"ހަގީގީ އުފާ ފާޅު ކުރެވޭނީ ހަގީގީ ޖުމްހޫރީ ވެރިކަމެއް ގާއިމު ވެގެން" - ރައީސް މައުމޫނު

ރައީސް މައުމޫނު އަނެއްކާވެސް ސަރުކާރަށް ފާޑު ވިދާޅުވެ ފޭސްބުކް ޕޯސްޓެއް ކުރައްވައިފިއެވެ. އިއްޔެ ފާހަގަ ކުރި ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައްޔިތުންނަށް ވިދާޅުވާން މިއަދު ކުރެއްވި ޕޯސްޓުގައި މައުމޫނު ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ ހަގީގީ އުފާ ފާޅު ކުރެވޭނީ ހަގީގީ ޖުމްހޫރީ ވެރިކަމެއް ގާއިމު ވެފައި އޮވެގެން ކަމުގައެވެ. އެ ވިދާޅުވި ހަގީގީ ޖުމްހޫރީ ވެރިކަމެއްގެ ސިފަތަކެއް ކަމަށް ޕޯސްޓުގައި ފާހަގަ ކުރައްވާފައި ވަނީ އަދުލު އިންސާފު ގާއިމު ކުރުމާއި، ޒިންމާދާރު ވުމާއި، ނަޒާހަތްތެރި ވުމެވެ.

ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޔާމީނާ ހަވާލު ކުރެވުނު ފަހުން މައުމޫން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވެ ފޭސްބުކްގައި ލިޔުއްވައި، ޓްވީޓް ކުރައްވަމުންނެވެ. އަނެއްކޮޅުން މުސްތަޝާރުގެ ފަޅީންވެސް މައުމޫނަށް ފާޑު ވިދާޅުވަމުން ގެންދަވައެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ހުކުރު ވިލޭރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާޓީގެ އެތެރޭގެ ކަންތައްތައް ހައްލުކޮށް ސުލްހައިގެ މަގަށް އަންނާން ގޮވައިލައްވައިފައެވެ. އެމަނިކުފާނާއި ބޭބޭފުޅު ރައީސް މައުމޫނާ ދެމެދު ބްރިޖެއް އެޅުއްވުމުގެ ވާހަކަފުޅުވެސް އެރޭ ދެއްކެވިއެވެ.

ޕާޓީގެ ކޯޅުންތަކުގެ ސަބަބުން މައުމޫނާއި، ޔާމީން ދެބޭންގެ ދެމެދުގައި ވަނީ ބޮޑު ހުރަހެއް ލެވިފައެވެ. މައުމޫނު ވަނީ ސަރުކާރަށް ދުވަހަކުވެސް ތާއީދު ނުކުރައްވާނޭ ކަމަށް ވިދާޅު ވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.