ރާއްޖެއަށް މިހާރު އައު ލީޑަރުންނާއި އައު ސިޔާސީ ޕާޓީއެއް ބޭނުންވޭ: ދުންޔާ

ދުންޔާ މައުމޫން، އެމްއެންޕީގެ ރައީސް ނާޒިމް އާއެކު

ރާއްޖެއަށް މިހާރު އައު ލީޑަރުންނާއި އައު ސިޔާސީ ޕާޓީއެއް ވެސް ބޭނުންވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "ސޯސަލް އިންޓަރވިއު" ގެ ނަމުގައި ފޭސްބުކްގައި ކުރިއަށް ގެންދާ ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނެވެ.

ދުންޔާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ "ޕާޓީގައި ނޫޅެނީ ކީއްވެތޯ" ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫނަކީ މިޒަމާނުގެ އެންމެގިނަ ތަރައްގީ ގެނެސްދެއްވި ރައީސް ކަމަށެވެ.

މީގެ އިތުރުން ބައްޕައަކީ ރާއްޖެއަށް ވަރަށްގިނަ ބޮޑެތި ތަރައްގީތަކެއް ގެނެސްދެއްވި ބޭފުޅެއް ކަމަށް މިހާރުވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ސިޔާސީ ދާއިރާއަށް ނުކުތީ ބައްޕާފުޅު ރައީސް މައުމޫން ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު. އޭރު ބައްޕައާ ވަރަށްގާތުން މަސައްކަތްކުރަމުން ގެންދިޔައީ. އޭރު ހުރީ އދ. ގެ ޖޮބެއްގަ. އެ ޖޮބު ދޫކޮށްލީ އަޅުގަނޑު އަސްލު ރާއްޖެއިން ބޭރުގަ ވަޒީފާއަކަށް ދާން ބޭނުން ނުވާތީ. އެއަށްވުރެ ބޮޑަށް ކުރިއެރުމެއް އެޖޮބުގައި ނެތުމުން." ދުންޔާ ވިދާޅުވި އެވެ.

ހަމަމިއާއެކު 2006، 2007 ހާތަނުގައި ރާއްޖޭގެ ކަންތައްތައް ހުރިގޮތުން ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލާ، ބޭރުގެ ފަރާތްތަކުން ދިވެހި ސަރުކާރާއި ރާއްޖޭގައި އެވަގުތު ހުންނެވި ރައީސް މައުމޫނަށް ބޭރު ގައުމުތަކުގެ ފިއްތުންތައް ކުރުމަތިވަމުންދިޔަކަން ދުންޔާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ބޭރުދުނިޔޭގެ ވަރަށްބޮޑެތި ފިއްތުންތަކާ ކުރިމަތިލާން ޖެހުނުކަން ވެސް ފާހަގަކުރެއްވި އެވެ.

ހަގީގަތާ ޚިލާފު، ވަރަށް ބައިވަރު ވާހަކަތައް ވެސް އޭރު ފަތުރަމުންދާތީ ބައްޕަގެ ސަރުކާރު އެހީ ބޭނުންވާނެ ކަމަށް ހީފުޅުކުރައްވާ، އޭރުގެ ފޮރިން މިނިސްޓްރީ އާ ގުޅިވަޑައިގަތުމަށް ނިންމެވިކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އޭރުގެ މިނިސްޓަރ މަރުހަބާ ވިދާޅުވި ކަމަށް ވެސް ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުން ފޮރިން މިނިސްޓްރީ އާ ގުޅިވަޑައިގަތުމަށްފަހު، މަސައްކަތްކުރެއްވީ ދިވެހި ރައްޔިތުންނަށްޓަކައި އަދި ދިވެހިރާއްޖެއަށް ލިބެމުންދިޔަ ގޯސް ނަން ރަނގަޅުކުރުމަށްޓަކައި ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ރަނގަޅުގޮތުގައި ރާއްޖޭގެ ޑިމޮކްރެސީ ގެނައުމަށް ވެސް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވި އެވެ.

ދުންޔާ ވިދާޅުވީ ބައްޕައަށް އަބަދު ވެސް އިހްތިރާމް އޮންނާނެ ކަމަށާއި ދަރީންނަކީ އެމީހުންގެ އަމިއްލަ ހަޔާތައިގެން ކުރިއަށްދާނެ ބައެއް ކަމަށެވެ.

އެގޮތުން މިވަގުތު ހުންނެވީ އެހެން ޕާޓީއެއްގައި ކަމަށާއި އެގޮތަށް ނިންމެވީ މިހާރު ހުންނެވި ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރަކީ ރަނގަޅު އިޚްލާސްތެރި ލީޑަރެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.