ދުންޔާ މައުމޫނަށް އެމްޑީޕީގެ ޗެއާޕާސަންގެ އިންޒާރެއް

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަނބަލުން ދުންޔާ މައުމޫނަށް އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ޙަސަލް ލަޠީފް އިންޒާރެއް ދެއްވައިފައެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދާ ބެހޭ ގޮތުން ދުންޔާ މައުމޫނަށް އެކިފަހަރު މަތިން ލައްކަ ވާހަކަ އެކިގޮތަށް ދެކެވިއްޖެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދާ ބެހޭ ގޮތުން އިތުރަށް ވާހަކަ ނުދެއްކެވުމަށް ޙަސަން ވަނީ އިންޒާރު ކުރައްވައިފައެވެ.

"ރައީސް މުޙައްމަދު ނަޝީދުގެ މައްސަލައާ ގުޅޭގޮތުން ދުންޔާ މައުމޫނަށް ވަނީ މާގިނަފަހަރު މާގިނަ ގޮތްގޮތަށް މާގިނަ ވާހަކަ ދެއްކެވިފައި. އަޅުގަނޑުގެ ހިތުގެ ޚާލިސް އިލްތިމާސްއަކީ ރައީސް ނަޝީދުގެ މައްސަލައާ ގުޅޭވާހަކަ ދުންޔާ އިތުރަށް ނުދެއްކެވުން،" ޙަސަން ލަޠީފް ވިދާޅުވިއެވެ.

މި ޓްވީޓާބެހޭ ގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ޙަސަން ލަޠީފަށް ގުޅުމުން ވިދާޅުވީ އިތުރަށް ވިދާޅުވާނެ ވާހަކައެއްނެތް ކަމަށެވެ. ޓްވީޓުގައި އެވަނީ ދައްކަވަން ބޭނުންފުޅުވާ ވަރަށް ވާހަކަ ދައްކަވައިފައި ކަމަށެވެ.

ރައީސް ނަޝީދަށް ކޯޓުން ކުރައްވައިފައިވާ 13 އަހަރުގެ ޖަލު ޙުކުމުން މިނިވަން ކުރެއްވުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަނީ މަޖިލީހަށް ޤަރާރެއް ވައްދަވައިފައެވެ. އެ ޤަރާރުގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ވަނީ ސޮއި ކުރައްވައިފައެވެ.

މި ޤަރާރު ވައްދާފައިވަނިކޮށް ދުންޔާ މައުމޫން  ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް އިންސާފު ލިބިވަޑައިގަތުމަށް އެދިވަޑައި ގަންނަވާ ކަމަށެވެ. އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ކުރައްވަންވާނީ އެކަމަށްޓަކައި ރާއްޖޭގައި އެކަށައަޅުއްވައިފައިވާ އުސޫލުގެ ތެރެއިން ނުވަތަ ނިޒާމުގެ ތެރެއިން ކަމަށެވެ. ރައީސް ނަޝީދު މިނިވަން ވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެހެންނަމަވެސް ބޭރުގެ ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކުން ނިންމެވިޔަސް ރައީސް ނަޝީދު މިނިވަން ނުވާނެ ކަމަށް "އަވަސް ހުކުރު" ޕްރޮގްރާމުގައި ދުންޔާ ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.