އެސްޓީއޯ އިން ހިންގާ ރޭޑިއޮލޮޖީ ޑިޕްލޮމާ ކޯހަށް ކުދިން ހޮވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ރޭޑިއޮލޮޖީ ޑިޕްލޮމާ ކޯހަށް ކުދިން ހޮވައިފި އެވެ.

މިއީ އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކެޑެމިކް ކޮމިޓީން އެ ފަރާތްތަކުގެ ގާބިލްކަން ބަލައި 25 ދަރިވަރުން ވަނީ ހޮވާފަ އެވެ.

އެސްޓީއޯ އިން ބުނީ މި 25 ކުދިން ހޮވާފައިވަނީ ދެ އަހަރު ދުވަހުގެ ކިޔެވުމާއި ހަ މަހުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ލިބޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހަށް އެދި ހުށަހެޅުމުން ކޯހަށް 94 ފަރާތެއއްގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ ފަރާތްތަކުގެ ތައުލީމީ ފެންވަރު ޗެކްކޮށް މި ކޯހަށް ޝަރުތު ހަމަވާ އޭލެވެލް ނުވަތަ އޭލެވެލް އާ އެއް ފެންވަރުކަމަށް އެމްކިއުއޭ އިން ގަބޫލުކުރާ ސެޓްފިކެޓް 4 ގެ ސަނަދެއް އޮތް ތޯ ބަލައި ޝޯޓްލިސްޓް ކުރި އިރު 36 ފަރާތެއް ހޮވުނު ކަމަށް އެސްޓީއޯ އިން ބުނެފައި ވެއެވެ. އަދި އެ ފަރާތްތަކާ އިންޓަވިއު ކޮށް އަދި ފެންވަރު ބެލުމަށް އެންޓްރޭންސް އެގްޒާމް އެއް ވަނީ ބާއްވާފަ އެވެ.

އެސްޓީއޯގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ރޭޑިއޯގްރާފީ ކޯހަށް ހޮވިފައިވާ ދަރިވަރުންނަށް އެސްޓީއޯ އިން ބުނީ މި ރޭޑިއޯގްރާފީ ކޯހަކީ ވަރަށް ގިނަ މީހުންގެ ފޮނި އުއްމީދުތަކަކާ އެކު ކިޔެވުމަށް ފުރުސަތު ލިބޭ ކޯހެއް ކަމަށެވެ. އަދި މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ސިއްހީ ދާއިރާއެއް ކަމަށެވެ.

މި ކޯހަކީ ފުލީ ފަންޑަޑް ކޯހެކެވެ. އެގޮތުން ކޯހުގެ ބައިވެރިވާ ފަރާތްތަކަށް ކޮންމެ މަހަކު ޕޮކެޓް މަނީގެ ގޮތުގައި 2300 ރުފިޔާ ލިބޭ ކޯހެކެވެ. އަދި މި ކޯހުގައި 6 މަސް ދުވަހުގެ އިންޓާންޝިޕްގެ ގޮތުގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބޭ އިރު، އަދި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ޔަގީންކަން ވެސް ލިބިގެން ދާނެއެވެ.

އެގޮތުން އިންޓަރންޝިޕް ހެދުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ސެނަހިޔާ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ މާލޭގައި ހުންނަ އެސްޓީއޯ ޓްރެއިނިންގް އިންސްޓިޓިއުޓްގައެވެ. އެއީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ފްލޯގައި، ހުންނަ ކްލާސްރޫމްތަކާއި، އޯޑޮޓޯރިއަމް އަދި ޖީއީ އެސްޓީއޯ ސްކިލް ލެބްއެވެ.

މި ކޯސް ކިޔަވާ ނިންމާ ދަރިވަރުންނަށް ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއް، ކްލިނިކެއް ނޫނީ ހެލްތް ސެންޓަރެއްގައި ވެސް ރޭޑިއޮގްރާފީގެ މެޝިންތައް ހިންގާ މި މެޝިންތައް ބެލެހެއްޓުމަށް އުޅޭ މުވައްޒަފަކަށް ވެވޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މި ކޯސް ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީން އެކްރިޑޭޓް ކޮށްފައެވެ. އަދި މި ކޯސް ފުރިހަމަ ކުރާ ހުރިހާ ދަރިވަރުންނަށް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި "ރޭޑިއޯގްރާފާ" އެއްގެ ގޮތުގައި ރެޖިސްޓާ ކުރެވޭނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.