ޝިއާއުގެ މަރާއިގުޅިގެން ޝާހިލުގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަ: ޕޮލިސް

ރަހުމުކުޑަގޮތަކަށް މާލޭގައި މަރާލާފައިވާ ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ މަރާއިގުޅިގެން ހައްޔަރުކޮށްފައިވާ އަލީ ޝާހިލުގެ ފަރާތުން ތަހުގީގަށް އެންމެއެކަށީގެންވާ އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މިމައްސަލައިގައި ޝާހިލްގެ ފަރާތުން ތަޙުގީގަށް އެއްބާރުލުން މިހުރިހާ ދުވަސްވެގެން ދިޔައިރު ލިބިފައިނުވާ ކަމަށެވެ.

އެކި ގޮތްގޮތުން ކުރި މަސައްކަތުން އޭނާގެ ފޯނު އަންލޮކް ކުރުމަށް ޕާސްވޯޑު ދިނުމަށް ވެސް ދެކޮޅު ހަދާފައިވާ ކަމަށާއި ކޯޓު އަމުރެއްގެ ދަށުން ވެސް އެކަމުގައި އެއްބާރުލުން ދިނުމަށް އޭނާ ދެކޮޅު ހަދާތީ ފުލުހުންވަނީ އޭނާގެ އެހީއާއި ނުލައި ފޯނު ހުޅުވުމުގެ މަސައްކަތް ފަށާފައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޢަލީ ޝާހިލްގެ އެއްވެސް ނަފްސާނީ މައްސަލައެއް ހުރިކަން ފުލުހުންގެ ތަޙުގީގަށް މިހާތަނަށް ފާހަގަވެފައި ނުވާކަމަށާއި އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިތޯ ޔަޤީންކުރުމަށް އެސެސްމަންޓުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިއާޢު މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފޮރެންސިކް ތަހުލީލުތަކުން އެނގިފައިވާ ކަމަށާއި މިމައްސަލައާއި ގުޅިގެން ފުލުހުންވަނީ މިހާތަނަށް 45 މީހަކާއި ސުވާލުކޮށްފައިވާ ކަމަށް މިއަދު ވަނީ ހާމަކޮށްފަ އެވެ.

ފުލުހުންގެ ތަޙުގީގު ޓީމަށް މިހާތަނަށް ބެލިބެލުމުން މުޅި ތަޙުގީގު ޓީމަށްވެސް ޤަބޫލުކުރެވެނީ ޝިއާޢުގެ މަރަކީ، ކުއްލިއަކަށް ދިމާވި ކަމެއް ކަމަށާއި ދުރާލާ ރާވާއިގެން ހިންގާފައިވާ ކަމެއްކަމަށް މިހާތަނަށް ތަޙުގީގަށް ފާހަގަނުކުރެވޭކަމަށް ފުލުހުން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.