(20 ސެޕްޓެމްބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެމެންނަށްވެސް ދާނެތާކަށް، ދާނެއިރަކު، ދާނެމީހަކާއެކުދާން ފުރިހަމަ މިނިވަންކަން އޮވެއެވެ. އެއީ އަހަރެމެންގެ ފުރިހަމަ އިޚުތިޔާރުގައި އޮންނަ ކަމެކެވެ. އެކަމަކު ގޭގައި އުޅޭ ބަޔަކަށް ދާތަނެއް އަންގައިލުން އަހަރެމެން ދެކެނީ އެއީ ދުނިޔަވީގޮތުންވެސް އަޚްލާޤީގޮތުންވެސް ކުރަންޖެހޭނެކަމެއް ކަމުގައެވެ. ފިރިހެނުންކަމަށްވެގެންތިބެ، އަހަރެން ދެކެނީ ޚުދު އަހަރެންވެސް އެކަން އެގޮތަށް ކުރަންޖެހޭނެ ކަމަށެވެ." ފަރުޙާން ސާރާބުނި އެއްޗަކަށް ދެކޮޅު ހަދަމުން ބުންޏެވެ.
"އެންމެ ރަނގަޅެވެ. ކައިވެނިކުރުމަށްފަހު، އަހަރެންވެސް އެމިނިވަންކަން ފަރުޙާނަށް ދޭނަމެވެ. ދަނީ ކާކާއެކީ ކޮންތާކަށްތޯ، ކިހާއިރެއްވާނެތޯ އަހަރެން އަހައިވެސް ނުލާނަމެވެ. އެކަމާ ކަންބޮޑުނުވާށެވެ." ސަރާ އިތުރަށް ބުންޏެވެ.
"ނޫނެކެވެ. ޝުކުރިއްޔާއެވެ! އަހަރެން އެފަދަ ދިރިއުޅުމެއް ބޭނުމެއް ނުވެއެވެ. އަހަރެން ބޭނުންވާނީ، ޢާއިލީ ދިރިއުޅުމެކެވެ. އެކަކު އަނެކަކަށް އަޅާލާނެއެވެ. އިޙްތިރާމްކޮށް ލޯބިކުރާނެއެވެ. އިތުބާރު ކުރާނެއެވެ. ރަނގަޅު ހުރިހާ ސިފަތަކެއް ހިމެނޭނެއެވެ. ކައްކާއިރު ލޮނާއި ކިރާ ހަވާދުގެ ބާވަތްތައް އަދި ފަތުގެ ބާވަތްތައް ތެއްޔަށް އަޅަނީ ރަހަމީރު ކުރަން ދޯއެވެ. އަހަރެން ބޭނުންވާނީ އެކަހަލަ ފުރިހަމަ ދިރިއުޅުމެކެވެ. އަޅާލައި އިޙްތިރާމްކޮށް، ލޯބިކޮށް އިތުބާރު ކުރުމާއެކު، ރަހަމީރު ކޮށްލުމަށްޓަކައި، ބޭރަށް ދާއިރު ދާތަނަކާއި އެކުގައިދާ މީހަކާ އަދި ވާނެއިރެއްވެސް ވަރަށް ލޯބިން ބުނެލާނެއެވެ." ފަރުޙާން ދިގު ތަޤްރީރެއް ނިންމައިލިއެވެ. އެއިރު ސާރާގެ ދެބުމަހުރީ ރުޅިއައިސްގެން ގޮށްޖެހިފައެވެ.
ސާރާ ބަލައި ބޮޑުކުރެވިފައިހުރިގޮތުން، އޭނާއަށް ދަސްވެފައިހުރީ މިނިވަން ޚިޔާލުތަކުން ބަށްޓަން ކުރެވޭ ދިރިއުޅުމުގެ ފަލްސަފާއެކެވެ. އޭނާއަކީ، ފިރިމީހާ އަންނަންދެން ދޮރުކައިރީ ކުރުކާލި ކަނޑާލަ ކަނޑާލަ ހުންނާނެ އަނތްބެއްނޫނެވެ. އެހެންނަމަވެސް . އެކަމުގައި ފަރުޙާނުގެ މައްސަލައެއްނެތެވެ. ޙައްދު ފަހަނަޅައި ނުގޮސް، ފިރިމީހާ ގެޔަށް އަންނާނެ ވަގުތަކަށް އަނބިމީހާ އިންތިޒާރުކުރުމަކީ ފަރުޙާނު ބޭނުންވާ ގޮތެވެ. އަޅައިލުމާއި އޯގާތެރިކަމާ އަދި އިތުބާރާއި ލޯތްބަކީ އެއީއެވެ. އެއްވެސްކަމެއްގައި އޮންނަންޖެހޭ މިނިވަންކަމެއް ޙައްދުން މައްޗަށްދިޔައިމަ، މައްސަލަތައް އުފެދުންނޫން އެހެންކަމެއް ނުވާނެއެވެ.
