ރިޟްވާންގެ މައްސަލައިގައި މަރު ކޮމިޝަންގެ ތަހުގީގުން ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ފުލުހުން އިތުރަށް ތަހުގީގުކުރަންވީ ކަންކަމާ ގުޅޭގޮތުން ކޮމިޝަންގެ މެންބަރުންނާ ބައްދަލުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަޝްވަރާކުރައްވައިފިއެވެ.
'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްގީގުކުރާ ކޮމިޝަން' އިން އާދީއްތަ ދުވަހު ބެއްވި ނޫސް ކޮންފަރެންސްގައި ހާމަކުރި މައުލޫމާތާ ގުޅޭ ގޮތުން މިއަދު ފުލުހުންގެ މުއަައްސަސާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ރިޟްވާން ގެއްލުވައިލި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހްގީގަށް އެއްކުރެވިފައި ހުރި ހުރިހާ ހެއްކާއި ގަރީނާ އަދި މައުލޫމާތެއް ވަނީ ކޮމިޝަނާ ހިއްސާކޮށްފައެވެ. އަދި ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުން މެދުވެރިކޮށް ހޯދަން ބޭނުންވާ މައުލޫމާތާއި ސާފުކުރަން ބޭނުންވާ ކަންކަމާއި އަދި އޮޕަރޭޝަނަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އިއްޔެގެ ނޫސްކޮންފަރެންސްގައި ފާހަގަކުރެވުނު ދެ ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އިތުރަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް ފުލުހުންގެ މުއައްސަސާ އިން ހާމކުރެއެވެ. އދި ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިންމައި މައްސަލައިގެ ރިޕޯޓު ފުލުހުންނާ ހަވާލުކުރުމުން އެ މުއައްސަސާގެ މުއައްޒަފެއްގެ އިހުމާލެއް އެކަމުގައި އޮތްނަމަ ނުވަތަ ޖިނާއީ ކުށެއް އޮތްކަމަށް ފެނިއްޖެނަމަ އެ ފަރާތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އަދި ކޮމިޝަންގެ މަސައްކަތްތަކަށް ފުލުހުންގެ އެއްބާރުލުން ދޭނެކަމުގައި ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ރިޟްވާން މަރާލާފައިވާ ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އިއްޔެވަނީ ވިދާޅުވެފައެވެ.