އެސްޓީއޯއަށް ބޮޑު ތެޔޮޓޭންކަރެއް ގަންނަން ނިންމައިފި

އެސްޓީއޯއަށް ބޮޑުތެޔޮޓޭންކަރެއް ގަންނަން ނިންމާފައިވާ ކަމަށް އެކުންފުނީން މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ ބޮޑުތެޔޮޓޭންކަރެއް ގަންނަން ނިންމެވީ ތެލުގެ ޚިދުމަތަކީ ވަރަށްބޮޑަށް ރައްޔިތުންނާ ގުޅިފައިވާ ޚިދުމަތަކަށްވުމުން ވީހާވެސް ލުއިފަސޭހަކޮށް އެކަން ކުރުމަށް ކަމަށެވެ.

އެމްޑީ ވިދާޅުވީ އެކުންފުނީން މިހާރު ކުރަމުންދާ ވިޔަފާރި އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ބައެއްކަންކަން މިއަހަރަށް ރާވައިފައި ކަމަށެވެ. އެކަންކަމަށް އިންވެސްޓް ކުރުމަށްޓަކައި މިހާރުވަނީ ހަތަރުސަތޭކަމިލިއަން ރުފިޔާ ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ތެޔޮޓޭންކަރެއް ގަތުމަކީ ތެލުގެ ވިޔަފާރި ހަރުދަނާ ކުރުމަށް ކުރައްވާ އިންވެސްޓުމަންޓެކެވެ.

"އިރާދަކުރެއްވިއްޔާ މިހާރުއޮތް ތެޔޮޓޭންކަރަށްވުރެ ބޮޑު ޓޭންކަރެއް މިއަހަރުތެރޭގައި ގަންނާން. މިއީ މިހާރަށްވުރެ ލުއިފަސޭހަކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރާކަމެއް،" ޢަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތެޔޮ ގެނައުމަށްފަހު ރަށްރަށަށް އެފޮނުވުމުގައި ވެސް ކޮންމެވެސްވަރެއްގެ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ތެޔޮ އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި 4 ބާޖު ބަނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަންނަ އަހަރުތެރޭގައި ބާޖުތައް ނިމި ލިބޭވަރުވާނެ ކަމަށް ޢަމްރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.