ސާރާއަށް ފެނުނުތަނުގައި، އޭނާގެ މުޅި ޙަޔާތުގައިވެސް، އޭނާގެ މަންމަ ބޭރަށްދަމުން ބައްޕަގާތު ބުނެލާ އަޑު، ދުވަހަކުވެސް އަހާފައެއް ނުވެއެވެ. އަދި ބައްޕަވެސް އެކަހަލަ ކަންކަމާ މަންމައާ ސުއާލުކޮށް އުނދަގުލެއް ނުކުރާނެއެވެ. އެއީ އެގޭތެރޭގައި އެކަން އޮންނަ ގޮތެވެ. އެހެނަސް، އެގޭތެރޭ އެކަން އެހެން އޮންނާތީ އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުވުމަކީ ވެދާނެކަމެއްކަމަކަށް ސާރާއަކަށް ނުފެނެއެވެ. އެހިސާބަކަށް އޭނާގެ ވިސްނުމެއް ނުފޯރައެވެ. އެއީ ސާރާއަށް އޭނާގެ މަންމަގެ ފަރާތުން ލިބިފައިވާ ތަރުބިއްޔަތެވެ. އޭގައިހުރި އުނިކަންކަން އެނގޭވަރަށް ސާރާއަކަށް އަދި ދުނިޔެއެއް ނުފެނެއެވެ. ފަރުޙާން އިނީ ސާރާ އޭނާގެ އަމިއްލަ މިނިވަންކަމާ އަދި އޭނާގެ ފަރާތުން އެހެންމީހުންނަށް ދެވޭ މިނިވަންކަމުގެ ހުޅުވިފައިވާ ވިސްނުމާމެދު ކަންބޮޑުވެފައެވެ. އެހެނަސް، އެއީ އެންމެ ރަނގަޅުގޮތްތޯ އެހެންމީހުންކުރެން ސާރާ އަހާލަން އެބަޖެހެއެވެ. އެހެނީ، އެއީ އެންމެ ރަނގަޅުގޮތްކަމަކަށް ސާރާއަކަށް ޔަޤީނެއްނޫނެވެ. އެނގޭހާވެސް ކަމަކީ، އެއީ ސާރާމެންގެ ގޭތެރޭގައި އެކަން އޮންނަ ގޮތްކަމެވެ.
------------------------
ރާފިޢާ ސައިތަށްޓެއް ހިފައިގެން އައިސް ހަމަޖެހިލިއެވެ. އަދި ގަޑިޔަށް ބަލައިލިއެވެ. އޭނާއަށް ކުއްލިޔަކަށް ކޮޅަށް ތެދުވެވުނެވެ. އަދި ކަޝަފްގެ ކޮޓަރިޔާ ދިމާއަށް ދުއްވައިގަނެވުނެވެ. އެއިރުވެސް ކަޝަފަށް އޮތީ ނިދިފައެވެ. ކަޝަފަށް ގޮވައި އަވަހަށް ނިދިން ހޭލައްވަން ރާފިޢާ މަސައްކަތްކުރިއެވެ.
"ދަރިފުޅާއެވެ! އަވަހަށް ތެދުވާށެވެ . މިއަދު ދާނީ ދެމައިން އެކީގައެވެ. މަންމަ ދާންވާ ހިސާބަށް ބަސް ދިޔައިމަ މަންމަ ފައިބާނަމެވެ. ދަރިފުޅު ޔުނިވަރސިޓީއަށް ދާނީއެވެ. އަވަހަށް ތެދުވެ ތައްޔާރު ވެލާށެވެ." ރާފިޢާ ކަޝަފްގެ ބޮލުގައި ލޯބިން ފިރުމާލަމުން ބުންޏެވެ.
