ތިލަފުށީގައި 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހަމަނުޖެހުން ހިނގީ ބިދޭސީންނާ ސްޕޮންސަރާ ދެމެދު އޮތް ހިތްހަމަނުޖެހުމެއްގެ ސަބަބުން

ތިލަފުށީގައި ބިދޭސީން ހިންގި ހަމަނުޖެހުމަކާ ގުޅިގެން 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި ހަމަނުޖެހުމުގައި ދެ ފުލުހުކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މި ހާދިސާއާ ގުޅިގެން ފުލުހަކު ރަހީނުކުރި ކަމަށް ފެތުރިގެން އުޅޭ ޚަބަރު ފުލުހުން ވަނީ ދޮގު ކުރައްވާފައެވެ.

ތިލަފުށީގައި ބިދޭސީން ހަމަނުޖެހުން ހިންގީ އެމީހުންނާ ސްޕޮންސަރާ ދެމެދު އޮތް ހިތްހަމަ ނުޖެހުމެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ބިދޭސީން މަސައްކަތްކޮށްފައިވަނީ ސްޕޮންސަރުގެ ގުދަނަށް ގެއްލުން ދިނުމަށެވެ.

މި މައްސަަލައާ ގުޅިގެން އެތަނަށް ހާޒިރުވި ފުލުހުންނަށް ހަމަނުޖެހުން ހިންގަމުން ދިޔަ ބިދޭސީންގެ ތެރެއިން ބަޔަކު ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މި ހަމަލާގައި ދެ ފުލުހުކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ތަރުޖަމަނު ވިދާޅުވިއެވެ. ހަމަނުޖެހުންތަކާ ގުޅިގެން ސްޕެޝަލް އޮޕަރޭޝަންސް ފުލުހުން ތިލަފުށްޓަށް ގޮސްފައިވަނީ މިއަދު ހަވީރު 4:30 ހާ އިރުއެވެ. އަދި ހަމަނުޖެހުން ހިންގަމުން ދިޔަ ބިދޭސީންގެ ތެރެއިން 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް އޭގެތެރެއިން 7 މީހަކު ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލާފައެވެ.

ހަމަނުޖެހުން ހިންގި ބިދޭސީންގެ ތެރޭގައި ހިމެނެނީ އިންޑިއާ މީހުންނާއި ބަނގްލަދޭޝް މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ގެންދަވަނީ މިހާރު މި މައްސަލަ ތަހުގީގުކުރައްވަމުންނެވެ.

ތިލަފުށީގައި ހަމަނުޖެހުން ހިނގައިގެން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.  

(މި ޚަބަރު ވަނީ އަދާހަމަ ކުރެވިފައެވެ.) 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.