އާސަންދަ ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީސް ހިންގަމުން އައި އިމާރާތް ބަދަލުވެއްޖެ އެވެ.
ކުރިން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 3 ވަނަ ފަންގިފިލާގައި ހުރި އާސަންދަ ފްރަންޓް އޮފީސް ބަދަލުވެފައިވަނީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާއަށެވެ.
އެހެންކަމުން އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ފުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ދެން ބަލައިގަންނާނީ ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކުން ނެވެ.
ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން ހަވީރު 16:00 އަށް އަދި ހޮނިހިރު ދުވަސްތަކުގައި ހެނދުނު 09:00 އިން މެނދުރު 13:00 އަށް މި ކައުންޓަރުތަކުން ލިޔެކިޔުންތައް ބަލައިގަންނާނެ އެވެ. ކުރިއެކޭވެސް އެއްގޮތަށް އެނޫން ގަޑިތަކުގައި ކަސްޓަމަރ ސަރވިސް ސެންޓަރުން ބަލައިގަންނާނީ އިމަޖަންސީ ކޭސްތަކުގެ ލިޔެކިޔުންތަކެވެ.
ލިޔެކިޔުންތައް ހުށަހެޅުމަށް ރައްޔިތުންނަށް މިހާރަށްވުރެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އާސަންދަ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.