ކަޝަފް އެނދުން ތެދުވަން ކުޑައިރުކޮޅެއް ވިއެވެ. ޝިދްރާ ސައިހަދަމުން ގެންދިޔައެވެ. ކަޝަފް ތައްޔާރުވެގެން ނުކުތްތަނުން ލަސްވެގެން މަންމަ އަޑުލައިގަތެވެ. އަދި އަވަހަށް ނާސްތާކޮށް ނިންމާލާށޭ ބުންޏެވެ. އެއްޗެއް ކާން ހަދައިގެން ލަސްވާނެކަން ކަޝަފަށް އެނގެއެވެ. އެހެންވެ، އެހުރިގޮތަށް ނުކުމެގެންދާން ނިންމިއެވެ. ބަހުގެ ގަޑިތައްވެސް ހުންނާނީ ކަނޑައެޅިފައެވެ. އެއީ މީހުންނަށް މަޑުކުރާ އެއްޗެއްނޫނެވެ. އޭގެ ގަޑިތަކަށް ފެތެންޖެހޭނީ މީހުންނެވެ. ކަޝްފް ނާސްތާ ކުރަން ދެކޮޅު ހެދީމަ، މަންމަޔަކަށް ކަމަކު ނުދިޔައެވެ. އަދި ޔުނިވަރސިޓީ ނިމޭއިރު، ބަނޑުހައިވެގެންގޮސް އަވަދި ވެދާނޭ ބުންޏެވެ.
"އެހެން ނޫނަސް އަހަރެމެން އަބަދު މިތިބެނީ ބަނޑުހައި ނުވެއެއް ނޫންދޯއެވެ؟ ގައިމު އަދި މަރެއް ނުވެއެވެ." ކަޝަފް، ނާސްތާ ނުކުރަންވެގެން ބަހަނާ ދެއްކިއެވެ. އެންމެފަހުން ކަޝަފް ގޮތްދޫނުކުރީމަ، ކަރުދާސްގަނޑަކަށް ކާއެއްޗެތި އަޅައި ބަންދުކޮށްގެން ރާފިޢާ ގެންދިޔައެވެ. އަދި ދާމަގުމަތީ އެއްޗެތި ކާލުމަށް އެދުނެވެ. ޝެހްނީލާ ބޭރުގައި އެއްޗެތި ދޮންނަން އިނދެފައި މަންމަމެން ނުކުތީމަ ދޮރުލައްޕައި ތަޅުލިއެވެ.
ކަޝަފް އޭނާގެ މަންމަޔާއެކު ބާރު ހިނގުމެއްގައި، ދެންއޮތްބަސް އަތުޖެހޭތޯ ހިނގަމުން ގެންދިޔައެވެ. ޔުނިވަރސިޓީއަށް ދެވުނީމަ ފޯނުކޮށްލާފަ މަންމަޔަށް އަންގާލުމަށް ރާފިޢާ އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ. ޗުއްޓީ ނަގައިގެން ކަޝަފާއެކު އެދުވަހު ޔުނިވަރސިޓީއަށް ދާން ރާފިޢާ ބޭނުންވިއެވެ. އެހެންނަމަވެސް، އެންމެ ދުވަހެއްގެ ޗުއްޓީއެއްވެސް ނަގަން އުނދަގޫވާ ވަރަށް ސްކޫލްގެ ކަންތައް ބޮޑެވެ. އޭގެ އިތުރަށް އެގެޔަށް ޓިއުޝަނަށްވެސް އެތައް ކުދިންނެއް އަންނާނެއެވެ. ކަޝަފް މިހާރު އެހުރީ ބޮޑުވެފައެވެ. ﷲ ގެ ރަޙުމަތްފުޅުން އޭނާއަށް ކަމެއް ނުވާނެއެވެ. މައިންނަކީ، ކުދިން ބޮޑެތިވިނަމަވެސް، އެކުދިންގެ ހުރިހާ ކަމަކާ ކަންބޮޑުވާނެ ބަޔެކެވެ. މައިވަންތަ ކުލުނަކީ، އެހެން އެއްވެސް ގުޅުމަކާ ނުބައްދަލު ގުޅުމެކެވެ. އެއީ ލޯތްބާއި އަޅައިލުމުގެ ގުޅުމަކަށްވާއިރު، ކުދިންގެ ދިރިއުޅުން ހަލާކުކުރާވެސް ގުޅުމެކެވެ. އެއްބަޔަކު ލޯބިންގޮސް ކުދިން ހަލާކުކުރާނެ އެވެ. އަނެއްބަޔަކު ކުދިންނާ އަޅަނުލައި އެކުދިން ހަލާކުކުރާނެއެވެ. ދޭތެރެ މެދުގައި ހުންނަން އެނގެނީ މަދުބަޔަކަށެވެ.
