ފެނަކައިން ވެސް "ކްލީނިންގ ޑޭ" ފާހަގަކޮށް 156 ބްރާންޗުގައި ހަރަކާތް ހިންގައިފި

ފެނަކައިން ވެސް "ކްލީނިންގ ޑޭ" ފާހަގަކޮށް 156 ބްރާންޗުގައި ހަރަކާތް ހިންގައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއިވެންޓަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

އެގޮތުން އަތޮޅުތެރޭގައި ހުރި ޖުމްލަ 156 ފެނަކަ ބްރާންޗްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވެފައިވާ ކަމަށާއި މިޙަރަކާތް ހިންގާފައިވަނީ މިއަދު ހެނދުނު 07:00 ން މެންދުރުފަހު 16:00 އާ ދެމެދު ކަމަށް ވެސް ފެނައިން ބުނެއެވެ.

މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ކުންފުނިން ޚިދުމަތްދޭ ބްރާންޗްތަކުގެ މުވައްޒަފުން މަސައްކަތްކުރަމުންދާ މާޙައުލަކީ ސާފުޠާހިރު، އަދި އެތަންތަނުގައި ކޮންމެހެން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ހިފެހެއްޓިފައިވާ ތަންތަނުގެ ގޮތުގައި ކަށަވަރުކުރުމެވެ.

އެގޮތުން، ފެނަކައަކީ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިވެހިރާއްޖޭގެ ބޮޑު އާބާދީއަކަށް ފޯރުކޮށްދެމުންއަންނަ ކުންފުންޏެއްކަމުގައިވާތީ، މިކުންފުނީގެ ޚިދުމަތްދޭ ބްރާންޗްތަކަކީ އެރަށެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުންނާއި އަދި ހަމައެފަދައިން އެޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންދާ މިކުންފުނީގެ ހީވާގި މުވައްޒަފުންނަށް ރައްކާތެރި އަދި މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭ ފެންވަރުގެ ތަންތަންކަމުގައި ދެމެހެއްޓުމަކީ މިކުންފުނީގެ އަމާޒެކެވެ.

މިޙަރަކާތުގެ ތެރެއިން ހިންގާފައިވާ މައިގަނޑު ކަަންކަމުގެ ތެރޭގައި  އިލެކްޓްރިކަލް ސޭފްޓީ، ގުދަންކުރުން، ކެމިކަލް ސްޓޯރޭޖް އަދި ސޭފްޓީ، ކޮމްޕްރެސްޑް އެއަރ އަދި ކޮމްޕްރެސްޑް ގޭސަސް ހިމެނެއެވެ. އަދި ފަޔަރ ޕްރިވެންޝަން، ހަޒާރޑަސް ވޭސްޓް އާއި މެޓީރިއަލް ޑިސްޕޯސަލް އަދި ރިސައިކްލިންގ، މެނުއަލްސް، ޓްރެއިނިންގްސް، އެސްއޯޕީސް،ސޭފްޓީ ޑާޓާ ޝީޓްސް އަދި ޖެނެރަލް ވޯރކް އެންވަޔަރަމެނެޓް އަދި އިންޑޯރ އެއަރ ކޮލިޓީ ވެސް ހިމެނެއެވެ.

މީގެ އިތުރުން އިންޖީނުގޭގައި ކޭބަލްތައް ގެންގޮސްފައިވަނީ ރަނގަޅަށްތޯ ބަލައި، ކޭބަލްތަކުގެ އިންސިއުލޭޝަން ހަލާކުވެފައިނެތްކަން ޔަޤީންކުރުމާއި ތެޔޮ ރައްކާކޮށް ބެހެއްޓިފައިވަނީ އީ.ޕީ.އޭ ގެ ޤަވާޢިދާ އުސޫލުގެ ތެރެއިންތޯ ބެލުމާއި ކެމިކަލްތައް ރައްކާކުރެވިފައިހުރީ ރަނގަޅަށް ލޭބަލްކުރެވިފައިތޯ، އަދި މުއްދަތު ހަމަވެފައިހުރި ތަކެތި އުކާލެވިފައިވެތޯ ބެލުން ވެސް ހިމެނެއެވެ. އަދި ވިހަ އަދި ހުޅުހިފާ ޒާތުގެ އެއްޗެހި އަޅާ ކުނިވަށި ހުރީ ވަކިން ފާހަގަ ކުރެވި ހުއްދަދެވިފައިތޯ ބެލުމާއި ވިހަ އަދި ހުޅުހިފާ ޒާތުގެ ނައްތާލަންޖެހޭ ކެމިކަލްސް ހިފާގެންގުޅެނީ ރަނގަޅަށްތޯ ބެލުން އަދި ގޭސް ސިލިންޑަރުތައް ރައްކާކުރެވިފައިހުރީ ގަދަ ހޫނާއި، އަލިފާނާއި ދުރުގައިތޯ ބެލުން ވެސް ހިމެނެއެވެ.

ހަމަމިއާއެކު ގުދަންކުރެވިފައިވާ ތަކެތި ހުރީ މަސައްކަތްކުރާ މީހުންނާއި އެއްޗެހި ދައުރުކުރުމަށް ހުރަސް ނޭޅޭގޮތަށް އަދި ވަކިވަކިން ރައްކާކުރެވިފައިތޯ ބެލުމާއި ހުޅުރޯވާ އަދި ގޮވާތަކެތި ހުރީ "ހުޅުރޯވާ" ނިޝާން ޖަހާފައިތޯ އަދި އެތަކެތި ރައްކާކުރެވިފައިހުރީ ސޭފްޓީ ކޭންސް ގައިތޯ އާއި، ބެހެއްޓިފައިހުރީ ހަމައެކަނި އެވަގުތު މަސައްކަތްކުރަން ބޭނުންވާ މިންވަރަށްތޯ ބެލުމާއި އެޗް.އައި.ޑީ އަދި މާރކިއުރީ ވޭޕާރ ލޭމްޕްސް ފަދަ ހަޒާރޑަސް ވޭސްޓް ރަނގަޅަށް ރީސައިކަލް ކުރެވިފައިވޭތޯ ބެލުން ހިމެނެއެވެ. އަދި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއާއި ސޭފްޓީ ޑާޓާ ޝީޓް ވަގުތުން ލިބެންހުރިތޯ ބެލުން ހިމެނެއެވެ.

މި ހަރަކާތުގައި ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައިވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ސާފުކޮށް،  ފެނަކަ އޮފީސް ހިންގާ ސަރަހައްދުތަކުގެ އިތުރުން ރަށުގެ އެހެން ފާހަގަ ކުރެވިފައިވާ ސަރަހައްދު ތަކުގައި ވެސް މި އިވެންޓް ހަރަކާތުގެ ތެރެއިން ވަނީ ސާފުކޮށްފައެވެ.

ތިމާވެށި ހިމާޔަތްކުރުމަކީ ޤައުމެއް ނުވަތަ ރަށެއް ނުވަތަ ވަކި ޚާއްޞަ ތަނެއް ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ. ތިމާވެއްޓަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލަށްވެފައި ތިމާވެށި ހިމާޔަތް ކުރުމަކީ ރަށުގެ އެންމެންގެ ނުވަތަ އެތަނެއްގައި އުޅޭ އެންމެންގެ ޒިންމާއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.