ރާއްޖޭގެ ސަރަހައްދުން ބައެއް، އެހެން ގައުމަކަށް "ވެދުން" ކުރުން ބަލައެއް ނުގަނެވޭ: ދުންޔާ

ފޯޅަވަހީގެ މައްސަލައިގާ އެހެންގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް ސަރުކާރުން ނިންމި، ނިންމުން އަނބުރާ ގެނައުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވައިލައްވައިފި އެވެ.

އެކަމަނާ މިއަދު ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ ރާއްޖެއާއި ފޯޅަވައްސާއި ދެމެދުގެ ކަނޑުގެ ސަރަހައްދު ވަކިކުރުމާއި ގުޅޭ މައްސަލައިގާ ސަރުކާރުގެ ސިޔާސަތު ބަދަލުކުރި، ކުރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް، އެހެން ގައުމަކަށް "ވެދުން" ކުރުން ކަމަށެވެ.

މިއީ ރާއްޖޭގެ ސަރަހައްދުން ބައެއް އެހެން ގައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލަން ނިންމި، ނިންމުމެއްކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ މިއީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު ގައުމީ މައްސަލަ ކަމަށެވެ. އަދި ރާއްޖޭގެ އެންމެމަތީ މަސްލަހަތު އޮތް މަސްލަހަތު ކަމަށާއި ދިވެހިން އެކަމަކާ، އެންމެކަންބޮޑުވާންޖެހޭ މައްސަލަ ކަމަށެވެ.

ދުންޔާ އިތުރަށް ވިދާޅުވީ އެ މައްސަލައިގާ ރާއްޖޭގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް ދިވެހިސަރުކާރުން ނިންމި، ނިންމުން އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވައިލައްވާ ކަމަށާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުން ސަރުކާރަށް ލާޒިމުކުރާ ވާޖިބުތައް އަދާކުރުމަށް ވެސް ވަނީ އެކަމަނާ ވަނީ ގޮވައިލައްވާފަ އެވެ.

"ރާއްޖޭގެ ސަރަހައްދުގެ ބޮޑުބައެއް މޮރިޝަސްއަށް ދިނުމަށް އެމްޑީޕީ ސަރުކާރުން އިހަށްދުވަހު ނިންމި، ނިންމުމަކީ އެޕާޓީން މިފަދަ ނިންމުމެއް ނިންމި ދެވަނަ ފަހަރު. އެޕާޓީގެ ވެރިކަމުގައި 2010 ވަނަ އަހަރުވެސް ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ އިސްމުވައްޒަފުންނަށް އެންގުމަކާނުލައި، އެފަދަ ނިންމުމެއް އެމްޑީޕީގެ ވަޒީރަކު ނިންމި. އެ ނިންމުމަށް އެފަހަރު އަމަލު ނުކުރެވުނީ ވަރަށް ކެރޭ، ހުޝިޔާރު ދިވެހި ޑިޕްލެމެޓުންތަކެއް އެކަމަށް ހުރަސް އެޅުމުން." ދުންޔާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ދުންޔާގެ ސްޓޭޓްމެންޓުގައި ވިދާޅުވެފައިވަނީ ދިވެހިސަރުކާރުގެ އެ ނިންމެވުމަކީ ދިވެހިގައުމަށް ކުރެވޭ ވަރަށްބޮޑު ޚިޔާނާތެއް ކަމަށާއި އެ ސަރަހައްދަކީ ކަނޑުއަޑީގެ މުއްސަނދިކަން އިންތިހާއަށް ފުޅާ ސަރަހައްދެއް ކަމަށެވެ. އަދި މަސްވެރިކަން ވެސް ތިޔާގި ސަރަހައްދެއް ކަމަށެވެ.

ޚާރިޖީ ދާއިރާގެ ތަޖުރިބާ ވެސް ލިބިވަޑައިގެން ހުންނެވި ދުންޔާ ވިދާޅުވީ އެސަރަހައްދު ރާއްޖޭގެ ބާރުގެދަށުން ބީވެގެންދާގޮތަށް ނިންމާ، ކޮންމެ ނިންމުމަކީ ދިވެހި އުންމަތަށް ދެވޭ ގެއްލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ހިމާޔަތްކުރުމަށް ކުރި ވައުދާއި ހުވަޔާ ޚިލާފު ކަމެއް ކަމަށެވެ.

އެކަމުގެ ޒިންމާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ނަންގަވަން ޖެހޭނެ ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

ހަމަމިއާއެކު މި ނިންމުމަކީ ގާނޫނީ ކަމެކޭ ބުނެ، ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރަށް މިކަމުން ނުރެކެވޭނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

ރާއްޖޭގެ މަސްލަހަތު ބޭރުދުނިޔޭގައި ކުރިއަރުވައި ހިމާޔަތްކުރުމުގެ ޒިންމާ ހަވާލުވެފައިވަނީ ޚާރިޖީ ވަޒީރާކަން ފާހަގަކުރައްވާ ދުންޔާ ވިދާޅުވީ މި މައްސަލައިގާ އޭނާގެ ޒިންމާ ފުރިހަމައަށް އަދާކުރިތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ ކަމަށެވެ. އަދި ދިވެހި ޚާރިޖިއްޔާގައި ތިބި ތަޖުރިބާކާރުންގެ ލަފާ ހޯދިތޯ ނުވަތަ ނޫންތޯ ވެސް ބަލަންޖެހޭ ކަމަށެވެ.

ދުންޔާގެ ސްޓޭޓްމެންޓުގައި އިތުރަށް ވިދާޅުވީ ރާއްޖޭގެ އެންމެމަތީ ގައުމީ މަސްލަހަތު، އެހެންގައުމަކަށް މުޅީން ހިލޭ ދޭން ނިންމިއިރު، ރާއްޖޭގެ ހުށިޔާރު ޑިޕްލެމެޓުން އެކަމާ ދެކޮޅުހެދިކަން، ދިވެހި ހުރިހައި ރައްޔިތުންނަށް އެނގި ހާމަވާން ޖެހޭ ކަމަށާއި ނުވަތަ އެފަދަ ޚިޔާލުތަކަށް އޮންނަ ފުރުސަތު މިހާރުވަނީ އެކީބަންދުކޮށްފަކަން ވެސް އެނގި ހާމަވާން ޖެހޭ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.