ކުއްލިޔަކަށް ރާފިޢާގެ ފައިފުރޮޅާލައި އަރިއަޅައިލިއެވެ. އޭނާ މަގުމައްޗަށް ނުވެއްޓުނީ ކަޝަފް ހިފެހެއްޓިކަމުންނެވެ. ކަޝަފް ކަންބޮޑުވެގެންގޮސް މަންމަގެ ފަޔަށްވީގޮތެއް ބަލައިލިއެވެ. ރާފިޢާގެ ފައިވާނުގެ ވަދު ކެނޑުނީއެވެ. މަންމަގެ ފައިވާނުގެ ވަދު ކެނޑޭކަން ކަޝަފް އޭނާގެ މަންމަޔަށް ހަނދާންކޮށްދޭތާ ކިތަންމެ ދުވަހެކެވެ. އެކަމަކުވެސް އެކަން އެއީ ރާފިޢާއަށް ބޮޑުކަމަކަށް ނުވިއެވެ. އޭނާގެ ނަޒަރުގައި އޭނާގެ ތިންކުދިންގެ އުފަލަށްވުރެ ވަކިން އިސް އެހެންކަމެއް އޭނާއަކަށް ނޯންނާނެއެވެ. ކަޝަފްގެ މައްސަލަޔަކީ އެއީއެވެ. މަންމަގެ އަމިއްލަ ނަފުސަށް ނުބަލާ، ތިންދަރިންގެ ކަންތައްތަކަކަށް މަންމަ އިސްކަން ދިނުމެވެ. މުސްކުޅިވީ ދުވަހު މަންމަޔަށް ކޮންމެ ކޮންމެ ގޮތެއްވުމަކީ ކަޝަފް އެދޭ ގޮތެއްނޫނެވެ. މިހާރުވެސް މަންމަ އެއުޅެނީ އިންސާނުންގެ ކެތްތެރިކަން ކޮޅުންލާފަދަ ބުރަ އަދި ނިކަމެތި ޙާލަތެއްގައެވެ.
ފައިވާނުގެ ވަދުކެނޑުނީމަވެސް، ރާފިޢާ ނިންމީ އެއްފައިވާން ކިބަޔަށް އަރައިގެން، އަނެއް ފައިވާންކިބަ އަތަށްލައިގެން ކޮރުޖަހާފައި ސްކޫލަށް ދިއުމަށެވެ. އެކަމަކު ކަޝަފް އެކަމަކަށް އެއްބަހެއް ނުވިއެވެ.
"މަންމަ ފައިވާން ހަލާކުވެގެން ކޮރުޖަހާފަ ސްކޫލަށްދާތަން ފެނުނީމަ މީހުން ހީކުރާނީ ކީކޭ ހެއްޔެވެ؟ އަހަރެން ފައިވާނެއް ގަނެގެން އެބަ އަންނަމެވެ. މިތާ ފާރުކައިރީ މަންމަ މަޑުކުރާށެވެ." ކަޝަފް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.
"މީހުންނަށް ފެންނާނީ މަންމަ އެއްފައިވާންކިބަޔަށް އަރައިގެން އަނެއް ފައިވާންކިބަ އަތުން ހިފައިގެން ހިނގާފައި ސްކޫލަށް ދާ މަންޒަރެވެ. އެއީކީ މައްސަލައެއްނޫނެވެ." ރާފިޢާ ހެމުން ހެމުން ކަޝަފާ ދިމާއަށް ބުންޏެވެ. އޭރުވެސް އެއީ ކަމެއްނޫނޭ ބުނެ އަދި ދެމައިންނަށްވެސް ލަސްވެދާނޭ ބުނެ، ކަޝަފް ހުއްޓުވޭތޯ ރާފިޢާ ބަލަމުން ގެންދިޔައެވެ. އަދި އެންމެފަހުން އެކަން ރާފިޢާ ކާމިޔާބު ކުރިއެވެ. އަދި އެއްފައިވާން ކިބަޔަށް އަރައިގެން ބަހާދިމާއަށް ބާރަށް ހިނގާފައި ދިޔައެވެ.
