ރައީސް ޔާމީން ހއ. އަތޮޅަށް ވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އަތޮޅަށް ވަޑައިގެންފި އެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހއ. އަތޮޅަށް މިއަދު ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.

ޕީޕީއެމް އިން ބުނީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ކެލާ، ބާރަށް، ދިއްދޫ، އިހަވަންދޫ އަދި ތުރާކުނަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އިހަވަންދޫ ގައި މިރޭ ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ދަތުރުފުޅުގެ އެންމެ މުހިއްމު އެއް ކަމަކަށް އޮތީ 2023 ގެ އެ ޕާޓީގެ މެނިފެސްޓޯ ތައްޔާރުކުރުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމާއި ޒުވާނުންނާއި އަންހެނުންނާއި މަސްވެރިންނާއި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ހިޔާލު ހޯއްދެވުން ކަމަށް ޕީޕީއެމް އިން ބުނެއެވެ.

ރައީސް ޔާމީނު މިދަތުރުފުޅު ކުރެއްވުމަށް ފުރަތަމަ ނިންމަވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ. ނަމަވެސް އެދުވަހު ކެންސަލް ކުރެއްވީ މޫސުން ގޯސްވުމުގެ ސަބަބުން ނެވެ.

މިއީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މެމްބަރުންނާ ބައްދަލުކުރައްވަން ރައީސް ޔާމީން ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ ވަޑައިގަތީ ދ. ކުޑަހުވަދު އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.