ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ. މޯލްޑިވްސް ޕޮލިސްސާރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނާ ޚިލާފް އެއްވުންތައް ބާވަން ފުރުޞަތު ނުދޭނެކަމަށާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދި ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށެވެ.
ފަހަކަށް އައިސް ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނުނާ، ޚިލާފަށް ބައެއް ފަރާތްތަކުން އެއްވުންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމާ އެފަދަ ބައެއް އެއްވުންތަކުގައި އެޤޫނޫނާ ޚިލާފު ޢަމަލުކުރަމުންދާކަމަށް ފުލުހުންގެ ނޫސްބަޔާނުގައި ވެއެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިމުން ބޭރުން އެއްވުން މަނާ ސަރަޙައްދަށް އެއްވުމާއި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމާއި އަދި އުޅަނދުފަހަރުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ހިނގާލުމާއި އުޅަނދުބުރު ބޭއްވުންފަދަ ކަންކަން އިންތިޒާމުކޮށް ބާއްވަމުންގެންދާކަމަށް ވެސް ނޫސްބަޔާނުގައި ވެއެވެ. އަދި އެފަދަ ބައެއް އެއްވުންތަކުގައި ޤާނޫނުން މަނާކޮށްފައިވާ ކަންކަންކުރަމުންގެންދާކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ޤާނޫނުގައި ބަޔާންކުރާފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވާވައިގެން ބާއްވާ އެއްވުންތައް ޤާނޫނުގައި ބަޔާންކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަން މަސައްކަތްކުރާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ.
ޤާނޫނާއެއްގޮތަށް ޞުލްޙަވެރިކަމާއެކު ބާއްވާ އެއްވުންތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަންފޯރިކޮށްދިނުމާއި އެފަދަ އެއްވުންތައް އޮންނަ ސަރަޙައްދުގެ މަގުތަކާއި އެނޫންވެސް ތަންތަނުގެ ސަލާމަތީކަންކަން ބެލެހެއްޓުމަކީ ވަރަށް އިސްކަންދީގެން ފުލުހުން ކުރަމުންގެންދާ ކަމެއްކަމަށްވެސް ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.
ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ބޭނުންކުރުމުގައި ޤާނޫނީ އިމުގެތެރެއިން ކަންކަން ކުރުމަށް އެއްވުންތައް އިންތިޒާމުކުރާ ފަރާތްތަކަށާއި އެއްވުންތަކުގައި ބައިވެރިވާ ފަރާތްތަކަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.