މަންމަ، އެއްފައިވާންކިބަޔަށް އަރައިގެން ހިނގާފައިދާތަން ފަހަތުގައިހުރި ކަޝަފަށް ރީތިކޮށް ފެނެއެވެ. އެތަން ފެނިފައި މީހުން ހީންގޮވާ، މަންމަ ލަދުގަންނުވާލަފާނެތީ ކަޝަފްހުރީ ކަންބޮޑުވެފައެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟
އެއީ މަންމަގެ ދިރިއުޅުން އޮންނަން މަންމަ ބޭނުންވާ ގޮތެވެ. ބައްޕަގެ ބޯބޮޑުކަމުން، ކެހިވެރިކަމާއި މަކަރާއި ޙީލަތުގެ މަރުވަޅިޔަކަށް އަރުވާފަ ދޫކޮށްލީމަ، އެއްބައިފަހަރަށް އަރިއަޅަމުން އަނެއްބައި ފަހަރަށް ކުއްޖަކަށް ބަރޯސާވެގެން އެއްމަރުވަޅީގައި ނަމަވެސް އެއޮއް ހިނގަނީތާއެވެ. ކަޝަފަށް އެޢާއިލާގެ ދިރިއުޅުމުން ފެންނަ، ޚާއްޞަކޮށް މަންމަގެ ޢަމަލުން ފެންނަ ކެތްތެރިކަމާއި ކޮންމެ ކަމެއްގައިވެސް ކަންބޮޑުވުމެއް ނުއޮންނަ ހަމަޔަކީ، އިންސާފުކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ.
ޔުނިވަރސިޓީ ތެރެޔަށް ވަދެގެން ދިޔައިރު، އެތަނަށް ވަދެ ނުކުމެ ޙަރަކާތްތެރިވާ ދެޖިންސުގެ ކުދިންގެ މައްޗަކަށް ކަޝަފުގެ ސަމާލުކަމެއް ނުދެއެވެ. އޭނާގެ ވިސްނުމާއި ފިކުރުހުރީ މަންމަގެ ފައިވާނުގެ މައްޗަށެވެ. އެމީހުންގެ ނިކަމެތި ދިރިއުޅުމުގެ ޙާލަތުގެ މައްޗަށެވެ. ފައިވާނެއް ގަންނަން ކަޝަފް އޭނާގެ މަންމަ ގާތު ކިޔާތާ އެތައް ދުވަހެއް ވެއްޖެއެވެ. މަންމަގެ ފައިވާން ދޮވެލަން އޭގައި އަތްލާ ކޮންމެ ފަހަރަކު ވަދު ކެނޑެމުންދާތަން ކަޝަފަށް ފެނެއެވެ. އެއްދުވަހުން އަނެއްދުވަހަށް ކެނޑެމުންދާތަން ބޮޑުވަމުންދާވާހަކަ މަންމަގެ ސަމާލުކަމަށްވެސް ގެނެއެވެ. އެހެންނަމަވެސް، ލިބޭއެއްޗަކުން ފުއްދަން ޖެހޭތީ، ފައިވާނެއް ހޯދޭނީ ދެން އަންނަމަހަކުންކަމަށް ބަލައި އަބަދުވެސް އޮންނަނީ އެކަން ފަސްކުރެވިފައެވެ.
