެވެ. އެއީ އެހެން މީހަކަށް ނުކުރެވިފައި އޮތް ކަމެކެވެ.
ދެން އޮތީ އެންމެ އުނދަގޫ މަރުޙަލާއެވެ. ޞިދްރާއާއި ރާފިޢާ އެތިބީ އެކަމަށް ހިތުންބޮލުން ރުހިގެންކަން ޒަރޫންއަށް އެނގެއެވެ. ނަމަވެސް އެމީހުންގެ އެރުހުން ބަރޯސާވެފައި އޮތީ ކަޝަފްގެ މައްޗަށެވެ. ކަޝަފްގެ ނިންމުމުގެ މައްޗަށެވެ.
(ނުނިމޭ)
haadha haadha reechey