އެއްދުވަހަކުން މަންމަޔަށް ގިނަފައިވާންތަކެއް ހޯދައިދިނުމަކީ ކަޝަފްގެ އުއްމީދެކެވެ. އެވެސް އަގުބޮޑު ފައިވާންތަކެކެވެ. އެންމެ އާދައިގެ ފައިވާނެއްނޫނެވެ. ކޮންމެ ދުވަހަކު އާފައިވާނަކަށް އަރައިގެން މަންމަ ސްކޫލަށް ދާނެއެވެ. ނޫނެކެވެ. އަހަރެންނަށް ވެގެންވިއްޔާ، މަންމަ ސްކޫލަށް ދިޔަކަ ނުދޭނަމެވެ. އެޢުމުރަކީ އިންސާނާ އަރާމުކުރަންވީ ޢުމުރެވެ. ހެނދުނު ދާގޮތަށް ގުދާރު ބިނދެންދެން މަސައްކަތްކޮށްފަ 5 ޖަހާއިރު ގެޔަށް އައިސް ކުދިންނަށް ޓިއުޝަންދީފަ، މީ ކޮންފަދަ ކަމެއް ހެއްޔެވެ ؟ އަހަރެންނަށް އެއްޗެއް ލިބެން ފަށާއިރަށް މަންމަ ސްކޫލަށް ދިއުން ހުއްޓުވާނަމެވެ. މުޅި ޢުމުރުގައި ސްކޫލްގެ މާޙައުލުގައި ތެޅިތެޅި މަންމަ އެހުރީ އަވަދިވެފައެވެ. މަންމަ ފަދަ އެކަނިވެރިޔަކަށް ވާވަރަށްވުރެ މަންމަޔަށް މާބޮޑުވަރު ކުރެވިއްޖެއެވެ. ކަޝަފްމެންނަށް އެފަދަ ޙާލެއްގައި އުޅެން ޖެހިއްޖެނަމަ މާގިނަދުވަހެއްނުވެ އޮންނާނީ ވަޅުލަން ޖެހިފައެވެ.
ކަޝަފް ޚިޔާލީ ދުނިޔެއެއްގައިހުރެ، ޔުނީގެ ތެރެޔަށް ވަދެގެން ދަނިކޮށް ފޯނެއް އައިމާ ބަލައިލިއިރު، އެއީ މަންމައެވެ. ކަޝަފަށް ފުރަތަމަވެސް އަހައިލެވުނީ މަންމަގެ ފައިވާނަށް ހެދިގޮތަކާ ބެހޭގޮތުންނެވެ. މަންމަ ހުރީ ހާސްވެފައެވެ. ކަޝަފްގާތު ޔުނިވަރސިޓީއަށް ދެވުނީމަ ފޯނުކޮށްލާށޭ ބުނެފަ އޮވެމެ، ފޯނުކޮށްނުލީތީ މަންމަ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ފޯނު ނަގާފަ ފުރަތަމަވެސް މަންމަ އަހާލީ ކޮންތާކުތޯއެވެ. ކަޝަފަށް ޔުނިވަރސިޓީއަށް ދެވިއްޖެކަން އެނގުނީމަ ރާފިޢާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ކަޝަފްގެ އެޑްމިޝަންއާ ބެހޭގޮތުން މިއަދު ވަކިގޮތެއް ނިމޭނެއެވެ. ފަތިހު ފަތިސްނަމާދުއްސުރެ ފެށިގެން ކަޝަފަށް އެކަން ހިންމަވައިދެއްވާތޯ، ރާފިޢާ އެހުރީ ﷲ އަށް ދުޢާ ކޮށްލަ ކޮށްލައެވެ. ތަންކޮޅެއް އަވަހަށް، އެޑްމިޝަންގެ ކަންތައް ބަލައިލާފަ ވެފައޮތްގޮތެއް މަންމަގާތު ބުނެލަދެއްޗޭ ބުނެ ރާފިޢާ ފޯނުބޭއްވިއެވެ.
ޔުނިވަރސިޓީއަށް ވަންނަން ފޯމުލާފައި ތިބި ދެޖިންސުގެ އެތައް ސަތޭކަ ކުދިންނެއް އެތަނަށް ޖަމާވެފައި އޮތެވެ. ކުދިންގެ މޭކަޕަށާއި ލައިގެންތިބޭ ހެދުމަށް ބަލައިލާއިރު، ގިނައީ ފޯރުންތެރި މުއްސަނދިމީހުންގެ ދަރިންކަން އެނގެއެވެ. ނަތީޖާ ލިސްޓް ޗެކްކުރުމަށްޓަކައި ޖެހިފައިއޮތް ކިއު ކައިރިޔަށް ކަޝަފްވެސް ޖެހިލިއެވެ. އެވަގުތު، ކަޝަފް ގައިގާ ޖެހިގެންފައި އޭނާގެ ކުރިޔަށް އެއެރި ޒުވާނަކީ ޒަރޫން ނޫން އެހެން މީހެއްނޫނެވެ. ޒަރޫން އެތަނަށް ހުއްޓުނުގޮތަށް ލިސްޓްގެ އެންމެ ކުރީގައި އޭނާގެ ނަން އޮތްތޯ، ކިއުގެ ކުރީގައިތިބި ކުދިންނަށް ގޮވަމުން އަހަން ފެށިއެވެ. ބައެއްކުދިން ޒަރޫނާ ދިމާއަށް އެތިވަރު ގޮވައެވެ. ޒަރޫން ބަލާގޮތުގައި ލިސްޓްގެ އެންމެ ކުރިޔަށް އަންނަންވާނީ އޭނާގެ ނަމެވެ. ޒަރޫންގެ ނަން އޮތީ ހަތަރުވަނަޔަށެވެ. އެއްވަނަޔަށް އެއޮތް ކުއްޖަކާމެދު އެތަނުގައިތިބި ކުދިން އެކިވާހަކަ ދެއްކިއެވެ. އެއީ އަންހެންކުއްޖެކެވެ. އެއްވަނައިގާ އެއޮތީ ޗުރައިލެކޭ، ނުވަތަޑަކައިތެކޭ ބުނެ ޒަރޫން މަލާމާތް ކޮށްލިއެވެ.
ހަތަރެއް ކީއްކުރަން ހެއްޔެވެ؟ ސާޅީސް ވަނަޔަށްވެސް އޭނާގެ ނަން އޮވެދާނެކަމަކަށް ކަޝަފް އުއްމީދެއް ނުކުރެއެވެ. ޒަރޫންގެ ނަން އެހާފަހަތުގައި އޮތަތީ އެކަމާ އެތާތިބި ކުދިން މަލާމާތްކޮށް ވާހަކަދައްކަމުން ގެންދިޔައެވެ. ސަތާރަވަނަޔާ ހިސާބަށް ލިސްޓް ދިޔައިރުވެސް އެއްކުއްޖެއްގެ ނަން ނުފެނިގެން އެކުއްޖާ އެކަމާ ޝަކުވާކުރަމުން ގެންދިޔައެވެ. ކަޝަފްހުރީ އެޑްމިޝަން ފޯމު ލެވުނީތީވެސް ކަންބޮޑުވެފައެވެ. އޭނާއަށް އެކަން ކުރަން މަޖުބޫރުވީ މަންމަ ދޫނުކޮށް އާދޭސްކުރިވަރުންނެވެ. ކަޝަފްގެ އުއްމީދު ފުރިހަމަނުވާނެކަން، އޭނާއަށް ކުރިންވެސް އެނގެއެވެ. އެތަންތަނަކީ ކަޝަފްމެންފަދަ ކުދިންނާ އެކަށީގެންވާ ތަންތަނެއްނޫނެވެ. ކިއު ފޫއަޅުވާލާފައި އެތާތިބި އަންހެންކުދިންގެ ބޮލުގައްޔާއި ކޮނޑުގައި ފިރުމަމުން، ޒަރޫންކުރިޔަށް ޖެހިލިއެވެ. ލިސްޓްގައި ހުރި ނަންތައް ކިޔަމުން އެންމެ ފުރަތަމަވެސް ކަޝަފް މުރުތަޟާ ގެ ނަމުން ފެށީތީ ކަޝަފަށް ޝޮކެއްލިބިގެންދިޔައެވެ. ލިސްޓްގެ ހަތަރުވަނަޔަށް ނަމަވެސް ޒަރޫންގެ ނަންއޮތީތީ އޭނާ ހަފޮޅުގެ އެތެރެޔަށް ވަދެފައި އޮތްކަން ޔަޤީންވުމުންވެސް އެވަރަކުން ޒަރޫނަކަށް ނުފުދުނެވެ. އެއީ ޅަ އަންހެންކުދިންގެ ހިތާކުޅެލެވޭފަދަ ދަރަޖައެއް ނޫނެވެ. އޭނާގެ ނަން އަބަދުވެސް އޮންނަންވާނީ އެކެއް ދެއެއްގައެވެ.
(ނުނިމޭ)
Vvvv.reethi